"ހާދަ ރީއްޗޭ..." މިޔާހްގެ ދުލުން އެ ޖުމްލަ ބޭރުވީ އޭނަގެ އެއްވެސް އިޚްތިޔާރަކާއި ނުލަ އެވެ.

********

ކޮފީ ތަށިން އެތި ފޮދެއް ބޯލި އީމާއަށް މިޔާހްގެ ޖުމްލަ ރީތިކޮށް އަޑު އިވުނެވެ. އޭނަ ކޮށި އަރާގޮތްވި ނަމަވެސް އިސާހިތަކު ހަމަޖެހިލައިފި އެވެ. ލަސްލަހުން މިޔާހް އާއި ދިމާއަށް އޭނަ ބަލައިލީ، އިވުނު އަޑު ޔަޤީން ނުވުމުންނެވެ. އޭރު މިޔާހް އިނީ، އޭނައަށް ބަލަހައްޓައިގެންނެވެ. އެ ތުންފަތް މަތީގައިވީ، ލުއި ހިނިތުންވުމެކެވެ. ދެ އުޅަނބޮށި މޭޒުގައި ވިއްދައިގެން އިންއިރު، ދެ އަތްތިލައިގައި ދަތްދޮޅި ޖައްސާލައިގެން އިންގޮތުން، އޭނަ އިނީ ހަމަ ރަނގަޅަށް ވެސް އީމާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި ކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭހައި ވެއެވެ.

މިޔާހްއަށް ހަމަހޭވެރިކަންވީ، އީމާ ބަލައިލިތަން ފެނުމުންނެވެ. އޭނަ ސިހުނުވަރުން، ދެ އަތުގެ ބާރު ވެސް ދޫވެއްޖެ އެވެ. ތުންފަތް މަތީގައިވި ހިނިތުންވުން ފިލައި ދިޔަ އެވެ. ބުނެވުނު އެއްޗެއް ރޭކައިލުމާއިއެކު، އޭނަ ހާސްވެގެން ތެޅިގަތެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އުޅެނިކޮށް އިންތަނުން ތެދުވެވިއްޖެ އެވެ. އޭނަގެ ލޮލުގައި އަޅައިގަތީ، މޭޒުމަތީގައި އޮތް ފޯނެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހަމުން، އޭރު ބުނި ޖުމްލަ ތަކުރާރު ކުރި އެވެ.

މިޔާހްގެ އަތުގައި އޮތް ފޯނު ރިންގްވާން ފެށީ، އޭނަ އެ ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަން ހުއްޓަ އެވެ. އޭނައަށް ދެ ލޯ މަރާލެވުނީ، އިމާގެ ކުރިމަތީގައި އިތުރަށް ބޭޒާރު ވިކަން އެނގުމުންނެވެ. ލޮލުގެ ހިމަކޮޅުން، އޭނަ އީމާގެ މޫނަށް ބަލައިލި އެވެ. އޭނަ އަވަސް އަވަހަށް ފޯނު ދުރުކޮށްލާފައި އެ ކޯލް ކަނޑާލި އެވެ. ހިފައިގެން ހުރެވުނީ އީމާގެ ފޯނު ކަން އެނގުނީ، އެ ކޯލް ކަނޑާލެވުނު ފަހުންނެވެ. އީމާ އިސްޖަހައިލި ތަން ފެނުމުން، އޭނަ މަޑުމަޑުން އެ ފޯނު މޭޒުމަތީގައި ބޭއްވި އެވެ.

އީމާ އިނީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. މިޔާހްއަށް ވީގޮތް އެނގުމުން، އޭނަގެ ހިނިގަނޑު ފަޅައިގެންދާން އުޅެނީ އެވެ. އޭނަ ހިތްވަރު ކޮށްލައިގެން އިނީ، ހިނިގަނޑު އެތެރެއަށް ހިންދާލައިގެންނެވެ.

"ހަލޯ!... އާނ... ފައިލުތައް ރެޑީކޮށްލާ... މިދަނީ..." ޖީބުގައި އޮތް ފޯނު ކަންފަތުގައި ޖަހަމުން މިޔާހް ވާހަކަ ދެއްކި އެވެ.

އޭނަ އެތަނުން ނުކުންނަން ހިނގައިގަންނަމުން، އީމާއަށް ބަލައިލި އެވެ. އޭރުވެސް، އީމާ އިނީ އިސްޖަހާލައިގެންނެވެ. މިޔާހްއަށް އޭނާގެ ބޮލުގައި އަތުން ޖަހައިލެވުނެވެ. ކުރެވުނު މޮޔަ ކަންތަކުން، އީމާގެ ކުރިމަތީގައި އޭނަ ހަމަ ރަނގަޅަށް ވެސް ބޭޒާރުވެ، ނިމިއްޖެ އެވެ.

މިޔާހް ނުކުތުމާއިއެކު، އީމާގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. އޭނަ އަނގަމަތީގައި އަތް އަޅައިގެން އިނދެ އެތައް އިރަކު ހުނެވެ. ދެ ލޮލުން ފެން އައި އިރުވެސް އޭނައަކަށް ހުއްޓައެއް ނުލެވުނެވެ.

********

މިޝަލްއަށް އޭނާގެ އަތް ދުރުކޮށްލަން ވެސް ނޭނގިފައި ހުރެވުނީ، ޒެންހާގެ މޫނަށް ބަލާށެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ޝުކޫރު ދެއްކި ވާހަކަ ތަކެވެ. ޝުކޫރު ބުނިހެން އޭނައަށް ޒެންހާއަށް ދެވުނު އުފަލެއް ނެތެވެ. އެހެން މީހަކު ދެކެ އައި ރުޅީގައި އޭނައަށް އެ ޙަލާކު ކޮށްލެވުނީ، ކުށެއް ނެތް އިންސާނެއްގެ ހިތެވެ.

ޒެންހާ ހުރީ ގުޑިލަން ވެސް ނޭނގިފަ އެވެ. މިޝަލްގެ އަތުގެ ބީހުން އިޚްސާސް ކުރެވުމުން، ހިތުގެ ހިމަ ނާރުތަކުގައި ދުވެލި ޖަޒުބާތުތަކުގެ ޢަޞަރު މުޅި ހަށިގަނޑަށް ކުރުވައިފި އެވެ. ދެ އަތުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އޭނައަށް ބަލައިލެވުނީ، އޭނަގެ މޭގައި ޖައްސާލެވިފައިވާ މިޝަލްގެ އަތަށެވެ. ޒެންހާ ބަލައިލުމާއިއެކު، މިޝަލްގެ ނަޒަރު ވެސް އެ ދިމާއަށް ހުއްޓިއްޖެ އެވެ. ދެ މީހުންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ، އެކު އެކީގަ އެވެ. މިޝަލް އޭނާގެ އަތް ދުރުކޮށްލުމާއިއެކު، ޒެންހާ ޙަލުވި ފިޔަވަޅު ތަކެއްގައި ގޮސް ފާޚާނާއަށް ވަންނަން އުޅުނެވެ.

މިޝަލްއަށް ޒެންހާ އާއި ހަމައަށް ދެވުނީ ފާޚާނާގެ ދޮރާއި ހަމައިންނެވެ. އޭނަ ޒެންހާއަށް ނުދެވޭނޭ ހެން، ފާޚާނާގެ ދޮރު ކައިރިން ފާރުގައި އަތް ޖައްސައިލި އެވެ. މިޝަލްގެ އެ ޢަމަލުން ޒެންހާއަށް ސިހުމެއް ލިބުނެވެ. އޭނަ ހީކުރީ، މިޝަލްއަށް ނޭނގިގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންވެ، އޭނަ އުޅުނީ އަނެއް ފަރާތުންލާފައި ދާށެވެ. މިޝަލް އެ ފުރުޞަތެއް ނުދިނެވެ. ޒެންހާއަށް ނުދެވޭނޭހެން، އޭނަގެ ދެފަރާތުން ފާރުގައި އަތް ޖައްސައިލި އެވެ.

މިޝަލްގެ އަތް ދަށުން ދެމިގަނެގެން ޒެންހާ އުޅުނީ ދާށެވެ. އޭގެ ކުރިން މިޝަލް އޭނަ އާއި ގާތަށް ޖެހިލައިފި އެވެ. އޭނަގެ އެންމެ ހަރަކާތަކާއި އެކުވެސް، މިޝަލްގެ ހަށިގަނޑުގައި ޖެހޭނެހައި ގާތަށެވެ. ފާރުގައި ރީއްޗަށް ތަތްވެލައިގެން ޒެންހާ ހުރިއިރު، އަވަސް އަވަހަށް އެސްފިޔަ ޖަހަމުން ދިޔަ އެވެ. ކުއްލިއަކަށް މިޝަލްއަށް އެވީ ކިހިނެތް ހެއްޔެވެ؟ އެ މޫނުމަތީގެ ޢަޞަރުތައް ހުރިގޮތުން، އެއީ މިޝަލް ކީއްވެ ކުރި ކަމެއް ކަން ތަރުޖަމާ ކުރަން ވެސް އޭނަ ނުކުޅެދުނެވެ.

ޒެންހާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައީ، މިޝަލް ކުރަން އުޅޭ ކަމެއް ނޭނގޭތީ އެވެ. އަނެއްކޮޅުން އަމިއްލަ ހަށިގަނޑުގެ މައްޗަށް ބާރު ނުފޯރުވިދާނެތީ ވެސް، އޭނަ ހުރީ، ޖެހިލުންވެފަ އެވެ.

"އަހަރެން ބޭނުން ވާހަކަ އެއް ބުނަން..." މިޝަލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

އެހާ ކައިރިން، އެ މަސްތީ އަޑު އިވުމުން، ޒެންހާއަށް ކުރެވުނީ ތަފާތު އިޚްސާސެކެވެ. ވާހަކަ ދައްކަމުން ދިޔައިރު، މިޝަލްގެ ތުންފަތް ހަރަކާތް ކޮށްލާ ގޮތާއި، ކޯ ކަށިގަނޑުގެ ހަރަކާތްތަށް ބަލާބަލައި އޭނަ ފޫހި ނުވި އެވެ. ލަގޮނޑި އުފުލިފައި ތިރިވާ ގޮތުން ވެސް އޭނަ ހުރީ އަޖައިބުވެފަ އެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅި މަތިމަހުގެ ސަބަބުން އެ ފިރެހެންވަންތަކަން ވަކީން އިތުރުވެފައިވާހެން ވެސް އޭނައަށް ހީވަނީ އެވެ.

މިޝަލް ލައިގެން ހުރި ގަމީހުގެ މޭމަތިން ވަނީ ދެގޮށް ނައްޓާލާފަ އެވެ. އެ ތަނަވަސް މޭމަތިން ބައެއް ހާމައަށް ފެންނަމުން ދިޔަ އެވެ. ނޭވާލަމުންދިޔައިރު، މޭ އުފުލިލާފައި ތިރިވާ ގޮތުން، ޒެންހާގެ ނަޒަރު އެ ދިމާއިން ވަކިކޮށްލަން އުނދަގޫވި އެވެ. ނުބަލަން އުޅުނަސް، އޭނަގެ ބަސްނާހާ ހިތް އެހެން ކަމަކަށް އެދި ގޮވަމުން ދަނީ އެވެ. އެ ހިތް ގޮވަމުން ދިޔައީ އެ މޭގައި ބޯ އަޅާ ލުމަށެވެ.

"އޯހް... ނޯ... ނޯ... އަހަންނަށް މިވަނީ ކިހިނެތްތަ؟... މީ ހުވަފެނެއް..." ޒެންހާ ވާހަކަ ދައްކަމުން ދިޔައީ އޭނަގެ އަމިއްލަ ހިތަށެވެ.

ހާސްވެގެން ދެފަރާތަށް ބޯ ހޫރައި ލެވުނުއިރު، އޭނަގެ ނިތްކުރިމަތީން ދާ ހިއްލާލައިފި އެވެ. މިޝަލްގެ މޫނުން ކޮންމެ ގުނަވަނަކުން އެ ނަޒަރު ވަކިކޮށްލަން އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ހިތުގެ މައްޗަށް އޭނައަކަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. އެއީ އޭނައަށް ކުރިން ވީ ގޮތްތަކެއް ނޫނެވެ. އެންމެފަހުން، ޒެންހާ އޭނާގެ ދެ ލޯ މަރާލީ އެކަމުން މިންޖު ވުމަށެވެ. އެވަރުންވެސް އެ ނުބައި ވަސްވާސްތަކުން ދުރެއް ނުވެވުނެވެ. ދެ ލޯ މަރައިލުމުން، ހިތަށް ސިފަވަމުން ދިޔައީ މިޝަލް އާއި ދެ މީހުންގެ ގައިގޯޅި މަންޒަރު ތަކެވެ.

ޒެންހާގެ އެ ޢަމަލުން ނަގަންވީ މާނައެއް ނޭނގިފައި މިޝަލް ހުއްޓެވެ. އެއީ އޭނައަށް ދިން ދަޢުވަތެއް ހެއްޔެވެ؟ ޒެންހާ އެފަދަ ގުޅުމަކަށް ބޭނުން ވަނީ ހެއްޔެވެ؟ އެ އޮމާން މޫނަށް ބަލަން ހުރިއިރު، މިޝަލްގެ ހިތް ވެސް އެހެން ކަމަކަށް އެދި ގޮވަން ފަށައިފި އެވެ. އެ މޫނުން ފެށިގެން ތިރިއަށް އެ ނަޒަރު ދަތުރުކޮށްލި އެވެ. އެ ނަޒަރު ގޮސް ހުއްޓުނީ، ޒެންހާގެ ކަނދުރާ އާއި ހަމައިންނެވެ. އަނެއްކާ ވެސް، މައްޗަށް އުފުލެމުން ގޮސް ތުންފަތާއި ހަމައިން ހުއްޓިއްޖެ އެވެ.

********

އެސްފިޔަތައް ތަޅުވައިލާފައި، ކިއާރާ އޭނާގެ ދެ ލޯ ހުޅުވައިލި އެވެ. ކައިރީގައި އިން ވިކްޔަން ފެނުމުން، އޭނައަށް ފުންމައިގެން ތެދުވެވުނެވެ. ފޯނުން އެއްޗެއް ބަލަން އިނދެފައި ކިއާރާ އާއި ދިމާއަށް ވިކްޔަން ބަލައިލި އެވެ. ކަންފަތަށް ގުޅާފައިވާ ހެޑްސެޓް ނައްޓާލާފައި، އޭނަގެ ފުރިހަމަ ސަމާލުކަން ކިއާރާއަށް ހުއްޓާލައިފި އެވެ.

"ކޮބާ މިހާރު އޯކޭތަ؟..." ވިކްޔަން ސުވާލުކުރީ ގާތް ގޮތަކަށެވެ.

ކިއާރާ މަޑުމަޑުން ބޯ ޖަހާލި އެވެ. އެއާއިއެކު ވިކްޔަންގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޝުކޫރު ވަނީ ވަރަށް ތަފްޞީލުކޮށް ކިއާރާގެ މާޒީ އޭނައަށް ކިޔައިދީފަ އެވެ. އެ ވާހަކަތަކުން، އޭނަގެ ހިތުގައި ވަނީ ކިއާރާ އާއިމެދު ހަމްދަރުދީ އުފެދިފަ އެވެ. ކިއާރާ ހާދަ އެކަނިވެރި ވާނެ އެވެ. ހަޤީގަތް އެނގުމުން، އެ ހިތަށް ހާދަ ޢަޞަރެއް ކުރާނެ އެވެ. ނަފުޞާނީގޮތުން ބަލިކަށި ވުމަކީ، ކިއާރާގެ މައްސަލައެއް ނޫނެވެ. އޭނަ އަމިއްލަ ހިތަށް ވަޢުދުވީ އެ ހިތްދަތި ދިރިއުޅުމުގެ ތެރެއިން ކިއާރާ ނެރެ، އެކަމުން އޭނަ ސަލާމަތް ކުރުމަށެވެ.

"މާދަމާ ހިނގާބަލަ ތަނަކަށް ގޮސްލަމާ... ކިއާ އަބަދު ގޭތެރޭގަ ހުންނާތީ އޭ ތިކަހަލަ ކަންކަން ތިވަނީ... މީހުންގެ ތެރެއަށް ނުކުމެލާ އުޅެލީމަ ތިކަން ޙައްލު ވެދާނެ..." ވިކްޔަން ވާހަކަ ދެއްކީ ގާތް ރައްޓެއްސަކަށް ވާހަކަ ދައްކާނޭހައި ގާތް ކޮށެވެ.

ވިކްޔަންގެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުން، ކިއާރާ ވަގުތުން ބޯ ޖަހާލި އެވެ. އެތައް ދުވަހެއް ފަހުން އެ ތުންފަތްމަތީން، ފެނުނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

ދޮރު ކައިރީގައި ހުރި ޝުކޫރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ، ހިތަށް ލިބުނު ފިނިކަމަކުންނެވެ. ކިއާރާ އުފަލުގައި ހުރުމަކީ އޭނަގެ ހިތަށް ލިބޭނެ އެންމެ ބޮޑު ފަރުވާ އެވެ. ކިއާރާ ރަނގަޅަށް ބަލައިދިނުމަށް އޭނަ ވިކްޔަންގެ ކައިރިން އެދުނީ، ކިއާރާގެ ހިތުން ވިކްޔަންއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން އެނގޭތީ އެވެ. ޝުކޫރަށް ނޭނގުނުކަމީ، ވިކްޔަންގެ ހިތް އެހެން މީހަކަށް ދެވިފައިވާ ކަމެވެ. އޭނަ އެކުރި ކަމަކުން، ކިއާރާގެ ހިތަށް ފުން ޒަޚަމްތަކެއް ލިބޭނޭ ކަމެވެ.

********

ގެއަށް އައިސް ވަން، ނަހީރާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ކުރިއަށް ދެތިން ފިޔަވަޅެއް އަޅާލިއިރު، އޭނަގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. އަތުގައި އޮތް ދަބަސް ސޯފާގެ މައްޗަށް ހޫރައިލި އެވެ. އަރައިގެން ހުރި ފުންނާބު އުސް ބޫޓުގެ ސަބަބުން ވެސް އޭނައަށް އުނދަގޫ ވަނީ އެވެ. ބޫޓު ނަގައި އަތުގެ ކޮޅަށް ހޫރައިލުމާއިއެކު، ގޮސް ޖެހުނީ ކުރިމަތިން ފެންނަން ހުރި ބޮޑު ފަތި ޓީވީގަ އެވެ. އިވިގެން ދިޔައީ ގަދަ އަޑުފަށްގަނޑެކެވެ. ޓީވީގައި ރެނދު ލައިފި އެވެ. އެ އަޑާއިއެކު، އިވުނީ ނަހީރާގެ ތޫލި ހަޅޭކުގެ އަޑެވެ.

ބަދިގެ ތެރޭގައި އުޅުނު، އުޤެއިލް ދިޔައީ ސިއްސައިގެންނެވެ. އޭނަ ދުވެފައި، ނުކުތެވެ. އޭރު ނަހީރާ ހުރީ، ދެ އަތުން އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި ހިފައިގަނެގެންނެވެ. ހާސްވެފައި ހުރެ، ދެ ފަރާތަށް ހިނގަމުން ދިޔަގޮތުން، އުޤެއިލްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ނަހީރާގެ ޙާލު ފެނި، އޭނައަށް ދޫކޮށްލެވުނީ، ފުން ނޭވާ އެކެވެ. އަޅައިގެން ހުރި އޭޕްރޯން ނަގައި، ކަބަޑު މަތީގައި ބާއްވާފައި، އޭނަ އަވަހަށް ނަހީރާގެ ކައިރިއަށް ދިޔަ އެވެ.

އުޤެއިލް އަކީ ނަހީރާގެ ފިރިމީހާ އެވެ. އެއީ ސްރީލަންކާ މީހެކެވެ. އޭނަ ނަހީރާ އަށްވުރެ، އެތައް އަހަރެއް ހަޤެވެ. އޭނައަކީ، ކާމިޔާބު މީހެކެވެ. އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ މުއްސަނދި މަހުޖަނެކެވެ. ރާއްޖޭގައި ވެސް އުޤެއިލްގެ ވިޔަފާރިތައް ހިންގަ އެވެ. ދެމަފިރިން އެކުގައި ފެންނަ ކޮންމެ ފަހަރަކު އެންމެންގެ ހިތުގައި އުފެދޭ ބޮޑު ސުވާލެއް އޮވެ އެވެ. އުޤެއިލްފަދަ މުއްސަނދި ޒުވާނަކު ނަހީރާ ކަހަލަ އުމުރުން ދުވަސްވީ މީހަކާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟

"ނަހީ!... ހަމަޖެހިބަލަ..." އުޤެއިލް ހާސްވެފައި ބުންޏެވެ.

"ޒެންހާ... އަހަރެން މިއައީ ޒެންހާ އާއި ބައްދަލުކޮށްފައި... އެތައް ދުވަހެއް ފަހުން އަހަރެންގެ މި ދެ ލޮލުން އޭނަ މި ދެކުނީ..." ނަހީރާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ.

އުޤެއިލްގެ ދެ ލޯ ބޮޑުވެގެން ދިޔަ އެވެ. އޭނަ ނަހީރާގެ ދެކޮނޑުގައި އަވަސް އަވަހަށް ހިފަހައްޓާލި އެވެ. އެ ދެ އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ.

"އަހަރެން އެބަ ވަރަށް ބިރުގަނޭ... ތިކަންތައް އަހަންނަށް ތަފްޞީލް ކޮށްދީ... ނަހީ!... ވާހަކަ ދައްކަބަލަ..." އުޤެއިލް ހާސްވެފައި ނަހީރާގެ ހަށިގަނޑު ތަޅުވައިގަތެވެ.

ނަހީރާ ފެށީ ރޯށެވެ. ރޮއެރޮއެފައި އުޤެއިލްގެ މޭގައި އަތުން ތަޅަމުން ދިޔަ އެވެ. ވާހަކަ ދައްކާނޭ ހިތްވަރު ހޯދަން އޭނައަށް އިރުކޮޅެއް ނެގި އެވެ.

"އަހަރެން މިއައީ ހުސްއަތާ... އެކަމަކު، އަހަންނަކަށް މިގޮތުގައި މާގިނަ ދުވަހު ކެތެއް ނުވާނެ..." ނަހީރާގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެ އެވެ.

އުޤެއިލް ހާސްވެފައި ނަހީރާގެ ގައިން ދޫކޮށްލި އެވެ. އޭނަ ފަސްފަހަތަށް ފިޔަވަޅު ނަގަމުން ގޮސް، އެތަނުން ދިޔަ އެވެ. ނަހީރާއަށް ވިސްނައިދޭން އުޅެއުޅެ އޭނަ ވަނީ ވަރުބަލި ވެފަ އެވެ.

********

މިޝަލްއަށް ޒެންހާގެ މޫނާއި ކައިރިވެވެން ފެށުނެވެ. އެ ދެމެދުގައިވާ ހުސްކަން ނެތެމުން ދިޔަ އެވެ. ދެ މީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅޭހައި ކައިރި ވެއްޖެ އެވެ. ދެ ޖިސްމު ވެސް އެދި ގޮވަމުން ދިޔައީ ހަމަ އެންމެ ކަމަކަށެވެ.

(ނުނިމޭ)

ކޮމެންޓް 0