އޭނަ ޓެކްސީއަށް އެރުމުން، ވިކްޔަން ކުޑަ ގޮތަކަށް ވެގެން އުޅޭގޮތް ކިޔައި ދިނެވެ. މަންޒިލާއި ހަމައަށް ދެވެންދެން، ދެ މީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ.

********

"މި ގޭގައި ހުންނާނެ ހުރިހާ އެއްޗެއް... މިޝަލް ހަމައެކަނި ބަލާލަ ދޭންވީ، ހޮސްޕިޓަލަށް ގެންދަންޖެހޭ ވަރުގެ ކަމެއް ވެފަ ހުރިތޯ... ޝުކޫރުބޭ ހާސްވާވަރު ނުކޮށްލައްޗޭ... ކަމެއް ގޯސްވެއްޖެއްޔާ އަހަރެން ކައިރީ އިނގޭ ބުނާނީ..." ވިކްޔަން ވާހަކަ ދެއްކީ، ގޭތެރެއަށް ވަންނަމުންނެވެ.

ވިކްޔަން އާއިއެކު މިޝަލް ގޮސް ކިއާރާ އޮތް ކޮޓަރިއަށް ވަނެވެ. ޝުކޫރު އިނީ އެނދުގައި އިށީނދެގެންނެވެ. ދޮރާއި ފުރަގަސްދީގެން އިނުމުން، ދޮރުން އެތެރެއަށް ވަން ބަޔަކު އޭނަ އަކަށް ނުފެނެ އެވެ. ވިކްޔަންގެ އަޑު އިވުމުން އޭނަ ތެދުވި އެވެ. ފަސްއެނބުރި ބަލައިލުމާއިއެކު، ކުރިމަތީގައި ހުރި މިޝަލް ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އޭނައަށް އަވަހަށް އަނެއް ފަރާތަށް އެނބުރެވިއްޖެ އެވެ.

ޝުކޫރު ފެނުމާއިއެކު މިޝަލްއަށް ވެސް ވީ އެވަރެވެ. އޭނަގެ ފިޔަވަޅުތައް ވަގުތުން ހުއްޓިއްޖެ އެވެ. އެ ހިތުގައި ޝައްކު އުފެދުނީ، އޭނަ ފެނުމުން ޝުކޫރަށް ވީގޮތް ފެނިފަ އެވެ. ޝުކޫރާއި ދިމާއަށް ބަލަން މިޝަލް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ކޮންމެވެސް ތަނަކުން ޝުކޫރު ފެނުނު ހަނދާނެއް އޭނަ ވަނީ އެވެ. ހަނދާން ކޮށްކޮށް ވެސް އޭނަގެ ސިކުނޑިއަކަށް ކާކު ކަމެއް ނުވިސްނުނެވެ.

ޝަކުވާގެ ނަޒަރަކުން ވިކްޔަންއަށް ބަލައިލި ޝުކޫރުގެ ނިތްކުރިމަތީން ވަނީ ދާ ހިއްލާލާފަ އެވެ. އޭނަ ލޮލުގެ އިޝާރާތުން އެދުނީ މިޝަލް އެތަނުން ގެންދިޔުމަށެވެ. ވިކްޔަން އެކަން އެނގުނު ކަމަކަށް ނުހެދި އެވެ.

"ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް ވެގެން މިއުޅެނީ..." ޝުކޫރުގެ ކުރިމަތީގައި ހުއްޓިލަމުން މިޝަލް ބުންޏެވެ.

ޝުކޫރު ހިނިތުންވެލާފައި ދައްކައިލީ، ކިއާރާ އެވެ. އޭނަ އެދުނީ ކިއާރާއަށް ވެގެން އުޅޭގޮތެއް ބަލައި ދިނުމަށެވެ. އޭނަ ބޭރަށް ނުކުތީ، މިޝަލްއަށް ނޭނގޭނޭހެން ، ވިކްޔަންގެ ކައިރީގައި އޭނަ އާއިއެކު އައުމަށް އެދިފަ އެވެ.

މިޝަލްއަށް ޝައްކު ވެދާނެތީ، ވިކްޔަން އެ ކޮޓަރިން ނުކުތީ އިރުކޮޅެއް ފަހުންނެވެ. އޭނަ ނުކުތުމުން، ޝުކޫރު އެ އަތުގައި ހިފައިގެން ގެންދިޔައީ، ހާމަ ފެންޑާ އަށެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ، ހާސްކަމާއި، ހިތްހަމަނުޖެހުމުގެ ޢަޞަރެވެ.

"ތީ ކޮންކަހަލަ ސަމާސާ އެއް؟... އެންމެ ރަނގަޅަށް އަހަރެންގެ ޙާލަތު ވިސްނޭނެ މީހަކީ ތީ..." ޝުކޫރު ނުރުހިފައި ވާހަކަ ދެއްކި އެވެ.

"މިވަގުތަށް އަހަންނަށް ކަންތައް ކުރަން ފެނުނު އެންމެ ރަނގަޅު ގޮތަކީ މީ... އެހެން ނޫނަސް، މިޝަލް ފެނިގެން ޝުކޫރުބެ ތިހާ ހާސްވާންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ..." ވިކްޔަން ނުރުހިފައި ވާހަކަ ދެއްކި އެވެ.

"ސަބަބު އަހަރެން ބުނެފާނަން..." ފަހަތުން އިވުނު މިޝަލްގެ އަޑަށް ވިކްޔަން އާއި ޝުކޫރު ސިހިފައި އެދިމާއަށް ބަލާލައިފި އެވެ.

********

ކައިނާން އިނީ އޮފީސް ބައިގައެވެ. އެދުވަހު އެއްގޮތަކަށް ވެސް އީމާ އޮފީސް ބައިން ނުފެންނާތީ، އޭނަ އިނީ ހާސްވެފަ އެވެ. ކޮފީއަށް ދިޔަ ފަހުން، އީމާ އޭނަ އާއި ކުރިއަށްވުރެ ދުރުވެއްޖެހެން ހީވެ، އެ ހިތަށް ތަދުވަނީ އެވެ.

"ކީއްވެގެންތަ؟... އަހަންނަކަށް ހަމަ އެއްވެސް ސަބަބެއް ނުވިސްނޭ..." ކައިނާން ވާހަކަ ދައްކަމުން ދިޔައީ، އޭނަ އާއި ޖެހިގެން އިން ސާމިލް އަށެވެ.

ސާމިލް އަކީ ކައިނާންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ކައިނާން އީމާ ބޭނުންވާވަރު، އެންމެ ރަނގަޅަށް އެނގޭ މީހަކީ ސާމިލް އެވެ.

"އީމާ އަހަންނާ ދިމާއަށް ބަލައިވެސް ނުލާ... އަހަރެން ފެނުނަސް، ހީވަނީ، ފުރޭތައެއް ފެނިގެން އުޅޭ ހެންނޭ... އަހަރެން ހަމަ އެހާ ހުތުރީތަ؟... ހަންގަނޑު ކަޅީތަ؟..." ކައިނާންގެ އަޑުގައި ވަނީ ރިހުމެވެ.

"ބުނަން ވާހަކައެއް!... އަންހެނަކު ކާމިޔާބު ކުރެވޭނީ ވަރަށް ހުށިޔާރު ވެގެން..." ސާމިލް އޭނާގެ ވާހަކަ ނިންމާލާފައި، ޖަހާލީ ލުއި ހިނިގަނޑެކެވެ.

"ބަލާބަލަ އެއޮއް ކަމެއް... ތިހެން އިންދާ ފެންނާނީ ތެޔޮ ނާށި ކާޅު ޖަހައިގަންނަ ތަން..." ސާމިލްގެ އަޑަށް، ކައިނާންއަށް ސާމިލް އިޝާރާތްކުރި ދިމާއަށް ބަލައިލެވުނެވެ.

އޮފީސްބައި ވަކިކުރުމަށް ޖަހާފައިވާ ބިއްލޫރިގަނޑުގެ ބޭރުން ފެންނަމުން ދިޔައީ، މިޔާހް އާއި އީމާ އެކުގައި ހިނގާފައި ދަނިކޮށެވެ. ދެ މީހުން ގޮސް ކެފޭ ބަޔަށް ވަން އިރުވެސް ދިޔައީ، ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. މިޔާހް އީމާއަށް ބެލި ގޮތް ފެނުމުން ކައިނާންގެ ހިތުގައި ޙަޞަދައިގެ ހުޅުގަނޑު ރޯވެއްޖެ އެވެ. ދެ އަތް މުށްކެވުނެވެ. މޭޒުގައި ގޮށްމުށުން ޖަހާފައި، އޭނަ ތެދުވި އެވެ.

ސާމިލް ދިޔައީ ސިއްސައިގެންނެވެ. ކައިނާން އާއިއެކު އޭނަ ވެސް ފުންމައިގެން ތެދުވެއްޖެ އެވެ. އޭނަ ހާސްވެފައި ވަށައިގެން ބަލައިލިއިރު، ހުރިހާ މުވައްޒަފުންގެ ނަޒަރު އަމާޒުވެފައިވަނީ، އެ ދެ މީހުންނަށެވެ.

"އޭތް އޭތް... ހަމަޖެހިބަލަ... އެއްޗެކޭ ބުނާއިރަށް ތި ހުންނަނީ އަރާ ނަރުގަނޑުގަ... އިށީނދެބަލަ... އެންމެން އެބަ ބަލައޭ..." ކައިނާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ސާމިލް އުޅުނީ ވިސްނައިދެވޭތޯ އެވެ.

ކައިނާން މަޑެއް ނުކުރި އެވެ. އޭނަ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ކެފޭ ބަޔަށެވެ. އޭރު އީމާ އާއި މިޔާހް ތިބީ ކޮފީ މޭޒު ކައިރީގަ އެވެ. މޭޒު މަތީގައި އާވި އަރައަރައި ހުރި ދެ ކޮފީ ތަށި ހުއްޓެވެ.

ކައިނާން ޙަލުވި ފިޔަވަޅު ތަކެއްގައި ގޮސް ހުއްޓުނީ، މިޔާހްގެ ކުރިމަތީގަ އެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ސާމިލްއަށް އެ ތަނަށް ވަދެވުނުއިރު، ކައިނާން އުޅެނީ މިޔާހް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަނެގެންނެވެ. އޭނަ އަވަހަށް ގޮސް ކައިނާން ދުރުކުރަން އުޅުނެވެ.

"ހަނދާންކުރާތި... ކަލޭ އީމާގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް، ދުވަސް ދުއްވާލާނަން..." ކައިނާން އިންޒާރު ދިނެވެ.

މިޔާހް ހުރީ، ދެ ލޯ ބޮޑުކޮށްގެން ކައިނާންގެ މޫނަށް ބަލާށެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް މީހަކު އިންޒާރެއް ދިން އެއީ ފުރަތަމަ ފަހަރެވެ. ވާނުވާ ނޭނގޭތީ، ދިފާޢުގައި އެއްޗެއް ބުނާކަށް ވެސް އޭނައަކަށް ނޭނގުނެވެ.

ސާމިލްއަށް ކައިނާން ދުރު ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ކައިނާން އެތަނުން ނެރެން މަސައްކަތް ކުރި އެވެ. އީމާ ހުރީ އޭނަގެ މޭގައި އަތް ޖައްސާލައިގެންނެވެ. އޭނަ ހުރީ ފެންކަޅި ވެފަ އެވެ. އެކަމުގައި އަމިއްލަ ކުށެއް ނެތް ކަން އެނގުނު ނަމަވެސް، އޭނައަށް ކުރެވުނީ، މިޔާހްގެ ކުރިމަތީގައި ބޭޒާރުވީ ކަމުގެ އިޚްސާސެވެ.

********

"ވަގުންނަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަސް..." މިޝަލް ވާހަކަ ދައްކަމުން ޝުކޫރާއި ދިމާއަށް ދިޔަ އެވެ.

މިޝަލްގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަން ފެނި، ޝުކޫރު ހުރީ ޖެހިލުންވެފަ އެވެ. މިޝަލް ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، އޭނަ ދިޔައީ ފަހަތަށް ފިޔަވަޅު ނަގަމުންނެވެ. އޭނަ ގޮސް ލައިގަތީ، ފެންޑާގައި ޖަހާފައިވާ ތަނބުގަ އެވެ. ވިކްޔަން ހުރީ، ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.

"ކީއްވެ؟... އެވަރުގެ ބޮޑު ކަމެއް ކުރީ ކީއްވެ؟... އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ތީ ކާކު؟..." މިޝަލް ވާހަކަ ދައްކަމުން ދިޔައިރު، ރުޅި ގަދަވެގެން ގޮސް، މާނޭވާ ލެވެނީ އެވެ.

އޭނަ ގޮސް، ޝުކޫރުގެ ކުރިމަތީގައި ހުއްޓިފައި ގޮށްމުށުން ތަނބުގައި ޖަހައިފި އެވެ. ވިކްޔަން ބާރުބާރަށް ހިނގާލާފައި އެތަނަށް ދިޔަ އެވެ. އޭނަ މިޝަލްގެ ގައިގައި ހިފަހައްޓައި، ދުރުކުރަން އުޅުނެވެ. މިޝަލް ވަގުތުން އެ އަތް ފޮޅުވައިލި އެވެ.

"ބުނޭ... އެއީ ކީއްވެ ކުރި ކަމެއް؟... ކާކު ބުނެގެން ކުރި ކަމެއް؟... ވާހަކަ ދައްކާ..." މިޝަލް ހަޅޭއްލަވައިގަތެވެ.

"މިޝަލް... ހަމަޖެހިބަލަ..." މިޝަލް ދުރުކުރަމުން ވިކްޔަން ބުންޏެވެ.

"ޝުކޫރުބޭ... ވެގެން އުޅޭގޮތް ކިޔައިދޭން ވެއްޖެ އެއްނު މިހާރު..." ވިކްޔަން ނުރުހިފައި ޝުކޫރަށް ބަލައިލި އެވެ.

ޝުކޫރު ބޯ ޖަހައިލި އެވެ. އޭނަ އިސްޖަހައިލީ އެ ދެ ލޯ ފުރިގެން ކަރުނަތައް އޮހިގަތުމުންނެވެ. އޭނަ މަޑުމަޑުން ހުރިތަނަށް ތިރިވި އެވެ. ހަޤީގަތަކީ ވާހަކަ ދައްކާނޭ ހިތްވަރު ވެސް އެ ހަށިގަނޑުގައި ނެތް ކަމެވެ.

"ޒެންހާއަށް ގެއްލުން ދޭން މަސައްކަތް ކުރަނީ އަހަންނެއް ނޫން... އެ މީހަކު ހުންނަނީ ފުރުޞަތަކަށް ބަލަބަލާ... މިއަދު މިޝަލް އަހަންނަށް ޝުކުރުވެރި ވާންޖެހޭނެ... އަހަރެން މި މަސައްކަތް ކުރަނީ ޒެންހާ ސަލާމަތް ކުރަން... އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް، އަހަރެން ޒެންހާދެކެ ލޯބިވަން... އަހަރެން ކީއްކުރަން ޒެންހާއަށް ދެރައެއް ދޭންވީ؟... ހިތުގައި ޖައްސައިގެން އަހަންނަށް ވަކި ލިބޭނެ އުފަލެއް ކޮބާ؟... ޒެންހާ އަކީ... އެއީ..." ޝުކޫރަށް އޭނަގެ ޖުމްލައެއް ފުރިހަމަ އެއް ނުކުރެވުނެވެ.

އޭނައަށް ގިސްލާފައި ރޮވިއްޖެ އެވެ. ބޮޑު ފިރެހަނަކު އެފަދަ ގޮތަކަށް ރޯން ފެށުމުން، މިޝަލް އާއި ވިކްޔަން ވެސް ތިބީ ހަދަންވީ ގޮތެއް ނޭނގިފަ އެވެ. މިޝަލްގެ ރުޅިގަނޑު ފިނިވި ނަމަވެސް، އެ ހިތުގައި ޝުކޫރާއިމެދު އުފެދިފައިވާ ޝައްކަކަށް ބަދަލެއް ނައެވެ.

ކަރުނަތައް ފޮހެލާފައި ޝުކޫރު ތެދުވި އެވެ. އޭނަ މިޝަލްއަށް ބަލައިލީ، ނަފުރަތުގެ ބެލުމަކުންނެވެ. މަޑުމަޑުން ހިނގަމުން ގޮސް، މިޝަލްގެ ކުރިމަތީގައި އޭނަ ހުއްޓުނެވެ.

"އާނ!... އަހަރެން ޤަބޫލު ކުރަން އަހަރެން ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް... އެކަމަކު، ޒެންހާ މިއަދު އެ އުފުލާ ހިތާމައިގެ ޒިންމާ ނަގަންޖެހޭނެ މީހަކީ ތީ..." މިޝަލްގެ މޭގައި އިނގިލި ޖައްސައިލަމުން ޝުކޫރު ބުންޏެވެ.

"ކީކޭ ކިޔަން ތިއުޅެނީ؟..." މިޝަލް ހިތްހަމަނުޖެހުނެވެ.

"ކައިވެނި ކޮށްގެން މިހާ ދުވަސް ވީއިރު ވެސް، އަނތްބެއްގެ މަޤާމު އޭނައަށް ދިނިންތަ... އޭނ... ލޯތްބަކަށް އެދި އެ އަންހެން ކުއްޖާ ހާދަ ފޮނި އުއްމީދުތަކެއް ކުރާނެއޭ... އެކަމަކު އެފަދަ ނަޒަރަކުން އޭނައަށް ބަލައި ވެސް ލިންތަ؟... އޭނ! ބުނެބަލަ މީ ދޮގެކޭ... އަހަންނަށް އެނގޭތީ އޭ މި ބުނަނީ... މިޝަލް އޭނަ އާ ކައިވެނި ކުރީ ލޯތްބަކުން ނޫނެއްނު..." މިޝަލްގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން ޝުކޫރު ބުންޏެވެ.

މިޝަލްގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އޭނަގެ ދެ އަތް މުށްކެވުނެވެ. ނޭވާ އަވަސްވި އެވެ. އެފަދަ ވާހަކައެއް ޝުކޫރަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމުގެ އެފަދަ ޒާތީ ވާހަކަ އެއް، ދައްކަން ޝުކޫރަކީ ކާކު ހެއްޔެވެ؟ މިޝަލްގެ ކެތްތެރިކަން ކޮޅުންލައިފި އެވެ.

އަނގަ ހުޅުވުނު ގޮތަށް ލައްޕަން ވެސް ނޭނގިފައި ވިކްޔަން ހުއްޓެވެ. ޒެންހާގެ ހިތްދަތި ދިރިއުޅުން އަންދާޒާ ކޮށްލެވުމުން، އެ ހިތުގައި އެ އަންހެން ކުއްޖާއަށް ދެވިފައިވާ މަޤާމް އުފުލިއްޖެ އެވެ.

"ހުއްޓާލާ... އަހަރެންގެ ދިރިއުޅުމުގެ ޒާތީ ކަންކަމާ ވާހަކަ ދައްކަން ތީ ކާކު؟..." މިޝަލް ހަޅޭއްލަވައިގަތެވެ.

"އަހަރެން މީ ޒެންހާގެ ކާކު ކަން އެނގެން ބޭނުންތަ؟..." ޝުކޫރު ވެސް ދުލެއް ނުކުރި އެވެ.

********

"ބައްޕާ..." ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ޒެންހާ ބުންޏެވެ.

ޒެންހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ވެދިޔަ ކަންތަކަށްފަހު، އޭނައަށް ވަނީ ފުން އިޚްސާސްތަކެއް ކުރުވާފަ އެވެ. އެނދުން ތެދުވާ ހިތްވެސް ނުވެފައި އޮއްވައި، އޭނައަށް ތެދުވަން މަޖުބޫރުވީ، ޒުބޭރު ގުޅުމުންނެވެ.

"ދަރިފުޅާ!... މަންމަ މާބޮޑަށް ހާސްވަނީ އޯ... ރޭގަ ކޮންމެސް ހުވަފެނެއް ފެނިގެން އެއުޅެނީ... ހެނދުނު ހޭލީއްސުރެ، އެކިޔަނީ ދަރިފުޅަށް ގުޅައިދޭށޭ... ކުޑަކޮށް ވާހަކަ ދައްކާލާފަ، ހަމައަކަށް އަޅުވާލަބަލަ އިނގޭ..." ޒުބޭރު ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

އާބިދާ ހުރީ ޒުބޭރު އޭނަގެ އަތަށް ފޯނު ނުދީގެންނެވެ. ޒެންހާގެ އަޑު އިވުމުން އޭނަ ފުރަތަމަ ވެސް ފެށީ ރޯށެވެ. އޭނައަށް ވާހަކައެއް ދެއްކޭ ވަރުވީ އެތައް އިރެއް ފަހުންނެވެ.

"ދަރިފުޅާ!... މަންމަ އެބަ ވަރަށް ބިރުގަނޭ... ކޮން ދުވަހަކުންތަ ދަރިފުޅު މަންމަ ކައިރިއަށް އަންނާނީ؟.. މިހާރު ތިކޮޅަށް ދިޔަ ފަހުން ވެސް ކިހާ ދުވަހެއް މިވަނީ..." އާބިދާ ފެށީ ޝަކުވާ ކުރާށެވެ.

"މަންމާ! ދެން ނެތޭ މާ ދުވަހެއް... ފެށޭ ހަފްތާ ދެވޭނެހެން ހީވަނީ... މަންމަ ހާސްނުވައްޗޭ... އަލްޙަމްދުﷲ އަހަރެންގެ ޙާލު މިހާރު ވަރަށް ވަރަށް ރަނގަޅު..." ޒެންހާ ވާހަކަ ދެއްކީ އާދައިގެ މަތިން އޭނަ އާބިދާ އާއި ވާހަކަ ދައްކާ މަޖާ ރާގުގަ އެވެ.

އާބިދާ އާއި އެކި ވާހަކަތަކުގައި އޮތް ޒެންހާއަށް ދޮރާއި ދިމާއަށް ބަލައިލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުމުންނެވެ. ޒެންހާގެ ސިކުނޑިއަށް ފުރަތަމަ އައީ މިޝަލްގެ ނަމެވެ. އެކަމަކު މިޝަލްގެ އަތުގައި ކޮޓަރީގެ ތަޅުދަނޑި އޮންނާނެ އެވެ. ވީއިރު، ދޮރުގައި ޓަކި ޖެހީ ކާކު ހެއްޔެވެ؟

"މަންމާ ފަހުން ގުޅާލާނަން އިނގޭ... ކޮންމެވެސް މީހަކު އައިއްސި..." ޒެންހާ ފޯނު ކުރުކޮށްލި އެވެ.

އޭނަ އެނދުން ތެދުވެގެން ގޮސް ފުރަތަމަ ހުއްޓިލީ، ލޯގަނޑުގެ ކުރިމަތީގަ އެވެ. ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލާފައި ގޮސް ދޮރު ހުޅުވާލި އެވެ. ދޮރުމަތީގައި ހުރީ މެދު އުމުރުގެ އަންހެނެކެވެ. ރީތި މީހެކެވެ. ހަމުގެ ކުލަ އައްޔެވެ. ބަލާބެލުމަށް މާ ދުވަސްވެފައި ހުރި މީހެއް ފާޑެއް ނުޖަހަ އެވެ. ކޮނޑާއި ހަމައަށް އޮތް ބޮލުގެ އިސްތަށިގަނޑު އޮތީ، ހާމައަށް ދޫކޮށްލާފަ އެވެ. ކަކުލަށްވުރެ ތިރިއަށް ހުރި ހެދުމާއިއެކު، ބޭނުންކޮށްފައި ވަނީ ހެދުމާއި ގުޅޭ ގަހަނާ އެވެ. ކޮނޑުގައި އަޅުވާލާފައިވާ ދަބަހުން ފެށިގެން އަރައިގެން ހުރި ބޫޓަށް ބަލައިލިޔަސް، ދައްކުވައިދެނީ، އެ މީހެއްގެ މުއްސަނދި ކަމާއި، ޝާހީ ކަމެވެ.

"ކާކު؟..." ޒެންހާ ސުވާލު ކުރީ އެ މީހަކު އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުންނެވެ.

********

"ޒެންހާގެ ބައްޕަ... އެއީ އަހަރެންގެ ލޭ..." ޝުކޫރުގެ ޖުމްލައިން ހީވީ މުޅި ތަނުގައި ބޮމެއް ގޮއްވައިލި ހެންނެވެ.

(ނުނިމޭ)

ކޮމެންޓް 0