"އަހަރެން އޯކޭ އޭ... މިޝަލް ހާސްނުވެބަލަ... ވީގޮތަކީ މާކުރިން ތައްޔާރުވެވުނީމަ، ރެސްޓްކޮށްލަންވެގެން އޮށޯވެލީ... އެހެން އޮއްވާ ނިދުނު އިރުވެސް ނޭނގެ... އިރުކޮޅަކުން އޯކޭވާނެ... ހިނގާ އަވަހަށް ދާން..." މިޝަލްއަށް މަޑުކުރުމެއްނެތި، ޒެންހާ ހިނގައިގަތެވެ.

********

ޒެންހާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި މިޝަލްގެ ހިތަށް އުނދަގޫތަކެއް ވަނީ އެވެ. އެ ހިތް ވަނީ ނުތަނަވަސްވެފަ އެވެ. ކުރެވެން އުޅެނީ މާ ރަނގަޅު ކަމެއް ނޫންކަމަށް ސިކުނޑި އިންޒާރެއް ދިން ކަހަލަ އެވެ. އެ ހިތް އެދެމުންދިޔައީ އީމާ އައިސް އެ ކައިވެނި ހުއްޓުވުމަށެވެ. އޭނަ އެ ކައިވެނި ހުއްޓާލަން ބޭނުން ވަނީ އީމާގެ ހަމަ އެންމެ އިޝާރާތެކެވެ. މިޝަލް އޭނާގެ ފޯނު ނެގީ، އީމާގެ ޚަބަރެއް ވާނޭ ކަމުގެ ފޮނި އުއްމީދުތަކާ އެކުގަ އެވެ. އެހެނަސް، އެ ހިތް އިތުރަށް ޒަޚަމުވުން ނޫންކަމެއް ނުވި އެވެ.

"އަހަރެން ވީ ލޯބީގެ ބަދަލުދޭން އީމާއަށް އެނގުނު ގޮތަކީ މީތަ؟.... އަހަރެން އީމާއަށް ނަފުރަތު ކުރަން... ނަފުރަތު ކުރަން..."

މިޝަލް އޭނާގެ ފޯނު ހޫރާލަން އުޅުނެވެ. ހަމަ އެހާ އަވަހަށް އެ ފޯނުގައި ބާރަށް ހިފަހައްޓާލައިފި އެވެ. ރުޅި އާއި ހިތާމަތައް އެކުވެގެން އެ ދެލޯ ފުރުނު ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާކަށް ގިނައިރެއް ނުނެގި އެވެ. އަމިއްލަ ނަފުޞަށް ބާރު ފޯރުވަން މިއަދު އޭނައަށް އުނދަގޫވެއްޖެ އެވެ. ލޯބީގައި ދީވާނާވެފައިވާ މީހެކޭ އޭނައެކޭ ތަފާތެއް ނެތެވެ. އެއީ ޙަޔާތުގައި ދިމާވެދާނޭ ކަމަށް އޭނަ ކުޑަކޮށް ވެސް އުއްމީދުކުރި ކަންކަމެއް ނޫނެވެ.

ހިތާއިހިތުން އެތައް ޝަކުވާއެއް ކުރަމުން ދިޔަ މިޝަލްގެ އަތް މުށްކެވިގެން ދިޔަ އެވެ. އައިސްފައިވާ ރުޅީގެ ޝިކާރައަކަށްވީ ކުރިމަތީގައި ހުރި ފާރެވެ. ގޮށްމުށުން ފާރުގައި ދެތިން ފަހަރަށް ޖެހުމުން ވެސް އެ ހިތަށް ލިބުނު ލުއި ކަމެއް ނެތެވެ.

"އީމާ... އަހަރެން އީމާދެކެ ރުޅި އަންނަން ހާދަ މަސައްކަތެއް އެބަ ކުރަމޭ... އެކަމަކު، ކިތަންމެ ރުޅި އަންނަން ބޭނުންވިޔަސް، އަދިވެސް މިހިތުން އީމާއަށް ދެވިފައިވާ މަޤާމަކަށް ފަނޑުކަމެއް ނާދޭ... ލޯތްބަކީ މިހާ ބާރުގަދަ އެއްޗެއްކަން އެނގޭ ނަމަ، އެފަދަ ނަޒަރަކުން އަންހެން ކުއްޖަކާ ދިމާއަށް ބަލައި ވެސް ނުލީމުސް..." މިޝަލް އޭނަގެ އަމިއްލަ ނަފުޞާއި ވާހަކަ ދައްކަމުން ދިޔައިރު، މުޅި ދިރިއުޅުން މަތީން ފޫހިވެފައިވާ ކަހަލަ އެވެ.

********

ފޮށިތައް ކާރަށް އެރުވުމުގައި ޒުބޭރު އުޅުނީ އަވަދިނެތިއެވެ. ސިތުނާ ހުރީ، ސިޓިންގްރޫމުގެ ފާރުގައި ހަރުކޮށްފައިވާ ބޮޑު ލޯގަނޑުގެ ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލާށެވެ. އެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ. ސިތުނާގެ ހަރަކާތްތަކަށް ބަލަން އާބިދާ އިނީ ސޯފާގަ އެވެ.

ކޮޓަރިން ނުކުމެގެން އައި ޒެންހާ ފެނުމާ އެކު، އާބިދާ ތެދުވި އެވެ. އޭނަ ގޮސް ޒެންހާގެ އަތުގައި ހިފާލައިފި އެވެ.

"ދަރިފުޅާ... މަންމަ ބުނީ، މިޝަލްގެ އާއިލާގެ މީހަކު ވެސް ނެތީހޭ؟... މިވަރުގެ ކަމެއް ކުރާއިރު، އެއިން މީހަކު ނުފެންނާތީ، މަންމަ ކުޑަކޮށް ކަންބޮޑުވެފައި މިހުންނަނީ..." އާބިދާ ވާހަކަ ދެއްކީ ހަމައެކަނި ޒެންހާއަށް އަޑުއިވޭ ވަރަށެވެ.

ޒެންހާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް، އާބިދާއަށް ފެނުނީ މިޝަލް އެދިމާއަށް އަންނަ ތަނެވެ. އޭނަ އަވަހަށް ޒެންހާ ގޮވައިގެން ނުކުތީ ގެއިން ބޭރަށެވެ. މިޝަލް ބޭރަށް ނުކުތްގޮތަށް އުޅުނީ، ޒުބޭރާ އެކު ކާރަށް އެއްޗެހިތައް އެރުވުމުގަ އެވެ. އޭނަ އެންމެ ފަހަރަކު ވެސް ޒެންހާއަށް ބަލައިނުލާކަށް އާބިދާއަށް ފާހަގަވި އެވެ.

"ޒެނީ، ކޮންތާކުން ހޯދި ބިޓެއްތަ؟... ހާދަ ސްމާޓޭ... އަދި ކިރިޔާ ރަނގަޅަށް ބަލާ ވެސް މިލެވުނީ... ހީވަނީ ބޭރުގެ އެކްޓަރެއްހެން... ހާދަ ފިރެހެންވަންތަ ހިނގުމެކޭ... އެ ބާރުގަދަ އަތް މައްޗަށް އަންހެން ކުއްޖަކު އުފުލާލާ އިރު، ހާދަ ރޮމޭންޓިކް ވާނެއޭ... ހިތަށް ސިފަކޮށްލީމަ މިއޮއްވާ ގޮތެއް... ޓިސް ޓިސް ޓިސް ކިޔާފައި އެބަ ތެޅޭ... ޅިޔަންބެއެއްގެ ގޮތަށް ދެކެން ހާދަ އުނދަގޫވާނެއޭ..." މޭގައި އަތް ޖައްސާލައިގެން ހުރެ، ސިތުނާ ވާހަކަ ދައްކަމުން ދިޔަ އެވެ.

"އޭތް... ދެން މާ ފިލްމީ ވާނެކަމެއް ނެތް... ތިވަރުން ނޫޅުނަސް، ފިލްމަކުން ޖާގައެއް ހޯދަދީފާނަމޭ... ދެން ބުނަންތަ... އޭނައަށް ތިހާ ވަރަށް ނުބަލާތި... އެސްފީނާ ޖެހިދާނެ..." ސިތުނާގެ ދެކޮނޑުގައި ހިފައި އަނެއް ފަރާތަށް އަނބުރުވާލަމުން ޒެންހާ ވާހަކަ ދެއްކި އެވެ.

"ދަރިފުޅާ... ޒެންހާ އޭތް... އައިސްބަލަ..." އާބިދާ ގޮވާލި އަޑު އިވުމުން، ޒެންހާ އަވަހަށް އެދިމާއަށް ދިޔައެވެ.

"ދަރިފުޅުމެން ދޭ ކާރުގައި... މަންމަ ދާނަން ބައްޕަ އާ އެކީ ސައިކަލުގަ..." ޒެންހާގެ ހެދުން ރަނގަޅުކޮށްލަމުން އާބިދާ ބުންޏެވެ.

ޒެންހާ ހިނިތުންވެލާފައި ކާރަށް އެރި އެވެ. ފަހަތުން މިޝަލް އެރިއިރު، ކުރީ ޝީޓަށް އެރީ ސިތުނާ އެވެ. ސިތުނާ ކާރަށް އެރިގޮތަށް ފެށީ ޒެންހާ އާއި ދިމާކުރާށެވެ. މިޝަލް އިނީ ބޮލަށް އުނދަގޫވެފަ އެވެ. އެ އަޑުތައް ނާހަން ވެގެން އޭނަ އިނީ ކަންފަތަށް ހެޑްސެޓް ޖަހާލައިގެންނެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން އިންގޮތުން ހީވަނީ އަޑުއަހަމުން ދިޔަ އެއްޗަކަށް ފުރިހަމައަށް ސަމާލުކަން ދީގެން އިންހެންނެވެ.

ޒެންހާ ބަލައިލުމުން، ސިތުނާ އޭނާގެ ލޮލުގެ އިޝާރާތުން މިޝަލް ދައްކައިލި އެވެ. ކައިރިއަށް ޖެހިލުމަށް ބުންޏެވެ. ޒެންހާ އަވަހަށް ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނަ ދެން އެދުނީ އުނގުމަތީގައި އޮތް މިޝަލްގެ އަތް މަތީގައި ޒެންހާގެ އަތް ބާއްވައިލުމަށެވެ. އެފަހަރު ޒެންހާ އަދި ކުރިޔަށްވުރެ ވެސް ބާރަށް ބޯ ހޫރާލައިފި އެވެ. އެއާ އެކު ސިތުނާ އޭނާގެ ދެ ތުންފަތް ފިތައިލި އެވެ.

ކާރުގެ ތެރޭގައި ހޭދަވި ވަގުތުކޮޅު މިޝަލްއަށް ހީވީ ގަރުނަކަށް ދިގުދެމިގެން ދިޔަހެންނެވެ. ސިތުނާއަށް ނޭނގުނަސް، އެ މީހުން ޖެހި ހުރިހާ ސަކަރާތެއް، ކާރުގެ ބިއްލޫރިގަނޑުން އޭނައަށް ރީތިކޮށް ފެނުނެވެ. އޭނަ ބެލީ ޒެންހާ އާއި ވީހާ ވެސް ދުރުގައި އިނދެވޭތޯ އެވެ.

ކާރު މަޑުކޮށްލުމާ އެކު އެންމެ ފުރަތަމަ ވެސް ފޭބީ މިޝަލްއެވެ. ޒެންހާ މަޑުކޮށްލައިގެން އިނީ މިޝަލް އައިސް ދޮރު ހުޅުވާލަދޭނެ ކަމަށެވެ. އެކަމަކު މިޝަލްއެއް ނަ އެވެ. އޭނަ ކާރުން ފޭބިގޮތަށް ފޯނު ކަންފަތުގައި ޖައްސާލައިގެން ހިނގައިގަތީ އެހެން މީހުންނާ ދުރަށެވެ.

"މާ ޚާއްސަ މީހަކު ގުޅައިގެން ކަންނޭނގެ އެދިޔައީ... ވެދާނެ މާ ޚާއްސަކަމެއް ރާވާލަނީ ކަމަށް ވެސް... ދެންވެސް ކައިރިއަށް ދޭބަލަ... ތިހެން ބަލަން ހުއްޓާ، ތެޔޮ ނާއްޓެއް އައިސް ކާޅު ޖަހައިގަންފާނެއޭ..." ޒެންހާ އިން ދިމާއިން ކާރުގެ ދޮރު ހުޅުވާލަދެމުން ސިތުނާ ބުންޏެވެ.

"ސާބަހޭ... ސާބަހޭ... އެއްޗެއް ކިޔަން ނޭނގޭ އިރު ވެސް ކިޔޭތޯ ބަލާތި... ތެޔޮ ނާއްޓަކަށް ކާޅެއް ޖަހައިގަނެވޭނެތަ؟..." ޒެންހާ ފެށީ ހޭށެވެ.

ސިތުނާ ހެމުން އޭނަގެ ބޮލުގައި އަތުން ޖަހައިލި އެވެ. ދުރުގައި ހުރި މިޝަލްއަށް ބަލައިލި ޒެންހާގެ ހިތަށް ތަދުވި އެވެ. އެ ހިތުގައިވީ ޝަކުވާ އެވެ. އެހާ ޚާއްސަ ދުވަހެއްގައި ވެސް މިޝަލްގެ ފަރާތުން، އޭނަ އުފާވާ ފަދަ އެއްވެސް ކަމެއް ނުފެނެ އެވެ. އަމުދުން އޭނަގެ ކޮންމެ ކަމެއްގައި އެހާ ފަރުވާ ކުޑަކުރެ އެވެ. ޒެންހާ އޭނާ ލައިގެން ހުރި ބޮޑު ހެދުމުގެ ފަސްބައި ހިއްލާލަމުން، މަގުމަތިން އެއްފަރާތަކަށް ޖެހިލި އެވެ. ހިތާމަތައް ފޮރުވަމުން، އޭނަ ފޯނު ނަގާފައި ގުޅީ އީމާއަށެވެ. އީމާ ފޯނު ނުނެގުމުން އޭނަ ވަކީން ހިތުގައި ޖެހޭގޮތްވި އެވެ. ކައިރީގައި ތިބުމަށް އޭނަ އެންމެ ބޭނުންވި މީހުން އެއުޅެނީ އޭނައާ ދުރުންނެވެ. ޒެންހާ ނިންމީ އީމާގެ އިންތިޒާރުގައި މަޑުކުރުމަށެވެ.

"ޒެނީ... މިޝަލްގެ ފެމެލީ މީހަކު ނެތީތަ؟..." ވަށައިގެން ހޯދައިލަމުން ސިތުނާ ސުވާލުކުރި އެވެ.

ޒެންހާ ފުރަތަމަ ފަހަރަށް ވިސްނައިލި އެވެ. މިޝަލް އާ ކައިވެނިކުރާ އިރު، މިޝަލްގެ އެއްވެސް ކަމެއް އޭނައަކަށް ނޭނގެ އެވެ. ހޯދާކަށް އެ ހިތަށް ކުޑަކޮށް ވެސް ނާރައެވެ. ފުރަތަމަ ފަހަރަށް އެކަމާ ވިސްނައިލެވުމުން، ޒެންހާގެ ހިތް ނުތަނަވަސްވާގޮތް ވި އެވެ.

"ދަރިފުޅު... އަވަހަށް އާދޭ އަރަން..." ލޯންޗާ ދިމާއަށް ހިނގައިގަންނަމުން އާބިދާ ހިފައިލީ ޒެންހާގެ އަތުގަ އެވެ.

"މަންމާ... އީމް އަދި ވެސް ނާދޭ..." ޒެންހާގެ ދެލޯ ހޯދަމުން ދިޔައީ އީމާއެވެ.

"އަދި ދެ ލޯންޗު ދަތުރުކުރާނެއޭ... ދެން ފުރާ އެއްޗަކުން އަންނަން ބުނާނީ... ދަރިފުޅު ޖެހޭނެއެއްނު ކުރިން އެކޮޅަށް ދާން... އަވަހަށް އާދޭ..." އާބިދާ ހުރީ ލަސްވެފަ އެވެ.

ޒެންހާ ލޯންޗާ ދިމާއަށް ހިނގައިގަތް އިރު، މިޝަލް ވެސް އެދިމާއަށް ދަނީއެވެ. ޒެންހާ މަޑުކުރީ މިޝަލް ލޯންޗަށް އަރަންދެނެވެ. އޭނަ ހީކުރީ މިޝަލް އޭނައަށް އެހީވާނެ ކަމަށެވެ. އެކަމަކު އޭނައަށް ފެނުނީ މިޝަލް ލޯންޗަށް އަރާފައި ގޮސް ޝީޓުގައި އިށީންތަނެވެ. ޒެންހާ ހުރިކަން އޭނަގެ ހަނދާނުގައި ވެސް ނެތް ކަހަލަ އެވެ. ޒެންހާ ދެރަވި އެވެ. އެކަމަކު އަމިއްލަ ހިތަށް ވިސްނައިދިނުމުގައި އޭނަ ކާމިޔާބު ހޯދި އެވެ.

ކައިވެނީގެ އެންމެހާ ކަމެއް ހަމަޖައްސާފައި ވަނީ މާލެ ކައިރި ރިސޯޓަކުންނެވެ. ޒެންހާމެންނަށް ރިސޯޓަށް ދެވުނުއިރު އުޑުމަތި ވަނީ ކޮންމެވެސް ވަރަކަށް ބަނަކޮށްލާފަ އެވެ. ކައިވެނީގެ ހަފުލާ ހަމަޖައްސާފައި އޮތީ ރިސޯޓުގެ ހިތްގައިމު ދޮންފަސްގަނޑުގަ އެވެ. އެތަނުގައި މޭޒުތަކާއި ގޮނޑިތައް އަތުރާލާފައި ހުއްޓެވެ. ތަން ޒީނަތްތެރި ކުރެވިފައިވީ ޒެންހާ ބޭނުންވި ގޮތަށެވެ. ކުލަބޮކިތަކާއި، މާމެލާމެލިން މުޅި ތަން ޖަރީކޮށްލެވިފައިވާ އިރު، ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެންނެވެ. އެހާމެ ފުރިހަމަވެފައި ހިތްގައިމެވެ.

މުޅި މާޙައުލަށް ނަޒަރު ހިންގާލުމާ އެކު، ޒެންހާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އޭނަ ހީވަނީ އުފަލުން އުދުއްސައިލަން އުޅޭހެންނެވެ. އެ ހިނިތުންވުމަށް ފަނޑުކަމެއް އައީ ކައިވެނި ކުރެވޭ ވަގުތު އައިސް ޖެހުނުއިރުވެސް، އީމާ ނައުމުންނެވެ. ޒެންހާ ހުރީ އެކަމާ ކުދި ކިޔާލަކިޔާލަ އެވެ. އޭނަ އީމާގެ ފޯނަށް ތަކުރާރުކޮށް ގުޅި އެވެ. ފޯނު ނުނެގުމުން، އައި ރުޅީގައި އޭނަގެ ފޯނު ނިއްވާލީ އެވެ.

ކައިވެނި ކުރެވޭ މޭޒު ކައިރިއަށް މީހުންތައް ޖަމާވާން ފެށި އެވެ. ޒެންހާގެ ކައިރީގައި މިޝަލް އިނީ އިސްޖަހާލައިގެންނެވެ. އަނބި ޤަބޫލުކޮށްފިންތޯ ޤާޒީއަށް ތަކުރާރުކޮށް ސުވާލު ކުރަން ޖެހުނެވެ. މިޝަލް އިނީ ފިކުރެއްގެ ތެރޭގަ އެވެ. ވާނުވާ ނޭނގިފައި، އެންމެން މިޝަލްއަށް ބަލަން ފެށި އެވެ.

މިޝަލްއަށް ހަމަހޭވެރިކަންވީ ޒުބޭރު ދެފަހަރަކު ކަރުކެހިލި އަޑު އިވުމުންނެވެ. އޭނައަށް ފުރަތަމަ ވެސް ހޯދައިލެވުނީ އެއިން ހިސާބެއްގައި ވެސް އީމާ ފެންނަން ހުރިތޯ އެވެ. ހީވީ އެންމެ ފަހު ވަގުތުގައި ވެސް، އީމާ އައިސް އޭނަ ހުއްޓުވާނެކަމަށް ޤަބޫލުކުރެވުނީ ހެންނެވެ. އީމާ ނުފެނުމުން މިޝަލްގެ ހަށިގަނޑުގެ ވަރު ދޫވި އެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި ހަށިގަނޑު ސީދާކޮށްލި އެވެ. އޭނަގެ އެންމެ ފަހުގެ އިންތިޒާރު ވެސް ފެނަން ވީއެވެ. ދެން ކުރެވޭނޭ ކަމެއް ނެތެވެ. އެއީ އީމާ ބޭނުންވި ގޮތެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން އޭނަ އީމާއަށް އިންތިޒާރު ކޮށްފި އެވެ.

"އަނބި ޤަބޫލުކޮށްފިން..." މިޝަލްގެ ދުލުން އެ ޖުމްލަ ނުކުތީ ގަދަކަމުންނެވެ.

ޒެންހާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު އޭނައަށް ކުރެވުނީ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ކަމުގެ އިޚްސާސެވެ. ކުރިއަށްވުރެ ވެސް ބޮޑަށް އޭނަ އިސްޖަހާލީ ލިބުނު އުފަލުގައި ދެލޯ ކަރުނުން ފުރުމުންނެވެ. ޒެންހާގެ އިންތިޒާރަށް ނިމުން އައިއިރު، މިޝަލްގެ ހިތް ކުދިކުދިވީ އެވެ. މުޅި ޚަޔާތް ބަރުބާދުވީ ކަމުގައި އޭނަ ޤަބޫލުކުރި އެވެ.

ކައިވެންޏަށް ފަހު، ޒެންހާގެ ތުންފަތްމަތީން ހިނިތުންވުން ފިލާނުދެ އެވެ. އޭނަ މިޝަލްގެ ކައިރިން ދުރަށްވެސް ނުދެއެވެ. ކައިވެނީގެ ޖޯޑު ތިބުމަށް ޚާއްސަކުރެވިފައިވާ ޖަގަހައަށް ދިޔައީ ވެސް ދެމީހުން އެކުއެކީގަ އެވެ. ޙަފުލާ ފެށިގެން އައީ މަރުޙަބާގެ ބަސްތަކުންނާއި، ހަދިޔާގެ ސިޓީއުރަ ތަކުންނެވެ.

"ތޭންކް ޔޫ..." މިޝަލްގެ އަތުގައި ހިފާލަމުން ޒެންހާ ބުންޏެވެ.

މިޝަލް ހަމައެކަނި ބޯޖަހާލީ އެވެ. ޒެންހާގެ އަތް ދަމައިގަންނަން އުޅެފައި ވެސް، އޭނައަށް އެކަން ކުރާކަށް ނުކެރުނެވެ. މިހާރު އޭނަގެ ގައިގައި އަތްލުމުގެ ފުރިހަމަ މިނިވަންކަން ޒެންހާއަށް އޮންނާނެ އެވެ. އޭނަގެ ހިތް، އެކަމަށް ނުރުހުނު ކަމުގައިވިޔަސް މެ އެވެ.

އެކުވެރިޔާގެ އުފަލުގައި ބައިވެރިވުމަށް އީމާ އައީ ސިޓީއުރައެއް ހިފައިގެންނެވެ. އީމާ ފެނުމުން މިޝަލް އޭނަގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ހިނިތުންވެލަން އުޅުނަސް އީމާއަކަށް އެކަމެއް ނުކުރެވުނެވެ. އަލަތު ކައިވެނި ކުރެވުނު ދެމަފިރިންގެ ގުޅި ލާމެހިފައިވާ އަތަށް ނަޒަރު ހިންގާލުމާ އެކު އީމާގެ ތަބީޢަތު ގޯސްވެއްޖެ އެވެ. ކެތްތެރިކަން ކޮޅުންލިއެވެ. ސިޓީއުރަ ޒެންހާގެ އަތަށް ދީފައި، އޭނަ ހިނގައިގަތީ އެތަނުން ދުރަށެވެ.

"އީމް... އިހަށް މަޑުކޮށްބަލަ... ކޮންތާކަށް ނުދެވިގެންތަ ތިއުޅެނީ؟... ސަހާދެއް މިބުނީ... ނައިސްގެން މިހާރު ކޮން އިރެއްތަ ހުންނަތާ..." އީމާގެ ފަހަތުން ގޮސް އެ އަތުގައި ހިފައި ދަމައިގަންނަމުން ޒެންހާ ބުންޏެވެ.

އީމާ ފެނުމުން ޝަކުވާކުރަން އުޅެފައި ވެސް ޒެންހާ އެ ޚިޔާލު ދޫކޮށްލި އެވެ. އެކަމުގެ ސަބަބުން އެ އުފާވެރި ވަގުތުކޮޅު ޚަރާބުކޮށްލާކަށް އޭނަ ބޭނުމެއް ނުވި އެވެ. އޭނަ އީމާ ގޮވައިގެން ހިނގައިގަތީ މިޝަލް އާއި ދުރަށެވެ.

އީމާގެ ނަޒަރު އެންމެ ވަގުތުކޮޅަކަށް ވެސް މިޝަލްއާ ވަކިނުވެ އެވެ. ކަޅުކުލައިގެ ކޯޓު، ފަޓުލޫނުގައި މިޝަލްގެ ފިރެހެންވަންތަކަން އިތުރުވެފައިވި އެވެ. ބަޔަކާ ވާހަކަ ދައްކަން ހުރި ނަމަވެސް މިޝަލްގެ މޫނުމަތިން ހަމަޖެހުމުގެ ޢަޞަރެއް ނުފެނެ އެވެ. ކަޅުކަންގަދަ ބުމަ ކައިރިކޮށްލައިގެން ހުރިގޮތުން، އީމާ އޭނާގެ ނަޒަރު މިޝަލްއިން ވަކިކޮށްލާހިތް ވެސް ނުވި އެވެ. އެހާ ސީރިއަސްވެފައި ހުންނަ އިރުވެސް، މިޝަލްގެ ރީތިކަމަކަށް ފަނޑުކަމެއް ނާދެ އެވެ.

"އަހަރެން މިހުރީ ހާދަ އުފަލުންނޭ... އެންމެފަހުން މިޝަލް އަހަރެންގެ މީހަކަށް ވީ..." ޒެންހާ ފުންމަފުންމާފައި ވާހަކަ ދެއްކި އިރު ހިނިތުންވެލައިގެން އީމާ ހުރީ ބަލާށެވެ. އެކުވެރިޔާ އުފަލުގައި ހުރުމުން އޭނަ އުފާވި އެވެ. ހިތް އެކީ ފިސްފިސްވެފައިވިޔަސް މެ އެވެ.

"ހޫމްމް... ދެން ޖޭ ވާނީކީ ނޫން އިނގޭ..." ޒެންހާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

"އުހުނ ވާނެ ދޯ... ޑޮކްޓަރު މިޝަލް އޭ ތި އަތުލީ... އެހެން މީހަކުނަމަ ނުވާނަން..." ޖެއްސުމުގެ ރާގަކަށް ވާހަކަ ދެއްކި ނަމަވެސް އީމާ ފާޅުކުރީ ހަޤީގަތެވެ.

ޒެންހާ ހީގަތެވެ. އީމާގެ ވާހަކައިން އޭނައަށް ނެގުނީ މުޅީން އެހެން މާނައެކެވެ.

"ތޭންކް ޔޫ އީމޫ... ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ... ހޫމްމް... ދެން ހީކުރާނީކީ ނޫން ކައިވެނި ކުރެވުނީމަ އަހަރެން ދެން ހޯދާ ނުފެންނާނެއޭ... ކޮންމެ ގަޑިއަކު ވެސް އީމް ބުނެފިއްޔާ އަހަރެން އަންނާނަން..." ޒެންހާ ވާހަކަ ދެއްކީ އީމާގެ ގައިގައި ކުޑަކޮށް ބައްދާލަމުންނެވެ.

"އަނެއްކާ މާމުއި ހަނދު ފަނިކޮށްނުލާތި... އީމް ބުނެފިއްޔާ، އެހާ ފޮނި އެއްޗެއް ދޫކޮށްލާފައި ވެސް އަންނާނެ ކަން އެނގޭނެވިއްޔަ..." ޒެންހާ އަނގަ ހުއްޓައިނުލަ އެވެ. އުފަލުން އެތައް ވާހަކަ ދައްކަމުން ދިޔަ އެވެ. އޭނައަށް އީމާގެ މަޑުމައިތިރިކަން ފާހަގަނުވީ ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.

"ދެން ބުނެބަލަ... އަހަރެން ރީތިތަ؟... ތައްޔާރުވީ ގަޑީގައި ކީއްވެތަ ނައީ... އަހަރެން ގުޅާ ގުޅާ..." ޒެންހާ ޝަކުވާކުރަން ފެށި އެވެ.

"ޒެނީ އަބަދު ވެސް ރީއްޗޭ... ދެން އަންހެނުންގެ ފާޑުކިޔާކަށް އަހަންނަކަށް ނޭނގޭ... އޯކޭތަ މިޝަލްގެ ފާޑުކިޔަސް..." އީމާ ގަދަކަމުން ހިނިތުންވެލި އެވެ.

"އުހޫނ... މިޝަލް ބަހައްޓާ... އޭނައަށް އެވަރަށް ނުބަލާތި... އަހަރެން ޖޭވެދާނެ..." ޒެންހާ އެހެން ބުނެފައި ހީގަތެވެ.

އެކި ވާހަކަތަކުގެ ތެރެއިން ޒެންހާ ގޮސް ހުއްޓުނީ މިޝަލްގެ ކައިރީގަ އެވެ. ދުރުގައި ބަލަން އީމާ ހުރީ ފެންކަޅިވެފަ އެވެ. މިޝަލް އެންމެ ފަހަރަކު ވެސް އޭނައަށް ނުބަލާތީ އެ ހިތަށް ތަދުވަނީ އެވެ. ހިތް އެކީ ޒަޚަމުވެފައި ވިޔަސް، އީމާ ބޭނުންވީ މިޝަލްއަށް ޝުކުރު އަދާކުރާށެވެ. އޭނައަށް ނުލިބުނީ އެކަނިވެލާނެ ފުރުޞަތެކެވެ. މިޝަލް ހީވަނީ އޭނައަށް އެ ފުރުޞަތު ނުދޭން އުޅޭ ހެންނެވެ. ޒެންހާ ދުރަށްޖެހިލާ ވަގުތެއްގައި ވެސް، އަވަހަށް އެހެން މީހެއްގެ ކައިރިއަށް ދާގޮތުން އެކަން އޭނައަށް ޔަޤީންވި އެވެ.

އީމާ ގޮސް އިށީނީ، އެހެން މީހުންނާ ވީހާ ވެސް އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައި އެވެ. ފެންކަޅިވެފައިވާ ދެލޮލުން އޭނަ މިޝަލްއަށް ބަލައިލި އެވެ. ހުދު މިޝަލް ވެސް ހުރީ އުފަލުން ނޫންކަން އެ މޫނަށް ބަލައިލި ކޮންމެ މީހަކަށް އެނގޭހައިވެ އެވެ. ދިރި ހުއްޓަސް، މަރުވެފައިވާ މީހެކޭ އޭނައެކޭ އެއްވެސް ތަފާތެއް ނެތެވެ.

"އަހަނ... އީމާ... މިތާ އެކަނި؟... ކިހިނެތްވެފަ ތީނީ؟..." ދާދި ކައިރިން ފިރެހެނެއްގެ އަޑު އިވުމުން، އީމާ ބަލައިލި އެވެ.

"ޝުކޫރުބޭ؟... މިތާ؟..." އީމާ ހައިރާންވީ ކުރިމަތީގައި ހުރި ޝުކޫރު ފެނުމުންނެވެ.

ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނައަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. އޭނަގެ ހަނދާނަށް އެވަގުތު އައީ ޒުބޭރު ދެއްކި ވާހަކަތަކެވެ. ޝުކޫރުގެ ވާހަކަ ދެއްކިއިރު، އެ މޫނު މައްޗަށް ވެރިވި ކުލަތަކެވެ.

"އާނ... މިވަރު ކަމެއް ކުރާއިރު، އަހަރެންވެސް އަންނަންވާނެ ދޯ... އެހެން ނޫނަސް، މިހާ ޚާއްސަ ދުވަހަކު ނައިހެއް ނުހުރެވޭނެ އެއްނު... އަނެއްކާ އަހަރެން މީ ކޮންމެހެންވެސް މިތާ ހުންނަން ޖެހޭނެ މީހެއް..." ޝުކޫރު ވާހަކަ ދައްކަމުން ހިނިގަނޑެއް ޖަހާލި އެވެ. އެ ވާހަކައިގައި ފޮރުވިފައިވާ އެތައް މާނައެއް ވާކަން އީމާ ދެނެގަތެވެ.

"ޝުކޫރުބެ އެކަނިތަ އައިސް ތިއުޅެނީ؟..." ވަށައިގެން ހޯދައިލަމުން އީމާ ސުވާލުކުރި އެވެ.

"އާނ... އެކަނިވެރިން އުޅޭނީ އެކަންޏެއްނު..." ޝުކޫރު އަނެއްކާ ވެސް ޖަހާލީ ހިނިގަނޑެކެވެ.

އެ ނަޒަރު ދެން ހުއްޓުނީ ޒެންހާ އަށެވެ. އެއާ އެކު އެ ބެލުން ތަފާތު ވެއްޖެ އެވެ. ކޮންކަހަލަ ޝުޢޫރެއްކަން ދެނެގަންނަން އީމާއަށް އުނދަގޫވި އެވެ.

"ޒެންހާ ހީވަނީ ހަމަ އޭނާގެ މަންމަހެން... އެއްވެސް ތަފާތެއް ނެތް..." ޒެންހާ އާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލަމުން ޝުކޫރު ބުންޏެވެ.

އީމާ ހައިރާންވި އެވެ. އޭނަ އެހާ އަވަހަށް ޒެންހާއަށް ބަލައިލާފައި، ޝުކޫރު ހުރި ދިމާއަށް ބަލައިލި އިރު، އޭނަ ފެންނާކަށް ނެތެވެ. އީމާ ދެން ބަލައިލީ ޒެންހާގެ ކައިރީގައި ގޮސް ހުއްޓިލި އާބިދާ އަށެވެ. އޭނަ އެހާވަރަށް ބެލި އިރުވެސް، ޒެންހާ އާއި އާބިދާ އާއި ވައްތަރުވާނެ ހަމަ އެއްވެސް ސިފައެއް ނުފެނުނެވެ. ވީއިރު، ޝުކޫރު އެދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އެއީ ޝުކޫރު އޭނަ އާއި ކޮށްލި ސަމާސާއެއް ހެއްޔެވެ؟

ޕާޓީ ނިންމައި އެންމެން ދިޔައިރުވެސް އީމާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނަ ބޭނުންވި ކަހަލަ ފުރުޞަތެއް ލިބުނީ ޒެންހާ ފާޚާނާއަށް ވަނުމުންނެވެ. އީމާ މިޝަލްގެ ކައިރިއަށް ދިޔުމުން މިޝަލް އުޅުނީ އީމާއަށް ނުބަލާށެވެ. އޭނަ ފެނުމުން، ދުރުދުރުން ހިނގައިގަތްގޮތުން އީމާގެ ހިތަށް ތަދުވި އެވެ.

"މިޝަލް... މަޑުކޮށްބަލަ..." މިޝަލް އާ ދިމާއަށް ހިނގައިގަންނަމުން އީމާ ބުންޏެވެ.

"ތޭންކް ޔޫ..." މިޝަލް ނުހުއްޓޭނެކަން އެނގުމުން އީމާ ވާހަކަ ދެއްކީ ފުދޭ ވަރަކަށް ބާރަށެވެ.

މިޝަލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ދެބުމަ ގޮށްޖަހައިލަމުން އީމާއަށް ބަލައިލި އެވެ. އެ މޫނުމަތިން ފެނުނު ނަފުރަތުގެ ހޫނުގައި އީމާ ފިއްސާލި ކަހަލަ އެވެ. އެ ނަޒަރުން އެކަނިވެސް އީމާގެ ހިތް ތޮރުފާލައިފި އެވެ. އޭނަ އަވަސްއަވަހަށް އިސްޖަހާލީ މިޝަލްގެ ދެލޮލަށް ބަލަން ހުންނާނޭ ހިތްވަރު ނުލިބުމުންނެވެ.

"އީމާ ތިއުޅެނީ ކިހިނެތް ވެގެންތަ؟... ކީއްކުރަން މިހާރު ދެން މިތަނަށް ތިއައީ؟..." މިޝަލްގެ އަޑުގައިވީ ހަރުކަށިކަމެވެ.

"އަހަރެން ހީކުރީ އީމާގެ ކިބައިން ސަލާމަތް ވެވުނީ ކަމަށް... އެކަމަކު މިހާރު ތިއުޅޭ ގޮތުން ހީވަނީ، މީހެއްގެ ފިރިއެއް ފަހަތުން އަޅުވާލިގޮތަށް ނެއްޓެން ނޭނގިގެން އުޅޭހެން... ތިހެން އުޅޭ އަންހެނުންދެކެ އަހަރެން ވަރަށް ފޫހިވޭ..." މިޝަލް ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. އޭނަ ބޭނުންވީ ގަސްދުގައި އީމާގެ ހިތަށް ތަދު ކުރާށެވެ. އޭނައަށް ކުރެވޭ އިޚްސާސް އީމާއަށް ވެސް ކުރުވާށެވެ.

އީމާ އިސްއުފުލައި މިޝަލްގެ މޫނަށް ބަލައިލި އެވެ. އެ ބޮޑު ދެލޯ ވަނީ ފެންކަޅިވެފަ އެވެ. މިޝަލްގެ ތޫނު ބަސްތަކުން އެ ހިތް ތޮރުފާލައިފި އެވެ. އެ ދުރުކަމަށް އާދަވާން އޭނަ ކިތަންމެހައި ވެސް ބޭނުންވެ އެވެ. ހިތްވަރުވެސް ކުރެ އެވެ. އެކަމަކު ހުރިހާ ކަމެއް ނިމެނީ ކަރުނައިންނެވެ. އީމާ ނޭފަތް ދަމާލާފައި ހަމަޖެހިލުމަށް މަސައްކަތް ކުރި އެވެ.

އީމާގެ ޙާލު ފެނި، މިޝަލްއަށް ހިންދިރުވައިލެވުނެވެ. އޭނަ އިސްޖަހައިލީ އީމާގެ ކަރުނަތަކުން ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައިދާނޭކަމުގެ ބިރު އެ ހިތުގައި އުފެދުމުންނެވެ. ކިތަންމެ ރުޅި އަޔަސް، އީމާއަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ކުރާކަށް އޭނަގެ ހިތް އެއްބަހެއް ނުވެ އެވެ.

(ނުނިމޭ)

ކޮމެންޓް 0