ހަރަކާތްތައް ހިނގަމުންދިޔަ ސަރަހައްދުގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެކި ދިމަދިމާގައި މޭޒުތައް ބަހައްޓައިގެން އެއްޗެހި ވިއްކަން ވެސް މީހުން ތިއްބެވެ. ރަތް ކުލައިގެ ޓީމް ޖާރޒީ ލައިގެން ވިކްޔަން އާއި ޒެންހާ އެތަނަށް ދިޔަ އެވެ. ބެލްކަނީގައި ހުރި މިޝަލްއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ.

********

"ފުރަތަމަ ކޮން ދިމާއަކަށް ދާނީ؟... އެ ގޭމް ކިހިނެތްވާނެ؟..." ބާސްކެޓު ބޯޅަ ތަކެއް ހިފައިގެން ތިބި ބަޔަކު ދައްކައިލަމުން ވިކްޔަން ސުވާލު ކުރި އެވެ.

ޒެންހާ ބޯ ޖަހާލި އެވެ. ދެ މީހުން އެކުގައި އެތަނަށް ގޮސް، ސަފުގައި މަޑުކޮށްލި އެވެ. ސަފުގެ އެންމެ ފަހަތުގައި ތިބީ ޒެންހާ އާއި ވިކްޔަން އެވެ. މޮޅުވާ ޓީމެއް ހޮވަނީ ކޮންމެ ފަސް ބައިވެރިއަކުންނެވެ. ދީފައިވާ ވަގުތުގައި ޒެންހާ މެންނަށް ވައްޓައިލެވުނީ، ދިހަ ބޯޅަ އެވެ. އެއްވަނަ ލިބުމާއިއެކު، ޒެންހާމެންނަށް، އެ ހޮޓަލުން ދެ ދުވަހުގެ ހުރުން ހިލޭ ހަމަޖެހުނުކަން، އަޑުގަދަކުރާއިން އިޢުލާން ކުރި އަޑު އިވުނެވެ.

ޒެންހާ ހީވީ އުފަލުން އުދުއްސައިލި ހެންނެވެ. އުފަލުން ފުންމަފުންމާފައި އުޅުނު ތަން ބަލަން ވިކްޔަން ހުރީ ހެވިފަ އެވެ. އޭނަގެ ސަބަބުން ޒެންހާއަށް ލިބުނު ހިތާމަތަކުގެ ބަދަލުގައި، އުފާ ވާވަރުގެ ކަމެއް ކޮށްދޭން އޭނަ ހުރީ ނުހަނު ބޭނުން ވެފަ އެވެ. އެ ފުރުޞަތު ލިބުމުން ވިކްޔަންއަށް މާތްﷲގެ ކިބައަށް ޝުކުރު ކުރެވުނެވެ.

ޒެންހާ ގޮވައިގެން ވިކްޔަން ދެން ދިޔައީ ގޯލައަށް ބޯޅަ ޖަހާ ތަނަށެވެ. ވިކްޔަން ފޮނުވައިލި ކޮންމެ ބޯޅައެއް ގޯލައަށް ވަނެވެ. ހިތްވަރު ދިނުމުގެ ގޮތުން ޒެންހާ ހުރީ އޭނާގެ ބޮޑުވައި އިނގިލި ހިއްލާލައިގެންނެވެ. ދީފައިވާ ވަގުތު ހަމަވިއިރު، އެންމެ ގިނަ ގޯލް ޖަހައިގެން، އެއްވަނަ ހޯދީ، ޒެންހާމެންގެ ޓީމެވެ.

މޮޅުވުމުން ލިބުނު ކަރުދާސްކޮޅު ހިފައިގެން ކައުންޓަރަށް ދިޔައީ ޒެންހާ އެވެ. ކަރުދާސްކޮޅަށް ބަލައިލާފައި ކައުންޓަރުގައި އިން ކުއްޖާ ދިއްކޮށްލީ، ބޮޑު ޓެޑީ ބެއަރ އެކެވެ.

ޒެންހާ ހުރީ ހައިރާން ވެފަ އެވެ. އަނގަމަތީގައި އަތް އެޅިގޮތަށް، ބެއަރއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ކުއްލިއަކަށް ފުންމައިލާފައި އޭގައި ހިފައިފި އެވެ. އޭނަ އުފަލުން އެ ބެއަރ އަތުން ދޫ ވެސް ނުކުރި އެވެ. ޒެންހާއަށް ޖެއްސުން ކުރަންވެގެން، ވިކްޔަން އުޅުނީ އެ ބެއަރ އަތުލާށެވެ. އެ އަތުގައި ނުޖެހެން ވެގެން، ޒެންހާ ދުއްވައިގަތީ، ދުރަށެވެ. ޒެންހާގެ ފަހަތުން ވިކްޔަން ވެސް ދުއްވައިގަތެވެ.

ބެލްކަނީގައި ހުރި މިޝަލްގެ ނޭވާ އަވަސްވި އެވެ. އެ މަންޒަރު ނުބަލަން އުޅުނަސް، އޭނައަށް އެ ނޫން ދިމާއަކަށް ނުބެލުނެވެ. އޭނައަށް ރެއިލިންގްގައި ބާރަށް ހިފަހައްޓާލެވުނެވެ.

މިޝަލް އެތަނަށް ދިޔައިރު، ޒެންހާ އާއި ވިކްޔަން އެއް ޓީމެއްގައި ތިބެގެން ބެޑްމިންޓަން ކުޅެނީ އެވެ. ގޮނޑިއެއްގެ މަތީގައި ޒެންހާ ގެންގުޅުނު ބެއަރ ބައިންދާފައި އިނެވެ. މިޝަލްއަށް ދެ ލޯ ހަނިކޮށްލެވުނެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް، ބެއަރ ނަގާފައި އޭގެ ކަރުގައި ދެ އަތުން ހިފައި އޮބައިލި އެވެ.

"މަންމީ..." ކުއްޖަކު ވަރަށް ބާރަށް ރޮއެގަތް އަޑު އިވުމުން މިޝަލް ސިހުނެވެ.

އޭނަ ތިރިއަށް ބަލައިލިއިރު، ހަތަރު ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ކައިރީގައި ހުރެގެން ރޮނީ އެވެ. ހިތުގައި ޖެހިގެން ގިސްލާފައި ރޮމުން ދިޔައިރު، އެ ކުއްޖާ ދިޔައީ، ދެ ލޯ އުނގުޅަމުންނެވެ. ރޮއެރޮއެފައި، އެ ކުއްޖާގެ މަންމައަށް ގޮވަމުން ދިޔަ އެވެ. ވާނުވާ ނޭނގިފައި، މިޝަލްއަށް ހުރެވުނީ އެ ކުއްޖާއަށް ބަލަހައްޓައިގެންނެވެ.

އަންހެނަކު ވަރަށް ބާރަށް އެ ދިމާއަށް އައެވެ. އެ ކުއްޖާ ގެންގޮސް ގަޔާލައި ބޮނޑިކޮށްލަމުން، ވީގޮތް އޮޅުންފިލުވުމަށް އޭނަ އުޅެގަތެވެ. އެ ކުއްޖާ އޭނާގެ ޝަހާދަތް އިނގިލި ދިއްކޮށްލީ މިޝަލް އާއި ދިމާއަށެވެ. ވާނުވާ ނޭނގިފައި ހުރި މިޝަލް އޭނަގެ މޭގައި އަތް ޖައްސައިލި އެވެ.

އަންހެން މީހާ ނުރުހިފައި އެދުނީ މިޝަލްގެ އަތުގައި އޮތް ބެއަރ ދިނުމަށެވެ. އެއީ އެ ކުއްޖާގެ އެއްޗެއްކަން މިޝަލްއަށް އެނގުނީ ދެނެވެ. އޭނަ އަވަހަށް އެ ދީފައި، އެ ކުއްޖާގެ ކިބައިން މަޢާފަށް އެދުނެވެ. އެ މީހާ ދިޔުމުން ބޯ ކަހައިލަމުން މިޝަލް އެނބުރުނީ އަނެއް ފަރާތަށެވެ. އޭނަ ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލީ، ކުރިމަތީގައި ތިބި ޒެންހާ އާއި ވިކްޔަން ފެނުމުންނެވެ.

ޒެންހާގެ ދެ ލޯ ބޮޑު ވެފައިވާއިރު، އަނގަ ވެސް ވަނީ ހުޅުވިފަ އެވެ. ކުރިން ވެސް އޭނަ ގެންގުޅުނު ބޮޑު ބެއަރ ގަޔާލައި ބައްދާލައިގެން ހުރިއިރު، މިޝަލްއަށް ބަލަން އޭނަ ހުރީ ވާނުވާ ނޭނގިފަ އެވެ.

********

އީމާ އިނީ ކޮމްޕިއުޓަރުގެ ކައިރީގަ އެވެ. ކީބޯޑުގެ މަތީގައި އަތް ބާއްވާލިގޮތަށް އޭނަ އިނީ ޚިޔާލަކަށް ގޮސް ގެއްލިފަ އެވެ. މިޔާހް އެތަނަށް ދިޔައީ އީމާ އެހެން އިންދަ އެވެ. އޭނަ އީމާއަށް ބަލާލާފައި، ސްކްރީނަށް ނަޒަރު ހުއްޓާލި އެވެ. އީމާ ލިޔަން އިން ސިޓީ ފުރެމުން ދިޔައީ، ފިލި ނުޖަހާ ދިވެހި އަކުރު ތަކަކުންނެވެ.

މިޔާހްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އީމާ އިނީ ފުން ވިސްނުމެއްގެ ތެރޭގައި ކަން އޭނައަށް އެނގުނެވެ. އޭނަ ކަރު ކެހިލުމާއިއެކު އީމާ ފުންމައިގެން ތެދުވެއްޖެ އެވެ.

ކައިރީގައި ހުރި މިޔާހް ފެނުމުން އީމާގެ ދެ ލޯ ބޮޑުވި އެވެ. އޭނައަށް ބަލައިލެވުނީ ކޮމްޕިއުޓަރަށެވެ. ސްކްރީން ފުރާލާފައި ވަނީ ފިލި ނުޖަހާ އަކުރުތަކަކުންނެވެ. އީމާ ހާސްވި އެވެ. މިޔާހްއަށް އެ ފެންނާނޭ ކަން އޭނައަށް ކަށަވަރު ވިއެވެ. އޭނަ ހާސްވެފައި މިޔާހްގެ މޫނަށް ބަލައިލި އެވެ.

"ދެ މިނެޓް ތެރޭ، ކެބިން އިން ބައްދަލުކޮށްލާތި..." އީމާ ބަލައިލުމުން މިޔާހް ބުންޏެވެ.

މިޔާހް ނުކުމުގެ ދިޔުމުން އީމާ ހާސްވެގެން ތެޅިފޮޅިގަތެވެ. އެ ހަނދާނަށް އައީ، ކުރީ ދުވަހުގެ ހާދިސާ އެވެ. މިޔާހް އާއި އެކުގައި ދަނިކޮށް މިޝަލް ގުޅައިގެން، އޭނަ އެނބުރި ރަށަށް ދިޔައީ، މިޔާހްއަށް އަންގައިލުމެއް ވެސް ނެތި އެވެ.

އީމާ ގޮސް މިޔާހްގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލި އެވެ.

"ވަދޭ..." ބޭރުގައި ހުރި މީހަކަށް އިވޭ ވަރަށް މިޔާހް ބުންޏެވެ.

އީމާ އޭނާގެ ހާސްކަން ފޮރުވުމަށް، ފުން ނޭވާތަކެއް ދޫކޮށްލި އެވެ. މޭގައި މަޑުމަޑުން ޖަހާލާފައި ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން، ދޮރު ހުޅުވައިލި އެވެ.

މިޔާހްގެ ނަޒަރު ހުއްޓިފައިވީ މޭޒުމަތީގައި އޮތް ގަނޑުތަކަށެވެ. އީމާ އެތެރެއަށް ވަންކަން އެނގުމުން އޭނަގެ ފުރިހަމަ ސަމާލުކަން އެ އަންހެން ކުއްޖާއަށް ހުއްޓާލައިފި އެވެ. އޭނަ އަތުގެ އިޝާރާތުން ގޮނޑިއެއް ދައްކައިލި އެވެ.

"ސީދާ ޕޮއިންޓަށް ދަމާ..." އީމާ އިށީނުމުން މިޔާހް ބުންޏެވެ.

އީމާ ބޯ ޖަހާލި އެވެ. އޭނައަށް ކުރެވެމުން ދިޔައީ، ކުށްވެރި ވެފައިވާ ކަމުގެ އިޚްސާސެވެ. އޭނަ ޖެހިލުންވީ ކުރީ ދުވަހާއި ބެހޭގޮތުން މިޔާހް ސުވާލުކޮށްފިނަމަ، ދޭނެ ޖަވާބެއް ނުވިސްނުމުންނެވެ.

"އީމާއަށް ވެސް އެނގޭނެ މީ ރިސޯޓުގައި ވަރަށް ބުރަ ދުވަސްކޮޅެއް ކަން... އަހަންނާއި އެކީ މަސައްކަތް ކުރާ އިދާރީ ކުއްޖާ، މަސް ދުވަހުގެ ޗުއްޓީ އެއް ނަގަން ފޯމު ލައިފި... އޭނަ ވަރަށް ބަލިވެގެން ޗުއްޓީއެއް ނަގަން އެ އެދުނީ..." މިޔާހް އޭނަގެ ވާހަކަ ހުއްޓައިލީ މޭޒު މަތީގައި އިން ފޯނު ރިންގްވާން ފެށުމުންނެވެ.

"އެއް މިނެޓް..." ފޯނުގެ އަތްގަނޑު ނަގަމުން އޭނަ ވާހަކަ ދެއްކީ އީމާ އަށެވެ.

"އާނ... ހަމަޖައްސާ..." ފޯނުން ވާހަކަ ދައްކަމުންދިޔަ މިޔާހް، އީމާއަށް ބަލައިލާފައި ހީލި އެވެ.

އޭނަ އެ ކޯލް ކުރުކޮށްލާފައި ދައްކަން އުޅޭ ވާހަކައަށް ތައްޔާރުވެލި އެވެ. އީމާގެ ހިތް ތެޅެމުން ދިޔަ އެވެ. އޭނަ ހީކުރީ މިޔާހް ދައްކަން އުޅެނީ އޭނަގެ ފަރުވާކުޑަ ކަމުގެ ވާހަކަ ކަމަށެވެ.

"ބުނަން މިއުޅެނީ، އީމާ އެބަ ޖެހެއޭ ދުވަސްކޮޅަކު އަހަންނާއި އެކީ މަސައްކަތް ކުރަން... އެންމެ ރަނގަޅުތަ؟..." މިޔާހް އެއް ނޭވާއިން އެ ވާހަކަ ބުނެ، ނިންމައިލި އެވެ.

********

"އަހަނ، މިޝަލް!... ހާދަ ލަހުން ތި އައީ؟ އަހަރެމެން މިހާރު ވަރުބަލި ވެގެން މި ހުއްޓާލީ އޭ ދޯ ޒެނީ..." ވިކްޔަން ވާހަކަ ދެއްކީ ޒެންހާއަށް ބަލައިލަމުންނެވެ.

ވިކްޔަން ޒެންހާ އާއި މުޚާތަބުކުރިލެއް ގާތްކަމުން، މިޝަލްގެ އެތެރޭގައި ރޯވެފައިވާ ހުޅުގަނޑު ފަޅައިގެން ދިޔަހެން ހީވި އެވެ. ކުއްލިއަކަށް ދެ މީހުން އެހާ ގާތްވުމުން އޭނަ ހުރީ ހިތްހަމަނުޖެހިފަ އެވެ. ދެ އަތް މުށްކެވެން ފެށުމުން އޭނަ އަތް ކޮށްޕައިލީ ޖީބަށެވެ.

"ހިނގާ ކޮފީއަށް ދަމާ... ފްރީ ކޮފީ..." މިޝަލްގެ ކޮނޑުގައި އަތް އަޅުވައިލަމުން ވިކްޔަން ވާހަކަ ދެއްކީ ގާތް ގޮތަކަށެވެ.

ނުރުހިފައި ހުރެ ވެސް ވިކްޔަން އާއިއެކު، މިޝަލް ހިނގައިގަތީ، ޒެންހާ ދާތަން ފެނުމުންނެވެ. ޒެންހާ ހިނގަމުން ދިޔައީ، އިސްޖަހައިގެން ހުރެ އެވެ. ނިކަން ބާރަށް އައި ބޯޅަ އެއް ހިނގަމުންދިޔަ ޒެންހާގެ ކޮނޑުގައި ޖެހުނެވެ. ނުވިސްނާ ހުރުމުން، އޭނަ އަރި އަޅާލައިގެން ވެއްޓިއްޖެ އެވެ.

މިޝަލް އަށާއި ވިކްޔަންއަށް ޒެންހާ އާއި ދިމާއަށް އަތް ދިއްކޮށްލެވުނީ، އެކުއެކީގަ އެވެ. ޒެންހާއަށް ހިފުނީ، ވިކްޔަންގެ އަތުގަ އެވެ. އޭނަ ވިކްޔަންގެ އަތުގައި ހިފައިގެން ތެދުވި ތަނައި، އޭނަ އާއި ދިމާއަށް އަތް ދިއްކޮށްލައިގެން ހުރި މިޝަލް ފެނުނެވެ.

މިޝަލް ހިންދިރުވައިލި އެވެ. އޭނަ އަވަހަށް އަތް ތިރިކޮށްފައި، ކޮއްޕައިލީ ޖީބަށެވެ. މިޝަލްއަށް ވީގޮތް ޒެންހާއަށް ވިސްނުނު ކަހަލަ އެވެ. އޭނަ އަވަހަށް ވިކްޔަން އާއި ދުރަށް ޖެހިލައިފި އެވެ.

"އޯކޭތަ؟... އެއްވެސް ތަނެއް ޙަލާކުވިތަ؟..." ވިކްޔަން ހާސްވެފައި ސުވާލު ކުރަން ފެށި އެވެ.

ޒެންހާ ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ މިޝަލް އަށެވެ. އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިގެން ހުރި މިޝަލްގެ މޫނުމަތިން ފެންނަމުން ދިޔައީ، ހިތްހަމަނުޖެހުމުގެ ޢަޞަރެވެ.

ކޮފީއަށް ގޮސްފައި ވެސް މިޝަލް އަނގަޔަކުން ނުބުންޏެވެ. އެކަކު އަނގައިން ނުބުންޏަސް، ވިކްޔަން އޭނާގެ އަނގަ ހުއްޓައެއް ނުލި އެވެ. އެކި ވާހަކަތައް ދައްކާފައި ހެމުން ދިޔަ އެވެ. މިޝަލް އެގޮތަށް އިނުމުން ޒެންހާ އިނީ އެއްޗެކޭ ބުނަން ނުކެރިފަ އެވެ. ވިކްޔަންގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ހީލާކަށް ވެސް އޭނައަކަށް ނުކެރުނެވެ.

********

ރުޅި އައިސް، ގެއިން ނުކުމެގެން ދިޔަގޮތަށް، ކިއާރާ އެނބުރި ނާންނާތީ، ޝުކޫރު ހުރީ ހާސްވެފަ އެވެ. ހާމަފެންޑާގައި ދެކޮޅަށް ހިނގަހިނގައި ހުއްޓައި، ދޮރާށި ހުޅުވާލި އަޑު އިވުނެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލައިލި ޝުކޫރަށް ހަމަޖެހުމެއް ލިބުނީ އެތެރެއަށް ވަން ކިއާރާ ފެނިފަ އެވެ.

ކިއާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު، ޝުކޫރު ފެނުމުން އޭނަ މަޑުޖެހިލި އެވެ. ދެބުމަ ގޮށްޖަހާލައިގެން ޝުކޫރުގެ މޫނަށް ބަލަން އޭނަ ހުއްޓެވެ. އޭރު އޭނަގެ ދަތްތަކަށް ބާރުވަމުން ދިޔަ އެވެ.

"ކިއާރާ..." ޝުކޫރު ހާސްވެފައި ގޮވާލި އެވެ.

ކިއާރާގެ ކައިރިއަށް ދިޔުމަށް ޝުކޫރަށް ނެގުނީ އެންމެ ފިޔަވަޅެކެވެ. ކިއާރާ ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނަ އެތަނުން ދިޔުމަށް ހިނގައިގަތީ، ޝުކޫރު ދެވަނަ ފަހަރަށް ގޮވާލުމުން ވެސް މަޑުކޮށްލުމެއް ނެތި އެވެ.

"ކިއާރާގެ މަންމަގެ މަރަކީ، އެކްސިޑެންޓެއް..." ޝުކޫރު ވާހަކަ ދެއްކީ ބާރަށެވެ.

ކިއާރާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ފަސްއެނބުރި ޝުކޫރަށް ބަލައިލީ ސުވާލު އުފެދިފަ އެވެ.

"އާނ... އެއީ މީހަކު ގަސްދުގައި، މީހަކު މެރުމުގެ ގޮތުން ކުރި ކަމެއް ނޫން... އެ މީހަކު ރުޅި އައީ އަހަރެން ދެކެ... ހަމަލާ ދޭން އުޅުނީ އަހަންނަށް... އެކަމަކު..." ޝުކޫރު އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވިގެން އިސްޖަހާލައިފި އެވެ.

ކިއާރާގެ ދެ ލޯ ފެންކަޅިވަމުން ދިޔަ އެވެ. އޭނަގެ މަންމަ ވަކިވެދިޔުމަށްފަހު، ޝުކޫރުގެ ދުލުން އެ މަންމަ އާއި ގުޅޭ ވާހަކައެއް ދެއްކި އެއީ ފުރަތަމަ ފަހަރެވެ. މަންމަގެ ވާހަކައެއް އެނގެން ބޭނުންވެގެން އޭނަ ސުވާލު ކުރާ ކޮންމެ ފަހަރަކު، ޝުކޫރު އެކަން ހުއްޓުވަ އެވެ. ނޫނީ ޖަވާބު ދިނުމެއްނެތި، އެތަނަކުން ދެވޭތޯ ބަލަ އެވެ. އެކަމާއި ގުޅޭގޮތުން ތުންތުން މަތިން، އޭނައަށް އިވިފައި ވަނީ، އެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ، ޝުކޫރު ކަމުގަ އެވެ. ޝުކޫރުގެ ބަހެއް ނުލިބުމުން، ތުންތުންމަތިން އިވުނު ވާހަކަތައް ތެދު ކުރަން އޭނައަށް މަޖުބޫރު ވީއެވެ.

"ހުރިހާ ކަމެއް ހިނގީ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި... އަހަންނަށް ލަތީފާގެ ފުރާނަ ޞަލާމަތެއް ނުކުރެވުނު..." މާޒީގެ ދުވަސްތަކުގެ ހަނދާންތައް އައުކޮށްލަމުން، ޝުކޫރު ވާހަކަ ދެއްކި އެވެ.

ހަށިގަނޑުގެ ވަރު ދޫވެފައިވާ މީހަކު ފަދައިން ކިއާރާ އައިސް ޝުކޫރުގެ ކުރިމަތީގައި ހުއްޓުނެވެ. ޝުކޫރުގެ ދެ ލޮލަށް ބަލައިލިއިރު، ދެ ލޯ ފުރުނު ކަރުނަތައް އޭނަގެ ކޯތާފަތް މައްޗަށް ފައިބައިގަނެފި އެވެ.

"ކާކު؟... ކާކު؟... އަހަރެންގެ މަންމަ މަރާލީ ކާކު؟..." ކިއާރާ ވާހަކަ ދައްކަން ފެށީ ކުރެހިފައިވާ އަޑަކުންނެވެ. ފަހު ޖުމްލަ އާއިއެކު އޭނަ ހަޅޭއްލަވަން ފަށައިފި އެވެ.

"ދަރިފުޅާ!... އިހަށް ހަމަޖެހިބަލަ..." ކިއާރާ ހަމައިން ނައްޓަފާނޭހެން ހީވުމުން ޝުކޫރު ޖެހިލުންވި އެވެ.

އޭނަ ކިއާރާގެ ކޮނޑުމަތީގައި އަތް ބާއްވައިލި އެވެ. ކިއާރާ ވަގުތުން އެ އަތް ފޮޅުވާލައިފި އެވެ.

"ކާކު ހޭ؟..." ކިއާރާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.

"އެއީ... އެއީ... އަހަރެންގެ ކުރީގެ އަނބި..މީހާ..." ޝުކޫރަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރެވުނީ ވަރަށް އުނދަގުލުންނެވެ.

(ނުނިމޭ)

 
ކޮމެންޓް 0