"ދަރިފުޅު ލަދުގަންނާނެ ކަމެއް ނެތޭ... މިތާކު ނެތެއްނު ދުރު މީހެއް... އެއްޗެއް ބުނެބަލަ ދަރިފުޅާ..." އީމާ އެއްޗެއް ނުބުނުމުން، ދެންވެސް ވާހަކަ ދެއްކީ މައުސޫމާ އެވެ.

އީމާ ހާސްވެފައި ބަލައިލީ، މިޔާހަށެވެ. ދޭނެ ޖަވާބެއް ނޭނގޭތީ, މިޔާހް އަވަހަށް އިސްޖަހައިލިއެވެ.

********

"މަންމަމެން ބޭނުން ދުވަހެއް ރަނގަޅުވާނެ..." އިރުކޮޅަކު ވިސްނާލަން އިނދެފައި އީމާ ބުންޏެވެ.

ލިބުނު އުފަލެއްގެ ބޮޑުކަމުން، މިޔާހްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. އަދިވެސް އެއްފަހަރު އީމާ އެ ޖުމްލަ ތަކުރާރު ކުރާނެނަމައޭ އޭނަގެ ހިތަށް އެރި އެވެ.

"މަންމަގެ ދަރިފުޅު..." ޒެންހާގެ ބޮލުގައި ފިރުމާލަމުން މައުސޫމާ ވާހަކަ ދެއްކީ، ލޯބިން ފުރިގެންވީ ރާގަކަށެވެ.

މައުސޫމާއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އީމާ ކަހަލަ އަޚްލާޤު ރަނގަޅު ކުއްޖަކު، އޭނަގެ އާއިލާ ފުރިހަމަކޮށްދޭން އެއްބަސްވުމަކީ، އެ އާއިލާއަށް ލިބުނު ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ ފާތުމައަކީ ހާދަ މޮޔަ މީހެކެވެ. ލިބިފައިވާ އަގުބޮޑު ނިޢުމަތެއް އަމިއްލަ އަތުން އެ ބޭރުކޮށްލަނީ، އޭގެ އަގާއިމެދު ކުޑަކޮށް ވެސް ވިސްނައިލުމެއް ނެތި އެވެ. ފައިސާއަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫނެވެ. ފައިސާއިން ނުގަނެވޭނޭ ކިތަންމެ އެއްޗެއް މި ދުނިޔެ މަތީގައި ވެއެވެ. މީހުން ބުނަނީ ތެދެކެވެ. ނިޢުމަތެއްގެ އަގު ވަޒަން ކުރެވޭނީ، އެ ނިޢުމަތެއް އަތުން ބީވެގެން ދިޔުމުންނެވެ. އޭރުން ގިނަ ފަހަރު އޮންނާނީ ވަގުތު ފާއިތު ވެފައެވެ. ފާތުމައަށް ވެސް ވާނީ އެހެންކަމުގައި މައުސޫމާ ޤަބޫލު ކުރިއެވެ.

********

ހަސްފަތާލާއި ތަންކޮޅެއް ދުރުގައި ހުރި ކެފޭއެއްގައި އުގެއިލް އިނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނަ ވިސްނައިގެން ހުރީ، އޮޕަރޭޝަންގެ ތެރެއިން، ޑޮކްޓަރަކަށް ފައިސާ ދީގެން، ނަހީރާގެ ފުރާނަ ދުއްވައިލާށެވެ. އެކަމަކު އޭނަގެ މަޤުސަދު ފުރިހަމަވުމުގެ ކުރީން، ފުލުހުން އައުމުން އެކަން ކާމިޔާބު ވާގޮތް ނުވީ އެވެ.

އޭނައަށް މިހާރު ނަހީރާގެ އެއްވެސް މުހިއްމު ކަމެއް ނެތެވެ. ފަހަކަށް އައިސް ނަހީރާގެ ފަރާތުން ފެންނަމުން ދަނީވެސް އޭނަ ނުތަނަވަސްވާ ކަހަލަ ކަންތައް ތަކެވެ.

ސިއްރު އަބަދު ސިއްރެއްގެ ގޮތުގައި ފޮރުވާފައެއް ނުބޭއްވޭނެ އެވެ. ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ފަޅާ އަރާނެކަން ޤައިމެވެ. ކޮންމެވެސް ސަބަބަކާއިހުރެ، ހަޤީޤަތް ހާމަކުރަން މަޖުބޫރު ކުރުވާނެ އެވެ. ވަގުތު ފާއިތުވުމުގެ ކުރީން، ޒެންހާއަށް ހަޤީޤަތް ހާމަ ކުރަންޖެހޭ ކަމުގައި ޝުކޫރަށް ޤަބޫލު ކުރެވުނެވެ. ނަހީރާ އެގޮތް ބޭނުން ނުވި ނަމަވެސް، އެ ދަރިފުޅަށްޓަކައި އޭނައަށް އެކަން ކުރަން މަޖުބޫރު ވެއްޖެ އެވެ. ޒެންހާ އަންނާނޭ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޭނަ އިނެވެ.

"ޝުކޫރުބޭ!... ޔަޤީންތަ ޝުކޫރުބެއަށް ތިކަން ވާނެ ކަން؟... ކުއްލިއަކަށް ހަޤީޤަތް އެންގުން ތީ ރަނގަޅު ކަމެއްތަ؟..." ހާސްވެފައި އިން ޝުކޫރުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ވިކްޔަން ބުންޏެވެ.

ހަޤީޤަތް ހާމަކުރަން ބޭނުންވިޔަސް، ހުދު ޝުކޫރަށް ވެސް، އޭނަގެ ނިންމުމާއި ކުރިމަތިލާން ކެރިދާނެ ކަމާއިމެދު ޝައްކު ވަނީ އެވެ. އެންމެ ފަހު ވަގުތު، ފިނޑިއެއްގެ ލަގަބު ލިބިދާނެތީ، ނުތަނަވަސްކަމުން މުޅި މީހާ ވަށާލާފައި ވިއެވެ.

ލިޕްޓްގެ ތެރެއިން ނުކުމެގެން އައި ޒެންހާ އާއި މިޝަލް ފެނި، ޝުކޫރަށް ގޮނޑިން ތެދުވެވުނެވެ. ހިތްދަތި ނަޒަރަކުން ޒެންހާއަށް ބަލަހައްޓައިގެން އޭނަ ހުއްޓައި، އެ ދެމީހުން އައިސް އޭނަގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ. ވާހަކަ ފަށާނޭ ކޮޅެއް ޝުކޫރަކަށް ނޭނގުނެވެ. ހަތަރުފަރާތުން އޭނަ ފިއްތައިލާހެން ހީވެ، މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައެވެ.

"ޝުކޫރުބޭ!... ކިހިނެތްވީ؟... އެއްވެސް މީހަކަށް ކަމެއް ވީތަ؟..." ޒެންހާ ހާސްވެފައި ސުވާލު ކުރި އެވެ.

ޒެންހާ ގޮވާލިގޮތުން، ޝުކޫރުގެ ހިތް ހީވީ ވިރިގެން ފޭބި ހެންނެވެ. ކޮންމެ ބަފަޔަކު ވެސް ބޭނުންވާނީ، އެމީހެއްގެ އަމިއްލަ ދަރިފުޅުގެ ދުލުން، ބައްޕާއޭ ކިޔާ ގޮވާލުމަށެވެ.

"ދަ...ރި...ފު..ޅާ!..." ޝުކޫރުގެ އަޑު ނުކުތީ، ކެނޑިކެނޑިގެންނެވެ.

ޒެންހާ ހައިރާންވެފައި އެއްފަހަރު މިޝަލްއަށް އަނެއްފަހަރު ވިކްޔަންގެ މޫނަށް ބަލައިލި އެވެ. އެ ދެމީހުން އިސްޖަހައިލި ތަން ފެނުމުން، އޭނަގެ ހިތް ނުތަނަވަސް ކުރުވިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އޭނަ ހުއްޓާ، ޝުކޫރު ކުއްލިއަކަށް އޭނަގެ ފައިދަށަށް ތިރިވެއްޖެ އެވެ. ޒެންހާ ދިޔައީ ސިއްސައިގެންނެވެ. އޭނަ ލާންއުޅުނު ނޭވާވެސް އެތެރެހަށީގައި ތާށި ވިއެވެ.

ދެބަފައިންނަށް ފުރުސަތު ދީފައި ވިކްޔަން އާއި މިޝަލް ދިޔައީ، ހަސްފަތާލުގެ ކައިރީގައި ހުރި ކެފޭ އަކަށެވެ. ކޮފީއެއް ހިފައިގެން ދެމީހުން ވެސް ގޮސް ހުސްކޮށް ހުރި މޭޒެއްގެ ކައިރީގައި އިށީނެވެ. އެކަންތައްގަނޑުގެ ސަބަބުން ޒެންހާއަށް ކުރާނެ އަސަރެއް ނޭނގޭތީ، މިޝަލް އިނީ ކަންބޮޑު ވެފައެވެ. އެ ނޫން ކަމެއް އޭނަގެ ސިކުނޑީގައި ނުވެސް ނެތް މެއެވެ.

އުގެއިލް އިނީ، މިޝަލް މެން ތިބި މޭޒާއި މާ ދުރު ނޫން ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައެވެ. ފޯނުން ކަންފަތުގައި ޖައްސައިގެން އިނދެ، އޭނަ ވާހަކަ ދައްކަމުން ދިޔައީ ދިވެހި ބަހުންނެވެ. ފުރަގަސްދީގެން އިނުމުން، އެތަނުގައި މިޝަލް މެން ތިބި ކަމެއް، އޭނައަކަށް ނޭނގެ އެވެ.

"މިހުރިހާ ކަމެއް ތިކުރީ ކަލޭގެ އަމިއްލަ ފައިދާއަށް ދޯ؟..." އުގެއިލް ހަޅޭއްލަވައިގަތެވެ.

އެ އަޑަށް ތަނުގައި ތިބި އެންމެން ކަހަލަ ގޮތަކަށް، އުގެއިލް އާއި ދިމާއަށް ބަލާލައިފި އެވެ. ކާކު ކަމެއް ނޭނގޭތީ، އެދިމާއަށް ބަލާލާފައި ވެސް މިޝަލް އެކަން މާ ބޮޑު ކަމަކަށް ނުހަދަ އެވެ.

"އަހަރެން ނަހީރާ އާ ކައިވެނި ކުރީ ކަލޭ ބުނެގެންނޭ... އާނ! ކަލޭ ތިބުނިހެން، އަހަރެން ކަހަލަ ޒުވާނަކު ބޮޑު މުސްކުޅިޔަކާ ކައިވެންޏެއް ނުކުރާނެދޯ އަމިއްލަ ބޭނުންގަނޑެއް ނެތިއެއް... ބޭރުފުށުން ފެންނަލެއް ޒުވާނަސް، އެއީ ބޮޑު މުސްކުޅިއެކޭ..." މޭޒުގައި ގޮށްމުށުން ޖަހަމުން އުގެއިލް ބުންޏެވެ.

ނަހީރާގެ ނަން އަޑު އިވުމުން، ވިކްޔަން އަށާއި މިޝަލްއަށް އެކަކު އަނެކަކަށް ބަލައިލެވުނީ، ދެލޯ ބޮޑުކޮށްލަމުންނެވެ. ވިކްޔަންއަށް އެއީ އުގެއިލް ކަން އެނގޭކަށް ގިނަ އިރެއް ނުނެގިއެވެ.

"ކަލޭ ބުނިގޮތަށް ކަންތައް ކުރިޔަސް، އަހަންނަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުވި... ނަހީރާގެ ބިންތަކާ އެ ގެއަށްޓަކާ އަހަރެން ކުރި ބުރަ މަސައްކަތް މިވީ ފެނަށް... އެކައްޗެއްވެސް އަހަންނަކަށް ނުލިބުނު... އޭނަ ކުއްލިއަކަށް ހުރިހާ ބިމެއް ޒެންހާގެ ނަންމައްޗަށް ބަދަލުކުރަން ބޭނުން ވެއްޖެ... އަހަންނަށް އެނގޭ ފަހުވަގުތު ނަހީރާގެ ބޮލުތެރެއަށް ވަނީ ކަލޭ ކަން... އަހަރެންގެ ހަޤީޤަތް ނަހީރާއަށް އެންގި މީހަކީ ވެސް ކަލޭ... ކަލޭގެ މަޤުސަދު އަހަންނަށް ވަރަށް ސާފުކޮށް އެނގިއްޖެ... ނަހީރާގެ ހުރިހާ އެއްޗެއް ޒެންހާއަށް ލިބޭނެކަން އެނގި، އެކަމާ ރުޅި އައިސްގެން، އަހަރެން އެ ޒެންހާ އެއް މަރާލާނެކަން ކަލެއަށް އެނގޭތީ... މި ހުރިހާ ދުވަހު ކަލޭ ރޭވި ނުބައި ރޭވުންގަނޑުގެ މަގުސަދަކީ އެއީ އެއްނު..." ރުޅިއައިސްފައިވާލެއް ބޮޑުކަމުން، އުގެއިލް ހަޅޭއްލަވަމުން ދިޔައީ، ތަނުގައި ތިބި މީހުންނާއިމެދު ވެސް ވިސްނައިލުމެއް ނެތި އެވެ.

އިވެމުންދިޔަ ވާހަކަތަކެއްގެ ސަބަބުން، މިޝަލް އާއި ވިކްޔަން ތިބީ ހުއްޓުން އަރާފައެވެ. އުގެއިލް ވާހަކަ ދައްކަމުން އެދަނީ ކާކަށް ހެއްޔެވެ؟ އެވަރުގެ ނުބައި ރޭވުމެއް ރާވާނީ، ކޮން ކަހަލަ ހަސަދަވެރިކަމެއް ހިތުގައި ލައިގެން އުޅޭ މީހެއް ހެއްޔެވެ؟ އެ ވާހަކަތަކުން މިޝަލްއަށް ޔަޤީންވި ކަމަކީ ޒެންހާގެ ދުޝްމަނަކީ، ދުރު މީހެއް ނޫން ކަމެވެ.

ޝުކޫރު ގުޅާފައި ޒެންހާ އެކަނިމާއެކަނި ޓެކްސީއަކަށް އަރައިގެން ދާންއުޅޭ ވާހަކަ ބުނުމުން، މިޝަލް އަވަސް އަވަހަށް ކެފޭއިން ނުކުތެވެ. އުގެއިލް ދައްކާ ވާހަކައެއް އަޑުއަހަން ވިކްޔަން އެތަނުގައި މަޑުކުރީ އެވެ.

މިޝަލް ދިޔައިރު، ޒެންހާ ޓެކްސީއަށް އަރަނީ އެވެ. ޓެކްސީ ނައްޓާލުމުގެ ކުރިން، އޭނައަށް އެ ހިސާބަށް ދެވުނީ ކިރިޔާ އެވެ. ޒެންހާގެ ފަހަތުން އޭނަވެސް އެއަށް އެރި އެވެ.

ޒެންހާ އިސްއުފުލައި ބަލައިވެސް ނުލިއެވެ. ރޮއެރޮއެ ގިސްލެވެމުން ދިޔަ ނަމަވެސް، ކަރުނަތައް ފޮހެލަ ފޮހެލާ އޭނަ އިނެވެ. އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން އޭނަ އިނީ މުޅި ދުނިޔެ މަތީންވެސް ފޫހި ވެފައެވެ. މައިންބަފައިން ކަމުގައި ދެކިގެން އޭނަ އެންމެ ލޯބިން އުޅުނު ދެމީހުން ވެސް އޭނައަށް އޮޅުވާލީ އެވެ.

ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެކެވެ. އެންމެ ކައިރީގައި ހީހީފައި އުޅޭ އެތައް ބަޔަކު، މާދަމާ ހަތުރަކަށް ވެގެން ދަނީ ވެސް ނޭނގި ތިއްބަ އެވެ.

********

ދެ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޒެންހާގެ ތަބީއަތަކަށް ބަދަލެއް ނައެވެ. ރުއިން ނޫންކަމެއް ނުކުރެ އެވެ. އެއްވެސް ތަނަކަށް ދާކަށް ވެސް އެއްބަހެއް ނުވެއެވެ. އަބަދު ކަމަކީ ނިދުމެވެ. ނުނިދޭ ވަގުތުތަކުގައި ރުއިމެވެ.

ޒެންހާގެ ޓެސްޓްތަކުގެ ނަތީޖާ ލިބިގެން ހަސްފަތާލުން ގުޅުމުން، އެތަނަށް ދާކަށް ވެސް ޒެންހާ އެއްބަހެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް، އޭނައަށް ވަރިހަމަ ކަހަލަ އެވެ. އެހާވެސް ބޮޑަށް އޭނަ ވަނީ، މުޅި ދިރިއުޅުންމަތީން ފޫހި ވެފަ އެވެ. ޒެންހާ ނުދިޔުމުން ނަތީޖާތައް ނަގަން ދިޔައީ މިޝަލް އެކަންޏެވެ.

"ނެތް އެއްވެސް މައްސަލައެއް..." ނަތީޖާތައް ބަލާފައި ޑަކުޓަރު ބުންޏެވެ.

މިޝަލްއަށް ޤަބޫލު ނުކުރެވިގެން ޒެންހާއަށް ވީ ގޮތްތަކުގެ ވާހަކަ ތަކުރާރުކޮށް ޑަކުޓަރަށް ކިޔައިދިނެވެ. ޝައުޤުވެރިކަމާއިއެކީ އަޑުއަހަން އިނދެފައި ޑަކުޓަރު ބޯ ޖަހާލައިފި އެވެ.

"ތިކަހަލަ ކަމެއް ނުފެންނާނެއެކޭ ބުނެވޭކަށް ނެތް... އެކަމަކު، ކަމަކާނުލާ ހަމަ ރަނގަޅަށް ހުރި މީހެއްގެ ތިކަހަލަ އަލާމާތްތަކެއް ފެނުން ތީ ނާދިރު ކަމެއް... ދެން އޮތީ ދެގޮތެއް، އެއްގޮތަކީ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ގޮތުން، އެކުއްޖާ ގަސްދުގައި ބޭސްތަކެއް ކެއުން... ނޫނީ އޮޅިގެން ގޯސް ބޭސްތަކެއް ކެވުން..." ޑަކުޓަރު ވިސްނާލާފައި ބުންޏެވެ.

ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެ ވާހަކަތަކާއިމެދު މިޝަލްއަށް ވިސްނައިލެވުނެވެ. ޑަކުޓަރު އެ ދެއްކީ އޭގެ ކުރިން އޭނައަށް އެއްވެސް ވަރަކަށް ވިސްނާލެވިފައިވާ ކަހަލަ ވާހަކަތަކެއް ނޫނެވެ.

"އެއްވެސް އިރެއްގަ އަމިއްލަ ނަފުސަށް ގެއްލުން ދޭން އެކުއްޖާ މަސައްކަތް ކުރި ކަމެއް އެނގޭތަ؟..." ޑަކުޓަރު ސުވާލު ކުރިއެވެ.

މިޝަލް ދެފަރާތަށް ބޯ ހޫރާލިއެވެ. ޒެންހާއަކީ އެފަދަ ކަމެއް ކުރާ ވަރަށްވުރެ، މާ ވިސްނޭ ކުއްޖެކެވެ. އެކަމަކު، ޑަކުޓަރުގެ އެ ވާހަކަތަކުން، އޭނަގެ މުޅި ހިތް ނުތަނަވަސް ކުރުވީ، ހިތުގައި އުފެދިގެން އައި ވަސްވާސް ތަކަކުންނެވެ. އެބައްޔަކީ ޒެންހާ ގަސްދުގައި ކުރި ކަމަކުން އެންމެންނަށް ދައްކާލި ދަޅައެއް ހެއްޔެވެ؟ އޭނަގެ ލޯބި ހޯދަން ބޭނުންކޮށްލި މޮޅު އުކުޅެއް ހެއްޔެވެ؟ އީމާ ލޯބިވާކަން އެނގިހުރެ، އެ ލޯތްބަށް ހުރަސް އެޅުމަށް ކުރި ކަމެއް ހެއްޔެވެ؟ އެހެން އެކަން ވެއްޖެނަމަ، ޒެންހާގެ މަޤުސަދު ހާސިލު ވެއްޖެ އެވެ.

ތަފާތު ވަސްވާސްތަކުން މިޝަލްގެ ހިތް ނުތަނަވަސްވާން ފެށީ، މާ ވަރަކަށެވެ. އެނބުރި ހޮޓަލަށް ދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ނިންމީ އެދުވަހުގެ ބާކީބައި އޭނަގެ މަންމަގެ ކައިރީގައި ހޭދަ ކުރުމަށެވެ.

********

ކައިވެނީގެ ކަންތައްތަކުގައި މައުސޫމާ އާއި މިޔާހް އަވަދިނެތި އުޅުނުއިރު، އީމާ އުޅުނީ މުޅީން އެހެން ކަމެއްގަ އެވެ. ޝުކޫރުގެ ހަޤީޤަތް ހޯދުމަށް ކުރި މަސައްކަތުން ގިނަ ކަންތައްތަކެއް އޭނަ ހޯދި އެވެ. ޒެންހާގެ ހަޤީޤީ މައިންބަފައިންނަކީ އާބިދާ އާއި ޒުބޭރު ނޫން ކަން އެނގުމުން، އޭނައަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އޭނަ ހުރީ އެކަމާއި ބެހޭގޮތުން ޒެންހާ އާއި ވާހަކަ ދައްކަން ނުހަނު ބޭނުން ވެފައެވެ. އެކަމަކު ގުޅަން ޖެހެނީ މިޝަލްގެ ފޯނަށް ކަމުން، ކޮންމެ ފަހަރަކު ވެސް އެ ޚިޔާލު ދޫކޮށްލަން އޭނައަށް މަޖުބޫރު ވަނީ އެވެ.

ނަހީރާގެ ގެ ބެލެހެއްޓުމާއި ހަވާލުކޮށްފައި އޮންނަނީ އައިމިނަ އަށެވެ. އައިމިނަ އެ ގެ ސާފުކުރަން ދިޔައިރު އީމާ ވެސް އޭނަ އާއި އެކުގައި ދިޔަ އެވެ. އެއީ ޒެންހާ އެ ރަށަށް ގޮސްފައި ދިރިއުޅުނު ގެއެވެ. ގޭގެ އެކި ތަންތަން ބަލަމުން ދަނިކޮށް، އޭނަގެ ލޮލުގައި އަޅައިގަތީ، ޓީވީ ރެކް މަތީގައި ބައިންދާފައިވާ އަންހެނެއްގެ ތަސްވީރެއްގަ އެވެ.

އީމާ އެ ތަސްވީރަށް ބަލަން ހުއްޓައި، އައިމިނަ ގޮސް އޭނަގެ ކައިރީގައި ހުއްޓިއްޖެ އެވެ.

"ތީ ނަހީރާ... މިގޭގެ ވެރިމީހާ..." ތަސްވީރަށް ފުން ނަޒަރެއް ދެމުން، އައިމިނަ ބުންޏެވެ.

"ޝުކޫރުބެގެ އަންހެނުން ދޯ؟... މިހާރު ނަހީރާއްތަ ކޮބާ؟..." އީމާ ބޭނުންވި ކަހަލަ ފުރުސަތެއް ލިބުމުން، ދަނޑިވަޅުގެ ބޭނުންހިފައި، އަވަހަށް ސުވާލުކޮށްލައިފި އެވެ.

"އަހަރެން ވަރަށް ރުޅިއާދޭ ޝުކޫރު ދެކެ... ކިހިނެތް އުފަލުގަ އުޅުނު ނަހީރާއެއް އެއީ... އެ ޝުކޫރުގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން ހަލާކުވީ... ފިރެހެނުންގެ އުނދަގޫ ޖެހެނީއޭ ކިޔާފަ، ނަހީރާގެ މަންމަމެން އޭނަގެ އުމުރުން އެންމެ ސޯޅަ އަހަރުގަ ކައިވެނި ކުރުވައިފި... އެ ޝުކޫރަކީ ކުރިން ވަރަށް ހަރުކަށި މީހެއް... އެހާ ވަރަށް މީހުންނަށް އަނިޔާވެސް ކުރާނެ... އެ ކައިވެނީގެ ކުރިން އަހަރެމެން އުޅުނީ ވަރަށް އެއްކޮށް... އަހަންނާ، އާބިދާ އާ ޒުބޭރާ..." މާޒީގެ ހަނދާން އާކޮށްލަމުން އައިމިނަ ވާހަކަ ދެއްކި އެވެ. އެކުވެރިންގެ ވާހަކަ ދެއްކިއިރު، އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އިސާހިތަކު އެ ހިނިތުންވުން ފަނޑުވެއްޖެ އެވެ.

"ނަހީރާ ލޯބިވީ އީމާގެ ބައްޕަދެކެ... އަހަންނަށް އެކަން އެނގޭ އިރުވެސް، ނޭނގޭ ކަމަށް ހަދައިގެން ހުރީ ނަހީރާގެ މަންމަމެންގެ ގޮތް އެނގޭތީ... އީމާގެ ބައްޕަ އެ ފާތުމަ އާ ކައިވެނި ކުރި ދުވަހު، އަހަރެން ދުށިން ނަހީރާގެ ދެލޮލުން އޮހޮރުނުހާ ކަރުނަ... ހުރިހާ ހަޤީޤަތެއް އެނގިހުރެ ފާތުމަ ނަހީރާއަށް ދިން ލަނޑެކޭ އެއީ އަހަރެން ބުނާނީ... ހާދަ ހިތްދަތި ހާލެއްގައޭ ނަހީރާ އުޅުނީ... އީމާއަށް އެނގޭތަ؟... އީމާގެ ބައްޕަ ވެސް ނަހީރާދެކެ ލޯބިވިއޭ... އަހަންނަށް އެކަން އެނގުނީ ފާތުމަ އެއްދުވަހަކު، ރުޅި އައިސްގެން ގޮވާލި ފަތިވަރެއް އަޑު އިވުނީމަ... އެދުވަހު އެހާވަރު ކޮށްލީމަ ވެސް، އީމާގެ ބައްޕަ ހަމަ އަނގައިން ވެސް ނުބުނެ އިނޭ..." އައިމިނަ ވާހަކަ ދެއްކީ އީމާގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުރެ އެވެ.

އީމާއަށް ކުއްލި ސިހުމެއް ލިބުނެވެ. ބައްޕަގެ މަޑުމައިތިރި މިޒާޖާއި، އޭނަގެ މަންމަ އެ ބައްޕަދެކެ ކުރާ ނަފުރަތުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އޭނައަށް އެ އެނގުނީ އަދިކިރިޔާ އެވެ. އޭނަގެ ހަނދާނަށް އައީ ޒެންހާއަށްޓަކައި އޭނަ މިޝަލްގެ މަތީން ހަނދާން ނައްތާލަން ކުރި މަސައްކަތެވެ. އޭނައަށް ހީވީ، މާޒީ އިއާދަވެގެން އައި ހެންނެވެ. އޭނައަށް ދެފަރާތަށް ބޯ ހޫރާ ލެވުނެވެ. އެއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

(ނުނިމޭ

ކޮމެންޓް 0