"ކާކު ހޭ؟..." ކިއާރާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.
"އެއީ... އެއީ... އަހަރެންގެ ކުރީގެ އަނބި..މީހާ..." ޝުކޫރަށް އޭނާގެ ޖުމްލަ ފުރިހަމަ ކުރެވުނީ ވަރަށް އުނދަގުލުންނެވެ.
********
ކިއާރާ ހުއްޓުން އެރި އެވެ. އެނގުނު ހަޤީގަތެއްގެ ސަބަބުން، ޝުކޫރަށް ބަލަން އޭނަ ހުރީ ދެ ލޯ ބޮޑު ކޮށްގެންނެވެ. އެ ހުރިހާ ދުވަހު އޭނަ ހީކުރީ، ލަތީފާގެ ޤާތިލަކީ ޝުކޫރު ކަމަށެވެ. އޭނަ ކުރި އެއްވެސް ސުވާލަކަށް ޝުކޫރު ޖަވާބު ނުދިނީ، އެކަން އޮއްބައިލަން ކަމަށެވެ.
ލަތީފާގެ މަރާއިއެކު، ކިއާރާ ގޮވައިގެން، ޝުކޫރު ރާއްޖެއިން ބޭރަށް ބަދަލުވީ، އޭނަގެ މަންމަ ފަރާތު ބޮޑުދައިތަ އާއި އެކުގަ އެވެ. ބޮޑުދައިތަ އެކި މީސްމީހުންގެ ކައިރީގައި ދައްކާފައިވާ ވާހަކަތުން، ޅަދުވަހޫއްސުރެ، ޝުކޫރާއިމެދު، އޭނަގެ ސިކުނޑިއަށް ވިސްނިފައި އޮތީ، މުޅީން ގޯސްކޮށެވެ.
ބޮޑުދައިތަ ނިޔާވީ، ކިއާރާގެ އުމުރުން އެންމެ ފަސް އަހަރުގަ އެވެ. އޭގެ ފަހުގައި ކިއާރާ އުޅެމުން ދިޔައީ، ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ބޭރު މީހަކު ގެނައި ނަމަވެސް، ކިއާރާ އެ މީހާ އާއި އެއްވެސް ވަރަކަށް ވާހަކަ ދައްކައެއް ނުހަދަ އެވެ. އުފަން ފަސްގަނޑަށް ދާން ބޭނުންވެގެން، އޭނަ ޝުކޫރުގެ ކައިރީގައި އެތައް އާދޭހެއް ކުރި އެވެ. ޝުކޫރު އޮތީ ފާޅުގައި އެކަމަށް އިންކާރު ކޮށްފަ އެވެ. ސަބަބު އޮޅުންފިލުވުމަށް އޭނަ ކުރި މަސައްކަތް ވެސް ވީ، ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އެ ހުރިހާ ސަބަބަކާއިހުރެ، ޝުކޫރުގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ވަރަށް އޭނައަށް ނަފުރަތު ކުރެވެން ފެށުނެވެ.
ހަޤީގަތް އެނގުމުން، ކިއާރާގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އެ ހިތަށް ލިބުނު ހިތާމަ ކުރިއަށްވުރެ ބޮޑުވެއްޖެ އެވެ. ހިތް ނުތަނަވަސްވާން ފެށި އެވެ. ހަޤީގަތަކީ އެއީ ކަމަށްވާނަމަ، ޝުކޫރުގެ މަޤުޞަދަކީ ކޮބައި ހެއްޔެވެ؟ އޭނަ އެތަނުގައި ފޮރުވައިގެން ގެންގުޅުމުގެ ބޭނުމަކީ ކޮބައި ބާވައެވެ؟
"ކިއާރާގެ ބައްޕަ ހުސްނީ އަކީ، ވަރަށް ޙެޔޮ މީހެއް... އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ... ހުސްނީ ނިޔާވީ، ކިއާރާއަށް އެންމެ ތިން މަހުގައި، މަހަށް ގޮސް އުޅެނިކޮށް..." ޝުކޫރު އޭނަގެ ވާހަކަ ހުއްޓައިލި އެވެ.
ނޭފަތް އެތެރެއަށް ދަމާލާފައި، އަނެއްކާ ވެސް އޭނަގެ ވާހަކަ ކުރިއަށް ގެންދަން ފެށި އެވެ.
"ހުސްނީ ނިޔާވި ފަހުން، ލަތީފާ ދިރިއުޅެމުން ދިޔައީ ވަރަށް ޙާލުގަ... އާއިލާގަ ހުރީ ބޮޑުދައިތަ އަކާއި، ބޮޑުބޭބެ އެއް އެކަނި... ބޮޑުބޭބެގެ އެއްވެސް އަޅާލުމެއް އާއިލާއަކަށް ނުލިބޭ... އެހީވާން ހުރީ މުސްކުޅި ބޮޑުދައިތައެއް އެކަނި.... ކިއާރާ އާއި ލަތީފާ ބެލެހެއްޓުމާއި އަހަރެން ޙަވާލުވީ، ހުސްނީއަށް ޓަކައި... ލަތީފާ އާއި ކައިވެނި ކުރުމަކީ އަހަރެން ބޭނުންވި ގޮތެއް ނޫން... އެއީ ލަތީފާ ބޭނުންވި ގޮތް... ކައިވެނި ނުކޮށް، އަހަރެންގެ އެހީތެރިކަން ހޯދަން ލަތީފާ ބޭނުން ނުވީ..." އިސްޖަހާލައިގެން ހުރެ، ވާހަކަ ދައްކަމުން ދިޔައިރު، ޝުކޫރުގެ ހިތަށް ކޮށްފައިވާ ޢަޞަރު ކިއާރާއަށް އެނގުނެވެ.
"ދަރިފުޅާ ކިއާރާ... މަޢާފަށް އެދުނަސް، ވެދިޔަ ކަމެއް ބަދަލު ނުވާނެ ކަން ވެސް އެނގޭ... އެކަމަކު ވެސް، ބައްޕައަށް މަޢާފު ކޮށްދީ..." ކިއާރާ އާއި ދިމާއަށް ބަލައިލަމުން ޝުކޫރު ބުންޏެވެ.
އިސްޖަހައިގެން ހުރި ކިއާރާ ޝުކޫރާއި ދިމާއަށް ބަލައިލިއިރު، ރޮވެނީ އެވެ. ރަތްވެފައިވާ ދެ ލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފެނި، ޝުކޫރުގެ ހިތް ފަޅައިގެން ދިޔަ އެވެ. އަމިއްލަ ދަރިއަކަށް ނުވިޔަސް، އޭނަ ކިއާރާދެކެ އިންތިހާއަށް ލޯބި ވެއެވެ. އަމިއްލަ ދަރިފުޅު އަނބުރާ އޭނަގެ ޙަޔާތަށް އަޔަސް، ކިއާރާގެ މަޤާމަކަށް ފަނޑުކަމެއް ނާންނާނޭކަށް އެއީ އޭނައަށް ކަށަވަރުވާ ކަމެކެވެ.
********
ކޮފީ ތަށި ހުސްވަމުން ދިޔަ އިރުވެސް މިޝަލް އިނީ، ފޯނާއި ކުޅޭށެވެ. ޒެންހާގެ ނަޒަރު ދޭތެރެ ދޭތެރެއިން މިޝަލްއަށް ހުއްޓެމުން ދިޔަ އެވެ. ވިކްޔަން އިނީ، އެ ދެ މީހުންގެ ޙަރަކާތްތަކަށް ބަލާށެވެ.
ވިކްޔަން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ތަނައި، ފޯނެއް އަންނަން ފެށި އެވެ. އޭނަ އެތަނުން ދިޔައީ، މުހިއްމު ކަމެއް ޖެހިއްޖެ ކަމަށް ބުނެފަ އެވެ.
ވިކްޔަން ދިޔުމުން، ޒެންހާ އާއި ދިމާއަށް މިޝަލް ބަލައިލި އެވެ. އޭރު ޒެންހާ ވެސް އިނީ މިޝަލްއަށް ބަލަހައްޓައިގެންނެވެ. ދެ މީހުންނަށް ވެސް އަވަސް އަވަހަށް އިސްޖަހައިލެވުނީ، ކުށްވެރިންތަކެއް ފަދައިންނެވެ.
ކޮފީ ތަށި ހުސްކޮށްލާފައި، ފުރަތަމަ ތެދުވީ މިޝަލް އެވެ. މެދާއި ހަމައަށް ހުރި ކޮފީ ތަށި ހުސްކޮށްލުމެއްނެތި، ޒެންހާ ވެސް ތެދުވި އެވެ. ބެއަރ ނަގައިގެން ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، ޒެންހާގެ ދެ ފައި ހީވީ، ބިމުގައި ތަތްލީ ހެންނެވެ. ދެ އަތް ޖީބަށް ޖަހާލައިގެން، މިޝަލް ހުރީ އޭނައަށް ބަލާށެވެ. އެ ނަޒަރު އޭނަގެ މޫނުން ބެއަރއަށް ހުއްޓުނެވެ. އެއާއިއެކު އެ މޫނުމަތިން ފެނުނީ، ހިތްހަމަނުޖެހުމުގެ ޢަޞަރެވެ.
ޒެންހާއަށް ބެއަރގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭނަ އުޅުނީ، އިސްޖަހައިގެން ހުރެ، އެތަނުން ދާށެވެ.
"ތި ހިފައިގެންތަ ދަނީ؟..." މިޝަލްއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
ޒެންހާ ހުއްޓުނެވެ. އޭނަ މިޝަލްއަށް ބަލައިލާފައި، ބޯ ޖަހާލި އެވެ. ޖީބު ތެރޭގައި އޮތް މިޝަލްގެ ދެ އަތް މުށްކެވުނެވެ.
"ތިކަހަލަ އެއްޗެހި ކޮޓަރީގަ ބަހައްޓާކަށް ނުވާނެ..." ހިނިތުންވެލަން މަސައްކަތް ކުރަމުން މިޝަލް ބުންޏެވެ.
"ކޮތަޅަކަށްލާފަ ބާއްވާނީ..." ޒެންހާ އެހެން ބުނެފައި، ހިނގައިގަތެވެ.
ދަތްތަކަށް ބާރުކޮށްލައިގެން ހުރެ، ޒެންހާގެ ފަހަތުން މިޝަލް ހިނގައިގަތެވެ. އޭރު އޭނަ ވިސްނަމުން ދިޔައީ، އޭގެ ކިބައިން ސަލާމަތް ވެވޭނެ ގޮތަކާއި މެދުގަ އެވެ.
ކޮޓަރިއަށް ވަދެފައި، ޒެންހާ އެ ބެއަރ ބޭއްވީ އެނދު މަތީގަ އެވެ. ތުވާލި ހިފައިގެން އޭނަ ގޮސް ފާޙާނާއަށް ވަނުމާއިއެކު، މިޝަލް ކުދި ކިޔަން ފެށި އެވެ. ފުރާނަ އެއްވެސް ނެތް އެއްޗަކަށް އެ ވަރުގެ ލަޤަބެއް ދިނުމުންނެވެ. ހުރިހާ ކަމަކާއި ކުށްވެރި ކުރެވުނީ، އެ ބެއަރ އެވެ. ހިތާއި ހިތުން އެތައް އެއްޗެއް ކިޔަމުން އޭނަ ނުކުތީ، ބޭރަށެވެ. އެކި ފިހާރަތައް ބަލަމުން ދަނިކޮށް، އޭނަގެ ލޮލުގައި އަޅައިގަތީ، ރަތްކުލައިގެ ބާލީހެކެވެ. މަޑު ކެހެރިތަކެއް ލާފައިވާ އެ ބާލީސް ފެނުމާއިއެކު، މިޝަލްއަށް އެ ކަމުގޮސްފި އެވެ. އޭނަ އެ ގަތީ، ޒެންހާއަށް ކަމުދާނެ ކަމަށް ބަލާފަ އެވެ.
މިޝަލް ގެއަށް އައިއިރު، ޒެންހާ އިނީ، އެނދު މަތީގަ އެވެ. ދެފައި ގެންގޮސް އެނދު މައްޗަށް ނަގައިގެން އިންއިރު، ޚިޔާލެއް ފިކުރެއް ނެތި، ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ކަނޑަނީ އެވެ. ކައިރީގައި ބެއަރ ބާއްވާލާފައި އޮތެވެ. ބާލީސް ފުރަގަހަށް ލައިގެން ގޮސް، ޒެންހާގެ ކުރިމަތީގައި މިޝަލް ހުއްޓުނެވެ. ޒެންހާ އޭނަ އާއި ދިމާއަށް ބަލައިލުމާއިއެކު، އޭނަ އެ ބާލީސް ދިއްކޮށްލައިފި އެވެ.
މުޅި ކޮޓަރީގައި ގުގުމައިލީ، ޒެންހާގެ ތޫލި ހަޅޭކުގެ އަޑެވެ. ދެ ލޯ މަރައި ބާރުކޮށްލަމުން، އޭނަ ފުންމައިގެން ތެދުވި އެވެ. އެނދުމަތީގައި ފުންމަންފެށި ގޮތުން، ހީވީ ބިރުވެރި އެއްޗެއް ފެނިގެން ފުންމަމުން ދިޔަ ހެންނެވެ. މިޝަލް ހައިރާންވެފައި، ބާލީހަށް ބަލައިލި އެވެ. އޭގެ ފަހަތުގައި ކުރަހާފައިވާ ބިރުވެރި މޫނުގަނޑު އޭނައަށް ފެނުނީ، ދެނެވެ. ކުރިން އޭނައަށް އެވަރު ބަލައި ނުލެވުނީ، އަވަސް އަރުވާލައިގެން އެކަން ކުރަން ހަދައިގެންނެވެ.
މިޝަލް ދެ ލޯ ހަނިކޮށްލަމުން، އެނދު މަތީގައި އޮތް ބެއަރއަށް ބަލައިލި އެވެ. އެ ހުރިހާ ކަމެއް ވީ، އޭތީގެ ސަބަބުންނެވެ. އޭނަ ހުއްޓާނީ، އޭތި އެ ކޮޓަރިން ވެސް ބޭރުކޮށްފައި ކަމުގައި ހިތާއި ހިތުން ވަޢުދު ވިއެވެ.
މިޝަލް އޭނަގެ އަތުގައި އޮތް ބާލީސް ދުރަށް ހޫރައިލި އެވެ. އޭނަ ވާހަކަ ދައްކަން އުޅެއުޅެ، ޒެންހާގެ ހަޅޭކެއް ނުހުއްޓުނެވެ. އެންމެފަހުން އޭނައަށް މަޖުބޫރުވީ، ކޮންމެވެސް ގޮތަކުން ޒެންހާ ހުއްޓުވާށެވެ. އޭނަ ޒެންހާގެ ގައިގައި ހިފަހައްޓަން އުޅުމުގެ ތެރޭގައި، ދެ މީހުން އެކުގައި އެނދު މައްޗަށް ވެއްޓިއްޖެ އެވެ. ޒެންހާ އޮތީ، މިޝަލްގެ ގައި ދަށުގަ އެވެ.
މިޝަލްގެ މޫނު ވަނީ ޒެންހާގެ މޫނާއި، ނުރައްކާތެރި ދަރަޖައަކަށް ކައިރި ވެފަ އެވެ. އެ ހޫނު ނޭވާގެ އިޙްސާސް، ޒެންހާގެ މޫނަށް ކުރެވެމުން ދިޔަ އެވެ. މިޝަލް އޭނާގެ ދެ އަތުގެ ބާރުގައި ހަށިގަނޑު ކުޑަކޮށް އުފުލައިލި ނަމަވެސް، ޒެންހާ އާއި ދުރަށްޖެހިލާކަށް ބޭނުމެއް ނުވި އެވެ. ދާދި ކައިރިން އެ އޮމާން މޫނު ބަލައިލަން ލިބުމުން، އެ ހިތް ގޮވަމުން ދިޔައީ، ހިތް ފުރެންދެން އެ މޫނަށް ބަލަން އޮތުމަށެވެ.
ޒެންހާގެ ދިގު އެސްފިޔަތައް ތަޅުވައިލި އެވެ. އޭނަ މަޑުމަޑުން ދެ ލޯ ހުޅުވައިލި އިރު ވެސް މިޝަލް އޮތީ، އެ މޫނަށް ބަލާށެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވި ހިނދު، އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިން ކަހަލަ އެވެ.
ޒެންހާގެ ހިތް، އޮބި ނޯންނަ ވަރަށް ތެޅިގަތެވެ. ތަފާތު ޖަޒްބާތު ތަކެއް އެ ހަށިގަނޑުގައި އުފަން ކުރުވައިފި އެވެ. ކަޅި ޖަހާލަން ވެސް ނުކެރިފައި، އޭނަ އޮތީ މިޝަލްގެ މޫނަށް ބަލާށެވެ. މިޝަލްގެ ޙާލަކީ ވެސް އެއީ އެވެ. އެފަދަ ގާތްކަމަކަށް އޭނަ ބޭނުންވަނީ އެވެ. ހިތް އެދެމުން ދިޔައީ، ފުރުޞަތުގެ ބޭނުން ހިފުމަށެވެ. ޒެންހާ އަކީ އޭނަގެ ޙަލާލު އަނބިމީހާ އެވެ.
********
އީމާ އިނީ ފުން ވިސްނުމެއްގެ ތެރޭގަ އެވެ. އޭނަ އަކީ މާ މޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. މިޔާހް އެބުނި މަޤާމުގައި މަސައްކަތް ކުރާނެ ފެންވަރު އޭނަގެ ގައިގައި އެބަހުރި ހެއްޔެވެ؟ އޭނައަށްވުރެ މާ ފެންވަރު ރަނގަޅު ކުދިން ރިސޯޓުގެ އެކި މަޤާމު ތަކުގައި މަސައްކަތް ކުރަމުން ދެއެވެ. އެ އެންމެން ތިއްބައި، އޭނަ އެ މަޤާމަށް ނެގުމުގެ ބޭނުމަކާއިމެދު އީމާގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.
"މިތާކު އަނެއްހެން މާ ބުރައެއް ނުވާނެ އިނގޭ... މިހާރު އީމާ ތިހުރި މަޤާމަށްވުރެ، މާ ބޮޑަށް ވެސް މަސައްކަތްތައް ލުއި ވާނެ... އީމާ ބޭނުން ނޫނިއްޔާ، މިކަމަށް އިންކާރު ކުރުމުގެ ޙައްޤުވެސް އެބަ އޮތް... މީ އަނެއްހެން މަޖުބޫރު ކަމެއް ނޫން..." މިޔާހް ވާހަކަ ދެއްކީ އީމާގެ މޫނަށް ބަލަން އިނދެ އެވެ.
"ނޫން ނޫން... އަޅުގަނޑު އިންކާރު ކުރާކަށް ނޫން... މަތީ މަޤާމެއްގަ މަސައްކަތް ކޮށްލުން އެއީ އަޅުގަނޑު ވެސް ކުރަން ވަރަށް ބޭނުން ކަމެއް..." އީމާ ބުންޏެވެ.
އީމާގެ ޖަވާބުން، މިޔާހްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރި ކަމެއް ލިބިގެން ދިޔަ އެވެ.
"އެކަމަކު، އަޅުގަނޑަށްވުރެ، މާ ފެންވަރު ރަނގަޅު ކުދިން އެބަ ތިއްބެވި ނޫންތޯ..." އީމާ ވާހަކަ ދެއްކީ، ޖެހިލުންވެފައި އިނދެ އެވެ.
"ރަނގަޅު... ފެންވަރަކީ، ހަމައެކަނި ތަޢުލީމެއް ނޫން... ރަނގަޅު އަޚްލާޤަކާއި، މަސައްކަތަށް އޮންނަ ޝަޢުޤުވެރިކަން އެއީ އެންމެ މުހިއްމު ދެ ކަންތައް... އީމާ އަކީ، ރިސޯޓުގެ ހުރިހާ މުވައްޒަފުންނަން، ނަމޫނާ އެއް..." މިޔާހްގެ ތަޢުރީފުގެ ބަސްތަކުން، އީމާގެ ހިތް އުފަލުން ފުރުނެވެ.
އީމާގެ ތުންފަތް މައްޗަށް ވެރިވި ލުއި ހިނިތުންވުން ފެނި، މިޔާހްގެ ހިތް ދީވާނާ ވިއެވެ. ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ؟ ދެއްކުންތެރިކަމެއް ނުވާ، އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ، ހިތްހެޔޮ ކަމެވެ. އެ ނޫނީ ދުވަހަކު ވެސް އީމާ ހިނިތުންވެލި ތަނެއް މިޔާހް އަކަށް ފެނިފައެއް ނުވެ އެވެ. ބޭއިޙްތިޔާރުގައި އޭނައަށް ވެސް ހިނިތުންވެލެވިއްޖެ އެވެ.
********
ކިއާރާ އަނބުރައިގަނެގެން، ވިކްޔަން އެގެއަށް ދިޔައީ ޝުކޫރު ގުޅައިގެންނެވެ. އެނދުމަތީގައި ކިއާރާ އޮތްއިރު، ކައިރީގައި އިށީނދެލައިގެން ޝުކޫރު އިނެވެ. ވެއްޓި މުށިތަކުގެ މަތީގައި ޖެހުނު ގޮތަކުން، ކިއާރާގެ ނޭފަތުން ކޮންމެވެސް ވަރަށް ލޭ އައިސްފައި ހުއްޓެވެ.
"ކިހިނެތްވީ؟..." ވިކްޔަން ހާސްވެފައި ސުވާލު ކުރި އެވެ.
"ވެއްޓުނީ..." ކުރެހިފައިވާ އަޑަކުން ޝުކޫރު ބުންޏެވެ.
"ހޮސްޕިޓަލަށް ގެންދަންވީނު..." ވިކްޔަން ހާސްވެގެން ކިއާރާގެ ކައިރިއަށް ޖެހިލި އެވެ.
"ނޫނޭ... އޭރުން ކަންތައް ގޯސްވާނެ... ކިއާރާ ބޭނުމެއް ނުވާނެ ހޮސްޕިޓަލަށް ދާކަށް... ކިއާރާ ބަލިވެއްޖެއްޔާ އަބަދުވެސް ޑޮކްޓަރަކު ގެއަށް ގެންނަނީ... މިއޮތީ، ޑޮކްޓަރ ޝުކަރުވާސްގެ ނަންބަރު..." ޝުކޫރު އޭނާގެ ފޯނު ދިއްކޮށްލަމުން ބުންޏެވެ.
އެ ނަންބަރަށް ގުޅަން އުޅެއުޅެ ގުޅޭގޮތް ނުވުމުން، ވިކްޔަން ނުކުތީ ބޭރަށެވެ. އޭނަގެ ސިކުނޑިއަށް އައީ، މިޝަލްގެ ނަމެވެ. މިޝަލް އަކީ ވެސް ޑޮކްޓަރެކެވެ. މިޝަލް ދިރިއުޅޭ ހޮޓެލް އެ ހިސާބާއި މާ ދުރެއް ވެސް ނޫނެވެ. މިޝަލްއަށް ގުޅަމުން، ޓެކްސީއެއް ލިބޭތޯ ވިކްޔަން މަސައްކަތް ކުރަން ފެށި އެވެ.
********
މިޝަލްއަށް އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ކުރިއެއް ނުހޯދުނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވީ، ޒެންހާގެ ތުނި ތުންފަތަށެވެ. ގުދުރަތީ ގޮތުން، މަޑު ފިޔާތޮށި ކުލައެއް ލިބިފައިވާ އެ ތުންފަތުން ނަޒަރު ވަކިކޮށްލުމެއްނެތި، އޭނަ ޒެންހާ އާއި ގާތްވާން ފެށި އެވެ. ޒެންހާގެ ނޭވާ ހީވީ އެތެރެ ހަށީގައި ތާށިވި ހެންނެވެ. އޭނައަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
މިޝަލްގެ ފޯނު ރިންގްވާން ފެށި އެވެ. ސިއްސައިގެން ގޮސްފައި، މިޝަލްއަށް ޒެންހާ އާއި ދުރަށް ޖެހިލެވުނެވެ. ކުރެވެން އުޅުނީ ކިހާ ވަރެއްގެ ކަމެއްކަން ވިސްނުމުން، ޒެންހާ އާއި ދިމާއަށް ބަލައިލާކަށް ވެސް އޭނައަކަށް ނުކެރުނެވެ. ފޯނު ހިފައިގެން، މިޝަލް ނުކުތީ ކޮޓަރިން ބޭރަށެވެ. އޭނައަށް ކޮޓަރި ދޮރުގައި ލެނގިލެވުމާއިއެކު، ދެ ލޯ މަރާލެވިއްޖެ އެވެ. އޭގެ ކުޑަ ހިނދުކޮޅެއް ކުރީގެ މަންޒަރު އެ ހިތަށް ސިފަކޮށްލެވުނެވެ.
އެނދުމަތީގައި އޮތް ޒެންހާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. ހުއްޓުން އެރިގޮތަށް އޭނައަށް އޮވެވުނީ، ގުޑިލަން ވެސް ނޭނގިފަ އެވެ. މިޝަލްގެ އެ ޢަމަލުން ނަގަންވީ މާނައެއް އޭނައަކަށް ނޭނގުނެވެ. ދެ ލޯ މަރާލުމާއި އެކުވެސް، ސިފަވަމުން ދިޔައީ އެ މަންޒަރެވެ. ޒެންހާ އޭނަގެ މޫނު ދެ އަތުގެ ތެރޭގައި ފޮރުވައިލި އެވެ.
********
ޓެކްސީ އެއްގައި ވިކްޔަން އައިއިރު، މިޝަލް ހުރީ، ބޭރަށް ނުކުމެ އެވެ. ޒެންހާގެ ކައިރީގައި ބުނެލާފައި ދާން ހިތަށް އަރާފައި ވެސް ކަންތައް ވީގޮތުން، ޒެންހާ އާއި ކުރިމަތިލާނެ ހިތްވަރު، މިޝަލްއަށް ނުލިބުނީ އެވެ.
އޭނަ ޓެކްސީއަށް އެރުމުން، ވިކްޔަން ކުޑަ ގޮތަކަށް ވެގެން އުޅޭގޮތް ކިޔައި ދިނެވެ. މަންޒިލާއި ހަމައަށް ދެވެންދެން، ދެ މީހުންގެ މެދުގައި، އިތުރު ވާހަކައެއް ނުދެކެވެ އެވެ.
(ނުނިމޭ)