ގޭތެރެއަށް ވަދެގެން އައި ސިތުނާގެ ނޭފަތުގައި ޖެހުނީ، އެއްޗެއް އަނދާ ވަހެވެ. އޭނަ ދުވެލާފައި ގޮސް ބަދިގެއަށް ވަންއިރު، ޒެންހާ ހުރީ އުނދުން ކައިރީގަ އެވެ. މުޅި ބަދިގޭގައި ވަނީ ދުމުގެ އަސަރެވެ. އުނދުން މައްޗަށް އުދާފައިވާ ރިހަތެލި އަނދައިގެން، އެތަނުގައި ނުހުރެވޭ ވަރަށް، ވަނީ ވަސް ގޯސްވެފަ އެވެ. އެވަރު ވީއިރުވެސް، އެއް ދިމާލަކަށް ބަލަހައްޓައިގެން ޒެންހާ ހުއްޓެވެ. ތެމިފައިވާ އެސްފިޔަތައް ވެސް އޭގެ ވާޖިބު އަދާކުރަން ހަނދާންނެތިފައިވާ ކަހަލަ އެވެ.

********

"ގެނޭ އަހަރެން އަތަށް..." ޒެންހާގެ އަތުގައި އޮތް ދޭފަތް އަތުލަމުން ސިތުނާ ބުންޏެވެ.

ޒެންހާ އިންކާރެއް ނުކުރެ އެވެ. އޭނަ މަޑުމަޑުން ފަސްއެނބުރުނެވެ. އޭރުވެސް ހުރީ އިސްޖަހާލައިގެންނެވެ.

ސިތުނާ އޭނަގެ ދެލޯ މަރާލީ ހިތަށް ކުރި އަސަރަކުންނެވެ. ލަންކާއިން އައިފަހުން، ޒެންހާގެ ހާލަކީ އެއީ އެވެ. މާގިނައިން މީހުންނާ ވާހަކަ ދައްކައެއް ނުހަދަ އެވެ. މީހަކު ގުޅިޔަސް، ފޯނެއް ނުނަގަ އެވެ. ވަޒީފާއަށް ދިޔުން ވެސް ހުއްޓައިލި އެވެ. މިޝަލް އަޔަސް، ކޮޓަރިއަކުން ނުނުކުމެ އެވެ. ބޭރުގައި އިންދާ އައިސްފިނަމަ، އަވަހަށް އެތަނަކުން ދެއެވެ. ވާހަކައެއް ދެއްކިޔަސް، އަމިއްލަ ނަފުސު ކުށްވެރި ކޮށްފައި ނޫނީ އެއްޗެއް ނުބުނެ އެވެ.

ބަދިގެ ދޮރުމަތީގައި މީހަކު ހުރިކަން ޒެންހާއަށް އެނގުނީ، އެހިސާބަށް ދިޔަ ފަހުންނެވެ. އެއީ ކާކުތޯ ބެލުމުގެ ޝައުޤެއް އޭނަގެ ނެތެވެ. އޭނަ މަސައްކަތް ކުރީ އެތަނުން ނުކުންނާށެވެ. އެމީހަކު ދޮރުމަތިން ދުރަކަށް ނުދިޔަ އެވެ. ފައިން ފެށިގެން އެމީހެއްގެ މޫނާ ހަމައަށް ޒެންހާގެ ނަޒަރު ދަތުރުކޮށްލީ ދެނެވެ. އޭނައަށް ސިހުން ލިބުނީ ކުރިމަތީގައި ހުރި މީހެއްގެ މޫނު ފެނުމުންނެވެ. ވަގުތުން ދެލޯ ރަތްވެ، ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގެންފި އެވެ.

"ޒެނީ!..." އީމާގެ އަނގައިން ނުކުތީ ވޭނީ އާހެއްގެ އަޑެވެ. އެތައް ދުވަހަކަށްފަހު، އެކުވެރިޔާ އާ ބައްދަލުވީއިރު، ދިރުން ނެތިފައިވާ އެ ހަށިގަނޑު ފެނި، އެ ހިތް ކުދިކުދި ވެއްޖެ އެވެ. ގަޔަށް ދޫކޮށް ހުރި ކަޅު އަބާޔާ ހެދުމާއި، ބުރުގާގައި ޒެންހާ ހީވަނީ، މުޅީން ތަފާތު މީހެއް ހެންނެވެ. ދިރުން ނެތިފައިވާ އެ ހަށިގަނޑުގައި ވޭނެއް ބަރުދާސްތު ކުރެވޭނޭ ހަކަތަވެސް ނެތް ކަހަލަ އެވެ.

ޒެންހާގެ ދެކޮނޑުގައި ހިފައި ގާތަށް ދަމާލިއިރު، އީމާއަށް ވެސް ރޮވިއްޖެ އެވެ. އެކުވެރިޔާގެ ގައިގައި އޭނަ ބައްދާލީ، ނުހަނު ލޯބިންނެވެ. ޖެހި ބުދެއްހެން، ގުޑިވެސްނުލައި ޒެންހާ ހުއްޓެވެ. ކުށްވެރިވެފައިވާ ކަމުގެ އިހުސާސުން، އޭނަގެ މުޅި ނަފުސު ރޮނީ އެވެ. އެކުވެރިޔާއާ އެހާ ގާތުގައިވާން އޭނަގެ ޒަމީރު ދެކޮޅު ހެދި އެވެ.

"ޒެނީ!... ކީއްވެތަ އެއްޗެއް ނުބުނަނީ؟... އަހަރެން ހާދަ ހާސްވެފައޭ މިހުރީ..." ކަންބޮޑުވެފައި ހުރި ވަރުން، އީމާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. "އަހަންނަށް މަޢާފު ކުރޭ ޒެނީ... އެކުވެރިއެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު، އަހަންނަށް ޒެނީގެ ކައިރިއަކު ނުހުރެވުނު... އައިމް ސޯ ސޮރީ..." ރޮވޭވަރުން ވާހަކަ ދައްކަން އީމާއަށް އުނދަގޫ ވިއެވެ. ދެމީހުން ބައްދަލުކުރުމުގެ ފުރުސަތު ނުދިނީ ޒެންހާ ކަމުގައި ވިޔަސް، އީމާއަށް ކުށްވެރި ކުރެެވެމުން ދިޔައީ އޭނަގެ އަމިއްލަ ނަފުސެވެ.

"ނޫން ނޫން..." ޒެންހާ ކުއްލިއަކަށް އީމާއާ ދުރަށްޖެހުނެވެ. އެ އަމަލުން އީމާއަށް ސިހުމެއް ލިބުނެވެ. ޒެންހާގެ މޫނަށް އޭނަ ބަލައިލީ، އެދުރުކަމުން ނަގަންވީ މާނައެއް ނޭނގިފަ އެވެ.

"ކުށްވެރިއަކީ އަހަރެން..." ޒެންހާގެ ހިތްވަރު އެލުނެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނަގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެންމެ ގާތް އެކުވެރިޔާގެ އުފާތައް ފޭރިގަތީ އަހަރެންގެ މިދެ އަތުން... މިޝަލްދެކެ ވެވުނު ލޯބީގައި، އެކުވެރިޔާގެ އިހުސާސްތަކާ މެދު، އަހަންނަކަށް ވިސްނައެއް ނުލެވުނު... އެދުވަހު އަހަރެން ކުޑަކޮށްވެސް ވިސްނައިލި ނަމަ، ތި ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާކަން އެނގުނީސް ކަންނޭނގެ.... އީމް!... އަހަންނަކީ ހަމަ މިހާ އަމިއްލަ އެދުން ބޮޑު މީހެއްތަ؟..." ޒެންހާ ގިސްލާފައި ރޯން ފެށި އެވެ. ނޭފަތް ދަމަމުން އޭނަ ވާހަކަ ދައްކަމުން، ދިޔައިރު، ތަކުރާރުކޮށް އީމާގެ ކިބައިން މަޢާފަށް އެދެމުން ދިޔަ އެވެ.

"ނޫން ޒެނީ... ވެދިޔަ އެއްވެސް ކަމެއްގައި ޒެނީގެ ކުށެއް ނެތް... މީ ތަޤުދީރުގެ ނިޔާ... ދެމީހުންނަށް ވެސް އެކަކުދެކެ ލޯބި ވެވުނީ... އަހަރެން މިޝަލްދެކެ ލޯބިވާކަން ކުރިން ޒެނީއަށް އެނގުނުނަމަ ޒެނީ ވެސް ކަންތައް ކުރާނީ، ހަމަ އަހަރެން ވެސް ކަން ކުރި ގޮތަށް... އެއީ އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގާތް އެކުވެރި ކަމެއްގެ ސަބަބުން، އެކަންތައް ވާނެ ގޮތް..." ޒެންހާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އީމާ ދޫކޮށްލީ ފުން ނޭވާ އެކެވެ. އޭނަ ބޭނުންވީ، ޒެންހާއަށް ޔަޤީންކަން ދޭށެވެ.

"ޒެނީ!... މިއަދު އަހަންނަށް ވެސް ދިރިއުޅުމެއް ލިބިއްޖެއޭ... މިޝަލްގެ މަތީން ހަނދާން ނައްތާލާފައި، ދިރިއުޅުމެއް ފަށައިގެން އަހަރެން ވެސް މިހާރު މިއުޅެނީ... އެންމެންނަކަށް ލޯބިވާ މީހުންނެއް ނުލިބޭނެ... މީގައި މުހިއްމީ، ތިމާ ލޯބިވާ މީހަކަށްވުރެ، ތިމާދެކެ ލޯބިވާ މީހަކު ހޯދުން... މިޝަލްއަކީ ޒެނީގެ ފިރިމީހާ... އެއީ މިހާރު ހަމައެކަނި ޒެނީގެ ޙައްޤެކޭ... އަހަރެންގެ ދުލުން މިހެން ބުނީތީ ވެސް ޤަބޫލު ކުރޭ... ޕްލީޒް..." އީމާ މަސައްކަތް ކުރީ ޒެންހާއަށް ވިސްނައިދެވޭތޯ އެވެ.

ޒެންހާ ދެފަރާތަށް ބޯ ހޫރަމުން ދިޔަ އެވެ. އީމާ އެ މަސައްކަތް ކުރަނީ އޭނަގެ ދިރިއުޅުން ނަގައި ކޮޅަށް ޖަހައިދޭންކަން އޭނައަށް އެނގުނެވެ. އޭނައަށް ޓަކައި އީމާ އޭނާގެ އަމިއްލަ އުފާތައް ޤުރުބާން ކުރަންވެސް ފަސްނުޖެހޭނޭކަން އެނގޭތީ ޒެންހާގެ ހިތް ތޮރުފަމުން ދިޔަ އެވެ. އެކުވެރިޔާގެ ގައިގައި ހިފަހައްޓަމުން ކަހަލަގޮތަކަށް އޭނަ ހުރިތަނަށް ތިރިވި އެވެ. އީމާ މިޝަލްދެކެ ލޯބިވާކަން އެނގިހުރެ، އެކުވެރިޔާގެ ޙައްޤަކަށް އޭނަ އަރައެއް ނުގަންނާނެ އެވެ. އެހުރިހާ ދުވަހު އެންމެނަށް ފިލައިގެން އޭނަ އުޅުނީވެސް، އެ ސަބަބަށްޓަކަ އެވެ. މިޝަލްއާ ދުރަށް ދާން އުނދަގޫ ވެދާނެތީ އެވެ.

"މިޝަލްއަކީ އީމްގެ ޙައްޤެކޭ... އަހަރެން ލޯބިވުމުގެ މާކުރިން، ތިދެމީހުން އެކަކު އަނެކަކުދެކެ ލޯބިވީ... އެކަމަކު އަހަރެން އެތަނަށް ވަދެ، ތި ދެމީހުންގެ ޙައްޤު ނިގުޅައިގަތީ..." ޒެންހާ ޤަބޫލެއް ނުކުރި އެވެ. އޭނަ ތަކުރާރުކޮށް އަމިއްލަ ނަފުސު ކުށްވެރި ކުރަމުން ދިޔަ އެވެ.

އީމާއަށް ގޮތް ހުސްވިއެވެ. ޒެންހާގެ ދެކޮނޑުގައި ހިފައި ނަގަމުން އޭނަ އެދުނީ އެ މޫނަށް ބެލުމަށެވެ.

"އަހަންނަކީ މިހާރު މީހެއްގެ އަނތްބެއް... މިޝަލްގެ ލޯބި އަހަރެން މިހާރު ބޭނުމެއް ނޫން..." އީމާ ދެން ހާމަކޮށްލި ހަޤީޤަތަކުން ޒެންހާ ހުއްޓުން އެރި އެވެ.

އޭނަ ދެލޯ ބޮޑުކޮށްލަމުން އީމާގެ މޫނަށް ބަލައިލި އެވެ. އީމާ ވަގުތުން ބޯ ޖަހާލި އެވެ. އޭނަ ޒެންހާގެ އަތުގައި ހިފައިގެން ނުކުތީ، ބޭރަށެވެ. ދުވާރުމަތީގައި ފިރެހެނަކު ހުއްޓެވެ. އީމާ ގޮސް ހުއްޓުނީ އެމީހާގެ ކުރިމަތީގަ އެވެ.

"މީ މިޔާހް... އަހަރެންގެ ފިރިމީހާ..." މިޔާހް ދައްކައިލަމުން އީމާ ބުންޏެވެ.

އެއްފަހަރު އީމާއަށް އަނެއްފަހަރު މިޔާހަށް ބަލަން ޒެންހާ ހުއްޓެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ.

********

ވިކްޔަން އާއި މިޝަލް ތިބީ ކޮފީ އެއްގަ އެވެ. ދެމީހުން ވެސް ދައްކަމުން ދިޔައީ، ދިރިއުޅުން މިހާރު ގޮސްފައިވާ ހިސާބުގެ ވާހަކަ އެވެ.

"މިކޮޅަށް އައިސް ހަފުތާއެއް އަދި މިވީ... މިހާރު މިހުރީ ފޫހިވެގެން ހަލާކުވާވަރު ވެފައި... ހާދަ ފޫހި ތަނެކޭ މާލެ މީ... ރާއްޖެތެރޭ ރަށަކަށް ނައްޓާލަންވީ..." ލުއި ހިނިގަނޑެއް ޖަހައިލަމުން ވިކްޔަން ބުންޏެވެ.

"އަހަރެންވެސް އެބަ ވިސްނަން ތިކަމާ... މިކޮޅަށް އައިފަހުން ވެސް މިހާރު ތިން މަސް ވަނީ... ކުރިންވެސް މާލޭގައި އުޅެން ބޭނުންނުވާތީ، ރާއްޖެތެރެއަށް ދިޔައީ.... ދެން އަނެއްކާވެސް މި ވިސްނަނީ ކޮންމެވެސް ދިމާލަކަށް ދާން..." މިޝަލް އޭނާގެ ފަހު ޖުމްލަ ބުނީ މާޔޫސްވެފައިވާ ރާގަކަށެވެ. ޒެންހާގެ ދުރުކަމުން، ދިރިއުޅުންމަތިން އޭނަ ފޫހިވާން ފަށައިފި އެވެ.

"ޝުކޫރުބޭ ބުނި، އަފްއާމުގެ ދަށުން ނަހީރައްތަ ކުރި ކުށަށް ލުއިތަކެއް ދިން ވާހަކަ... މިޝަލްގެ ބޮޑުބޭބެގެ ޚަބަރެއް ނުލިބޭތަ؟... ޖަލުން މިނިވަންވާނެ ދުވަހެއް ނުބުނޭތަ؟..." ވިކްޔަން ސުވާލު ކުރި އެވެ.

"ބޮޑުބޭބެ ވެސް ހުރީ ދެރަވެފައި... އެކަމަކު، މިފަހަރު އަފުއާމުގައި އަޅައިގަންނަ ގޮތެއް ނުވި..." ބޮޑުބޭބެއާ ބައްދަލުކުރުމަށް ދިޔަ ދުވަސް ހަނދާން ކުރަމުން މިޝަލް ބުންޏެވެ.

"މިޝަލް!... އަދިވެސް ޒެނީ ހަމަ އެގޮތުގަތަ؟... އަނގަޔަކުން ނުބުނޭ؟..." ކުއްލިއަކަށް ވިކްޔަން ކުރި ސުވާލަކުން މިޝަލް ކޮށިއަރާގޮތްވި އެވެ.

ހަމަޖެހިލުމަށް މަސައްކަތް ކުރަމުން، އޭނަ ބޯ ޖަހާލި އެވެ. ދައްކަންޖެހޭ ވާހަކައިގެ ބާވަތުން، މިޝަލްއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ.

"ޒެންހާ ބޭނުންވަނީ ޑިވޯސްވާން... އެކަމަކު، ވަރިއަކީ ހައްލެއް ނޫނެއްނު... އަހަރެން ފެންނަ ހިސާބަށް ވެސް ނާދޭ... އަހަރެން ކިހިނެތް ދެން ވިސްނަދޭނީ؟... އަހަރެންމީ ފިރިމީހާ... އެކީ އުޅެން އަހަރެން އެބަ ބޭނުންވޭ... ދެން އެހެން އަންހެނެއްގެ ވާހަކަ ކީއްކުރަން ދައްކަންވީ؟... އަހަންނަށް އަބަދުވެސް މިވަނީ މިހެން... އެންމެ ފުރަތަމަ އެހެން ހެދީ، ލޯބިވެރިޔާ... މިހާރު އަނބިމީހާ... ވިސްނާވިސްނާ ބޯ ހަލާކުވެއްޖެ..." މިޝަލް އޭނާގެ ނިތްކުރިމަތީގައި އަތުން ފިރުމައިލި އެވެ.

"އަހަރެން ޒެނީއާ ވާހަކަ ދައްކާލަންތަ؟..." ވިކްޔަން ކަންބޮޑުވެފައި އަހައިލި އެވެ.

"ނޫނޭ.." މިޝަލް އިންކާރު ކުރި އެވެ. އޭނަ އިތުރު އެއްޗެއް ބުނުމުގެ ކުރިން ފޯނު ރިންގްވާން ފަށައިފި އެވެ. އިސްކުރީނަށް އަރާފައިވާ ނަން ފެނުމުން، އޭނައަށް ބަލައިލެވުނީ ވިކްޔަން އަށެވެ. ގުޅީ އީމާ އެވެ. އޭނަ އެދުނީ ބައްދަލު ކޮށްލުމަށެވެ. ދާންވީ ތަނަކާއި ގަޑި ބުނެފައި އީމާ ފޯނު ބޭއްވީ އިތުރު އެއްޗެއް ބުނުމެއް ނެތި އެވެ.

********

ފިނިވަމުންދިޔަ އީމާގެ ދެއަތްތިލައިގައި ހިފައިލި މިޔާހް، އޭނަގެ އަނބިމީހާގެ މޫނަށް ބަލައިލީ، ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އޭނަ ވަޢުދުވީ ފަދައިން އީމާގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި އޭނަވެސް ބައިވެރި ވާނެ އެވެ. ބޭނުންޖެހޭ ކޮންމެ ވަގުތަކު އެންމެ ކައިރީގައި ހުރެދޭނެ އެވެ. އީމާ އެދުނު ފަދައިން އޭނަ އެ ގުޅުމުގެ އެކި ހަރުފަތްތައް ގިރާކުރާނީ ވެސް އެ އަންހެން ކުއްޖާ ހިތްއެދޭ ގޮތަށެވެ.

"އީމް!... އަހަރެން މިހުރީ ވަރަށް އުފަލުން... އިންޝާﷲ އަހަރެމެންގެ އަލަތު ދަރިފުޅު، މާދަމާ ލިބޭނެ... މިއޮތީ ލިޔުން... އަހަރެން މިއައީ ހުރިހާ ޑޮކިޔުމަންޓެއް ނިންމާފައި..." މިޔާހް އޭނާގެ އަތުގައި އޮތް ލިޔުންތައް އީމާގެ އަތަށް ލައިދިނެވެ. އޭނަ އުފާވެފައިވާވަރު، އެ މޫނުމަތިން ވެސް ފެންނަމުން ދިޔަ އެވެ.

ދަރިއެއްގެ އުފާ ލިބޭނޭ ދުވަހަކީ، އީމާ އެންމެ ދެކެން ބޭނުންވި ދުވަހެވެ. އޭނަގެ އެންމެ ބޮޑު ހުވަފެނެވެ. އަމިއްލަ ބަނޑުން އުފަން ނުކުރި ނަމަވެސް، ދަރިއަކު ބޮޑު ކުރުމަކީ އޭނަ މުޅި ޙަޔާތުގައި ވެސް އެންމެ ބޭނުންވި އެއް ކަންތަކެވެ. ދެލޯ ފެންކަޅިވެފައިވާ ޙާލު ލިޔުންތަކުގައިވާ ނަމާއި އޭގައިވާ ތަފުސީލުތައް އޭނަ ބެލި އެވެ. ތިން މަހުގެ އެ ތުއްތު އަންހެން ކުއްޖާއަކީ، މަސްތުވާ ތަކެތީގެ ޝިކާރައަކަށްވި، އަންހެނަކަށް ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެކެވެ. އަޅާލާނެ ބަޔަކު ނެތި، ޖެންޑާގެ ހަވާލުގައިވާ އެކުއްޖާ، އަމިއްލަ ދަރިއެއްގެ ގޮތުގައި ބޮޑުކުރަން އީމާ އޭނާގެ އަމިއްލަ ނަފުސަށް ވަޢުދު ވިއެވެ.

މިޔާހްގެ މޫނަށް ބަލަން ހުރި އީމާގެ ދެލޯ ފެންކަޅިވި އެވެ. މިޔާހަކީ އޭނަ ހީކުރި ވަރަށްވުރެ މާތް އިންސާނެކެވެ. އަޅާލުމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. މިޔާހުގެ ސަބަބުން ފުރިހަމަ އާއިލާއެއްގެ ލޯބި އޭނައަށް ލިބިއްޖެ އެވެ. ދަރިއަކު ލިބުމުން މަޙުރޫމްވެފައި ހުއްޓައި، އެ އުފާވެސް ހޯދައިދީފި އެވެ. އަމިއްލަ މަންމަ ފަދައިން މައުސޫމާ އޭނައަށް ލޯބި ދެއެވެ. ބަލިވެއްޖެނަމަ، ކައިރިން ދުރަށް ނުދެ އެވެ. އަރާމާއި އުފަލަކީ ކޮބައިކަން މިއަދު އޭނައަށް އެނގިއްޖެ އެވެ.

މިޔާހުގެ މޭގައި މޫނު ފޮރުވައިލި އީމާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކަކީ ލިބުނު އުފަލެއްގެ ސަބަބުން، އެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެކެވެ. އޭނަ މަޑުމަޑުން ފިރިމީހާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލި އެވެ. ހުއްޓުން އަރާފައިވާ މިޔާހަށް ހީވީ ހުވަފެނެއްގެ ތެރޭގައި އުޅެވެމުން ދިޔަ ހެންނެވެ. އެއީ އީމާގެ ފަރާތުން އެފަދަ ގާތްކަމެއް އޭނައަށް އިހުސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. އޭނަ ކެތްތެރިވެގެން ހުރީ އެދުވަހަށްޓަކަ އެވެ. އަމިއްލަ އުފާތަކަށްވުރެ އީމާގެ އުފާތައް އިސްކުރީ، އޭނަ އެ އަންހެން ކުއްޖާދެކެ ވާ ތެދުވެރި ލޯބީގެ ބާރުގަ އެވެ. ކެތްތެރިކަމުގެ މޭވާ ކިތަންމެހައިވެސް ފޮންޏެވެ.

********

ރޭގަނޑުގެ ވަގުތެވެ. އީމާގެ އިންތިޒާރުގައި މިޝަލް މަޑުކޮށްލައިގެން ހުރީ، ރެސްޓޯރަންޓްގެ ބޭރުގަ އެވެ. އޭނައަށް މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ސައިކަލެއް އައިސް، ދޮރުމައްޗަށް މަޑުކޮށްލައިފި އެވެ.

އީމާ ފެނުމުން، މާޒީގެ ހަނދާންތަކުން މިޝަލްގެ ހިތަށް އުނދަގޫ ކުރަން ފެށި އެވެ. އޭނައަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށީ މާ ވަރަކަށެވެ. ޖަޒުބާތުގައިޖެހި، ކިޔުނު އެއްޗެހީގެ މަތީން ހަނދާންވެ، ފެންކަޅިވާގޮތް ވިއެވެ. ފިރެހެނަކާ އެކު އީމާ ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ހައިރާންވި ނަމަވެސް، އެކަން މޫނުމަތިން ނުދައްކާ ވޭތޯ ބަލަމުން، އޭނަ އިސްޖަހައިލި އެވެ.

މިޔާހް ސައިކަލު ޕާކުކޮށްފައި އަންނަންދެން އީމާ މަޑުކޮށްލައިގެން ހުއްޓެވެ. މިޝަލްއާ ދިމާއަށް އޭނަ ހިނގައިގަތީ، މިޔާހާ އެކުގަ އެވެ. އީމާއަށާއި މިޔާހަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން، ރެސްޓޯރަންޓްގެ ތެރެއަށް އެންމެ ފުރަތަމަ ވަނީ މިޝަލް އެވެ.

ކޮފީއެއް ގެންނަން ބުނެފައި ތިން މީހުން ވެސް ގޮސް އިށީނީ، އެންމެ މީހުން މަދު ދިމާއެއްގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގަ އެވެ. މިޔާހުގެ މޫނުމަތިން ދެކެފަރިތަ ވައްތަރެއް ޖަހާތީ، މިޝަލް އިނީ އެކަމާ ވިސްނާށެވެ. މިޔާހަށް ވެސް ވީ އެވަރެވެ. ކޮންމެވެސް ތަނަކުން ދެމީހުން ބައްދަލުވެފައިވާ ކަން ހަނދާންވި ނަމަވެސް ކޮން ތަނެއްކަން ބުނެދޭކަށް އޭނައަކަށް ވެސް ނޭނގުނެވެ.

"މެޑިކަލް ކޮލެޖް..." އެއްޗެއް ހަނދާންވާ ފަދައިން، މިޔާހް ބުންޏެެވެ.

މިޝަލްގެ ހަނދާންތައް އެނބުރި އައީ ދެނެވެ. ޑަކުޓަރުކަން ކިޔަވަން އޭނަ ރާއްޖެއިން ބޭރުގައި އުޅުނުއިރު، މަސް ދުވަސް ވަންދެން އޭނަ މިޔާހްއާ އެކު، އެއް ގެއެއްގައި އުޅުނެވެ.

ދެ އެކުވެރިންގެ ސަބަބުން، އީމާ ދައްކަން އައި ވާހަކަ، ދެއްކޭ ވަރެއް ނުވި އެވެ. މިޔާހާއި މިޝަލްގެ ވާހަކަތަކެއް ނުނިމުނެވެ. ރާއްޖެއިން ބޭރުގައި ހޭދަކުރި ދުވަސްތަކާއި، ދިރިއުޅުމުގެ ކަންކަން ދެމީހުން ހިއްސާ ކުރަމުން ދިޔަ އެވެ.

"މީ އަހަރެންގެ އަންހެނުން... ތި ދެމީހުން ދަންނަނީ ކިހިނެތް؟..." މިޔާހު ސުވާލު ކުރީ އީމާ އަށާއި މިޝަލްއަށް ބަލައިލަމުންނެވެ.

ދެމީހުން ވެސް ހުއްޓުން އެރި އެވެ. އީމާއަށް ބަލައިލެވުނީ މިޝަލް އަށެވެ. ކައިވެނީގެ ކުރިން އޭނަ ވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއް މިޔާހަށް ކިޔައިދީފަ އެވެ. މިޝަލްގެ ވަނަވަރު ފިޔަވަ އެވެ.

"އެއީ މާޒީ... ދެން އެވާހަކަ ނުދައްކަމާ..." އީމާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ މިޝަލް ވާހަކަ ދައްކަން ފެށި އެވެ. މާޒީގެ ވާހަކަ ދައްކައިގެން މިޔާހުގެ ތަބީއަތު ގޯސްވާން އޭނަ ބޭނުން ނުވީ އެވެ. "އަހަރެން މިއަދު ވަރަށް އުފާވެއްޖެ... ހުރިހާ ނުތަނަވަސްކަމެއް ފިލައި ގޮއްސި... މިޔާހަކީ، އީމްއަށް އެންމެ އެކަށޭނަ މީހާ... ހުރިހާ ގޮތަކުން ވެސް އީމް އާ އެންމެ ގުޅެނީ މިޔާހް އާ... އަހަންނަށް ޔަޤީން މިޔާހްއާ އެކު އީމްއަށް އެންމެ އުފާވެރި ޙަޔާތެއް ލިބޭނެ ކަން..." މިޝަލް ހިނިތުންވެލި އެވެ.

މިޔާހަށް އެއްޗެއް ވިސްނުނީ ދެނެވެ. އީމާ އޭނަގެ ކައިރީގައި ދައްކާފައިވާ ވާހަކަތަކުން، މިޝަލްއަކީ ކާކުކަން އޭނައަށް ރަނގަޅަށް އެނގިއްޖެ އެވެ. އޭނަގެ ހިތުގައި ރިއްސައިލި އެވެ. އެހެނަސް، ދެމީހުންނަށް ވަކިން ވާހަކަ ދައްކާލާނޭ ފުރުސަތެއް ދޭން އޭނަ ބޭނުންވި އެވެ. ފާޚާނާއަށް ދިޔުން ބަހަނާއަކަށް ހަދާފައި އޭނަ އެތަނުން ދިޔަ އެވެ.

ފާއިތުވެދިޔަ ހިމޭންކަމުގެ ވަގުތުކޮޅަށް ފަހު، އިސްނެގީ މިޝަލް އެވެ.

"އީމް!... އައިމް ސޯ ސޮރީ... ކަންތައް ވީގޮތުން، އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ..." މިޝަލް އިސްޖަހާލީ ދެލޮލަށް ކަރުނަ ޖަމާވުމުންނެވެ.

އީމާ އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ވެދިޔަ ކަންތައްތަކުގައި މިޝަލްގެ ކުށެއް ވެސް ނެތެވެ. އެއީ އޭނަ ޤަބޫލުކުރާ ގޮތެވެ. ޒެންހާއާ ކައިވެނި ކުރުމަކީ މިޝަލް އޭނައަށް ވެދިން އިހުސާންތެރި ކަމެކެވެ. އަމިއްލަ އިހުސާސްތަކަށްވުރެ ބޮޑަށް، އޭނަގެ އިހުސާސްތަކާ މެދު ވިސްނި ކަމުގެ ހެއްކެކެވެ. ދެމީހުންވީ، ޤުރުބާނީގެ ބަދަލު މިއަދު ދެމީހުންނަށް ވެސް ލިބިއްޖެކަމުގައި އޭނަ ޤަބޫލު ކުރި އެވެ. އުފާވެރި ޙަޔާތެއް ދެމީހުންނަށް ވެސް މިންވަރު ކުރައްވައިފިކަން އޭނައަށް ޤައިމު ވިއެވެ.

"އަހަރެން މިއައީ ޒެނީ އާ ވާހަކަ ދައްކާފައި... ޒެނީ ދެން މަސައްކަތެއް ނުކުރާނެ މިޝަލް އާ ދުރަށް ދާކަށް... މިޝަލް!... އެކަކު އަނެކަކު ކުށްވެރި ނުކޮށް، އާ ބާބަކުން ދިރިއުޅުން ފަށަން ހިނގާ... މިއަދު މުހިއްމީ އުފާ... އަހަރެމެން ދެމީހުންވީ ޤުރުބާނީގެ ސަބަބުން، ކިތައް އާއިލާ ފުރިހަމަވެއްޖެ... އިންސާފު ނުލިބި ތިބި ބަޔަކަށް އިންސާފު ވެސް ލިބިގެން ގޮއްސި... ކުށްވެރިންނަށް ޙައްޤު ޝަޒާ ދެވިއްޖެ... ހުރިހާ ކަމެއް އެންމެ ރަނގަޅަށް ވިސްނީމަ، އެދުވަހު ކުރި ހިތާމައަށް ވުރެ މިއަދު ލިބުނު އުފާ މާ ބޮޑުވާނެ... ހަމަ ޤައިމު ވެސް، އެދުވަހު އެހެން ދިމާވީމަ އަހަރެން މިއަދު އެކަމާ އުފާކުރަން..." ވާހަކަ ދައްކަމުން ދިޔައިރު، އީމާ އިނީ މިޝަލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތިން ފެންނަމުންދިޔައީ، ހަމަޖެހުމާއި ޔަޤީން ކަމެވެ.

މިޝަލް ބޯ ޖަހާލީ ޝުކުރުވެރިވާ ޙާލުގަ އެވެ. އީމާއަކީ ހިތްވަރުގަދަ އަންހެން ކުއްޖެކެވެ. އެންމެންގެ ޙަޔާތް އެ ފުރިހަމަކޮށްދިނީ ހާދަ އުފާވެރި ކޮށެވެ. ނިވެމުންދިޔަ އޭނަގެ ދިރިއުޅުމުގެ ހުޅުކޮޅު ސަލާމަތް ކޮށްދިނީ، އަޖައިބުވާހާ ފުރިހަމަ އަށެވެ.

އެކި ވާހަކަތަކުގެ ތެރެއިން އީމާ އޭނަގެ ދަބަހުން ނެގީ ތަސްވީރެކެވެ. އެ ތަސްވީރު މޭޒުމަތީގައި ބާއްވާފައި މިޝަލްގެ ކައިރިއަށް ޖައްސައިލި އެވެ. އެއީ މިޝަލްގެ ބޮޑުބޭބެގެ ތަސްވީރެއް ކަން އީމާއަކަށް ނޭނގެ އެވެ. ޒެންހާ އާއި މިޝަލްގެ ކައިވެނީގެ ރޭގައި އެމީހާ ފޯނެއްގައި ހުރެ، ދެއްކި ވާހަކަތަކުގެ ވާހަކަ އޭނަ މިޝަލްއަށް ކިޔައިދިނެވެ. އޭނަ އެ ތަސްވީރު ހޯދީ ރިސޯޓުގެ ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ކަމުގައި ބުންޏެވެ.

********

ނަހީރާއާ ބައްދަލު ކުރުމަށް ޒެންހާ ދިޔައީ ޝުކޫރާ އެކުގަ އެވެ. ޒެންހާ ފެނުމުން، ނަހީރާއަށް ފެށުނީ ރޯށެވެ. ޒެންހާއަށް ވެސް ވީ އެވަރެވެ. އެ މަންމަ ކަންތައް ކުރިގޮތުން، ދުވަހަަކު އަނގައިން ނުބުނެ ހުންނަން ވެސް ކުރިން އޭނަގެ ހިތަށް އެރި އެވެ. އެކަމަކު، އެންމެންގެ ވާހަކަތަކުން، ނަހީރާ އެ ހުރިހާ ކަމެއް ކުރީ، އޭނަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކަމުގައި އޭނަ ޤަބޫލު ކުރި އެވެ. އެކި މީހުންނަށް ވިސްނޭނީ އެކި ގޮތަށް ކަން އޭނަ މިއަދު ޤަބޫލުކޮށްފި އެވެ. މަންމަދެކެ ރުޅި އައިސްގެން އަދަބު އެ ދެވެނީ ހުދު އަމިއްލަ ނަފުސަށް ކަން އޭނައަށް ވިސްނުނެވެ. އީމާ ބުނިހެން، މިއަދު އޭނަ ބޭނުންވަނީ، އުފަލުގައި ހުންނާށެވެ.

ދެމައިންއެކުގައި ހޭދަކުރަމުންދިޔަ ވަގުތުކޮޅު ނިމުނުއިރު، ޒެންހާގެ ހިތް ނަހީރާއާ މެދު ސާފު ވެއްޖެ އެވެ. ދަރިފުޅުގެ ދުލުން މަންމާ އޭ ކިޔައި ގޮވައިލި އަޑު އިވުމުން، އޭނަގެ ހިތް، ލޯބިން ފުރިގެން އައެވެ. އުފަލުން ރޮވުނު ގޮތަށް ހުއްޓައެއް ނުލެވުނެވެ. ޖަލުގެ ތޭރިތަކުގެ ތެރެއިން ދުވަހަކު ވެސް ނުކުންނަން ބޭނުން ނުވެފައި ހުއްޓައި، މިއަދު އެ ޚިޔާލު ބަދަލު ވެއްޖެ އެވެ. ދަރިފުޅަށްޓަކައި އެތަނުން ނުކުންނަން ބޭނުން ވިއެވެ. އޭނަ ޝުކޫރާ ބައްދަލު ކުރީ ޝުކުރުވެރިވާ ޙާލުގަ އެވެ.

********

ޒެންހާ ގެއަށް އައިއިރު ހުރީ އިރުއޮއްސި އަނދިރިވެފަ އެވެ. ސޯފާގައި އިން އާބިދާގެ ގައިގައި ބައްދާލާފައި އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ. އީމާއާ ބައްދަލުވެ، މަންމައާ ވާހަކަ ދައްކައި ހެދުމުން، އޭނަގެ ސިކުނޑި ވަނީ ތާޒާ ވެފަ އެވެ. ހުރިހާ ނުތަނަވަސްކަމެއް ފިލައި ގޮސް، އެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެންނަމުން ދިޔަ އެވެ.

މިޝަލްގެ މެސެޖެއް ލިބިފައި އޮތުމުން، އޭނަ އަވަހަށް އެ ހުޅުވައިލި އެވެ. ވެދިޔަ ކަންތަކަށް މަޢާފަށް އެދި ފޮނުވާފައިވާ އެ މެސެޖުގެ ތިރީގައި ލޯބިވާ ވާހަކަ ބުނެފައި އޮތެވެ. ޒެންހާގެ ހިތަށް ލިބުނު އުފަލަކުން، ލޯބިވާ ކަމަށްބުނެ މެސެޖުގެ ޖަވާބު ފޮނުވައިލި އެވެ.

ޒެންހާ ފެންވަރައިގެން ނުކުމެ ނަމާދަށް ހުއްޓައި ކޮންމެވެސް މީހަކު ދޮރު ހުޅުވައިލިކަން އެނގުނެވެ. އޭނަ ހީކުރީ، ސިތުނާ ކަމަށެވެ. ނަމާދުކޮށް ނިންމާލައިގެން އޭނަ ތެދުވި ތަނައި، ފުރަގަހުން، ބާރުގަދަ އަތެއްގެ ހިމާޔަތުގެ ދަށަށް އޭނަ ގެންގޮސްފި އެވެ.

"އައި ލަވް ޔޫ..." ޒެންހާގެ ކަންފަތް ކައިރިން އިވުނީ މިޝަލްގެ ވައި އަޑެވެ.

ޒެންހާއަށް ދެލޯ މަރާލެވުނެވެ. އޭނަ ހުރީ ނޭވާ ލާން ވެސް ހަނދާން ނެތިފަ އެވެ. އެތައް ދުވަހެއް ފަހުން އިހުސާސްކުރެވުނު މިޝަލްގެ އެންމެ ބީހިލުމަކުން ވެސް އޭނަގެ ހިތް ވިރިގެން ފައިބައިފިކަން ޤައިމެވެ.

މިޝަލް މަޑުމަޑުން ޒެންހާ އޭނަ އާ ވީ ފަރާތަށް އަނބުރައި ލިއެވެ. އެ މޫނަށް ބަލަން ނުކެރިގެން ޒެންހާ އަވަހަށް ދެލޯ މަރާލައިފި އެވެ.

ޒެންހާގެ ދެ ކޯތާފަތުގައި ހިފަހައްޓައިލަމުން، އެ މޫނާ ދިމާއަށް މިޝަލް ގުދުވާން ފެށި އެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނައަށް ތަފާތު ކަމެއް ފާހަގަ ވެއްޖެ އެވެ. ޒެންހާ ބުރުގާ އެޅިކަން އޭނައަށް އެ އެނގުނީ އަދި ކިރިޔާ އެވެ. އެ ރީތިކަމަށް ތައުރީފު ކުރަމުން އޭނަ މަޑުމަޑުން ޒެންހާ އަޅައިގެން ހުރި ބުރުގާ އެ ހަށިގަނޑާ ވަކިކޮށްލައިފި އެވެ. ކުޑަ ވޫލުކޮޅަކުން އައްސާލާފައި އޮތް އިސްތަށިގަނޑު، އޭގެ ހައްޔަރުން ސަލާމަތް ކުރި އެވެ. ނިއުޅިގެންދިޔަ އިސްތަށިގަނޑު ފެނުމުން، މިޝަލްއަށް ހިނިތުންވެލެވުނެވެ. ކުރިން ކަނދުރާ އާ ހަމައަށް ކޮށާލާފައި އޮތް އިސްތަށިގަނޑު މިހާރު ކޮނޑަށް ވުރެ ތިރިއަށް ފައިބަ އެވެ.

"އަހަރެން ދެންމެ އެއްޗެއް ބުނިން... އެއަށް ޖަވާބެއް ނުދޭނަންތަ؟..." މިޝަލް ސުވާލު ކުރި އެވެ.

ޒެންހާ އެއްޗެއް ނުބުންޏެވެ. މިޝަލް ކުރިއަށްވުރެ ބޮޑަށް ޒެންހާއާ ގާތަށް ޖެހިލި އެވެ. ޒެންހާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް ވައްދައިލަމުން، ބޮލުގެ ފުއްކިބައިގައި ހިފައި ކުއްލިއަކަށް ކައިރިއަށް ދަމާލި އެވެ.

"އަދިވެސް ޖަވާބެއް ނުދޭނަންތަ؟..." މިޝަލްގެ އަޑުގައިވީ މަސްތީ ގޮތެކެވެ.

ޒެންހާގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނައަށް އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު ލަދުން ގޮސް މުޅި މޫނު ރަތްވެއްޖެ އެވެ. ދެން ހޭދަވެގެން ދިޔައީ، ލޯބިވެތިކަމުން ފުރިގެންވީ ވަގުތުކޮޅެކެވެ. މިޝަލްގެ ތުންފަތުގެ ބީހުން އިހުސާސްވުމާ އެކު ޒެންހާއަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވެން ފަށައިފި އެވެ. އެއިން ކޮންމެ ބީހިލުމަކުން އޭނަގެ ހިތަށް ބުނެދޭން ނޭނގޭ އުފަލާއި އަރާމު ލިއްބައިދެމުން ދިޔަ އެވެ. އެފަދަ ކަމަކަށް އެދި އޭނަގެ ހިތް ވެސް ވީ ބޭޤަރާރު ވެފަ އެވެ. ކައިވެންޏެއްގެ ޙަޤީޤީ ފޮނި މީރުކަން ލިބިގަތުމަށް މިއަދު އެ ދެމެދުގައި އެއްވެސް މަޖުބޫރީއެއް ނެތެވެ. ޖެހިލުންވާންވީ ސަބަބެއް ނުމެ ނެތް މެއެވެ. އައު ބާބަކުން ދިރިއުޅުން ފަށަން ދެމީހުން ވެސް އެވަނީ ތައްޔާރު ވެފަ އެވެ.

ޒެންހާ ގެންގޮސް އެނދުމަތީގައި ބާއްވާލާފައި އެ މޫނަށް މިޝަލް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. މިއަދު އެ އަންހެން ކުއްޖާއަކީ އޭނަގެ މިލްކެއް ކަމުގައި ހަދަން އޭނަގެ ޒަމީރު އެދި ގޮވަނީ އެވެ. އެލޯބިން ކަރުހިއްކުން ފިލުވައިލަން އޭނަގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ.

މިޝަލް މަޑުމަޑުން ޒެންހާއާ ދިމާއަށް ގުދުވާން ފެށި އެވެ. ލޯބީގެ ފޮނި މީރުކަން ލިބިގަންނަމުންދިޔަ ދެހަށިގަނޑު، މަސްތީ އާލަމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެކުގައި މުޅި އުމުރު ހޭދަ ކުރުމަށާއި ކޮންމެ އުފަލަކާއި ހިތާމައެއް އެކުގައި ޚިއްސާ ކުރުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ.

********

ފަރުދާ ކަހާލާފައިވާ ކުޑަދޮރުތަކުގެ ތެރެއިން ފުރޭނިގެން އައި އިރުގެ ދޯދިތަކުން ހަށިގަނޑު ފިއްސަމުން ދިޔަ އިރުވެސް، ޒެންހާއަކަށް ހޭވެރިކަމެއް ނުވި އެވެ. ނިދީގެ ފޮނި އާލަމުގެ ތެރޭގައި އޭނަ ދިޔައީ ކުލަރީތި ހުވަފެންތަށް ބަލަމުންނެވެ. އޭނައަށް ހޭލެވުނީ މިޝަލްގެ ތުންފަތުގެ ބީހިލުން އިހުސާސް ކުރެވުމުންނެވެ. ފިރިމީހާގެ އަތުގެ ތެރޭގައި ބޮނޑިވެލައިގެން އޮތްއިރު، އިހުސާސްކުރެވެމުންދިޔަ ލުއި ބީހިލުންތަކުން، ދެލޯ ހުޅުވައިލަން ވެސް ބޭނުން ނުވެފައި އޭނަ އޮތެވެ. އެފަދަ އަރާމާއި އުފަލެއް މުޅި ޙަޔާތުގައި ވެސް އޭނައަށް ލިބުނު އެއީ ފުރަތަމަ ފަހަރެވެ.

ޒެންހާ ދެލޯ ހުޅުވައި މިޝަލްގެ މޫނަށް ބަލައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު، އޭނަ މިޝަލްގެ ލޯމަތީގައި އަތް އަޅައި ނިވާކުރި އެވެ.

"އިންތިހާއަށް ލޯބިވަން... މިހާރު ކުރިއަށްވުރެ ބޮޑަށް ލޯބިވެވިއްޖެ..." ލަދުރަކި ހިނިތުންވުމަކާ އެކު ޒެންހާ ބުންޏެވެ. އޭނަ ދިނީ މިޝަލް ރޭގައި އޭނައަށް ކުރި ސުވާލުގެ ޖަވާބެވެ.

ޒެންހާގެ އަތް ދުރުކޮށް، މިޝަލް އެ ހަށިގަނޑުގައި ބާރަށް ބައްދާލި އެވެ. ދެން އިވުނީ ޒެންހާ ހޭން ފެށި އަޑެވެ.

މިޝަލް އުޅޭކަން ނޭނގޭ ޙާލު ސިތުނާ އައިސް ޒެންހާގެ ކޮޓަރި ދޮރުގައި ތަޅަން ފެށި އެވެ. މެންދުރު ވީއިރުވެސް ޒެންހާ ނުތެދުވާތީ، ގޭގެ އެންމެން ހާސްވެގެން ދޮރު ކައިރިއަށް ޖަމާވެއްޖެ އެވެ. ވަގުތަކީ، ޝުކޫރުވެސް އައިސް އެގެއަށް ވަން ވަގުތުކަމުން ޝުކޫރު ވެސް ހާސްވެފައި ދޮރު ކައިރިއަށް ޖެހިލައިފި އެވެ.

ޒެންހާ އާއި މިޝަލް ތެދުވީ ފުންމައިގެންނެވެ. ދެމީހުންގެ ބޮލުގެ އިސްތަށިގަނޑު ވަނީ ތަރުތީބު ގެއްލިފަ އެވެ. ޒެންހާގެ އިސްތަށިގަނޑު ހުރިގޮތް ފެނުމުން މިޝަލްއަށް ހެވުނެވެ. ޒެންހާއަށް ވެސް ވީ އެވަރެވެ. މިޝަލް ހުރިގޮތް ފެނުމުން އޭނައަށް ވެސް ހެވިއްޖެ އެވެ. މުޅި ގައިގައި ބެޑްޝީޓު އަޅައި ހަށިގަނޑު ނިވާކުރަމުން އޭނަ އުޅުނީ، އެނދުން ތިރިއަށް ފައިބާށެވެ. ފޮތިގަނޑަށް ފައިން އެރިފައި އޭނަ ކައްސާލައިގެން ވެއްޓިއްޖެ އެވެ. އެ ބާރުމިނުގައި ތެދުވެ، ދުވެފައި ގޮސް، ފާހާނާއަށް ވަނެވެ. އަނެއްކާ އެނބުރި އައިސް މިޝަލްގެ އަތުގައި ހިފައިގެން ގެންގޮސް ފާޚާނާއަށް ވައްދައިފި އެވެ.

ކޮޓަރީގެ ތަޅު ހުޅުވާ ހިސާބަށް ކަންތައް ދިޔުމުން، ހެދުން ލައިގެން ޒެންހާ ގޮސް ދޮރު ހުޅުވައިލި އެވެ. އޭނަ ދޮރު ހުޅުވައިލީ ކުޑަކުޑަ ކޮށެވެ. ތަންމިނަށް ދޮރު ހުޅުވައިލާފައި އެންމެން އެތެރެއަށް ވަދެއްޖެ އެވެ. ޒެންހާ ހުރިގޮތް ފެނުމުން، އާބިދާ ވެސް ހާސްވެފައި ސުވާލު ކުރަން ފަށައިފި އެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅަމުންދިޔަ ޒެންހާއަށް އެނދާއި ދިމާއަށް ބަލައިލެވުނީ ދެނެވެ. ބާލީސްތަކާއި ބެޑްޝީޓުވެސް އޮތީ މާ ދުރުގަ އެވެ. އޭނަ އަވަހަށް އެނދުގެ ކުރިމައްޗަށް އަރައި ފޮރުވަން މަސައްކަތް ކުރި އެވެ.

ކުޑަކޮށް ހުޅުވިފައިވާ ފާޚާނާގެ ދޮރުން ކޮޓަރިތެރެއަށް މީހަކު ބަލައިލި ތަން ފެނި، ސިތުނާގެ ދެލޯ ބޮޑުވި އެވެ. އޭނަ ހަލުވި ފިޔަވަޅުތަކެއްގައި ފާޚާނާާ އާ ދިމާއަށް ހިނގައިގަތެވެ. އެތަން ފެނި، ޒެންހާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އަތުން އިޝާރާތްކޮށް، ސިތުނާ ހުއްޓުވުމަށް އޭނަ އެދިމާއަށް ދިޔައީ ދުވެފަ އެވެ. ޒެންހާ ދިޔުމުގެ ކުރީން، ސިތުނާ ގޮސް ގައިގައި ހުރި ބާރެއްލާފައި ދޮރު ކޮއްޕާލައިފި އެވެ. ފާޚާނާ ތެރޭގައި މިޝަލް ހުރީ ހަމައެކަނި ތުވާލިކޮޅެއް އަނދެގެންނެވެ. ސިތުނާ ދޮރު ހުޅުވުމުގެ ކުރިން އޭނަ ފުރަގަސް ދީފި އެވެ. އެންމެންނަށް މިޝަލް ފެނުނީ ފުރަގަހުންނެވެ. ކާކު ކަމެއް ނޭނގޭތީ އެންމެން ވެސް ދެލޯ ބޮޑުކޮށްގެން ޒެންހާއަށް ބަލަން ފަށައިފި އެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އެންމެން ތިއްބައި، މިޝަލް މަޑުމަޑުން ފަސްއެނބުރި ބަލާލައިފި އެވެ. ލަދުން ވިރެން ކައިރިވެފައިވާ ހާލު އޭނަގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. އެންމެންނަށް ވާނުވާ އެނގުނީ ދެނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބައި، ޒެންހާ ދުވެގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕައި ތަޅުލައިިފި އެވެ.

"މި ސިތުނާގެ ކަންތަކޭ... ދެންވެސް މިތަނުން ނުކުންނަން ހިނގާ..." އާބިދާ ނުރުހިފައި ބުންޏެވެ.

އެންމެން ހެމުން އެކޮޓަރިން ނުކުތެވެ. ދެކުދިން ގުޅުނުކަން އެނގުމުން، އެންމެން ވެސް ތިބީ ހަމަޖެހިފަ އެވެ.

2 އަހަރު ފަސް

އިވެމުންދިޔައީ ކައިވެނީގެ ޙުތުބާގެ އަޑެވެ. ބަދިގެ ތެރޭގައި އުޅުނު ޒެންހާ ދޭތެރެއަކުން ނުކުމެ ސިޓިންގްރޫމަށް ނަޒަރު ހިންގައިލަ އެވެ. ސިޓިންގްރޫމުގައި ކައިވެނީގެ މަޖިލީހެއް ކުރިއަށް ދަނީ އެވެ. އޭނަ އުޅުނީ، މެހެމާނުންނަށް ސައި ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ. އޭނައަށް އަތް ގާތްކޮށްދޭން އީމާ އާއި ސިތުނާ އުޅުނެވެ.

"މޭޒު ރެޑީތަ؟..." ޒެންހާ ސުވާލުކުރީ ސިތުނާ އާ އެވެ. ސިތުނާ ބޯ ޖަހާލި އެވެ. "ފަސްމިނެޓު ތެރޭ މި އަންނަނީ ފެންވަރައިގެން..." ޓިޝޫއަކުން މޫނު ފޮހެމުން ޒެންހާ ބުންޏެވެ.

ޒެންހާ ފެންވަރައިގެން ނުކުތްއިރު، މިޝަލް ހުރީ ކޮޓަރީގަ އެވެ. އޭނަގެ ކޮނޑުމަތީގައި އަށް މަހުގެ ލުއާން އިނެވެ. ޒެންހާ ފެނުމުން އެ ތުއްތު ކުއްޖާ މަންމަގެ ކައިރިއަށް ދާން ބޮޑާ ހާކާލައިފި އެވެ.

"މަންމި ދޫނި... މަންމި މިއުޅެނީ، ވަރަށް އަވަސްކޮށްލަން އިނގޭ... ވަރަށް އަވަހަށް ދޫނި ކައިިރިއަށް އަންނާނަން..." ދަރިފުޅުގެ ކޯކޮޅުގައި ހިފާލަމުން ޒެންހާ ބުންޏެވެ.

ޒެންހާ ތައްޔާރުވެލައިގެން ކޮޓަރިން ނުކުތުމުގެ ކުރިން ލުއާންގެ ކޯތާފަތުގައި ބޮސްދިނެވެ. ކޮޓަރިން ބޭރަށް އޭނައަށް އެންމެ ފިޔަވަޅެއް ވެސް ނޭނޅުނެވެ. މިޝަލް އެ އަތުގައި ހިފައި ދަމައި ގެނެސް، ތުންފަތުގައި ބޮސްދީފި އެވެ. އެއީ އޭނަ ހުރިކަން ހަނދާން ނައްތާލުމުން ދިން އަދަބެއް ކަމުގައި ބުންޏެވެ. ޒެންހާ މޫނު ހަދާލައިގެން ހުރެ އެތަނުން ނުކުތްއިރު ވެސް މިޝަލް ހުރީ ހޭށެވެ.

ނަހީރާ އާއި ޝުކޫރުގެ ކައިވެނި ކުރެވުނީ އެވެ. އެކުވެރިޔާގެ އުފަލުގައި ބައިވެރިވުމަށް އައިމިނަ ވެސް ހުރީ މާލެ އައިހެވެ. ކިއާރާގެ ކައިރިއަށް ޖެހިލި ވިކްޔަން ލާނެތް ރާގަކަށް ދެން އޮތީ، އެ ދެމީހުންގެ ކައިވެނި ކަމަށް ބުންޏެވެ. ކިއާރާ ބޯޖަހާލި އެވެ. އޭނަ ވިކްޔަންގެ އަތުގައި ހިފައިލިއިރު، އެ ތުންފަތްމަތީގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

ދެއަހަރުގެ އަނާގެ އަތުގައި ހިފާލައިގެން އީމާ ހުރީ މިޔާހްގެ އިންތިޒާރުގަ އެވެ. ރިސޯޓުން އާދެވޭނެ ކަމަށް ބުނި ގަޑި ފާއިތުވެގެން ދިޔުމުން އެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ރަތް ފިނިފެން މަލެއް ހިފައިގެން އެތެރެއަށް ވަން މިޔާހް ފެނި، އީމާ އޭނާގެ ދެތުންފަތް ފިއްތައިލި އެވެ.

"ލަސްވީމަ މާފު ކުރާނަންތަ؟..." މިޔާހް އަހައިލީ އީމާއާ ދިމާއަށް ފިނިފެންމާ ދިއްކޮށްލަމުންނެވެ.

އީމާ ދެލޯ ހަނިކޮށްލި އެވެ. އެހެން ހުރެފައި މަޑުމަޑުން ބޯ ޖަހާލައިފި އެވެ. އީމާގެ ކޮލުގައި ހިފައިލަމުން މިޔާހް އަނާ އާ ދިމާއަށް ގުދުވި އެވެ. އެ ކުއްޖާ އުރާލުމަށް ފަހު، އީމާގެ ކޮނޑުގައި އަތް އަޅުވައި ގާތަށް ދަމާލި އެވެ.

"ބައްޕި ޕްރިންސަސް ހާދަ ތިއްތިއޭ... މީ މަންމި ކަހަލަ ޕިންކީއެކޭ ދޯ..." އީމާ އާއި އަނާ އެއްކަހަލަ ހެދުމެއް ލައިގެން ހުރުމުން މިޔާހް ބުންޏެވެ.

"ނަހީރާއްތަމެންގެ ކައިވެނި ނިމުނީތަ؟..." މިޔާހް އަހައިލީ ކާގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ މީހުންނަށް ނަޒަރު ހިންގާލަމުންނެވެ. އީމާ ބޯ ޖަހާލި އެވެ.

މައުސޫމާއާ އެކު ގޭތެރެއަށް ވަދެގެން އައި ފާތުމަ ފެނި، އީމާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލާ ދިޔަ އެވެ. އޭނަގެ ދެލޯ ފެންކަޅިވި އެވެ. އެތައް ދުވަހަކަށް ފަހު މަންމަ ފެނުމުން، އޭނަގެ ހިތަށް ގޮތްތަކެއް ވެއްޖެ އެވެ.

"ދަރިފުޅާ!... މަންމައަށް މަޢާފު ކުރޭ..." އީމާގެ ފައިދަށަށް ތިރިވަމުން، ފާތުމަ ބުންޏެވެ. "މީހުން ބުނަނީ ތެދެއް... އެއްޗެއްގެ އަގު ވަޒަން ކުރެވޭނީ، އެއެއްޗެއް އަތުން ބީވެގެން ދިޔުމުން... މަންމަގެ ދެން ތިބީ ދަރިންނެއް ނޫން... ހާދަ އިހާނެތިކޮށޭ ކަންތައް ކުރަނީ... ބަލިވީމަވެސް ގޭން ނެރެ އެއްލައިލީ... އަހަރެންމީ އެކުދިންގެ މައިމީހާ ކަމަށްވެސް ޤަބޫލެއް ނުކުރޭ... މައުސޫމާ އަޅާނުލިނަމަ، އަހަރެން މިއަދު ދުނިޔޭގައި ވެސް ނުހުރީސް ކަންނޭނގެ... މިއަދު މަންމައަށް އިހުސާސްކުރެވިއްޖެ، މަންމަ ކަންތައް ކުރި ގޮތުން ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު... މަންމަ ދަރިފުޅުގެ ކުރިމައްޗަށް މިއައީ ތައުބާވެގެން..." ފާތުމަ ރޮއެރޮއެފައި އީމާގެ ފައިތިލައިގައި ފިރުމަމުން ދިޔަ އެވެ.

އީމާ ދެފަރާތަށް ބޯ ހޫރާލި އެވެ. އޭނަ މަންމަގެ ދެކޮނޑުގައި ހިފައި ކޮޅަށް ނަގައި، އެ ހަށިގަނޑުގައި ބައްދައިލި އެވެ. މަންމައާ މެދުގައި މިއަދު އޭނަގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ދަރިއަކު ބަލާ ބޮޑުކުރުމަކީ ކިހާ ބުރަ ކަމެއްކަން އެނގޭ ހާލު އެމަންމަ އޭނައަށް ދިން ހުރިހާ ހިތާމައަކަށް އޭނަ އެހުރީ ހިތުގެ އަޑިން މަޢާފު ދީގެންނެވެ. މަންމައަށް މަޢާފު ކޮށްގެން ހިތްތިރިކަމާއި ކެތްތެރިކަމުގެެ ލާމަސީލު މިސާލު އެންމެންގެ ކުރިމަތީގައި އޭނަ ދައްކައިފި އެވެ.

ނަހީރާ އާއި ޝުކޫރުގެ ކައިވެނީގެ އުފަލުގައި ބައިވެރިވުމަށް ފަހު، އެންމެން ދިޔުމުން، ގޭތެރެ ހިމޭން ވިއެވެ. ދަރިއަކު ލިބުމަށް ފަހު، ޒެންހާ އާއި މިޝަލް އުޅެމުން ދިޔައީ ވަކި ދިރިއުޅުމެކެވެ. ތަނެއް ކުއްޔަށް ހިފައިގެންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން، ދަރިފުޅު އުރާލައިގެން ޒެންހާ ގޮސް ސޯފާގައި ޖައްސާލި އެވެ.

"މަންމިއަށް މިއޮތީ ކިހިނެއްވެފައި؟... ބޭސްކޮޅެއް ބޭނުންވީތަ؟..." ޒެންހާއާ ގާތްވެލަމުން މިޝަލް ސުވާލުކުރީ، ލާނެތް ރާގަކަށެވެ.

ޒެންހާ ފުންމައިގެން ތެދުވި އެވެ. ލުއާންގެ ގައިގައި ބާރަށް ހިފަހައްޓަމުން އޭނަ ދުވެގޮސް ސޯފާގެ އަނެއް ފަރާތަށް ވަނެވެ. މިޝަލް ވެސް ދުއްވައިގަތެވެ. އަތުގައި ނުޖެހެން ޒެންހާ ހެމުން ދުވަން ފެށި އެވެ. ލުއާންއަށް އެކަންވީ މަޖާ ކަމަކަށެވެ. އެ ތުއްތު ކުއްޖާގެ ހިނިގަނޑުގެ އަޑުން މުޅި ގެއަށް ދިރުން ލިބުނު ކަހަލަ އެވެ. މިޝަލް ގޮސް ދެމައިން އެކުގައި އެ އަތުގެ ހިމާޔަތުގެ ތެރެއަށް ލިއެވެ. ފިރިމީހާގެ މޭގައި ބޯ އަޅާލަމުން ޒެންހާ ލޯމަރާލީ، އަބަދުގެ އަބަދަށް، އެއުފާވެރިކަން މަތީގައި ލެއްވުމަށް އެދި ހިތުގެ އަޑިން ދުޢާ ކުރަމުންނެވެ.

(ނިމުނީ)

ކޮމެންޓް 0