ފާތުމަ ގޮސް ވަނީ، އޭނަގެ ގެއަށެވެ. ސިޓިންގްރޫމު ސޯފާގައި އިން މައުސޫމާ ފެނި، މިޔާހްގެ ދެލޯ ބޮޑުވިއެވެ. އީމާއަށް ވެސް ވީ އެވަރެވެ. މައުސޫމާ ތެދުވެގެން އައިސް އީމާގެ އަތުގައި ހިފައިލިއެވެ. އެ ތުންފަތް މަތީގައިވީ، ފުޅާ ހިނިތުންވުމެކެވެ. އީމާ ގެންގޮސް ސޯފާގައި ބައިންދާފައި، އޭނަ ފެށީ، އީމާގެ ބުރަކަށީގައި ފިރުމާށެވެ.

********

"ދަރިފުޅު!... މިހާ ކަނޑުގަދަ ދުވަހެއްގަ ކީއްކުރަންތަ ދަތުރުކުރީ؟... މިޔާހް އައިކަން އެނގުނީމަ، މަންމަ ވެސް ލޯންޗެއް ހިފައިގެން މިއައީ... މިފަހަރު ދަރިފުޅުގެ އާއިލާ އާއި ވެސް ބައްދަލު ކޮށްލާފަ ދާން ވެގެން... މިހާރު ބޮލުގެ ރިހުން ރަނގަޅު ވެއްޖެތަ؟..." މައުސޫމާ އިނީ ލޯބިން ފުރިގެންވީ ނަޒަރަކުން އީމާއަށް ބަލަހައްޓައިގެންނެވެ.

އީމާ ބޯ ޖަހައިލިއެވެ. މިޔާހްއަށް ވީގޮތް އެނގުނީ، ދެނެވެ. ފާތުމަގެ ދެއްކުންތެރިކަމުގެ ފަހަތުގައި ފޮރުވިފައި އެވަނީ، މައުސޫމާގެ އަތެކެވެ. އެހެންނޫނީ، ކުއްލިއަކަށް އެ ނަފުރަތު ލޯތްބަށް ބަދަލެއް ނުވާނެއެވެ. ފާތުމަ ކަހަލަ މީހަކު ފައިސާގެ ދަޅައަށް ހެއްލޭނެކަމީ، ކުޑަ ވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މައުސޫމާ އަކީ، އަތުގައި ފައިސާ ހުރި މީހެކެވެ. އެފަދަ މީހަކު ހައްލައިލާކަށް އޭނައަކަށް ބޮޑު ކަމަކަށް ނުވާނެއެވެ. މިޔާހް ހުރީ، އެކަމާއި މަންމަދެކެ ހިތްހަމަނުޖެހިފައެވެ.

މައުސޫމާގެ ކުރިމަތީގައި ފާތުމަ ހުރިއިރު، އެ ތުންފަތް މަތީގައިވީ ދެއްކުންތެރި ހިނިތުންވުމެކެވެ.

"އީމާ!... ދަރިފުޅާ އައިސްބަލަ..." ފާތުމަ ވާހަކަ ދެއްކީ، އެއިން ޒަމާނެއްގައި ވެސް އޭނަ އީމާ އާއި ވާހަކަ ދައްކާފައި ނުވާނެހައި ލޯބިންނެވެ.

އީމާގެ މޫނުމަތިން ފެނިގެން ދިޔައީ، ކަންބޮޑުވުމުގެ އަސަރެވެ. އޭނަ މައުސޫމާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން، އިންތަނުން ތެދުވިއެވެ. ދެމީހުން އެކުގައި ގޮސް ކާގެއަށް ވަންނަންދެން ބަލަން މިޔާހް ހުއްޓެވެ. އޭނަ މައުސޫމާ އާއި ދިމާއަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ.

"މަންމާ!... މަންމަ ކީއްކުރަންތަ މިކަމުގެ ތެރެއަށް ތިވަނީ؟..." މިޔާހް ނުރުހިފައި ސުވާލު ކުރިއެވެ.

މައުސޫމާ އޭނާ އިންތަނުން ތެދުވިއެވެ. އޭނަ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން، މަޑުން ވާހަކަ ދެއްކުމަށް ބުންޏެވެ. މިޔާހްގެ އަތުގައި ހިފައިގެން ގެއިން ނުކުންނަ ދޮރާއި ދިމާއަށް އޭނަ ދިޔައެވެ. ދޮރުމަތީގައި މަޑުކޮށްލަމުން، އޭނަ ގޭތެރެއަށް އަވަސް ނަޒަރެއް ދިނެވެ.

"އީމާ އެއީ މިހާރު އަހަރެންގެ ދަރިއެކޭ... މިއަދު މިރަށަށް އައިތަނާ ލިބުނު ޚަބަރަކުން އަހަރެން މިހުރީ، ފެންފޮދެއްހާ ހިސާބު ވެސް ނުބޮވިފަ... ކޮންފަދަ ހިތްދަތިކަމެއް އެ ނިކަމެތި އަންހެން ކުއްޖާއަށް އެ މީހުން އެ ދެެނީ..." މައުސޫމާ ދެރަވެލާފައި ވާހަކަ ދެއްކިއެވެ.

"ދަރިފުޅު ބަލަން ހުންނައްޗޭ... އެ ފާތުމަ މީގެ ފަހުން ބަހައްޓާނީ، އަހަރެންގެ މުށުތެރޭ... އީމާގެ ކުރިމަތީ، އަހަރެން އޭނަ ކުޑަކަކޫ ޖައްސުވާނަން..." މޭގައި އަތް ޖައްސައިލަމުން މައުސޫމާ ބުންޏެވެ.

"މަންމާ!... އެކަމަކު، ތީ ރަނގަޅު ކަމަކަށް ވާނެތަ؟..." މިޔާހް ކަންބޮޑުވެފައި އަހައިލިއެވެ.

"ދަރިފުޅު މިކަމާ ނުބެހި ހުރޭ... އީމާ އަކީވެސް މިހާރު މަންމަގެ ދަރިއެކޭ... ރައްކާތެރިކަން ދެވެން އޮތް ގޮތަކަށް ދޭން މަންމަ ބޭނުން..." ސޯފާ އާއި ދިމާއަށް ހިނގައިގަންނަމުން މައުސޫމާ ބުންޏެވެ.

ކާގެ ތެރޭގައި ހުރި ފާތުމަގެ ތުންފަތްމަތީން ހިނިތުންވުން ފިލައި ނުދެއެވެ. އެތައް ފަހަރަކު ޖީބުގައި އޮތް ރުފިޔާބޮނޑި ނަގައިގެން އެ ގުނައި ހެދިއެވެ. އޭގައި ވަސްގަނެ މޫނުގައި ޖައްސައި ހެދިއެވެ. އެ މަންޒަރު ފެނުމުން، އީމާގެ ހިތް ކުދިކުދި ވިއެވެ. އަމިއްލަ މަންމަ ފައިސާއަށްޓަކައި އޭނަ ވިއްކާލަން ވެސް ފަސް ނުޖެހުނެވެ. އެއްޗެކޭ ނުބުނެ ކެތް ކުރަން އޭނަ އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ.

ގެއަށް އައިސް ތިބި މެހެމާނުންނަށް ޖޫސް ގިރީ ވެސް ފާތުމަގެ އަތުންނެވެ. އީމާ އެއްވެސް ކަމެއް ކުރިޔަކަ ވެސް ނުދިނެވެ. މަންމަގެ އެ އޯގާތެރިކަމުން، އީމާގެ ހިތަކަށް އުފަލެއް ނުލިބުނެވެ. އެ އޯގާތެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގޭތީއެވެ.

"އީމާ ކީއްވެތަ ކުރިން ނުބުނީ؟... މަންމަ ހީކުރީ، ރަށު ތެރެއަށް ގިނަވެގެން އުޅޭ ސޮރެއް ގޮވައިގެން އައީ ކަމަށޭ... އެހެންވެއޭ މަންމަ ހިތްހަމަނުޖެހުނީ... ބޮނޑިއެއް ލިބުނީމަ ވެސް ހަމަ އަހަރެންދޯ ހުންނާނީ... ނެނގޭނެ އެއްނު އެހާ އިއްޒަތްތެރި ބަޔަކު، އީމާގެ ކައިވެންޏަށް އެދިގެން އަންނާނެ ކަމެއް..." ޖޫސްތަށިތައް ތަބަކަކަށް ލަމުން، ފާތުމަ ވާހަކަ ދެއްކިއެވެ.

"ހާދަ ލާރި ވެސް ގިނަ އަންހެނެކޭ އެއީ... ވޮލެޓުގަ ހުރީ، މުޅީންވެސް ޑޮލަރު..." ޚިޔާލަކަށް ގޮސް ގެއްލިފައި ހުރެ ފާތުމަ ބުންޏެވެ.

އީމާގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. އޭނައަށް ދެލޯ މަރާލެވުނެވެ. ފާތުމަގެ ކޮންމެ ޖުމްލައެއް އޭނަގެ ހިތް ޒަޚަމު ކުރުވައިފިއެވެ. މަންމައަށް ފައިސާ ނޫން އެއްޗެއް މުހިއްމު ނުވަނީ، ކީއްވެ ހެއްޔެވެ؟ އޭނަގެ މުޅި ހަޔާތުގައި މަންމައަށް ކޮށްދިން ޚިދުމަތުގެ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ދުވަހަކު އެމޫނުމަތީގައި އެއްޗެއް ނުބުނެ، އަދާކުރި ކިޔަމަންތެރިކަމުގެ އެއްވެސް އަގެއް ނެތެވެ. އަމިއްލަ ދަރިފުޅު އެ ނިކަމެތި ކޮށްލީ، އެންމެ ވިޔާނުދާ މީހުންނާއި އެއްފަދ ކޮށްލަމުންނެވެ. އޭނައަށް އެއްޗެއް ނުބުނެ ކެތް ކުރެވުނީ، ފާތުމަ ޖޫސް ތަބައް ހިފައިގެން ހިނގައިގަންނަން ދެނެވެ.

"މަންމާ!... ތި ފައިސާ އެމީހުންނަށް އަނބުރާ ދީ... މަންމަ ބުނި ވަރަކަށް އަހަރެން މަންމައަށް ފައިސާ ދީފާނަން... ތި ކައިވެނި ވެސް ކޮށްފާނަން... އެކަމަކު، ތިގޮތަށް މީހުންގެ އަތުން ފައިސާ އަތުލުމަކީ، އެހާ ރީތި ގޮތެއް ނޫން... އެ މީހުން ހީކުރާނީ ވެސް ކީކޭ... އަހަރެން ވަރަށް ލަދުގަނޭ..." އީމާގެ އަޑު ކުރެހުނެވެ.

ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށި ނަމަވެސް، އީމާއަށް ރޮވިއްޖެއެވެ. ދެލޯ ފުރިގެން ބަންޑުންވި ކަރުނަތައް އޭނަ އަވަހަށް ފޮހެލައިފިއެވެ.

ފާތުމަ ދެބުމަ ގޮށްޖަހައިލަމުން އީމާގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ހީވަނީ، އަލިފާން ކަނި ބުރަމުންދާ ހެންނެވެ. އީމާ އަވަހަށް އިސްޖަހައިލިއެވެ. އޭނަ ހީކުރީ، ފާތުމަގެ ހަމަލާއެއް އަމާޒު ވާނޭ ކަމަށެވެ. ކުޑައިރޫއްސުރެ ކަންތައް ވަމުން އައިސްފައިވީ އެހެންނެވެ. ފާތުމަ ނުރުހޭ އެއްޗެއް ބުނެވިއްޖެނަމަ، އެ ދުވަހެއް ނިމިގެންދާނީ، ހަމަލާއެއްގެ ޝިކާރައަކަށް ވުމަށް ފަހުގައެވެ.

********

ޝުކޫރު އިނީ، ފުލުހުންގެ އިދާރާގެ ތަހުޤީޤުކުރާ ކޮޓަރީގައެވެ. ދެ އަތުގައި ބިޑި އަޅުވާފައި ވާއިރު އޭނަ އިނީ، ކުށްވެރި އެއްހެން އިސްޖަހާލައިގެންނެވެ. އޭނަގެ ކުރިމަތީގައި މޭޒެއް ހުރިއިރު، މޭޒު މަތީގައި ފެންފުޅިއެއް ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އަނެއް ފަރާތުގައި، ފުލުހަކު އިނެވެ. އެ މީހާ އިންތިޒާރު ކުރަމުން ދިޔައީ، ޝުކޫރު އެއްޗެކޭ ބުނާނެ ވަގުތަކަށެވެ.

ފުލުސް މީހާއަށް ފޯނެއް އައިސްގެން އެތަނުން ނުކުތެވެ. އޭނަ އެނބުރި އެތަނަށް ވަން އިރުވެސް، ޝުކޫރު އިނީ ހަމަ އެހެންނެވެ. އެއް ދިމާއަަށް ބަލަހައްޓައިގެންނެވެ. ވަށައިގެން ހިނގަމުންދިޔަ ކަންތައް އޭނައަށް ނޭނގޭ ކަހަލައެވެ.

ޝުކޫރަށް އެއްޗެކޭ ބުނެވޭ ވަރުވީ، ފުލުހުން އެތައް އިރަކު ސުވާލުކުރި ފަހުންނެވެ. އޭނަ ހާސްވެގެން ފުރަތަމަ ވެސް ބޯލީ މޭޒުމަތީގައި ހުރި ފެންފުޅިއެވެ. އޭނަ ނަހީރާ އާއި ބައްދަލުވި ހިސާބުން، ކަންތައް ވީގޮތް އަކުރުން އަކުރަށް ފުލުހުންނަށް ކިޔައި ދިނެވެ.

ޝުކޫރުގެ ބަޔާން ނެގުމަށްފަހު، ފުލުހުން ނިންމީ، ޚާއްސަ އެއްބަސްވުމެއްގެ ދަށުން އޭނަ ދޫކޮށްލުމަށެވެ. އެގޮތުން ތަހުޤީޤު ނިމެންދެން، އެ ޤައުމުން ބޭރަށް ނުދެވޭނޭ ކަމަށާއި، ފުލުހުން އަންގާލައިފި ކޮންމެ ވަގުތެއްގައި އެ އިދާރާއަށް ހާޟިރުވާން ވާނެ ކަމަށް އެއްބަސް ކުރުވިއެވެ.

ޝުކޫރު ހޮސްޕިޓަލަށް ދިޔައިރު، ނަހީރާގެ ހާލެއް އެނގޭ ހިތުން އޭނަ ހުރީ، ކެތްމަދު ވެފައެވެ. ކައުންޓަރުގެ ކައިރިއަށް ގޮސް ސުވާލުކޮށްލުމުން، ނަހީރާގެ އޮޕަރޭޝަނެއް ކުރެވެމުން ދާކަމުގައި ބުންޏެވެ. ވަކި އެއްޗެއް ބުނަން އެނގޭނީ އޮޕަރޭޝަނަށް ފަހުގައި ކަމަށް ވެސް ކައުންޓަރުގައި އިން ކުއްޖާ ބުނެލިއެވެ. އޭނަ އަވަސްވެގަތީ، އޮޕަރޭޝަން ތިއޭޓަރުގެ ކައިރިއަށް ދިޔުމަށެވެ.

ފަސްވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއިއެކު، ޝުކޫރު ނުކުތެވެ. އޮޕަރޭޝަން ތިއޭޓަރުގެ ދޮރުމަތީގައި އުގެއިލް ހުއްޓެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ތަރުޖަމާ ކުރާކަށް އޭނައަކަށް އުނދަގުލެއް ނުވިއެވެ. ހުރިހާ ކަމެއް ގުޅިފައި ވަނީ، ނަހީރާގެ ފުރާނަ އާއެވެ. އޭނަ އަވަހަށް އެތަނުން ދުރަށްޖެހިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އޭނަ އިށީނެވެ.

"ޒެންހާ..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ޝުކޫރަށް ބުނެވުނެވެ.

********

ވެއްޓުނު ގޮތަކުން، ޒެންހާ އޮތީ މިޝަލްގެ ގައި މަތީގައެވެ. އެ މޭގައި ބޯ އަޅާލައިގެންނެވެ. މިޝަލްއަށް ޒެންހާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

ޒެންހާއަށް ހަމަހޭވެރިކަންވީ، މިޝަލްގެ އެ ބީހިލުމުންނެވެ. ގޮދަޑިމަތީގައި ދެއަތް ވިއްދައިލަމުން، އޭނަ ހަށިގަނޑު ކުޑަކޮށް އުފުލައިލިއެވެ. މޫނުމައްޗަށް އެޅިގެންދިޔަ އިސްތަށިތަކުގެ ސަބަބުން، އޭނައަށް ތަނެއް ފެންނަ ވަރެއް ނުވިއެވެ.

މިޝަލް އޭނާގެ އެއް އަތް އުފުލައިލިއެވެ. އަނެއް އަތުން އޭރުވެސް އޭނަ އޮތީ، ޒެންހާގެ އުނަގަނޑުގައި ހިފަހައްޓާ ލައިގެންނެވެ.

ޒެންހާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިކޮޅުތައް އޭނަ މަޑުމަޑުން، އެއްފަރާތްކޮށްލަ ދިނެވެ. އެ ލުއި ބީހިލުމުގެ ސަބަބުން، ޒެންހާއަށް ކުރެވެމުންދިޔަ އިހުސާސް ތަފާތު ވެއްޖެއެވެ. އޭނައަށް ދެލޯ މަރާލެވެން އުޅުނެވެ. އެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން، އޭނަ މިޝަލްގެ މޫނަށް ބަލައިލީ، ދެލޯ ބޮޑުކޮށްލަމުންނެވެ. މިޝަލް ބަލަހައްޓައިގެން އޮތް ތަން ފެނި، އެ ހިތުގެ ލަގަން ދޫވެއްޖެއެވެ. ހިތުގައިވި ޢަޒުމަށް ގުޑުން އަރައިފިއެވެ.

ދެމީހުން ވެސް އެކަކު އަނެކެއްގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އެތައް އިރަކު ތިއްބެވެ. ދެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވެމުން ދިޔައެވެ. ވާހަކަ ދެއްކުމުގެ އެއްވެސް މާނައެއް ނެތެވެ. އެކަކު އަނެކެއްގެ ހިތުގެ އުދާސްތައް އެ ނަޒަރުން އެކަނިވެސް، ބުނެދެމުން ދިޔައެވެ.

މިޝަލްގެ ނަޒަރު، ޒެންހާގެ މޫނުން ތިރިއަށް ދަތުރުކޮށްލިއެވެ. ޒެންހާއަށް ވެސް އަމިއްލަ ހަށިގަނޑަށް ބަލައިލެވުނެވެ. ނިވާކަން ކުޑަ ހަށިގަނޑު ފެނި، ލަދުން މުޅި މޫނު ރަތް ވިއެވެ.

ޒެންހާ ތެޅިގަތެވެ. އޭނަ އަވަހަށް ތިރިއަށް ޖެހުނެވެ. އެއާއިއެކު ތަތްވީ މިޝަލްގެ ގައިގައެވެ. ދެމީހުންގެ ގާތްކަން ކުރިއަށްވުރެ އިތުރު ވިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އޭނަ އޮތެވެ. ތެދުވެއްޖެނަމަ، އޭނަގެ މުޅި ހަށިގަނޑު މިޝަލްއަށް ފެންނާނެއެވެ. އެގޮތަށް އޮންނާކަށް ވެސް ފަސޭހައެއް ނުވިއެވެ. ކައިރީގައި އޮތް ބާލީސް ނަގައި، އެއިން ހަށިގަނޑު ނިވާކުރަން މަސައްކަތް ކުރަމުން، އޭނަ ތެދުވަން އުޅުނެވެ.

މިޝަލްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަމިއްލަ ހިތުގެ މައްޗަކަށް އޭނައަކަށް ބާރެއް ނުފޯރުވުނެވެ. ޒެންހާ ދިޔަ ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އެ ލަދުރަކި އަންހެން ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވައި، ވީހާވެސް ބޮޑަށް ކައިރިއަށް ދަމާލައިފިއެވެ. ދެމީހުންގެ ދެމެދަށް ވައިރޯޅިއަކަށް ވެސް ނުވަދެވޭނެހައި ގާތަށެވެ.

ޖަހާފައިވާ ޕާޓްޝަންގެ އަނެއް ފަރާތުގައި ތިބި ސާމީ އާއި މާރިޔާ އެކަކު އަނެކަކަށް ބަލައިލާފައި ހީގަތެވެ. ދެމީހުންގެ ރޭވުން ކާމިޔާބު ވީ ކަމުގެ އުފަލުގައި އަތާއި އަތް ޖޯޑުކޮށް ސަލާން ކޮށްލައިފިއެވެ.

"މިޝަން ކާމިޔާބު..." މާރިޔާ އުފާވެލާފައި ބުންޏެވެ.

"ސާމީ!... މާރިޔާ!... ކަލޭމެން ދެމީހުން މިތާ ކީއްތިކުރަނީ؟..." ނަޒުރާނާގެ އަޑަށް ސާމީ އާއި މާރިޔާ ދިޔައީ ސިއްސައިގެންނެވެ.

ދެމީހުން އެކުގައި ފަސްއެނބުރި ބަލައިލިއެވެ. ދެއުކުޅުގައި އަތް ވިއްދާލައިގެން ނަޒުރާނާ ހުއްޓެވެ.

"ދޭ، ދޭ... މިތަނުން ދޭ... އަވަސް ކުރޭ..." ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން، ނަޒުރާނާ ބުންޏެވެ.

ނަޒުރާނާގެ ޖުމްލަ ނުނިމެނީސް، ދެމީހުން އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. މިޝަލް އާއި ޒެންހާ ނިދަން ހަމަޖައްސާފައިވާ ބަޔަށް ވަދެވެން ހުންނަ ދޮރާއި ދިމާއަށް ބަލައިލި، ނަޒުރާނާ ހިނިތުންވެލިއެވެ. އޭނަގެ ދުޢާއަކީ އެ ދެކުދިން އަބަދުގެ އަބަދަށް އުފަލުގައި ލެއްވުމެވެ. ޖަންނަތުގައި ވެސް އެކުގައި ވުމެވެ. އޭނައަށް ނުލިބުނު ކައިވެންޏެއްގެ ހަޤީޤީ ފޮނި މީރުކަން އެދެ ކުދިންނަށް މިންވަރު ކުރެއްވުމެވެ.

********

ވިކްޔަން ހުރީ، ފުލުހުންގެ އިދާރާގައެވެ. ތަހުޤީޤު ކުރާ ބައިގެ ބޭރުން އެތަނުގެ އެތެރެ ފެންނާނެހެން ހަދާފައިވާ ކުޑަ ކޮޓަރީގައެވެ. އޭނަ އާއިއެކު، އިތުރު ތިން ފުލުހަކު އެތަނުގައި ތިއްބެވެ.

ޒެންހާއަށް ހަމަލާދޭން އުޅުނު މީހާ އިނީ، ތަހުޤީޤުކުރާ ބައިގައެވެ. ދެއަތުގައި ބިޑި އަޅުވައި މޭޒުގެ ކައިރީ ބައިންދާފައެވެ. އެމީހާގެ ކުރިމަތީގައި ފުލުހަކު އިނެވެ. އެތަނުގައި ދައްކާ ވާހަކައިގެ އަޑު، ވިކްޔަން ހުރި ކޮޓަރިއަށް އިވެމުން ދިޔައެވެ.

ޒެންހާއަށް ހަމަލާ ދޭން އުޅުނު ކަމަށް، އެމީހާ އިޢުތިރާފު ވިއެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދިނެވެ. ސުވާލު ކުރަން އިން ފުލުސް މީހާ ރުޅި އައިސްގެން ގޮނޑި ދުރުކޮށްލާފައި ތެދުވިއެވެ. އޭނަ މޭޒުމަތީގައި ވަރަށް ބާރަށް ޖެހިއެވެ.

"ކާކުހޭ، ފަންޑު ކުރީ؟... ޖަވާބުދީ..." ފުލުސްމީހާ އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

މޭޒުގައި ދެއަތް ވިއްދައިލަމުން އެ މީހާ އާއި ދިމާއަށް ފުލުސްމީހާ ގުދުވިއެވެ. މޫނުމަތީގައި ޖެހުމަށް، އަތް އުފުލައިލިއެވެ. އެއަތް މަޅާލި ވަގުތު، އެމީހާ އޭނާގެ މޫނު، އަނެއް ފަރާތަށް އަނބުރާލައިފިއެވެ. ދެލޯ މަރައި ބާރުކޮށްލިއިރު، ބިރުން ގޮސް އެމީހާގެ މުޅި ހަށިގަނޑު ވެސް ތުރުތުރު އަޅައެވެ.

"ނަހީރާ... އެމީހަކީ، ނަހީރާ..." އެމީހާ އަވަސް އަވަހަށް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓް 0