"އާބިދާ މާބޮޑަށް ހާސްނުވޭ... ޒެންހާ ހުރީ އެކޮޅުގައިކަން، އޭނައަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ... މިހާ ދުވަސްވީމަ އޭނައަށް ޒެންހާ ފެނުނަސް، ކާކު ކަމެއް ނޭނގޭނެ... އަހަންނަށް މިރޭ އެކޮޅަށް ދެވޭނެ... މާދަމާ ޒެންހާ ގޮވައިގެން އަހަރެން މިކޮޅަށް އަންނާނަން... އެންމެ ރަނގަޅެއްނު ދޯ..." ޒުބޭރު ވާހަކަ ދެއްކީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ.

********

"ޒުބޭރު... ޒެންހާއަށް ދެރަގޮތެއް ވެއްޖެއްޔާ، އަހަރެންގެ ހިތް ފަޅައިގެން ގޮސް، މަރުވެދާނެ... އޭނައަށް ފެނިއްޖެއްޔާ ދެން ކަންތައްވާނެގޮތް އަންދާޒާކޮށްލަންވެސް ނޭނގޭ..." އާބިދާ ފެށީ ރޯށެވެ.

ޒުބޭރުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޒެންހާ އާއިމެދު އާބިދާ އެހާ ވަރަށް ވިސްނާއިރު، ބަލި ޙާލަތު އެންގުން އެއީ ހެދޭނެ ޅައެއްޗެއް ކަމަށް އޭނަ ޤަބޫލުކުރިއެވެ. އާބިދާއަށް އެހުރިހާ ކަމެއް އަންގަން އޭނަ ކިތަންމެ ބޭނުންވިޔަސް، އެކަން ސިއްރުކުރުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. ފިކުރުތަކުގެ ސަބަބުން ޒުބޭރުގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެ ހުރިހާ ކަމެއް ސިއްރުކޮށްގެން، އެކަމާއި ފަހުން ހިތާމަކުރަން ޖެހިދާނޭހެންވެސް އޭނައަށް ހީވިއެވެ. ތަފާތު އެކި ފިކުރުތަކުން، ޒުބޭރުގެ ތަބީޢަތު އިތުރަށް ގޯސްވިއެވެ.

"އާބިދާގެ ކައިރީ އަހަރެން ބުނެފީމެއްނު ހާސްނުވާށޭ... ކޮންމެ ކަމެއް ގޯސްކޮށް ނުވިސްނަބަލަ... އާބިދާ ކައިރީ ވާހަކައެއް ނުދެއްކޭ ސަބަބަކީވެސް ތީއޭ... ފުރަތަމަ ދުވަހުވެސް، ކަންކަން ސިއްރުކުރަންޖެހުނީ މިހެންވެދާނެތީ..." ޒުބޭރު ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައެވެ.

ކޮޓަރި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި، ސިތުނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއް އުޅޭކަމަށް އޭނަގެ ހަވަނަ ޚިއްޞު ބުނެދިނެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ އެބުނާ މީހަކާއި ޒެންހާ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ވިސްނި ވަރަކަށް ސިތުނާގެ ބޮލުގައި ރިއްސަން ފެށިއެވެ. އޭނަގެ އުފާވެރި އާއިލާ ތެރޭގައި ފޮރުވާފައިވާ، ބޮޑު ސިއްރު އެނގެން އޭނަ ބޭނުންވިއެވެ. އެކަމަކު އެކަން ހޯދޭނެ ގޮތެއް އެ ސިކުނޑިއަކަށް ނައެވެ.

********

ބަދިގެތެރޭގައި ޒެންހާ ހުރީ އުނދުން މައްޗަށް އެއްޗެއް އުދައިގެންނެވެ. ދެކަންފަތަށް ހެޑްސެޓް ޖަހާލައިގެން ހުރިއިރު، ވަށައިގެން ހިނގަމުންދިޔަ ކަމަކަށް އޭނަގެ އެއްވެސް ސަމާލުކަމެއް ނެތް ކަހަލައެވެ. މުޅި އެ ސިކުނޑީގައި އެނބުރެމުންދިޔައީ މިޝަލްއެވެ. ހިތުގައިވީ އެ ނަމެވެ. ކުރު ސޯޓުކޮޅަކާއި ގަޔަށް ދޫކޮށް ހުރި ކުޑަ ޓީޝާޓުކޮޅުގައި ޒެންހާ ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާފައިވާއިރު، ދޮން ކަނދުރާވެސް އޮތީ ހާމައަށް ފެންނާށެވެ. ބައެއް އިސްތަށިކޮޅުތައް އެ ދޮން ކަނދުރާއަށް ގޯނާކުރަމުން ދިޔައެވެ.

އިވެމުންދިޔަ މިޔުޒިކުގެ ތެރެއަށް ގޮސް ގެއްލިފައި ހުރި ޒެންހާ، ދޭތެރެއަކުން ނަށާވެސްލައެވެ. ބައެއްފަހަރު އަޑު ހަރުކޮށް ލަވަ ކިޔާލަފާނެއެވެ. ބިސްގަނޑެއް އަޅާފައި ތައްޓަކަށް ލައިގެން، ޒެންހާ އެނބުރުނީ، އަޑުއަހަމުންދިޔަ މިޔުޒިކާއި އެއްވަރަށް އެހަށިގަނޑުގައި ބަނޑިބަނޑި ލައްވައިލަމުންނެވެ. ދޮރުމައްޗަށް އައިސް ހުއްޓުނު މިޝަލްއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. ޒެންހާއަށް ފެނުމުގެ ކުރިން އޭނަ އުޅުނީ އެތަނުން ދާށެވެ. އެ ފިޔަވަޅުތައް ހުއްޓުނީ، މުޅި ތަނުގައި ގުގުމައިލި ތޫލި ހަޅޭކުގެ އަޑުންނެވެ. މިޝަލްއަށް ދެކަންފަތްމަތީގައި އަތް އަޅާލެވުނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، ޒެންހާ ހުރީ ދެލޯ ބޮޑުކޮށްގެން އޭނައަށް ބަލާށެވެ.

ޒެންހާގެ މޫނު ހުރިގޮތް ފެނުމުން މިޝަލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެ ދޮން މޫނުކޮޅުގައި ވަނީ ފުށާއި، ކަޅު އެއްޗެހިތަކެއް ހޭކިފައެވެ. ނިތްކުރިމަތީން ދާހިއްލާލާފައި ހުރުމުން ނިތްކުރިމައްޗާއި ދިމާގައިވާ ކުދި އިސްތަށިކޮޅުތައް ވަނީ، އެ މޫނުގައި ތަތްލާފައެވެ.

އެއްޗެއް ހަނދާންވާ ފަދައިން ޒެންހާ ކުއްލިއަކަށް އޭނަގެ ފައިގެ ފަލަމަސްގަނޑަށް ބަލައިލިއެވެ. ގޭގައި އުޅޭއިރު ލައިގެން އުޅޭ ކުރު ސޯޓުކޮޅުގައި ހުރެވުނުކަން އެނގުމާއިއެކު، ޒެންހާގެ އަނގައިން ނުކުތީ މަޑު އާޚްއެއްގެ އަޑެވެ. ކުރިޔަށްވުރެ ބޮޑަށް ދެލޯ ބޮޑުކޮށްލަމުން، އޭނަ ކުއްލިއަކަށް މިޝަލްއަށް ބަލައިލިއެވެ. ހީވީ ކުރިމަތީގައި ބިރުވެރި އެއްޗެއް ފެންނަން ހުރެގެން ބަލައިލި ހެންނެވެ. ޒެންހާއަށް ވީގޮތް ފެނި މިޝަލްއަށްވެސް، ޒެންހާގެ ފަޔާއި ދިމާއަށް ބަލައިލެވިއްޖެއެވެ. އޭނަގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެހާ ނިވާކަން ކުޑަގޮތަކަށް ޒެންހާ ހުއްޓައި ފެނުމުން، މިޝަލްއަށް އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނެވެ. އެހިތް ތެޅެންފެށި އަޑު އޭނަގެ ކަންފަތާއި ހަމައަށްވެސް ފޯރިއެވެ.

ޒެންހާގެ ނޭވާ އަވަސްވިއެވެ. އެއް އަތުން، ފައިގެ ފަލަމަސްގަނޑު ފޮރުވޭތޯ އުޅެން ފެށިއެވެ. އަނެއް އަތުން ޓީޝާޓުގެ ކޮނޑާއި ދިމާއިން ވެއްޓިފައިވާ ބައި މައްޗަށް ނަގައި، ކޮނޑުމަތި ނިވާކުރިއެވެ. މިޝަލްއަށް އެއްޗެއް ރޭކައިލީ ދެނެވެ. އޭނަ އަވަހަށް ލޯމަތީގައި އަތްއަޅަމުން އެތަނުން ނުކުމެއްޖެވެ. ޒެންހާ ނުކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު އޭނަ ހުރީ ބަދިގޭގައި ބޭނުންކުރާ އޭޕްރޯން، މުންޑެއްހެން، އުނުގައި އައްސާލައިގެންނެވެ. އެމަންޒަރު ފެނުމުން މިޝަލްއަށް ހެވެން އުޅުނެވެ. އެކަމަކު ކަރު ކެހިލާފައި އޭނަ އެ ހިނިގަނޑު އެތެރެއަށް ހިންދައިލުމުގައި ކާމިޔާބު ހޯދިއެވެ.

ޒެންހާ ހުރީ ތުން ފިއްތާލައިގެންނެވެ. އެގަޑީގައި މިޝަލް އަތުވެދާނޭ ކަމަކަށް އޭނަ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ޙާލު، ޒެންހާ އޭނާގެ ދެއަތުގައިވާ ފުއްތަކާއިއެކު، ނިތްކުރިމަތީގައިވާ ދާތިކިތައް ފޮހެލިއެވެ. މަޢުސޫމްކަމުން ފުރިގެންވީ އެ މޫނަށް ވަނީ ޖަންބުކުލަ އަރާފައެވެ. ދެކޯތާފަތް ރަތްވެފައިވާގޮތުން އެ ހަށިގަނޑުގައިވި ހުރިހާ ލެޔެއް އެތަނަށް ޖަމާވެފައިވާ ކަހަލައެވެ. ޒެންހާ ހުރިގޮތް ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ފުރިގެން އަންނާނެކަން ޤައިމެވެ.

"މީ.. މީ.. ފަހުން އަންނާނަން..." މިޝަލް ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ސަލާމަތް ވެވޭތޯއެވެ.

ޒެންހާ ވަކި އެއްޗެއް ނުބުނެއެވެ. މިޝަލްގެ އެ އަމަލުން އޭނަ އިތުރަށް ލަދުގަތުން ނޫންކަމެއް ނުވިއެވެ. މިޝަލް ގޮސް ގެއިން ނުކުންނަންދެން ބަލަން އޭނަ ހުއްޓެވެ. ޖެހި ބުދެއް ހެންނެވެ.

"އާޚްޚްޚް..." ބޮލުގައި ދެއަތުން ހިފަހައްޓަމުން ޒެންހާ ދެކޮޅަށް ހިނގަން ފެށިއެވެ.

ކުޑަ ކުއްޖެއްހެން އޭނަ ބިންމައްޗަށް ވެއްޓިގަތެވެ. ބޮޑާހާކާހެން ރޯން ފެށިއެވެ. ޒެންހާގެ ހަރަކާތްތަކަށް ބަލަން މިޝަލް ހުރީ ބޭރުގައެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުން އޭނައަށް ވަރަށް ރީތިކޮށް އެމަންޒަރު ފެނުނެވެ. ކުޑަ ކުއްޖެކޭ ޒެންހާ އެކޭ އެއްވެސް ތަފާތެއްނެތޭ އެ ހިތަށް އެރިއެވެ. ލުއި ހިނިގަނޑެއް ޖަހާލާފައި އޭނަ ނުކުމެގެން ދިޔައީ ޒެންހާ އޭނަގެ ފޯނު ނަގާފައި ކޮންމެވެސް މީހަކަށް ގުޅިތަން ފެނުމުންނެވެ.

"ނޫނެކޭ ފެނުނޭ... ހަމަ ފެނުނޭ..." ޒެންހާ އިނީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރީ އީމާއެވެ. ޒެންހާ ބޮޑާހާކަން ފެށުމުން، އީމާއަށްވީ މަޖާ ކަމަކަށެވެ. އޭނަ ފެށީ ހޭށެވެ.

"ދެން ކޮބާތަ ތީގަ މައްސަލައަކީ؟... ޒެނީ ތީ މިހާރު އޭނައަށް ދުރު މީހެއް ނޫންތާ... ތިދެމީހުން މިއަދު އެންގޭޖްވީނު..." އީމާ ބުންޏެވެ. އޭނައަށް މޭގައި އަތް ޖައްސައިލެވުނީ، އަމިއްލައަށް ބުނެވުނު އެއްޗަކުން، ހިތަށް ކުރި އަސަރުންނެވެ. އެ ހިތަށް ސިފަކޮށްލެވުނީ މިޝަލް ޒެންހާގެ އިނގިލީގައި އަނގޮޓި އަޅުވާލި މަންޒަރެވެ.

"އަހަރެން ވަރަށް ހަޑިކޮށް ހުއްޓައޭ ފެނުނީ... ރަނގަޅަށް ގޮސް ލޯގަނޑުން ބަލާލިއިރު މޫނުވެސް ހުރީ ފޫޅުދިގު ހަންޑިއެއް ހެން... އުހުނ، ސަންތިމަރިޔަންވެސް މިހާ ހަޑިއެއް ނުވާނެ..." ޒެންހާ އަނެއްކާވެސް ފެށީ ބޮޑާހާކާށެވެ.

"ސަންތިމަރިޔަނބޭ ކިޔާނީ..." އީމާ ރަނގަޅުކޮށްލަދިނެވެ.

"ހެވޭ... އެއެއްޗަށްވުރެވެސް ހަޑިއޭ... އީމްއަށްވެސް ފެނުނީމަ ބުނާނެ އެހެން..." ޒެންހާ އޭނަގެ ކޮލުގައި އަތް ޖައްސައިލަމުން ބުންޏެވެ.

އޭނަ ވަގުތުން ފޮޓޯއެއް ނަގާފައި އީމާއަށް ފޮނުވިއެވެ. ފޮޓޯ ފެނުމުން އީމާ ފެށީ ހޭށެވެ. ޒެންހާގެ މުޅި މޫނު ހީވަނީ ފުއް އެއްޗެއްގެ ތެރެއަށް ކޮއްޕާލުމަށްފަހު، ނަގާފައި ހުރިހެންނެވެ. ނޭފަތާއި ކޮލުގައިވެސް ދެލި ކުލައިގެ އެއްޗެހިތަކެއް ހޭކިފައި ހުއްޓެވެ.

"ސީރިއަސްލީ އީމް... ހާދަ ގޯހޭ... އީމްވެސް ތިފެށީ ހޭށޭ..." ޒެންހާ އޭނާގެ ދެތުންފަތް ފިތައިލިއެވެ.

"މިޝަލްވެސް ހަމަ ތިގޮތަށް ހޭނެއެއްނު..." ޒެންހާ ވާހަކަ ދައްކަމުންދިޔައިރު، އަތުގެ ނިޔަފަތިތައް ހަފަމުން ދިޔައެވެ.

"މިއޮއްފަދަ ގަޑީގަ ކީއްކުރަންތަ ފުއް އެއްޗަކަށް އެރުނީ؟..." އީމާގެ ހުނުން ހުއްޓޭގޮތެއް ނުވިއެވެ. ނުހޭން އުޅުނަސް އޭނައަށް ހެވެނީއެވެ.

"މެރީކުރަންވާއިރަށް ކައްކަން ދަސްކުރަނީއޭ... އަހަރެން ބޭނުންވަނީ އަހަރެން އަތުން ކާއެއްޗެހި ހަދާފަ މިޝަލްއަށް ކާންދޭން..." ޒެންހާގެ ރާގު ބަދަލުވިއެވެ. އެ އަޑުގައިވަނީ އުފާވެރިކަމެވެ. އީމާ ތޯއެވެ. ހީހީ ހުރެފައި އެ ހިނިގަނޑު ހުއްޓުނީ ކުއްލިއަކަށެވެ. ދެލޯ ފެންކަޅިވުމުން އީމާ އޭނާގެ ލޯ މަރާލިއެވެ.

"އީމް ވަރަށް މީރުކޮށް ކައްކަމެއްނު... އަހަންނަށް ދަސްކޮށްދީބަލަ... ޕްލީޒް..." ދެންވެސް ވާހަކަ ދެއްކީ ޒެންހާއެވެ.

އީމާ އެއްޗެއް ބުނާ އަޑު ނީވޭތީ ޒެންހާ އޭނާގެ ފޯނަށް ބަލައިލީ ކޯލު ކެނޑުނީ ކަމަށް ހީކޮށެވެ. އޭނަ ފަހުން ވާހަކަ ދައްކާދައްކާވެސް އީމާގެ ޚަބަރެއް ނުވުމުން ދެކޮނޑު އަރުވާލާފައި، ގޮސް ވަނީ ފާޚާނާ އަށެވެ.

********

ކާމޭޒު ކައިރީގައި އީމާ އިނީ ގޮނޑިއަށް ދެފައި ނަގައިގެންނެވެ. އެ ނަޒަރު ގޮސް ހުސްވެފައިވީ، ފޯނަށެވެ. އެއިން އޭނަ ބަލަމުންދިޔައީ މިޝަލްގެ ފޭސްބުކް އައިޑީގައިވާ ފޮޓޯތަކަށެވެ. މާގިނަ ފޮޓޯއެއް ނެތެވެ. އެއްޗެއް ލިޔެލާފައި ހުރީވެސް ވަރަށް މަދުންނެވެ. އީމާ އޭގައިވާ ހުރިހާ ފޮޓޯއެއް އޭނާގެ ފޯނުގައި ރައްކާކުރިއެވެ.

"އައި މިސްޔޫ... މިސްޔޫ ސޯ މަޗް..." ފޯނުން މިޝަލްގެ ތަސްވީރުގައި ތުންފަތް ޖައްސާލަމުން އީމާ ވާހަކަ ދެއްކިއެވެ.

އީމާގެ ކައިރިއަށް އައިސް ހުއްޓުނު ފާތުމަގެ ދެލޯ ބޮޑުވިއެވެ. އޭނަ ކުއްލިއަކަށް އީމާ އާއި ދިމާއަށް ބަލައިލިގޮތުން ހީވީ ބިރުވެރި އެއްޗެއް ފެނިގެން ބަލަން ހުރި ހެންނެވެ. ދައްކާ ވާހަކަ އަޑު އެހުމަށް ފާތުމަ، ވީހާވެސް ބޮޑަށް އީމާ އާއި ދިމާއަށް ގުދުވެލިއެވެ. އޭނަ ހީކުރީ، ޖިންނިއެއްގެ ސަބަބުން، އީމާ އިނީ ދުނިޔެއިން މޮޔަވެފައި ކަމަށެވެ. ދާދި ކައިރީގައި މީހަކު އުޅޭކަމުގެ އިޚްސާސްވެގެން އީމާ ދެލޯ ހުޅުވައިލިއެވެ. އަރިއަކަށް ބަލައިލުމާއިއެކު އޭނަ ދިޔައީ ސިއްސައިގެންނެވެ. ދާދި ކައިރީގައި ފާތުމަ އޮތީ އޭނަގެ ކަންފަތުގައި ޖެހޭނުޖެހޭހައި ކައިރީގައެވެ. އީމާ ބާރަށް ހަޅޭއްލަވައިގަނެފައި ފާތުމަގެ ކޮނޑުގައި އަތްއަޅައި، ދުރަށް ކޮއްޕާލައިފިއެވެ. ހަށިގަނޑުގެ ބިޔަކަމާއިއެކު، ފާތުމަ ގޮސް މުށިތަކުގެ މައްޗަށް ގުޅައަކަށް ޖެހުނެވެ.

"އައްދިއްޔޯތް..." ޖެހުނު ބާރުމިނުގައި ފާތުމަ ރޮއެގަނެފިއެވެ.

އީމާއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެފައި، އަނގަމަތީގައި އަތްއަޅާލައިފިއެވެ. ވެއްޓިފައި އެއޮތީ އީމާގެ މަންމަ ފާތުމައެވެ. ސިއްސައިގެން ގޮސްފައި އީމާއަށް އެވަރުގެ ކަމެއް ކުރެވުނީ، ކާކުކަން ނޭނގޭ ޙާލުގައެވެ.

"މަންމާ... ސޮރީ... ސޮރީ..." އީމާ ދުވެފައި ގޮސް ފާތުމަ ނެގިއެވެ.

އީމާގެ އަތް ފޮޅުވައިލާފައި ފާތުމަ ދެލޯ އަޅާލިއެވެ. ރުޅި އައިސްގެން ހުރެ، ކުދިކިޔަމުން އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ. އީމާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދެލޮލުގައި ބޮނޑިވި ކަރުނަތައް ހިންދާލަށް އުޅުނަސް، އެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އަމިއްލަ މަންމައެއް ކަމަކު ފާތުމަގެ ނަފުރަތު ނޫން އެއްޗެއް އީމާއަކަށް ނުލިބެއެވެ. ކުށަކީ ކޮބައިކަމެއް އޭނައަކަށް ނޭނގެއެވެ. ހުރިހާ ކަމެއް އެކުވުމުން، އީމާގެ ބަޑި ފަޅައިގެންދާކަށް ގިނައިރެއް ނުނެގިއެވެ. ރޮމުން އޭނަ ދުއްވައިގަތީ ކޮޓަރި އާއި ދިމާއަށެވެ.

"އީމާގެ ކަންތައްވެސް ތަންފުކެއް ބޮޑުވެއްޖެއެއްނު މިހާރު... ކަމެއް ވާހާ ފަހަރަކު ކުޑަކުއްޖެއްހެން ރޮއެ ހޭރިގަނެފަ، ކޮންހާ ވައްތަރެއްތަ ތި ޖައްސަނީ... ކިތައް ފަހަރު ބުނެފިންތަ ކަލޭގެ ބައްޕައެއް ދެން ނާންނާނެއޭ ތި ދައްކާ އާޓު ބަލާކަށް..." ފާތުމަގެ އަޑަށް އެނދުގައި ރޯން އޮތް އީމާ ތެދުވެފައި ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭރު ދެ އުކުޅުގައި އަތް ވިއްދާލައިގެން، ފާތުމަ ހުރީ ކޮޓަރި ދޮރުމަތީގައެވެ.

"މަންމާ... ބައްޕައާ ނުބެހި އެއްވެސް ޗެއްވެސް ބުނެވޭކަމަށް ނުވަނީ ކީއްވެތަ؟... ބައްޕަ ކޮން ކަމެއް ކޮށްގެންތަ މަންމަ ބައްޕަދެކެ ތިހާ ތި ރުޅި އަންނަނީ؟... ކިތައް ފަހަރު ބުނެފިންތަ ނިޔާވެފަ ތިބޭ މީހުންގެ ވާހަކަ ތިގޮތަށް ނުދައްކާށޭ..." އީމާ ހިތްހަމަނުޖެހުނެވެ.

ފާތުމަ އިތުރު އެއްޗެއް ބުނުމުގެ ކުރިން އީމާ ކޮޓަރިން ނުކުމެގެން ދުއްވައިގަނެފިއެވެ. ރޭގަނޑުގެ ވަގުތު ވަންނާނޭ ތަނެއް ނެތްކަން އެނގޭއިރުވެސް މެއެވެ. އޭނަ ބޭނުންވީ އެވަގުތަށް ފާތުމަގެ ނަޒަރުން ދުރަށް ދާށެވެ.

"ހޫން ދޭ ދޭ... ކަލޭގެ ބައްޕަ އަންނާނެވިއްޔަ ބޯހިޔާވަހިކަން ހޯދަދޭން... މަށަށް އެނގޭ ތިއުޅެނީ މުޅި ރަށަށް މަ ފަޟީހަތްކޮށް އަގުވައްޓާލަންކަން... ބަލަ ކަލޭ ގޮސް ވަންނާނެ އިތުރު ތަނެއް މިނޫނީ ނުހުންނާނެއޭ... ދުވޭ، ދުވޭ، ބާރަށް ދުވޭ... މަށަށް ވަރިހަމަ ދުވަހަކު ނަޔަސް..." ފާތުމަ ހަޅޭއްލަވައިގަތީ، ގެއިން ނުކުތް އީމާއަށް އަޑު އިވޭހައި ބާރަށެވެ.

********

މިޝަލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނަ އީމާގެ އަޑުއަހާލަން އިންތިހާއަށް ބޭނުންވަނީއެވެ. ގުޅަން އެތައް ފަހަރަކު ފޯނުވެސް ނެގިއެވެ. އެކަމަކު، ނަންބަރަށް ފިތާލާފައިވެސް، ފޯނު ބާއްވަނީ އެހިތްވަރު ނުލިބިގެންނެވެ. ވެފައިވާ މަޖުބޫރީގެ ސަބަބުން މިޝަލްގެ ހިތް ކުދިކުދިވަނީއެވެ. އޭނަ ތެދުވެގެން ގޮސް ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރު ހުޅުވައިލިއެވެ. ހަމައެކަނި ކުރު ސޯޓުކޮޅެއްގައި ހުރި މިޝަލްގެ ތަނަވަސް ހަށިގަނޑުގައި އައިސް ބީހެންފެށީ ފިނި ރޯޅިތަކެކެވެ. އެ ރޯޅިތަކުން، މިޝަލްގެ ހިތަށް ލިބުނު ފިނިކަމެއް ނެތެވެ.

ރެއިލިންގައި އަތްއަޅުވާލާފައި މިޝަލް އޭނާގެ ނަޒަރު ހުއްޓައިލީ މަގުމައްޗަށެވެ. މަގުމަތިން ދުވެފައި ދިޔަ އަންހެން ކުއްޖާ އޭނަގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

"އީމާ..."

މިޝަލް ހައިރާންވީ އެފަދަ ވަގުތެއްގައި އީމާ ދުވެފައި ދިޔަތަން ފެނުމުންނެވެ. ކަމެއް ގޯސްވެއްޖެކަން އޭނައަށް އެނގުނެވެ. ކޮޓަރިއަށް ވަދެފައި އޭނަ ނުކުތީ ޓީޝާޓެއް ލައިގެންނެވެ. މިޝަލްއަށް ނުކުމެވުނީ ޒެންހާގެ ކުރިމައްޗަށެވެ. ކަޅުރަތްކުލައިގެ އަތްކުރު ގަމީސްކޮޅަކާއި ނޫ ޖީންސްގައި ޒެންހާ ހުރިއިރު، ތުންފަތުގައި ވަނީ މަޑު ރަތްކުލައެއް ޖައްސާފައެވެ. އުނަގަނޑަށްވުރެ ތިރިއަށް އޮންނަ ދިގު އިސްތަށިގަނޑު އޮތީ ހާމައަށް ދޫކޮށްލާފައެވެ. ވަޔާއިއެކު އިސްތަށިގަނޑު ވިހުރެމުންދިޔަގޮތުން، އެ ސޫރައަށް ބަލަހައްޓައިގެން މިޝަލްއަށް އިރުކޮޅަކު ހުރެވުނެވެ.

"ކަމަކުތަ؟..." އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލައިލަމުން މިޝަލް ސުވާލުކުރިއެވެ.

ޒެންހާ މަޑުމަޑުން ބޯޖަހާލިއެވެ. މިޝަލް އާއި ދޭތެރޭގައި ކަންތައް ކުރެވުނުގޮތުން، އޭނަ ހުރީ ދެރަވެފައެވެ. އެކަމަށް މަޢާފަށް އެދެންވެސް ބޭނުންވެފައެވެ.

"ތަނަކަށް ދާންތަ ތިއުޅެނީ؟..." ވަރަށް ނުކެރި ހުރެފައި ޒެންހާ ސުވާލުކޮށްލިއެވެ.

މިޝަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނައަށް ބެލެމުންދިޔައީ އީމާ ދުވެފައިދިޔަ ދިމާއަށެވެ. ދެފިކުރެއްގައި ހުރެފައި މިޝަލް ދެފަރާތަށް ބޯ ހޫރާލިއެވެ.

"މިއައީ އެއްޗެއް ހިފައިގެން..." ޒެންހާ އުފާވެލާފައި އޭނަގެ އަތުގައި އޮތް ދަޅު ދައްކައިލިއެވެ.

"މީ މިކޮޅަށް އައިއިރު މަންމަ ދިން އެއްޗެއް... އީމާ ބުނި މިޝަލްއަށް ވަރަށް މީރުވާނެއޭ ތެލުލިފަތް... އެހެންވެ މީތި ދޭންވެގެން މިއައީ..." އަތުގައި އޮތް ދަޅު މިޝަލް އާއި ދިމާއަށް ދިއްކޮށްލަމުން ޒެންހާ ބުންޏެވެ. މިޝަލް ހިނިތުންވެލާފައި އެ ދަޅުގައި ހިފިއެވެ.

"އެކަނިތަ ތިއައީ؟..." ވަށައިގެން ހޯދާލަމުން މިޝަލް ސުވާލުކުރިއެވެ.

ޒެންހާ ބޯޖަހާލިއެވެ. ވަޔާއި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް ކަންފަތް ކައިރިއަށް ޖަހާލާފައި، އޭނަ މިޝްލްގެ މޫނަށް ބަލައިލިއެވެ. މިޝަލް އިސްކޮޅުންދިގެވެ. ހަންގަނޑުގެ ކުލަ އޭނައަށްވުރެ އަލި ނޫނަސް ކަޅެކޭ ނުބުނެވޭނެއެވެ. ލައިގެން ހުރި އަޅިކުލައިގެ އަތްކުރު ޓީޝާޓު މިޝަލް އާއި ވަރަށްވެސް ގުޅެއެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ފަންކަމުން ވަޔާއި ވިހުރެމުންދިޔައެވެ. ނިދާ ހޭލައިގެން ހުރި މީހެއްގެ ހުންނާނޭހެން، އެ އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ.

ޒެންހާ ބަލަން ފެށުމުން މިޝަލް އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އިސްތަށިތައް ކޮޅަށްޖަހާލިގޮތުން ޒެންހާ ހުރީ އާޝޯހުވެފައެވެ. ކޮންމެގޮތަކަށް ހުރި ނަމަވެސް އެ ފިރެހެންވަންތަކަމަކަށް ބަދަލެއް ނާދެއެވެ. އެ ރީތިކަން ފަނޑެއް ނުވެއެވެ. ޒެންހާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

"ގެއަށް ގެންގޮސްދޭންވީތަ؟..." ޒެންހާ ބަލަހައްޓައިގެން ހުންނަން ފެށުމުން މިޝަލްއަށް އުނދަގޫވިއެވެ. އޭނަ ބޭނުންވީ ޒެންހާ އަވަހަށް ފޮނުވައިލާށެވެ.

މިޝަލް ސައިކަލަށް އަރާފައި ސްޓާޓްކޮށްލުމުން ޒެންހާ އެރީ މިޝަލްގެ ފަހަތަށެވެ. ސައިކަލު ދުއްވާލުމާއިއެކު، މިޝަލްގެ އުނަގަނޑުގައި އޭނަ މަޑުމަޑުން ހިފަހައްޓައިލިއެވެ. އެ ގާތްކަމުން ޒެންހާގެ ހިތަށް އުފާ ލިބުނުއިރު، މިޝަލް އިނީ އުނދަގޫވެފައެވެ. ޒެންހާ އުޅޭ ގެ އާއި ހަމައަށް ނުދެވިގެން ލަސްވެފައެވެ.

ވަކި ހިސާބަކުން ސައިކަލު ހުއްޓުނެވެ. އޭގައި ފެޓްރޯލް ނެތްކަން މިޝަލްގެ ހަނދާނަށް އައީ އެވަގުތުއެވެ. ޒެންހާގެ ކައިރީގައި މަޑުކޮށްލުމަށް އެދިފައި މިޝަލް ވަނީ ކައިރީގައި ހުރި ފިހާރައަށެވެ. ޒެންހާ އިނީ ފިހާރައިގެ ބިއްލޫރިގަނޑުން އެ ސޫރައަށް ބަލާށެވެ. ކައުންޓަރުގެ ކައިރީގައި ހުރި މިޝަލް، އެތަނުގައި އިން އަންހެންކުއްޖާގެ ކައިރީގައި ވާހަކަތަކެއް ދެއްކިއެވެ. އެކުއްޖާ ހެވިފައި މިޝަލްއަށް ބަލަން އިން ގޮތް ފެނުމުން ޒެންހާއަށް ދެލޯ ހަނިކޮށްލެވުނެވެ. އޭނަ ސައިކަލުން ފައިބައިގެން ގޮސް ފިހާރައިގެ ތެރެއަށްވަނެވެ. މިޝަލްގެ ނަޒަރު ހުއްޓޭތޯ އޭނަ ހުރީ ދެކޮޅުގައި ހުރި ހަރުތައް ކައިރީގައި ހިނގާލަހިނގާލައެވެ.

"ކިހިނެތްވީ، އެއްޗެއް ބޭނުންވީތަ؟..." ޒެންހާ ފެނުމުން މިޝަލް ސުވާލުކޮށްލިއެވެ.

ޒެންހާގެ ނަޒަރު ފުރަތަމަ ހުއްޓުނީ ކައުންޓަރުގައި އިން އަންހެންކުއްޖާއަށެވެ. ޒެންހާ ފެނުމުން އެކުއްޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުމަތިން ފެނުނީ ނުރުހުމުގެ ޢަޞަރެވެ. ރައްދުގައި ޒެންހާ ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނަ ދެން، މިޝަލްއަށް ބަލައިލާފައި ބޯހޫރާލިއެވެ.

"މިޝަލް... ހިނގާފަ ދާންވީނު... ސައިކަލަށް އެރީމަ، ބޯއަނބުރާގޮތް ވަނީ..." ކައުންޓަރުގައި އިން ކުއްޖާއަށް ސިއްރުން ބަލައިލަމުން ޒެންހާ ބުންޏެވެ.

މިޝަލް ބޯ ޖަހައިލީ، އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ޒެންހާ އާއި އެހާ ކައިރީގައި އިންނާކަށް ހުދު އޭނަ ބޭނުމެއްވެސް ނުވެއެވެ. ސައިކަލަށް ޕެޓްރޯލްއަޅަން ބުނެފައި، އޭނަ ޒެންހާ ގޮވައިގެން ފިހާރައިން ނުކުތެވެ. ހިނގަމުންދިޔައިރު، އެ ދެއަތް ވަނީ ޖީބަށް ކޮއްޕައިލެވިފައެވެ. ވަޔާއިއެކު، މޫނުގައި އިސްތަށިގަނޑު ގޯނާކުރަން ފެށުމުން، ޒެންހާ އޭނާގެ ދިގު އިސްތަށިގަނޑު ގެނެސް ކުރިމައްޗަށް ވައްޓާލިއެވެ. މިޝަލްގެ ލޮލުގައި އަޅައިގަތީ ކަޝްފުވެގެންދިޔަ ޒެންހާގެ ދޮން ކަނދުރާއެވެ. އޭނަ އަވަސްއަވަހަށް އެ ނަޒަރު މަގުމައްޗަށް ހުއްޓާލިއެވެ.

"މިޝަލް ފޮތް ކިޔަންތަ؟..." ޒެންހާ މިޝަލްއަށް ބަލައިލާފައި ސުވާލުކުރިއެވެ. މިޝަލް މަޑުމަޑުން ބޯޖަހާލިއެވެ.

"އެގެއިން ފެނުނު ވަރަށް ފާޑެއްގެ ފޮތެއް... އަހަރެން ވަރަށް ބިރުގަނޭ އެފޮތްދެކެ... މިޝަލް އިހަށް އެފޮތް ގެންދަންވީނު..." ޒެންހާ އާދޭހާއިއެކު އެދުނެވެ.

ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އެއްޗެއް ބުނާކަށް މިޝަލް ބޭނުމެއް ނުވިއެވެ. ޒެންހާ ދެއްކި ކޮންމެ ވާހަކައަށް ބޯޖަހާލަޖަހާލަ އޭނަ ހުރީ އެހެންވެއެވެ. ޒެންހާގެ ހިތަށް ތަދުވީ މިޝަލްގެ ބަސްމަދުކަމުންނެވެ. ކުރިން ވާހަކަ ދައްކާ އުޅުނު ވަރަށްވެސް މިޝަލް އޭނަ އާއި ވާހަކަ ނުދައްކާތީއެވެ. ގެއާއި ހަމައަށް ދެވެންދެންވެސް އިތުރު ވާހަކައެއް ދެމީހުންކުރެ އެކަކުވެސް ނުދައްކައެވެ. އެއީ މިޝަލް ބޭނުންވި ގޮތެވެ.

ދޮރާށި ހުޅުވާލި ޒެންހާ ހުއްޓުންއެރީ، ފަހަތުން އިވުނު ޒުބޭރުގެ އަޑުންނެވެ. ޒެންހާ ފަސްއެނބުރި ބަލައިލިއިރު، ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ޒުބޭރު ހުއްޓެވެ. ޒުބޭރުގެ ކައިރީގައި ހުރީ އީމާއެވެ.

"ބައްޕާ... ކުއްލިއަކަށް މިކޮޅަށް؟..." ޒެންހާ ހުރީ ހައިރާންވެފައެވެ.

"ބައްޕަ މިއައީ ދަރިފުޅު ބަލާ... މިރޭ ފަތިހު ފުރާ ފްލައިޓުން މާލެދާން ތައްޔާރުވާން ހިނގާ..." ޒެންހާ އާއި ދިމާއަށް ހިނގައިގަންނަމުން ޒުބޭރު ބުންޏެވެ.

"ކިހިނެއްވީ ބައްޕާ... މީހަކަށް ކަމެއްވީތަ؟..." ޒެންހާ ހާސްވެފައި ސުވާލުކުރިއެވެ.

"ދަރިފުޅު ބަލިވެއުޅޭތީ ބައްޕަ ބޭނުމެއް ނޫން މިތާ ބަހައްޓާކަށް... ބައްޕަ ބޭނުން ދަރިފުޅު ރަނގަޅު ޑޮކްޓަރަކަށް ދައްކަން..." ޒުބޭރު އެހެން ބުނެފައި ޒެންހާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން އުޅުނެވެ.

"އިހަށް މަޑުކޮށްބަލަ ބައްޕާ... ކާކުތަ ބުނީ އަހަރެން ބައްޔޭ؟... ބައްޕާ އަހަރެން ބައްޔެއް ނޫނޭ... މިހުރީނު... އަހަންނަކަށް އެއްވެސް ކަމެއް ނުވެއޭ..." ޒުބޭރުގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން ޒެންހާ ބުންޏެވެ.

"އީމް ކީއްކުރަންތަ ބައްޕަ ހާސްވާކަހަލަ ވާހަކަ ދައްކަނީ؟..." ޒެންހާ ހިތްހަމަނުޖެހިފައި އީމާ އާއި ދިމާއަށް ބަލައިލިއެވެ.

"ޒެނީ، އަހަރެން ހާސްވެއޭ ޒެނީއަށް ކަމެއް ވެދާނެތީ... އަހަރެންވެސް ދާނަމޭ ޒެނީ އާއެކީ... މިޝަލްވެސް ދާނެއޭ... ޒެންހާ ހާސްވަނީ ކައިވެނި ލަސްވެދާނެތީތަ؟ އެކަމެއް ނުވާނެ ލަހެއް... އައި ޕްރޮމިސް ޔޫ..." އީމާ ވާހަކަ ދައްކަމުން ގޮސް، ޒެންހާގެ އަތުގައި ހިފާލިއެވެ.

(ނުނިމޭ)

ކޮމެންޓް 0