މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ބޭރުފުށަށް ބަލާލައިގެން އެ ވެވެނީ ހަޤީޤީ ލޯތްބެއް ނޫނެވެ. އިންސާނުންނަށް ރީތި އެއްޗެއްސަށް ލޯބި ކުރެވެއެވެ. އެފަދަ އެއްޗެއްސަށް ޝައުޤުވެރި ވެވެއެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. އިންސާނީ ތަބީއަތެވެ. ބައެއް މީހުންނަށް ހީވަނީ، އެއީ ލޯބި ކަމަށެވެ. އެކަމަކު ހަޤީޤީ ލޯތްބަކީ، މުޅީން ތަފާތު އެއްޗެކެވެ. ހަޤީޤީ ލޯބީގައި ކުލަޖެހެން ފަށަނީ، ކައިވެންޏެއްގެ ފަހުންނެވެ. ކައިވެންޏަކީ، އެހާވެސް މަތިވެރި ގުޅުމެކެވެ.

********

ކަނޑު ގަދަ ދުވަހެކެވެ. ވައި ބާރެވެ. އުޑުމަތި ބައްދާލާފައިވީ، ކަޅު ވިލާ ތަކުންނެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ، ވިއްސާރައިގެ ކުލަވަރެވެ.

ޑިއުޓީ ނިންމާލާފައި ބަނދަރަށް ނުކުތް އީމާ ހުރީ، ވަރުބަލިވެފައެވެ. ކަނޑު ކިތަންމެ ގަދަޔަސް، ކަންތައް ވެފައި އޮތް ގޮތުން، ރިސޯޓުގައި މަޑުކުރާކަށް އޭނަގެ ހިތެއް އެއްބަހެއް ނުވިއެވެ.

އީމާގެ ހަރަކާތްތަކަށް ބަލަން މިޔާހް ހުއްޓެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދު ފަޓުލޫނެއްގައި ހުރިއިރު، އިސްތަށިގަނޑު ގެނެސް ނިތްކުރިމަތިން ވައްޓާލާފައި އޮތުމުން، ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ދެ އަތް ޖީބަށް ކޮށްޕާލައިގެން ހުރިއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ، މާޔޫސް ކަމެވެ. އީމާއަށްޓަކައި އެ ހިތުގައި ވަނީ ހަމްދަރުދީއެވެ.

މާސިންގާ ބޮޑު ކަނޑަށް ބަލަހައްޓައިގެން އީމާ އިރުކޮޅަކު ހުއްޓެވެ. އެ މޫނުމަތިން ފެނުނީ، ގޮތް ހުސްވެފައިވާކަމުގެ ނިޝާންތަކެވެ. އޭނަ ލޯންޗަށް އަރަން ހިނގައިގަތީ، ދެފިކުރެއްގައި ހުރެފައެވެ. އެންމެން އަރައި ނިމުމުން، ދެފަހަރަކު ކައްޕި ގޮވައިލި ވެސް ފަހުންނެވެ.

"އީމާ!..." މިޔާހް އަކަށް ނުހުރެވުނެވެ.

"މިއަދު ދަތުރު ކުރުން އެހާ ރަނގަޅެއް ނޫން... މާދަމާ ދާން، މިރޭ މިކޮޅުގަ މަޑުކޮށްލަންވީނު..." މިޔާހް އާދޭހާއިއެކު އެދުނެވެ.

އީމާ ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުނެވެ. މިޔާހްގެ އަޑު ކަން އެނގުމުން، އޭނަ ފަސްއެނބުރި ބަލައެއް ނުލިއެވެ. އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އޭނަ އަވަހަށް ލޯންޗަށް އަރައިފިއެވެ. ލޯންޗު ދުއްވާލުމާއިއެކު، އީމާއަށް ހިންދިރުވައިލެވުނެވެ. ކުރިމަތިން ފެންނަން އޮތް މާސިންގާ ބޮޑު ކަނޑު ފެނުމުން ވެސް އޭނަ އިނީ، ހޮޑުލަވާ ގޮތް ވެފައެވެ.

ކަނޑަށް ނުކުމެވުމާއިއެކު، ލޯންޗް ނަގަނަގާފައި ޖަހަން ފެށިއެވެ. ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރު ކުރުން ފަސޭހަ ކަމަކަށް ނުވިއެވެ. އީމާ އިނީ، އޭނަ އިށީނދެގެން އިން ޝީޓުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އޭނަ ދެލޯ މަރައި ބާރުކޮށްލީ، އެ ރާޅުތައް ފެނުމުން، ހިތް ބިރުގަންނަގޮތް ވާތީއެވެ.

ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގެ ހަމަލާ ލޯންޗަށް އަމާޒު ވެއްޖެއެވެ. ލޯންޗްގެ އިންޖީނު ހުއްޓުނެވެ. ކުރީކޮޅުގެ ދެ ދޮރު ނައްޓައިގެން ލޮނުގަނޑު އެތެރެއަށް ވައްދައިލިއެވެ. އަންހެނުންތައް ހަޅޭއްލަވައިގަތެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. އަނެއް ބަޔަކު ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ.

ލޮނުގަނޑުގެ ތެރޭގައި ލޯންޗް ދެފަރާތަށް ހަލުވަމުން ދިޔައެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އީމާ އިނެވެ. އޭނަގެ ބޮލަށް އެނބުރުން އަރަނީއެވެ. ހެޔޮ އެއްޗެއް ނޫނީ އެ ދުލުން ބޭރު ނުވެއެވެ. ބިރުން ގޮސް މުޅި އެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

ކޮންމެވެސް މީހަކު އޭނަގެ ކައިރީގައި އިށީންކަން އެނގުނު ނަމަވެސް ދެ ލޯ ހުޅުވައިލާނެ ހިތްވަރެއް އީމާއަކަށް ނުލިބުނެވެ. ރޮއެ ހަޅޭއްލަވަމުންދިޔަ މީހުންގެ އަޑުތަކުން، އޭނަގެ ސިކުނޑި ހާސްކުރުވައިފިއެވެ. ދެން ސަލާމަތް ނުވާނޭހެން ހީވެ، އޭނަގެ ދެލޮލުން ކަރުނަ އޮހެން ފެށިއެވެ.

އީމާގެ ކައިރީގައި އިން މިޔާހްގެ ދެލޯ ފެންކަޅި ވިއެވެ. އީމާގެ ހާލު ފެނި އޭނައަށް ދުރަކު ނީނދެވުނެވެ. ގާތަށް ޖެހިލަމުން، އީމާގެ ކޮނޑުގައި ހިފައި ކައިރިއަށް ދަމާލައިފިއެވެ. ސިހުން ލިބުނު އީމާ ދެލޯ ބޮޑުކޮށްލަމުން ކައިރީގައި އިން މީހަކަށް ބަލައިލިއެވެ. މިޔާހް ފެނުމުން، އެހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެފަދަ ބިރުވެރި ވަގުތެއްގައި، ދަންނަ މީހަކު ގާތުގައި ވުމުން، އެ ލިބޭ އުފާވެރިކަން އޭނައަށް އެވަގުތު އިހުސާސް ކުރެވިގެން ދިޔައެވެ.

ބިރުން ގޮސް، ކުރެވޭ ނުކުރެވޭ ކަމެއް ވެސް އީމާއަކަށް ނޭނގެއެވެ. އޭނަގެ ހަމަބުއްދި ފިލައިގެން ގޮސްފައިވާ ކަހަލައެވެ. ކުއްލިއަކަށް މިޔާހްގެ ގައިގައި ހިފައިގަނެފިއެވެ. ލައިގެން އިން ޓީޝާޓުގައި ހިފައި ބާރުކޮށްލިގޮތުން، މިޔާހްއަށް ވެސް ސިހުމެއް ލިބުނެވެ. އެ މޭގައި މޫނު ފޮރުވާލުމާއިއެކު، އިވެން ފެށީ، އީމާގެ މަޑު ގިސްލުމުގެ އަޑެވެ.

"ޝްޝްޝް.. ހުއްޓާލާ... ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ... އަހަރެން މި އިނީނު... ކުޑަ އިރުކޮޅެއް ތެރޭ އެމްއެންޑީއެފްގެ ޓީމް އަންނާނެ..." އީމާގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން މިޔާހް ބުންޏެވެ.

********

މިޝަލްއަށް ހޭލެވުނީ، ނިދީގައި އޮވެ ޒެންހާ ހަޅޭއްލަވާ އަޑަށެވެ. ރޮއެރޮއެފައި ކޮންމެވެސް އެއްޗެހިތަކެއް ވެސް ކިޔަމުން ދިޔައެވެ. މުޅި އެ ހަށިގަނޑު ވަނީ ދާހިއްލަ ފޯވެފައެވެ.

މިޝަލްއަށް ޒެންހާ އާއި ދިމާއަށް އެނބުރެވުނެވެ. އޭނަ ޒެންހާގެ މޫނަށް ބަލަން އިރުކޮޅަކު އޮތެވެ. ނިދީގައި އޮތް އިރުވެސް، އެ ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. ލޮލުގެ ހިމަކޮޅުން، ރޮނގެއްހެން ފައިބަމުންދިޔަ ކަރުނަތަކުން، ބާލީސް ތެންމަމުން ދިޔައެވެ. މޫނުމަތީގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް ވަނީ ނިތްކުރި މަތީން ހިއްލާފައިވާ ދާތިކިތަކުގައި ތަތްލާފައެވެ.

މިޝަލް އޭނާގެ އަތް އުފުލައިލިއެވެ. މަޑުމަޑުން، އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަދިނެވެ. ނިތްކުރިން ފެށިގެން އެ އޮމާން ކޯތާފަތާއި ހަމައަށް އޭނަ އިނގިލި ހިންގައިލިއެވެ.

"ޒެންހާ!..." ކޯތާފަތުގައި މަޑުމަޑުން ޖަހައިލަމުން، މިޝަލް ގޮވައިލިއެވެ.

ޒެންހާއަށް ހޭލެވުނީ، މިޝަލް އޭނައަށް ގޮވާ އަޑު އިވުމުންނެވެ. ބިރުވެރި ހުވަފެނެއް ފެނިގެން، އޭނަ އޮތީ ދާހިއްލާ ފޯވެފައެވެ. ކައިރީގައި އޮތް މިޝަލް ފެނުމުން، އޭނަ ކުއްލިއަކަށް އެހަށިގަނޑުގައި ބައްދާލައިފިއެވެ.

"އެމީހުން، އަހަރެން މަރާލާނެ..." ޒެންހާއަށް ބުނެވުނެވެ.

ޒެންހާގެ އެ އަމަލުން ސިހުން ލިބިފައި އޮތް މިޝަލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާކަށް ގިނަ އިރެއް ނުނެގިއެވެ. ނިދީގައި ވިޔަސް، ޒެންހާ އެކުރި ކަމަކުން، އޭނަގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރި ކަމެއް ލިބިގެން ދިޔައެވެ. ކޮންމެ ހާލެއްގައި ވެސް ޒެންހާ އާއި އެންމެ ކައިރީގައި ވާން އެ ހިތް އެދެނީއެވެ. އަނބިމީހާއަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް އޭނަގެ ހިތް ގޮވައިލިއެވެ.

އޭނަ ޒެންހާގެ ހަށިގަނޑުގައި ދެއަތް ވަށާލައިފިއެވެ. އެ އަތުގެ ހިމާޔަތުގައި އޮވެ، ޒެންހާއަށް އަނެއްކާ ވެސް ނިދުނީއެވެ. އޭނައަށް ހޭލެވުނުއިރު ވެސް އޮވެވުނީ، މިޝަލްގެ އަތު ތެރޭގައެވެ.

ޒެންހާގެ ނިދިވެސް ވަގުތުން ފިލައި ދިޔައެވެ. އޭނަ ސިހިފައި ދުރަށް ޖެހިލިއެވެ. ފޯނަށް ބަލަހައްޓައިގެން އޮތް މިޝަލް ޒެންހާއަށް ބަލައިލާފައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ދެމީހުން ވެސް އެއްޗެއް ނުބުނެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ.

"އެއްޗެއް ދައްކާލަންތަ؟...

މިޝަލްގެ ސުވާލާއިއެކު، ޒެންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހާލަތުގެ ގޮތުން އޭނައަށް ނެގުނީ، މުޅީން ގޯސް މާނަ އެކެވެ. އެކަން މިޝަލްއަށް ރޭކައިލީ، ޒެންހާގެ މޫނު ލަދުން ރަތްވި ތަން ފެނުމުންނެވެ.

"ފޮޓޯ އެކޭ..." މިޝަލް އަވަސް އަވަހަށް ބުންޏެވެ.

ޒެންހާއަށް ހެވެން އުޅުނެވެ. މިޝަލްއަށް ވެސް ހެވިއްޖެއެވެ. އެކަން ފޮރުވަމުން، އޭނަ އަވަހަށް ފޯނުގެ އިސްކުރީނު ދައްކާލައިފިއެވެ. ދެ އަހަރުގެ ކުޑަ ފިރެހެން ކުއްޖަކު އުރާލައިގެން، ހުރީ ފިރެހެނެކެވެ. އެމީހާގެ ކަނާއަތް ފަޅީގައި އަންހެނަކު ހުއްޓެވެ.

"މީ އަހަރެންގެ ބައްޕަ... މީ އަހަރެން..." ތަސްވީރުން ފަހަރަކު މީހެއްގެ ގައިގައި އިނގިލި ޖައްސައިލަމުން މިޝަލް ބުންޏެވެ.

"މީ މަންމަތަ؟..." ޒެންހާ ޝައުޤުވެރިވެލާފައި އެހިއެވެ.

މިޝަލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އެކަން ޒެންހާއަށް ވެސް ފާހަގަ ނުވެއެއް ނުދިޔައެވެ. އޭނަ އިތުރު އެއްޗެއް ނުބުނީ، މިޝަލް ކުއްލިއަކަށް ފޯނު ދުރުކޮށްލުމުންނެވެ.

"ޒެންހާ!... މިސާލަކަށް ޒެންހާގެ މަންމަ ވަރަށް ބޮޑު ކުށެއް ކުރީޔޯ... މަޢާފު ކުރާނަންތަ؟..." މިޝަލް ސުވާލު ކުރީ، ސީލިންގަށް ނަޒަރު ހުއްޓާލަމުންނެވެ.

ޒެންހާ ވިސްނައިލިއެވެ. އޭނައަށް އެ ސުވާލަށް ޖަވާބެއް ނުދެވި އުޅެނިކޮށް މިޝަލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"މަންމަ ގުޅީމަ އުފާވާން އަހަރެން ބޭނުން... މަންމާ އޭ ކިޔާ ގޮވާލަން ވެސް ބޭނުންވޭ... އެކަމަކު..." މިޝަލް ހިންދިރުވައިލިއެވެ.

އެ ވާހަކަ ކުރިއަށް ގެންދާކަށް އޭނަ އަކަށް ފަސޭހައެއް ނުވިއެވެ.

"އަމިއްލަ ހިތަށް ތިގޮތަށް އަނިޔާ ދޭކަށް ނުވާނެ... މައިންބަފައިން ކުރާ ކުށަށް، އަބަދު ތިގޮތަށް ޝަޒާ ދިނުން ރަނގަޅެއް ނޫން..." ޒެންހާ ވާހަކަ ދެއްކީ، ވިސްނައިދޭ ކަހަލަ ގޮތަކަށެވެ.

"ކުށެކޭ؟... ޒެންހާއަށް އެނގޭތަ އަހަރެންގެ ބައްޕަ ނިޔާވީ ކީއްވެ ކަން؟... ބައްޕަ ނިޔާވީ، މަންމަ ދިން އަނިޔާތަކަށް ކެތް ނުވެގެން..."

މިޝަލް ދެން ހާމަކޮށްލި ޙަޤީޤަތަކުން، ޒެންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"އެނގޭ ބައްޕަ އެނބުރި ނާންނާނެ ކަން ވެސް... އެކަމަކު، އެ ދުވަހު މަންމަ، ބައްޕައަށް ދިން އަނިޔާތައް މިއަދު ވެސް ހީވަނީ ލޯ ކުރިމަތީ ފެންނަހެން... އެކަންކަން ހަނދާންވާ ކޮންމެ ފަހަރަކު، އަހަރެންގެ ލޭ ހޫނުވޭ... މަންމައަށް ނަފުރަތު ކުރެވޭ... އެނގޭތަ މަންމަ ކީއްވެ ކަން ބައްޕައަށް އަނިޔާވެރިވީ؟..." މިޝަލް، ޒެންހާ އާއި ދިމާއަށް ބަލައިލިއެވެ.

އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ޒެންހާ ބޯ ހޫރާލުމުން، މިޝަލް އަނެއްކާ ވެސް އޭނާގެ ނަޒަރު ސީލިންގަށް ހުއްޓައިލިއެވެ.

"ދިމާވި އެކްސިޑެންޓެއްގަ ބައްޕަގެ ދެފައި ބުރިކޮށްލަން ޖެހިގެން، ބައްޕަ އަކީ ނުކުޅެދޭ މީހަކަށް ވީމަ... އޭރު ގެއަށް އަންނަ މެހެމާނުން ކުރިމަތީ، މަންމަ ލަދުގަނޭ އަހަރެން މަންމަ އާއި ދިމާލަށް މަންމާ އޭ ކިޔާފަ ގޮވާލަން ވެސް... ދެން މިއަދު މަންމާއޭ ކިޔާފަ ގޮވާލާށޭ ބުންޏަސް، އަހަރެން ކިހިނެތް އެކަން ކުރާނީ... ކޮބާ، ވަކި މިއަދު އެހެން ކިޔުމުގެ ބޭނުމެއް؟... އެ ދުވަހު އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރިއޭ... ހާދަ ދެރައެއް ވިއޭ... ބައްޕައާ ދިމާލަށް ކިޔާ އެއްޗެހި އަޑު އިވުނަސް..." މިޝަލް އޭނާގެ ދެލޯ މަރާލިއެވެ.

ލޮލުގެ ހިމަކޮޅުން ފޭދިގެން އައީ ކަރުނަ ތިއްކެކެވެ. ބޭއިހްތިޔާރުގައި ޒެންހާއަށް އެ ކަރުނަތިކި ފޮހެލަދެވުނެވެ. މިޝަލްގެ ހިތަށް ކޮށްފައިވާ އަސަރު އެނގުމުން، އޭނަގެ ހިތް ވަނީ ރަހުމުން ފުރިފައެވެ.

"މަންމަ އުޅެނީ، ވަރަށް ބަލިކޮށް... އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް، މިއަދު އަމިއްލަ ނަފުސު ވެސް އެބަ ކުށްވެރި ކުރެވޭ... ހިތަށް އަރަނީ، މަންމަ އާއި ދޭތެރޭ މި ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫނޭ... އެކަމަކު، މަންމަ ކީ އެއްޗެއްސަށް ކެތް ނުވެގެން ބައްޕައަށް ހާޓް އެޓޭކް ޖެހުނު ދުވަހު އެ ބައްޕަ މަރަށް ތެޅުނު މަންޒަރު، ހިތުން ފިލައިގެން ނުދާހާ ހިނދަކު، މަންމަގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނުލިބޭނެ..."

މިޝަލްއަށް ވާހަކަ ދެއްކުނީ ހުއްޓަމުންނެވެ. އެއިން ކޮންމެ ޖުމްލަ އަކުން ޒެންހާގެ ހިތަށް ފުން ޒަހަމްތަކެއް ލިބެމުން ދިޔައެވެ. އެ އަޑުގައިވާ ރިހުން އެއީ އެތައް ދުވަހަކު ތަހަންމަލް ކޮށްފައިވާ ވޭނެއްގެ އަސަރު ކަން އޭނައަށް އިހުސާސް ކުރެވުނެވެ. ޒެންހާއަށް މިޝަލް އާއި ކައިރިއަށް ޖެހިލެވުނެވެ. އެ ހިތި މާޒީގެ ސަބަބުން، މިޝަލްގެ ހިތަށް ކުރާނެ އަސަރު އޭނައަށް ރަނގަޅަށް އެނގުނެވެ.

"ތީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން... ވަގުތު ފާއިތުވުމުގެ ކުރިން މަންމަ އާ ބައްދަލު ކުރުން އެންމެ ރަނގަޅު ވާނީ..." ޒެންހާ ހާމަކުރީ އޭނައަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ.

މިޝަލް އެ މޫނަށް ބަލައިލިއެވެ. އެގޮތުގައި އިރުކޮޅަކު އޮވެފައި ކޮށްލި ސުވާލު ތަކަކުން، ޒެންހާ ކޮށި އަރާގޮތް ވިއެވެ. އޭނައަށް ޖެހުނީ، އެ ސުވާލުތަކަށް ދޭން ޖަވާބަކާއިމެދު ވިސްނާށެވެ.

"މަންމަ އުޅެނީ މިކޮޅުގަ... މަންމަ އާ ބައްދަލު ކުރަން، ޒެންހާ އަހަންނާ އެކު ދާނަންތަ؟... އަހަންނަށް ހިތްވަރު ދޭން ކައިރީ ހުރެދޭނަންތަ؟..." ޒެންހާ އެއްޗެއް ނުބުނުމުން، މިޝަލް އޭނަގެ ސުވާލުތައް ތަކުރާރު ކުރިއެވެ.

********

ރަށަށް އާދެވުނުއިރު، އީމާގެ ހާލު ދެރައެވެ. އެތައް ފަހަރަކު ހޮޑު ލެވުމުން، އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ވާހަކަ ވެސް ނުދެއްކެއެވެ. މިޔާހްއަށް އީމާ އޭނާގެ ގެއަށް ގެންދަން ޖެހުނީ، އަތުލަފި ކޮށްގެންނެވެ. މީސްމީހުންގެ ކައިރީ އަހައިގެން އީމާގެ ގެއާއި ހަމައަށް ދެވުނު އިރު، އޭނަ ހުރީ ރަނގަޅަށް ވެސް ވަރުބަލި ވެފައެވެ.

ގޭގެ ދޮރު ހުރީ، ލައްޕާފައެވެ. ދޮރު ހުޅުވީ، މިޔާހް ދެތިން ފަހަރަކު ޓަކި ޖަހައިލުމުންނެވެ. ދޮރުމަތީގައި ހުރި ފާތުމަ، މިޔާހްގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. މިޔާހް ހުރީ، ޖެހިލުންވެގެން ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ.

"ހޫން!... އަނެއްކާ ކޮން މުސީބާތަކާ މި ލައްވާލީ..." އަކުރުތަކަށް ދަމައިލަމުން ފާތުމަ ބުންޏެވެ.

މިޔާހްގެ ހާސްކަން އިތުރުވީ، ފާތުމަ އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވައިލުމުންނެވެ. ގޭތެރެއަށް ވަންނާނެ ތަންކޮޅެއް ނުދެއްކި ތަނުގައި، ދެބުމަ ގޮށްޖަހާލައިގެން ބަލަން އޭނަ ހުއްޓެވެ.

(ނުނިމޭ)

ކޮމެންޓް 0