މިޔާހް ތެދުވެގެން ގޮސް އީމާގެ ދެއަތުގައި ހިފައިލިއެވެ. އޭނަ އީމާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެ ނަޒަރުގައި އެއްވެސް ދެއްކުންތެރި ކަމެއް ނުވެއެވެ.
"އީމާ!... އަހަރެން ވެސް މިކުރަނީ ސުވާލެއް... އަހަންނާއި ކައިވެނި ކުރަން އެއްބަސްތަ؟..." މިޔާހް ސުވާލު ކުރިއެވެ.
********
އީމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެ ހަށިގަނޑުގެ ވަރު ދޫވިއެވެ. ކަރުނައިގެ ތެރެއިން އޭނައަށް މިޔާހް ސިފަވީ، މިޝަލްގެ ގޮތުގައެވެ. މިޝަލް ވެސް ވަނީ ހަމަ އެފަދައިން އޭނަގެ ކައިވެންޏަށް އެދިފައެވެ. އޭނަގެ ހުރި ހުރިހާ އުނިކަމަކާއި އެކުވެސް އޭނަ ބަލައިގަންނަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.
ހުރިހާ ހަނދާންތަކެއް އާވަމުން ދިޔަ ވަރަކަށް އީމާއަށް ގިސްލެވެން ފެށުނެވެ. އޭނަ ދެލޯ މަރާލިއެވެ. އެއާއިއެކު، މިޝަލްގެ ޖުމްލަތައް ތަކުރާރުވާހެން އޭނައަށް ހީވާން ފެށިއެވެ. މާޒީ އާއި އެކުވެގެން ގޮސްފައިވާ އެ ދުވަހަކީ، އޭނަގެ މުޅި ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަހެވެ. އަދި އެންމެ ހިތާމަވެރި ދުވަސް ވެސް މެއެވެ.
"ސޭ ޔެސް... ސޭ ޔެސް..."
ހުރިހާ ޓޫރިސްޓުންތައް އެއްފަހަރާ ކިޔަން ފެށިއެވެ. އެ އަޑުތައް އިވުމުން އީމާގެ ބޮލަށް އުނދަގޫ ވިއެވެ. އޭނަ މިޔާހްގެ އަތް ފޮޅުވައިލިއެވެ. މިޔާހް އެއްޗެއް ބުނުމުގެ ކުރީން، އޭނަ ދުއްވައިގަނެފިއެވެ.
********
ޓެކްސީއަށް ފައިސާ ދައްކާފައި ނަހީރާ އެއިން ފޭބިއެވެ. ކުރިމަތީގައި ހުރި އިމާރާތަށް ބަލައިލާފައި އޭނަ ދޫކޮށްލީ ފުން ނޭވާ އެކެވެ. އޭނަ އެ ނަގާ ފިޔަވަޅަކީ، އެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ފިޔަވަޅެއް ކަން ގައިމެވެ. އެހެނަސް، މިއަދު އެ ނޫން ގޮތެއް އޭނައަކަށް ނެތެވެ.
ނަހީރާ އުޅުނީ އެތެރެއަށް ވަންނާށެވެ. އޭނަ ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުނީ، ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ.
ކައިރީގައި ހުރި ޝުކޫރު ފެނުމާއިއެކު ނަހީރާގެ މޫނުމަތިން ފެނުނީ ރުޅިވެރި ކަމެވެ. ދެބުމަ ގޮށްޖެހިއްޖެއެވެ. ޝުކޫރުގެ އަތް ފޮޅުވައިލާފައި، އޭނަ އަނެއްކާވެސް އެތެރެއަށް ވަންނަން އުޅުނެވެ. އޭގެ ކުރިން ޝުކޫރު އަވަހަށް ނަހީރާގެ އަތުގައި ހިފަހައްޓައިފިއެވެ.
"އަތުން ދޫކޮށްލާ..." ނަހީރާ އަމުރު ކުރިއެވެ.
"ނުކުރާނަން ދުލެއް... ބަލަ ނަހީރާ ތިއުޅެނީ، މޮޔަވެގެންތަ؟... އެއީ ނަހީރާގެ ވެސް ދަރިއެކޭ..." ޝުކޫރު ހަޅޭއްލަވައިގަތެވެ.
"އަހަރެން ބުނެފިންތަ އެއީ އަހަރެންގެ ދަރިއެއް ނޫނޭ..." ރުޅި އައިސްގެން ގޮސް، ނަހީރާގެ ދެލޯ ފެންކަޅި ވިއެވެ.
ޝުކޫރުގެ އަތް ފޮޅުވައިލާފައި ނަހީރާ އޭނަގެ މޫނުގައި އަތް އެޅިއެވެ. މައްޗަށް މޫނު އުފުލާލައިގެން އެގޮތުގައި އޭނަ އިރުކޮޅަކު ހުއްޓެވެ. އިވެމުންދިޔަ މަޑު ގިސްލުމުގެ ތެރެއިން، ނަހީރާގެ ޝަކުވާތަކުގެ އަޑު އިވެމުން ދިޔައެވެ. އެ އަޑު އިވުނީ، ހަމައެކަނި އޭނަގެ އަމިއްލަ ނަފުސަށެވެ.
"ނަހީރާ!... ހިނގާ... އަހަރެން ގެއަށް ގެންގޮސްދޭނަން..." ޝުކޫރު ވާހަކަ ދެއްކީ، އޯގާތެރި ރާގަކަށެވެ.
********
މިޝަލްގެ ޚަބަރެއް ނުވެގެން ޒެންހާ ހުރީ، ހާސްވެފައެވެ. އިރުއިރުކޮޅައި ކޮޓަރިން ނުކުމެ ބޭރު ބަލައިލައެވެ. ކޮޅަށް ހުރެހުރެ، ދެފައިގެ ބާރު ދޫވުމުން، އޭނަ ގޮސް އެނދުގައި އިށީނދެލިއެވެ. އެގޮތުގައި އޭނަ އިންނަތާ މާ ގިނަ އިރެއްނުވެ، މިޝަލް އައިސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ޒެންހާއަށް އިންތަނުން ތެދުވެވުނީ، މިޝަލް ހުރިގޮތް ފެނުމުންނެވެ.
އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ދެލޮލުގައި ވީ، މަޑު ރަތް ކަމެވެ. މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ.
ޒެންހާ ފެނުމުން، މިޝަލް އިސްޖަހައިލިއެވެ. އޭނަ އައިސް، ޒެންހާގެ ކައިރީގައި އިށީނެވެ. ދެން ކުއްލިއަކަށް އެނދުގައި އޮށޯވެލައިފިއެވެ.
މިޝަލްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އޭނަ އައީ ނަޒުރާނާއަށް ފޯނު ނަންބަރު ދިން މައްސަލައިގައި އޭނަގެ އެންމެ ގާތް އެކުވެރިޔާ ސާމީ އާއި ޒުވާބު ކޮށްފައެވެ. ސާމީގެ ވާހަކަތަކުން، އޭނައަށް އެނގުނީ، ނަޒުރާނާ އުޅެނީ ވަރަށް ބަލިކޮށް ކަމެވެ. ގިނަ ދުވަސްދުވަހު ހާލު ދެރަވެގެން ހަސްފަތާލުގައި ފަރުވާ ދޭން ޖެހޭ ކަމާއި، އަބަދު ކަމަކީ ރޮއެ ހިތާމަ ކުރުން ކަމެވެ. އެ ކަރުނަތައް ފެނި ސާމީގެ ހިތަށް ވެސް ކެތް ނުވީއެވެ. ވީއިރު، އެ ޚަބަރު އިވުމުން ދަރިއެއްގެ ހިތަށް ކެތްވާނީ، ކިހިނަކުން ހެއްޔެވެ؟
"މިޝަލް!... ތިގޮތަށް ގޮތް ދޫނުކޮށް ހުއްޓާ، ވަގުތު ފާއިތުވެދާނެ... ދެން ދުވަހަކު ވެސް މަންމަ ނުފެނިދާނެ... އިންސާނުންނަށް ކުށް ވެސް ކުރެވޭނެ... އަބަދު ތިގޮތަށް ސަޒާ ދިނުން ރަނގަޅެއް ނޫން... ދަރިއަކު އުފަން ކުރުމަކީ، ހާދަ ބޮޑު ގުރުބާނީ އެކޭ... އެ މައިމީހާ ތަހަންމަލް ކުރި ވޭނަށްޓަކައި ވިޔަސް، މަޢާފު ކޮށްދީ... އެނބުރި އާދޭ... އެ މަންމަ ދެކެލާފަ ދޭ..."
ސާމީގެ އެ ޖުމްލަތައް މިޝަލްގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ. އެ ޖުމްލަތައް އޭނަގެ ހިތަށް އުނދަގޫ ކުރަނީއެވެ. އޭނައަށް ކުރެވެމުން ދިޔައީ، ކުށްވެރި ވެފައިވާ ކަމުގެ އިހުސާސެވެ.
މިޝަލްއަށް ނިތްކުރި މަތީގައި އަތް ބާއްވައިލެވުނީ، ބޮލުގައި ގަދަޔަށް ރިއްސަން ފެށުމުންނެވެ. އޭނަގެ ސިކުނޑި ހީވަނީ، ފަޅައިގެން ދާން އުޅޭ ހެންނެވެ. ނިތްކުރިމަތީން ދާ ހިއްލާލާފައި ވިއެވެ. ދެލޯ މަރައި ބާރުކޮށްގެން އޮތްއިރު، ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަމުން ދިޔައެވެ.
ޒެންހާ ހާސްވިއެވެ. މިޝަލް ހީވަނީ ގަދަ ވޭނެއް ތަހަންމަލް ކުރަމުން ދިޔަ ހެންނެވެ. ދެފަރާތަށް ބޯ ހޫރަމުން ދިޔަގޮތުން، އޭނައަށް މިޝަލްގެ ކައިރީގައި އިށީނދެވުނު ގޮތް ވެސް ނޭނގުނެވެ. އޭނަ އެ މޫނަށް ބަލައިލީ، ގޮތް ހުސްވެފައިވާ ހާލުގައެވެ. މިޝަލްއަށް އެވަރުގެ ބަދަލެއް އެ އައީ، ދެންމެ އައި ފޯނުކޯލެއްގެ ސަބަބުން ކަން އޭނައަށް އެނގުނެވެ. އެކަމަކު، އެހާ ވަރަށް ހިތުގައިޖެހޭ ވަރުގެ އެއްޗެއް ބުނަން، މިޝަލްއަށް ގުޅީ ކާކު ހެއްޔެވެ؟ އެކަމާއި ގުޅިގެން ސުވާލެއް ކޮށްލަން ނުކެރުނު ތަނުގައި އެ ހަށިގަނޑުގައި އަތް ޖައްސާލަން ވެސް ޒެންހާއަށް ނުކެރުނެވެ.
"މަންމާ!... މަންމާ!..." މިޝަލްގެ އަޑު ވަނީ ކުރެހިފައެވެ.
ޒެންހާއަށް ހިންދިރުވައިލެވުނެވެ. މިޝަލް ތަހަންމަލް ކުރަމުން އެދާ ވޭނަކީ އޭނަގެ މަންމަގެ ސަބަބުން ތަހަންމަލް ކުރަމުންދާ ވޭނެއް ހެއްޔެވެ؟ ޒެންހާގެ ހިތުގައި ޖެހުނެވެ. އޭނައަށް މިޝަލް އާއި ކައިރިއަށް ޖެހިލެވުނެވެ. އޭނަ މަޑުމަޑުން މިޝަލްގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.
މިޝަލް އޮތީ، ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ހަމަ ރަނގަޅަށް ހުރި މީހަކު، ކުއްލިއަކަށް އެހާ ހުން ގަދަވުމުން، ޒެންހާ އަޖައިބު ވިއެވެ. އޭނަ އަވަހަށް ގޮސް ތައްޓަކަށް ފެން އަޅައިގެން އައެވެ. މިޝަލްގެ ބޯ ހިއްލާލާފައި އޭނަގެ އުނގުމަތީގައި ބާއްވައިލިއެވެ. ކުޑަ ތުވާލިކޮޅެއް ތެންމައިލާފައި ނިތްކުރިމަތީގައި ބާއްވާލީ ވެސް މަޑުމަޑުންނެވެ.
ފެންފޮދު ޖެހުމާއިއެކު، މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ތެދުވަން އުޅުނެވެ. ޒެންހާ ގުދުވެލާފައި، މިޝަލްގެ ނިތްކުރީގައި އޭނަގެ ކޯތާފަތް ޖައްސައިލިއެވެ. މިޝަލް ވަގުތުން ހިމޭން ވެއްޖެއެވެ. އޭރުވެސް އޭނަގެ ދެލޯ ވަނީ މެރިފައެވެ.
********
ޝުކޫރަށް ނަހީރާގެ ކޮނޑުގައި އަތް ޖައްސައިލެވުނެވެ. ނަހީރާ ވަގުތުން ދުރަށް ޖެހިލައިފިއެވެ. މޫނުން ދެ އަތް ނަގާފައި އޭނަ ޝުކޫރުގެ މޫނަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ.
"އާނ.. އާނ...އަހަރެން މޮޔަވެއްޖެ... ޝުކޫރު ތިއުޅެނީ، އަހަރެން އިތުރަށް މޮޔަ ކުރަން..." ނަހީރާގެ އަޑު ބާރެވެ.
"ޝުކޫރަށް ކޯއްޗެއް އެނގެނީ؟... އޭނ... އެއްވެސް ކަމެއް ނޭނގޭނެ... މިތާ ހަޤީޤަތް އެނގޭ މީހަކަށް ހުރީ އަހަރެން އެކަނި... އަހަރެންގެ އަތުން އިންސާނަކު މަރުވީމަ ޝުކޫރު ހީކުރީ، އަހަރެން މީ މީހުން މަރާ މީހެއް ކަމަށްތަ؟... އެހެންވިއްޔާ، އަޑުއަހާ... ޒެންހާއަށް ގެއްލުން ދޭން އުޅެނީ، އަހަންނެއް ނޫން... އެ މީހަކީ، އަހަރެންގެ ފިރިމީހާ... އަޑު އިވިއްޖެތަ؟...." ނަހީރާގެ ހަމަހޭވެރިކަން ގެއްލިފައިވާ ކަހަލައެވެ.
********
ނަމާދުކޮށް ނިންމައިލިގޮތަށް މެޔަށް ތަދު ވާތީ، އާބިދާ އޮތީ އޮށޯވެލައިގެންނެވެ. ޒުބޭރު އައިސް ކޮޓަރިއަށް ވަނީ އާބިދާ އެހެން އޮއްވައެވެ. އަނބިމީހާ ފެނުމުން، ޒުބޭރު އެދިމާއަށް ދިޔައީ ހަލުވި ފިޔަވަޅު ތަކެއްގައެވެ.
"މޭގެ ރިހުން ނުފިލާތާ ދެ ދުވަސް މިވަނީ... ޒުބޭރު!... ޒެންހާގެ ހާލެއް ބަލައިދީބަލަ..." އާބިދާއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
މިޝަލްގެ ފޯނަށް ގުޅޭތޯ ޒުބޭރު މަސައްކަތް ކުރިއެވެ. އެކަމަކު އެ ފޯނު އޮންނަނީ ނިއްވާލާފައެވެ.
"ފަހުން ގުޅާނީ... މިގަޑީ އަރާމު ކޮށްލާ..." އާބިދާގެ ގައިގައި ރަޖާގަނޑު އަޅައިދެމުން ޒުބޭރު ބުންޏެވެ.
"ޒުބޭރު!... ޒެންހާއަށް ހަޤީޤަތް ހާމަ ކުރާކަށް ނުވޭތަ؟... އަހަންނަށް ހީވަނީ، މީ ކުށެއް ހެން... މިހެން ތިއްބާ ޒެންހާއަށް ހަޤީޤަތް އެނގިއްޖެއްޔާ، އަހަރެމެންނަށް ދުވަހަކު ވެސް މަޢާފު ކުރާނެ ކަމެއް ނޭނގެ..." އާބިދާ ދެރަވެލާފައި ބުންޏެވެ.
"މިގަޑީ ތިވާހަކަ ނުދައްކާ... އެހެން ނޫނަސް، ޒެންހާއަށް ހަޤީޤަތް ސިއްރު ކުރުން އެއީ، ނަހީރާ ބޭނުންވި ގޮތެއްނު... އަމިއްލަ މައިމީހާ އެގޮތަށް އައިސް އާދޭސް ކުރާނީ، އެކަމުގެ ފަހަތުގަ ސިއްރުތަކެއް ފޮރުވިފަ އޮތީމަ... އެހެން ނޫނަސް، ޝުކޫރު ކަހަލަ ނުބައި އިންސާނަކަށް އޭނަގެ ދަރިފުޅު ފެންނާކަށް ވެސް އަހަންނަކަށް ފުރުސަތެއް ނުދެވޭނެ..." ޒުބޭރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ.
ޒުބޭރުގެ ޖުމްލަ އަޑު އިވިފައި، އާބިދާއަށް ހިންދިރުވައިލެވުނެވެ. އޭނަ ވަނީ، އެންމެންނަށް ވެސް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައެވެ. އެ ހިތި ހަޤީޤަތް ހާމަ ކުރަން އޭނަ ޖެހިލުން ވަނީއެވެ. އެކަމަކު، އެ ދުވަސް އައިސް ޖެހިއްޖެ ކަމުގައި އޭނަ ގަބޫލު ކުރިއެވެ.
"ޒުބޭރު!... އަހަންނަށް މަޢާފު ކުރޭ... މިކަމުގަ ޝުކޫރުގެ އެއްވެސް ކުށެއް ނެތް... ހުރިހާ ކަމެއް ކުރީ އަހަރެން... ޝުކޫރުގެ އެއްވެސް ކުށެއް ނެތި، އަހަރެން އޭނަ ކުށްވެރިއަކަށް ހެދީ... އެއީ ޒެންހާގެ ބޭނުމުގައި އަހަރެން ކުރި ކަމެއް... ނަހީރާއަށް އެކުއްޖާ ބެލެން ނެތީމަ، އަހަރެން އެ ކުއްޖާ ބޭނުންވީ... އަހަންނަށް އެކަން ވާން އޮތީ، ޝުކޫރު ކުށްވެރި ކޮށްގެން... އަހަންނަށް އެނގޭ އެނޫން ގޮތަކަށް ޒުބޭރު އެކަމާއި އެއްބަސް ނުވާނެ ކަން... ހާލަތުގެ ނާޖާއިޒް ފައިދާ އެގޮތަށް ނެގުނީމަ، މިއަދު އަހަރެން އެކަމާއި ހިތާމަ ވެސް އެބަ ކުރަން..." އާބިދާއަށް ރޮވުނެވެ.
ޒުބޭރަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެނގުނު ހަޤީޤަތެއްގެ ސަބަބުން، އޭނަގެ ހަމަޖެހުން ގެއްލިއްޖެއެވެ. އާބިދާގެ ސަބަބުން، ކުށެއް ނެތް މީހަކަށް އޭނަ ވަނީ އެތައް ބަދު ދުޢާއެއް ކޮށްފައެވެ. މީހުންނަށް ބަދު ދުޢާ ނުކުރަންވީ ސަބަބީ އެއީ ކަން އޭނައަށް ވިސްނުނެވެ. ދުނިޔެ އަކީ ކެހިވެރިން ގިނަ ތަނެކެވެ. އެފަދަ ތަނެއްގައި އިތުބާރު ކުރާނީ ވެސް ފަހެ، ކާކަށް ހެއްޔެވެ؟
********
މިޝަލްއަށް ލުއިކަމެއް ލިބޭވަރުވީ، ޒެންހާ އޭނަގެ ބޯ މޮޑެލަދޭން ފެށުމުންނެވެ. އޭނަ އިރުކޮޅަކު ނިދާލާފައި ހޭލި އިރުވެސް، ޒެންހާ އިނީ، އޭނަގެ ޚިދުމަތުގައެވެ. ކައިރިން ދުރަށް ވެސް ނުދެއެވެ. މިޝަލްއަށް ހޭލެވިދާނެތީ، އޭނަ އިނީ ގުޑިލަން ވެސް ނުކެރިފައެވެ.
ވަރުބަލިވެގެން ތާއްޔާ ޖެހިޖެހި އިން ޒެންހާގެ މޫނަށް ބަލަން މިޝަލް އޮތެވެ. މާޒީގެ ދުވަސްތައް ހަނދާން ވުމުން އޭނަ ދެރަވިއެވެ. ކައިވެންޏަކީ، ކުޅޭ ކުޅިވަރެއް ނޫން ކަން މިއަދު އޭނައަށް ވިސްނިއްޖެއެވެ. ޖަޒުބާތުގައި ޖެހި، އެދުވަހު އޭނަ ޒެންހާ އާއި ކައިވެނި ކުރީ، ލޯތްބަކުން ނޫނެވެ. އޭނަ އެކަން ކުރީ، އީމާއަށް ދައްކާށެވެ. އެ ހިތަށް ތަދު ކުރާށެވެ. އީމާ އޭނަގެ ޙަޔާތަށް އެނބުރި އައިސް އާދޭސް ކުރުވާށެވެ. އެކަމަކު، ކަންތައްތައް ބަދަލު ވެއްޖެއެވެ. އެކީގައި ދުވަސްތައް ހޭދަ ކުރަމުން ދިޔަ ވަރަކަށް އޭނައަށް ޒެންހާ ކަމުދާން ފަށައިފިއެވެ. އެ އޯގާތެރި ކަމާއި، އަޅާލުމުގެ ސަބަބުން، އޭނަގެ ހިތުގައި އައު ވިންދެން ޖަހަން ފަށައިފިއެވެ. އެކީގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު، ޒެންހާ އަކީ އޭނަގެ ހިތުގެ އެއްބައި ކަމުގައި ވެގެން ގޮސްފިއެވެ.
މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ބޭރުފުށަށް ބަލާލައިގެން އެ ވެވެނީ ހަޤީޤީ ލޯތްބެއް ނޫނެވެ. އިންސާނުންނަށް ރީތި އެއްޗެއްސަށް ލޯބި ކުރެވެއެވެ. އެފަދަ އެއްޗެއްސަށް ޝައުޤުވެރި ވެވެއެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. އިންސާނީ ތަބީއަތެވެ. ބައެއް މީހުންނަށް ހީވަނީ، އެއީ ލޯބި ކަމަށެވެ. އެކަމަކު ހަޤީޤީ ލޯތްބަކީ، މުޅީން ތަފާތު އެއްޗެކެވެ. ހަޤީޤީ ލޯބީގައި ކުލަޖެހެން ފަށަނީ، ކައިވެންޏެއްގެ ފަހުންނެވެ. ކައިވެންޏަކީ، އެހާވެސް މަތިވެރި ގުޅުމެކެވެ.
(ނުނިމޭ)