ގޭތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. ނަޒުރާނާ ބަލި ގޮތަކަށް ކެއްސަނީއެވެ. ހީވަނީ، ދެންމެދެންމެ ނޭވާ އުފުރިދާނޭ ހެންނެވެ. މިޝަލްގެ ދެލޯ ކަރުނުން ފުރުނެވެ. އޭނަ ސާމީއަށް ބަލައިލުމުން، ބޯ ޖަހައިލިއެވެ. ކައިރިއަށް ދިޔުމަށް އެދުނެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، މަންމަގެ ކައިރީގައި އޭނަ ހުއްޓުނެވެ.

********

ނަޒުރާނާގެ ނަޒަރު، މިޝަލްގެ ފައިން ފެށިގެން މޫނާއި ހަމައަށް ދަތުރު ކޮށްލިއެވެ. އޭނަ ތެދުވެ، ސޯފާގައި އިށީނެވެ. އަނެއްކާ ވެސް، ދެލޯ ހަނިކޮށްލަމުން، މިޝަލްގެ މޫނަށް ބަލައިލިއެވެ. ކާކުކަން ނޭނގުމުންނެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން، ނަޒުރާނާގެ ދެލޮލުގެ ފެނުން ވަނީ، ބަލިކަށިވެފައެވެ. އައިނުގެ އެހީ އަކާއި ނުލައި، ތަންތަން ރަނގަޅަށް ވަކިކުރާކަށް ނޭނގެއެވެ.

"މަންމާ!..." މިޝަލްގެ އަޑު ކުރެހުނެވެ.

އޭނައަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އިވުނީ، ނަޒުރާނާ ރޮއެގަނެފައި، އޭނަގެ ނަމުން ގޮވާލި އަޑެވެ. ދަރިފުޅުގެ ބާރުގަދަ ދެ އަތުގެ މުލައްދަނޑީގައި ހިފައިގެން ނަޒުރާނާ ތެދުވިއެވެ. އެތައް ދުވަހަކަށްފަހު، ލޯބިވާ ދަރިފުޅާއި ބައްދަލުވުމުން، އޭނަގެ ޒަހަމުވެފައިވާ ހިތަށް ފަރުވާ ލިބުނު ކަހަލައެވެ.

މަޔަކާއި ދަރިއަކު ހޭދަ ކުރަމުންދިޔަ، ލޯބިން ފުރިގެންވީ މަންޒަރު ބަލަން، ޒެންހާ ހުރީ، ފެންކަޅި ވެފައެވެ. ދެމައިން ބައްދަލުވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރެވުނީތީ، އޭނަ ފަޚުރުވެރި ވިއެވެ.

ސާމީ އޭނާގެ އަންހެނުން މާރިޔާއަށް ލޮލުގެ އިޝާރާތުން ޒެންހާ ދައްކައިލިއެވެ. އޭނަ އެދުނީ، ޒެންހާ އެކަނިވިޔަ ނުދިނުމަށެވެ. ސާމީ ބުނި އެއްޗެއް ވިސްނުމުން، މާރިޔާ އަވަހަށް ޒެންހާގެ ކައިރިއަށް ޖެހިލައިފިއެވެ. ޒެންހާ ބަލައިލުމުން، އޭނަ ހިނިތުންވެލީ، ގާތް ގޮތަކަށެވެ.

"ތޭންކް ޔޫ..." މާރިޔާ ވާހަކަ ދެއްކީ، ހަމައެކަނި ޒެންހާއަށް އިވޭ ވަރަށެވެ.

ޒެންހާ ދެބުމަ އުފުލައިލިއެވެ. ކޮންކަމަކާއިތޯ ސުވާލު ކޮށްލުމުގެ ގޮތުންނެވެ.

"މިޝަލް ގެނެސްދިނީމަ... ދަރިއެއްގެ އިންތިޒާރުގަ ބޮޑުދައިތަގެ އުމުރު އެ ހުސްވީ..." މާއިރާ ފެންކަޅިވެފައިވާ ދެލޮލުން ނަޒުރާނާއަށް ބަލައިލަމުން، ބުންޏެވެ.

ޒެންހާ ހުރިކަން އެނގުމާއިއެކު، ނަޒުރާނާގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް އުފާވެރިކަން ފެނިގެން ދިޔައެވެ. ދަރިފުޅަށް އެވަރުގެ ބަދަލެއް އައީ، އެ އަންހެން ކުއްޖާގެ ސަބަބުން ކަމުގައި އޭނަ ޤަބޫލު ކުރިއެވެ.

********

"އީމާ!... އާދޭސްކޮށްފަ ބުނަން... އިހަށް އަހަންނާ އެކު ހިނގާ..." މިޔާހް ވާހަކަ ދެއްކީ، މަޑުމައިތިރި ރާގަކަށެވެ.

ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލި އީމާއަށް އިސްޖަހައިލަން މަޖުބޫރު ވިއެވެ. ވަށައިގެން އެއްވެފައިވާ މީހުންގެ ނަޒަރު އަމާޒުވެފައިވީ، އޭނަ އަށެވެ. އެމީހުންގެ ނަޒަރުން ސަލާމަތް ވާން އޭނަ ބޭނުން ވިއެވެ.

މިޔާހްގެ އެހީގައި އީމާ ތެދުވިއެވެ. އޭނަ ކުރިއަށް ހިނގައިގަންނަމުން، ފަސްއެނބުރި ގެއާއި ދިމާއަށް ބަލައިލިއެވެ. ހިތްދަތިކަމުން ފުރިގެންވީ މަންޒަރެކެވެ. އުޅެ ބޮޑުވި ގެއާއި އަބަދުގެ އަބަދަށް ވަކިވެގެން ދާންޖެހޭ ހެން އޭނައަށް ހީވަނީ އެވެ. އެކަމަކު، އެއީ އޭނަގެ ބައްޕަގެ ގެއެވެ. އެ ގޭގައި ވަނީ، އޭނަގެ ބައްޕަގެ އެތައް ހަނދާން ތަކެކެވެ. ދޫކޮށްލާފައި ދާން ފަސޭހަ ވާނީ ކިހިނަކުން ހެއްޔެވެ؟

ޖެހިލި ވައިރޯޅިއެއްހާ ހަލުވި މިނުގައި މުޅި ރަށަށް އީމާގެ ޚަބަރު ފެެތުރިގެން ދިޔައެވެ. ތުންތުން މަތީން ފެތުރުނު ވާހައިގެ އަޑު، އީމާގެ އަވަށްޓެރި އައިމިނަގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. އެ ޚަބަރު ލިބިގެން، އައިމިނަ އައީ، ދުވެފައެވެ. އީމާއަކީ އޭނައަށް އުފަން ދަރިއެއްފަދަ ކުއްޖެކެވެ.

އީމާ ގެންގޮސް އެގޭގެ ކޮޓަރިއަކަށް ލާފައި އޭނަ ނުކުތްއިރު، މެދުގޭ ތެރޭގައި މިޔާހް އިނެވެ. މިޔާހްއަށް ބަލަހައްޓައިގެން އައިމިނަ އިރުކޮޅަކު ހުއްޓެވެ. އޭނަ ގޮސް ބަދިގެއަށް ވަދެފައި އައީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ.

"އެކޮއެ!... އަވަހަށް އެ މަންޖެ އާ އިނދެގެން، މިތަނުން ގެންދެވޭތޯ ބަލާ... އެއީ މީހަކު އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން..." ކޮފީތަށި މިޔާހްގެ އަތަށް ލައިދެމުން އައިމިނަ ވާހަކަ ދެއްކިއެވެ.

ކޮފީތަށީގައި ހިފަމުން، މިޔާހް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނަ ސުވާލު އުފެދިފައި އައިމިނަގެ މޫނަށް، ބަލައިލިއެވެ.

"ދައްތައަށް އެނގޭތަ ކީއްވެކަން، އީމާގެ މަންމަ އެހެން އެ ކަންތައް ކުރަނީ؟..." ކޮފީ ތަށިން އެތިފޮދެއް ބޯލަމުން މިޔާހް ސުވާލު ކުރިއެވެ.

"ދަރިފުޅާ!... ތި ވާހަކަ ދެއްކުމެއް ނެތް..." އައިމިނަ ދެފަރާތަށް ބޯ ހޫރާލިއެވެ.

އޭނަ ފަސްއެނބުރި އީމާ އޮތް ކޮޓަރި އާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު، މިޔާހް އާއި ވީހާ ވެސް ބޮޑަށް ކައިރިއަށް ޖެހިލައިފިއެވެ.

"އެއީ ކުރިން ވަރަށް ރީތި އަންހެނެއް... އީމާ ލިބުނުފަހުން، ފަލަވިގޮތަށް ނުހިކުނީޔޯ... ހަކުރު މައްޗަށް ގޮއްސި، ދެން އެކިޔާ ޗޮލެސްޓަރޯލް އެއްތޯ އެއްޗެއް ވެސް ހުރީ އަތް ނުފޯރާ ފަށުގަޔޯ.... އަނެއްކާ، އެ އެކަންޏެއް ނޫނޭ... ލޭ ވެސް ހުރީ ކިރިޔާ ހާޓިޓޭކެއް ނުޖެހޭ ހިސާބަށް ގޮއްސަޔޯ..." ދެލޯ ބޮޑުކޮށްލަމުން އައިމިނަ ބުންޏެވެ.

އައިމިނަ ބުނި އެއްޗެއް އަޑު އިވިފައި، މިޔާހްގެ ހިނިގަނޑު ފަޅައިގެން ދާން އުޅުނެވެ. އޭނަ ދެ ތުންފަތް ފިތައިލަމުން، ހިނިގަނޑު ހިންދައިލެވޭތޯ މަސައްކަތް ކުރިއެވެ. ގޭތެރެއަށް އައިސް ވަން އަންހެން ކުއްޖާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭނަ މޫނަށް ވައްތަރެއް ޖައްސައިލަމުން، އައިމިނަ އާއި ދިމާއަށް ބަލައިލިއެވެ.

"މަންމާ!... ނޭނގޭ އެއްޗެހި ނުކިޔަބަލަ..." އަންހެން ކުއްޖާ ހިތްހަމަނުޖެހިފައި ބުންޏެވެ.

އޭނަ މަޑުވެސް ކޮށްލުމެއްނެތި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ދައްތަގެ ދަރިފުޅު އެއީ... މީހުންގެ ވާހަކަ ދައްކަންޏާ، ވަރަށް ހިތްހަމަނުޖެހޭނެ..." އައިމިނަ ޖަހައިލީ، ހިނިގަނޑެކެވެ.

"ދައްތަ އަކަށްވާ ނޭނގެ... ދައްތައަށް އެނގޭ އެއްޗަކީ، ފާތުމައަށް އެވީ އެއްވެސް ކަމެއްގަ، އީމާގެ ކުށެއް ނެތްކަން... އަމިއްލަ ހަށިގަނޑަށް އައި ބަދަލުގެ ރުޅި، އެ ކުއްޖާފުޅަށް އެ ބާލައިލަނީ... އީމާގެ ބައްޕަ ދުނިޔެ ދޫކުރުން އެއީ އެ މަންޖެގެ ބަދުނަސީބު... މީހުން ބުނާތީ އެހިން، އީމާގެ ބައްޕަ ދުނިޔެ ދޫކުރީ ވެސް އެ ފާތުމަގެ ޒީލަޔަށް ކެތް ނުވެގެންނޭ..." އައިމިނަ އޭނަގެ ވާހަކައަށް ބައެއް އިތުރު ކޮށްލިއެވެ.

އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން މިޔާހްގެ ހިތް ނުތަނަވަސް ކުރުވިއެވެ. އީމާގެ ދިރިއުޅުން އެވަނީ، އޭނައަށް އިހުސާސު ވެސް ނުކުރެވޭހާ ފުން ހިތާމައެއްގެ ތެރޭގައެވެ.

********

ނަޒުރާނާ ކުރުނުކޮށް ކިޔަން ފެށުމުން، އެރޭ އެގޭގައި މަޑުކުރަން ޒެންހާ އެއްބަސް ވިއެވެ. މިޝަލްއަށް ވެސް ޖެހުނީ، އެގޮތާއި އެއްބަސް ވާށެވެ. ދެ މީހުންނަށް ބޭނުންވާނޭ އަންނައުނު ދިނީ، މާރިޔާ އާއި ސާމީ އެވެ. ނިދާނޭ ތަން ތައްޔާރު ކުރުމުގައި ނަޒުރާނާ އަވަދިނެތި އުޅުނެވެ. އެ މަސައްކަތުގައި ބައިވެރިވާން ޒެންހާ ދިޔުމުން ވެސް، ނަޒުރާނާ އެ ފުރުސަތެއް ނުދިނެވެ.

ސިޓިންގްރޫމް ސޯފާގައި ޒެންހާ އިނެވެ. ގޭގެ އެކި ތަންތަނަށް އޭނަ ބަލަމުން ދިޔައެވެ. ފާރުގައި ހަރުކޮށްފައިވާ ތަސްވީރުތަކަށް ނަޒަރު ހުއްޓުމާއިއެކު އޭނަ ތެދުވިއެވެ. ގިނައީ، މިޝަލްގެ ކުޑައިރުގެ ތަސްވީރު ތަކެވެ.

މާރިޔާ އައީ ޒެންހާ އެހެން ހުއްޓައެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް، މިޝަލްގެ ބައްޕަ މަރުވި ދުވަހުގެ ވާހަކަ ވެސް އޭނަ ކިޔައި ދިނެވެ. އެދުވަހުގެ ފަހުން، މިޝަލްއަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ވާހަކަ ބުނުމުން، ޒެންހާގެ ހިތް ހަމްދަރުދީ އިން ފުރިގެން އައެވެ.

"މިހާރު ހީވޭ މިޝަލް ވަރަށް ބޮޑަށް ރަނގަޅު ހެން... އޭރު މީހަކަށް ކިރިޔާ ކަމެއް ވިޔަސް، ރޯން ފަށާގޮތަށް، ފިޓް ޖެހޭނެ... ދެތިން ދުވަސް ވާއިރު ވެސް ހުންގަނޑު މައިތިރިއެއް ނުވާނެ... ވަރަށް ދެރަވާނެ މީހަކު ބަލިވެއްޖެއްޔާ..." މާޒީގެ ދުވަސްތަކުގެ ހަނދާން އާ ކޮށްލަމުން، މާރިޔާ ވާހަކަ ދެއްކިއެވެ.

********

ޝުކޫރު ދުވެފައި ގޮސް ނަހީރާގެ ގޭ ދޮރުގައި ތަޅައިގަތެވެ. ތަޅު ހުޅުވަން އުޅެއުޅެ އެކަމެއް ނުވިއެވެ. އެތެރެއިން އިވެމުންދިޔަ ނަހީރާގެ ރުއިމުގެ އަޑުން، ޝުކޫރުގެ ހިތް ތެޅެމުން ދިޔައީ، އޮބި ނޯންނަ ވަރަށެވެ. ދޮރު ވައްޓާލާފައި އެތެރެއަށް ވަންނަން ވެސް އޭނަގެ ހިތަށް އެރިއެވެ.

ކުއްލިއަކަށް އަޑު ކެނޑި، ތަން ހިމޭން ވެއްޖެއެވެ. ދެން އިވުނީ، ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ އަޑެވެ. ޝުކޫރުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަގެ ނޭވާ ވެސް އެތެރެހަށީގައި ތާށި ވިއެވެ.

ދޮރު ހުޅުވާލާފައި ބޭރަށް ނުކުތް އުގެއިލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ދޮރުމަތީގައި ހުރި ޝުކޫރު ކޮއްޕައިލާފައި އޭނަ އެތަނުން ދިޔައެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަން ޝުކޫރުގެ ދެފައި ހީވީ، ބިމުގައި ތަތްލީ ހެންނެވެ. ފެނުނު މަންޒަރަކުން އޭނަގެ ހިތް ހުއްޓިއްޖެއެވެ. ތަޅުންގަނޑުގެ މަތީގައި ނަހީރާ އެއޮތީ، ލެޔާއި ތަތްތެޅިފައެވެ. މުޅި އެ ހަށިގަނޑަށް ބިއްލޫރި ހެރިފައިވާއިރު، އެއްވެސް ހަރަކާތެއް ނެތެވެ.

ގަބުވެފައި ހުރި ޝުކޫރަށް ހަމަހޭވެރިކަން ވުމާއިއެކު ނަހީރާގެ ކައިރިއަށް ދިޔައީ، ދުވެފައެެވެ. އެ ނަމުން ބާރަށް ގޮވާލަމުންނެވެ. ނަހީރާގެ ކައިރީގައި ކުޑަކަކޫ މައްޗަށް ވާހެން އިށީން ޝުކޫރުގެ ދެފަޔަށް ބިއްލޫރިތައް ވަދެގެން ދިޔައެވެ. އެއިން ކަމަކަށް ވެސް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ، ނަހީރާގެ ހަށިގަނޑަށް ހެރިފައިވާ ބިއްލޫރިތައް ނެގޭތޯއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނައަށް ނަހީރާގެ ފުރާނަ މުހިއްމު ވިއެވެ.

ކުއްލިއަކަށް ފެނުނީ، އެތެރެއަށް ވަދެގެން އައި ފުލުހުން ތަކެކެވެ. އެމީހުން އައިގޮތަށް ޝުކޫރުގެ ދެ އަތުގައި ބިޑި އެޅުވިއެވެ.

ޝުކޫރަކަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ދެ ކޯތާފަތް ވަނީ، ތެންމާލާފައެވެ. ނަހީރާގެ ނަން ފިޔަވައި އިތުރު އެއްޗެއް، އެ ދުލަކުން ބޭރެއް ނުވިއެވެ. އޭނަ ގަދަހަދާފައި މަސައްކަތް ކުރަމުން ދިޔައީ، ނަހީރާގެ ކައިރިއަށް ދިޔުމަށެވެ.

ޝުކޫރު ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. ބޮލުގައި އެޅިފައިވާ އިލްޒާމާއިމެދު ވިސްނާލާނޭ ހިތްވަރެއް، އެވަގުތު އޭނަގެ ގަޔަކު ނެތެވެ. އޭނަ ހުރީ، ފާޑަކަށް ގަބުވެފައެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ވެސް ނެތެވެ.

ޝުކޫރު އަރުވައިގެން ވެހިކަލް ނައްޓާލުމާއިއެކު، ގޭގެ އަނެއް ފަރާތުގައި ފިލާ ހުރި އުގެއިލް ނުކުތެވެ. އެ ތުންފަތް މަތީގައި ވަނީ، ވިހަ ހިނިތުންވުމެކެވެ. އޭނަގެ މަޤުސަދު އެ ހާސިލުވީ ހީވެސް ނުކުރާހައި ފަސޭހައިންނެވެ.

********

ނިދުމުގެ ވަގުތު އައިސް ޖެހުނުއިރު، ޒެންހާ ހާސްވަމުން ދިޔައީ މާ ވަރަކަށެވެ. ކޮޓަރިއެއްގެ ތެރެއިން ޕާޓްޝަން އެއް ޖަހައި ބައިކޮށްފައި ވަނީ، ހަމައެކަނި ގޮދަޑިއެއް ބާއްވާފައިވާ ކުޑަ ތަންކޮޅެއްގައެވެ. މުށިތަކުގެ މަތީގައި ގޮދަޑި އަޅާފައިވާއިރު، އެ ގޮދަޑީގެ ކުޑަ ކަމުން ވެސް، ޒެންހާއަށް ހިތާއި ހިތައި ޝަކުވާ ކުރެވެމުން ދިޔައެވެ.

ޒެންހާ އުޅުނީ، އެއްޗެހި ބަދަލު ކުރާށެވެ. މިޝަލް ހުރީ، ބޭރުގައި މަޑުކޮށްލައިގެންނެވެ. ކުއްލިއަކަށް އިވުނީ، ޒެންހާ ހަޅޭއްލަވައިގަތް އަޑެވެ. މިޝަލް ހާސް ވިއެވެ. އޭނަ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

ގޮދަޑި މަތީގައި ދެފައިގެ ކޮޅު ޖައްސައިގެން ޒެންހާ ދުވަނީއެވެ. އޭނަ ލައިގެން އުޅުނު ހެދުން އޮތީ، މާދުރަށް އެއްލާލާފައެވެ. ނިދަން ލާން އުޅުނު ޓީޝާޓް މޭގައި ޖައްސާލައިގެން ހުރިއިރު، އެ ނަޒަރު ހުއްޓެމުން ދިޔައީ، ސީލިންގަށެވެ.

ހާމައަށް ފެންނަމުންދިޔަ ޒެންހާގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައި މިޝަލްއަށް އިރުކޮޅަކު ހުރެވުނެވެ. ކުއްލިއަކަށް ޒެންހާ އައިސް އޭނަގެ ގައިގައި ހިފައިގަތުމުން، ދެމީހުން އެކުގައި ގޮދަޑި މައްޗަށް ވެއްޓިއްޖެއެވެ.

********

ދޮރުމަތިން މީހަކު ސަލާން ގޮވާ އަޑު އިވިގެން، އައިމިނަ ނުކުތެވެ. ދެ އުކުޅުގައި އަތް ވިދެލައިގެން ދޮރުމަތީގައި ހުރި ފާތުމަ ފެނުމާއިއެކު، އައިމިނަގެ މޫނުމަތިން ފެނުނީ، ނުރުހުމުގެ އަސަރެވެ.

"މިގެއަށް އަންނާނެ ކަމެއް ނެތް..." އައިމިނަ ނުރުހިފައި ބުންްޏެވެ.

"އަހަރެން މިއައީ އަަހަރެންގެ ދަރިފުޅު ބަލައޭ... އީމާ!... ދަރިފުޅާ އީމާ!..." ގޭތެރެއަށް ބޯ ދިއްކޮށްލަމުން ފާތުމަ ގޮވަން ފެށިއެވެ.

ނިދިޖެހެމުންދިޔަ އީމާއަށް ފާތުމަގެ އަޑު އިވުމުން، އަވަހަށް ތެދުވިއެވެ. އޭރު އެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރު ޖެހިލައިފިއެވެ. އޭނަ ބޭރަށް ނުކުތްއިރު، މިޔާހް ވެސް އޭނަ އުޅުނު ކޮޓަރިން ނުކުމެގެން، ދޮރާއި ދިމާއަށް ދެއެވެ.

"ދެކުދިން ވެސް އެބަ އުޅެން ދޯ... ހިނގާ ގެއަށް... މަންމަ މިއައީ ދަރިފުޅުމެން ބަލައޭ..." އައިމިނަގެ ނުރުހުމުގައި ގޭތެރެއަށް ވަދެގަންނަމުން ފާތުމަ ބުންޏެވެ.

އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އީމާގެ އަތުގައި ހިފިއެވެ. އަނެއް އަތުން މިޔާހްގެ އަތުގައި ހިފައިގެން އެގެއިން ނުކުތުމަށް ހިނގައިގަަތެވެ.

ވިސްނަންވީ ކިހިނެތް ކަމެއް ވެސް ނޭނގިފައި، އީމާއަށް މިޔާހްގެ މޫނަށް ބަލައިލެވުނެވެ. ކުއްލިއަކަށް ފާތުމައަށް އެވަރުގެ ބަދަލެއް އައުމުން، ދެ މީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ، ހައިރާން ކަމެވެ. އެކަކަށް ވެސް ގަދަ ހަދާކަށް ނުކެރުނެވެ. އައިމިނަ އެކަން ހުއްޓުވަން އުޅުމުން ވެސް، އީމާ އޭނާގެ ލޮލުގެ އިޝާރާތުން އެއްޗެއް ނުބުނުމަށް އެދުނެވެ.

ފާތުމަ ގޮސް ވަނީ، އޭނަގެ ގެއަށެވެ. ސިޓިންގްރޫމު ސޯފާގައި އިން މައުސޫމާ ފެނި، މިޔާހްގެ ދެލޯ ބޮޑުވިއެވެ. އީމާއަށް ވެސް ވީ އެވަރެވެ. މައުސޫމާ ތެދުވެގެން އައިސް އީމާގެ އަތުގައި ހިފައިލިއެވެ. އެ ތުންފަތް މަތީގައިވީ، ފުޅާ ހިނިތުންވުމެކެވެ. އީމާ ގެންގޮސް ސޯފާގައި ބައިންދާފައި، އޭނަ ފެށީ، އީމާގެ ބުރަކަށީގައި ފިރުމާށެވެ.

(ނުނިމޭ)

ކޮމެންޓް 0