ދުވަމުން އައިސް ހައަހަރުގެ ލައިބާ ގެއަށްވަނީ އޭނަގެ ދޮންބެ ޔަޒާންއަށްވުރެ ކުރިން ގެއަށްވަނުމަށެވެ. ލައިބާއަށްވުރެ ޔަޒާން ދޮށީ އެންމެ ހަތަރުއަހަރެވެ. އެހެންނަމަވެސް ލައިބާ ސުކޫލުދޮށަށް ބަލާދިއުމަކީ ޔަޒާން އާދަވެގެން ކުރާކަމެކެވެ. މިއަދުވެސް ޔަޒާން އެއައީ ލައިބާ ގޮވައިގެންނެވެ.

ހަވީރު ދަޅަޔަށް ރީތިވެގެން ބޭރަށްދިއުމަށް އާދަވެފައިވާ އަޒުރާ އޭނަގެ ކޮޓަރީގައި ފުނާއަޅަން ހުއްޓެވެ. އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައި ލައިބާގެ މޫނުމަތީގައިވަނީ މައުސޫމުކަމުން ފުރިގެންވި ހިނިތުންވުމެކެވެ.
"މަންމާ.......ކޮއްކޮގެ ހެޕީ ބާތުޑޭއަކީ ކޮބާތަ؟" އަޒުރާގެ އުނަގަނޑާ ހަމަޔަށް ބޯނާރާ ކުޑަކުޑަ ލައިބާގެ ސުވާލުން ހިނިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް އެސުވާލަށް ވަކިއެއްޗެއް ބުނާކަށް އަޒުރާގެ ހިތަކަށް ނޭރިއެވެ.
"މަންމާ......ކޮއްކޮވެސް ބޭނުން ހެޕީ ބާތުޑޭއެއް، އާންޓީ ބުނީ މިއަދު ކޮއްކޮ ކުލާހުގަ އުޅޭ ޔަޝްކޮގެ ހެޕީ ބާތު ޑޭއޯ، ކީއްވެތަ ކޮއްކޮގެ ހެޕީ ބާތުޑޭ ނާންނަނީ...........މަންމާ، މަންމާ.....ބުނެބަލަ" ލައިބާ އަނެއްކާވެސް އޮޅުންފިލުވަން ބޭނުންވިއެވެ.

"ދެން މިޖެހުނީ ވަރުގަދަ ކަމަކާ، ހޫ، އަޑުއަހާ.....ލައިބާގެ ހެޕީ ބާތުޑޭއެއް ނާންނާނެ، ލައިބާގެ ބައްޕައެއްވެސް ނުހުރެއެއްނު، ޔަޝްކޮގެ ބައްޕަވެސް އެބަހުރި.........އެހެންނޫނަސް ކިރިއާ ސުކޫލަށް ބޭނުންވާ އެއްޗެހި މިހޯދެނީ، ކޮބާތަ ދޮންބެ.........ދެން ދޭ، ދޮންބެ ކައިރީ ބުނޭ ޔުނީފޯރމް ބާލުވަ ދޭށޭ، އަދި ބުނާތި ކޮނޑުގަ އަޅުވައްޗޭވެސް، ހުންނާނެ ސައިހަދާފަ" އަޒުރާ ލައިބާގެ ކޮނޑުގައި ހިފާ ދޮރާދިމާލަށް އަނބުރާލުމަށްފަހު ފޫކޮޅުގައި އަތުން ޖަހާލަމުން ކޮޓަރިން ބޭރަށް ފޮނުވާލިއެވެ.

ސައިތަށީގައި ފާރޮށިކިބައެއް ޖައްސައިގެން ލައިބާއިންއިރު އޭނަގެ ސުވާލުތަށް އަމާޒުކުރަމުން ދިޔައީ ޔަޒާން އަށެވެ. އޭނަގެ ހިތުގައި މިފަހަކަށް އައިސް އުފެދޭ އެންމެ ބޮޑު ސުވާލެވެ. އެއީ ލައިބާ ވަރުގެ އެހެން ކުދިން އުފަން ދުވަސް ފާހަގަކުރަމުން ދާއިރު އޭނަގެ އުފަންދުވަސް އެކަކުވެސް ފާހަގަ ނުކުރަނީ ކީއްވެބާއެވެ. ލައިބާގެ އުމުރުންވީ ކިހާވަރެއްކަމެއްވެސް އޭނައަށް ސިދާ ޔަގީންކޮށް ބުނާކަށް ނޭގެއެވެ. އެހެންނަމަވެސް ސުކޫލުގައި އޭނާ އާއި އެއްކުލާހުގައި އުޅޭކުދިންގެ އުމުރަކީ ހައަހަރުކަމުން އެއީ އޭނަގެވެސް އުމުރުވާނޭ ވަރުކަން އޭނަ ގަބޫލުކުރެއެވެ.
"ދޮންބެގެ ހެޕީ ބާތުޑޭ އަންނައިރު ކީއްވެ ކޮއްކޮގެ ހެޕީ ބާތުޑޭ ނާންނަނީ؟" ލައިބާ ކުރިމަތީގައި އިން ޔަޒާންއަށް ބުނެލިއެވެ.

"ދެން ތިވާހަކަ ނުދައްކާ، މީގެ ފަހުން ދޮންބެ ލައިއަށް ހެޕީ ބާތުޑޭ ކިޔާނަން، ހަދިޔާއެއްވެސް ދޭނަން.....އެކަމަކު މަންމަ ކައިރީ ނުބުނައްޗޭ، މަންމައަށް އިނގިއްޖެއްޔާ ވަރަށް ރުޅިއަތުވެދާނެ" ޔަޒާން މޭޒާގާތްވެލަމުން މަޑުމަޑުން ބުނެލިއެވެ.
ލައިބާވީ އުފަލު
ން އަތްތިލަބަނޑި ޖަހާލިވަގުތު ކުރިމަތީ ބޯން އިން ސައިތަށި ނުވެއްޓުނީ ކިރިއާއެވެ. އަދި އަވަސް އަވަހަށް ސައިބޮއެ ނިންމާލާފައި ތަށިގެންގޮސް ސިންކަށްލިޔެވެ. ދެކުދިންވެގެން ކާމޭޒު މައްޗަށް އެޅިފައި ހުރި ފާރޮށި ކުނޑިތައް ސާފުކޮއްލިއެވެ.

ފެންޑާއަށް ނުކުމެވުނުއިރު އަޒުރާވީތަނެއް އެދެކުދިންނަކަށް ނޭގުނެވެ. އެހެންނަމަވެސް އެކަމާ ކަންބޮޑެއްނުވެއެވެ. އަޒުރާގެ އުޅުން އެދެކުދިންނަށް ރަގަނޅަށް އިނގޭތީއެވެ. 

ލައިބާ އާދައިގެ މަތިން ނުކުތީ ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުގައި އެލުވައިފައިވާ އުނދޯޔަށް އެރުމަށެވެ. އެއީ އެންމެ މީހަކަށް އިނށީދެވޭގޮތަށް، ޖޯލީފަތީގައި ވާފުރާފައި ހުންނަގޮތަށް ހުރި އުނދޯޔެކެވެ. ކޮންމެ ދުވަހަކު ހަވީރު އެއުނދޯލި ހެއްލާ ނުލާ ލައިބާގެ ހިތްހަމައެއްނުޖެހެއެވެ. ޔަޒާން ނުކުމެގެން ގޮސް ޖެހިގެން ހުރި ރަޒިއްޔާމެން ގެއަށްވަނެއެވެ. އޭނަ އެދިޔައީ އެގޭގެ އެންމެ ހަގު ދެފިރިހެން ކުދިންކަމަށްވާ ފައިޒަން އާއި ނަޒްމީއާއިއެކު ޓީވީ ގޭމް ކުޅެންށެވެ. ފައިޒަން އަކީ ޔަޒާން އާއި ނަޒްމީއަށްވުރެ އެއްއަހަރުބޮޑު ކުއްޖެއްކަމަށްވިޔަސް އެކުދިންގެ ތެރޭ ހިޔާލުތަފާތުވެ ދެބަސްވުމެއް ނޯވެއެވެ.

އުނދޯލިހެއްލުމަށް މަސައްކަތް ކުރަމުން ދިޔަ ލައިބާއަށް އެކަން އެހާފަސޭހަކަމަށްނުވިއެވެ. މައްސަލައަކީ ހަމައެންމެ މައްސަލައެކެވެ. އުނދޯޔައްއަރާ ހަމަޖެހިލައިފިނަމަ ބިމުގައި ފައިނުޖެހުމެވެ. އެހެންނަމަވެސް އާދައިގެންމަތިން މިއަދުވެސް އެޖެހިލި ފިނިފިނި ވައިރޯޅިއާއިއެކު އުނދޯލިހީވީ މީހަކު މަޑުމަޑުން ކޮއްޕާލަދިންހެންނެވެ. ހިނިއައިސްފައި ލައިބާ އަވަހަށް އުނދޯލީގައި ހަމަޖެހިލިއެވެ. އެއާއެކު އުނދޯލި ހުއްޓުމެއްނެތި އެއްވަރަކަށް ހެލިލަ ހެލިލާ ހުރުމުން ލައިބާއިނީ ވަރަށް މަޖާވެފައެވެ.

އިރުއޮއްސެނިކޮއް ފަރިހިނގުމުގައި އަންނަ އަޒުރާ ވަކިކުރަން ކިތަންމެ ދުރުންވެސް އިނގެއެވެ. އެހެނީ އޭނަގެ ރީތިކަމާއި އެއްވަރަށް އަދިވެސް ބަދަލެއް ނާންނަ ތުނިތުނި ހަށިގަނޑެވެ. ބައްޓަންތަކުގެ ނަލަކަމެވެ. ދެލޯފަދައިން ބަލައިގެން ގެންގުޅޭ ދިގު ފަށުވި އިސްތަށިގަނޑެވެ. 
"އޭ އޭ ހާދަހާ ނަލަވެލައިގެން ކޮންތާކުން ތިއަންނަނީ؟" އަޒުރާގެ ގެއާއި އިންވެގެން ކަނާތްފަރާތަށް ހުރިގޭގައި އުޅޭ ހައްވަދައިތަ ޖޯލިފަތީގައި އޮވެފައި ގޮވާލިއެވެ.

"މިއަންނަނީ އެކޮޅުއަވަށަށް ގޮސްލާފަ" އަޒުރާ ޖޯލީގައި އޮތް ހައްވަދައިތައާއި ކައިރިވެލަމުން ބުނެލިއެވެ.
"ރޭގަ އެއޮއްވިއްސާރައިގަވެސް ތިގޭތެރޭ ހާދަހާ އަޑެއް ހުއްޓޭ........" ހައްވަދައިތަ ފާޑަކަށް ބުނެލިއެވެ.
"އެއީ މިއުޅޭ ޝިޔާޒްމެން ގުރޫޕު އައިސް ތާސްގަނޑެއް ޖަހަން ތިބެ އަރައިގަތީ، އެހެންވެ އަޑުގަދަވީ، އަނެއްކާ ވާރޭ ވެހޭވަރުން އެންމެންނަށް ގެއަށް ދެވުނީވެސް ފަތިސްވީފަހުން....." އަޒުރާ ހައްވަދައިތައާއި ޖެހިގެން އިން ޖޯލީގައި އިށިންނަމުން ވާހަކަދައްކަންފެށިއެވެ.

"ތިނޫން ރެއެއް ނާދެއެއްނު، ދުވާލެކޭ ރޭގަނޑެކޭ ވަނީ ހަމައެއްވަރު، ދައިތަ ހިތައްއަރާ ތިކުދިން ނިދަނީ ކޮންއިރަކު ބާއޭ..........އެކޮއެ ދެން އުޅޭ އަނެއްކާވެސް މީހަކާ އިންނަން، މިހާރު ދެކުދިންވެއްޖެ، އެވެސް........." ހައްވަދައިތަ އަޒުރާގެ ވާހަކަ މެދުކަނޑާލާފައި ވާހަކަދައްކަން ފެށިއެވެ. އެހެންނަމަވެސް ބުނަން ބޭނުންވި ހުރިހާ އެއްޗެއް ނުބުނިއެވެ.
"ހައްވަދައިތަވެސް ދޯ.......ދެން ނޫޅެން މީހަކާ އިންނާކަށް. ވަރަށް ފޫހިވޭ، މީހަކާ ނީނަސް އަހަރެންގެ ދެދަރިން އެބަބަލަމޭ، ކިޔާވާވެސް އެބަދެން، މީހަކަށް އުނދެގުލެއް ނުކުރޭ.........ނުލާހިކު ބަސްއަހާ......" އަޒުރާ ހައްވަދައިތަ ދެއްކި ވާހަކަތަކަކާއި މާގަޔައެއްނުވިއެވެ. އެކަމަކު ރުޅިއެއްވެސް ނާދެއެވެ.
"ފައިސާވެސް ބޭނުންވާނެއެއްނު............"ހައްވަދައިތަ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. އަޒުރާއަށް އެއްޗެއް ވިސްނާދެވޭތޯއެވެ.
"މިހާރުވެސް ބޭނުންވާ ވަރަށް އެބަ ފައިސާ ލިބޭ........ކޮންމެހެން މީހަކާ އިންނާކަށް ނުޖެހޭނެއެއްނު، އަހަރެން އަންހެނަކަށްވިޔަސް ލާރި ހޯދަމޭ......" އަޒުރާ ފޮނިގޮތަކަށް ޔަގީންކަމާއިއެކު ބުނެލިއެވެ.
"ހޫމް.....ހޫމް، ދެން އެންމެ ރަގަނޅޭ، މިހާރު އެއޮތްގެން މަޤުރިބު ވަގުތު ޖެހުނީ، އަޒުރާވެސް ދޭ އެކުދިން ގޮވައިގެން ގެއަށްވަންނަން، މިގަޑީގަ ނަމާދުކޮށް ޤުރުޢާން ކިޔަވަންވާނެ......" ހައްވަދައިތަ ތެދުވަމުން ބުނެލިއެވެ.
އަޒުރާ އެވާހަކަތަށް އަޑުއެހުމުގެ މާބޮޑު ޝައުގުވެރިކަމެއްނެތި ގެއަށްވަނުމަށް ހިނގައިގަތެވެ. އޭރު ކުޑަކުޑަ ލައިބާ އުނދޯލީގައި ހޭން އޮތްއިރު އުނދޯލި އެނބުރެމުންދިޔައެވެ.
"ލައި، ކޮބާ ދޮންބެ.........ދެން އުނދޯލިން ފައިބާ، އާދޭ އެތެރެއަށް" އަޒުރާގެ އަޑަށް ލައިބާ ސިހިގެން ދިޔައެވެ. އެއާއެކު އެނބުރެމުންދިޔަ އުނދޯލިވެސް ކުއްލިއަކަށް ހުއްޓުމުން ލައިބާ އޭގެން ފޭބިއެވެ.
"ދޮންބެ ދިޔައީ އެގެއަށް" ގޭގެ ވަށައިގެން ރާނާފައިވާ ތިރި ފާރުބުރި މަތިން ވާތްފަރާތަށް އިޝާރާތް ކުރަމުން ލައިބާ ބުނެލިއެވެ.
"ރަޒިއްޔާމެންގެއަށް ދޯ......ހޫ......ދެން ގޭތެރޭ މަޑުކުރޭ، އަންނާނަން އެ ޔަޒާން ގޮވައިގެން" އަޒުރާ ލައިބާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވައްދަމުން ބުނެލިއެވެ.

ރޭގަނޑުގެ ހަތެއް އަށެއް ޖަހަން ވާއިރަށް އަޒުރާ ދެކުދިންނަށް ކާންދީފައި ނިދަން ކޮޓަރިއަށް ވައްދައިފިއެވެ. އެކުދިން ނިދިނަޔަސް އެކޮޓަރިން ނުކުތުން އޮންނަނީ މަނާކޮއްފައެވެ. ކުދިން ނިދަންވެއްދުނީމަ އަޒުރާގެ މަސްޢޫލިއްޔަތު އަދާކުރެވުނީއެވެ.

ގަޑިން އެގާރަ ޖަހަންވާއިރަށް ރަށުގެ އެކި ހިސާބުން ފިރިހެންވެރިންނާއި ދެތިން އަންހެނުން އެގެއަށް ޖަމާވާން ފަށައިފިއެވެ. އާދައިގެ މަތިން ތާސްގަނޑަކުން ރޭގަނޑުގެ މަޖާގަނޑު ފައްޓައެވެ. އަޒުރާ ތަބަކެއްގައި ދުފަންތައްޔާރުކޮއްފައި ބަހައްޓާނެއެވެ. އެތަބަކުގައި ނެތްއެއްޗެއް ނުހުންނާނެއެވެ. ސިނގިރޭޓާ ބިޑިވެސް ލިބެން ހުންނާނެއެވެ. ހުސްބިއްލޫރި ތަށިތަކެއް ހުރި ތަބަކެއްވެސް ފެންޑާގައިވާ ބޮޑުއަށި މަތީ ހުއްޓެވެ.
ޝިޔާޒްއަށް އަޒުރާ ފެންނަންވާއިރަށް އޭނަގެނެސް އެއަތުގެ ތެރެއަށްލިއެވެ. އަދި އަޒުރާގެ ކަންފަތްކައިރީ ކޮންމެވެސް އެއްޗެއް ސިއްރުން ބުނެލުމާއިއެކު އަޒުރާ ޝިޔާޒް ދުރަށްކޮއްޕާލީ ހެމުން ހެމުންނެވެ. ޝިޔާޒްގެ ފަހަތުން ގެއަށްވަތް އޭނަގެ ރައްޓެހިންތައް އަޒުރާއަށް ފެނުނީ ދެނެވެ. އެތަނުން ކުރިއަށްހުރި އަޝްހަރު އޭނަގެ އަތުގައި އޮތް ކޮތަޅުދިއްކޮއްލަމުން އެއްލޯ މަރާލިއެވެ.
"އޭ....އަހަރުމެން މިރޭ ލަސްވީދޯ...." ނަދީމާ އާއި އޭނައާއިއެކު އައި އިތުރު ދެއަންހެން ކުދިންނާއިއެކު އެގޭތެރެއަށް ވަންނަމުން ބުނެލިއެވެ.

އެނދުގައި އޮތް ލައިބާ ބާލީހުގައި ބައްދާލައިގެން ނިދިފައި އޮތްކަމުގައިވިޔަސް ޔަޒާންގެ ލޮލަށް ނިންޖެއްނައެވެ. ގޭތެރޭގައި އަޒުރާމެންގެ ސަކަރާތާ މަޖަލުގެ އަޑުގަދަވީމައާއިއެކުއެވެ. އެމީހުން ދައްކާ ވާހަކަތައް ޔަޒާންއަށް ސާފުކޮށް އަޑުއިވެއެވެ. ބައެއްބަސްތަށް އިވިއިވި އެއްގޮތްވިޔަސް އަދިވެސް އޭގެމާނަ ދެނެގަންނާކަށް ނޭގެއެވެ. ކޮޓަރިން ބޭރު ބަލާލުމަށް ޔަޒާންގެ ހިތް އެދެނުއެވެ. 

ކޮމެންޓް 0