ލައިބާދެއްކި ވާހަކައަކުން ޔަޒާންއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އޭނަ ވިސްނަމުންދިޔައީ ލައިބާ އެބުނި އަންހެން ކުއްޖާ އާއި ދޭތެރޭއެވެ. ކިހިނެތް ކޮން ސިފައެއްގައި ހުރި ކުއްޖެއްކަން ނޭގުނަސް ރީތި ކުއްޖެއްކަން އެނގޭތީ އާއިއެކު ބައްދަލުކޮއްލުމުގެ ޝައުގުވެރިކަން އިތުރުވަމުންދިޔައެވެ. އެހެނަސް އޭނަ އެއިން އެއްވެސް ކަމެއް ފާޅެއްނުކުރެއެވެ. ޙާއްޞަކޮށް ލައިބާ އާއި އަޒުރާއަށް އެފަދަ އަންހެން ކުއްޖަކު ނުދަންނަކަންވެސް އަންގަން ބޭނުންނުވަނީއެވެ.
މެންދުރު ފެންވަރައިގެން ނުކުތީއްސުރެ ލައިބާގެ ބަނޑުގެ ތަންކޮޅެއްގައި ރިހުން އެކުލެވިފައި ހުއްޓެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދެވުނީ އުނދަގޫވާވަރަށް ނުރިއްސާތީއެވެ. އަޒުރާ ގޭތެރޭގައި އުޅެމުންދިޔައިރު ދޭތެރެ ދޭތެރެއިން ލައިބާއަށް ކޮންމެވެސް އެއްޗެއް ބުނެލައެވެ. އޭނަ ނުކުމެގެން ދިޔައީ ހަވީރު ފިނިޖެހިލިފަހުންނެވެ. ނަމަވެސް ޔަޒާން އެއަށްވުރެ ކުރިން ގޭން ނުކުމެގެން ހިގައްޖެއެވެ. ލައިބާއަށް ޔަޒާންގެ އެހަރަކާތުން ހައިރާންކަން ވެރިވެގެން ދިޔައެވެ. އެހެނީ ލުބާ ބުނިގޮތަށް ބުނުމުންވެސް އޭނަ ސަމާލުކަން އެކަމަކަށް ހޯދުނުހެން ލައިބާއަށް ހީނުވެގެންނެވެ. ޔަޒާން ހިނގައިގަތީ ރަށުތެރެއާއި ވީކޮޅަށެވެ. ލައިބާ ގޭގެ ދޮރުމަތީ މަޑުކޮއްލައިގެން ހުރިއިރު އޭނަގެ ހިތް އެދެމުންދިޔައީ ބަނބުކެޔޮ ގަހުގައި އެލުވައިފައި އިން އުނދޯއްޔަށް އަރާ އެއްފަހަރުނަމަވެސް ހެއްލާލުމަށެވެ. އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމަކަށްވީތީއެވެ. އެންމެ ކުޑައިރުއްސުރެ އެއުނދޯއްޔަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ދުވަސްވީ ހަޔާތުގެ ބައިވެރިޔާވެސް މެއެވެ. ލައިބާ އޭނަ ހަނދާންހުންނަންފެށީއްސުރެ މިއަދާއި ހަމައަށް އާދެވުނު ގޮތާއިމެދު ވިސްނާލިއެވެ. މަރުވާން އެތަށް ފަހަރަކު ހިތަށް އެރިކަމުގައިވިޔަސް އެކަންވެސް އޭނައަކަށް ކުރާކަށް ނުކެރުނެވެ. ދެން ދިމާވީ ލުބާއެވެ. އަމިއްލަ ސޫރަ ކުރިމަތިން ފެންނަންފެށީއެވެ. ލައިބާގެ ހަޔާތަށް އޭނައައީ ކީއްވެކަމެއް އަދިވެސް ނޭގެއެވެ. އޭނަ އާއި ބެހޭ އެއްވެސް ކަމެއް ލައިބާއަށް އޮޅުމެއްނުފިލައެވެ. އެހެންނަމަވެސް އޭނަގެ ބަހަށް އިތުބާރު ކުރެވެނީ ކީއްވެކަމެއްވެސް ނޭގެއެވެ. ދެން އުމުރުގެ މިހިސާބަށް އާދެވުނުއިރު ލައިބާގެ ހިތުގައި ލޯބީގެ އޮއެވަރެއް އުފެއްދި ފަރާތެއްވެސް ވެއެވެ. އެކަމަކު އެފަރާތަކީ ވަގުތީ މެހެމާނެއްކަމުގައި ވެނިމުނީއެވެ. ލުބާ ބުންޏެއްކަމަކު ދެން ދުވަހަކުވެސް އަބިޔާލް ފެންނާނެ ކަމުގެ އުއްމީދެއް ލައިބާ ނުކުރެއެވެ. އެހެންނަމަވެސް...އެހިތުން އަބިޔާލްގެ ހަނދާންތަކެއް، އަދި އެސޫރައެއްވެސް ފިލައިގެން ނުދާނެއެވެ. ވިސްނަމުންދިޔަވަރަކަށް ލައިބާއަށް އަބިޔާލް އާއި ލުބާގެ އެއްގޮތް ކަމެއް ހުރިކަން ފާހަގަކުރެވިގެންދިޔައެވެ. އެކަމަކު އެހެންވެދާނެ ކަމަކަށް ލައިބާގެ ބުއްދިގަބޫލެއް ނުކުރެއެވެ.
ބޮޑުކަމެއް ވާން އުޅޭކަމުގެ އިންޒާރު ލައިބާގެ ހަވަނަ ޙިއްޞު ބުނަމުންދާކަހަލައެވެ. އެހެންނަމަވެސް އޭގެ ފުރިހަމަ މާނައެއް ލައިބާއަކަށް ނަގައިގަންނާކަށް ނޭގެއެވެ. އެހެންވެ ވަކި ކުރެވޭނެ އިތުރުކަމެއްވެސް ނެތުމާއިއެކު އޭނަ ދިޔައީ އެވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އަނެއްކޮޅުން އޭނަގެ މިހާރުގެ އެންމެ ބޮޑު އެދުމަކީ ބަނޑުގައިވާ ދަރިފުޅު އުފަންވާއިރު އޭނަގެ ގާތުގައި ލުބާ ހުރުމެވެ. އެދަރިފުޅުގެ މޫނު އޭނައަށް އެންމެ ފުރަތަމަ ފެންނަ ހިނދު ލުބާއަށްވެސް އެދަރިފުޅުގެ މޫނު ފެނުމެވެ. އެހެނީ މިދުނިޔައަށް އެކުއްޖާ އުފަންކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކޮއްދީފައިވަނީ ލުބާ ކަމުގައި ވީތީއެވެ. 
"އަޒޫ، ލައި ކޮންމެ ވަގުތަކުވެސް ވިހާފާނެ، އޭނައަށް ތަންކޮޅެއް ރަނގަޅަށް ބަލައްޗޭ، ބަނޑުގަ ރިއްސިއަސް ހުރެދާނެ ނުބުނަންވެސް، ގޭގަ ވިއްސަން އުޅޭއިރު، މިކަން ސީރިއަސްވެއްޖެޔާ ބޮޑުކަންތައްގަނޑަކަށް ވެގެން ހިނގައިދާނެ، އޭނަ މިހިސާބަށް އެއަންނަނީ އެއްވެސް ޑޮކްޓަރީ ފަރުވާއަކާއި ނުލާ، އެކަމަކު އޭނައެކޭ ދުޅަހެޔޮ ސިއްޙަތެއްގައި އިން މަޔެކޭ އެއްވަރު، އަހަރެން މިފަދަ ކަމެއް ދުވަހަކުވެސް ނުދެކެން، އެކުއްޖާގެ ބައްޕަ އާއި ލައިބާ އާއި އަދިވެސް ބައްދަލު ކުރޭހެން އަހަންނަށް ހީވަނީ، އޭނަ ލައިބާ އާއި ކޮންމެވެސް ވަގުތަކު ބައްދަލު ކުރަން އާދޭ، އަޅެ އަޒޫ ބަލަންވެއްޖެ އެއްނު މިހާރު" ނަދީމާ ކަންބޮޑުވުމާއިއެކު ބުނެލިއެވެ.
"ނަދީ، ވަގުން ވައްކަން ކުރާއިރު އަހަރުމެންނަށް އެނގޭތަ އެމީހުން ވައްކަން ކުރާނީ ކޮންއިރަކުކަން ނޫނީ ވަގަށް ގެންދާނީ ކޮންއެއްޗެއް ކަމެއް، ދެން އެކަމާ ވިސްނާފަ އަހަރެންވީ ދޮރުފާރަވެރިއަކަށް ވާންތަ، އަހަންނަށްވެސް އެނގޭ ލައިބާ އޭނަގެ ބަނޑުގައި އެއޮތް ކުއްޖާގެ ބައްޕަ އާއިއެކު އޮންނަ ގުޅުން އަދިވެސް ކުރިއަށްކަން ދަނީ، އެކަމަކު އެހެންނޭ ކިޔާފަ އަހަންނަށްވެސް އަބަދަކު އޭނަގެ ފޫބުޑުން ނުދުވެވޭނެދޯ، އަހަރެންވެސް ކުރާނެ ކަންތައް ހުރޭ" އަޒުރާ ނަދީމާމެންގޭ ޖޯލިފަތީގައި އޮވެބުނެލިއެވެ.
"ދެން މައްސަލައެއްނެތޭ، އަޒޫ ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ލައިބާ ބަނޑުގަ ރިއްސަފާނެ އިރަކަށް، އަހަންނަށް ވަގުތުން ގުޅާތި، ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް ވަގުތުން އަންނާނަން، ތިއެއްނޫނޭ، އެނގޭތަ އެއްކަލަ އަލިފުތާބެގެ ދަރިއެއް އޮޑިންވެއްޓިގެން އުޅޭކަން، މީހުން ކިޔަނީ އާދައިގެ ކަމެއްނޫނޯ އެއީ..." ނަދީމާ އޭނައަށް ލިބިފައިވާ ހަބަރުތައް އަޒުރާ އާއި ހިއްސާކުރަންފެށިއެވެ.
އިރުއޮއްސެމުންދިޔަ ވަގުތެވެ. ޔަޒާން ދެހިޔާލެއްގައި ހުރެވެސް ހިނގަމުންދިޔައީ ބޮޑުމަގުން އަތިރިއާއި ދިމާލަށެވެ. ދުރުއްސުރެ އޭނަގެ ނަޒަރު އަމާޒުވެފައިވަނީ އޭނަ އާއި އޭނަގެ ކުރީގެ ރަޙުމަތްތެރިންނާއިއެކު ހަވީރުގަޑީގައި ގޮސްތިބޭ ޖޯލިފައްޗާއި ދިމާލަށެވެ. އޭރުވެސް އަތިރިމަތިން އަރައިގެން އަންނަ ދެޖިންސުގެ ޒުވާނުން ފެންނަމުންދިޔައެވެ. އެތަނުން އެކަކުވެސް ޖޯލިފަތީގައި އިށިންނާކަށް ނޫޅެއެވެ. ކުއްލިއަކަށް ލައިބާ އޭނައަށް އޮޅުވާލީބާއޭ ހިތަށްއެރިއެވެ. ވަގުތުން ރުޅިވެރިކަން ވެރިވާންފެށިއެވެ. ސިކުނޑީގައި ލައިބާއަށް ހަދާނެގޮތަކާއިމެދު އެކިއެކި ހިޔާލުތައް ކުރެވެމުންދިޔައެވެ. ޔަޒާން ހިނގަމުންގޮސް ޖޯލިފަތި ފަސްދީ އަތިރިމަތީ މޫދު ފެންނަ ހިސާބަށް ނުކުތެވެ. ފިލަމުންދިޔަ ރަތްވިލާތަކާއިއެކު ދުނިޔެމައްޗަށް އަދިރިކަންވެރިވަމުންދިޔައެވެ. ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހާލަމުން ވަށައިގެން ހޯދާލިއެވެ. އަތިރިމަތީގައި ތިބިބައެއްވެއްޖެޔާ މިސްރާބުޖަހަމުންދިޔައީ ދުނިޔެމައްޗަށް އަދިރިކަން ވެރިވެގަތުމުގެ ކުރިން ގޭދޮށަށް ދެވޭތޯއެވެ. ޔަޒާން އަތިރިމަތިން އަރައިގެން އެއްގަމަށް ދިޔަ ކޮންމެ އަންހެން ކުއްޖަކަށް ބަލަމުންދިޔައެވެ.
ކުއްލިއަކަށް ކަނދުރާއަށް ހީވީ މީހަކު ފުމެލިހެންނެވެ. ޔަޒާންގެ މުޅިހަށިގަނޑަށް ފިނިވެގެންދިޔައެވެ. ފަހަތަށް އެނބުރިބަލާލެވުނެވެ. އެކަކުވެސް ފެންނާކަށްނެތެވެ. އޭނަ އަވަސްވެގަތީ ގެއާއި ދިމާލަށް ދިއުމަށެވެ. ހިތާސިކުނޑިއަށް ނޭގޭ ބިރުވެރިކަމެއް ވަންނަމުންދިޔަ ވަރަކަށް ލައިބާދެކެ އަންނަމުންދިޔަ ރުޅި ދިޔައީ ގަދަވަމުންނެވެ. ދުރުދުރުގައި އަވަސް ފިޔަވަޅުތަކެއް އަޅަމުން ޔަޒާން ދިޔައިރު ލައިބާ ބުނި އަންހެން ކުއްޖާ ބައްދަލު ކުރަން ބުނި ޖޯލިފައްޗާއި ދިމާލަށް އަދިވެސް އެއްފަހަރު ބަލާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. ނަމަވެސް ޖޯލިފަތި ފަސްދީ ޔަޒާންއަށް ދެތިންފިޔަޅު އެޅުނުތަނާހެން އަންހެން ކުއްޖެއްގެ ހީލުމުގެ އަޑުއިވިގެންދިޔައެވެ. އެއަޑާއިއެކު ޔަޒާންގެ ދެފައިގައި ހީވީ މީހަކު ހިފެހެއްޓިހެންނެވެ. މުޅި މީހާއަށް ހުއްޓުންއެރިއެއްކަމަކު ފަހަތަށް އެނބުރި ބަލާލާކަށް ޔަޒާން ގަސްދެއްނުކުރިއެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް އެއަޑު ޔަޒާންގެ ކަންފަތުގައި ޖެހުނެވެ.
"ދަނީތަ" ޔަޒާން އެނބުރި ބަލާލުމާއިއެކު ދުރުގައި ހުރި އަންހެން ކުއްޖާބުނެލިއެވެ. ޔަޒާން މަޑުމަޑުން އެއަންހެންކުއްޖާ އާއި ގާތަށް ހިނގަންފެށިއެވެ. އަތިރިމައްޗާ ދިމާލުގައި ހުއްޓިލައިގެން ހުރި ޔަޒާންއަށް އޭނަ ސިފަކުރަން އުނދަގޫވިއެވެ. އެކަމަކު އިސްކޮޅުން ދިގުވެފައި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާކަން ޔަޒާންއަށް ފެނުނެވެ. އޭނަގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމާއި ލައިބާ އާއިމެދު އޮތް ރުޅިވެރިކަންވެސް އޭނަ ހަނދާން ނެތުނުފަދައެވެ.
"ގަޑިކިޔާފަ، ނައީމަ ދެން ދާނީނު" ޔަޒާން އެއަންހެން ކުއްޖާގެ ގޮތް އޮޅުފިލުވުމަށް ޝައުގުވެރިވިއެވެ.
"މިއައީނު، ކުޑަކޮށް ލަސްވީ ދޯ، ހިނގާބަލަ މިދިމާ އަތިރިމަތީ ހިނގާލަން، ހިނގަމުންވެސް ވާހަކަދެއްކިދާނެ އެއްނު" އެއަންހެންކުއްޖާ އަރިއަކަށް އެނބުރިލަމުން ބުނެލިއެވެ. ހީވީ ޔަޒާންއަށް ތަންދެއްކީހެންނެވެ.
"އަހަރެންމީ ކާކުކަން އެނގޭތަ، އަހަންނާއިއެކު މިފަދަގަޑިއެއްގައި ދަނިކޮށް މީހަކަށް ފެނިދާނެތީ ބިރެއްނުގަނޭތަ، ކީއްވެ އަހަންނާ ބައްދަލުކުރަން ބޭނުންވަނީ، ކިހިނެތް އެނގުނީ އަހަރެން އުޅޭ ގެއަށް އަންނަން.....އަދި ނަމެއްވެސް ނުބުނަމެއްނު، އަހަންނަށް އެނގޭ އަހަރެންގެ ނަން އެނގޭކަން....އެކަމަކު..." ޔަޒާން އެއްފަހަރާ އެތަށް ސުވާލެއް ކުރަންފެށިއެވެ.
"އަހަންނާ ޔަޒާން އާއި ދިމާވެފަ ހުންނާނީ، ވަރަށް ކުރީއްސުރެ އަހަރެން ޔަޒާން ދެކެން، އަޅެ ހަނދާންކޮއްބަލަ، ޔަޒާންއަށް އެނގޭނެ އަހަންނަށް ކިޔާނަންވެސް" ޔަޒާން އައިސް އެއަންހެން ކުއްޖާގެ ދާދިގާތުގައި ހުއްޓިލުމުން ބުނެލިއެވެ.
ބޮލުންފެށިގެން ފަޔާއިހަމަޔަށް ޔަޒާން އެއަންހެން ކުއްޖާއަށް ނަޒަރު ހިންގާލިއެވެ. ލައިބާގެ ހަބަރުގައި އެއްވެސް އޮޅުމެއްނެތްކަން އޭނައަށް ޔަގީންވި ހިނދު އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެއަންހެން ކުއްޖާގެ ރީތިކަން ޔަޒާންގެ ހަށިގަނޑުގެ ވިންދުއަވަސް ކުރުވިއެވެ.
"ޖީޒާތަ" ޔަޒާން އަންހެންކުއްޖާގެ އުނަގަނޑުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ.
"ހޫމް...ހަނދާންވެއްޖެދޯ" އެއަންހެން ކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ.
ޔަޒާން ނަންހާމަކުރީ އޭނައަށް އެނގިގެނެއްނޫނެވެ. އެހެންނަމަވެސް އެއަންހެން ކުއްޖާގެ ނަމަކީ ޖީޒާކަން އެނގުނީތީ އޭނަގެ ސީދާކަމާއިމެދު ފޮނިވެލިއެވެ. ޔަޒާން އާއި ޖީޒާ ގާތްކަމާއިއެކު އަތިރިމަތީ ހިނގަމުންދިޔައީ އެކިވާހަކަތައް ދައްކަމުންނެވެ. ގިނަފަހަރަށް ވާހަކަދައްކަނީ ޔަޒާންއެވެ. ޖީޒާ އެއްޗެއް ބުނަނީ ޖަވާބުދިނުމުގެ ގޮތުންނެވެ. މަޑުމަޑުން ނަމަވެސް ޖީޒާ ޔަޒާން އާއި ވަރަށް ގަޔާވާކަން އެނގެމުންދިޔައެވެ. ޔަޒާން ހުރީ އެރީތިކަމުގެ ހިތްގައިމު ރަހަ ކަރުބުޑުގައި ލާނެއިރަކަށް ކެތްމަދުވެފައެވެ. ޖީޒާގެ ހަރަކާތްތައް ހުރިގޮތުން ޔަޒާންއަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. ޖީޒާ ޔަޒާންގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެއަށް ވަންނަން އުޅެންފެށުމުން އެކަން ޔަޒާންއަށް ކުއްލިއަކަށް މަނާކުރެވުނީ ކީއްވެކަމެއްނޭގެއެވެ. އެއާއިއެކު ދެންފެނުނީ ޖީޒާގެ ހާމަވަމުންދިޔަ ހަށިގަނޑެވެ. އެކަމަށް އޭނައަކަށް ނޫނެކޭ ނުބުނެވުނެވެ. ޖީޒާގެ ޖާދޫގައި ޖެހިފައިވާ މީހެއްފަދައިން ގަސްތަކުގެ ތެރެއަށްވަދެގެން ދިޔައެވެ. އިރުކޮޅަކުން ޖީޒާ ޔަޒާންގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ދެވޭ ނުދެވޭ ދިމާލެއްނޭގި ޔަޒާންވެސް ދުވަމުންދިޔައެވެ.
އަނދިރިއަށް ލޯހޭނުމަށް ކުޑަހިނދުކޮޅެއްނެގިއެވެ. ޖީޒާ ހުއްޓުމާއިއެކު ޔަޒާންވެސް ހުއްޓި ވަށައިގެން ބަލާލިއެވެ. އޭނަގެ އުމުރުގަ ދުވަހަކުވެސް ރަށުގެ އެހިސާބަކަށް އޭނައެއް ނާދެއެވެ. ކުރިމަތީގައި އޮޅަކާއި އެއްފަރާތެއްގައި ދެއޮޅުފެންނަން ހުއްޓެވެ. މުޅި ފަޒާގައިވަނީ ތެތްފިނިކަމެވެ. ފަތްތަކާއި ފެނާއި އޮޅުގެވަސް މުޅި ހިސާބަށްވަނީ ފެތުރިފައެވެ. ޔަޒާން ޖީޒާ އާއި ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނައަށް އެއްވެސް އެއްޗެއް ބުނާކަށް ވަގުތެއްނުވިއެވެ. އޭނަގެ މޫނުގައި ޖީޒާގެ ހޫނުކަމާއިއެކުއައި އަތްތިލައިން ބޮނޑިއެއް އެޅިކަން ޔަޒާންއަށް އިޙްސާސްވިއެވެ. ތަދުވިވަރުން ޔަޒާންއަށް ހަޅޭލަވައިގަނެވުނެވެ.
"ކޮން ހަޅޭކެއް ލަވާކަށް، ކަލޭގެ ބާރު މަށަށްވެސް ދައްކާލަންވީނު، އަންހެނެއް ފެންނައިރަށް ތިވަރުވެފަ ހުންނަ ފިރިހެނަކަށް ކޮންބާރެއް ދެއްކޭނީ، ހިތުން އަހަރެން ވާވައްދަމުން ދިޔައީ، އެކަމަކު ވާވަނީ ކާކު، އަދި ބުނެފިޔޭ ޖީޒާއޭ، ބަލަ އަހަންނަށް ކިޔަނީ ޖީޒާއެއް ނޫނޭ، އަހަރެންގެ ސޫރަ ކަލޭ މިނޫނީ އަދި ދުވަހަކުވެސް ނުދެކޭނެ، ނިކަން ބާރު ހުރިއްޔާ އަހަންނަށް އަނިޔާކޮއްބަލަ، އަހަރެންގެ ކިބައިން ގަދަކަމުން.... ނުކެރޭނެ، ތީބޮޑު ފިނޑިއެއް" ޖީޒާ ރުޅިވެރިކަމާއިއެކު ވާހަކަދެއްކިއެވެ. އޭނަގެ އަޑު ކުރަކިވެގެންދިޔަކަން ޔަޒާންއަށް ފާހަގަކުރެވުނެވެ. ކުރީގައި ހުރި އޮމާންކަމާއި ހިތްގައިމުކަން މުޅިންހެން ގެއްލިއްޖެއެވެ. ޔަޒާން އަޑުގަދަ ކުރަންފެށިއެވެ. ތީކާކުތޯ ބުނެ ޖީޒާ އާއި ސުވާލުކުރަންފެށިއެވެ. އެވަގުތު ޖީޒާ ޔަޒާންގެ މުޅި ހަޔާތް ކިޔާދޭން ފެށިއެވެ. އެހުރިހާ ކަމެއް ޖީޒާއަށް އެނގެންވީ ކިހިނެތްތޯ އޭނަ ސުވާލު ކުރަމުންދިޔައެވެ. އެކަމަކު ޖީޒާ އޭނަގެ އަޑުއެހުމެއްނެތި ވާހަކަދައްކަމުންދިޔައެވެ. ލައިބާއަށް ދެމުންދިޔަ ކޮންމެ އަނިޔާއެއް ކިޔާދެމުން ޖީޒާ ޔަޒާންގެ ގައިގާ އަތުންޖަހައެވެ. އެއާއިއެކު ބާރުހަޅޭކާއިއެކު ޔަޒާން ރޮއެގަނެވެ. އެހެނީ ޖީޒާގެ އަތްތިލަ ހުރީ އިންސާނެއްގެ އަތްތިލަ ހުންނަފަދަ ގޮތަކަށް ނޫނެވެ. ދުވަހަކުވެސް އެފަދަ އަތްތިލައެއް ޔަޒާންއެއް ނުދެކެވެ. ފަސްއިނގިލި ހުއްޓެއްކަމަކު އިންސާނެއްގެ އިނގިލިތަކަށްވުރެ އަތްތިލަ ބޮޑުވެފައި އިނގިލިތަށް ދިގެވެ. ނިޔަފަތި ދިގުވެފައި ކޮޅަށް ހިމައެވެ. ޖީޒާ ޔަޒާންގެ ގައިގާ ޖަހާ ކޮންމެ ފަހަރަކު އެހަށިގަނޑުން ލޭކޮށައިގެން ދެއެވެ. ލައިގެން ހުރި ޓީޝާޓު އިރަ އިރައިގެން ދެއެވެ. ނަގާދިލަ އާއި ވާތަދަށްވުރެ ހިތަށްވެރިވެފައިވާ ބިރުވެރިކަން މާބޮޑެވެ. ޔަޒާންއަށް ރޮމުން ޖީޒާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަންފެށުނެވެ. އެހެންނުހަދާ އޭނަ ދޫކޮއްލުމަށެވެ. އަދި އޭނަ ލައިބާއަށް ދެން ދުވަހަކުވެސް އަނިޔާ ނުކުރާނަން ކަމުގައި ބުނަމުންދިޔައެވެ. ހަމަ އެންމެ ފުރުޞަތެއް ދިނުމަށް އެދި އާދޭސްކުރަމުން ޔަޒާން ދިޔައިރު އޭނަގެ ބަލިކަށިކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ.
"ކަލޭ ލައިބާގެ މައްޗަށް ގަދަވެގަންނައިރު އޭނަވެސް ކިހާ އާދޭހެއް ކުރޭ، އޭނައަށް ކަލޭ ހަމަ އެންމެ ފުރުޞަތެއް ދިންނަމަ، އަޒުރާވެސް، ކަލޭވެސް، އެމަނިކުވެސް، ކޮންމެމީހަކުވެސް އުޅެނީ އަމިއްލަ އެދުމާއިގެން، ކޮންމެހެން ލައިބާއަށް ހެވެއް އެދިގެން އުޅޭބައެއް ނޫންތީ، ކަލެއަށް އެނގޭތަ އޭނަގެ ހަށިގަނޑުގައި ކިހާ ވޭނެއް އެޅިކަން، އޭނައަށް އެއްވެސް ކަމެއްނޭގޭ މައުސޫމު ކުޑަކުއްޖެއްގެ ގޮތުގައިވަނިކޮށް އެމައުސޫމުކަން ކަލޭގެ ތިރަހުމުކުޑަ ދެއަތުން ނިއުޅައިގަތީ، އޭނަ ފިރިހެނުންދެކެ ބިރުގަނެޔޭ، އެވެސް ކަލެއާއިހެދި، އޭނަގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލީ ކަލޭ، އެކަމަކު އަދިވެސް ތިބުނަނީ މާފުކޮއްދޭށޭ، ބަލަ ކަލެއަށް އެހުރިހާ ކަމެއް އަނބުރާ ގެނެސްދެވޭނެތަ، ލައިބާގެ މައުސޫމުކަމާއި، އެހިނިތުންވުމާއި، އޭނަގެ ހިތްހަމަޖެހުން އަނބުރާ ހޯދިދާނެތަ...ނުވާނެ، އަހަރެން ކަލެއަށް ފުރުޞަތު ދިނިން، އެކަމަކު މިއަދުމީ ލައިބާގެ ދިރިއުޅުމުން މަނިކު ބޭރުކުރިފަދައިން ކަލޭވެސް ބޭރުކުރަންވި ވަގުތު، ކަލޭ ނޫނަސް ބާރުގަދަ މީހުން އުޅޭ" ޖީޒާ އެއްވެސް ރަހުމެއްނެތްގޮތަކަށް ޔަޒާންގެ ގައިގާ ތަޅަމުންދިޔައެވެ. އެގޮތުން އެއްއަތުގައި ހިފާ ޔަޒާން އެއްލާލި އެއްލާލީނު ގޮސް ރުކެއްގައި ޖެހި ޔަޒާންގެ ހަށިގަނޑުން އިތުރުއަޑެއް އިވިގެންދިޔައެވެ. އެހެން ފަހަރު ތަކަށްވުރެ ޔަޒާންގެ ހަޅޭކުގެ އަޑުވެސް ގަދަވިއެވެ. އަދި ކުޑަހިނދުކޮޅަކަށް އޭނަގެ ހަބަރު ހުސްވިއެވެ.
ހަމަހޭވެރިކަން ލިބުނުއިރު އޭނައޮތީ އޮޅެއްގެ ކައިރީގައެވެ. ހަށިގަނޑުގެ އުނަގަނޑުން ތިރި އެއްގޮތަކަށްވެސް އޭނައަކަށް އިޙްސާސްއެއް ނުވެއެވެ. ކައިރީގައި ހުރި ޖީޒާއަށް ބަލާލުމުން އޭނަގެ ފަހުވަގުތު ޖެހިއްޖެކަން އެނގި ބާރަށް ރޮއެގަނެވުނެވެ. ސަލާމަތަށް އެދި ގޮވުމަކީ ބޭކާރު ކަމެއްކަން ޔަޒާންއަށް ޔަގީންވިއެއްކަމަކު އޭނަ އެހީއަކަށް އެދިގޮވިއެވެ. ޖީޒާ ފައިން ޔަޒާންގެ ފައިކޮޅުގައި ޖަހާ އޮޅުގެ ތެރެއަށްވައްޓާލިއެވެ. ޔަޒާން ތެޅިގަނެފައި އޮޅުން އަރަން މަސައްކަތްކުރިއެވެ. ހަށިގަނޑުގައި ބާކީ ހުރި ހުރިހާ ހަކަތައެއް ދެއަތަށް ލުމަށްފަހު އޮޅުގެ ތެރެއިން އަރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޮޅުގެ ކައިރީގައި ހެދިފައިހުރި ޗަކަހުގެ ސަބަބުން އެކަން ފަސޭހަކަމަކަށްނުވިއެވެ. ޖީޒާ ދުރުގައި ބަލަން ހުރިއިރު އޭނަގެ ރުޅިވެރިކަން މޫނުމަތިން ފާޅުވަމުންދިޔައެވެ. ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ޔަޒާންގެ ހަށިގަނޑު ދިޔައީ އޮޅުގެ ކިސަޑުގަނޑުތެރެއަށް ގެބެމުންނެވެ.
"ކިހިނެތްވެފަ އެނދުގަ ތިއޮތީ" ލައިބާގެ ކޮޓަރި ދޮރުހުޅުވާލި އަޒުރާ ބުނެލިއެވެ. ލައިބާ އެނދުން ތެދުވަމުން ކަމެއްނުވާކަމުގައި ބުންޏެވެ. އަޒުރާ ޔަޒާން އާއި ބެހޭގޮތުން ސުވާލުކުރީ ދެނެވެ. ހުދު ލައިބާއަށްވެސް ޔަޒާން ނުކުމެގެން ދިޔަތަނެއް ނޭގެއެވެ.

ކޮމެންޓް 0