ކުށެއް ނެތް ސާފު ހިތެއްގެ ވެރި އެ އަންހެން ކުއްޖާ އާއިމެދު ގޯސްކޮށް ވިސްނުނީތީ މިޝަލް ދެރަ ވިއެވެ. އޭނަގެ އެހީތެރިކަން ޒެންހާއަށް އެންމެ ބޭނުނ ްވި ވަގުތު، ދުރަށް ދެވުނީތީ، އެކަމާއި ހިތާމަ ކުރި އެވެ. އޭނަ ހުރީ އެކަމާއި މައާފަށް އެދެން ބޭނުން ވެފައެވެ. އިރުކޮޅަކު އެހެން ހުރެފައި މިޝަލް ފަސް އެނބުރި ހިނގައިގަތީ، އެތަނުން ނުކުތުމަށެވެ. ދޮރުމަތީގައި ހުރި ވިކްޔަން ފެނުމުން، އޭނަގެ ފިޔަވަޅުތައް މަޑު ޖެހުނެވެ.

********

ވިކްޔަން ހުރީ، ދެތަށި ކޮފީ ހިފައިގެންނެވެ. ފެނުނު މަންޒަރުން ދެމަފިރިންގެ ގުޅުން މިހާރު އޮތް ހިސާބު އޭނައަށް ރަނގަޅަށް އެނގުނެވެ. ޒެންހާއަކީ އޭނަގެ ހިތް އެދޭފަދަ ސިފަތަކެއް ހުރި އަންހެން ކުއްޖެކެވެ. އޭނައަށް އެ އަންހެން ކުއްޖާ ކަމުދެއެވެ. އެކަމަކު، ދެމަފިރިންގެ ދެމެދަށް ވަނުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އަމުދުން ދެމީހުންގެ ގުޅުން ރަނގަޅުވެފައި ވަނިކޮށެވެ.

ވިކްޔަން ހިނިތުންވެލި އެވެ. ޒެންހާ އާއި ދޭތެރޭ އެފަދަ ގޮތަކަށް ދެން ނުވިސްނުމަށް އޭނަގެ އަމިއްލަ ނަފުސަށް ވައުދު ވިއެވެ. މިޝަލް ނުކުތުމުން، އޭނަ އެއް ކޮފީތަށި ދިއްކޮށްލި އެވެ. ކޮފީތަށި ހިފައިގެން، ދެމީހުން އެކުގައި ހަސްފަތާލުގެ ގޯތި ތެރެއަށް ނުކުތެވެ.

"ޝުކޫރުބޭ ބުނިހެން ހީވި، މިޝަލް ލޯބިވަނީ އެހެން މީހަކު ދެކެއޭ... އެކަމަކު ދެންމެ ފެނުނު މަންޒަރުން، މިޝަލް ޒެނީއަށް އަޅާލާވަރު އެނގިއްޖެ... ހިއެއް ނުވޭ ތި ދެމީހުން ދުރުވާނެ ހެނެއް... އެހެންވީމަ، އަހަރެން ދެން ޒެނީ ލިބޭނެކަމަށް މިކުރާ އުއްމީދު ކަނޑާލަންވީ ދޯ؟..." ދެމާނަ އެކުލެވޭނޭހެން ވިކްޔަން ސުވާލުކުރީ، ޖެއްސުމުގެ ރާގަކަށެވެ.

މިޝަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ދެލޯ ހަނިކޮށްލަމުން، ވިކްޔަންގެ މޫނަށް ބަލައިލި އެވެ. ވިކްޔަން އެހެން ބުނީ ޖެއްސުމަށް ކަން އެނގުނު ނަމަވެސް އޭނަގެ ހިތަށް ގޮތެއް ވެގެން ދިޔަ އެވެ. އެ އަޑު އަހަން ފަސޭހައެއް ނުވި އެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ދެމީހުން ވެސް އިރުކޮޅަކު ތިއްބެވެ. ދެން ކުއްލިއަކަށް ދެމީހުން އެއްފަހަރާ ހޭން ފަށައިފި އެވެ.

"ކިއާރާ!..." ހެމުންދިޔަ މިޝަލް ކުއްލިއަކަށް ވިކްޔަންގެ ފުރަގަހަށް އިޝާރާތް ކުރަމުން ބުންޏެވެ.

ވިކްޔަން ސިހިފައި ފަސްއެނބުރި ބަލައިލި އެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް މިޝަލް ހޭން ފެށި އެވެ. އޭނަ ވެސް ގަސްދުގައި ޖެއްސުމެއް ކޮށްލީ އެވެ. އެކަން އެނގުމުން، ވިކްޔަން އޭނަގެ މޫނަށް ވައްތަރެއް ޖައްސައިލި އެވެ.

"އިނގޭތަ އުގެއިލް ހައްޔަރު ކުރިކަން... އޭނަގެ އޮވޭ ބޮޑު ގޭންގެއް ވެސް... އެ އެންމެން ހައްޔަރުކޮށްފި..." ވިކްޔަންގެ މޫނުމަތީގައި ކުރިން ހުރި ސަމާސާ ކުލަވަރު ބަދަލު ވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމާއި ކަންބޮޑު ވުމުގެ އަސަރެވެ. "އަހަންނޭ ފުލުހުންނަށް ރިޕޯޓުކުރީ ވެސް... އުގެއިލް ދެއްކި ހުރިހާ ވާހަކައެއް ރެކޯޑުކޮށްފަ އަހަރެން ފުލުހުންނަށް އެ ފޮނުވީ... އެވަރުން ހެކި ލިބޭނެތާ..." ވިކްޔަން އިތުރު ތަފުސީލް ދިނެވެ.

ނަހީރާ މަރާލަން ހަމަލާދީ، ޒެންހާއަށް ގެއްލުން ދޭން އުޅުނީ، އުގެއިލް ކަމަށް ވިކްޔަން ބުންޏެވެ. އަދި ޒެންހާއަށް ގެއްލުން ދޭން މަސައްކަތް ކޮށްގެން، ކުރިން ހައްޔަރު ކުރެވުނު މީހާ، ނަހީރާ އޭ ކިޔައިގެން ދެއްކީ، ދޮގު ވާހަކަތަކެއް ކަމަށާއި، އެމީހާ އެވާހަކަ އެގޮތަށް ބުނީ، އުގެއިލްގެ ރޭވުމަކުން ކަމަށް ފަހުން ކުރި ތަހުޤީޤުތަކުގައި އެއްބަސް ވެފައިވާ ކަމަށް ވެސް އޭނަ ބުންޏެވެ.

"އުގެއިލްއަކަށް ލާހިކެއް ނޫން ދެން ސަލާމަތްވާކަށް..." ވިކްޔަން ޔަޤީންކަމާއި އެކުގައި ބުންޏެވެ. "އާނ!... އަދި އިނގޭތަ... އޭރު އުގެއިލް ގުޅައިގެން ވާހަކަ ދެއްކީ، ކޮންމެވެސް ފުއާދު ކިޔާ މީހަކާ... އަހަންނަށް ހީވަނީ، މިކަމުގެ އަޑީގަ ހުރީ އެ ފުއާދު ހެން... އެ ނަން ކިޔާ މީހަކު ދަންނަންތަ؟..." ވިކްޔަން އަހައިލި އެވެ.

މިޝަލްއަށް ދޫކޮށްލެވުނީ، ފުން ނޭވާ އެކެވެ. އެފަދަ ލަދުވެތި އަމަލެއްގައި އޭނަގެ އާއިލާގެ މީހަކު ބައިވެރިވި ވާހަކަ އެހެން މީހެއްގެ ކުރިމަތީގައި ހާމަކުރަން އޭނައަކަށް ފަސޭހައެއް ނުވި އެވެ. އެކަމަކު އެފަދަ ނުބައި އަމަލެއް ސިއްރު ކުރަން އޭނަގެ ޒަމީރު އެއްބަހެއް ނުވި އެވެ. ހަޤީޤަތް ފަޅާއަރާކަށް ގިނަ ވަގުތެއް ނެތެވެ. އޭނަ އެ އައީ، ފުއާދުގެ މައްސަލަ ދިވެހި ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އެވާހަކަ އޭނަ ވިކްޔަންއަށް ހާމަކުރީ އަސަރާއި އެކުގަ އެވެ.

"ކީކޭ؟..." ވިކްޔަންގެ ދެލޯ ބޮޑު ވިއެވެ.

"ތި އަޑު އިވުނީ ރަނގަޅަށް... ބޮޑުބޭބެ ކުރީ އެންމެ ކުށެއް ނޫން... ޒެންހާގެ ރިޕޯޓުތައް ބަދަލުކޮށް، ކައިވެނި ޕާޓީގަ އަހަރެމެންގެ ކަންކަން ޖާސޫސްކޮށް ހެދީ ޒެންހާގެ މަންމަ ބުނެގެން އަހަރެންގެ ބޮޑުބޭބެ..." މިޝަލް ހިންދިރުވައިލި އެވެ. ކޮޅަށް ހުރުމަށް ދަތިވެ، އޭނަ ގޮސް، ގޮނޑިއެއްގައި އިށީނެވެ. ފަހަތުން ވިކްޔަން ވެސް ގޮސް މިޝަލްގެ ކައިރީގައި އިށީނދެއްޖެވެ.

"ޒެންހާ ބަލިވީ ބޮޑުބޭބެ ކުރި ކަމަކުން... އޭނައަށް ނޭނގި، ބޭސްތަކެއް ކާންދިނީ... އެކަމަކު އެއީ، އަހަރެމެންގެ ލޯމައްޗަށް ދައްކާލުމަށް ކުރި ކަމެއް... އޭރު ޒެންހާ ކާއެއްޗެހި ގެންދަނީ ހޮޓަލުން... ކާކު ހީކުރާނީ ހޮޓަލުން ގެންނަ ކާއެއްޗެއްސަށް އެއްޗެއް އަޅާފަ ހުންނާނެއޭ... ޑޮކްޓަރަކަށް ވެހުރެ، ބޮޑުބޭބެ އެކަން ކުރީ ފައިސާއަށް... ބޮޑުބޭބެ ބުނީ އެކަން ކުރީ، ޒެންހާގެ މަންމަ ބުނެގެނޭ... އެކަމަކު، އަހަންނަށް ނުވިސްނެނީ، މަޔަކު އެވަރުގެ ކަމެއް މީހަކު ލައްވާ އެ ކުރުވީ ކީއްވެ ކަން..."

މިޝަލް އޭނާގެ ފަހު ޖުމްލަ ބުނެފައި، ވިކްޔަންގެ މޫނަށް ބަލައިލި އެވެ. އޭރު ވިކްޔަން އިނީ، ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. އިވުނު ވާހަކަތަކެއްގެ ސަބަބުން އޭނަގެ ސިކުނޑި ވަނީ މަސައްކަތް ކުރުން ހުއްޓާލާފަ އެވެ.

"މިކަން މިވީ ރާޒުވާ ކުޅިގަނޑަކަށްތާ... ތި ހުރިހާ ކަމަކަށް ޖަވާބުދެވޭނެ މީހަކަށް ހުރީ، ނަހީރާއްތަ؟..." ފުން ނޭވާ އެއް ދޫކޮށްލަމުން ވިކްޔަން ބުންޏެވެ.

********

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ނަހީރާ އޮތް ވޯޑުގެ ދޮރުގައި ޓަކި ޖަހައިލި އަޑަށް، ޝުކޫރު ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ތިބި ދެ ފުލުހުން ފެނި، އޭނަ ފަސްއެނބުރި ނަހީރާ އާއި ދިމާއަށް ބަލައިލީ ކަންބޮޑުވެފަ އެވެ.

"ފަހުން ދުރުވަންވީނޫންތޯ... ޕޭޝަންޓްގެ ހާލު އަދި އެހާ ރަނގަޅެއް ނޫން..." ޝުކޫރު ވާހަކަ ދެއްކީ އިނގިރޭސި ބަހުން ނަހީރާއަށް އަޑު ނީވޭނެ ވަރަށް މަޑުންނެވެ.

"އަޅުގަނޑުމެން މިއައީ ޑޮކްޓަރާ މަޝްވަރާކޮށްފަ، ވާާހަކަ ދެއްކޭ ވަރަށް ޕޭޝަންޓްގެ ހާލު ރަނގަޅު ކަމަށް ބުނީމަ..." ފުލުހުންގެ ތެރެއިން މީހަކު ބުންޏެވެ.

އިތުރު ގޮތެއް ނެތުމުން، ފުލުހުން އެތެރެއަށް ވަނުމަށް ތަން ދައްކާފައި އޭނަ ނުކުތީ، ބޭރަށެވެ. އެއީ ފާޚާނާއިން ނުކުތުމަށް ޒެންހާ ދޮރު ހުޅުވާލި ވަގުތެވެ. އެތެރެއަށް ވަން ފުލުހުން ފެނި، އޭނަ އަވަހަށް ފާޚާނާގެ ތެރެއަށް ދެމިގަތެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ލެއްޕި އެވެ.

އުގެއިލް އާއި ބެހޭގޮތުން ފުލުހުން ކުރަންފެށި ސުވާލުތަކަށް ޖަވާބު ދެމުންގޮސް، ނަހީރާއަށް ފެށުނީ، މުޅީން އެހެން ވާހަކަ އެކެވެ. ކަރުނުން ދެލޯ ފޯވެފައިވާ ހާލު، ހިތުގެ އުދާސްތައް ފުލުހުންގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައީ، ލޯބިވާ ދަރިފުޅުގެ ކަންފަތާއި ހަމައަށް އެ އަޑު ފޯރާނެ ކަމަކަށް ނޫނެވެ. ނަހީރާ އޮތް ކޮޓަރީގެ ބޭރުގައި ތިބި، މިޝަލް އާއި ވިކްޔަންގެ އިތުރުން ޝުކޫރު ދިޔައީ، ވެސް އެ ވާހަކަތައް ކަނުލައި އަޑު އަހަމުންނެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންގެ ދަރިފުޅުދެކެ ލޯބިވަން... އިންތިހާއަށް ލޯބިވަން... އަހަރެން ކުރި ކަމެއް ކުރީ، އެ ދަރިފުޅަށްޓަކާ... އެކަމަކު އެ ދަރިފުޅުގެ ބައްޕަދެކެ ކުރެވުނު ނަފުރަތެއްގެ ސަބަބުން އަހަރެން ބޭނުންވީ އެ ދެބަފައިން ދުރު ކުރަން... އެ ނަފުރަތު އަހަރެންގެ ދެލޯ ކަނު އެއްޗަކަށް ހަދާލީ... އަމިއްލަ ދަރިފުޅާ ދުރަށް ދިޔައީ އަހަރެންގެ މޮޔަ ކަމުން... ކިތަންމެ ދުރުގަ ހުއްޓަސް، ދަރިފުޅުގެ ހުރިހާ ކަމެއް އަހަރެން ވަރަށް ގާތުން ބެލިން... އަހަރެން ބޭނުންވީ އެ ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބެން... އަހަރެންގެ އެކުވެރިން އަހަރެންގެ އުއްމީދު ފުރިހަމަ ކޮށްދީފި... އެކަމަކު، އެ މިހުރިހާ ކަމެއް އެނގޭ ދުވަހަކުން، އެ ދަރިފުޅުގެ ހިތް ފުނޑުފުނޑުވާނެ..." ރޮވޭ ވަރުން ނަހީރާއަށް ވާހަކަ ދެއްކުނީ ހުއްޓަމުންނެވެ.

ނަހީރާގެ ހަނދާނަށް މާޒީގެ އެތައް ކަމެއް އަންނަމުން ދިޔަ އެވެ. އަމިއްލަ ދަރިފުޅާއި ދޭތެރޭ ކަންތައް ކުރެވުނު ނިކަމެތި ގޮތް ހަނދާންވެ، އޭނައަށް ދެލޯ މަރާލެވުނެވެ. ޒެންހާ އޭނަގެ އުފަން ރަށަށް ދިޔަ ފުރަތަމަ ދުވަހު ވެއްޓިގެން ހަސްފަތާލަށް ގެންދިޔުމުން، ބޭސްތައް ކާންދިނުމުގެ ޚިޔާލު ދިނީ ފުއާދެވެ. އެ ބޭސްތަކުން ވަގުތީ ތަކުލީފެއް ފިޔަވައި އިތުރު ގެއްލުމެއް ޒެންހާއަށް ނުވާނޭ ކަމުގެ ޔަޤީންކަން އޭނަ އޮތީ ދީފަ އެވެ. ފުއާދާއި އޭނަގެ އެންމެ ގާތް އެކުވެރިޔާ މަސައްކަތް ކުރަމުން ދިޔައީ، އަތޮޅު ހަސްފަތާލުގަ އެވެ. ޒެންހާ އާއި މިޝަލް ގުޅުވުން ވެސް އެއީ، ފުއާދު އޭނައަށް ދިން ޚިޔާލެކެވެ. ފައިސާ އާއި މުދާތަކުގެ ބޭނުމުގައި ފުއާދު ރޭވި މޮޅު ރޭވުން އޭނައަށް ވެސް ކަމުދިޔައީ އެވެ. އަމިއްލަ ދަރިފުޅަށް ލިބޭނޭ ގެއްލުމާއިމެދު އޭނައަށް ވިސްނައިނުލެވުނީ ބަދަލު ހިފުމުގެ ރޫހު ހިތުގައި ގަދަވެގަތް ވަރުންނެވެ. އަލަތު ލޯބި ފޭރިގަތުގެ ބަދަލު ފާތުމަގެ ކިބައިން ހިފުމަކީ އޭނަގެ މަޤުސަދު ކަމުގައި ވިއެވެ. މިޝަލް އީމާދެކެ ލޯބިވާކަން އެނގިހުރެމެ، އެ ދެމެދަށް ވަންނަން އޭނަ ބޭނުންވީ، އެހެންވެ އެެވެ. އޭނައަށް ނުވިސްނުނީ، އޭނަގެ އަމަލުތަކުން އޭގެ ހިތާމަ އެންމެ ބޮޑަށް ކުރާނީ ހުދު އޭނަގެ އަމިއްލަ ދަރިފުޅަށް ކަމެވެ. އެކަމުން، ފާތުމައަށް ލިބުނު ގެއްލުމެއް ނެތެވެ. ބަދަލުގައި އަނިޔާ ލިބުނީ، އޭނަގެ އަމިއްލަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ، ކުށެއް ނެތް މައުސޫމު އަންހެން ކުއްޖަކަށެވެ. އެވާހަކަތައް ފުލުހުންނާއި ޚިއްސާ ކުރަމުން ދިޔައިރު، ނަހީރާއަށް ގިސްލެވެ އެވެ.

"އުގެއިލް އަކީ އަހަރެންގެ ފިރިމީހާ... އަހަންނާ އުގެއިލް ދިމާވީ ރަށުން... ގެސްޓްހައުސްއެއް ހަދަން ބިންކޮޅެއް ގަންނަން އުގެއިލް ރަށަށް ގޮސް ހުރީ ފުއާދުގެ އެކުވެރިކަމުގަ އޭނަ އާ އެކު... އޭރުވެސް އަހަރެން ފުއާދު ދަންނަން... މާޒީގަ އަހަރެން ކުރި ބޮޑު ފާފައެއް އުގެއިލްއަށް ފެނުނީ... އެކަން ސިއްރުކުރަން އެދުނީމަ އުގެއިލް އެދުނީ ކައިވެންޏަށް... ދެން އޭރު އަހަރެން ހުރީ، ރާއްޖެމަތީން މުޅީން ފޫހިވެފަ... އެހެންވެ ކައިވެނިކޮށްގެން މިކޮޅަށް ބަދަލުވީ... އެއްކަމެއް ފޮރުވަން ކުރި އެތައް ކަމަކުން މިއަދު މިހުރިހާ ހިތާމައަކާއި ކުރިމަތިލާން މިޖެހުނީ..." ނަހީރާ ރޮމުން ވާހަކަ ދެއްކި އެވެ.

"އަހަންްނަށް ފަހުން އެނގުނު ފުއާދުގެ ފަރާތުން އުގެއިލްއަށް ހަޤީޤަތް އެނގުނުކަން... ފުއާދު ހީކުރީ އުގެއިލްގެ ފަރާތުން ވަރަށް އެއްޗެހި ލިބޭނެ ކަމަށް... އެކަމަކު އުގެއިލް އަކީ އެއަށްވުރެ ދަހި މީހެއް... އަމިއްލަ އަތުން ލޯ ލާރިއެއްގެ މިންވަރުވެސް އެހެން މީހަކަށް ޚަރަދު ނުކުރާނެ.... އަހަރެންގެ ހުރިހާ ބިމެއް އުގެއިލްގެ ނަމަށް ބަދަލު ކުރަން އޭނަ ވަރަށް މަސައްކަތް ކުރި... ތަފާތު ބަހަނާ ދައްކައިގެން، އެ ހުރިހާ ދުވަހު ވެސް އަހަރެން ހިފަހައްޓާލީ... އަހަރެންގެ ދަރިއަކު ހުރިކަން އެނގުނު ހިސާބުން، އުގެއިލްގެ ކެތްތެރިކަން ކޮޅުންލީ... އޭނަ ދެން މަސައްކަތް ކުރީ އެކި ގޮތްގޮތުން ޒެންހާއަށް ގެއްލުން ދޭން... އެކަން ނުވީމަ، އަހަރެންގެ ދުވަސް ދުއްވާލަން މަސައްކަތް ކުރީ..."

ނަހީރާ ކިޔައިދިނެވެ. ފަހު ޖުމްލަ އާއިއެކު އެ ހަށިގަނޑު ތުރުތުރު އަޅަން ފެށި އެވެ. އުގެއިލްގެ އެ އަނިޔާވެރިކަން ހިތަށް އަރުވައިލިޔަސް، އޭނަގެ ހިތް ނެގިނެގިފައި ޖެހެން ފަށަ އެވެ.

ބޭނުންވި މައުލޫމާތު ނަގައިގެން ފުލުހުން ދިޔުމުން ނަހީރާ އެކަނި ވިއެވެ. މިޝަލް އެތެރެއަށް ވަނީ ފުލުހުން ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭރުވެސް ނަހީރާ އޮތީ ރޯށެވެ. ކޮޓަރި ތެރެއިން ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. އޭނައަށް މިޝަލް ފެނުމުން، ދެލޯ މަރާލައިފި އެވެ. އެކަކުގެ މައާފެއްވެސް މިއަދު އޭނައަކަށް ހައްޤެއް ނޫނޭ ނަހީރާގެ ހިތަށް އެރި އެވެ. ނަހީރާ ވާހަކަ ދައްކަން ފެށީ މިޝަލް ގޮސް ގޮނޑީގައި އިށީނުމުންނެވެ.

"އެދުވަހު ޒެންހާ އަނބުރައިގަތީ ގިނައިރު ނުކައި ހުރީމަ... އަހަރެމެންގެ ރޭވުން ޝުކޫރަށް އެނގުނީ، ދަރިފުޅުމެންގެ ކައިވެނީގެ ރޭ... އެރޭ އަހަރެން ބުނެގެން ފުއާދު ރިސޯޓަށް ދިޔައީ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކަމެއް ގޯސްކޮށް ވިޔަ ނުދޭން ވެގެން... އެހެން ހުއްޓާ ޝުކޫރަށް އަޑު އިވުނީ ފުއާދު އަަހަންނާ ގުޅައިގެން ހުރެ ދެއްކި ވާހަކަތައް... ފުއާދު އަތުން ނަންބަރު ހޯދައިގެން ޝުކޫރު އަހަންނަށް ގުޅާފަ ބުނީ އެކަން ހުއްޓަން... އޭރު ކައިވެނި ކުރެވިއްޖެ... ދެން ޝުކޫރު އުޅުނީ ކައިވެނީގެ ހަޤީޤަތް ޒެންހާއަށް އަންގަން... އަހަންނަށް ނޭނގުނަސް، ޝުކޫރުވެސް އައީ ޒެންހާގެ ކަންކަން ބަލަމުން... ތި ދެ ކުދިންގެ ކައިވެންޏާ ދޭތެރޭ ޝައްކުވެގެން އޭނަ އީމާ އާ މިޝަލްގެ ފޮޓޯތައް ވެސް ނެގީ ޒެންހާއަށް ދައްކަން... އަހަރެން ހުރީ ވަރަށް ބިރުން ޝުކޫރު އެކަން ފަޅާއަރުވާލަފާނެތީ... އެކަމަކު ޒެންހާ އާ ވަކިން ބައްދަލުކުރާނެ ފުރުސަތެއް ޝުކޫރަކަށް ނުލިބުނު... ޒެންހާގެ ރިޕޯޓްތައް ޝުކޫރު ނެގިކަން އެނގުނީމަ އަހަރެން ވަރަށް ޖެހިލުންވެސްވި... އަހަރެން ބޭނުންވީ، ވީ އެންމެ އަވަހަށް ދަރިފުޅާ އީމާއާ ދުރުކުރަން... ވެދިޔަ ކަންތަކުގަ ޝުކޫރުގެ ކުށެއް ނެތް... ކުށް ކުރީ އަހަރެން... އަހަންނަށް އެނގޭ އަހަރެން މިކުރީ އެކަކުގެ މައާފު ވެސް ހައްޤުވާ ވަރުގެ ކުށެއް ނޫން ކަން..." ހިތި ގޮތަކަށް ހިންދިރުވައިލަމުން ނަހީރާ އޭނަގެ ނަޒަރު ސީލިންގަށް ހުއްޓާލި އެވެ.

"މަންމާ!..." ޒެންހާގެ ދެތުންފަތް ފޫދުއްވާލާފައި ނުކުތީ އެ ލަފުޒެވެ.

މޭގައި އަތުން ހިފަހައްޓައިލިއިރު، ޒެންހާގެ ހިތް ފޮތިފޮތި ވަނީ އެވެ. މާޒީގައި ހިނގާފައިވާ ކަމެއްގެ ސަބަބުން، އޭނަގެ މަންމަ އެކުރީ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ؟ ގަސްދުގައި އެ ނިގުޅައިގަތީ، ކިތައް މީހުންގެ އުފާ ހެއްޔެވެ؟ އީމާއަށާއި މިޝަލްއަށް އެދިނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ އޭނަގެ މަންމަގެ ސަބަބުން، އެންމެ ލޯބިވި މީހާ އާއި ގާތް އެކުވެރިޔާއަށް މޫނު ދައްކާލަން ނުކެރޭ ވަރަށް އޭނަ ލަދުގަނެއްޖެ އެވެ. އޭނަ ދެން އެއިން މީހެއްގެ ކުރިމައްޗަށް އަރާނީ ކީކޭ ކިޔާފައި ހެއްޔެވެ؟

ރޮއެރޮއެ ޒެންހާގެ ދެލޯ ވަނީ ދުޅަވެފަ އެވެ. އޭނަގެ ހިތުގައި ދުވަހަކު ނުޖެހޭ ވަރަށް މިއަދު ޖެހިއްޖެ އެވެ. މޭގައި އުފެދެމުންދިޔަ ދިލަ ރިހުން ގަދަވެ، އޭނައަށް ކޮޅަށް ހުރުމަށް ދަތިވެއްޖެ އެވެ. ނޭވާލުމަށް އުނދަގޫވެގެން، މޭގައި ދެފަހަރަކު ޖަހައިވެސް ލައިފި އެވެ. އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އެތަނުގައި ކެތް ކޮށްލުން ޒެންހާއަށް ވީ ދަތި ކަމަކަށެވެ. އޭނަ ކުއްލިއަކަށް ދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ. ސިހިފައި ނަހީރާ އާއި މިޝަލް އެދިމާއަށް ބަލައިލީ އެކު އެކީގަ އެވެ.

ފާޚާނާއިން ނުކުމެގެން އެތަނުން ނުކުމެވެން ހުންނަ ދޮރާއި ދިމާއަށް ޒެންހާ ދިޔައީ ދުވެފަ އެވެ. ނަހީރާ ގޮވާލި ނަމަވެސް، މަޑުނުކޮށް، ރޮމުން ނުކުމެގެން ދިޔަ އެވެ. ބޭރުގައި މަޑުކޮށްލައިގެން ހުރި ޝުކޫރާއި ވިކްޔަންއަށް ވެސް ލިބުނީ ސިހުމެކެވެ. ވީގޮތް އެނގުމުން، ޝުކޫރު ޒެންހާގެ ފަހަތުން ދާން އުޅުނެވެ. ވިކްޔަން އޭނަގެ އަތުގެ އިޝާރާތުން އެންގީ މަޑު ކުރުމަށެވެ. ޒެންހާގެ ފަހަތުން ނުކުތީ އޭނަ އެވެ. ޒެންހާ ރޯން ހުރީ ހަސްފަތާލު ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ ކައިރީގަ އެވެ. ވިކްޔަން ގޮވާލުމުން ބަލައިލާފައި ކުރިއަށްވުރެ ބާރަށް ރޯން ފެށި އެވެ.

3 މަސް ފަސް

ބަދިގެ ތެރޭގައި ހުރި ޒެންހާގެ ޚިޔާލާއި ފިކުރުތައް ވަނީ މުޅީން އެހެން ދިމާލެއްގަ އެވެ. އުނދުން މައްޗަށް އެއްޗެއް އުދައިގެން ހުރި ނަމަވެސް، އޭނައަށް އެކަމަށް ސަމާލުކަން ދެވޭ ގޮތެއް ނުވި އެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯ ކައިރި ވަނީ ކަޅުވެ، ވަޅު ވަދެފަ އެވެ.

ގޭތެރެއަށް ވަދެގެން އައި ސިތުނާގެ ނޭފަތުގައި ޖެހުނީ، އެއްޗެއް އަނދާ ވަހެވެ. އޭނަ ދުވެލާފައި ގޮސް ބަދިގެއަށް ވަންއިރު، ޒެންހާ ހުރީ އުނދުން ކައިރީގަ އެވެ. މުޅި ބަދިގޭގައި ވަނީ ދުމުގެ އަސަރެވެ. އުނދުން މައްޗަށް އުދާފައިވާ ރިހަތެލި އަނދައިގެން، ކެތް ނުކުރެވޭ ވަރަށް ވަނީ، ތަނުގެ ވަސް ގޯސްވެފަ އެވެ. އެވަރު ވީއިރުވެސް، އެއް ދިމާލަކަށް ބަލަހައްޓައިގެން ޒެންހާ ހުއްޓެވެ. ތެމިފައިވާ އެސްފިޔަތައް ވެސް އޭގެ ވާޖިބު އަދާކުރަން ހަނދާންނެތިފައިވާ ކަހަލަ އެވެ.

(ނުނިމޭ)

ކޮމެންޓް 0