ކޮޓަރި ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ.

********

މުޅި ކޮޓަރި ތެރެއަށް ހީވަނީ ވަރުގަދަ ތޫފާނެއް އައިސްފައި އޮތް ހެންނެވެ. ދަބަސްތަކުގައިވާ އެއްޗެހިތައް ވަނީ ކޮޓަރީގެ އެކި ތަންތަނަށް އުކާލާފަ އެވެ. ކަބަޑުތަކާއި އަލަމާރި ވެސް ހުރީ ހުޅުވާލި ގޮތަށް ނުވެސް ލައްޕަ އެވެ. އޭގެ ތެރޭގައި ހުރި އެއްޗެހިތައް ވެސް ހުރީ މުށިތަކުގެ މައްޗަށް ބަންޑުން ކޮށްލާފަ އެވެ. ހީވީ ކޮންމެ ވެސް އެއްޗެއް ހޯދަން މަސައްކަތް ކޮށްފައި ހުރި ހެންނެވެ.

"ޒެންހާ..." މިޝަލް ކަންބޮޑުވީ ޒެންހާ ފެންނަން ނެތުމުންނެވެ.

ފިޔަވަޅެއް ވެސް އަޅަން ނޭނގި، ގަބުވެފައި މިޝަލް ހުއްޓެވެ. ގޯސްހެން ހީވާ ގޮތްގޮތަށް އޭނައަށް ވިސްނެމުން ދިޔަ އެވެ. އަނެއްކާ ބަޔަކު ޒެންހާއަށް ކަމެއް ކުރީ ހެއްޔެވެ؟ ހުރިހާ އެއްޗެއް ފޭރިގަނެ، ޒެންހާ ވެސް ގެންދިޔައީ ހެއްޔެވެ؟

އެކި ފިކުރުތަކުގައި ހުރި މިޝަލް ސިހުނީ، ފަހަތުން ޒެންހާގެ އަޑު އިވުމުނެވެ. އޭނަ އަވަހަށް ފަހަތް ބަލައިލި އެވެ. ޒެންހާގެ އަތުގައި ކޮތަޅެއް އޮތެވެ. އޭނަ ހުރީ ހިނިތުން ވެލައިގެންނެވެ. ބަލާބެލުމަށް އެއްވެސް ކަމެއް ވެފައެއް ނެތެވެ.

މިޝަލްއަށް ބޭއިޚްތިޔާރުގައި ޒެންހާގެ ދެކޮނޑުގައި ހިފައި ގާތަށް ދަމާލެވުނެވެ. ޒެންހާ ސަލާމަތުން ހުރުމުން އޭނަ އެހާ ވަރަށް އުފާވީ ކީއްވެ ކަމެއް ބުނެދޭކަށް ނޭނގުނެވެ.

މިޝަލްގެ ތަނަވަސް މޭގެ ތެރޭގައި ބޮނޑިވެލައިގެން ހުރި ޒެންހާ އުފަލުން ފޮޅުނެވެ. ކުއްލިއަކަށް މިޝަލްގެ ފަރާތުން އެވަރުގެ ގާތްކަމެއް ލިބުމުން ރޭގެ ނުތަނަވަސްކަން މަތީން އޭނަ ހަނދާން ނެތުނެވެ.

"އޯކޭތަ؟..." ޒެންހާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލަމުން މިޝަލް ސުވާލުކުރި އެވެ.

ޒެންހާ ބޯ ޖަހާލިއެވެ. އެއާ އެކު މިޝަލް އޭނަގެ ގައިން ދޫކޮށްލި އެވެ. މިޝަލް ނުވިސްނާ ހުއްޓައި ފެނުނީ ޒެންހާ ކޮޓަރި ތެރެއަށް ދެމިގަތް ތަނެވެ. ޒެންހާގެ ދެލޯ ބޮޑުވެގެން ދިޔައީ ކޮޓަރިތެރެ އޮތްގޮތް ފެނުމުންނެވެ. އޭނަގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ.

މުހިއްމު އެއްޗަކަށް ބޮޑު ގެއްލުމެއް ވެފައި އޮއްވައި ފެނުމުން ދުއްވައި ގަންނާނޭހެން ޒެންހާ އަލަމާރި އާއި ދިމާއަށް ދުއްވައިގަތެވެ. އޭނަ ދުވެފައި ގޮސް ނެގީ، މުށިތަކުގެ މަތީގައި އޮތް ކައިވެނީގެ ހެދުމެވެ. އެއަށް އެއްވެސް ކަމެއް ވެފައި އޮތްތޯ ބަލަމުން ދިޔަގޮތުން މިޝަލްއަށް ހުރެވުނީ ކަޅި ޖަހާ ވެސް ނުލައި ބަލަހައްޓައިގެންނެވެ. އެ ނޫނަސް އަގުބޮޑު އެތައް އެއްޗެއް އެ ކޮޓަރީގައި ހުއްޓެވެ. ޒެންހާގެ ކެމެރާ އާއި، ކައިވެނީގެ ހަފުލާގައި ބޭނުންކުރި ގަހަނާތައް ވެސް މެއެވެ. ޒެންހާއަށް އެއިން އެއްޗެއް މުހިއްމު ނުވާ ކަހަލައެވެ.

"ހެދުން މިއޮތީ އެކަށް ހަޑިކޮށްލާފައި..." ޒެންހާއަށް ރޮވުނެވެ.

ހަލުވި ފިޔަވަޅުތަކެއްގައި މިޝަލް ނުކުމެގެން ދިޔައެވެ. އޭނަ އެނބުރި އައީ ކޮޓަރިތައް ބެލެހެއްޓުމާ ޙަވާލުވެ އުޅޭ މުވައްޒަފަކު ގޮވައިގެންނެވެ. އޭރު ޒެންހާ ހުރީ އެއްޗެހިތައް ފޮއްޓަށް އަޅައި ތަން ތަރުތީބު ކޮށްފައެވެ.

"ޒެންހާ.... ކީއް ތިކުރީ؟... މިތަން އޮތްގޮތް މި މީހުންނަން ފެންނަން ޖެހޭނެ އޭ..." މިޝަލް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ސޮރީ..." ޒެންހާ ދެރަވި އެވެ.

"ދެން އަޅާނުލާ... އެއްވެސް އެއްޗެއް މަދުވިތަ؟..." މިޝަލް އަނެއްކާ ވެސް ސުވާލު ކުރި އެވެ.

ޒެންހާ ބޯ ޖަހާލިއެވެ. މަދުވަނީ ހަމައެކަނި އޭނައަށް ޑޮކްޓަރު ދީފައިވާ ލިޔުންތައް ކަމުގައި ބުންޏެވެ. މިޝަލްއަށް ލިބުނީ ހައިރާން ކަމެކެވެ. އެ ލިޔުންތަކުން އެ މީހަކު ކުރާނީ ކޮން ބޭނުމެއް ހެއްޔެވެ؟ ވިސްނާ ވިސްނައި ވެސް މިޝަލްގެ ސިކުނޑިއަކަށް މީހަކު އެ ލިޔުންތައް ގެންދަންޖެހޭނެ އެއްވެސް ސަބަބެއް ނުވިސްނުނެވެ.

މިޝަލް ނުރުހިފައި ބަލައިލީ ކައިރީގައި އިސްޖެހިފައި ހުރި މުވައްޒަފަށެވެ. އެ މީހަކު ހުރީ ދެ އަތް ދެ އަތާއި ޖޯޑު ކޮށްލައިގެންނެވެ.

"އެނގޭތަ ކިހާ މުހިއްމު ލިޔުންތަކެއް ކަން އެ ގެއްލުނީ؟... އޭނ... މީ ފައިވް ސްޓާރ ރިސޯޓެކޭ... މުވައްޒަފުންގެ ވެސް އިޚުމާލުން މިވަރު ކަމެއް ވާނީ... މިކަން ކުރި މީހެއް ހޯދާ... އެހެން ނޫނީ މި މައްސަލަ އެހާ ފަސޭހައިން ދުލެއް ނުކުރާނަން..." ރިސޯޓުގެ ފަރާތުން އައިސް ހުރި މީހާއާ ވާހަކަ ދައްކަމުން ދިޔައިރު، މިޝަލް ހުރީ ރުޅިގަދަ ވެފަ އެވެ.

އެނދުގައި އިށީނދެލައިގެން އިން ޒެންހާއަށް ކުއްލިއަކަށް އެއްޗެއް ހަނދާން ވި އެވެ. މިޝަލް އަންނަން ވާއިރަށް އޭނަ އުޅުނީ ކޮޓަރީގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ކާ އެއްޗެއްސަށް އޯޑަރު ދީފައި އޭނަ ނުކުތީ، ފިހާރައިން އެއްޗެއް ގަންނާށެވެ. އޭނައަށް ދެވުނީ ހަނދާން ނެތި ކޮޓަރި ތަޅު ނުލައެވެ.

"މިޝަލް ސޮރީ... އަހަންނަށް ތަޅުނުލާ ދެވުނީ..." ޒެންހާ ދެރަވެލާފައި ބުންޏެވެ.

މިޝަލް އެއްޗެއް ނުބުނެ ޒެންހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ދޫކޮށްލީ ފުން ނޭވާ އެކެވެ. އެ ނަޒަރު އަނެއްކާ ވެސް ކައިރީގައި ހުރި މުވައްޒަފަށް ހުއްޓައިލި އެވެ.

"އަޙްމަދު ފާރިހު..." މިޝަލް ކުޑަކޮށް ކުރިއަށް ޖެހިލައި، މުވައްޒަފުގެ ޖީބާއި ދިމާގައި ހަރުކޮށްފައިވާ ނަން ކިޔާލި އެވެ.

"މިތަން ކޮންމެހެން ތަޅުލާކަށް ނުޖެހެއޭ... ތަޅުލިޔަސް، ނުލިޔަސް، މިކަހަލަ ތަނެއްގައި މިވަރު ކަމެއް ހިނގައިގެން ނުވާނެ... މުވައްޒަފުންނަށް ތަން ބެލެހެއްޓެން ޖެހޭނެ..." މިޝަލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"ވަރަށް ބޮޑަށް މާފަށް އެދެން... މިކަންތައް މެނޭޖްމަންޓް އާ ހަމައަށް ނުގެންދަވައްޗޭ... އޭރުން އަޅުގަނޑުގެ ވަޒީފާ ގެއްލޭނެ... އަޅުގަނޑަށް ހަފްތާ އެއް ދީ... ތިކަން ކުރި މީހެއް ހޯދާނަން..." ފާރިހު އެއްފައްޗަކަށް ހުރިހާ ވާހަކަ އެއް އަމުނާލި އެވެ.

"އެންމެ ރަނގަޅު... މިއޮތީ އަހަރެންގެ ކާޑު... ބަރާބަރު ހަފްތާ އެއް އިނގޭ... ދެން ދޭ..." އިންޒާރެއް ދޭ ފަދައިން މިޝަލް އޭނާގެ އިނގިލި ފާރިހާއި ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

ފުރަން ތައްޔާރުވެލައިގެން ޒެންހާ މެން ނުކުތްއިރު، އީމާ ހުރީ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ.

މިޝަލް ފެނުމުން އީމާގެ ހިތަށް ތަދުވި އެވެ. އޭނަ އިސްޖަހާލީ އެ ސޫރައަށް ނުބަލަން ވެގެންނެވެ. މަޑުކޮށްލުމެއް ވެސް ނެތި މިޝަލް ގޮސް އެރީ ލޯންޗަށެވެ. އީމާ އެތަނުގައި ހުރި ކަން މިޝަލްއަށް ނުވެސް އެނގޭ ކަހަލަ އެވެ. ޒެންހާ ލޯންޗަށް އަރަން އޭނަ އެހީތެރިވެ ދިނެވެ.

އީމާ ލޯންޗަށް އަރައަރައި ހުއްޓައި ޝުކޫރު އައީ ދުވަމުންނެވެ. އެ މޫނުމަތިން ހުރީ ދާ ހިއްލާލާފަ އެވެ. ވަރުބަލި ވެގެން ޝުކޫރަށް އޭނާގެ ހަށިގަނޑު ތެދު ވެސް ކޮށް ނުލެވެ އެވެ.

"މަޑުކޮށްލަ ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ... ލަސްވީ ކޮންމެހެން ނިންމާލަންޖެހޭ ކަމެއް އޮތީމަ..." ލޯންޗަށް އެރި ގޮތަށް ޝުކޫރު ވާހަކަ ދައްކަން ފެށި އެވެ.

މިޝަލް ހީކުރީ އެއީ ޒެންހާ ދަންނަ މީހެއް ކަމަށެވެ. ހަމަ އެގޮތަށް ޒެންހާ ހީކުރީ އެއީ މިޝަލް ދަންނަ މީހެއް ކަމަށެވެ.

ޒެންހާއާ ދިމާއަށް ބަލާލާފައި ޝުކޫރު ހިނިތުންވެލި އެވެ. އޭނަ ގޮސް އިށީނީ ޒެންހާ އާއި މިޝަލްގެ ކުރިމަތީގައި ހުރި ޝީޓުގައެވެ. އީމާ އިނީ އެންމެ ކުރީ ޝީޓުގައި މިޝަލް މެންނަށް ފުރަގަސް ދީގެންނެވެ.

"އެއާޕޯޓަށް ގޮސްލަނީތަ؟..." ޒެންހާ ހިނިތުންވެލަމުން ސުވާލު ކުރީ ޝުކޫރަށެވެ.

"އާނ... އީމާ ބުންޏޭ، މީގެން ދެވޭނެ އޭ... އެހެންވެ މަޑު ކުރީ..." ފަސްއެނބުރި އީމާއަށް ބަލައިލަމުން ޝުކޫރު ބުންޏެވެ.

ޝުކޫރު ހެދީ ކަނޑައެޅިގެން ދޮގެއް ކަން އެނގުނީ ހަމައެކަނި އީމާ އަށެވެ. ޝުކޫރަށް އޭނަ އެއްވެސް ޖަވާބެއް ނުދެ އެވެ. ވީއިރު އެ ވަރުގެ ބޮޑު ދޮގެއް ޝުކޫރު ހަދަންވީ ކީއްވެ ހެއްޔެވެ؟ އީމާއަށް އެކަމާ ގުޅުވައިގެން އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

އެއާޕޯޓަށް ދެވުމާ އެކު އެންމެ ފުރަތަމަ ފޭބީ ޝުކޫރެވެ. ޒެންހާ ފައިބަން އެހީތެރިވެދިނީ އޭނަ އެވެ. ޝުކޫރުގެ އަތުގައި ހިފައިގެން ޒެންހާ ލޯންޗުން ފޭބި މަންޒަރު ބަލަން އީމާ ހުރީ ޝައްކުގެ ނަޒަރަކުންނެވެ. ކޮންމެވެސް ނުބައެއް އެކަމުގައި އުޅެއޭ އޭނަގެ ހިތް ބުނަނީ އެވެ.

"އީމާ... އީމާ ދެން އެކޮޅަށް ނުދިޔަސް އެންމެ ރަނގަޅު ވާނެ... އަހަންނަށް، އަހަރެންގެ އަނބިމީހާ ބެލޭނެ... އީމާގެ ޓިކެޓް ރޭގައި އަހަރެން ކެންސަލް ކޮށްލައިފިން... މި ލޯންޗުން އީމާ ދާނީ ސީދާ މާލެއަށް... މާލޭގައި މަޑު ކުރިޔަސް، ރަށަށް ދިޔަސް އެންމެ ރަނގަޅު..." ލޯންޗުން ފޭބުމުގެ ކުރިން މިޝަލް ވާހަކަ ދެއްކީ ޒެންހާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރި އީމާ އަށެވެ.

އީމާ ގަބުވެފައި ހުއްޓައި މިޝަލް ގޮސް ލޯންޗުން ފޭބި އެވެ. ހިތްދަތި ގޮތަކަށް ހިނިތުންވެލައިގެން އީމާ ހުއްޓެވެ. އޭނަ ލޯންޗުން ފޭބީ ޒެންހާ އޭނައަށް ގޮވަން ފެށުމުންނެވެ. ޒެންހާއަށް ވަދާއުގެ ސަލާން ކޮށްފައި އޭނަ އުޅުނީ އެނބުރި ލޯންޗަށް އަރާށެވެ.

"އީމް ދަނީތަ؟..." ޒެންހާ ހައިރާންވެފައި ސުވާލު ކުރި އެވެ.

"އާނ... މި ދުވަސްކޮޅު ނެތޭ ބޭރަށް ދެވޭކަށް... އެހެން ނޫނަސް، އަހަރެން ދިޔާމަ ތި ދެ މީހުންގެ ހަނީމޫން ޚަރާބު ވެދާނެ..." އީމާ ވާހަކަ ދެއްކީ ޒެންހާގެ ކަންފަތް ކައިރީގައި ސިއްރުންނެވެ.

"އީމް... ވަރަށް މިސްވާނެ..." ޒެންހާ ދެރަވެލާފައި ބުންޏެވެ.

"އޭތް ދެން މިހާ އުފާވެރި ދުވަހެއް ޚަރާބު ކޮށްނުލާ... އަހަރެން ކޮންމެ ދުވަހަކު ގުޅާނަން... ބޮލަށް އުނދަގޫ ވާވަރަށް... އޯކޭ އެއްނު..." ހިނިތުންވެލަން މަސައްކަތް ކުރަމުން އީމާ ބުންޏެވެ.

ޒެންހާ ހަމައެކަނި ބޯ ޖަހާލީ އެވެ. އެއާ އެކު އީމާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލޯންޗަށް އަރައިފި އެވެ. އެތަނުގައި މާ ގިނައިރު ހުންނަން ވެއްޖެ ނަމަ، އޭނަގެ ހިތް ފަޅައިގެން ހިނގައިދާނެތީ އެވެ. ލޯންޗު ގޮސް ލޯމަތިން އޮބާލަން ދެން ބަލަން ޒެންހާ ހުއްޓެވެ.

ފްލައިޓް ޑިލޭ ވެގެން ޒެންހާ މެންނަށް ލަންކާއަށް ދެވުނީ ދަންވަރުގެ ވަގުތުގަ އެވެ. ތިބެން ހަމަޖެހިފައިވި ގެ އާ ހަމައަށް ދެވުނު އިރު، ޒެންހާ ހުރީ ވަރުބަލި ވެގެން ކުރާނެ ކަމެއް ވެސް ނޭނގިފަ އެވެ. އެއްޗެހި ވެސް ބަދަލުނުކޮށް އޭނަ އެނދުގައި އޮށޯވެލި އެވެ.

********

ޑޮކްޓަރަށް ދެއްކި ލިޔުންތައް ގެއްލުމާ އެކު، ޒެންހާގެ ޓެސްޓްތައް ޖެހުނީ އަލުން ހަދާށެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބެން ދުވަސްކޮޅެއް އޮތުމާ އެކު، އެ ދުވަސްތަކުގައި ޒެންހާ ބޭނުންވީ، ލަންކާގެ ހިތްޤައިމު ތަންތަން ބަލައިލަން ދިޔުމަށެވެ. މިޝަލްއަށް ވެސް އެގޮތް ކަމުދިޔަ އެވެ.

"ކޭންޑީއަށް ދޯ ދާނީ... ޒެނީގެ ފްރެންޑެއް އުޅޭނެ އެތަނުން ގެއެއް ގަނެގެން..." ފޯނުން އެއްޗެއް ބަލަން ހުރެފައި ޒެންހާ ވާހަކަ ދެއްކީ މިޝަލް އަށެވެ.

އޭނަ ފޯނުން ކޭންޑީގައި ހުރި ގެއެއްގެ ތަސްވީރު މިޝަލްއަށް ދައްކައިލި އެވެ. އެއީ އޭނަގެ އެކުވެރިޔާގެ ގެއެއް ކަމުގައި ބުންޏެވެ. މިޝަލްއަށް އެ ގެ ވަރަށް ކަމުދިޔަ އެވެ.

ޒެންހާ މެންނަށް މަންޒިލާ ހަމައަށް ދެވުނު އިރު، އޭނަގެ އެކުވެރިޔާ އިންތިޒާރުގައި ހުއްޓެވެ. އެ ދެ މީހުންނަށް ގެ ޙަވާލުކޮށްފައި، އޭނަ ދިޔައީ ދުވަސްކޮޅަކަށް ރާއްޖެ ދާން ޖެހޭ ވާހަކަ ބުނެފަ އެވެ.

ފޮށިތައް ކޮޓަރިއަށް ލާފައި މިޝަލް ނުކުތް އިރު، ޒެންހާ ހުރީ ބަދިގޭގަ އެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅާލައިގެން ހުރި އިރު، ބޮލުގެ އިސްތަށިގަނޑު އޮތީ މައްޗަށް ގެންގޮސް ހުޅިއެއް ޖަހާލާފަ އެވެ. ފުއް އެއްޗެއް ތައްޓަކަށް އަޅައިގެން ހުރި ޒެންހާގެ ނަޒަރު ހުރީ އޭނަގެ ފޯނުން އަޅުވާފައިވާ ވީޑިއޯ އަށް ހުއްޓިފަ އެވެ. ވީޑިއޯ އިން ދައްކަމުން ދިޔައީ، ފުއް މޮޑޭނެ ގޮތެވެ.

ޒެންހާގެ ހަރަކާތްތަކަށް ބަލަން މިޝަލް އިރުކޮޅަކު ހުއްޓެވެ. އޭނަ އަތް ދޮވެލައިގެން ގޮސް ޒެންހާގެ ކައިރީގައި ހުއްޓުނެވެ. ޒެންހާ އެއްޗެއް ނުބުނަނީސް މިޝަލް އެ ފުށް ތަށި އޭނަގެ ކައިރިއަށް ޖައްސައިލި އެވެ.

ތެލާއި ފެން އަޅައިގެން މިޝަލް އެ ފުއްގަނޑު މޮޑެން ފެށި އެވެ. އާޝޯހުވެފައި ބަލަން ޒެންހާއަށް ހުރެވުނެވެ. ބޭ އިޚްތިޔާރުގައި އޭނައަށް ތަށީގެ ތެރެއަށް އަތް ލެވުނެވެ. ފުއްގަނޑާ އެކު މިޝަލްއަށް ޒެންހާގެ އަތަށް ފިތައިލެވުނެވެ. ކުޑަ އިރުކޮޅަކު ޒެންހާގެ މަޢުޞޫމް މޫނަށް ބަލަން މިޝަލް ހުއްޓެވެ. ކުދި އަންނާރު އޮއްތަކެއް ވަރުގެ ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރުމުން، އެ މަޢުޞޫމް ކަން އިތުރުވެފައިވި އެވެ. އެ މޫނުގެ ދެފަރާތުން ގޯނާ ކުރަމުން ދިޔަ އިސްތަށި ކޮޅުތައް އެއްފަރާތް ކޮށްލުމަށް އެ ހިތް އެދި ގޮވި އެވެ. މިޝަލްގެ ނަޒަރު ދެން ހުއްޓުނީ ޒެންހާގެ ތުންފަތަށެވެ. ހިތަށް އެރި އެއްޗަކުން އޭނަ އަވަހަށް އަތް ދަމައިގަތެވެ.

ރޮށި ފިހެ ނިންމާލާފައި އެ ކައިގެން، ޒެންހާ ނުކުމެލީ މަގު މައްޗަށެވެ. ފިނިކަމުން އޭނަ ހުރީ ހަށަމް ބަނދެލައިގެންނެވެ. ޒެންހާ ސިހުނީ އޭނަގެ ކޮނޑު މަތީގައި އެއްޗެއް ޖެއްސުމުންނެވެ. އެއެއްޗެއްގެ ވަކި ތައް އޭނަގެ ކޮނޑުގެ ތެރެއަށް ވަދެގެން ދިޔަހެން ހީވި އެވެ. ކޮނޑާ ދިމާއަށް ބަލައިލުމާ އެކު ޒެންހާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އޭތީގެ ބޮޑު ތުންގަނޑެވެ. އެއީ ބޮޑު ދޫންޏެކެވެ. ފަތްތަކުގައި ވީ އެކި ކުލަތަކެވެ. ޒެންހާ ބިރުން ހަޅޭއްލަވައިގަނެފައި ދުއްވައިގަތެވެ. އެ ދޫނި ފޮޅާލަން އޭނަ އުޅުނެވެ.

"ޕާލީ... ބުނަމެއްނު ތިޔަ ކަހަލަ ކަންތައް ނުކުރާށޭ... ކަމް..." ފަހަތުން އިވުނީ ޒުވާން ފިރެހެނެއްގެ އަޑެވެ.

(ނުނިމޭ)

ކޮމެންޓް 0