މިޔާހްގެ ހާސްކަން އިތުރުވީ، ފާތުމަ އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވައިލުމުންނެވެ. ގޭތެރެއަށް ވަންނާނެ ތަންކޮޅެއް ނުދެއްކި ތަނުގައި، ދެބުމަ ގޮށްޖަހާލައިގެން ބަލަން އޭނަ ހުއްޓެވެ.

********

"އުޅޭނެހާ ތާކު، އުޅޭނެހާ ވައްތަރަކަށް އުޅެއުޅެފަ އައިސް މަގޭ ގެދޮރަށް ވަންނަން ހަދާނެ ކަމެއް ނެތް..." ފާތުމަ ހަޅޭއްލަވައިގަތެވެ.

ވަރުދެރަވެފައި ހުރި އީމާއަށް މިޔާހްގެ އަތުގެ ތެރެއިން ވީއްލިގަނެވުނު ގޮތް ވެސް ނޭނގުނެވެ. ބީރައްޓެއްސެއްގެ ކުރިމަތީގައި އަމިއްލަ މައިމީހާ އެފަދަ ގޮތަކަށް ކަންތައް ކުރުމުން، އޭނަ ހުރީ، ލަދުގަނެފައެވެ. އެ ހަށިގަނޑުގައި އެކަނި ހާލަށް، ކޮޅަށް ހުންނާނޭ ވަރު ނެތުމާ އެކު، އިސާހިތަކު އަރިއަޅާލައިފިއެވެ. މިޔާހް ހުށިޔާރެވެ. އޭނަ ހުރީ، އެފަދަ ކަމެއް ވެދާނޭ ކަމަށް ތައްޔާރު ވެގެންނެވެ. އީމާ ވެއްޓުމުގެ ކުރީން، އޭނަ އެ ހަށިގަނޑުގައި ހިފަހައްޓައިފިއެވެ. އީމާ ވަގުތުން ދުރަށް ޖެހުނެވެ. އޭނަ އަތުގެ އިޝާރާތުން އެންގީ، ދުރުގައި ހުރުމަށެވެ.

"ދެން ދިޔަސް އެންމެ ރަނގަޅު..." އީމާ ވާހަކަ ދެއްކީ، މިޔާހް އަށް އަޑު އިވޭ ވަރަށެވެ.

ގޭގެ ފާރުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް، އީމާ އުޅުނީ، އެތެރެއަށް ވަންނާށެވެ. ދޮރުމަތިން ދުރަށް ވެސް ޖެހިނުލާން ފާތުމަ ހުރީ، ހުވާ ކޮށްގެން ކަހަލައެވެ. ކުރިއަށްވުރެ ބޮޑަށް އެ މޫނުމަތި ތަޣައްޔަރު ވެގެން ދިޔައެވެ.

"މަންމާ!..." އީމާ ގޮވާލީ، ޝަކުވާގެ ރާގަކަށެވެ.

"މަންމާ އޭ؟... ކަލޭ ލަދެއް ނުގަނޭތަ މަށަށް ތިހެން ކިޔާފަ ގޮވަން... ހުވާ މިބުނީ... ބޮޑުވެއްޖެ މުސީބާތެކޭ މީ... ނުވަންނާތި މިގެއަށް..." އީމާގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން ފާތުމަ ހަޅޭއްލަވައިގަތެވެ.

އެއްވެސް ހިފެހެއްޓުމެއްނެތި، އީމާ ވެއްޓުނެވެ. އެހާ ބޮޑަށް އެ ހިތުގައި ޖެހުނީ، މިޔާހްގެ ކުރިމަތީގައި ފާތުމަ އެފަދަ ގޮތަކަށް ކަންތައް ކުރުމުންނެވެ. އޭނަ މޫނުގައި ދެއަތް އެޅިއެވެ. ގިސްލާފައި ރޯންފެށި ގޮތުން، ހިތުގައި ކިރިޔާވެސް ރަހުމެއް ހުރި މީހެއްގެ ހިތް ފަޅައިގެން ދާނެއެވެ. އެކަމަކު، ފާތުމަގެ ހިލަ ހިތުގައި ރަހުމުގެ ކުޑަ ވެސް މިންވަރެއް ނެތެވެ. އޭނަ އީމާގެ މޫނުމައްޗަށް ދޮރު ޖަހައިފިއެވެ.

މިޔާހް ހުރީ ދެލޯ ބޮޑުވެފައެވެ. މަންމައަކު އުފަން ދަރިއަކާއި ދޭތެރޭގައި އެފަދަ އަނިޔާވެރި ގޮތަކަށް ކަންތައް ކުރި ތަން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެ ހިތް ހަމްދަރުދީ އިން ފުރިގެން އައެވެ.

އޭނަ ގޮސް އީމާގެ ދެކޮނޑުގައި ހިފައި ނެގިއެވެ. އެ ހިތުގެ އަޑިން އަޒުމު ކަނޑައެޅީ، އީމާގެ ޙަޔާތަށް ދިރުން ގެނެސްދިނުމަށެވެ. އެ ހިތާމައިގެ ދުނިޔެއިން ނެރެ، އުފާތަކުން އުނގު ފުރާލަ ދިނުމަށެވެ.

********

ޝުކޫރަށް ނަހީރާ ހަމައަކަށް އެޅުވުނީ، އެތައް ވާހަކައެއް ދައްކައިގެންނެވެ. ނަހީރާ ގެންގޮސް ގެއަށް ލާފައި އޭނަ އުޅުނީ، އެ ގެއިން ނުކުންނާށެވެ. ދޮރުމަތީގައި ހުރި އުގެއިލް ފެނި، ޝުކޫރުގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭނަ ހާސްވެފައި، ސޯފާގައި އިން ނަހީރާއަށް އަވަސް ނަޒަރެއް ދިނެވެ.

ނަހީރާ ފުންމައިގެން ތެދުވިއެވެ. އެ މޫނުމަތީގައި ވަނީ، ސިހުމެވެ. ޝުކޫރުގެ މޫނުން، ނަހީރާގެ މޫނަށް ބަލައިލި އުގެއިލް އެއްމިޔަކަނުން ހީލައިފިއެވެ. އެ ހިނިތުންވުމުގެ މާނަ އެނގުނީ، ހަމައެކަނި ނަހީރާ އަށެވެ. އޭގެ ފަހަތުގައި ފޮރުވިފައި ވަނީ ނުރައްކާތެރި އިންޒާރެކެވެ.

"މިސްޓަރ ޝުކޫރު..." ޝުކޫރުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން، އުގެއިލް ބުންޏެވެ.

"ހާދަ އަވަހަކަށް ދަނީ؟..." އުގެއިލް ވާހަކަ ދެއްކީ، ދިވެހި ބަހުންނެވެ.

ޝުކޫރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ އަޑަކީ، އޭނައަށް އާ އަޑެއް ނޫނެވެ. އެއީ ކޮންމެވެސް ތަނަކުން އޭނައަށް އިވިފައިވާ އަޑެކެވެ. ނަހީރާ ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. އުގެއިލް އަށް ދިވެހި އެނގޭކަން އޭނައަށް ކުރިން އެނގިފައެއް ނުވެއެވެ.

"ގާތް އެކުވެރިޔާ ހުސްއަތާ ފޮނުވާލަނީ؟..."

ނަހީރާ އާއި ދިމާއަށް ބަލައިލަމުން، އުގެއިލް ސުވާލު ކުރިއެވެ. އެ އަޑުގައި ވަނީ މަލާމާތުގެ ރާގެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޝުކޫރަށް އެނގުނީ، ނަހީރާގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތުންނެވެ. އޭނަގެ ހިތް ހާސް ކުރުވިއެވެ.

"އެހެން ފަހަރަކުން... މިހާރު މިދަނީ ކުޑަކޮށް ލަސްވެގެން..." ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން ޝުކޫރު ބުންޏެވެ.

"އެހެން ފަހަރެއް އަންނާނެބާ... އާނ!... އާނ!... ވަގުތު ފާއިތު ނުވަނީސް، ކަންކަން ނިންމާލަން ވާނެ..." ލުއި ހިނިގަނޑެއް ޖަހައިލަމުން އުގެއިލް ބުންޏެވެ.

"އަހަންނަށް ވެސް އެބައޮތޭ އަދި ނިންމާ ނުލެވިފަ އޮތް ކަމެއް... ވަރަށް ކުރިން ނިންމާލަން ޖެހޭ ކަމެއް އެއީ... އެކަން ވެސް ދެން ވަރަށް އަވަހަށް ނިންމާލާނަން..." ޝުކޫރުގެ ކޮނޑުގައި ދެފަހަރަކު ޖަހާލަމުން އުގެއިލް ބުންޏެވެ.

މާނައިން ފުރިގެންވީ ޖުމްލަ ތަކެކެވެ. ޝުކޫރުގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ، އެ ޖުމްލަތައް އަމާޒުވީ، އޭނައަށް ހެން ޝުކޫރަށް ހީވިއެވެ. ފަހަރެއްގައި އެ ދެއްކީ، ޒެންހާގެ ވާހަކަ ކަމަށް ވުން ވެސް ގާތެވެ.

ބޯޖަހާލާފައި ޝުކޫރު އެގެއިން ނުކުތެވެ. އޭގެ ކުރިން އޭނަ ނަހީރާއަށް ސިއްރުން ބަލައިލިއެވެ. އެ ދެލޯ ފެންކަޅިވެފައިވާ ތަން އޭނައަށް ރީތިކޮށް ފެނުނެވެ.

ޝުކޫރު ގޮސް ނުކުންނަންދެން ބަލަން އުގެއިލް ހުއްޓެވެ. އޭގެ ފަހުގައި، އޭނަ ނަހީރާއަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ. އޭނަ ނަހީރާ އާއި ދިމާއަށް ދިޔައީ، ހަލުވި ފިޔަވަޅު ތަކެއްގައެވެ. އެ ހަރަކާތްތައް އަވަހެވެ. އިސްޖަހައިލި ނަހީރާގެ މޫނުމަތީގައި އޭނަ ބާރަަށް ޖަހައިފިއެވެ.

ނަހީރާ ވެއްޓުނީ، ސޯފާގެ މައްޗަށެވެ. ޖެހިލެއް ބާރުކަމުން، އެ މޫނުމަތިން ދިލަ ނަގައިގެން ދިޔައެވެ. ލޮލުގެ ފެނުމަށް ދަތިވިހެން ހީވެ، ދެލޯ މަރައި ބާރުކޮށްލައިގެން އޭނަ އޮތެވެ.

އުގެއިލް އޭނަގެ ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ. އޭނަ ވާހަކަ ދެއްކީ، އިނގިރޭސި ބަހުންނެވެ.

"އެކަން ނިންމާލާ... އެއްވެސް ހެއްކެތް ފެނިގެން ނުވާނެ..." އުގެއިލް އަމުރު ކުރިއެވެ.

ނަހީރާގެ ހިތް ތެޅިގަތެވެ. އޭނަ ކުއްލިއަކަށް ލޯ ހުޅުވައި އުގެއިލް އަށް ބަލައިލިއެވެ.

"ނޫން!... ނޫން!... އެ ކުއްޖާފުޅަށް އެހެން ނަހަދާތި..." ނަހީރާ ރޮއެގަތެވެ.

"އަހަރެން ލައްކަ ފުރުސަތު ދީފިން... ދެން ނުދެވޭނެ..." ނަހީރާގެ ވާހަކަ ނުނިމެނީސް، އުގެއިލް ބުންޏެވެ.

ނަހީރާއަށް ވިސްނައިލާނޭ ފުރުސަތެއް ވެސް އުގެއިލް ނުދިނެވެ. ކުއްލިއަކަށް އެ ހަށިގަނޑުގެ މައްޗަށް ފުންމައިގަތެވެ. ހީވީ ބަނޑުހައިވެފައިވާ ސިންގާ އަކަށް ޝިކާރަ ކުރާނޭ އެއްޗެއް ލިބުނު ހެންނެވެ.

މުޅި ތަނުގައި ގުގުމައިގެން ދިޔައީ، ނަހީރާގެ ވޭނީ ހަޅޭކުގެ އަޑެވެ. މަގުމަތީގައި ހުރި ޝުކޫރަށް އެ އަޑު އިވުނެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. ފަސްއެނބުރި ބަލައިލިއިރު، އެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ.

********

ތައްޔާރުވެލައިގެން ޒެންހާ ނުކުތީ، ބޭރަށެވެ. ރަތް ކުލައިގެ ދިގު ހެދުން ޒެންހާގެ ހަށިގަނޑާއި ވަރަށް ވެސް ގުޅެއެވެ. ކޮނޑާ ހަމައަށް ކޮށާލާފައި އޮތް އިސްތަށިގަނޑު އޮތީ، ހާމައަށް ދޫކޮށްލާފައެވެ.

ޒެންހާ ނުކުމެ، ދެފަރާތް ހޯދާލިއެވެ. އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ، އޭނަ އާއްމުކޮށް އިށީނދެ އިންނަ ބެންޗް، ހުސްކޮށް ހުރި ތަން ފެނުމުންނެވެ. އެއިން ހިސާބަކުން ވެސް މީހަކު ފެންނަން ނެތް ވަގުތެކެވެ. ޒެންހާ މަޑުމަޑުން ބެންޗާއި ދިމާއަށް، ހިނގަމުން ދިޔައެވެ.

މިޝަލްގެ މަންމަ އާއި ބައްދަލު ކުރަން ޖެހޭތީ، ޒެންހާ ހުރީ، ހާސްވެފައެވެ. އެ ކައިވެނީގައި އެއްވެސް މާނައެއް ނެތްއިރު، މިޝަލް އޭނަގެ މަންމަ އާއި ބައްދަލު ކުރަން ބުނީ، ކީއްވެ ހެއްޔެވެ؟ އޭގެ މާނަ އަކީ ކޮބައި ހެއްޔެވެ؟ އެ ގެއަށް ގޮސްފައި، އޭނަ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

އެކި ފިކުރުތަކުގައި ހުރެ، އޭނަ ގޮސް ބެންޗްގައި އިށީނެވެ. ގަހުގެ ނިވަލުގައި މޫނު ނިވާކޮށްގެން މީހަކު ހުއްޓެވެ. އެ މީހާގެ އަތަށް ވަނީ އަންގި ލައްވާފައެވެ. އޭނަ ހުރީ، ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ. ފުރަގަސްދީގެން އިން ޒެންހާ އާއި ދިމާއަށް އެ މީހާ ބަލައިލީ، ނުރައްކާތެރި ގޮތަކަށެވެ. އޭނަ ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ކޮއްޕާލާފައި ނެގީ ވަޅި އެކެވެ.

********

މިޝަލް ނުކުތްއިރު، ޒެންހާ ފެންނާކަށް ނެތެވެ. އޭނަ މުޅި ތަން ހޯދި އިރުވެސް، ޒެންހާ ނުފެނުމުން، ހާސް ވިއެވެ. ނުބުނެ ޒެންހާ އެގޮތަށް އެއްވެސް ތާކަށް ހިނގައިދާނެ ކަމަކަށް އޭނަ އަކަށް ޤަބޫލެއް ނުކުރެވުނެވެ.

މިޝަލް ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުއްޓެވެ. އޭނަ އެގޮތަށް ހުންނަތާ ފަސްވަރަކަށް މިނެޓް ފަހުން، ވިކްޔަން އާއިއެކު އައިސް ގޯތިތެރެއަށް ވަން ޒެންހާ ފެނުނެވެ. މިޝަލް ކޮށި އަރާ ގޮތްވިއެވެ. އެ ރީތިކަން ފެނި، ހަރަކާތް ހުއްޓިފައި އޭނަ ހުއްޓެވެ. އޭރު ހިތުގެ އަޑިން، ޒެންހާއަށް ތައުރީފު ކުރަމުން ދިޔައެވެ.

"އައްދޭ ސޮނިވެއްޓިފަ އެއްނު ތިހުރީ..." ވިކްޔަން ސަމާސާ ކޮށްލިއެވެ.

މިޝަލްގެ ބުރަކަށީގައި ޖަހައިލަމުން، ވިކްޔަން ފެށީ، ހޭށެވެ. އޭނަ ހެމުން ޒެންހާއަށް ބަލާލާފައި އެއްލޯ މަރާލިއެވެ.

ވިކްޔަން ފެނުމުން، މިޝަލްގެ ތަބީއަތު ޚަރާބު ވިއެވެ. އޭނަ ޒެންހާއަށް ބަލައިލީ، ޝަކުވާގެ ނަޒަރަކުންނެވެ.

"އަހަރެން އައިއިރު، ޒެނީ އިނީ އެކަނި... ދެން އެހާ ރީތި ކުއްޖަކު އެކަނި ބޭންދުން ރައްކާތެރި ކަމަކަށް ނުވާނެތާ... މި ބޮޑީގާޑު ޚިދުމަތުގަ މަޑުކުރީ އެހެންވެ... ދޯ ޒެނީ..." ވިކްޔަން ސަމާސާ ކޮށްލަމުން، ޖަހައިލީ، ހިނިގަނޑެކެވެ.

"މަންމަ ކައިރިއަށް ދާ ވާހަކަ ބުނީމަ، އެއްޗެއް ވެސް ގަނެލައިގެން މިއައީ..." ވިކްޔަން އޭނާގެ އަތުގައި އޮތް ކޮތަޅުތައް ދައްކައިލަމުން ބުންޏެވެ.

"އަވަހަށް ދޭ... އެހެން ނޫނީ ލަސްވެދާނެ..."

މިޝަލްގެ އަތަށް ކޮތަޅުތައް ލައިދެމުން، ވިކްޔަން ހިނިތުންވެލިއެވެ. ޒެންހާ އާއި މިޝަލް އެކުގައި ގޮސް ގެއިން ނުކުންނަން ދެން ބަލަން، އޭނަ ހުއްޓެވެ. އެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ކުއްލިއަކަށް ވިކްޔަންގެ ނަޒަރު ތަފާތު ވެއްޖެއެވެ. ދެބުމަ ގޮށްޖަހައިލަމުން އޭނަ ބަލައިލީ، ބެންޗް ކައިރީގައި ހުރި ގަހާއި ދިމާއަށެވެ. ގަހާއި ނިވާވެގެން، އެތަނުގައި އޭރުވެސް މީހަކު ހުއްޓެވެ.

ވިކްޔަން ހަލުވި ފިޔަވަޅު ތަކެއްގައި ގަހާއި ދިމާއަށް ދިޔައެވެ. މީހަކު އަންނަ ކަން އެނގުމުން، އެ ތަނުގައި ފިލާ ހުރި މީހާ، އެ ދިމާއަށް ބަލާލައިފިއެވެ. ވިކްޔަން ފެނުމުން، ދެފަޔަށް ލެވުނުހާ ބާރެއް ލާފައި، އެ މީހަކު ދުއްވައިގަނެފިއެވެ. ވިކްޔަން ވެސް ދުއްވައިގަތެވެ. އޭނައަށް އެމީހަކު އަތުލައިގަނެވޭވަރުވީ، ފާރުމަތިން ފުންމާލަން އުޅެނިކޮށެވެ. އޭރު ފުލުހުންގެ ވެހިކަލް އައިސް ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.

"ދޫކުރޭ... އަހަރެން ދޫކުރޭ..." ފުލުހުން ފެނުމުން، އެމީހާ ތެޅިގަތެވެ.

"އަހަންނަށް ތިރިއަށް ނާދެވުނުނަމަ، ކަލޭ އެ އަންހެން ކުއްޖާގެ ފުރާނަ ދަމައިގަތީސް..." ވިކްޔަން ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

ވިކްޔަން ބެލްކަނީގައި ހުއްޓައި، ހުރިހާ މަންޒަރެއް ވަނީ، ވަރަށް ސާފުކޮށް ފެނިފައެވެ. އޭނައަށް ތިރިއަށް އާދެވުނީ، ކިރިޔާއެވެ. އެ މީހަކު ހަމަލާއެއް ދިނުމުގެ ކުރިން، އޭނަ އަވަހަށް ޒެންހާ ގޮވައިގެން އެތަނުން ދިޔައީ އެވެ.

"ކާކު ފޮނުވައިގެން ތިއައީ؟... ބުނޭ..." އެމީހާގެ ގިރުވާނުގައި ހިފައި ދަމައިގަންނަމުން ވިކްޔަން ސުވާލު ކުރިއެވެ.

********

ނަޒުރާނާ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު، މިޝަލްއަށް ދެލޯ މަރާލެވުނެވެ. އޭނަގެ އަތްފައި ފިނިވާގޮތް ވިއެވެ. ޓެކްސީ އިން ފުރަތަމަ ފޭބީ، ޒެންހާ އެވެ. މިޝަލް ފޭބީ، ޒެންހާގެ ފަހަތުންނެވެ.

ދޮރުމަތީގައި ސާމީ އާއި މާރިޔާ ތިއްބެވެ. މިޝަލްގެ ދެމަފިރިން އަންނާތީ، އެމީހުންގެ އިސްތިޤްބާލް ގައެވެ. އެންމެން ޓެކްސީ އިން ފޭބުމާއިއެކު، ސާމީ ދުވެލާފައި ކަހަލަ ގޮތަކަށް އެމީހުންގެ ކައިރިިއަށް ދިޔައެވެ. އޭނަ އުފާވެފައި، ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

"ހާދަ ލޯބި ފަހަރި އެކޭ... ފެނުނީމަ، މަންމަ ލޯބިން މޮޔަވާނެ..." ސާމީ ވާހަކަ ދެއްކީ، މިޝަލްގެ ކަންފަތް ކައިރީގައި ސިއްރުންނެވެ.

ނަޒުރާނާ އޮތީ، ސޯފާގައި އޮށޯވެލައިގެންނެވެ. އެ ހަށިގަނޑު ވަނީ، ހިކި އަނަރޫފަ ވެފައެވެ. ދެލޯ ކައިރި ކަޅުވެ، ވަޅުވަދެފައެވެ.

ގޭތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. ނަޒުރާނާ ބަލި ގޮތަކަށް ކެއްސަނީއެވެ. ހީވަނީ، ދެންމެދެންމެ ނޭވާ އުފުރިދާނޭ ހެންނެވެ.

މިޝަލްގެ ދެލޯ ކަރުނުން ފުރުނެވެ. އޭނަ ސާމީއަށް ބަލައިލުމުން، ބޯ ޖަހައިލިއެވެ. ކައިރިއަށް ދިޔުމަށް އެދުނެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، މަންމަގެ ކައިރީގައި އޭނަ ހުއްޓުނެވެ.

(ނުނިމޭ)

ކޮމެންޓް 0