"ޒެންހާގެ ބައްޕަ... އެއީ އަހަރެންގެ ލޭ..." ޝުކޫރުގެ ޖުމްލައިން ހީވީ މުޅި ތަނުގައި ބޮމެއް ގޮއްވައިލި ހެންނެވެ.
މިޝަލްގެ ދެ ލޯ ބޮޑުވި އެވެ. ހިނދުކޮޅަކަށް ނަމަވެސް، އޭނަގެ ޙިއްޞުތައް މަސައްކަތް ކުރުން ހުއްޓާލި ކަހަލަ އެވެ. އޭނަ ޝުކޫރަށް ބަލަން ހުރީ ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށެވެ. ވިކްޔަން ވެސް ބަސް ހުއްޓިފައި ޝުކޫރަށް ބަލަން ހުއްޓެވެ. އެ ވާހަކަ ޤަބޫލުކުރަން އޭނައަކަށް ވެސް ފަސޭހައެއް ނުވި އެވެ.
ހުއްޓުން އަރާފައި ހުރި މިޝަލްގެ މޫނުން ޝުކޫރުގެ މޫނަށް ބަލައިލާފައި، ވިކްޔަން ކުރިއަށް ޖެހިލި އެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔުމުގެ ކުރީން، އެކަން ހުއްޓުވަން އޭނަ ބޭނުން ވިއެވެ. އޭނަ ހީކުރީ އެއީ އަމިއްލަ ނަފުޞު ދިފާޢު ކުރުމަށް ޝުކޫރު ހެދި ދޮގެއް ކަމަށެވެ. އެ ކަމުން ހުރިހާ ނުތަނަވަސް ކަމެއްގެ ތެރެއަށް ދިޔައީ އޭނަ އެވެ. މިޝަލްގެ ކުރިމަތީގައި ލަދުގަންނަން އޭނައަށް މަޖުބޫރު ކުރުވައިފި އެވެ.
ވިކްޔަން ގޮސް ޝުކޫރުގެ ކޮނޑުގައި އަތް ޖައްސާލި އެވެ. އޭނަ އެދުނީ އެތަނުން ދިޔުމަށެވެ. ޝުކޫރު ވަގުތު ދެކޮޅު ހެދި އެވެ. އޭނަ ވިކްޔަންގެ އަތް ފޮޅުވައިލި އެވެ.
"ޝުކޫރުބޭ... މަޖަލަށް މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު ތީ... ކިއާރާ ކަމަކަށް ބޭނުންވެދާނެ... ހިނގާ ކޮޓަރިއަށް..." ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކި ނަމަވެސް، ވިކްޔަން ހުރީ ޝުކޫރު އެ ދެއްކި ވާހަކަ އަކުން ހިތްހަމަނުޖެހިފަ އެވެ.
"ލޯތްބަކީ ކުޅޭ ކުޅިވަރެއް ނޫނޭ... އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ، މިޝަލް ޒެންހާ އާއި ކައިވެނި ކުރީ ކީއްވެ ކަން... އިތުރު ހެއްކެއް ބޭނުން ނުވާ ވަރަށް، އަހަންނަށް ވަނީ އެކަންތައްތައް ފެނި، އަޑު އިވިފަ... ދިރިއުޅުމުގަ އަހަންނަށް ހެދުނު އެންމެ ގޯހެއްގެ ސަބަބުން، އެކަމުގެ ހިތާމައިގައި މި ހުރިހާ ދުވަހު އަހަރެން ވެސް އުޅެމުން މިއައީ... އަހަރެން ބޭނުމެއް ނޫން ޒެންހާއަށް އެހެން ވާކަށް... އޭނައަށް އެފަދަ ދެރައެއް ދޭން ހިތަށް ވެސް ނާރުވާތި..." ޝުކޫރު ވާހަކަ ދެއްކީ މިޝަލްއަށް ބަލަން ހުރެ އެވެ. އެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.
މިޝަލްގެ ދެބުމަ ގޮށްޖެހުނެވެ. އޭނަ ހިންދިރުވައިލާފައި، ޝުކޫރަށް ބަލައިލީ، ތަފާތު ނަޒަރަކުންނެވެ. އެ ނަޒަރުން ނަގަންވީ މާނައެއް ޝުކޫރަކަށް ނޭނގުނެވެ. ދެ މީހުން ވެސް އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ. އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިން ކަހަލަ އެވެ.
މިޝަލް އެއްވެސް އެއްޗެއް ބުނުމެއްނެތި އެތަނުން ނުކުމެގެން ދިޔުމުން، ޝުކޫރު ކަންބޮޑު ވިއެވެ. އޭނަ ވިކްޔަންގެ މޫނަށް ބަލައިލާފައި ކިއާރާ އޮތް ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.
"ތިވަރުގެ ދޮގެއް ހަދަން ހެޔޮނުވާނެއޭ ޝުކޫރުބޭ..." ވިކްޔަން ނުރުހިފައި ބުންޏެވެ.
ޝުކޫރު ވެސް އެއްޗެއް ނުބުންޏެވެ. އޭނަ މަޑެއް ވެސް ނުކުރި އެވެ. ކިއާރާގެ ކޮޓަރިއަށް ވަންނަންދެން ބަލަން ވިކްޔަން ހުއްޓެވެ.
ވިކްޔަންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. މިޝަލް އާއި ޒެންހާ އާއި ދެމެދު އޮތް ގުޅުން އެނގުމުން، އޭނައަށް ކުރެވުނީ ތަފާތު އިޚްސާސެކެވެ. ޝުކޫރުގެ ވާހަކަތަކުގެ ތެދުކަން އެނގެނީ އެ ވާހަކަތަކާއި ވިއްދައިގެން މިޝަލް އެއްވެސް އެއްޗެއް ނުބުނުމުންނެވެ. އެވީގޮތުން، މިޝަލް އާއި ކުރިމަތިލާނެ ހިތްވަރު ވެސް ދެން އޭނަގެ ގައިގައި ނުހުންނާނެ އެވެ. ޒެންހާ އާއި މިޝަލް އާއި ދެމެދު ލޯބީގެ ގުޅުމެއް ނެތްއިރު، ކައިވެނި ކުރީ ކީއްވެ ކަމާއިމެދު އެ ހިތުގައި ސުވާލު އުފެދުނެވެ. އެކަންކަން އެނގޭ ހިތުން ކެތްމަދުވި އެވެ.
********
ޒެންހާގެ އަޑު އިވުމާއިއެކު، އަންހެން މީހާ ހިނިތުންވެލި އެވެ.
"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟..." ޒެންހާ ކުރި ސުވާލުގެ ބަދަލުގައި އެމީހާ ވެސް ކުރީ ސުވާލެކެވެ.
ޒެންހާ ހަދަންވީގޮތެއް ނޭނގިފައި ހުއްޓައި، އެ މީހާ ކުރިއަށް ޖެހިލި އެވެ. އޭނަ ޒެންހާގެ ބޮލުގައި ފިރުމާލީ ވަރަށް ލޯބިންނެވެ.
"މިތާ ދޮރުމަތީ އޮތް އެއްޗެއް މީ..." އަޅުވައިގެން ހުރި ދަބަހުގެ ތެރެއިން ވޮލެޓެއް ނަގައި ދިއްކޮށްލަމުން އަންހެން މީހާ ބުންޏެވެ.
ޒެންހާ އަވަހަށް އޭގައި ހިފި އެވެ. އޭނަ ހީކުރީ މިޝަލްގެ ވޮލެޓު ކަމަށެވެ. އެތެރެ ބަލައިލުމުން އެއީ މިޝަލްގެ އެއްޗެއް ނޫން ކަން އެނގުނެވެ.
"މީ އަހަރެމެންގެ އެއްޗެއް ނޫން... އެކަމަކު ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ..." ޒެންހާ ހިނިތުންވެލަމުން ވޮލެޓް، އެމީހާގެ އަތަށް ދިއްކޮށްލި އެވެ.
"އެތެރެއަށް ވަންނަންވީނު..." ކޮޓަރީގެ ދޮރު ވީހާވެސް ބޮޑަށް ހުޅުވައިލަމުން ޒެންހާ ބުންޏެވެ.
ވޮލެޓުގައި ހިފަމުން، އެ އަންހެން މީހާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލި އެވެ. ކޮޓަރިތެރެ ތަރުތީބެވެ. އެނދުގައި އެންމެ ރުލެއް ވެސް ނެތެވެ.
"އެހެން ފަހަރަކުން ދޯ..." ފުން ނޭވާއެއް ދޫކޮށްލަމުން އެމީހާ ބުންޏެވެ.
"މިހާ ދުވަސް ފަހުން ދިމާވެދާނެ ކަމަކަށް ހީވެސް ނުކުރަން... މިއަދު މި ވީ ވަރު، މާ ބޮޑަށް ވެސް ރަނގަޅު... އެހެން ފަހަރަކުން އަދި ބައްދަލު ކުރާނަން..." ދެ މާނައެއް އެކުލެވޭ ގޮތަކަށް އެހެން ބުނެފައި، އަންހެން މީހާ ފަސްއެނބުރިއްޖެ އެވެ.
އަނެއްކާވެސް އެނބުރިފައި ޒެންހާގެ މޫނަށް ބަލާލައިފި އެވެ. ދަބަހުގެ ތެރެއިން ނަގާފައި އެ މީހާ ދިއްކޮށްލީ ކުޑަ ކަރުދާސްކޮޅެކެވެ.
"މީ އަހަރެންގެ ކާޑު... އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ އިނގޭ..." ޒެންހާ އެ ކަރުދާސްކޮޅުގައި ހިފުމުން އެ މީހާ ބުންޏެވެ.
އެމީހާ ގޮސް ލޯމަތިން އޮބާލަންދެން ޒެންހާ ހުއްޓެވެ. އޭނަ އެތެރެއަށް ވަދެ ދޮރު ލައްޕައިލަން އުޅެނިކޮށް، ކޮންމެވެސް މީހަކު އައިސް ދޮރުމަތީގައި ހުއްޓުނު ކަން އެނގުނެވެ. ޒެންހާ ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި މިޝަލް އުޅުނީ ތަޅުގައި ހިފާލާށެވެ. އެ އަތް ގޮސް ޖެހުނީ، ޒެންހާގެ މޭގަ އެވެ.
********
ގަމީސް ރީތިކޮށްލަމުން މިޔާހް ބަލައިލީ އިސްޖެހިފައި ހުރި އީމާގެ މޫނަށެވެ. އީމާ ކުށްވެރި އެއްހެން އިސްޖަހާލައިގެން ހުރި ގޮތުން، މިޔާހްއަށް ޖަހައިލެވުނީ، ލުއި ހިނިގަނޑެކެވެ.
"ކޮފީ ހިހޫ ވެއްޖެ... އިތުރު ތައްޓެއް ހަދައިދޭންވީނު..." މިޔާހްގެ އަޑަށް އީމާ އެ މޫނަށް ބަލައިލި އެވެ.
ފެންކަޅިވެފައިވާ ދެ ލޮލުން އޭނައަށް މިޔާހް ފެނުނީ ފުސްކޮށެވެ. އެ މޫނުމަތީގެ ޢަޞަރުތައް ހުރިގޮތުން ދެންމެ ކަމެއް ވީ ހެންވެސް ހީނުވެ އެވެ. އެކަމާއި ވާންވީ އުފާ ކަމެއް އީމާ އަކަށް ނޭނގުނެވެ. އޭނަގެ ހާސްކަން ފިލައިގެން ނުދިޔަ އެވެ.
އީމާ މަޑުމަޑުން ބޯޖަހާލާފައި ދެ ކޮފީ ތައްޔާރު ކުރި އެވެ. އޭނަ އެ ގެނެސް މޭޒު މަތީގައި ބެހެއްޓި އިރުވެސް، މިޔާހް އިނީ އެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނަ މަޑުކުރީ އީމާ ގޮނޑީގައި އިށީނދެ، ހަމަޖެހިލަންދެނެވެ.
"އީމާގެ ބޯއީފްރެންޑްތަ؟..." މިޔާހް ސުވާލުކުރީ ލާނެތް ރާގަކަށެވެ.
"ނޫން ނޫން ނޫން..." އީމާ ހީވީ ބިރެއް ފެނިގެން ތެދުވި ހެންނެވެ.
އޭނަ ހަމަ އެހާ އަވަހަށް ގޮނޑީގައި އިށީނދެއްޖެ އެވެ. މިޔާހްގެ ކައިރިއަށް ހިނި އައެވެ. އެ ސުވާލު ކުރި އިރުވެސް، އީމާގެ ޙަޔާތުގައި އެއްވެސް މީހަކު ނެތްކަން އޭނައަށް ރަނގަޅަށް އެނގެ އެވެ. އޭނަ ބޭނުންވީ އީމާ ތަޅުވައިލާށެވެ. އެ ބިރުވެރި ކަމުގެ ތެރެއިން ނެރެ، އެ ހާސްކަން ފިލުވާލަދޭށެވެ. އޭނައަށް އެކަން ކާމިޔާބު ވިއެވެ. އީމާގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުންވުން އެކަމަށް ހެކި ދީފި އެވެ.
"ހާދަ ރީއްޗޭ..." މިޔާހްގެ ދުލުން އެ ޖުމްލަ ބޭރުވީ އޭނަގެ އެއްވެސް އިޚްތިޔާރަކާއި ނުލަ އެވެ.
(ނުނިމޭ)