މޭޒުގައި ދެއަތް ވިއްދައިލަމުން އެ މީހާ އާއި ދިމާއަށް ފުލުސްމީހާ ގުދުވިއެވެ. މޫނުމަތީގައި ޖެހުމަށް، އަތް އުފުލައިލިއެވެ. އެއަތް މަޅާލި ވަގުތު، އެމީހާ އޭނާގެ މޫނު، އަނެއް ފަރާތަށް އަނބުރާލައިފިއެވެ. ދެލޯ މަރައި ބާރުކޮށްލިއިރު، ބިރުން ގޮސް އެމީހާގެ މުޅި ހަށިގަނޑު ވެސް ތުރުތުރު އަޅައެވެ.

"ނަހީރާ... އެމީހަކީ، ނަހީރާ..." އެމީހާ އަވަސް އަވަހަށް ބުންޏެވެ.

********

އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބި، ޒެންހާ އާއި މިޝަލް ސިއްސައިގެން ދިޔައީ، ފޯނު ރިންގްވާ އަޑު އިވެން ފެށުމުންނެވެ. ޒެންހާ ތެދުވަން އުޅުނު ނަމަވެސް، މިޝަލް އެ ފުރުސަތެއް ނުދިނެވެ. ކުރިޔަށްވުރެ ބާރަށް، ޒެންހާގެ އުނަގަނޑުގައި ހިފަހައްޓާލައިފި އެވެ. ރިންގްވަމުންދިޔަ ފޯނަށް އޭނަގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ.

"ފޯނު..." ޒެންހާ އެއްޗެއް ބުނަން އުޅުނެވެ.

އޭނަގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ، މިޝަލްގެ ތުންފަތުގެ ބީހިލުން އިހުސާސް ކުރެވެން ފެށުމުންނެވެ. ޒެންހާގެ ދެލޯ ބޮޑު ވިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެއްވެސް ހަރަކާތެއް ކޮށްލަން ނޭނގިފައި އޭނައަށް އޮވެވުނެވެ. އޭރުވެސް ފޯނު ރިންގްވަމުން ދިޔަ އަޑު އިވިއިވި ހުއްޓެވެ.

ހަމަވިސްނުން ލިބުމާއިއެކު، ޒެންހާ މިޝަލް އާއި ދުރަށް ޖެހެން އުޅުނެވެ. މޭގައި އަތް އަޅައި، ދުރު ކުރަން މަސައްކަތް ކުރިއެވެ.

ޒެންހާ ގަދަ ހަދަމުންދިޔަ ވަރަކަށް މިޝަލްގެ ގާތްކަން އިތުރުވަމުން ދިޔައެވެ. އެ ހަރަކާތްތައް އަވަސް ވިއެވެ. ކައިވެންޏެއްގެ ހަޤީޤީ ފޮނި މީރުކަން ހާސިލު ކުރުމަށް އޭނަގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލަ އެވެ. އެއިން ކޮންމެ އަމަލަކުން ލިބެމުންދިޔަ އުފާވެރި ކަމާއި އެއްވަރަށް، ޒެންހާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރުވިދާނެތީ، ހާސްކަމުން މުޅި މީހާ ވަށާލައިފި އެވެ. އެފަދަ އުފާވެރިކަމަކަށް، ހުދު އޭނަގެ ހިތްވެސް އެދި ގޮވަމުން ދަނީއެވެ. ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދަން އޭނައަށް ދަތިވިއެވެ. ހިތް އެދި ގޮވަމުން ދިޔައީ، ފިރިމީހާގެ އެ އަމަލުގައި ބައިވެރި ވުމަށެވެ. އެހެނަސް، އެކުވެރިޔާއަށްޓަކައި، އަމިއްލަ އެދުން އިސްނުކުރުމަށް އެދި، ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.

ޒެންހާގެ ނޭވާ ކޮޅަށް ދިޔަ އިރުވެސް، މިޝަލް އޭނަ އާއި ދުރަށް ދާކަށް ނޫޅުނެވެ. އެ އަމަލުތައް މާ މައްޗަށްދާހެން ހީވެ، އޭނަގެ ހިތް ނުތަނަވަސް ވިއެވެ. އެ ހާސްކަމުގައި ދެލޮލަށް ޖަމާވީ، ކަރުނަ އެވެ. ކަރުނަތައް ހިންދައިލެވޭތޯ އޭނަ އެތައް މަސައްކަތެއް ކުރިއެވެ. އެހެނަސް، އިސާހިތަކު ދެ ކޯތާފަތް ތެންމާލައިފިއެވެ.

ދެލޯ މަރާލައިގެން އޮތް މިޝަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައީ، އޭނަގެ މޫނަށް ތެތްކަމެއް އިހުސާސް ކުރެވުމުންނެވެ. އޭނަ މަޑުމަޑުން ލޯ ހުޅުވައިލުމާއިއެކު، ދެލޯ މަރައި ބާރުކޮށްލައިގެން އޮތް ޒެންހާގެ މޫނު ދާދި ގާތުން ފެނުނެވެ. ދިގު އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އޮހެމުން ދަނީއެވެ. އޭނަގެ ހިތުގައި ރިއްސާލީ، ޒެންހާގެ ހާލު ފެނުމުންނެވެ.

މިޝަލްއަށް ހިންދިރުވައިލެވުނެވެ. އޭނަ މަޑުމަޑުން ޒެންހާ އާއި ދުރަށް ޖެހިލިއެވެ. އޭރުވެސް، އޭނަގެ އެއް އަތް ވަނީ، ޒެންހާގެ އިސްތަށިގަނޑުގެ ތެރެއިން ބޮލުގެ ފުއްކިބައިގައި ހިފަހައްޓާލާފައެވެ. އަނެއް އަތުން އުނަގަނޑުގައެވެ.

"ޒެނީ..." މިޝަލް ގޮވާލީ ލޯބިން ފުރިގެންވީ ރާގަކަށެވެ.

އަމިއްލަ އެދުން އިސްކުރެވުނީތީ، މިޝަލް ދެރަވިއެވެ. ޒެންހާގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. އެހެނަސް، ހިތުގެ އިހުސާސްތަކުގެ މައްޗަށް، އޭނައަށް ބާރު ނުފޯރުވެނީ އެވެ. އިންސާނަކަށްވީތީ، އަނބިމީހާގެ ފަރާތުން އެފަދަ އުފާވެރިކަމަކަށް އެދި ހިތް ގޮވަނީ އެވެ.

ޒެންހާގެ އޮމާން މޫނުގައި ބީހެމުންދިޔަ ކަރުނަތައް އޭނަ ފޮހެލަދިނެވެ. އެވަރުންވެސް އެ ކަރުނަތަކަކަށް ނިމުމެއް ނައެވެ. މިޝަލް ކަންބޮޑުވެގެން އެ ހަށިގަނޑުން ދޫކޮށްލިއެވެ. އެއާއިއެކު ޒެންހާ އަވަސް އަވަހަށް ތެދުވިއެވެ. ބާލީހުން ހަށިގަނޑު ނިވާކުރަމުން، ފާރުގައި ލެނގިލިއެެވެ. ދެފައި ގެންގޮސް މޭގައި ޖައްސާލިގޮތަށް މޫނު ވެސް ފޮރުވާލައިފިއެވެ.

މިޝަލް އޮތީ، ދެލޯ މަރާލައިގެންނެވެ. އިވެމުންދިޔަ ޒެންހާގެ ގިސްލުމުގެ އަޑަކަށް ނިމުމެއް ނައެވެ. ހިނދެން ހިނދަކަށް އެ އަޑު ބާރުވަމުން ދިޔަ އެވެ. މިޝަލްގެ ކެތްތެރިކަން ކޮޅުން ލިއެވެ. އޭނަ ފުންމައިގެން ތެދުވެއްޖެ އެވެ. ފުސްވަމުންދިޔަ ދެލޮލުން އޭނަ ޒެންހާއަށް ބަލައިލީ، ހިތްދަތި ނަޒަރަކުންނެވެ.

ޒެންހާގެ ކުރިމަތީގައި އޭނަ އިށީނެވެ. ދެކަކޫ އެނދުމަތީގައި ޖައްސައި، ފައިގެ ފުންނާބު މަތީގައެވެ. އޭނަ ޒެންހާގެ ބުރަކަށީގައި ދެއަތުން ހިފަހައްޓާލަމުން، މަޑުމަޑުން ކައިރިއަށް ގެނެސް، މޭގައި ލައްކޮށްލިއެވެ.

"އަހަންނަށް އެނގޭ ޒެނީ އަހަރެންދެކެ ލޯބިވާކަން... އަހަންނަށް ވެސް، އަހަރެންގެ އަނބިމީހާ ކަމުދޭ... އެކީ އުޅެން ބޭނުންވޭ... މި ގާތްކަމުން، ކުރިން ނުވާ އެތައް ގޮތްތަކެއް އަހަންނަށް ވާން ފަށައިފި... ޒެނީ!... އަހަރެންދެކެ ލޯބިވާއިރު، މި ގުޅުމަށް ފުރަގަސް ތި ދެނީ ކީއްވެ؟... އަހަރެން ޒެނީ ދޫކޮށްލާފަ ގޮސްދާނެހެން ހީވަނީތަ؟..." މިޝަލް އަހައިލީ، އަސަރުން ފުރިގެންވީ ރާގަކަށެވެ.

ޒެންހާއަށް ވީގޮތުން މިޝަލް އިނީ ކަންބޮޑުވެފައެވެ. އެ ގުޅުމަށް ޒެންހާ ދެކޮޅު ހަދަމުންދާ ސަބަބު އޭނައަށް ރަނގަޅަށް އެނގެއެވެ. އޭނަ ބޭނުންވީ، ޒެންހާ ލައްވައި ވާހަކަ ދައްކުވާށެވެ. އެކަން ކޮންމެވެސް ކޮޅެއްގައި ޖައްސާށެވެ. އެކަމަކު ޒެންހާ އެއްޗެއް ނުބުންޏެވެ. ރުއިން ހުއްޓައެއް ނުލިއެވެ. މިޝަލް އާއި ދުރަށް ޖެހޭކަށް ވެސް ނޫޅުނެވެ.

"ޒެނީއަށް ހީވަނީތަ މީ ކުށެކޭ؟... ހީވަނީތަ އެކުވެރިޔާއަށް ބޭވަފާތެރި ވެވެނީއޭ؟... ޒެނީ!... އަހަރެން މިހުރީ ޒެނީގެ ފިރިމީހާގެ މަޤާމުގަ އޭ... އަހަންނަކީ، ދުރު މީހެއް ނޫނޭ... ޒެނީއަށް ޙައްޤު އޮންނާނެއޭ އަހަންނާ އެކީ ކޮންމެ ކަމެއް ކުރުމުގެ ވެސް..." މިޝަލްގެ އަޑުގައިވީ އެތައް ޝަކުވާ އެކެވެ.

ޒެންހާގެ ރުއިން ހުއްޓުނީ ކުއްލިއަކަށެވެ. އޭނަ މިޝަލްގެ މޭގައި އަތްއަޅައި މަޑުމަޑުން ދުރުކޮށްލައިފި އެވެ. ރޮއެރޮއެ ރަތްވެފައިވާ ދެލޮލުން އޭނަ އެ މޫނަށް ބަލައިލި އެވެ. ތެމިފައިވާ އެސްފިޔަތަކުގައި އޭރުވެސް ކަރުނައިގެ އަސަރު ވިއެވެ. ޒެންހާގެ ހާލު ފެނުމުން، މިޝަލްއަށް ހިންދިރުވައިލެވުނެވެ.

"މިޝަލް މިހާރު އީމްދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީތަ؟... އީމްއަށް ބޭވަފާތެރިވާން ވިސްނަނީތަ؟..." ޒެންހާގެ އަޑު ކުރެހުނެވެ.

ކަޅި ޖަހާވެސް ނުލައި، ޒެންހާގެ މޫނަށް ބަލަން މިޝަލް އިރުކޮޅަކު އިނެވެ. އެ ސުވާލުތަކުން އޭނަގެ ހިތުގައި ރިއްސާލައިފިއެވެ. ހުދު އޭނައަށް ވެސް އެ އިހުސާސް ކުރެވެ އެވެ. އެކަމަކު އެދުވަސްތައް ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށް ދާން އޭނަ ވަނީ ނިންމާފަ އެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. ލޯބިވާ މީހާއަށްޓަކައި ބައެއް ފަހަރު ޤުރުބާނީ ވާން ޖެހޭނެ ކަން އޭނައަށް ވިސްނުނީއެވެ.

ދެލޯ ފުރިގެން އައި ކަރުނަތައް ހިންދައިލުމަށް މިޝަލް އޭނާގެ މޫނު މައްޗަށް އުފުލައިލި އެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމާއިއެކު، ދާދި ފަސޭހައިން އެ ކަރުނަތައް ހިންދާލުމުގައި އޭނަ ކާމިޔާބު ހޯދައިފިއެވެ.

މިޝަލް ކުޑަކޮށް ތެދުވެލާފައި ޒެންހާގެ ކައިރީގައި އިށީނެވެ. ފާރުގައި ލެނގިލަމުން، ދެ ކަކުލުގެ މަތީގައި އަތް އަޅުވައިލިއެވެ.

"ކައިވެންޏެއްގެ މަތީގައި ހުރެ، އަނބިމީހާގެ ކައިރީގައި މިވާހަކަ ބުނާކަށް އަހަންނަކަށް ފަސޭހައެއް ނޫން... އަހަރެން މި ބުނާ ވާހަކަ، ޒެނީއަށް އަޑު އަހަން ފަސޭހަވާނެތަ؟..." ފުން ނޭވާއެއް ދޫކޮށްލަމުން މިޝަލް ސުވާލު ކުރިއެވެ.

ޒެންހާ ހައިރާންވެފައި މިޝަލްގެ މޫނަށް ބަލައިލިއެވެ. ފާރުގައި ބޯ ޖައްސާލައިގެން އިނދެފައި، ޒެންހާ އާއި ދިމާއަށް އޭނަ ވެސް ބަލާލައިފިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު، އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިނެވެ.

"ލޯބިވޭ... އިންތިހާއަށް ލޯބިވޭ... އީމާއަށްވުރެ ބޮޑަށް އެހެން އިންސާނަކުދެކެ އަހަންނަށް ލޯބި ވެވިދާނެހެން ވެސް ހީނުވޭ... އެކަމަކު، އެ ލޯބި އަހަރެންގެ ނަސީބަކު ނުވޭ... ބައެއް އެއްޗެއްސަކީ، ކިތަންމެ ބޭނުންވިޔަސް، ހާސިލު ކުރެވޭނެ އެއްޗެއްސެއް ނޫން... ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ވެސް ނޫން... ލޯބިވާ މީހާއަށްޓަކައި، ގުރުބާން ވާން ދަސްކުރަން ޖެހޭ... ބޭނުން ކޮންމެ ކަމެއް ބޭނުންވާ ގޮތަކަށް ވަންޏާ، ދިރިއުޅުމެއްގެ ބޭނުމެއް ކޮބާ؟..." ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން، މިޝަލް ބުންޏެވެ.

ޒެންހާގެ ހިތަށް ހީވީ، ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. ހިތަށް ލިބުނު ފުން ޒަޚަމަކުން، ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ލޯބިވާ މީހާގެ ދުލުން، އެހެން މީހަކުދެކެ ލޯބިވާ ވާހަކަ ބުނުމުން، ދެރަ ނުވާނީ ކާކު ހެއްޔެވެ؟ އެކުވެރިޔާއަށްޓަކައި އުފާ ކުރަން ބޭނުންވި ނަމަވެސް، ހާލަތުގެ ގޮތުން، އޭނައަކަށް އެކަމެއް ނުކުރެވުނެވެ.

"އަހަންނަށް މިއަދު ވަރަށް ބޮޑު ފިލާވަޅެއް ދަސްވެއްޖެ... ކުރިން ހިތަށް އެރި އީމާ އާ ނުލާ ނޫޅެވޭނެއޭ... އެކަމަކު ޒެނީ އާ އެކީ ވަގުތު ހޭދަކުރަން ފެށިފަހުން އެނގިއްޖެ، ހިތާމައަކީ އަބަދަށް ދެމިގެންދާނެ އެއްޗެއް ނޫންކަން... ދެވަނަ ފަހަރަށް ވެސް ލޯބި ވެވިދާނެ ކަން... އީމާދެކެ ވެވުނު ވަރަށް ލޯބި ނުވެވުނަސް، އަހަރެން މަސައްކަތް ކުރާނަން ޒެނީއަށް ފިރިއެއްގެ ލޯބި ދެވޭތޯ..." މިޝަލް ވާހަކަ ދެއްކީ، ޒެންހާ އާއި ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ.

މިޝަލް އޭނާގެ ފޯނު ނެގީ، އީމާ އޭނައަށް ފޮނުވި މެސެޖުތައް ޒެންހާއަށް ދައްކާށެވެ. ޝުކޫރު އެތައް ފަހަރަކު ގުޅާފައި އޮތްތަން ފެނުނު ނަމަވެސް، ހާލަތުގެ ގޮތުން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ.

"މިއޮތީ... މީ އީމާ އަހަންނަށް ތަކުރާރުކޮށް ފޮނުވާފައިވާ މެސެޖެއް..." ފޯނުގެ އިސްކުރީނު ދައްކައިލަމުން މިޝަލް ބުންޏެވެ.

ޒެންހާ އެ ފޯނުގައި ހިފިއެވެ. އޭގައި އޮތް އެއްޗެެއް ކިޔަން ފެށީ، އަމިއްލަ ނަފުސަށް އިވޭ ވަރަށެވެ. ފުރަތަމަ ޖުމްލަ ކިޔާލާފައި ވެސް އޭނަގެ ހިތް ތެޅިގެންފިއެވެ.

"ޒެނީގެ ޙަޔާތުން މިޝަލް ދުރަށްދާނެ ދުވަހަކީ، މި ދުނިޔެއަށް އަހަރެން ނޭވާލާނެ އެންމެ ފަހު ދުވަސް... އެ ދުވަހަކުން، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ، މިޝަލް... މިޝަލް އަހަރެންދެކެ ވީ ލޯތްބަށްޓަކާ، ޒެނީ އާއެކީ އުޅެދީ... އަބަދުވެސް އެންމެ ކައިރީ ހުރެދީ... އަހަރެން އުފަލުގަ ބަހައްޓަން ބޭނުމިއްޔާ ޒެނީ އުފަލުގަ ބަހައްޓަދީ... އެހެންނޫނީ..." ޒެންހާގެ އަތުން ފޯނު ދޫވިއެވެ.

އޭނައަށް މޭގައި އަތުން ހިފަހައްޓާލެވުނެވެ. އީމާއަކީ ކޮންކަހަލަ މޮޔަ އަންހެން ކުއްޖެއް ހެއްޔެވެ؟ އަމިއްލަ ނަފުސަށްވުރެ ބޮޑަށް މުހިއްމު އެވީ އެކުވެރިޔާ ހެއްޔެވެ؟ ފުރާނަ ނަގާލާ ވާހަކަ ބުނަން އޭނައަށް އެހާ ފަސޭހަވީ، ކީއްވެ ހެއްޔެވެ؟ އެ ފުރާނައިގެ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން ވެސް ޒެންހާގެ ހިތް ކުދިކުދި ވެއްޖެއެވެ. އީމާއަށް ދެރަގޮތެއް ވާކަށް އޭނަ ދުވަހަކު ވެސް ނޭދެއެވެ. އެފަދަ ދުވަހެއް ދެކޭކަށް ދުވަހަކު ބޭނުމެއް ވެސް ނުވެއެވެ. ހިތުގައި އުފެދުނު ޝަކުވާތަކާއި އެއްވަރަށް އޭނަގެ ހިތް ނުތަނަވަސް ކުރުވައިފިއެވެ. އޭނައަށް އެކުވެރިޔާ އާއިމެދު ވިސްނެން ފެށިއެވެ.

"ޒެނީ ބުނެބަލަ، އަހަރެންގެ މަޤާމުގަ ޒެނީ ހުރިނަމަ، ކަންތައް ކުރާނީ ކިހިނެތް؟..." ފާއިތުވެގެންދިޔަ ހަމަހިމޭންކަމުގެ ވަގުތުކޮޅު ނިމުނީ، މިޝަލް ކުރި ސުވާލުންނެވެ.

"އީމްއަށް ގުޅައިދީ... ޕްލީޒް..." ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒެންހާއަށް ބުނެވުނީ އެހެންނެވެ.

މިޝަލް ބޯ ޖަހާލިއެވެ. އޭނަ އީމާއަށް ގުޅަން ފޯނުގެ އިސްކުރީނަށް ނަޒަރު ހުއްޓާލިތަނައި، ވިކްޔަން ގުޅަން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި މިޝަލްގެ މޫނުމަތިން ހައިރާންކަން ފެނުނީ، ވިކްޔަންގެ އަޑުން، އޭނަ ހާސްވެފައި ހުރިވަރު އެނގުމުންނެވެ.

"ކީކޭ؟..." މިޝަލް ފުންމައިގެން ކޮޅަށް ތެދުވިއެވެ.

އޭނަ ޒެންހާއަށް ފުރަގަސް ދިނެވެ. ދަނޑިވަޅުގެ ބޭނުން ހިފައި، ޒެންހާ އަވަހަށް ޓީޝާޓެއްލައި ހަށިގަނޑު ނިވާކޮށްލައިފި އެވެ. މިޝަލްގެ ވާހަކަ ހުރިގޮތުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނައަށް ޔަޤީން ވިއެވެ.

"އޯކޭ... އަހަރެމެން ވަރަށް އަވަހަށް ތިކޮޅަށް އެބަ ދަން..." މިޝަލް އެހެން ބުނެފައި ޒެންހާއަށް ބަލައިލިިއެވެ.

********

ރުޅި އައިސްގެން އީމާ އާއި ދިމާއަށް އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް ފާތުމަ ނުކުމެގެން ދިޔައީ އެވެ. މަންމަގެ ފަހަތުން ކަހަލަ ގޮތަކަށް އީމާ ވެސް ނުކުތެވެ. އޭރު މިޔާހް އާއި މައުސޫމާ ތިބީ، ސޯފާ ގައެވެ. ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ޖޫސް ތަބައް ބައިންދާފައި، ފާތުމަ ބަލައިލީ، އީމާ އަށެވެ. މައުސޫމާ ދިން ފައިސާތައް އޭނަ ނެގީ، އީމާގެ ނަޒަރު އޭނައަށް ހުއްޓުނުކަން ޔަޤީން ވުމުންނެވެ. ދެ ފިކުރެއްގައި ހުރެފައި އޭނަ އެފައިސާ އަނބުރާ މައުސޫމާގެ އަތަށް ދިނެވެ.

މައުސޫމާ ހައިރާންވެފައި އެއްފަހަރު އީމާއަށް އަނެއްފަހަރު ފާތުމަގެ މޫނަށް ބަލައިލިއެވެ. އެ ފައިސާ އަނބުރާ ދިނުމުގައި ވަނީ އީމާގެ އަތެއް ކަން އޭނައަށް އެނގުނެވެ. އެހިތުން އެ އަންހެން ކުއްޖާއަށް ދެވުނު މަޤާމް ކުރިއަށްވުރެ މަތިވެރި ވެއްޖެ އެވެ.

"އީމާ އުފަލުގައި ހުރެއްޖެއްޔާ އަހަންނަށް އެ ނިމުނީ..." ހިތާއި ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައިރު، ފާތުމަގެ ނަޒަރު، މައުސޫމާގެ އަތުގައި އޮތް ފައިސާތަކުން ވަކި ނުވެ އެވެ.

މައުސޫމާ ހިނިތުންވެލި އެވެ. އޭނަ އީމާއަށް ގޮވައި ގެނެސް، ކައިރީގައި ބޭންދި އެވެ. ކައިވެނި ކުރާނެ ތާރީޚަކާއި ބެހޭގޮތުން ސުވާލު ކުރިއިރު އޭނަ އިނީ އުފަލުން އުދުއްސައިގަންނަން ބޭނުން ވެފައެވެ. އީމާއަކީ އޭނަ ބޭނުންވިފަދަ އަންހެން ކުއްޖެކެވެ. ކިޔަމަންތެރިވެފައި އަޚްލާޤު ރަނގަޅެވެ.

"ދަރިފުޅު ލަދުގަންނާނެ ކަމެއް ނެތޭ... މިތާކު ނެތެއްނު ދުރު މީހެއް... އެއްޗެއް ބުނެބަލަ ދަރިފުޅާ..." އީމާ އެއްޗެއް ނުބުނުމުން، ދެންވެސް ވާހަކަ ދެއްކީ މައުސޫމާ އެވެ.

އީމާ ހާސްވެފައި ބަލައިލީ، މިޔާހަށެވެ. ދޭނެ ޖަވާބެއް ނޭނގޭތީ މިޔާހް އަވަހަށް އިސްޖަހައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0