އެތައް އިރަކު ވިސްނަން ހުރެފައި ވިކްޔަން ނުކުތީ ބާލުޚާނާ އަށެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން އެ ސިކުނޑީގައި ހެދެމުންދިޔަ ހައިޖާނުގަނޑަކަށް ނިމުމެއް ނައެވެ. އޭނަ އެންމެފަހުން ފޯނު ނަގާފައި، ނަންބަރަކަށް ގުޅި އެވެ.

"ތި ކުރާ ކަންތައް ހަމަ މިހާރު ހުއްޓާ..." ވިކްޔަން ހަޅޭއްލަވައިގަތެވެ.

********

ފޯނު ކަންފަތުގައި ޖަހައިގެން ހިނގަމުންދިޔަ ޝުކޫރުގެ ފިޔަވަޅުތައް ހުއްޓުނީ ކުއްލިއަކަށެވެ. ފޯނު ކަންފަތާއި ދުރުކޮށްލާފައި އޭނައަށް ބަލައިލެވުނީ، އޭގެ ސްކްރީނަށެވެ. ގުޅައިގެން ހުރީ ވިކްޔަން އެވެ. އެ ކަން ޤަބޫލު ކުރަން އޭނައަށް ދަތިވީ، އެއީ އޭގެ ކުރިން ދުވަހަކު ވެސް، ވިކްޔަން އޭނަ އާއި ވާހަކަ ދައްކާފައިވާ ގޮތަކަށް ނުވާތީ އެވެ.

"މިގަޑީ ކޮންކަހަލަ ސަމާސާ އެއް..." ޝުކޫރަށް ބުނެވުނެވެ.

ހާސްވެފައި ހުރިކަން ފޮރުވުމަށް އޭނައަށް ޖަހާލެވުނީ ހިނިގަނޑެކެވެ. އެކަންވީ އަނދައަނދައި ހުރި އަލިފާންގަނޑަކަށް ދަރު އަޅައިލުން ކަހަލަ ކަމަކަށެވެ.

"މިކަން ވަނީ މަޖާ ކަމަކަށްތަ؟... އޭނ!..." ވިކްޔަން ހަޅޭއްލަވައިގަތެވެ.

ޝުކޫރުގެ ހުނުން ހުއްޓުނެވެ. ކުއްލިއަކަށް ވިކްޔަންއަށް އެވީ ގޮތެއް، ވިސްނާވިސްނައި ވެސް އޭނަ އަކަށް ނޭނގުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނައަށް ހުރެވުނީ އެކަމާއި ވިސްނާށެވެ.

މާނޭވާ ލަމުންދިޔަ ވިކްޔަންގެ ރުޅިގަނޑު ފަޅައިގެންދާން ކައިރި ވަނީ އެވެ. އޭނައަށް އެއްޗެކޭ ނުބުނެ ކެތެއް ނުކުރެވުނެވެ.

"ޒެންހާއަށް ކިހިނެތް ހަދަން ޝުކޫރުބެ ތި އުޅެނީ؟..." ވިކްޔަން ނުރުހިފައި ސުވާލު ކުރި އެވެ.

"ވިކްޔަން!... ކޮއްކޯ... ޝުކޫރުބެ..." ޝުކޫރު މަސައްކަތް ކުރީ ވިކްޔަންގެ ރުޅި ފިނި ކުރެވޭތޯ އެވެ.

ޝުކޫރުގެ ޖުމްލަ ފުރިހަމަ ކުރާނޭ ފުރުޞަތެއް ވިކްޔަން ނުދިނެވެ. އެ ރާގު ހުރި ގޮތުން ކަމެއް ފޮރުވަން އުޅޭކަން ކަށަވަރުވުމުން، ބޭކާރު ވާހަކަތަކެއް އަޑު އަހާކަށް އޭނަ ބޭނުމެއް ނުވި އެވެ.

"އަހަރެން މިކަމަށް އެއްބަސްވީ، މީ އެއްވެސް މީހަކަށް ގެއްލުމެއް ލިބޭނެ ކަމެއް ނޫނޭ ޝުކޫރުބޭ ބުނީމަ... އެކަމަކު އަހަންނަށް ހީވަނީ، މިކަމުން އެތައް ބަޔަކަށް އެބަ ގެއްލުން ލިބޭހެން... އަނެއްކޮޅުން އަހަރެން މިހާރު މިހުރީ މިކަންތައް ގަނޑުގެ ތެރޭގައި ރަނގަޅަށް ތާށި ވެފައި..." ވިކްޔަން ވާހަކަ ދެއްކީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލައިގެން ހުރެ، އޭނަ ދެކޮޅަށް ހިނގަން ފެށި އެވެ. އޭނަ ވިސްނަމުން ދިޔައީ، އެ ކަންތައް ޒެންހާއަށް އެނގުމުން، ވާނެ ގޮތަކާއި މެދުގަ އެވެ.

"ވިކްޔަން އިހަށް އަޑު އަހާބަލަ..." ޝުކޫރު ހާސްވެފައި ބުންޏެވެ.

"އަޑުއަހާށޭ... އަހަރެން ކުރި ސުވާލުގެ ޖަވާބު ޝުކޫރުބޭއަށް ދެވޭނެތަ؟... އެންމެ ރަނގަޅު، ޒެންހާގެ ބައްޔެއް ހުރި ވާހަކަ އަހަންނަށް ސިއްރު ކުރީ ކީއްވެ؟..." ވިކްޔަންގެ ސުވާލުތަކަކަށް ނިމުމެއް ނައެވެ.

"އަހަރެން ލައްވާ އެ ވަރުގެ ލިޔުންތަކެއް ޒެންހާއަށް ދިނީ ކީއްކުރަން ހޭ؟... މިވަރުގެ ކަމެއް ކަން އެނގުނު ނަމަ، އަހަރެން ހަމަ ހުވާކޮށްފަ މިބުނީ އެކަމާ ޙަވާލެއް ނުވާނަން ކަން... އެކަހަލަ ކަމެއް ކުރަން ފުރުޞަތެއް ވެސް ނުދޭނަން..." ވިކްޔަންގެ އަޑު ކުރިއަށްވުރެ، ބާރު ވިއެވެ.

ޒެންހާ އުޅުނު ޙާލު އެނގި، އޭނަގެ ހިތުގައި ޖެހިފައި ވަނީ މާ ވަރަކަށެވެ. އެ ހިތަށް ލިބިފައިވާ ފުން ޒަޚަމަކީ އޭނަގެ ސަބަބުން ލިބުނު ޒަޚަމެއް ކަމުގައި ވިކްޔަން ޤަބޫލު ކުރި އެވެ. އެކަމާއި އަމިއްލަ ނަފުޞު ކުށްވެރި ކުރެވުނު ވަރުން، އެހެން ހުރިހާ ކަމެއްގެ މަތީން އޭނަ ވަނީ ހަނދާން ނެތިފަ އެވެ.

ޝުކޫރަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އެއް ކަމަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއް ކަމެއް ލައިގަތީ އެވެ. އޭނަ ގެއިން ނުކުތީ، ކިއާރާގެ ކަންތަކާއި ސިކުނޑި ސުމަކަށް ގޮސްގެންނެވެ. އަނެއްކާ އެ ޖެހުނީ ވިކްޔަންގެ ކަންތަކާއި ވިސްނައި، އޭނަ ރުއްސޭނެ ގޮތެއް ހޯދާށެވެ. ވިކްޔަން އަކީ އެހާ ފަސޭހައިން ގޮތް ދޫކުރާނެ މީހެއް ނޫން ކަން އޭނައަށް ރަނގަޅަށް އެނގެ އެވެ. އޭނަ ހާސްވީ އެކަމާ އެވެ.

"އަހަރެން ކީއްކުރަން ޒެންހާއަށް ދެރައެއް ދޭންވީ؟... ޒެންހާއަށް ހަޤީގަތް އެނގެން ޖެހޭތީ އޭ އަހަރެން އެކަން ކުރީ..." ޝުކޫރު ވާހަކަ ދެއްކީ ވިކްޔަން އެއްޗެކޭ ނުބުނެ އިރުކޮޅެއް ހޭދަވި ފަހުންނެވެ.

"މީހުން ހަޤީގަތް ހާމަކުރާނެ ގޮތްގޮތް ހުންނާނެ... އެކަމަކު، ޝުކޫރުބޭ ތި ކަންތައް ކުރީ ޒެންހާއަށް ހެޔޮ އެދިގެނެއް ނޫން... އެހެން ނޫންނަމަ، ނޭނގުމެއްގެ ތެރެއިން އަހަރެން ލައްވާ މިވަރުގެ ކަމެއް ނުކުރުވީސް... އަހަރެން އިތުރަށް ދައްކާނެ ވާހަކަ އެއް ނެތް... މިކަމުގެ ތެރޭގަ ޝާމިލު ވާކަށް ބޭނުމެއް ނޫން..." އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލާފައި ވިކްޔަން ފޯނު ކަނޑާލި އެވެ.

"އާރްރްރް... އާރްރްރްރް..." ފައިދަށުގައި އޮތް ލަކުޑިކޮޅެއްގައި ފައިން ޖަހައި، ބުރުވައިލަމުން ޝުކޫރު ހަޅޭއްލަވައިގަތެވެ.

ހަތަރު ފަރާތުން އައިސް އޭނަ ބައްދާލިހެން ޝުކޫރަށް ހީވި އެވެ. ވިކްޔަން އަކީ އެފަދަ ކަމެއްގައި އޭނަ އެންމެ އިތުބާރު ކުރާ މީހާ އެވެ. ވިކްޔަން އޭނަ އާއި ދެކޮޅު ވުމުން ދެން ހެދޭނެ ގޮތަކަށް ވިސްނަން އޭނައަށް މަޖުބޫރު ކުރުވައިފި އެވެ.

********

"ޒެންހާ އައިމް ސޮރީ... ޒެންހާއަށް އެކަން ސިއްރު ކުރުން އެއީ އަހަރެން ބޭނުންވި ގޮތެއް ނޫން... އެއީ ޒެންހާގެ ބައްޕަ މެން ބޭނުންވި ގޮތް..." މިޝަލް ބުންޏެވެ.

ހިތަށް އެރި އެއްޗަކުން، ޒެންހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށެވެ. ލިބުނު އުފާވެރިކަން ގެއްލުނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އޭނަ މިޝަލްއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"އަހަރެން ސުވާލެއް ކޮށްފިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟..." ޒެންހާގެ އަޑު މަޑެވެ.

މިޝަލް ބޯޖަހާލި އެވެ. އޭނަ ނުތަނަވަސްވީ ޒެންހާ ކުރަން އުޅެނީ ކޮންކަހަލަ ސުވާލެއް ކަން އެނގުމުންނެވެ.

"މިޝަލް އަހަންނާ މެރީ ކުރީ، ކީއްވެ؟..." ޒެންހާ އެއްވެސް ޖެހިލުމެއްނެތި، ސުވާލު ކުރި އެވެ.

މިޝަލް ހުއްޓުން އެރި އެވެ. ބުނާނެ އެއްޗެއް ނޭނގި، ކޮށި އަރާ ގޮތްވި އެވެ. ޒެންހާ އާއި ކުރިމަތިލާން ނުކެރިގެން، އޭނަ އަވަހަށް އިސްޖައިލީ އެވެ.

"އެއީ އެއްވެސް މީހަކު ބުނެގެން ކުރި ކަމެއްތަ؟..." ޒެންހާ އަނެއްކާ ވެސް ސުވާލު ކުރި އެވެ.

"މިޝަލް!... އަހަރެން ބޭނުން ޖަވާބެއް..." މިޝަލް އެއްޗެއް ނުބުމުން، ޒެންހާ އާދޭހާއިއެކު އެދުނެވެ.

މިޝަލް އެއްޗެއް ބުނަން އަނގަ ހުޅުވައިލި އެވެ. އެކަމަކު އެ ހިތްވަރެއް އޭނަ އަކަށް ނުލިބުނެވެ. ބުނަން ޖެހޭ ވާހަކައިގެ ބާވަތުން އޭނަ ޖެހިލުން ވަނީ އެވެ. ޒެންހާދެކެ ލޯބި ނުވިޔަސް، އެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނައަށް ޒެންހާގެ އިޚްސާސްތަކާއި މެދު ވިސްނެން ފަށައިފި އެވެ.

"އެންމެ ރަނގަޅު... އަހަންނަށް މިޝަލްގެ ޖަވާބު ލިބިއްޖެ..." ކަރުނަތައް ފޮހެލާފައި ހިނިތުންވެލަން މަސައްކަތް ކުރަމުން ޒެންހާ ބުންޏެވެ.

އޭނަ މިޝަލްއަށް ފުރަގަސް ދިނެވެ. އެ މޫނުމަތީގެ ކުލަވަރު މިޝަލްއަށް ފެންނަން އޭނަ ބޭނުން ނުވީ އެވެ.

"މިޝަލްގެ ތި ހެޔޮ ކަމަށް، ޝުކުރު އަދާކުރާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގޭ..." ފުން ނޭވާ އެއް ދޫކޮށްލަމުން ޒެންހާ ވާހަކަ ދައްކަން ފެށި އެވެ.

"އަލުން ޓެސްޓްތައް ހަދާފަ، ޑޮކްޓަރަށް ދައްކާ ނިމުނުހާ އަވަހަކަށް މާލެ ދާނީ... މިޝަލް ހާސްނުވޭ... މިޝަލްއަށް އަހަންނާއި އެކީ އުޅެންޖެހޭނީ މާލެ ދެވެންދެން... އޭގެ ފަހުން..."

ޒެންހާއަށް އޭނަގެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނަ ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ.

"އޭގެ ފަހުން... މިޝަލް އަހަރެންގެ ކައިރިން މިނިވަން ވާނެ..." ހުއްޓަމުން ކަހަލަ ގޮތަކުން ވިޔަސް، ޒެންހާ އޭނާގެ ޖުމްލަ ފުރިހަމަ ކުރި އެވެ.

އަޑުއަހަން ހުރިއިރު، މިޝަލްގެ ހިތަށް ތަދުވަނީ އެވެ. ޒެންހާ ބުނި ކޮންމެ ލަފުޒަކުން އެ ހިތުގައިވާ ޒަޚަމު ފުންވަމުން ދިޔަ އެވެ.

ކަރުނަތައް ހިންދައިލާފައި، މިޝަލް އާއި ދިމާއަށް ޒެންހާ އެނބުރުނެވެ. އޭރު އެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ކަރުނައިން ދެ ލޯ ފުރިފައި ވިޔަސް، އޭނަ ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ. ޒެންހާ އުޅުނީ ފާޚާނާ އާއި ދިމާއަށް ހިނގައިގަންނާށެވެ.

"ޒެންހާ..." މިޝަލް ގޮވާލުމުން ޒެންހާ ހުއްޓުނެވެ.

"އަހަންނަށް ހީވަނީ، މީ ކޮންމެވެސް މީހަކު ރާވައިގެން ކުރާ ކަމެއް ހެން..." މިޝަލް ވާހަކަ ދެއްކީ އަމިއްލަ ނަފުޞު ހަމައަކަށް އަޅުވަމުންނެވެ.

********

"ކާކު؟..." ފޯނު ކަންފަތުގައި ޖައްސައިލި އީމާގެ އަޑުގައި ވީ ފޫހި ކަމެވެ.

"ކައިނާން..." ކައިނާންގެ ޖަވާބު އަވަހެވެ.

"ނައިން އަށް ތައްޔާރުވާށޭ ބުނަން ވެގެން..." އީމާ އެއްޗެއް ނުބުނުމުން ކައިނާން ބުންޏެވެ.

"ބޮލުގަ ރިއްސާތީ މިއުޅެނީ..." އީމާ ދިނީ ކުރު ޖަވާބެކެވެ.

"އޯހް... ބޭސް ކައިފިންތަ؟... ނެތިއްޔާ ގެންގޮސްދެންތަ؟..." ކައިނާން އަވަސް އަވަހަށް ބުންޏެވެ.

"މިވަގުތު ފޯނު ބާއްވާލާނަން..." އީމާ ފޯނު ކަނޑާލީ، ކައިނާންއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ އެވެ.

އެކި ފިކުރުތަކުގައި އޮތް އީމާގެ ފޯނަށް މެސެޖެއް އައެވެ. އޭނައަށް ފުންމައިގެން ތެދުވެވުނީ، މިޝަލްގެ ފޯނުން މެސެޖު ކޮށްފައި އޮތީ، ޒެންހާ ކަން އެނގުމުންނެވެ. ޒެންހާ އެދިފައި އޮތީ، ހުސްވަގުތެއް ވުމުން އޭނައަށް ގުޅާލަ ދިނުމަށެވެ. އީމާ ވަގުތުން މިޝަލްގެ ނަންބަރަށް ގުޅި އެވެ. ފޯނު ނެގީ ޒެންހާ އެވެ.

"އީމް!... ކިހިނެތްތަ؟..." ޒެންހާ ސުވާލު ކުރި އެވެ.

ދެން ޙާލު ބަލާނެ ކަމެއް ނެތެއްނު... ހަނީމޫނަށް ދެވުނީމަ އަހަރެން މަތިން ހަނދާން ވެސް ނުވި ވިއްޔަ... މިހާރު ލަންކާ ފެން ބޮވުނީ ދޯ؟..." ހިތާމަތައް އެއްފަރާތް ކޮށްފައި، އީމާ ވާހަކަ ދެއްކީ، އާދައިގެ މަތިން އޭނަ ޒެންހާ އާއި ވާހަކަ ދައްކާ ސަމާސާ ރާގުގަ އެވެ.

"އީމް... ސޮރީ... ވަރަށް ބޮޑަށް ސޮރީ..." ޒެންހާއަށް ރޮވުނެވެ.

"އޭތް ޒެނީ... އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ... ދެން އަހަންނަށް ވެސް އެނގޭނެ ދޯ ޒެނީ އަހަރެން މަތިން ހަނދާން ނައްތާ ނުލާނެ ކަން..." އީމާ ހާސްވީ ޒެންހާ ރޯކަން އެނގުމުންނެވެ.

އީމާ ހީކުރީ ޒެންހާ އެހެން ބުނީ އޭނަ ދެއްކި ވާހަކަ އަކުން ކަމަށެވެ. އެކަމަކު ހަޤީގަތަކީ ޒެންހާ ދެރަވީ، އެންމެ ގާތް އެކުވެރިޔާގެ ޙައްޤެއް ޖަހައިގަނެވިގެން އުޅޭ ކަމުގެ އިޚްސާސް ކުރެވުމުން ކަމެވެ.

"އީމް އަހަންނަށް އިތުބާރު ކުރައްޗޭ... އީމްއަށް ދެރަވާ ގޮތަކަށް އަހަރެން ކަމެއް ނުކުރާނަން..." ޒެންހާގެ އަޑު ނުކުތީ ކެނޑިކެނޑި ގެންނެވެ.

ވާހަކަ ދައްކަމުން ދިޔައިރު، ދޭތެރެއަކުން ނޭފަތް ދަމާލަ އެވެ. ކިތަންމެ ފޮރުވަން އުޅުނަސް، ޒެންހާ ރޮނީ ކަން އީމާއަށް އެނގުނެވެ. އެކަމާއި އޭނަ އިނީ ހާސްވެފަ އެވެ. އޭނައަށް ވިސްނުނީ، މިޝަލް އާއި ޒެންހާ އާއި ދެމެދު ކޮންމެވެސް ކަމެއް ހިނގައިފި ކަމުގަ އެވެ. ސުވާލު ކުރަން ބޭނުންވިޔަސް، ކަންތައް ވެފައި އޮތްގޮތުން، އޭނައަކަށް އެ ހިތްވަރެއް ނުލިބުނެވެ.

"އީމް... އަހަރެން ފަހުން ގުޅާނަން އިނގޭ..." ޒެންހާ އުޅުނީ ފޯނު ބާއްވާށެވެ.

"ޒެނީ މަޑުކޮށްބަލަ... ކީއްވެތަ އެހާ އަވަހަށް ފޯނު ބާއްވަން ތިއުޅެނީ؟... މިހާ ދުވަސްކޮށްފަ ގުޅީމަ، ޒެނީގެ ޙާލު އެނގެން، އަހަރެން ވެސް ބޭނުންވާނެ ދޯ..." އީމާ ދެރަވެލާފައި ބުންޏެވެ.

"އަހަރެން ދޯ... އީމް ހާސްނުވޭ... މާތްﷲގެ އިރާދަފުޅުން އަހަރެން މިހުރީ ގަދަވެ ސަލާމަތުން..." ފުން ނޭވާ އެއް ދޫކޮށްލަމުން ޒެންހާ ވާހަކަ ދެއްކި އެވެ.

އީމާ ހައިރާންވެގެން ސުވާލު ކުރަން ފެށުމުން، ރިޕޯޓުތަކަށް ވީ ގޮތުގެ ވާހަކަ ޒެންހާ ކިޔައިދިނެވެ. ރިސޯޓުގައި ހުއްޓައި އެ ލިޔުންތައް ގެއްލުނު ވާހަކަ އާއި ކުޑަ ކުއްޖަކު އައިސް ރިޕޯޓްތައް އޭނަގެ އަތަށް ދިން ވާހަކަ އެވެ. އެ ކޮޅުން ހެއްދި ޓެސްޓް ތަކުގައި އެއްވެސް މައްސަލަ އެއް ނެތް ވާހަކަ ބުނުމުން، އީމާގެ ހައިރާންކަން އިތުރު ވިއެވެ. މިޝަލް ދެއްކި ވާހަކަ އޭނައަށް ވިސްނުނީ ދެނެވެ.

ޒެންހާ ފޯނު ބޭއްވުމުން ވެސް އީމާއަށް ވިސްނުނީ އެކަމާއި މެދުގަ އެވެ. ކުއްލިއަކަށް ހަނދާނަށް އައި އެއްޗަކުން އޭނަގެ ތަބީޢަތު ބަދަލު ވެއްޖެ އެވެ. އެ ދުވަހުގެ މަންޒަރުތައް ލޯ ކުރިމަތީގައި ތަކުރާރު ވެގެން ދިޔަހެން އީމާއަށް ހީވި އެވެ.

"ޝުކޫރުބެ..." އީމާއަށް ހިތާއިހިތުން ކިޔާލެވުނެވެ.

އެކި ފިކުރުތަކުގައި އިން އީމާގެ ހަނދާނަށް އައީ ކައިނާންގެ ބޭބެއަކު އެ ރިސޯޓުގައި މަސައްކަތްކުރާ ކަމަށް ބުނެފައިވާ ވާހަކަ އެވެ. އޭނަ ފުންމައިގެން ތެދުވެ، ގަޑި ބަލައިލި އެވެ. ގަޑިން ނުވައެއް ޖަހަން ބަރާބަރު ތިރީސް މިނެޓެވެ. އިރުކޮޅަކު ވިސްނައިލާފައި ކައިނާންގެ ފޯނަށް އޭނަ މެސެޖެއް ފޮނުވައިލި އެވެ. ކޮފީއަށް ދިޔުމަށް އޭނަ ތައްޔާރަށް ހުރި ވާހަކަ ބުނެ ފޮނުވި އެ މެސެޖު ލިބުމާއިއެކު، ކައިނާން އޭނައަށް ގުޅައިފި އެވެ.

(ނުނިމޭ)

ކޮމެންޓް 0