އީމާގެ ޙާލު ފެނި، މިޝަލްއަށް ހިންދިރުވައިލެވުނެވެ. އޭނަ އިސްޖަހައިލީ އީމާގެ ކަރުނަތަކުން ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައިދާނޭކަމުގެ ބިރު އެ ހިތުގައި އުފެދުމުންނެވެ. ކިތަންމެ ރުޅި އަޔަސް، އީމާއަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ކުރާކަށް އޭނަގެ ހިތް އެއްބަހެއް ނުވެ އެވެ.
********
"މިޝަލް ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ކިޔަންވީ... އަހަރެން ބަލާނަން އަޑުއަހަން ހުރެވޭތޯ..." އީމާ ދެރަވެލާފައި ބުންޏެވެ.
"ކީއްކުރަން ދައްކާ ވާހަކައެއް؟... ވާހަކަ ދައްކަންވީ ވަގުތު އަހަންނަށް ފުރުޞަތު ނުދީ މިއަދު ކޮން ފުރުޞަތެއް ދޭކަށް... އީމާ... ދެން އެންމެ ރަނގަޅުވާނީ އީމާ މިތަނުން ދިޔުން..." މިޝަލް ވާހަކަދެއްކީ އޭނާގެ ދެދަތްޕިލަ ޖައްސައިގެން ހުރެ އެވެ.
އީމާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނަ މިޝަލްއަށް ބަލަން ހުއްޓައި ދެންވެސް ވާހަކަ ދެއްކީ މިޝަލް އެވެ. މިޝަލް ހުރީ އެ ސޫރައަށް ބަލައިލަންވެސް ބޭނުންނުވާ ވަރަށް ހިތްހަމަނުޖެހިފައިކަން ދެނެގަންނަން އީމާއަށް އިތުރު ކަމެއް ކުރާކަށް ނުޖެހުނެވެ. އެ މޫނު ދުރަށް އަނބުރައިލި ގޮތުން، އީމާގެ ހިތަށް ތޫނު ކަށިތަކެއް ހެރުނުހެން ހީވި އެވެ.
"އީމާ އަހަރެންގެ ކުރިމައްޗަށް އަންނަންޖެހޭ ސަބަބެއް މިހާރަކު ނެތް... އަހަންނަކީ މީ މިހާރު މީހެއްގެ ފިރިއެއްކަން ހަނދާންކޮށްދޭކަށް ނުޖެހޭނެ..." އީމާގެ މޫނާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްފައި މިޝަލް ބުންޏެވެ.
މިޝަލް އޭނާގެ ދެއަތް ޖީބަށް ކޮއްޕާލި އެވެ. މޫނު މައްޗަށް އުފުލާލައިގެން އިރުކޮޅަކު ހުއްޓެވެ. ފުލުފުލުގައި ދޫކޮށްލި ފުން ނޭވާ ތަކަށްފަހު، އެ ހަށިގަނޑު ސީދާ ކޮށްލައިފިއެވެ. ދެން އޭނަ އީމާއަށް ބަލައިލީ ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅި އަށްވުރެ ބޮޑަށް ހިތާމައިގެ ޢަޞަރެވެ.
"މިހާރު އުފާވެއްޖެތަ؟... އީމާ ނުވެގެން އުޅުނު ކަންތައް މިއޮތީ އެންމެފަހުން ފުރިހަމަވެފައި..." އީމާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލަމުން މިޝަލް ބުންޏެވެ.
މިޝަލްގެ ޖުމްލަތަކުން އީމާގެ ހިތް އިތުރަށް ޒަޚަމު ވިއެވެ. ވާހަކަ ދައްކަމުންދިޔައިރު، މިޝަލް އޭނައަށް ބަލަމުންދިޔަ ހިތްދަތި ގޮތުންވެސް އެތަނުގައި މާގިނައިރު ހުންނާކަށް އީމާއަކަށް ފަސޭހައެއް ނުވިއެވެ.
"މިޝަލް... އަހަރެން ޤަބޫލުކުރަން އަހަންނަކީ ކުށްވެރިއެއް ކަމަށް... އެކަމަކު، އަބަދު ތިޔަ ކަހަލަ އެއްޗެހި ނުކިޔަބަލަ... އަހަރެންވެސް ދެރަވެއޭ... ހިތަށް ތަދުނުވާތީކީ ނޫނޭ..." އީމާއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
މިޝަލް ކުއްލިއަކަށް އީމާގެ އަތުގައި ހިފައިފިއެވެ. ދުރަށް ހިނގައިގަތްލެއް ބާރުކަމުން، އީމާގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ހާސްވެގެން އޭނައަށް ވަށައިގެން ބަލައިލެވުނެވެ.
"މީހަކަށް ފެނިދާނެއޭ މިޝަލް... މިހާރު ތީ މީހެއްގެ ފިރިއެކޭ... ދޫކޮށްލަބަލަ..." ވަކި ހިސާބަކަށް ގޮސްފައި، އީމާ މިޝަލްގެ އަތް ފޮޅުވައިލިއެވެ.
"ވަރަށް ރަނގަޅު ހަނދާންކޮށްދިން ކަން... އަހަރެން ހޯދަން ނައިސް، އީމާ ތި މަޑުކުރީވެސް މީހެއްގެ ފިރިއަކަށް ވަންދެންދޯ... ކުރިމަތިން ދުރަށްދާން ބުނީމަވެސް ހުރީ ކީއްވެތަ؟... ކިތަށް ފަހަރު ބުނިން އަހަރެން ނެތޭ އީމާ އާ ދައްކާނެ އެއްވެސް ވާހަކައެއް..." މިޝަލް ވާހަކަ ދައްކަމުން އީމާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
އީމާ އާއި މިޝަލްގެ ހަރަކާތްތައް ބަލަން ހުރި މީހާގެ ތުންފަތް މަތީގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނަ ފޯނު ނަގައި، ހިތްފުރޭވަރަށް އެ ދެމީހުންގެ މަންޒަރުތައް އޭގައި ރައްކާކުރި އެވެ. އެކި ގޮތްގޮތަށް ނަގާފައިވާ އެ ތަސްވީރުތަކުން އެ މީހެއްގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔަކަން އެނގުނީ އެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔަ ގޮތުންނެވެ.
އަތުގައި އޮތް ފޯނު ރިންގްވާންފެށުމާއިއެކު އެމީހަކު ތެޅިގަތެވެ. ދެލޯ ބޮޑުކޮށްލަމުން އީމާ އަށާއި މިޝަލްއަށް އެ މީހަކު ބަލައިލި އެވެ. އެ ދެމީހުންނަށް ފެނުމުގެ ކުރީން އެ ތަނުން ދިޔުމަށް އެ މީހަކު ހިނގައިގަތެވެ. މިޝަލް އާއި އީމާގެ ނަޒަރު އެ ދިމާއަށް ހުއްޓުނުއިރު، އެ މީހަކު މާ ދުރަށް ގޮސްފި އެވެ. ދެމީހުންނަށްވެސް ފެނުނީ އެމީހެއްގެ ފުރަގަހެވެ. ފިރެހެނެއްކަން އެނގުނު ނަމަވެސް، އެ އަނދިރީގައި ކާކުކަން ވަކި ކުރާކަށް ފަސޭހައެއް ނުވި އެވެ.
މިޝަލް ހާސްވިއެވެ. އެތަނުން ދިޔުމަށް އޭނަ ހިނގައިގަތީ އީމާ އާއި ދިމާއަށް ބަލައިވެސް ނުލައެވެ. އަތިރިމަތިން ހިނގަމުންދިޔަ މިޝަލް ބިންމަތީގައި އިށީނދެލިއެވެ. އެއް އަތް ބޯދަށަށް ލައްވައިލަމުން އޭނަ އެ ތަނުގައި އޮށޯވެލީ ކޮޅަށް އިންނާނޭ ހިތްވަރުވެސް އެ ހަށިގަނޑުގައި ނެތުމުންނެވެ.
ކަޅު ވިލާތަކުން ބައްދާލާފައިވާ އުޑުމަތިން ތަރިއެއްވެސް ފެންނަން ނެތެވެ. ހީވަނީ މިޝަލްގެ ހިތާމައިގައި ބައިވެރިވަމުން ދިޔަ ހެންނެވެ. އެތައް އިރަކު އެހެން އޮވެފައި މިޝަލް ތެދުވި އެވެ. އޭނަ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީ ޒެންހާ ނިދާހާއިރު ކޮށްފައެވެ. މަޑު ހިނގުމެއްގައި، މިޝަލް ގޮސް ވަނީ އޭނަ އަށާއި ޒެންހާއަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށެވެ. އޭރު ޒެންހާ އުޅެނީ ފާޚާނާގަ އެވެ. ފެންމާގަނޑު ދޫކޮށްލާފައި ހުރި އަޑު އިވުމުން މިޝަލްއަށް ދެލޯ މަރާލެވުނެވެ. ކަރުގައި އަޅާފައިވާ ޓަޢީގެ ގޮށަށް ދޫކޮށްލަމުން އޭނަ ގޮސް އިށީނީ ސޯފާގަ އެވެ.
ޒެންހާ ނުކުތީ ފެންވަރައިގެންނެވެ. ގަޔަށް ދޫކޮށް ހުރި ޓީޝާޓަކާއި، ކަކުލަށްވުރެ މައްޗަށް ހުރި ސޯޓުކޮޅުގައި ޒެންހާ ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ތުވާލި އޮޅާލާފައި އޮތުމުން، އެ ނުކުތީ ބޯ ދޮވެލައިގެންކަން މިޝަލްއަށް އެނގުނެވެ. މިޝަލް އަވަހަށް އިސްޖަހާލާފައި އޭނަގެ ފޯނަށް ނަޒަރު ހުއްޓާލި އެވެ. ހީވީ ޒެންހާ އާއި ދިމާއަށް ނުބަލަން އުޅުނު ހެންނެވެ.
ޒެންހާއަށް މިޝަލް ފެނުމުން ހިނިތުންވެލައިފި އެވެ. އެ ނަޒަރު މިޝަލްއަށް ހުއްޓުނުގޮތަށް ވަކި ކޮށްލަންވެސް ހަނދާން ނެތިފައިވާ ކަހަލަ އެވެ. އެތައް އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނު އެވީ އޭނަގެ މިލްކަކަށެވެ. ޒެންހާ ބަލާކަން އެނގުމުން މިޝަލް ސޯފާއިން ތެދުވެގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަނެފި އެވެ.
"އެއްޗެއް ކައިފިންތަ؟..." ޒެންހާ ސުވާލުކުރި އަޑު އިވުމުން، ހިނގަމުންދިޔަ މިޝަލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ.
"ނެތް ކާހިތެއް..." މިޝަލް ދިނީ ފަރުވާކުޑަ ޖަވާބެކެވެ.
ޒެންހާ ހީކުރީ އޭނަ ކޭތޯ މިޝަލް ސުވާލު ކުރާނޭ ކަމަށެވެ. އޭނަ ނުކައި ހުރީ މިޝަލް އާއި އެކުގައި ކާން ބޭނުންވާތީ އެވެ. ކެއުމުގެ ވަގުތުގައި މިޝަލް ނުފެނުމުން، އޭނަ ކޮޓަރިއަށް ކާއެއްޗެހި ވެއްދީވެސް މިޝަލް އޭނަ އާއި އެކުގައި ކާނެ ކަމަށް ހީކޮށެވެ. ކޮޓަރީގެ އެއް ކަނެއްގައި ބަހައްޓާފައިވާ މޭޒާއި ދިމާއަށް ޒެންހާ ބަލައިލި އެވެ. އެތަނުގައި އޭނަ ގެނައި ތަށިތައް، އަތުރާލިގޮތަށް ހުއްޓެވެ.
މިޝަލް ގޮސް ބޭރަށް ނުކުމެވެން ހުންނަ ދޮރު ކަހައިލިއެވެ. އެއާއިއެކު، ކޮޓަރިތެރެއަށް ވަދެގެން ދިޔައީ ތެތް ފިނި ރޯޅި ތަކެކެވެ. ދޮރުފޮތި ތަކުގައި ވައި އަޅުވާލުމުން ގޮވައިގެން ދިޔައީ ބޫން އަޑެވެ. އުޑުމަތި ބަނަކޮށްލެވިފައިވި ކަޅުވިލާތައް ހީވަނީ ރަނގަޅު ފުރުޞަތަކަށް ބަލަން ތިބި ހެންނެވެ. މިޝަލް ކޮޓަރި ދޮރުކަނީގައި އަތް އަޅުވާލާފައި، ބޭރަށް ބޯ ދިއްކޮށްލި އެވެ. އޭނަ އުޑުމަތި ބަލައިލީ، ދުނިޔެއަށް ދައްކަމުންދިޔަ ވިއްސާރައިގެ ކުލަވަރު ބަލާލުމަށެވެ. އޭނަގެ ޙަޔާތް ފަދައިން މޫސުންވެސް އެވަނީ ބަދަލުވެފަ އެވެ.
މިޝަލްގެ ފަހަތުން ދާދި ކައިރީގައި ޒެންހާ ގޮސް ހުއްޓިލި އެވެ. މިޝަލްގެ ކޮނޑުމަތީގައި އަތް ބާއްވާލާފައި އޭނަ ބޭރު ބަލައިލައިފި އެވެ.
"ވާރޭ ވެހެން ކަންނޭނގެ އެ އުޅެނީ..." ޒެންހާގެ ނަޒަރު، އުޑުމަތިން ފެށިގެން މިޝަލްގެ މޫނަށް ހުއްޓައިލި އެވެ.
ޒެންހާ ގާތްވެލުމުން ދުވި މީރު ވަހުން ނޭފަތް އެތެރެއަށް ދަމައިލަން މިޝަލްއަށް މަޖުބޫރު ވިއެވެ. އޭނަ އަވަހަށް ބޯޖަހާލި އެވެ. ޒެންހާ އިތުރު އެއްޗެއް ބުނާނޭ ފުރުޞަތެއް އޭނަ ނުދިނެވެ. ޒެންހާ އާއި ދުރަށް ޖެހިލައިފި އެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ގޮސް އިށީނީ ސޯފާގައެވެ. މިޝަލްއަށް ބަލަން ޒެންހާ އިރުކޮޅަކު ހުއްޓެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން، ޒެންހާގެ އުފާވެރިކަން ނަގާލައިފި އެވެ. ދޮރު ލައްޕާލާފައި އޭނަ ދިޔައީ މިޝަލްގެ ކައިރިއަށެވެ.
"ހާދަ ބޮޑު ފިކުރެއްގަހެން ހީވެއޭ... މިޝަލް... އަނެއްކާ ކަމެއް ގޯސްވީތަ؟... އަހަންނަށް އެއްވެސް ކަމެއް ގޯސްކޮށް ކުރެވުނީތަ؟..." މިޝަލް އާއި ދާދި ގާތުގައި އިށީންނަމުން ޒެންހާ ސުވާލުކުރި އެވެ.
މިޝަލް ޒެންހާ އާއި ދިމާއަށް ބަލައިލި އެވެ. ހަމަ އެހާ އަވަހަށް އިސްޖަހާލައިފި އެވެ. ޒެންހާ އެހާ ކައިރީގައި އިނުމުން އޭނައަށް އުނދަގޫ ވަނީ އެވެ. ދުރަށްޖެހިލަން އުޅެފައިވެސް އެކަން ކުރާކަށް އޭނައަކަށް ނުކެރުނެވެ. އެ ފިނި ރޭގައިވެސް އޭނަ އިސާހިތަކު ދާހިއްލާ ލައިފި އެވެ. ދެއަތް ޖޯޑުކޮށްލައިގެން އޭނަ އިންއިރު، ޒެންހާ އާއިމެދު އެ ހިތުގައި ހަމްދަރުދީވެސް އުފެދިފައިވި އެވެ. ހިތް ބުނަމުން ދިޔައީ އެއީ އޭނަ ޒެންހާއަށް އޮޅުވާލާ ބޮޑު އޮޅުވާލުންގަނޑެއް ކަމަށެވެ. އެ ގުޅުން ކުރިއަށް ގެންދިޔުން ރަނގަޅު ނުވާނޭ ކަމަށެވެ.
މިޝަލްގެ މޫނަށް ބަލަން ޒެންހާ އިނެވެ. އިރުކޮޅަކު އެހެން އިނދެފައި ކޮނޑުގައި ބޯ އަޅާލައިފިއެވެ.
"ވަރަށް ވަރުބަލި ވަނީ... މިއަދު މާ ގިނައިރު ކޮޅަށް ހުރީމަ ކަންނޭނގެ..." ޒެންހާ މަސައްކަތް ކުރީ މިޝަލްގެ ސަމާލުކަން ހޯދާށެވެ.
މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ދުރަށްޖެހިލިގޮތުން ހީވީ އެއީ ޒެންހާ ކޮށްގެން ވާނޭ ކަމެއް ނޫން ހެންނެވެ. މިޝަލްގެ އެ އަމަލުން ޒެންހާއަށްވެސް ލިބުނީ ސިހުމެކެވެ. އެ ދުރުކަމުން އޭނަ ދެރަވި އެވެ.
"އެހެންވީމަ ދެން ދާންވީނު ނިދާލަން... އަހަރެން ނިދާނީ އަދި އިރުކޮޅަކުން... މާދަމާގެ ލަންކާ ދަތުރުގެ ކަންތައްތައް ހަމަޖައްސާލަންވެސް އެބަޖެހޭ އަދި..." މިޝަލް އޭނާގެ ފޯނު ނަގައިގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ.
ޒެންހާ އެއްޗެއް ބުނަން އުޅެފައިވެސް، ޚިޔާރުކުރީ ހިމޭން ކަމެވެ. މިޝަލްއަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އޭނަ ޤަބޫލުކުރި އެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ އެ ކައިވެނި ހެއްޔެވެ؟ އެކަމަކު އޭނަގެ ކައިރިން ކައިވެންޏަށް އެދުނީވެސް މިޝަލް އަމިއްލައަށެވެ. ކައިވެނި އަވަސްކުރަން ބޭނުންވާ ކަމުގައި ބުނީ ވެސް ހަމަ މިޝަލް އެވެ. ވީއިރު، މިޝަލްއަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެބާއޭ ޒެންހާގެ ހިތަށް އެރި އެވެ.
މިޝަލްގެ ދުރުކަމުން ޒެންހާގެ ހިތުގައިޖެހި ރޮވެން އުޅުނެވެ. ކައިވެނި ކުރީއްސުރެ މިޝަލް އޭނަ އާއި ދިމާއަށް ނުބަލަން އުޅޭކަންވެސް އޭނައަށް ވަނީ ފާހަގަ ވެފައެވެ. ނޭނގުމެއްގެ ތެރެއިން ވިޔަސް އެ ހަށިގަނޑުގައި ބީހިލެވިއްޖެނަމަ، މިޝަލް ދަނީ ސިއްސައިގެންނެވެ. ޒެންހާއަށް އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.
ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒެންހާ އޭނާ އިން ތަނުން ތެދުވި އެވެ. އޭނަ ގޮސް އެނދުގައި އޮށޯވެލި އެވެ. މިޝަލް ފަސް އެނބުރި ބަލައިލީ ޒެންހާ ނިދާހާއިރު ކޮށްފައެވެ. އެ ހުރިހާއިރު އޭނަ ހުރީ ކުޑަދޮރުގެ ކައިރީގައި ކޮޅަށެވެ. ދެލޯ މަރާލައިގެން އޮތް ޒެންހާ ފެނުމުން، އޭނައަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނަ މަޑު ހިނގުމެއްގައި ގޮސް ކޮޓަރީގެ ބޮކިތައް ނިއްވާލިއެވެ.
ސޯފާގައި ގޮސް އޮށޯވެލި މިޝަލްގެ ދެ ލޮލުގައި ނިދީގެ ޢަޞަރުވެސް ނެތެވެ. ނިތްކުރި މަތީގައި އަތް ބާއްވާލައިގެން އޭނަ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޒެންހާ އާއިއެކު އޭނަ އެފެށި ޙަޔާތުގެ ދަތުރުގައި، ހުންގާނު އަނބުރަންވީ ދިމާއެއް އޭނައަކަށް ނޭނގެ އެވެ. ދެވޭނުދެވޭ މިސްރާބެއް ނޭނގި، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެ ޙަޔާތް ނިމިގެން ހިނގައިދާނެ ކަމުގެ ބިރު ފިޔަވައި އިތުރު އެއްޗެއް އެ ހިތުގައި ނުވެއެވެ.
"އީމާ... އާޙްޙްޙް..." މިޝަލްއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއިރު، މިޝަލްގެ ހިތް ވަނީ ކުދިކުދިވެފައެވެ.
********
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން، ޕާޓީ ނިންމައި، ގިނަ މީހުންނަށް މާލެ ދެވޭ ގޮތެއް ނުވިއެވެ. އޭގެ ތެރޭގައި އީމާވެސް ހިމެނެއެވެ. އެރޭ ރިސޯޓުގައި މަޑުކުރަން ޖެހުމުން އީމާ ހުރީ ނުތަނަވަސް ވެފައެވެ. އޭނަ ބޭނުންވީ ވީ އެންމެ އަވަހަކަށް އެ ފަސްގަނޑުން ދާށެވެ.
އެނދުގައި ދެކޮޅަށް ފުރޮޅިފުރޮޅި އޮތް އީމާގެ ދެލޮލުގައި ނިދީގެ އެއްވެސް ޢަޞަރެއް ނެތެވެ. ރޮއެރޮއެ އެ ދެލޯ ވަނީ ފާރުވެފައެވެ. ޒެންހާ އާއި މިޝަލް އާއި ދެމެދު އެއްވެސް ގުޅުމެއް ނުހިނގާނެ ކަން އެނގުނު ނަމަވެސް އެ ހިތަށް ތަދުވަނީ މާ ވަރަކަށެވެ. ހިތް ޝައްކާއި ވަސްވާސްތަކުން ފުރި ބާރުވަނީ އެވެ. މިޝަލްއަށް ގުޅަން ތަކުރާރުކޮށް އޭނަ ފޯނުވެސް ނެގި އެވެ. އެކަމަކު ގުޅާނެ ހިތްވަރެއް ނުލިބެ އެވެ. އަމިއްލަ ހިތަށް ވިސްނައިދިނުމަށް އޭނަ ނުކުޅެދުނެވެ. އެންމެ ފަހުން ތެދުވިއެވެ. އެއްޗެހި ބަދަލުކޮށްލައިގެން އޭނަ ނުކުތީ ބޭރަށެވެ.
އިމާރާތުން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އީމާއަށް ލިބުނީ ސިހުމެކެވެ. ދޮރާއި ނިވާވެލުމަށް އޭނައަށް މަޖުބޫރުވީ، ކޮންމެވެސް މީހަކު ޒެންހާގެ ނަން ކީހެން ހީވުމުންނެވެ. އިވެމުން ދިޔައީ ފިރެހެނެއްގެ ބަރު އަޑެކެވެ. ކުޑަކޮށް ބޯ ދިއްކޮށްލާފައި ބަލައިލުމުން، އީމާއަށް ފެނުނީ އެމީހަކު ލައިގެން ހުރި ހުދު ކުލައިގެ ގަމީހުން ބައެކެވެ. އެ މީހެއްގެ ވާހަކަތަކަށް ސަމާލުވެގެން އީމާ ހުއްޓެވެ.
"އެކަކަށް އެއް ކަމެއް ވެސް އެނގުނަކަ ނުދޭނަން... މިކަން ދާނީ ހަމަ އަހަރެން ބޭނުންވާ މިސްރާބަށް... އާނ، ދެން އަހަރެން ފޮނުވީމެއްނު މެއިލް އެއް... އޭގަ ހުރި ޑޮކިޔުމަންޓްތައް މާދަމާއަށް ނިންމާލާތި... ނޫނޭ... އެކަމާ ހާސްނުވޭ... ޒެންހާ މާދަމާ ފުރާގޮތަށް ހުރިހާ ކަމެއް ހަމަޖައްސާފަ އޮތީ..." އެ މީހަކު ވާހަކަ ދެއްކީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެވެ.
ފާރުގައި ބާރަށް ހިފަހައްޓާލައިގެން ހުރި އީމާގެ ހިތް ތެޅެމުން ދިޔަ އެވެ. އޭނަ ހާސްވެގެން މޭގައި އަތް ޖައްސާލައިފި އެވެ. އެ މީހަކު ބަލައިލުމުގެ ޝަޢުޤުވެރިކަން ހިތުގައި އުފެދުނު ނަމަވެސް، ބަލައިލާކަށް އީމާ އަކަށް ނުކެރުނެވެ.
"މިޝަލް އޭ... އެކަމާ ހާސްނުވޭ... އަހަރެމެންގެ މަޅީގަ އޭނަ ދެވަނަ ފަހަރަށް ވެސް ޖެހޭނެ ކަން ޔަޤީން..." އެ މީހާ ޖަހާލީ ހިނިގަނޑެކެވެ.
އީމާގެ ނޭވާ އަވަސްވެގެން ދިޔައެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. އެއީ ކޮން ކަންތައް ގަނޑެއް ހެއްޔެވެ؟ އެ ބަޔަކު އެ ރާވަނީ މިޝަލްއަށް ދެރައެއް ދޭން ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ އެ މީހާގެ ވާހަކަތަކުން އީމާއަށް ޔަޤީންވީ، މިޝަލް ހުރީ ނުރައްކަލެއްގެ ތެރޭގައި ކަމެވެ.
(ނުނިމޭ)