އީމާ ވިސްނައިލި އެވެ. މިޔާހްގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ފެނި އެ ހިތަށް ހަމްދަރުދީ ވަނެވެ. އޭނަ މަޑުމަޑުން ބޯ ޖަހާލި އެވެ.

"މަންމަ އެބައުޅޭ މިކޮޅަށް އައިސް... މަންމަ އަކީ ހިތުގެ ބަލި ހުންނަ މީހެއް... މަންމަ ކައިރީ އަހަންނަށް ވަރަށް ބޮޑު ދޮގެއް ހެދިއްޖެ..." އަތް މުށްކަވައިލާފައި އެ އަތް ތުންފަތުގައި ޖައްސައިލަމުން މިޔާހް ބުންޏެވެ.

********

އީމާ އިނީ ވާނުވާ ނޭނގިފަ އެވެ. މިޔާހް ކުއްލިއަކަށް އޭނަގެ މަންމަގެ ވާހަކަ ފެށީ ކީއްވެ ބާއޭ އޭނަގެ ހިތަށް އެރި އެވެ.

"މަންމަ އަބަދު އުޅޭނީ، އަހަރެން މީހަކާ ނީނދެގެންނޭ... ދެން ހެދޭނީ ދޮގެއްނު..." މިޔާހް ޖަހާލީ ލުއި ހިނިގަނޑެކެވެ.

އީމާ ވެސް ހިނިތުންވެލި އެވެ. އޭރުވެސް، މިޔާހް ބުނަން އުޅެނީ ކީކޭ ކަމެއް އޭނަގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވެއެވެ.

"އީމާ ބުނެބަލަ... އަދި ވެއްޖެތަ އަހަރެން މީހަކާ ނީނދެގެން އުޅޭ ވަރު؟..." މިޔާހް ސުވާލުކުރީ، އީމާ އާއި ހަތަރުކަޅި ހަމަކުރަމުންނެވެ.

އީމާ އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

"ލައިފް ބިޒީވީމަ، ކުއްޖަކު ހޯދަން ވެސް ނޫޅެވޭ... އެކަމާހުރެ، މަންމަމެން މިހާރު އަހަންނާ ދޭތެރޭ ހީކުރަނީ ވެސް މުޅީން އެހެން ގޮތަކަށް... ކުރީ ދުވަހު ބައްޕަ ގުޅާފަ ބުނި މަންމަ ބުންޏޭ، އަހަންނަކީ..." ވަކި ހިސާބަކަށް ބުނެފައި، މިޔާހް އޭނާގެ ވާހަކަ ހުއްޓާލައިފި އެވެ.

އޭނަ ކަރު ކެހިލި އެވެ. ބުނަންޖެހޭ ވާހަކައިގެ ބާވަތުން އޭނައަށް އެ ވާހަކަ ދައްކާކަށް ފަސޭހައެއް ނުވި އެވެ. އީމާގެ ކުރިމަތީގައި އެފަދަ ވާހަކައެއް ބުނެވުނީތީ ވެސް އޭނަ ލަދުގަތެވެ.

"ހާސްނުވޭ، އަހަންނަކީ ދީނަށް ވަރަށް ލޯބިކުރާ މީހެއް... އަންހެން ކުއްޖަކު ހޯދަން އަދި ވަގުތު ނުވަނީ... ދެން ރަނގަޅު ކުއްޖަކާ ވެސް ދިމާ ނުވާތީ..." އީމާ އެއްޗެއް ބުނުމުގެ ކުރީން މިޔާހް ބުންޏެވެ.

"އެނގޭ ގޯސް މީހެއް ނޫންކަން..." މިޔާހް އެއްޗެއް ހިތަށް އަރާފާނެތީ، އީމާ އަވަސްއަވަހަށް ބުންޏެވެ.

އީމާގެ އެންމެ ޖުމްލައަކުން، މިޔާހްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އޭނަގެ ތުންފަތް މައްޗަށް ވެރިވީ، އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ހުއްޓުން އަރާފައި އީމާގެ މޫނަށް ބަލަން އޭނައަށް އިރުކޮޅަކު އިނދެވުނެވެ.

"އަހަރެން އެއްވެސް ވަރަކަށް ދޮގެއް ނަހަދަން... މަންމަ ކިޔާ އެއްޗެހިންނޭ ދޮގެއް ހަދަން ޖެހުނީ ވެސް... އީމާ!... އަހަންނަށް ބުނެވިއްޖެ އަހަރެން އުޅެނީ، ކުއްޖަކާ ރައްޓެހި ވެގެންނޭ... އަހަރެން އެހެން ނުބުނަނީސް، މަންމަ އެއްގޮތަކަށް ހުއްޓައެއް ނުލިއޭ... އެންމެފަހުން، އަހަންނަށް ބުނެވިއްޖެ އެ ކުއްޖަކީ އީމާ އޭ..." މިޔާހް ވަރަށް ނުކެރި އިނދެފައި ބުންޏެވެ.

އީމާ ކުއްލިއަކަށް ކޮޅަށް ތެދުވި އެވެ. އޭނަ ދެ ލޯ ބޮޑުކޮށްލަމުން މިޔާހްގެ މޫނަށް ބަލައިލި އެވެ. އެ މޫނުމަތިން ފެނުނީ، ހާސްކަމެވެ.

މިޔާހްއަށް ހިންދިރުވައިލެވުނެވެ. އީމާގެ އެ އަމަލުން ނަގަންވީ މާނައެއް އޭނައަކަށް ނޭނގުނެވެ. އޭނަ ހީކުރީ، އީމާ ހިތްހަމަނުޖެހުނީ ކަމަށެވެ. ދެ މީހުން ބައްދަލުވިތާ މާ ގިނަ ދުވަހެއްނުވެ، އެފަދަ ކަމަކަށް އެދެވުނު މޮޔަ ހީވި އެވެ. އީމާ އެއްޗެއް ނުބުނެ ހޭދަވެގެންދިޔަ ވަގުތުކޮޅުގައި އޭނަގެ ހިތް ތެޅެމުން ދިޔައީ، އޮބި ނޯންނަ ވަރަށެވެ.

މިޔާހް އޭނަ އިންތަނުން ތެދުވިއެވެ. އޭނަގެ ހުރިހާ އުއްމީދެއް ފުނޑުފުނޑު ވީއެވެ. އީމާއަށް ފުރަގަސްދެމުން، އޭނަ ގޮސް ހުއްޓިލީ، ކަހާލެވޭގޮތަށް ހުރި ކުޑަދޮރުގެ ކައިރީގައެވެ. އޭރު ދެ ފައިގެ ބާރުދާހެން އޭނައަށް ހީވަނީއެވެ. އޭނަ އެއް އަތް ޖީބަށް ކޮށްޕައްލާފައި، އަނެއް އަތުން ބިއްލޫރިގަނޑުގައި ހިފަހައްޓައިލިއެވެ.

"ސޮރީ... އީމާ ނޫން އިތުރު ކުއްޖަކު އަހަންނަކަށް ނޭނގެ... އަހަރެން ތި ނޫން އަންހެން ކުއްޖަކާ ވާހަކައެއް ނުދައްކަން... ތިން ދުވަސް ފަހުން، މަންމަ ފުރާ ވާހަކަ ބުނީމަ ހާސްވެގެން އަހަންނަށް މަންމަ ކައިރީ އެވާހަކަ ދެއްކުނީ... އަހަރެން ހިއެއް ނުކުރަން، މަންމަ އީމާ އާއި ބައްދަލުކުރަން އެދެފާނެ ކަމަކަށް... އެކަމަކު، މިކަން ކުރާކަށް އީމާއަކަށް މަޖުބޫރެއް ނޫން... މިކަމާ ދެކޮޅު ހެދިޔަސް، އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތް ރަސްމީ އެއްވެސް ގުޅުމަކަށް ބުރޫއެއް ނާރާނެ... އަހަރެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަންމަ ހަމަޖައްސާލާނަން..." މިޔާހްއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. އޭނައަށް ވާހަކަ ދެއްކުނީ ހުއްޓަމުންނެވެ.

އީމާ މަޑުމަޑުން ހިނގާލާފައި ގޮސް، މިޔާހްގެ ކައިރީގައި ހުއްޓުނެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރީން އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. މިޔާހްގެ މޫނު އޭނައަށް ފެންނަމުން ދިޔައީ، އެއް އަރިމަތިންނެވެ. އެ މޫނުމަތީގެ އަސަރުތައް ތަރުޖަމާ ކުރަން ނޭނގުނު ނަމަވެސް، އޭނަ ބޭނުންވީ، ހިތުގައިވާ ވާހަކަތައް އެއްވެސް ފޮރުވުމެއް ނެތި މިޔާހްގެ ކުރިމަތީގައި ހާމަކުރާށެވެ.

"މަންމަ ކައިރީ ތެދަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީނު... މައިންބަފައިންނަށް ދޮގު ހަދާ އޮޅުވާލާކަށް ނުވާނެ... މައިންބަފައިންގެ ލޯތްބަކީ، ކޮންމެ މީހަކަށް ލިބޭނެ ނަޞީބެއް ނޫން... އެ މަންމަގެ ހިތުގައި ޖައްސައިގެން މޮޅެއް ނުލިބޭނެ... އޮޅުވާލުމެއްގެ ތެރެއިން ކަމެއް ކުރަން އުޅެގެން އެކަމެއް ވާނީ އިތުރަށް ގޯސް... ދޮގެއް ފޮރުވަން އެއަށްވުރެ ބޮޑު ދޮގެއް ހެދުމަކީ، މާ ބޮޑު ގޯހެއް..." އީމާ ވާހަކަ ދެއްކީ، ވިސްނައިދޭ ކަހަލަ ރާގެއްގައެވެ.

އެ އަޑު މަޑެވެ. ހިތްގައިމެވެ. މިޔާހްގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި ވެސް ކުޅެލިއެވެ.

މިޔާހްއަށް ދެ ލޯ މަރާލެވުނެވެ. އީމާގެ އެ ޖުމްލަތަކުން، އެ ހިތުން އީމާއަށް ދެވުނު މަޤާމު ވަކީން މަތިވެރި ވެއްޖެ އެވެ. ރީތި ކަމާއި އެއްވަރަށް އަޚްލާގު ވެސް ރަނގަޅު އަންހެން ކުއްޖެކެވެ. ތެދުވެރި ވަފާތެރި ކަމުގެ ފުރިހަމަ މިސާލެކެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އީމާ އެ ވިސްނީ އެހެން މީހުންނާއި ދޭތެރޭގައެވެ. އެފަދަ އަންހެން ކުއްޖަކު މިޒަމާނުގައި ވަރަށް މަދުން ނޫނީ ނުފެންނާނެއެވެ.

********

"ކިއާރާ..." ވިކްޔަންއަށް ބުނެވުނެވެ.

އޭނައަށް ކިއާރާގެ ކައިރިއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ކިއާރާގެ އަތުގައި ހިފައިގެން ބޭރަށް ނުކުތުމަށް އޭނަ ހިނގައިގަތެވެ. ކަންތައްތައް ހަމައަކަށް އެޅިފައި ވަނިކޮށް، އެ ވީގޮތަކުން ކިއާރާ ހަމައިން ނައްޓަފާނެތީ، އޭނަ ހުރީ ހާސްވެފައެވެ.

ކިއާރާ ފެނުމުން ޝުކޫރަށް ވެސް ސިހުމެއް ލިބުނެވެ. އޭނަ ކަންތައް ބޮޑުވީ، އެ ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް ފެނުމުންނެވެ. ކިއާރާއަށް ހަގީގަތް އެނގިއްޖެކަން އެނގުމުން، ޝުކޫރުގެ މުޅި ހަށިގަނޑުން ވަރު ދޫވިއެވެ. އެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެ ހުރިހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރު އެ ފަޅާއެރީ، އެންމެ ނާޒުކު ދަނޑިވަޅުގައެވެ.

ވިކްޔަން އާއިއެކު ދިޔައިރު، ކިއާރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަގެ ވިސްނުން ވަނީ ޝުކޫރު ދެއްކި ވާހަކަތަކަށް ގޮސް ހުސްވެފައެވެ. ވިކްޔަން، ކިއާރާގެ އަތުން ދޫކޮށްލީ، ޓެކްސީއަށް އަރަމުންނެވެ. ޓެކްސީއަށް އަރާފައި އޭނަ އިށީނީ ވެސް ކިއާރާގެ ކައިރީގަ އެވެ. އޭނަ އިނީ ކިއާރާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެތީ، އެކަމަކަށް ފުރިހަމައަށް ސަމާލުވެގެންނެވެ.

"ޕެލެސް ހޮޓެލް..." ޑްރައިވަރުގެ ކައިރީގައި ދާންވީ މަންޒިލް ބުނީ، ވިކްޔަން އެވެ.

އެއީ ވިކްޔަން ހުންނަ ހޮޓެލް ކަން އެނގުމުން، ކިއާރާ ވެސް އިތުރު އެއްޗެއް ނުބުންޏެވެ. އޭނަ ބޭނުންވީ ވެސް، ޝުކޫރުގެ ހިޔާވަހިކަމުން ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އަމުދުން ވިކްޔަން އޭނަ އާއި އެކުގައި ވަނިކޮށް ކޮންމެ ތަނަކަށް ދާންވެސް އޭނަ ފަސްނުޖެހޭނެއެވެ.

ކިއާރާގެ ހާސްކަން ފިލުވައި ދިނުމަށް ވިކްޔަން ފެށީ، އޭނަ ހުންނަ ހޮޓެލްގެ ރެސްޓޯރަންޓްގައި މާ މީރު ކުކުޅެއް ހަދާ ވާހަކަ އެވެ. ޓެކްސީ އެ ހިސާބަށް ދެވެންދެން ވެސް، އޭނަ އެ ވާހަކަ ހުއްޓައި ނުލައެވެ.

ވިކްޔަން އާއި ކިއާރާ ގޮސް ރެސްޓޯރެންޓްގެ ތެރެއަށް ވަންއިރު، މިޝަލް އާއި ޒެންހާ އެތަނުގައި ތިއްބެވެ. ޒެންހާ އިނީ ދޮރާއި ސީދާވާ ގޮތަށެވެ. އެއާއި ޚިލާފަށް މިޝަލް އިނީ ދޮރަށް ފުރަގަސް ދީގެންނެވެ.

ޒެންހާ ފެނުމުން، ވިކްޔަންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ޒެންހާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އޭނައަށް ހަމަހޭވެރިކަންވީ، ކިއާރާ ހައިރާންވެފައި އެ ދިމާއަށް ބަލައިލި ތަން ފެނުމުންނެވެ. ވިކްޔަންއަށް ހިންދިރުވައިލެވުނެވެ. ޝުކޫރު ދެއްކި ވާހަކަތައް އޭނަގެ ކަންފަތް ކައިރީގައި ގުގުމައިލިހެން ހީވިއެވެ.

ޒެންހާ އިސްޖަހައިގެން އިންއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރި ކަމެވެ. މޫނުމަތި ކޮންމެވެސް ވަރަކަށް ދުޅަވެފައި ހުރި ކަން ވެސް ފާހަގަ ވެއެވެ. ވިކްޔަންއަށް އެ ނަޒަރު ޒެންހާގެ މޫނުން ވަކިކޮށްލަން އުނދަގޫ ވިއެވެ. އެނގިފައިވާ ހަގީގަތް ތަކެއްގެ ސަބަބުން އޭނައަށް ޒެންހާ އާއި ކުރިމަތިލާން ވެސް އުނދަގޫ ވާނެކަން ގައިމެވެ.

ވިކްޔަން ގޮސް ޒެންހާމެން ތިބި މޭޒު ކައިރީގައި ހުއްޓުނެވެ. ޒެންހާ އިސް އުފުލައި ވިކްޔަންއަށް ބަލައިލި އެވެ. ވިކްޔަން ފެނުމުން އޭނަ ހިނިތުންވެލައިފިއެވެ. އެ ނަޒަރު ދެން ހުއްޓުނީ، ކިއާރާ އަށެވެ. އޭނަ ކިއާރާއަށް ވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ޒެންހާ އަކީ ކާކު ކަން، ކިއާރާއަށް އެނގުނީ، ކައިރިން އެ މޫނު ފެނުމުންނެވެ. އެ ދުވަހު މަގުމަތީގައި ވިކްޔަން މާ ގާތްވެގެން އުޅުނު އަންހެން ކުއްޖަކީ އެއީ އެވެ. ކިއާރާގެ ހިތުގައި ޙަޞަދައިގެ ހުޅުގަނޑު ރޯވެއްޖެ އެވެ. އެ މޫނުމަތި ވަގުތުން ބަނަވިއެވެ.

އިއްތިފާޤުން އެ ތަނުގައި ހުސްކޮށް ހުރި އިތުރު މޭޒެއް ނެތެވެ. މިޝަލް އާއި ޒެންހާ ތިބި މޭޒު ކައިރީގައި ހުސްކޮށް ދެ ގޮނޑި ހުއްޓެވެ. ވިކްޔަން އޭނަގެ އަތުގެ އިޝާރާތުން އެ ދެ ގޮނޑި ދައްކައިލިއެވެ.

"އެންމެ ރަނގަޅުތަ ޖޮއިން ކޮށްލިޔަސް... އެހާ ދުރުން އައިއްސަ ދެން ނުވާނެދޯ ދާކަށް..." ވިކްޔަން ވާހަކަ ދެއްކީ މަޖާ ރާގަކަށެވެ.

މިޝަލް އާއި ޒެންހާ އާއި ދެ މީހުން އެއްފަހަރައި ބޯ ޖަހާލި އެވެ. ދެ މީހުންގެ މެދުގައި ހިނގައިދިޔަ ކަންތަކަށްފަހު، ދެ މީހުން ވެސް ތިބީ، އެކަނި ތިބެންވުމުން އުނދަގޫ ވެފައެވެ.

ކިއާރާގެ މޫނުމަތި ކުރިއަށްވުރެ ބޮޑަށް ބަނަވި އެވެ. އޭނަ ވަކީން ރުޅިގަދަވާގޮތްވީ، ވިކްޔަން ގޮސް ޒެންހާގެ ކައިރީގައި އިށީންތަން ފެނުމުންނެވެ. މިޝަލްއަށް ވެސް ވީ އެވަރެވެ. ފައިގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވާލާފައި އޮތް އޭނަގެ ދެ އަތް މުށްކެވުނެވެ. ވިކްޔަން އާއި ޒެންހާގެ ގާތްކަމުން އޭނައަށް އުނދަގޫ ވިއެވެ.

ކިއާރާއަށް އިށީންނަން ޖެހުނީ މިޝަލްގެ ކައިރީގައި ހުސްކޮށް ހުރި ގޮނޑީގައެވެ. ކިއާރާ އިށީނުމުން، މިޝަލް ކުޑަކޮށް ދުރަށްޖެހިލި އެވެ. ކިއާރާ ވެސް އިނީ ނުވެސް ދަންނަ މީހެއްގެ ކައިރީގައި އިންނަން ވުމުން، އުނދަގޫ ވެފައެވެ.

އެންމެން ތަޢާރަފް ކޮށްދިނީ ވިކްޔަން އެވެ. އެ ހަތަރު މީހުންގެ މެދުގައިވި ހިމޭންކަން ނެތިކޮށްލަން އޭނައަށް ވީވަރަކުން، މަސައްކަތް ކުރަމުން ދިޔަ އެވެ. އެކަމަކު، ކާ އެއްޗެހި އައުމާއި ހަމައަށް ވެސް އޭނަ ނޫން މީހަކު އަނގަޔަކުން ނުބުންޏެވެ.

ވޭޓަރު އައިސް ތަށިތައް އަތުރާލުމާއިއެކު ވިކްޔަންގެ ކުޅު ދިޔާވިއެވެ. އޭނަ އާއި ކިއާރާ ގެނުވީ، ކުކުޅާއި، އަލުވި އެވެ. ޒެންހާ އާއި މިޝަލް ގެނުވީ، ފްރައިޑް ރައިސްއެވެ. ވިކްޔަންގެ ތަށިން ދުވަމުންދިޔަ މީރު ވަހުން ޒެންހާއަށް އެ ތައްޓަށް ބަލައިލެވިއްޖެ އެވެ.

"ކުކުޅު ކޮޅެއް ލައިދެންތަ؟... މި ވަރަށް މީރުވާނެއޭ... އެއްފަހަރު ކައިފިއްޔާ ދެންވެސް ކާހިތްވާނެ..." ޒެންހާ ބަލައިލި ތަން ފެނުމުން ވިކްޔަން ބުންޏެވެ.

ޒެންހާ ދެކޮޅު ހެދިއެވެ. އެވަރުންވެސް، ވިކްޔަން އޭނަގެ ތަށިން ކުކުޅު ކޮޅެއް ނަގާފައި ޒެންހާގެ ތައްޓަށް ލައިދިނެވެ. އެވަރަކުން ވެސް ނުފުދުނެވެ. އޭގައިވާ ކަށިތައް ވެސް ނަގައިދިނެވެ. ކިއާރާ އާއި މިޝަލް ތިބީ ހުއްޓުން އަރާފައެވެ. ވިކްޔަން ހީވަނީ، ޒެންހާގެ ގާތް މީހެއް ހެންނެވެ. މިޝަލްގެ ދަތްތަކަށް ބާރުވަމުން ދިޔައިރު، ކިއާރާގެ އެތެރެ ހަށީގައި ރޯވެފައިވާ ހުޅުގަނޑު ފަޅައިގެން ގޮސްފިއެވެ.

"މިޝަލް ވެސް ކުކުޅުކޮޅެއް ރަހަ ބަލަން ވާނެ އެއްނު..." ކިއާރާ ކުއްލިއަކަށް މިޝަލްގެ ތައްޓަށް ކުކުޅު ކޮޅެއް ލައިދީފިއެވެ.

އުލުން ކުކުޅުކޮޅެއް ނަގަނަގައި އިން ޒެންހާގެ ހަރަކާތްތައް ހުއްޓިއްޖެ އެވެ. އޭނަ ކިއާރާއަށް ބަލައިލާފައި މިޝަލްގެ މޫނަށް ބަލާލައިފިއެވެ. ކިއާރާގެ އެ އަމަލުން، މިޝަލް އަށްވެސް ސިހުމެއް ލިބުނެވެ. އޭނައަށް ބަލައިލެވުނީ، ޒެންހާ އާއި ދިމާއަށެވެ. ޒެންހާ އަވަހަށް އިސްޖަހާލިއެވެ. އަވަސްއަވަހަށް ކާންފެށި ގޮތުން އޭނަ ކޮށިއަރާ ގޮތްވިއެވެ.

މިޝަލް ތައްޓަކަށް ފެން އެޅީ ޒެންހާއަށް ދޭށެވެ. އޭގެ ކުރިން ވިކްޔަން އޭނަގެ ފެންތަށި ޒެންހާއަށް ދިއްކޮށްލައިފިއެވެ. ޒެންހާ އެތަށީގައި ހިފިތަން ފެނުމުން، މިޝަލްއަށް ތަށީގައި ހިފައި ބާރުކޮށްލެވުނެވެ. އޭނަ އެއްފަހަރުން އެ ތަށި ބޮއެ ހުސްކޮށްލައިފިއެވެ.

"ތަންކޮޅެއް ބަލައިގެން އުޅެއްޗޭ... އަބަދު މިހެން ފެން ތައްޓެއް ދިއްކޮށްލާކަށް އަހަންނެއް ނުހުންނާނެ އެއްނު..." ޒެންހާ ފެންފޮދެއް ބޯލުމުން ވިކްޔަން ވާހަކަ ދެއްކީ، ލާނެތް ރާގަކަށެވެ.

(ނުނިމޭ)

ކޮމެންޓް 0