އީމާގެ ނޭވާ އަވަސްވެގެން ދިޔަ އެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފަ އެވެ. އެއީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ އެ ބަޔަކު އެ ރާވަނީ މިޝަލްއަށް ދެރައެއް ދޭން ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ އެ މީހާގެ ވާހަކަތަކުން އީމާއަށް ޔަޤީންވީ، މިޝަލް ހުރީ ނުރައްކަލެއްގެ ތެރޭގައި ކަމެވެ.

********

ފާރުގައި ބޯ ޖައްސާލި ގޮތަށް އީމާ ހުރީ ދެލޯ މަރާލައިގެންނެވެ. އޭނަ ވިސްނަމުން ދިޔައީ މިޝަލް އާ ދޭތެރޭގަ އެވެ. އެ މީހެއްގެ ރޭވުމަކީ ކޮބައި ކަމާ މެދުގަ އެވެ. އީމާ ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑު މަތީގައި މީހަކު އަތް ބާއްވައިލުމުންނެވެ. އޭނަ ސިހުނު ވަރުން އަނގައިން މަޑު އާޚް އެއްގެ އަޑުވެސް ބޭރުވެގެން ދިޔަ އެވެ.

ކައިރީގައި ހުރި މީހަކު ފެނުމާ އެކު، އީމާގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. އޭނައަށް އަވަސް ނަޒަރެއް ދެވުނީ އެ މީހަކު ލައިގެން ހުރި އަންނައުނަށެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ.

"ޒުބޭރުބޭ..." އީމާއަށް ވާހަކަ ދެއްކުނީ، ވަރަށް އުނދަގުލުންނެވެ.

ފޯނުން ވާހަކަ ދެއްކި މީހަކީ ޒުބޭރު ހެއްޔެވެ؟ އެކަމަކު އެއީ ޒުބޭރު ކަމުގައި ޤަބޫލު ކުރާކަށް އޭނަގެ ހިތް އެއްބަހެއް ނުވި އެވެ.

"އާނ... އީމާ މިތާ ކީއް ތިކުރަނީ؟..." ޒުބޭރު އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ވާހަކަ ދެއްކި އެވެ.

"މި... މި... ނިދި ނައިސްގެން ނުކުމެލީ..." އީމާއަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވި އެވެ. ޒުބޭރާ މެދު ގޯސް ގޮތަކަށް ނުވިސްނަން އުޅުނަސް، އޭނައަށް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.

"މިގަޑީ ބޭރަށް ނުކުންނާނެ ކަމެއް ނެތް... ވަރަށް ބޯ ކެރިގަނޑެއް އަންނާނެ ހެން ހީވަނީ... އަވަހަށް ވަދޭ އެތެރެއަށް..." ޒުބޭރު ވާހަކަ ދެއްކިއިރު ހުރީ ހިނިތުންވެލައިގެންނެވެ.

އީމާ ބޯ ޖަހާލި އެވެ. ބޭރަށް ނުކުތުމުގެ ބަދަލުގައި އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ.

********

ނިދިފައި އޮތް ޒެންހާއަށް ހޭލެވުނީ ވަރަށް ބާރަށް ގުގުރާލި އަޑު އިވުމުންނެވެ. އޭނަ ފުންމައިގެން ތެދުވި އިރު ކޮޓަރި ތެރޭގައި ވަނީ ކަނު އަނދިރި ކަމެވެ. ވިދާލި ވިދުވަރާ އެކު މުޅި ކޮޓަރި އަލިވެގެން ދިޔަ އެވެ. ގަސްތަކުގެ ހިޔަނި ކުޑަ ދޮރަށް އެޅިގެން ދިޔަގޮތުން ޒެންހާއަށް ސިފަކޮށްލެވުނީ ބިރުވެރި އެއްޗެހިތަކެއް ހެންނެވެ. ޒެންހާގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. ދެ ކަންފަތް މަތީގައި އަތް އަޅަމުން އޭނަ ބާރަށް ހަޅޭއްލަވަން ފެށި އެވެ.

ސޯފާގައި ނިދިފައި އޮތް މިޝަލް ފުންމައިގެން ތެދުވި އެވެ. ފޯނުން އަލިކުރަމުން އޭނަ ގޮސް، ހުއްޓުނީ އެނދުގެ ހެޑްބޯޑު ކައިރީގައި ހަރުކޮށްފައިވާ ސުވިޗް ބޯޑުގެ ކައިރީގަ އެވެ. އޭނަ ކުޑަކޮށް ގުދުވެލާފައި ބޮކި ދިއްލާލި އެވެ. މިޝަލް ފެނުމުން ޒެންހާ ފެށީ ރޯށެވެ. އެނދުމަތީގައި ދެ ކަކޫ މައްޗަށް ވާހެން އިށީންނަމުން، އޭނަ މިޝަލްގެ ހަށިގަނޑުގައި ކުއްލިއަކަށް ބައްދާލައިފި އެވެ. ޒެންހާގެ އެ އަމަލުން ގުޑިލަން ވެސް ނޭނގިފައި މިޝަލްއަށް ހުރެވުނެވެ.

"މިޝަލް ނުދައްޗޭ... ޕްލީޒް..." ޒެންހާގެ އަޑު އައީ ކެނޑިކެނޑި ގެންނެވެ.

"ޒެންހާ... އޮށޯވެލަންވީނު..." ޒެންހާގެ ދެ ކޮނޑުގައި ހިފައި ދުރުކޮށްލަމުން މިޝަލް ބުންޏެވެ.

ޒެންހާ ވަގުތުން ދެކޮޅު ހެދި އެވެ. ކުރިއަށްވުރެ ބާރަށް މިޝަލްގެ ގައިގައި ހިފައިގަތެވެ.

"އަހަރެން މިތާ އިންނާނަން... އަވަހަށް އޮށޯވެލާ..." މިޝަލް ވާހަކަ ދެއްކީ އޯގާތެރި ރާގަކަށެވެ.

ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން ޒެންހާ އޮށޯތެވެ. އެވަރުން ވެސް މިޝަލްގެ އަތަކުން އޭނަ ދުލެއް ނުކުރި އެވެ. މިޝަލް އަށް މަޖުބޫރުވީ އެނދުގައި އިށީންނާށެވެ. ހެޑްބޯޑުގައި ލެނގިލި ގޮތަށް އޭނަ ނެގީ ފޯނެވެ. ކަންފަތަށް ހެޑްސެޓް ޖަހާލައިގެން އޭނަ އަޑު އަހަމުން ދިޔައީ، "ބްރެއިން ޓިއުމަރ" އިން ސަލާމަތް ވެފައިވާ މީހުން ދައްކާފައިވާ ވާހަތަކެވެ. ބަލީގައި ހޭދަކުރަންޖެހުނު ހިތްދަތި ދުވަސްތަކާއި، އެކަމުން ސަލާމަތްވުމަށް އެމީހުން މަސައްކަތް ކުރި ގޮތެވެ.

އަރާމުކޮށް އޮށޯވެލައިގެން އޮތް ޒެންހާ އާއި ދިމާއަށް މިޝަލް ބަލައިލި އެވެ. ޒެންހާއަށް ނިދިފައި އޮތްކަން އެނގުނު ނަމަވެސް، އެތަނުން ތެދުވާކަށް މިޝަލްއަކަށް ނުކެރުނެވެ. ލޯބި ނުވި ނަމަވެސް، އެ ހިތުގައި ޒެންހާ އާ މެދު ހަމްދަރުދީވި އެވެ. ހެޑްބޯޑުގައި ބޯ ޖައްސާލަމުން މިޝަލް ދެލޯ މަރާލި އެވެ. އެކި ފިކުރުތަކުގައި އޭނަ އެތައް އިރަކު އިނެވެ. އެންމެފަހުން ނިދިގެން ޒެންހާ އާ ދިމާއަށް އަރި އަޅާލައިފި އެވެ.

ވެހެމުންދިޔަ ވާރޭ ހިނދެއް ހިނދަކަށް ބޯ ކުރަމުން ދިޔަ އެވެ. އަރާމު ނިންޖެއްގެ ތެރޭގައި އެންމެން ތިބި އިރު، އީމާގެ ދެލޮލުގައި ނިދީގެ އެއްވެސް މިންވަރެއް ނެތެވެ. އޭނައަށް ވިސްނެމުން ދިޔައީ އިވުނު ވާހަކަތަކާ މެދުގަ އެވެ. އެމީހަކީ ޒުބޭރަށް ވެދާނޭ ހެއްޔެވެ؟ އެކަމަކު ޒެންހާ އާއި މިޝަލް އަށް ދެރަވާ ގޮތަކަށް ކަމެއް ކުރަން ޒުބޭރު މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟ ވިސްނާ ވިސްނައި ވެސް އީމާގެ ސިކުނޑިއަކަށް އެއްވެސް ކަމެއް ނަ އެވެ.

********

ފަތިސް ވީއިރު ވާރޭ ހުއްޓައިފި އެވެ. ޒެންހާއަށް ހޭލެވުނީ އޭނަގެ ފޯނުން ބަންގީގެ އަޑު އިވުމުންނެވެ. އެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ، ދާދި ކައިރީގައި ނިދިފައި އޮތް މިޝަލްގެ މޫނުގަ އެވެ. ހެޑްބޯޑުގައި ލެނގިލި ގޮތަށް ނިދިގެން ވެއްޓިފައި އޮތީ އޭނަގެ ނޭވާ އެ މޫނަށް އެޅޭހައި ކައިރިއަށެވެ.

ޒެންހާގެ ނަޒަރު މިޝަލްގެ ފައިން ފެށިގެން މޫނާ ހަމައަށް ހުއްޓުނެވެ. ހުދު ކުލައިގެ ތުނި ޓީޝާޓު ވަނީ މިޝަލްގެ ފިރެހެންވަންތަ ހަށިގަނޑުގައި ރީތިކޮށް ހިފާލާފަ އެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ނިތް މައްޗާއި ދިމާއަށް ވެއްޓިފަ އެވެ. ދިގު އެސްފިޔަ ތަކެކެވެ. އޮށޯވެގެން އޮތް ގޮތުން ކަނދުރާއަށް ތަދުވާނެ ކަން އޭނައަށް އެނގުނެވެ.

މިޝަލްގެ އޮމާން މޫނަށް ބަލަން ޒެންހާ އޮތެވެ. މިޝަލް ނުގޮސް އޭނަގެ ކައިރީގައި މަޑު ކުރުމުން، ޒެންހާއަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. އެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް އެ މޫނުން ވަކިކޮށްލަން އޭނަ ބޭނުން ނުވާ ކަހަލަ އެވެ. ބާލީސް މަތީގައި އޮތް މިޝަލްގެ އަތް މަތީގައި ޒެންހާ އޭނާގެ އަތް ބާއްވައިލި އެވެ. އެ އަތުގެ އިނގިލިތަކުގެ ތެރެއަށް އޭނަގެ އިނގިލިތައް މަހާލައިފި އެވެ.

ނިދީގައި މިޝަލް ފުރޮޅި ލުމާ އެކު ޒެންހާގެ ނޭވާ ހުއްޓުނުހެން ހީވި އެވެ. އަނގައިން މަޑު އާޙެއްގެ އަޑު ބޭރުވެގެން ދިޔުމާ އެކު، އަނގަމަތީގައި އަތް އަޅާލައިފި އެވެ.

މިޝަލްގެ ކަންފަތާ ދިމާއަށް ދިޔަ ކުޑަ ސޫތްޕެއް ޒެންހާގެ ލޮލުގައި އަޅައިގަތެވެ. އެސޮރުގެ މިޝްރާބު ހުރީ ސީދާ މިޝަލްގެ ކަންފަތުގެ އެތެރެއަށް ވަނުމަށެވެ. ޒެންހާ އޭނާގެ ދެލޯ ހަނިކޮށްލި އެވެ. ހިތުގެ އަޑިން އެ ސޫތްޕަށް އެއްޗެހި ގޮވަމުން، އެއް އަތުގެ ބާރުގައި ހަށިގަނޑު ކުޑަކޮށް އުފުލައިލި އެވެ. އޭނަ މިޝަލް އާ ދިމާއަށް ގުދުވެލާފައި، އަނެއް އަތް އުފުލައިލީ، އެ ސޫފި ފޮޅައި ލުމަށެވެ.

ނިދީގައި އޮވެފައި މިޝަލް ކުޑަކުޑަކޮށް ދެލޯ ހުޅުވައިލި އެވެ. އޭނަ ހީކުރީ، ޒެންހާ އޮތީ އެ މޫނުމަތީގައި ޖެހުމަށް އަތް އުފުލާ ލައިގެން ކަމަށެވެ. މިޝަލްއަށް ހަމަހޭވެރިކަން ވާން ހިނދުކޮޅެއް ނެގި އެވެ. އެސްފިޔަ ޖަހާލި ބާރު މިނުގައި، ދެ ލޯ ބޮޑުކޮށްލައިފި އެވެ. މިޝަލް ތެޅިގަތެވެ. ޒެންހާ އާ ދުރަށްޖެހެން ހަދައިގެން އޭނަ އެނދުން ވެއްޓުނީ އެވެ

"އައުޗް... އާޚްޚް..." ވީ ތަދުން މިޝަލްއަށް ގުޑިވެސް ނުލެވުނެވެ.

ޒެންހާ ތެދުވެގެން އައިސް މިޝަލް ނަގަން އުޅުނެވެ. އެވަގުތު އޭނައަށް ފެނުނީ ކުރިން ވެސް އޭނައަށް ފެނުނު ކުޑަ ސޫފި މިޝަލްގެ އިސްތަށިގަނޑުގެ ތެރެއަށް ވަދެގެން ދިޔަ މަންޒަރެވެ. ޒެންހާ އޭނާގެ ދެދަތްޕިލަ ޖައްސައި ބާރުކޮށްލި އެވެ. ވެއްޓިފައި އޮތް މިޝަލްގެ ބަނޑުމަތީގައި އިށީނދެފައި، ބޮލުގެ އިސްތަށިގަނޑުގައި ހިފައިގަނެފި އެވެ.

"ކުޑަ ސޫފި... އަހަރެންގެ ކައިރީ އެއްވެސް ބާރެއް ނުދެއްކޭނެ..." ޒެންހާ އައިސްފައިވާ ރުޅީގައި މިޝަލްގެ މަތީން ވެސް ހަނދާން ނެތް ކަހަލަ އެވެ.

"ވަޓް؟..." މިޝަލް އަށް ބުނެވުނެވެ.

އޭނަ ހީކުރީ ޒެންހާ އެ ހުރިހާ އެއްޗެއް ކީ އޭނަ އާ ދިމާއަށް ކަމަށެވެ. ނިދީގައި ޒެންހާ ހިތްހަމަނުޖެހޭ ވަރުގެ ކަމެއް ކުރެވުނީ ހެން ހީވުމުން މިޝަލް ހާސްވި އެވެ.

މިޝަލްގެ އަޑު ޒެންހާ އަކަށް ނީވެ އެވެ. އެ ވިސްނުމުގައި ވީ، ހަމަ އެކަނި އެ ސޫތްޕެވެ. އޭގެ ކިބައިން މިޝަލް ސަލާމަތް ކުރުމެވެ. މިޝަލްގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލުމަށް ފަހު، ބޮލާއި ދިމާއަށް ޒެންހާ ގުދުވި އެވެ. ޒެންހާއަށް އޮވެވުނީ މިޝަލްގެ މޫނު މަތީގަ އެވެ. ނޭވާ ނުލެވިގެން މިޝަލް ތެޅިގަތެވެ.

މިޝަލް، ޒެންހާގެ ދެ އަތުގައި ހިފެހެއްޓި އެވެ. އަނެއް ފަރާތަށް ފުރޮޅި ލުމާ އެކު، ޒެންހާ އޮތީ އޭނަގެ ދަށުގަ އެވެ. އެ އަތުގެ ފުރިހަމަ ބާރުގަ އެވެ. ޒެންހާގެ ދެ އަތް މުށިތަކުގެ މަތީގައި ޖައްސައި ރަނގަޅަށް ހައްޔަރު ކޮށްލަމުން، މިޝަލް އޭނާގެ ހަށިގަނޑު ކުޑަކޮށް އުފުލައިލި އެވެ. އޭނަ ޒެންހާގެ މޫނަށް ބަލައިލީ ދެ ބުމަ ގޮށްޖަހައިލަމުންނެވެ.

ޒެންހާ އޮތީ ދެލޯ ބޮޑުކޮށްލައިގެން މިޝަލްއަށް ބަލާށެވެ. ފުންކޮށް ނޭވާލަމުން ދިޔަ މިޝަލް ފެނުމުން ޒެންހާއަށް ހިންދިރުވައި ލެވުނެވެ. ކުރެވުނު ކަންތައް އިޚްސާސް ކުރެވުމުން، މިޝަލް އަވަހަށް ޒެންހާ އާއި ދުރަށް ޖެހިލި އެވެ.

"ސޮރީ... މީތި ފެނުނީމަ..." ޒެންހާ އޭނާގެ މުށްކެވިފައިވާ އަތް ހުޅުވައި، މިޝަލްއަށް ދައްކައިލަމުން ބުންޏެވެ.

އެ އަތުގެ ތެރޭގައި އެ ކުޑަ ސޫފި އޮތީ ގުޑި ވެސް ނުލެވޭނޭ ވަރު ކޮށްލައިފަ އެވެ. ޒެންހާގެ އަތުގައި އޮތީ ކޯއްޗެއްތޯ ބެލުން މިޝަލް އަކަށް މުހިއްމެއް ނުވި އެވެ. އޭނަ އެތަނުގައި މަޑެއް ނުކުރެ އެވެ. ކުޑަމިނުން، ޒެންހާ އާ ދިމާއަށް ބަލައި ވެސް ނުލި އެވެ. އެދިޔަ ބާރު މިނުގައި އޭނަ ގޮސް ވަނީ ފާޚާނާ އަށެވެ. ފެން މާގަނޑު ދޫކޮށްލުމާ އެކު، މިޝަލްގެ ހަނދާނަށް އައީ ފާޚާނާއަށް ވަދެވުނީ ތުވާލި ނުލައި ކަމެވެ.

"އެހާ ވަރުން ސަލާމަތް ކޮށްދިނީމަ ވެސް..." މިޝަލް އާ ދިމާއަށް އެއްޗެހި ކިޔަމުން ޒެންހާ ތެދުވި އެވެ.

"އާރްރް... ކީއްތަ މި ކުރެވުނީ... މިޝަލް ހީކުރާނީ ވެސް ކީކޭ... އާޙްޙް... މީގެ ސަބަބުން ވާހާ ކަންކަމޭ..." ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ޒެންހާ ވާހަކަ ދައްކަމުން ދިޔައީ އޭނަގެ އަމިއްލަ ނަފުޞަށެވެ. މުށް ހުޅުވާފައި އަތުގައި އޮތް ސޫތްޕަށް އޭނަ ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ.

********

ފުރަން ތައްޔާރުވެލައިގެން އީމާ ހުރީ އަތިރިމަތީގަ އެވެ. ލޯންޗް ނައްޓާލާ ގޮތަށް ހަމަޖެހިފައި އޮތީ ދިހައެއް ޖަހާއިރު ކަން އެނގުނު ނަމަވެސް، އެހާ ކުރިން އޭނަ ބަނދަރަށް ދިޔައީ، ކޮޓަރީގައި ހުންނަން ބޭނުން ނުވާތީ އެވެ. ޒެންހާ މެންގެ ދަތުރުގައި އޭނަ ވެސް ބައިވެރިވުމަށް ޒުބޭރު އޮތީ ބުނެފަ އެވެ. ޓިކެޓްގެ ކަންތައް ވެސް ހަމަޖައްސާފަ އެވެ.

އީމާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ރޭގަނޑު ނުނިދާ އުޅުމުގެ ސަބަބުން އޭނަ ހުރީ ވަރުބަލިވާގޮތް ވެފަ އެވެ. އީމާގެ ލޮލުގައި އަޅައިގަތީ، ތަންކޮޅެއް ދުރުގައި، ހުރި ޝުކޫރެވެ. އޭނައަށް ފާހަގަވީ ޝުކުރޫ ވެސް ލައިގެން ހުރީ ހުދު ކުލައިގެ ގަމީހެއް ކަމެވެ.

"ޝުކޫރުބެ؟... އެކަމަކު ކީއްވެ؟..." އީމާ އޭނަގެ އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔަ އެވެ.

އީމާ އެކި ފިކުރުތަކުގައި ހުއްޓައި، ޝުކޫރު އައިސް ދާދި ކައިރީގައި ހުއްޓުނެވެ. އީމާ ޝުކޫރަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ޒުބޭރު ދެއްކި ވާހަކަތަކާ މެދު ވިސްނައިލެވުމުން، އެކަމުގައި، ޝުކޫރުގެ އަތެއް ވާނެ ކަމަށް އޭނަ ޤަބޫލު ކުރި އެވެ.

"އަހަނ... އީމާ އަދި ވެސް ނުފުރަންތަ؟... މިހާރު، ޒުބޭރު މެން ވެސް ގޮއްސި އެއްނު..." ޝުކޫރު ވާހަކަ ދައްކަމުން ދިޔަ އިރު، ދޭތެރެއަކުން، އެ ނަޒަރު އަތުގައި އޮތް ފޯނަށް ހުއްޓެމުން ދިޔަ އެވެ.

"އެއާޕޯޓަށް ދާންޖެހޭތީ މަޑުކުރީ..." އީމާ ދިނީ ކުރު ޖަވާބެކެވެ.

"އައްދެ، މާ ރަނގަޅަކަށްނު މި ދިމާވީ... ޝުކޫރުބޭ ވެސް މިހުރީ އެއާޕޯޓަށް ދާންޖެހޭތީއޭ މަޑުކޮށްގެން.... ކޮން އިރަކު ޗެކިން ފެށެނީ؟..." ޝުކޫރު ސުވާލު ކުރި އެވެ.

"ބާރަ ޖަހާއިރު..." އީމާ އެހެން ބުނެފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"ޝުކޫރުބޭ ވެސް ދާންޖެހެނީ އެގަޑިއަށޭ... އީމާ ދާއިރު، ޚަބަރެއް ވެލައްޗޭ..." އީމާއަށް އަޑު އިވޭ ވަރަށް ޝުކޫރު ބުންޏެވެ.

އީމާ މަޑެއް ނުކުރެ އެވެ. ވަކި ޖަވާބެއް ނުދީ އޭނަ އެތަނުން ދިޔައީ އެވެ. ޒެންހާގެ ކައިވެންޏަށް، ޝުކޫރު ރިސޯޓަށް އައުމާއި، އެއް ވަގުތެއްގައި ރާއްޖެއިން ބޭރަށް ދިޔުން އެއީ އިއްތިފާޤަކަށް ނުވާނެ އެވެ. އެ ހުރިހާ ކަމަކާ އެކު، އީމާގެ ހިތުގައި ޝުކޫރާ މެދު އުފެދުނު ޝައްކު ޔަޤީނަށް ބަދަލުވި އެވެ.

********

ޒެންހާ ތައްޔާރުވެ ނިމެންދެން މިޝަލް ދިޔައީ ބޭރަށެވެ. މަޑު ހިނގުމެއްގައި އޭނަ މިސްރާބުޖެހީ، ރިސޯޓުގެ ތުނޑި އާ ދިމާއަށެވެ. ދޮންވެލި ތުނޑީގައި މީހުން މަދު ވަގުތެކެވެ. ދެތިން ފަތުރުވެރިއަކު ފިޔަވައި އިތުރު މީހަކު އެ ތަނުގައި ނެތެވެ. ވެލިގަނޑުގެ މަތީގައި މިޝަލް އޮށޯވެލީ އެއް އަތް ބޯ ދަށަށް ލައްވާލަމުންނެވެ. ރޭގައި ނިދަން އޮވެވުނު ގޮތަކުން އޭނަގެ ކަނދުރާގައި ގަދަޔަށް ރިއްސަމުން ދިޔަ އެވެ.

ބަނަވެފައިވާ އުޑު މައްޗަށް ނަޒަރު ހުއްޓާލައިގެން އޮތް މިޝަލްއަށް ވަގުތުތައް ދިޔަ ގޮތްވެސް ނޭނގުނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމާ އެކު، މިޝަލްއަށް ފުންމައިގެން ތެދުވެވުނެވެ. އެއާޕޯޓަށް ދާންޖެހޭ ވަގުތު ވަނީ ކުޑަތަން ވެފަ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި މިޝަލް ދިޔައީ، ރިސޯޓުގެ ރެސްޓޯރެންޓް ބަޔަށެވެ. އޭނަ ސައިބޮއެގެން ކޮޓަރިއަށް ދިޔައީ ފޮށްޓަށް އެއްޗެހި އަޅާށެވެ.

ކޮޓަރި ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ދެފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ.

(ނުނިމޭ)

ކޮމެންޓް 0