އީމާއަށް ކުއްލި ސިހުމެއް ލިބުނެވެ. ބައްޕަގެ މަޑުމައިތިރި މިޒާޖާއި، އޭނަގެ މަންމަ އެ ބައްޕަދެކެ ކުރާ ނަފުރަތުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އޭނައަށް އެ އެނގުނީ އަދިކިރިޔާ އެވެ. އޭނަގެ ހަނދާނަށް އައީ ޒެންހާއަށްޓަކައި އޭނަ މިޝަލްގެ މަތީން ހަނދާން ނައްތާލަން ކުރި މަސައްކަތެވެ. އޭނައަށް ހީވީ، މާޒީ އިއާދަވެގެން އައި ހެންނެވެ. އޭނައަށް ދެފަރާތަށް ބޯ ހޫރާ ލެވުނެވެ. އެއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

********

"އާނ!... ދައްތަ އަދި ހަނދާން ނެތިފައޭ މިހުރީ... ނަހީރާއަށް ދަރިއަކުވެސް ލިބުނޭ... ކައިވެންޏަށް ހަތާވީހަކަށް އަހަރު ފަހުން އެމީހުންނަށް ދަރިއަކު ލިބުނީ ވެސް... އޭރު ނަހީރާގެ އުމުރުން ވެސް ސާޅީހުން މަތީގަ އުޅޭނީ... މަގޭ ހަދީޖަތަށްވުރެ ދިހަ އަހަރު އެ ކުއްޖާ ހަގު ވާނެ... ވިހޭ ފަހުން، ނަހީރާއަށް ގޮތްތަކެއް ވާންފެށި... ނަފުސާނީގޮތުން މުޅި މީހާ ހުރީ އެކަށް ބަލިކަށިވެފަ... ވަރަށް ހާލުގަ އެދުވަސްކޮޅު އޭނަ އުޅުނީ... އާނ އެހެންތާ ވާނީވެސް... ނަހީރާ ބަލިވެއިނދެގެން، އެ ޝުކޫރު ހީވީ މޮޔަވެގެން އުޅުނުހެން ވިއްޔަ... އާ ކުކުޅެއް ގާބިހެއް އަޅަން އުޅުނުހެން ހީވީ..." ދެފަރާތަށް ބޯ ހޫރާލަމުން އައިމިނަ ދޫކޮށްލީ ފުން ނޭވާ އެކެވެ.

ނަހީރާއަށްޓަކައި އެ ހިތުގައި އުފެދިފައިވީ ހަމްދަރުދީ އެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް އޭނައަށް ނެގެނީ އެކުވެރިޔާގެ ކޮޅެވެ. ޚަބަރެއް ނުވެ އެތައް ދުވަހެއް ފާއިތުވެފައި ވިޔަސް، އެހިތުގައި އެކުވެރިޔާއަށް އޮތް ލޯތްބަކަށް ފަނޑުކަމެއް ނާދެ އެވެ.

"ބޭބީއެއް ލިބުނީމަވެސް، ނަހީރައްތަ ހަމަ ޝުކޫރުބެދެކެ އެހާ ރުޅި އައިތަ؟..." އީމާގެ ހިތާއި އުނދަގޫ ކުރަމުންދިޔަ ސުވާލު ފެންމަތި ކުރި އެވެ.

"އަހަރެން ވެސް ހީކުރީ، ދަރިއަކު ލިބުނީމަ ކަންކަން ހައްލުވާނެ ކަމަށް... އެކަމަކު، ކައިވެނިކޮށްގެން، ޝުކޫރު އުޅުނުގޮތުން ނަހީރާ ހުރީ، އޭނަ މަތީން މުޅީން ފޫހިވެފަ... ދެން އެއްދުވަހަކު ކުއްލިއަކަށް ނަހީރާ އައިއްސި މިގެއަށް... އޭރު، މުޅި މީހާގެ ގައިގަ ހުސް ލޭ... އޭނަގެ ކުޑަ ދަރިފުޅު ކިހިއްޔަށް ޖަހާލައިގެން ހުރިއިރު މިހެން ތުރުތުރު އަޅާ..." އައިމިނަ އޭނަގެ މުޅި ހަށިގަނޑު ގުޑުވައިލަމުން، އީމާއަށް އެ މަންޒަރު ދައްކައިލި އެވެ.

އެ ނާޒުކު ވަގުތުގައި ވެސް އީމާއަށް ހެވިއްޖެ އެވެ. އައިމިނަ ވެސް ހީގަނެފައި އީމާގެ ގައިގައި ބޮނޑިއެއް އަޅައިލި އެވެ.

"ހަމަ އެދުވަހު ނަހީރާގެ ދަރިފުޅު ގޮވައިގެން، އާބިދާ އާ ޒުބޭރު މާލެ ބަދަލުވެއްޖެ... އެދަތުރުގަ ނަހީރާ ވެސް ދިޔައީ... ދެން އިވުނީ، ލަންކާ މީހަކާ ކައިވެނި ކޮށްގެން އެކޮޅަށް ބަދަލުވީ ޚަބަރު... މިހާރު ވަރަށް ދުވަސް ވެއްޖެ ޚަބަރެއް ނުވާތާ... މީހުން ކިޔާ، އެދުވަހު ޝުކޫރު އެ ހަސަންފުޅުގެ ދަރި މެރީމައޭ ނަހީރާ ދިޔައީ... ކިހިނެތް އެނގޭނީ ދޯ... ތެދެއް ދޮގެއް ވަތްކެއް ވަނީކީ ނޫން މިހާރު..." ޗޮކެއް ކަނޑައިލަމުން އައިމިނަ އޭނާގެ ވާހަކައަށް ބައެއް އިތުރުކޮށްލި އެވެ.

********

މިޝަލްއަށް ހޭލެވުނީ، މެންދުރުވީ ފަހުންނެވެ. ކުއްލިއަކަށް ޒެންހާގެ މަތީން ހަނދާންވެ، އޭނަ ފުންމައިގެން ތެދުވި އެވެ. ތައްޔާރުވެލައިގެން އޭނަ ނުކުތްއިރު، ނަޒުރާނާ ހުރީ، ގޭތެރެ ކުނި ކަހާށެވެ. މިޝަލް ފެނުމުން ކުރަންހުރި ކަންތައް ބަހައްޓާފައި އައިސް އަތުގައި ހިފާލައިފި އެވެ.

"ދަރިފުޅާ!... ބޮޑުބޭބެ އައިސް އެބައުޅޭ..." ނަޒުރާނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމެވެ.

ނަޒުރާނާ އޭނަގެ ދިރިއުޅުން ލަންކާއަށް ބަދަލު ކުރި ފަހުން، ފުއާދު އެގެއަށް އައި އެއީ ފުރަތަމަ ފަހަރެވެ. ފުއާދަކީ، އޭނަގެ މަންމަ ފަރާތު ބޮޑުބޭބެ އެކެވެ.

އެތައް ދުވަހަކު މަންމަ އާއި ދުރުގައި އުޅެފައިވާތީ، ކުއްލިއަކަށް ލިބެންފެށި މައެއްގެ ލޯބިން މިޝަލްއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މަޔަކު ކުރި ކުށަކަށް އެހާ ގިނަ ދުވަހަށް އޭގެ ޝަޒާ ދެވުނީތީ، މިއަދު އޭނަ ހުރީ، ދެރަވެފަ އެވެ. މަޔަކު ދުނިޔޭގައި ހުރެމެ، އެމީހެއްގެ ލޯބި ލިބުމަކީ، ދުނިޔެމަތިން ލިބޭނެ ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ މިޝަލް އިސްޖަހާލީ، އެ މަންމަގެ މޫނަށް ބަލަން ހުންނާނޭ ހިތްވަރު ނުލިބުމުންނެވެ.

"ދަރިފުޅު ކިހިނެތްވެފަ ތިހުރީ؟... ކޮބާ ޒެންހާ؟... އަދި ތައްޔާރުވެ ނުނިމެނީތަ؟..." ކޮޓަރި އާއި ދިމާއަށް ބަލައިލަމުން ނަޒުރާނާ ސުވާލު ކުރިއެވެ.

ދޭނެ ޖަވާބަކާއިމެދު ވިސްނައިލަން މިޝަލްއަށް މަޖުބޫރު ވިއެވެ. މަންމައަށް ދޮގު ހަދާކަށް އޭނަ ބޭނުމެއް ނުވި އެވެ. އެކަމަކު ހަޤީޤަތް ހާމަކޮށްގެން އެ މަންމަގެ ހިތް ނުތަނަވަސް ކުރުވާކަށް ވެސް އެހިތެއް ނޭދުނެވެ.

"ޒެންހާ ވީ، ހޮޓެލްގަ... ހޮސްޕިޓަލަށް ދާންޖެހިގެން ދިޔަގޮތަށް، ކުޑަކޮށް ބަލިކޮށް އުޅޭތީ އެކޮޅުގަ މަޑުކުރީ... ވަކި އެއްޗެއް ނުބުނެ ދެވުނީމަ މިއައީ... އައިއިރު މަންމަމެން ނިދާފަ ތިބީމަ، ހިތަށް އެރީ، ހޭލަންދެން މަޑުކޮށްލާފައޭ ދާނީ..." މިޝަލް އަވަހަށް ބުންޏެވެ.

ފެންކަޅިވެފައިވާ ދެލޮލުން، މިޝަލްގެ މޫނަށް ބަލަން ނަޒުރާނާ އިރުކޮޅަކު ހުއްޓެވެ. އެތައް ދުވަހެއް ފަހުން، މިޝަލްގެ ދުލުން މަންމަގެ ނަން އަޑު އިވުމުން ވެސް އެ ހިތް ލޯބިން ފުރިގެން އައެވެ.

"ދަރިފުޅު އެކަމަކު ޒެންހާ އެކަނި ބާއްވާފަ އަންނާކަށް ނުވާނެ އެއްނު... ތިބުނީ އަނެއްކާ ބަލި ވާހަކަ... ސާމީއަށް ގުޅާފަ ބުނެލިނަމަ..." މިޝަލްގެ އުޒުރު، ނަޒުރާނާ އަކަށް ކަމަކު ނުދިޔަ އެވެ.

މިޝަލް ބުނާނޭ އެއްޗެއް ނޭނގިފައި ހުއްޓާ، އޭނަގެ ކޮނޑުމަތީގައި ކޮންމެވެސް މީހަކު ޖަހައިލުމުން، ކުޑަކޮށް ސިހޭގޮތް ވިއެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު، ކައިރީގައި ހުރި ފުއާދު ފެނިފައި އެ މޫނުގެ ކުލަވަރު ބަދަލުވެއްޖެ އެވެ. އެތައް ދުވަހެއް ފަހުން، އެ ސޫރަ ފެނުމުން ވެސް ކާކުކަން ވަކިކުރަން އޭނައަށް އުނދަގުލެއް ނުވި އެވެ.

"ބޮޑުބޭބެ ފެނުނީމަ އުފަލެއް ނުވޭތަ؟..." ދެމާނަ އެކުލެވޭ ރާގަކަށް ފުއާދު ބުންޏެވެ.

ކުޑައިރޫއްސުރެ ފުއާދުދެކެ މިޝަލް ރުޅި އާދެ އެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. ފުއާދަކީ ކޮންކަހަލަ މީހެއްކަން އޭނައަށް ރަނގަޅަށް އެނގޭތީ އެވެ. ފުއާދަކީ، ޑަކުޓަރަކަށްވެ ހުރެމެ، އެތައް ޖަރީމާއެއް ހިންގާފައިވާ ނުބައި މީހެކެވެ. މީހުންގެ އަތުން ރިޝްވަތުގެ ފައިސާ ނެގުމާއި، ޚިދުމަތް ދިނުމުގައި މަކަރު ހަދާ އޮޅުވާލުމަކީ، ފުއާދަށް ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެކެވެ. އެފަދަ މީހަކާއި އެއްވެސް ގުޅުމެއް ބޭއްވުމަކީ، މިޝަލް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ނަޒުރާނާ ކުރުނުކޮށް ކިޔަން ފެށުމުން، ފުއާދާއި އެކު އެއް ސުފުރާ މައްޗަށް އަރަން މިޝަލްއަށް މަޖުބޫރު ވިއެވެ. ކާން ތިބިއިރު، އެކި ވާހަކައިގެ ތެރެއިން މިޝަލްގެ ކައިވެނި ހަފުލާއަަށް ފުއާދު ދިޔަ ވާހަކަ ނަޒުރާނާ ބުންޏެވެ. މިޝަލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައިއިރު، ފުއާދު ވެސް ނުތަނަވަސް ވެފައި މިޝަލް އާއި ދިމާއަށް ބަލާލައިފި އެވެ. ފުއާދުގެ އެންމެ ނަޒަރަކުން ވެސް، މިޝަލްގެ ހިތް ޝައްކުން ފުރާލި އެވެ. އެ ހަފުލާގެ ތެރެއިން އޭނަ އާއި ފުއާދާއި ބައްދަލުވެފައެއް ނެތެވެ. ބޮޑުބޭބެ އެތަނަށް ދިޔަކަން އޭނައަށް އެ އެނގުނީ ވެސް އަދި ކިރިޔާ އެވެ.

ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ކައި ނިންމާލައިގެން ފުއާދު ތެދުވީ، އެންމެންގެ ކުރިންނެވެ. މިޝަލްވެސް އަވަހަށް އޭނަގެ ތަށި ހުސްކޮށްލައިގެން ތެދުވި އެވެ. ކާގެއިން އޭނަ ނުކުތްއިރު، ފުއާދު ހުރީ ސިޓިންގްރޫމު ގައެވެ. ހީވަނީ މިޝަލްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ހެންނެވެ. ދެލޯ ހަނިކޮށްލަމުން ފުއާދާއި ދިމާއަށް ބަލައިލާފައި، މިޝަލް ނުކުތީ، ގޯތިތެރެއަށެވެ. ފަހަތުން ފުއާދު އަންނާނޭކަން އޭނައަށް ޔަޤީންވާ ކަހަލަ އެވެ. ދެޖީބަށް އަތްޖަހާލައިގެން އޭނަ ހުރީ، ދޮރަށް ފުރަގަސްދީގެންނެވެ.

އިންތިޒާރުގައި މާގިނަ ވަގުތު ހޭދަކުރާކަށް މިޝަލްއަކަށް ނުޖެހުނެވެ. ފުއާދު އައިސް ކައިރީގައި ހުއްޓުނުކަން އެނގުމުން، ހިތްހަމަނުޖެހިފައި އޭނަ އެދިމާއަށް ބަލާލައިފި އެވެ.

"ތި ވިސްނަނީ ރަނގަޅަށް... ޒެންހާގެ ރިޕޯޓްތައް ބަދަލުކުރީ އަހަރެން..." ފުއާދު އެއްވެސް ޖެހިލުމެއްނެތި ބުންޏެވެ.

މިޝަލްގެ ދެބުމަ ގޮށްޖެހުނެވެ. ޖީބަށް ކޮށްޕާލާފައި އޮތް އޭނަގެ ދެއަތް މުށްކެވެމުން ދިޔަ އެވެ. އިނގިލިތައް އަތުގެ ތެރެއަށް ވަދެގެން ދާހައި ބާރަށެވެ. ފުއާދު އެވަރުގެ ކަމެއް ކުރާނީ، ފައިސާތަކެއްގެ ބޭނުމުގައި ކަން އޭނައަށް ކަށަވަރު ވިއެވެ. އެކަމަކު، އެވަރުގެ ކަމަކަށް ފުއާދުގެ ކިބައިން އެދުނީ، ކާކު ހެއްޔެވެ؟

"ކައިވެނި ޕާޓީއަށް އަހަރެން ދިޔައީ، އަހަންނާ ހަވާލުވެފަ އޮތް ޒިންމާ ފުރިހަމަ ކުރަން... މިޒަމާނުގަ ފައިސާތަކެއް ލިބެން އޮއްވާ، ރަނުގެ ފުރުސަތެއް ދޫކޮށްލާނީ ކާކު؟... މިޝަލްއަށް ނޭނގުނަސް ތި ދެމީހުންގެ ކަންކަން އަަހަރެން އައީ ވަރަށް ކައިރިން ބަލަމުން... އަހަންނަށް އެކަމުން ރަނގަޅު އެއްޗެއް ލިބެޔޭ... ރިޕޯޓްތައް ބަދަލުކުރަން އެހާ ބައިވަރު ފައިސާ އޮފަރ ކުރީމަ ކާކު ދެކޮޅު ހަދާނީ؟... މިޝަލް ނަމަވެސް ދެކޮޅެއް ނަހަދާނެ... އުފާކޮށްބަލަ އެދުވަހު އަހަރެން އެކަން ކުރީމަ... މިއަދު ތިހުރީ ޒެންހާގެ ފިރިއެއްގެ މަޤާމުގަ... ޒެންހާގެ ނަންމަތީގަ އެއޮތީ ނަހީރާގެ ހުރިހާ ބިންތަކެއް... އޭނަ މަންމަގެ، ބައްޕަގެ، ނުވީތާކަށް، ކާފަގެ ބިން ވެސް އެއޮތީ މިހާރު މިޝަލްގެ އަނބިމީހާގެ ނަން މައްޗަށް ބަދަލުކޮށްފަ... އަނެއްކާ ބޮޑު ގެއެއް ވެސް އެބަހުރި... އެ ތަންތަން ކުއްޔަށް ދިނަސް، އަހަރު ދުވަސްތެރޭ މިޝަލް ވާނެ ބޮޑު މުއްސަންޖަކަށް... މިއަދު ކޮއްކޮ ލަދުގަންނަން ޖެހޭނެއޭ އަހަރެން ކުރިމަތީ ތިގޮތަށް ރުޅިހަދާފަ ހުންނަން ވެސް..." މިޝަލް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ފުއާދެވެ.

ފުއާދު ހިތުން އޭނަ ހުރީ ވަރަށް މޮޅު ކަމެއް ކުރެވިފަ އެވެ. މިނޫނަސް، ދުވަހެއް އޮތްކަން އޭނަގެ ހަނދާނުގައި ނުވާ ކަހަލަ އެވެ. އޭނަ ވިސްނަމުން ދިޔައީ ހަމައެކަނި ދުނިޔޭގެ އެދުންވެރި ކަމަށެވެ. ވަގުތީ އުފަލަކަށެވެ. އެފަދަ ނުބައި އަމަލުތައް ކުރުމުގެ މަތީގައި ދެމިހުރިއިރު، ކޮންމެވެސް ދުވަހަކުން އެކަންކަން ފަޅާއަރާނެ ކަމާއިމެދުވެސް ވިސްނައެއް ނުލި އެވެ. ވަގަކަށް ހާސްދުވަސް ލިބުނިއްޔާ، ވެރިއަކަށް ވެސް ދުވަހެއް އަންނާނެ އެވެ. އެކަން ފުއާދަށް ނުވިސްނޭ ކަހަލަ އެވެ.

އިވުނު ވާހަކަތަކެއްގެ ސަބަބުން، މިޝަލްގެ ނޭވާ ވަނީ، އަވަސް ވެފައެވެ. އޭނައަކީ، އެފަދަ މުއްސަނދި ދިރިއުޅުމަށް ލޯބިކުރި މީހެއް ނޫނެވެ. އެފަދަ ކަމެއް ހޯދުމަށްޓަކައި، ނުބައި މަގަކުން ދަތުރު ކުރާކަށް އަމުދުން އޭނަ ބޭނުމެއް ނުވެ އެވެ. ރުޅިގަނޑު ފަޅައިގެން ދާހެން ހީވެ، މިޝަލް ފުންކޮށް ނޭވާލާން ފެށި އެވެ. އެވަރުން ވެސް، އޭނަގެ ރުޅި ފިނިވާގޮތެއް ނުވި އެވެ. ބޮޑުބޭބެއެއް ކަމަކު، އިދިކޮޅު ހެދުމުގެ ގޮތުން، އެއްޗެކޭ ނުބުނެ ކެތް ކުރެވޭ ގޮތެއް ނުވިއެވެ.

"އަހަންނަށް އެނގޭ އެއްޗަކީ ކިތަންމެ ބައިވަރު ފައިސާއެއް ދިނަސް، އަހަރެން ތިކަހަލަ ކަމެއް ނުކުރާނަން ކަން... އާޚިރަތް ދުވަސް އޮތީ ކުރިއަށޭ... ބޮޑުބޭބެއަށް އެނގޭތަ ތިކުރެވުނީ، ކިހާ ބޮޑު ކުށެއް ކަން... ޤާނޫނީ ގޮތުން ވެސް ކިހާ ބޮޑު އަދަބެއް ލިބޭ ވަރުގެ ކަމެއްކަން އެނގޭތަ ތި ކުރެވުނީ؟... ކުޑައިރު ކަމެއް ނުކުރެވި ބަލަން ހުންނަން ޖެހުނަސް، މިހާރު އަހަރެން ތިކަހަލަ ކަންކަމެއް ދޫކޮށެއް ނުލާނަން... އާއިލާގެ މީހަކަސް، ވަރިހަމަ... ތިކަހަލަ ކަންކަން ކުރަން ފުރުސަތެއް ނުދެވޭނެ..." މިޝަލް ވާހަކަ ދެއްކީ ކިތަންމެ މަޑުން ނަމަވެސް، އޭނަ ހުރީ އިންތިހާއަށް ރުޅި އައިސްފަ އެވެ.

"އެހެންވިއްޔާ ގޮސް ނަހީރާ އާ ތިވާހަކަ ދައްކާ... އެކަން ކުރަން އަހަންނަށް ފައިސާ ދިން މީހަކީ އެއީ..." ފުއާދުގެ އެ ޖުމްލައިން މިޝަލްގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ޒެންހާގެ މަންމަ އެފަދަ ކަމެއް އެ ކުރުވީ ކީއްވެ ހެއްޔެވެ؟ ފުއާދަށް ނަހީރާ އެނގުނީ ކިހިނެތް ހެއްޔެވެ؟

********

ނަހީރާގެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، އާއްމު ހާލަތަށް ރުޖޫޢަ ވާން ދުވަސްކޮޅެއް ނަގާނެ ކަމުގައި ޑަކުޓަރު ބުންޏެވެ. ރޭގެ ހަތަރުދަމު ހޭލާ ހުރެފައިވެސް ގެއަށް ދާކަށް ޝުކޫރު އެއްބަހެއް ނުވި އެވެ. ވިކްޔަން އާއި ކިއާރާ އައިސް އެދުމުން ވެސް ޝުކޫރު އިންތަނުން ގުޑިވެސް ނުލި އެވެ. ކާއެއްޗެއް ކާން ދާކަށް ވެސް އެއްބަހެއް ނުވި އެވެ.

ވޯޑުގެ ތެރެއަށް ވަދެގެން އައި ޒެންހާ ފެނުމާއިއެކު ޝުކޫރަށް ގޮނޑިން ތެދުވެވުނެވެ. މިލާފައިވާ ދަރިފުޅުގެ މޫނު ފެނުމުން، އޭނައަށް ހިން ދިރުވައިލެވުނެވެ. ހިނގަމުން އައިއިރު އެ ދަރިފުޅުގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް ކަހަލަ އެވެ. ވިކްޔަން އާއި ކިއާރާއަށް ވެސް ހުއްޓުން އަރާފައި ޒެންހާއަށް ބަލަން ތިއްބެވެ.

ޝުކޫރަށް ފުރަތަމަ ވެސް އަހައިލެވުނީ، ޒެންހާ އެއްޗެއް ކޭތޯ އެވެ. ނުކާކަން އެނގުމުން، ކެފޭއަށް ދާނަންތޯ ސުވާލުކޮށްލައިފި އެވެ. ޒެންހާ ދެކޮޅެއް ނަހަދަ އެވެ. އިސްޖަހާލައިގެން ހުރެ، ޝުކޫރާއިއެކު ގޮސް ކެފޭއަށް ވަނެވެ. ތަނުގައި މީހުންވެސް މަދު ވަގުތެކެވެ. ދަރިފުޅު އިށީނުމަށް ގޮނޑި ދަމާލަދިނީ ވެސް ޝުކޫރެވެ.

ކާއެއްޗެހި ގެންނަން އެދިފައި ދެމީހުންވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ. ދައްކާނެ ވާހަކައެއް އެކަކަށް ވެސް ނޭނގޭ ކަހަލަ އެވެ. އެތައް އިރަކު މަސައްކަތް ކޮށްގެން ޝުކޫރަށް ބުނެވުނީ، އެންމެ ޖުމްލަ އެކެވެ. ދަރިފުޅުގެ ކިބައިން އޭނައަށް އެދެވުނީ މައާފަށެވެ. އޭނައަށް ވާހަކަ ކުރިއަށް ގެންދެވޭގޮތްވީ، އޭނަގެ އަތް މަތީގައި ޒެންހާ އޭނާގެ އަތް ބާއްވައިލުމުންނެވެ.

މާޒީގައި ކަން ހިނގައިދިޔަ ގޮތުގެ ވާހަކަ ޒެންހާއަށް ކިޔައިދެމުން ދިޔައިރު، ޝުކޫރަށް ރޮވިއްޖެ އެވެ. ވެދިޔަ ހުރިހާ ކަމެއްގައި އޭނަ ކުށްވެރި ކުރީ، އަމިއްލަ ނަފުސެވެ. ނަހީރާއަށް އެ އައި ބަދަލުތަކަކީ އޭނަގެ ސަބަބުން އައި ބަދަލުތަކެއް ކަމަށް އެއްބަސްވާ ކަމަށް ޝުކޫރު ބުންޏެވެ. އޭނައަކީ ކުރިން އަނިޔާވެރި އެއް ކަމަށާއި، ނަހީރާދެކެ ވެވުނު ލޯބީގައި އެތައް ގޮތަކުން އޭނައަށް އަނިޔާ ވެސް ކުރެވިފައި ވާ ކަން ހާމަ ކުރިއިރު، ޝުކޫރުގެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔަ އެވެ. އެހުރިހާ ކަމަކާއި އޭނަ މިއަދު ހިތާމަ ކުރެއެވެ. މާޒީ އިއާދަ ކުރެވޭނޭނަމަ، އޭނަ އެކަންވެސް ކުރީހެވެ. އެހެނަސް، ގެއްލިއްޖެ ވަގުތަކީ، އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. ހެޔޮ ވިސްނި، ހަމަ މަގަށް ރުޖޫޢަ ވެވުމަކީ ދުނިޔެމަތީން ލިބޭނެ އެންމެ ބޮޑު އެއް ނަސީބެވެ.

ޝުކޫރުގެ ވާހަކަތައް އަޑު އަހަމުން ދިޔައިރު، ޒެންހާގެ ހަނދާނަށް އައީ އޭނައަށް ފެނުނު ޑައިރީގެ މަތިންނެވެ. އޭނަގެ ދެލޯ ބޮޑުވީ، އެއީ ނަހީރާގެ އެއްޗެއް ކަން އެނގުމުންނެވެ. އޭގެ ވާހަކަ ޝުކޫރުގެ ކައިރީގައި ދައްކަން އުޅެފައިވެސް އޭނަގެ ޚިޔާލު ބަދަލު ވިއެވެ. އެކަމާއި ބެހޭގޮތުން އޭނަ ބޭނުން ވަނީ ސީދާ ނަހީރާގެ ދުލުން އެއްޗެއް ބުނާ އަޑު އަހާށެވެ.

********

ރޭގަނޑުގެ ވަގުތެވެ. މިޝަލް ހަސްފަތާލަށް ދިޔައިރު، ނަހީރާގެ ކައިރީގައި ޒެންހާ ފިޔަވައި އިތުރު މީހަކު ނެތެވެ. އެނދުގައި ބޯ އަޅާލިގޮތަށް ޒެންހާއަށް އޮތީ ނިދިފަ އެވެ. ކަނދުރާ އާއި ހަމައަށް ކޮށާލާފައިވާ އިސްތަށިގަނޑުން ބޮޑު ބައެއް، ވަޔާއިއެކު އެ މޫނަށް ގޯނާ ކުރަމުން ދިޔަ އެވެ. އެ މަންޒަރު ބަލަން މިޝަލް އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު މަޑުމަޑުން، އެ އިސްތަށިކޮޅުތައް އެއްފަރާތްކޮށް ކަންފަތް ކައިރިއަށް ލައްވައިލި އެވެ. ހާމަވެގެންދިޔަ އޮމާން މޫނުން ފެންނަމުން ދިޔައީ ވަރުބަލި ކަމެވެ. މިޝަލް ގުދުވެލާފައި ޒެންހާގެ ނިތުގައި ބޮސްދިނެވެ. އޭރުވެސް ޒެންހާ އޮތީ، އަރާމު ނިންޖަކުން ނިދާލާފަ އެވެ.

ކުށެއް ނެތް ސާފު ހިތެއްގެ ވެރި އެ އަންހެން ކުއްޖާ އާއިމެދު ގޯސްކޮށް ވިސްނުނީތީ މިޝަލް ދެރަ ވިއެވެ. އޭނަގެ އެހީތެރިކަން ޒެންހާއަށް އެންމެ ބޭނުންވި ވަގުތު، ދުރަށް ދެވުނީތީ، އެކަމާއި ހިތާމަ ކުރި އެވެ. އޭނަ ހުރީ އެކަމާއި މައާފަށް އެދެން ބޭނުން ވެފައެވެ. އިރުކޮޅަކު އެހެން ހުރެފައި މިޝަލް ފަސް އެނބުރި ހިނގައިގަތީ، އެތަނުން ނުކުތުމަށެވެ. ދޮރުމަތީގައި ހުރި ވިކްޔަން ފެނުމުން، އޭނަގެ ފިޔަވަޅުތައް މަޑު ޖެހުނެވެ.

(ނުނިމޭ)

ކޮމެންޓް 0