އެކި ފިކުރުތަކުގައި އިން އީމާގެ ހަނދާނަށް އައީ ކައިނާންގެ ބޭބެއަކު އެ ރިސޯޓުގައި މަސައްކަތްކުރާ ކަމަށް ބުނެފައިވާ ވާހަކަ އެވެ. އޭނަ ފުންމައިގެން ތެދުވެ، ގަޑި ބަލައިލި އެވެ. ގަޑިން ނުވައެއް ޖަހަން ބަރާބަރު ތިރީސް މިނެޓެވެ. އިރުކޮޅަކު ވިސްނައިލާފައި ކައިނާންގެ ފޯނަށް އޭނަ މެސެޖެއް ފޮނުވައިލި އެވެ. ކޮފީއަށް ދިޔުމަށް އޭނަ ތައްޔާރަށް ހުރި ވާހަކަ ބުނެ ފޮނުވި އެ މެސެޖު ލިބުމާއިއެކު، ކައިނާން އޭނައަށް ގުޅައިފި އެވެ.

********

ޒެންހާ ހުރީ، ކޮޓަރި ކުޑަދޮރުގެ ކައިރީގަ އެވެ. އީމާގެ ފޯނުކޯލު ނިމުމުން އޭނަ ގުޅީ، ޒުބޭރަށެވެ. އެންމެންނާއި ވާހަކަ ދައްކާފައި ފޯނު ބޭއްވިއިރު، އެ ދެ ލޯ ފެންކަޅިވެއްޖެ އެވެ. ކަންތައް ހިނގި ގޮތުގެ ވާހަކަ އެއިން މީހެއްގެ ކައިރީގައި ދައްކާނޭ ހިތްވަރެއް އޭނަ އަކަށް ނުލިބުނެވެ. މޭގައި އަތް އަޅާލައިގެން ހުރި ޒެންހާއަށް އޭނަގެ ދިރިއުޅުން ގޮސްފައިވާ ހިސާބާއިމެދު ވިސްނައިލެވުނެވެ.

އެތައް އިރަކު ވިސްނަން ހުރެފައި ޒެންހާ ފަސް އެނބުރުނެވެ. އޭނަ ސިހުނީ ދާދި ކައިރީގައި ހުރި މިޝަލް ފެނުމުންނެވެ. ދެ މީހުން ވެސް އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ.

"މީ... މީ... ފޯނު..." ބުނާނެ އެއްޗެއް ނޭނގިފައި ހުރި މިޝަލް ދައްކައިލީ، ޒެންހާގެ އަތުގައި އޮތް ފޯނެވެ.

މިޝަލްގެ އަތަށް ފޯނު ދީފައި، ޒެންހާ އަވަހަށް އެތަނުން ދިޔަ އެވެ. ކަނދުރާ މަތީގައި އަތުން ފިރުމާލި މިޝަލްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ޒެންހާ ގޮސް ފާޚާނާއަށް ވަންނަންދެން އޭނަ ސިއްރުން އެ ހަރަކާތްތަކަށް ބެލި އެވެ.

********

ކޮފީ ނިންމާލާފައި އީމާ ގެއަށް ދިޔައީ، ކައިނާންގެ ބޭބެ، ފާރިހުގެ ފޯނު ނަންބަރު ހޯދައިގެންނެވެ. ކޮޓަރިއަށް ވަދެވުމާއިއެކު، އޭނަ ފާރިހަށް ގުޅި އެވެ. އީމާ އެ ކަމާއި ގުޅޭގޮތުން ސުވާލު ކުރުމާއިއެކު ފާރިހު ތެޅިގަނެފި އެވެ. އިއްތިފާޤުން އޭނަ އަކީ އެ ދުވަހު ކޮޓަރިތައް ބެލެހެއްޓުމާއި ޙަވާލުވެހުރި މުވައްޒަފެވެ.

"އަހަރެން މިއުޅެނީ ފުލުހުންނަން މައްސަލައެއް ހުށަހަޅާކަށް ނޫނޭ... އަހަރެން ބޭނުންވަނީ އެކަން ކުރި މީހަކަށް އެކަމުގެ އަދަބު ދޭން..." ފާރިހު ހާސްވިކަން އެނގުމުން އީމާ އަވަހަށް ބުންޏެވެ.

"އަހަރެން ހުންނާނެ ސީސީޓީވީން ބައެއް މަންޒަރުތައް ޕެން އަކަށް އަޅާފަ... އީމާ ބޭނުމިއްޔާ އަހަރެން އެ ފޮނުވާލަ ދީފާނަން..." ފާރިހު ބުންޏެވެ.

އީމާ ފޯނު ކުރުކޮށްލީ، އޭނަގެ ވައިބަރ ނަންބަރު ފާރިހަށް ދީފަ އެވެ. ފާރިހު އެ ވީޑިޔޯތައް ނުފޮނުވަނީސް، އޭނަ އިނީ އިތުރު ކަމެއް ކުރަން ވެސް ބޭނުން ނުވެފަ އެވެ. މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ފާރިހު އެ ވީޑިއޯތައް ފޮނުވައިފި އެވެ. އެއް މިނެޓުގެ ދެ ވީޑިޔޯ އެވެ. އެ އަޅުވައިލުމާއިއެކު އީމާގެ ދެ ލޯ ބޮޑުވެގެން ދިޔަ އެވެ.

********

އެނދުގައި ނިދާފައި އޮތް ޒެންހާއަށް ބަލައިލާފައި މިޝަލް ގޮސް އޮށޯވެލީ ސޯފާގަ އެވެ. ޒެންހާ ދެއްކި ވާހަކަތައް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔަ އެވެ. ޒެންހާ އާއި ދުރަށް ދިޔުމަކީ އޭނަ ވެސް ބޭނުންވި ގޮތެވެ. ޒެންހާ އަމިއްލައަށް އެ ފުރުޞަތު ފަހިކޮށް ދިނުމުން ހިތް ނުތަނަވަސް ވަމުން ދިޔައީ ކީއްވެ ކަމެއް އޭނައަކަށް ނޭނގުނެވެ.

މިޝަލް އޭނަގެ ފޯނު ނެގީ ވައިބާރ އިން މެސެޖެއް އައުމުންނެވެ. އީމާގެ ނަންބަރުން ކަން އެނގުމުން އޭނަ އުޅުނީ މެސެޖު ނުބަލައި ފޯނު ބާއްވާށެވެ. އެކަމަކު ފުލުފުލުގައި އަންނަމުންދިޔަ މެސެޖުތަކުން، ފޯނަށް ބަލައިލަން އޭނައަށް މަޖުބޫރު ކުރުވައިފި އެވެ.

"އަހަރެން ވަރަށް ދެރަވެއްޖެ، މިޝަލް އަހަރެންގެ ބޮލުގަ އެހާ ބޮޑު އިލްޒާމެއް އެޅުވީމަ... މިޝަލް ހީކުރީ އަހަރެން މީ ހަމަ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަށްތަ؟..." އީމާގެ މެސެޖުތައް ކިޔާފައި މިޝަލްއަށް ހިންދިރުވައިލެވުނެވެ.

މިޝަލް އެ މެސެޖުތައް ކީކަން އެނގުމުން އީމާ ފޮނުވީ ފާރިހު އޭނައަށް ފޮނުވި ވީޑިޔޯ ތަކެވެ. އެ އަޅުވައިލުމާއިއެކު، މިޝަލްއަށް ފުންމައިގެން ތެދުވެވުނީ އެއީ ރިސޯޓުގެ މަންޒަރެއް ކަން އެނގުމުންނެވެ. ވީޑިޔޯ އިން ފެންނަމުން ދިޔައީ، ޒެންހާ އޭނަގެ ކޮޓަރިން ނުކުމެގެން ދާ މަންޒަރެވެ. ދެން ފެނުނީ ދޮރުމަތީގައި އައިސް ހުއްޓުނު ޝުކޫރެވެ. އޭނަ ކޮޓަރި ތެރެއަށް ދެމިގަތީ، ދެ ފަރާތް ހޯދައިލާފަ އެވެ.

ދެވަނަ ވީޑިޔޯ އިން ފެންނަމުން ދިޔައީ، ކޮތަރި ތެރެއިން ޝުކޫރު ނުކުންނަ މަންޒަރެވެ. އެ އަތުގައި ފައިލެއް އޮތެވެ. އޭގެ ކުލައަށް ބަލައިލުމުން، އެއީ ޒެންހާގެ ރިޕޯޓްތައް އަޅާފައިވާ ފައިލު ކަން އޭނައަށް އެނގުނެވެ.

********

އާދުވަހަކަށް އިރު އެރިއިރު ވެސް ވިކްޔަންގެ ލޮލުގައި ނިދީގެ އެއްވެސް ޢަޞަރެއް ނެތެވެ. ރޭއްސުރެ ނުނިދާ އުޅުމުގެ ސަބަބުން އޭނަގެ ދެ ލޯ ވަނީ ރަތްވެފަ އެވެ.

ޝުކޫރު ގުޅާފައި އަންނަން އެދުމުން، ތައްޔާރު ވެލައިގެން، އޭނަ ހުރީ އެގެއަށް ގޮހެވެ. ފެންޑާގައި މަޑުކޮށްލައިގެން އޭނަ ހުރީ، ޝުކޫރު ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ކޮޓަރިން ނުކުތް ކިއާރާއަށް ވިކްޔަން ފެނުމާއިއެކު، ޙަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް ދިޔަ އެވެ.

"ކިއާ!... ކިހިނެތްތަ؟..." ކިއާރާ ދާދި ކައިރިއަށް އައުމުން، ވިކްޔަން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

ވިކްޔަން ހީކުރީ ކިއާރާ އައީ އޭނަ ފެނިގެން ކަމަށެވެ. އެކަމަކު މަޑުވެސް ކޮށްލުމެއްނެތި ކިއާރާ އުޅުނީ ގެއިން ނުކުންނާށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އެނގުމުން ވިކްޔަން ހާސްވި އެވެ.

"ކިހިނެތްވީ؟..." ކިއާރާ އަނގައިން ވެސް ނުބުނެ ދާން ފެށުމުން ވިކްޔަން ސުވާލު ކުރި އެވެ.

ކިއާރާ ހުއްޓުނެވެ. އޭނަ ފަސްއެނބުރި، ވިކްޔަންއަށް ބަލައިލިއިރު، އެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލު ވެފަ އެވެ. ގޮށްޖެހިފައިވާ ދެ ބުމަ އާއި، ރުޅި އައިސް ފުންކޮށް ނޭވާ ލަމުންދިޔަ ގޮތް ފެނި، ވިކްޔަން އަވަހަށް އެހެން ދިމާއަކަށް ބަލާލައިފި އެވެ.

"ކޮން އަންހެނެއް އެއީ؟..." ކިއާރާ ހަޅޭއްލަވައިގަތެވެ.

"ކޮބާ؟..."ކިއާރާ ކީ އެއްޗެއް ނޭނގޭތީ ވިކްޔަންއަށް ސުވާލު ކުރެވުނީ ވަށައިގެން ހޯދާ ލަމުންނެވެ.

އެކަންވީ ކިއާރާގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލަ ކަމަކަށެވެ. އޭނަ އައިގޮތަށް ވިކްޔަން ލައިގެން ހުރި ގަމީހުގައި ހިފައިގަނެފި އެވެ. ވިކްޔަން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެވީގޮތަކުން އޭނަ ހުރީ ވާނުވާ ނޭނގިފަ އެވެ.

"އިއްޔެ މާ ވަރަކަށް ތަތްވެގެން އުޅުނީ ކޮން އަންހެނަކާ ހޭ؟..." ވިކްޔަންގެ ގަމީހަށް ދަމައިގަންނަމުން ކިއާރާ ސުވާލު ކުރި އެވެ.

"ކިއާރާ ކިހިނެތްތަ ތިއުޅެނީ؟..." ވިކްޔަން އޭނާގެ ދެ އަތް މައްޗަށް ނަގަމުން ބުންޏެވެ.

"ބުނޭ... ބުނާށޭ..." ކިއާރާ ހަޅޭއްލަވަން ފެށި އެވެ.

ވިކްޔަން ނުތަނަވަސް ވިއެވެ. ޝުކޫރު ނުކުމެދާނެތީ އޭނައަށް ހާސްވެފައި ގޭތެރެއަށް ބެލެމުން ދިޔަ އެވެ.

"ކިއާރާ ކިހިނެތް ވެގެން ތިއުޅެނީ؟..." ގޭތެރެއިން ޝުކޫރުގެ އަޑު އިވުމުން ވިކްޔަން ހާސްވެގެން ތެޅިގަތެވެ.

ޝުކޫރު ފެނުމުން ކިއާރާގެ ރުޅި އަދި ވަކީން ގަދަވިހެން ހީވި އެވެ. އޭނަ ވިކްޔަންގެ ގައިން ދޫކޮށްލާފައި، ދުރަށް ޖެހުނެވެ. ޝުކޫރާއި ދިމާއަށް އޭނަ ބަލައިލީ ދެބުމަ ގޮށްޖަހައިލަމުންނެވެ.

"މަންމަ ގޮތަށް އަހަރެން ވެސް މަރާލެވުނީމަ ހިތް ފުރޭނެ ދޯ؟..." ޝުކޫރާއި ދިމާއަށް ބަލަހައްޓައިގެން ހުރެ، ވާހަކަ ދައްކަމުން ދިޔައިރު، ކިއާރާގެ ދެ ލޯ ފުރިގެން ކަރުނަތައް ބަންޑުންވަމުން ދިޔަ އެވެ.

"ކިއާރާ..." ޝުކޫރު ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

ވާނުވާ ނޭނގިފައި ވިކްޔަން ހުރީ ދެ މީހުންގެ މެދުގަ އެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން އޭނަ ހުރީ ހަދަންވީ ގޮތެއް ނޭނގިފަ އެވެ. ކިއާރާ ރޮމުން ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ހުއްޓުވަން، ވިކްޔަން އޭނާގެ އަތް އުފުލައި ވެސް ލި އެވެ. ކިއާރާ ގޮސް ގެއިން ނުކުންނަން ދެން ބަލަން ހުރި، ވިކްޔަންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އަޑު އިވުނު ވާހަކަތަކާއިމެދު ވިސްނަން އޭނަ އިރުކޮޅަކު ހުއްޓެވެ.

"ކިއާރާގެ ހުންނަ ނަފުސާނީ މައްސަލައަކުން އެކަހަލަ ވާހަކަ އެ ދައްކަނީ... އޭނަ މަންމަ ނިޔާވި ހާދިސާގެ ފަހުން އެގޮތަށް އެ އުޅެނީ..." ޝުކޫރު ހާސްވެފައި ބުންޏެވެ.

"ޑޮކްޓަރަކަށް ދައްކަންވީނު... ތިކަހަލަ ކަންކަމަށް ފަރުވާއެއް ނުހޯދާ ލަސްކުރާކަށް ނުވާނެ..." ވިކްޔަން ވާހަކަ ދެއްކީ ސޯފާގައި އިށީންނަމުންނެވެ.

"ކިއާރާ އަކީ އަހަރެންގެ ދަރިއެއް ނޫން... މި ހުރިހާ ދުވަހު ވެސް، އަމިއްލަ ދަރިއެއް ހެން އަހަރެން ކިއާރާ ބަލަމުން މިއަންނަނީ، އޭނައަށް އަޅާލާނެ އިތުރު މީހަކު ނެތީމަ... އަހަރެންގެ އަމިއްލަ ދަރިއަކު ހުއްޓަސް، އަހަންނަށް އެ ދަރިފުޅަކަށް އެއްވެސް ޙައްޤެއް ނެތް..." ފުން ނޭވާ އެއް ދޫކޮށްލަމުން ޝުކޫރު ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެން މިއައީ ޒެންހާގެ ވާހަކަ ކިޔައިދޭނަމޭ ޝުކޫރުބޭ ބުނީމަ... އެކަމަކު ހީވަނީ މީ އަދި ރަނގަޅު ވަގުތެއް ނޫން ހެން..." އިންތަނުން ތެދުވަމުން ވިކްޔަން ބުންޏެވެ.

ޝުކޫރު ޖަހާލީ ލުއި ހިނިގަނޑެކެވެ. އެތައް މާނަ އެއް އެކުލެވޭ އެ ހިނިގަނޑު ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވެ.

"އެ ވާހަކަ އެއްނު އަހަރެން ވެސް މި ދައްކަނީ... ވިކްޔަން!... ޒެންހާއަށް ދެރަގޮތެއް ވާން އެދެނީ އަހަންނެއް ނޫން..." ޝުކޫރު ދެން ހާމަކޮށްލި ހަޤީގަތަކުން ވިކްޔަންއަށް ހައިރާން ކަމެއް ލިބިގެން ދިޔަ އެވެ.

********

ޓެސްޓްތައް ހައްދަން ދީފައި، ޒެންހާ މެންނަން ހޮސްޕިޓަލުން ނުކުމެވޭ ވަރުވީ، ޢަޞުރުވާން އުޅެނިކޮށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ޒެންހާ މާ ދުރުދުރުން އުޅޭތީ މިޝަލް ހުރީ ދައްކާނެ ވާހަކަ އެއް ނޭނގިފަ އެވެ.

"ހަފްތާ އެއް ފަހުން ރިޕޯޓްތައް ލިބޭނީ..." ޚިޔާލެއް ފިކުރެއްނެތި ހިނގަމުންދިޔަ ޒެންހާގެ މޫނަށް ބަލަން ހުރެފައި، މިޝަލް ބުންޏެވެ.

ޒެންހާ މިޝަލްގެ މޫނަށް ބަލައިލިއިރު، އެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވެއްޖެ އެވެ. އޭނަ ހީކުރީ މިޝަލް އުޅެނީ އެ ދުވަސްތައް އަވަހަށް ނުނިމިގެން ކަމަށެވެ.

"އެބައޮތްތަ ގަންނަންޖެހޭ އެއްޗެއް؟.." މިޝަލް ސުވާލު ކުރި އެވެ.

ޒެންހާ ބޯ ޖަހާލި އެވެ. ދެ މީހުން ވަނީ ކައިރީގައި ހުރި ފިހާރަ އަކަށެވެ. ޒެންހާގެ ލޮލުގައި އަޅައިގަތީ، އެތަނުގައި ހުރި ކޮފީ ޖޯޑު ތަކެއްގަ އެވެ. ސިތުނާ އަށާއި އީމާއަށް އެތަނުން ޖޯޑެއް ނަގައިގެން އޭނަ ހިނގައިގަތީ، ދެވަނަ ފަންގިފިލާއަށް ދެވެން ހުރި ސިޑި އާއި ދިމާއަށެވެ. އާބިދާ އަށާއި ޒުބޭރަށް ހަދިޔާއެއް ގަންނަން އޭނަ ހުރީ ބޭނުންވެފަ އެވެ.

ޒެންހާ ދިޔަ ދިމާއަށް ބަލަން މިޝަލް ހުއްޓެވެ. އޭނަ ގޮސް މަޑުކޮށްލީ ކައުންޓަރުގެ ކައިރީގައެވެ. އެ ތަނުގައި ރަނާއި ރިހި އަނގޮޓީގެ އިތުރުން ފަށްވެސް ހުއްޓެވެ. ފަހަރަކު އެއްޗެއް ބަލަމުން ގޮސް މިޝަލް ނެގީ، ރިހި އަނގޮޓި އެކެވެ. ހުދު ކުލައިގެ އަލިމަހެއް ލާފައިވާ އެ އަނގޮޓީގެ ވިދުން ގަދަ އެވެ.

ޒެންހާ އައީ މިޝަލް އެއަށް ފައިސާ ދައްކާފައި އެނބުރުނު ތަނާ އެވެ. ޒެންހާއަށް ފެނިދާނެތީ، އަނގޮޓި ލާފައިވާ ކުޑަ ފޮށި އޭނަ ލީ ޖީބަށެވެ. މިޝަލް ފޮރުވި ނަމަވެސް، އެ ފޮށި ޒެންހާއަށް ފެނުނެވެ. އޭނަ ހީކުރީ އެއީ އީމާއަށް ދޭންވެގެން މިޝަލް ގަތް އެއްޗެއް ކަމަށެވެ. ހިތުގައި ޖެހުނު ވަރުން، މިޝަލް އެއްޗެކޭ ބުނި ކަމެއް ވެސް އޭނައަކަށް ނޭނގުނެވެ. ހަދިޔާއަށް ނެގި އެއްޗެހިތައް ހިފައިގެން، ބާރު ބާރަށް ހިނގާފައި ކައުންޓަރާއި ދިމާއަށް އޭނަ ދިޔަ އެވެ.

ކޮޓަރިއަށް އައިސް ވަދެވުމާއިއެކު، ޒެންހާ ނުކުތީ ބެލްކަންޏަށެވެ. އެ މޫނުމަތީގެ ޢަޞަރުތައް މިޝަލްއަށް ދައްކަން އޭނަ ބޭނުން ނުވީ އެވެ. ކޮތަޅުތައް މޭޒު މަތީގައި ބަހައްޓާފައި، ޒެންހާގެ ފަހަތުން މިޝަލް ވެސް ބެލްކަންޏަށް ނުކުތެވެ. އޭރު ޒެންހާ ހުރީ، ރެއިލިންގްގައި އަތް އަޅުވާލައިގެން ބޭރު ބަލާށެވެ.

މިޝަލް ގޮސް ޒެންހާ އާއި ދާދި ކައިރީގައި ހުއްޓުނެވެ. ޖީބުން އަނގޮޓި ނަގާފައި، ފޮއްޓާއިއެކު ޒެންހާ އާއި ދިމާއަށް ދިއްކޮށްލި އެވެ. ޒެންހާ އޭގައި ހިފުމުން، މިޝަލްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ފޮށި ހުޅުވާލުމާއިއެކު، ޒެންހާގެ ދެ ލޯ ބޮޑުވި އެވެ. އެ ހިތުގައިވި ހުރިހާ ޝަކުވާއެއް ފިލައިދިޔަ ކަހަލަ އެވެ. އޭނައަށް އަވަސް ނަޒަރެއް ދެވުނީ މިޝަލްގެ މޫނަށެވެ. އޭރު މިޝަލް ވެސް ހުރީ އެ މޫނަށް ބަލަހައްޓައިގެންނެވެ.

"އަޅުވާލަދެންތަ؟..." ޒެންހާގެ އަތުން އަނގޮޓި އަތުލަމުން މިޝަލް ބުންޏެވެ.

ޒެންހާ ވަކި އެއްޗެއް ނުބުނެ ހުއްޓައި މިޝަލް އެ އަނގޮޓި އޭނަގެ ވާއަތުގެ ކަށި އިނގިލީގައި އަޅުވާލަދިނެވެ. ފިނިވެފައިވާ ޒެންހާގެ އަތްތިލައިގައި ހިފަހައްޓާލައިގެން މިޝަލް ހުރިއިރު، ޒެންހާގެ ހިތުގެ ތެޅުމުގެ އަޑު އޭނައަށް އިވެމުން ދިޔަ އެވެ. ފާއިތުވެގެންދިޔަ ކުޑަ ވަގުތުކޮޅު ނިމުމަކަށް އައީ، ޒެންހާ ދުރަށްޖެހިލުމުންނެވެ. އަނގޮޓިއަށް ބަލަމުން އޭނަ ޙަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިން ނުކުތެވެ. އޭނަ ލިފްޓުން ތިރިއަށް ފޭބިއިރު ތަނުގެ ތެރޭގައި މާ އަޑުގަދަ ވެގެން އުޅޭތީ، ކައުންޓަރުގެ ކައިރިއަށް ޖެހިލި އެވެ.

"ކޮންމެ އަހަރަކު ވެސް، މި ހޮޓެލްގައި ތިބޭ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ބާއްވާ އިވެންޓްތަކެއް މިއީ... އަގުހުރި އިނާމު ތަކެއްވެސް ލިބޭނެ... ކޮންމެ ކަސްޓަމަރަކަށް ވެސް އިވެންޓްތަކުގަ ބައިވެރި ވެވޭނެ... ގިނަ އިވެންޓްތައް ރާވާފަ ވާނީ ޓީމްތަކުން ބައިވެރިވާގޮތަށް... ޓީމެއްގަ މަދުވެގެން ދެ މެމްބަރުން ތިބެންވާނެ... މިހާރު އިވެންޓްތައް ފެށިގެން ކުރިއަށް ދަނީ... ހޮޓެލްގެ ބެކްސައިޑްގަ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ދާނީ..." ކައުންޓަރުގައި އިން ކުއްޖާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

ޒެންހާ އެތަނުގައި ހުއްޓައި ފެނިގެން، ލިފްޓާއި ދިމާއަށް ދިޔަ ވިކްޔަން އަނބުރާލާފައި އެދިމާއަށް ދިޔަ އެވެ. އެއިން ހަރަކާތެއްގައި ބައިވެރިވާން ވިކްޔަން ވެސް ޝަޢުޤުވެރި ވިއެވެ. ދެ މީހުން ޓީމެއް ހަދައި، ލިސްޓްގައި ނަންނޯޓު ކުރި އެވެ.

ހަރަކާތްތައް ހިނގަމުންދިޔަ ސަރަހައްދުގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެކި ދިމަދިމާގައި މޭޒުތައް ބަހައްޓައިގެން އެއްޗެހި ވިއްކަން ވެސް މީހުން ތިއްބެވެ. ރަތް ކުލައިގެ ޓީމް ޖާރޒީ ލައިގެން ވިކްޔަން އާއި ޒެންހާ އެތަނަށް ދިޔަ އެވެ. ބެލްކަނީގައި ހުރި މިޝަލްއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ.

(ނުނިމޭ)

ކޮމެންޓް 0