މިޝަލް އައީ ޒެންހާ އެހެން އިންދައެވެ. ޒެންހާ އިންގޮތުން އެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިޝަލް ފެނުމާއިއެކު ޒެންހާ ދުވެފައި ގޮސް އެ ހަށިގަނޑުގައި ބައްދާލިއެވެ. ގަމީހުގައި ހިފައިގަނެފައި ފޮތާއި ދުރަށްޖެހެން ފެށިއެވެ. ޒެންހާ އުޅުނު ގޮތުން ހައިރާންވެފައި މިޝަލް ވަށައިގެން ބަލައިލިއެވެ. ވަކި ކަމެއް އޭނައަކަށް ފާހަގައެއް ނުވިއެވެ. ވެއްޓިފައި އޮތް ފޮތް ލޮލުގައި އަޅައިގަތް ނަމަވެސް، ޒެންހާއަށް އައިސްގެން އުޅޭ ބަދަލާއި އެ ފޮތާއި ގުޅުމެއް އޮވެދާނޭ ކަމަކަށް އޭނަ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

"ތަނަކަށް ތަދުވަނީތަ؟..." ޒެންހާގެ ގާތްކަމުން މިޝަލް ހުރީ އުނގަދޫވެފައެވެ.

ޒެންހާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއިއެކު މިޝަލް އޭނަ ދުރުކޮށްލައިފިއެވެ. ތަނަކަށް ތަދާވާ ވާހަކަ ބުނެ، އެ އަތުގެ ހިމާޔަތް ހޯދުނުނަމައޭ ޒެންހާގެ ހިތަށް އެރިއެވެ.

"ތަނަކަށް ތަދުވަންޏާ ނުބުނެ ނުހުންނައްޗޭ... އީމާ އެއްވެސް ވާހަކައެއް ބުނިތަ؟..." މިޝަލް ހުރީ އީމާގެ ޚަބަރެއް އޮޅުންފިލުވާ ހިތުން ކެތްމަދުވެފައެވެ.

"މިއަދު އަދި ނުގުޅާ... ކިހިނެތްވީ؟..." ޒެންހާ ހައިރާންވީ މިޝަލް ކުއްލިއަކަށް އީމާގެ ވާހަކަ އެހުމުންނެވެ.

"ވަކި ކަމެއް ވެގެނެއް ނޫން ހަމަ އަހާލީ... މިހާރު މޭގައި ރިއްސުން ކިހިނެތް؟..." ޒެންހާއަށް ޝައްކުވެދާނެތީ މިޝަލް އޭނަގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

ޒެންހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މިޝަލް އޭނަގެ ވާހަކަ އަހާލާ ކޮންމެ ފަހަރަކު އޭނަގެ ހިތް ހީވަނީ އުފަލުން ފުރޭ ހެންނެވެ. ހިތަށް އަންނަ އެއްޗެހިން އޭނައަށް މިޝަލްއަށް ބެލެނީވެސް ތަފާތު ނަޒަރަކުންނެވެ.

އީމާއަށް ގުޅުމަށް މިޝަލް އެކި ބަހަނާތައް ހޯދަން ފެށިއެވެ. ޒެންހާގެ ވާހަކަ ދައްކައިފިނަމަ، އީމާގެ ޝައުޤުވެރިކަން އެ ވާހަކައަކަށް ހުއްޓޭތީ އޭނަ ބަހަނާއަކަށް ހޯދީ އެކަމެވެ. އީމާ ތޯއެވެ. ޒެންހާގެ ވާހަކަ މިޝަލް އަހާ ކޮންމެ ފަހަރަކު އެ ހިތަށް ތަދުވެއެވެ. ދެރަވެއެވެ. އެހެނަސް އެކަން އޭނަ ބޭއްވީ ހިތުގެ އެންމެ ފުނުގައި ވަޅުލާފައެވެ. ހިތުގެ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އީމާ އާއި މިޝަލްގެ ގުޅުން ބަދަހިވާން ފެށިއެވެ. ދެމީހުން ގުޅައިގެން އެތައް ވަގުތެއް ހޭދަކުރެއެވެ. އެހެނަސް މީހުންގެ ކުރިމަތީގައި އެއީ ދެ ބީރައްޓެހިން ފަދައެވެ.

ޒެންހާ ބަލިވާން ފެށިއެވެ. އެނދުގައި ނުތެދުވެ އޮންނަ ދުވަސްތައް ގިނަވިއެވެ. މިޝަލްގެ އެހީތެރިކަން ލިބޭތީ، ބަލީގައި އުޅެންޖެހުމުން ޒެންހާ ހާހެއް ނުވެއެވެ. އޭނައަށް ވެގެންއުޅެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭކަށްވެސް ބޭނުމެއް ނުވިއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޒެންހާ އަނބުރައިގަނެގެން ވެއްޓުނީ އީމާ އެގޭގައި އިންދައެވެ. އީމާ ވަގުތުން މިޝަލްއަށް ގުޅާފައި އައިސްދިނުމަށް އެދުނެވެ. މާގިނައިރުތަކެއްނުވެ، މިޝަލް ހުރީ އައިހެވެ. ޒެންހާގެ ޙާލަތު ބަލާފައި މިޝަލް އެ ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު އީމާ ހުރީ މިޝަލްގެ އިންތިޒާރުގައި ދޮރުމަތީގައި މަޑުކޮށްލައިގެންނެވެ. އަތުގެ ނިޔަފަތިތައް ހަފާލަހަފާލަ ހުރިގޮތުން ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުރިކަން މޫނުމަތިން އެނގެއެވެ.

"މިހާ ދުވަސްވާއިރު އެވާހަކަ ނުބުނެ ސިއްރުކުރުން ރަނގަޅެއް ނޫން... ދެރަގޮތެއް ވެއްޖެއްޔާ އަހަރެމެންވެސް މިކަމުގަ ކުށްވެރިވާނެ... އޭނަގެ އާއިލާގެ މީހެއްގެ ނަންބަރު ދޭންވީނު... އަހަރެން އެވާހަކަ ދައްކާނަން..." މިޝަލް ހުރީ ހާސްވެފައެވެ.

"ނޫން... ނޫން... އޭރުން ކިހިނެތްވާނީ... އެމީހުން ހާދަ ހާސްވާނެއޭ... ޒެންހާގެ މަންމައަކީ ލޭމައްޗަށްދާ މީހެއް... އެކަހަލަ ވާހަކައެއް އެނގިއްޖެއްޔާ ހިތް ފަޅައިގެންވެސް ގޮސްދާނެ..." އީމާ ހުރީ ހަދާނޭގޮތް ހުސްވެފައެވެ.

"އަހަރެން ކިހިނެތް އަބަދު މިގެއަށް އައިސް މިހެން އުޅޭނީވެސް... އަހަންނާ ޒެންހާ އޭ ކިޔައިގެން މީހުން ފާޑުފާޑުގެ ވާހަކަވެސް އެބަ ދައްކާ މިހާރު... އީމާއަށްވެސް އެނގޭނެ އަހަރެން މީ ރަށުގެ މުހިއްމު މަޤާމެއްގައި ހުރި މީހެއްކަން..." މިޝަލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަޞަރު ފެނިގެން ދިޔައެވެ.

އީމާ އިރުކޮޅަކު ވިސްނަން ހުއްޓެވެ. މިޝަލް ދެއްކި ވާހަކަ އޭނައަށްވެސް ޤަބޫލުކުރެވުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ތެރެއިން އޭނަ ބަލައިލީ ކޮޓަރި އެނދުގައި އޮށޯވެލައިގެން އޮތް ޒެންހާއަށެވެ. ޒެންހާ އޮތީ ފުން ނިންޖަކުން ނިދާލާފައެވެ.

"މިޝަލް... ދެން އަހަރެން ކިހިނެތް ހަދާނީ... އެވަރުގެ ވާހަކައެއް އަހަރެން ކިހިނެތް ޒެންހާގެ ކައިރީ ބުނާނީވެސް... އަނެއްކާ ޒެންހާ ބޭނުމެއް ނުވޭ އޭނައަށް ކަމެއް ވެގެންއުޅޭކަން އެގޭ މީހުންނަށްވެސް އަންގާކަށް..." އީމާއަށް ގޮތް ހުސްވިއެވެ.

"ދެން އީމާ ތިބުނަނީ އޭނައަށް ވާނެ އެއްޗެއްވާން އެގޮތަށް ދޫކޮށްލާފަ ބަހައްޓާށޭތަ؟... އަހަންނަކަށް ނުހުރެވޭނެ ބަލާކަށް..." މިޝަލް ދޫކޮށްލީ ފުން ނޭވާއެކެވެ.

"އަހަންނަކަށްވެސް ނޭނގެ ހަދަންވީގޮތެއް... ބައެއްފަހަރު އަމިއްލަ ނަފުޞުވެސް ކުށްވެރިކުރެވޭ..." އީމާގެ ދެލޯ ފެންކަޅިވިއެވެ.

"އަހަންނަށް އެނގެއޭ ހަދަންވީގޮތް... ގެނޭ އޭނަ ބައްޕަގެ ނަންބަރު..." މިޝަލް އޭނާގެ ފޯނު ނަގާފައި ގުޅަން ތައްޔާރުވެލިއެވެ.

އީމާ ދެފިކުރެއްގައި ހުރެފައި، ޒުބޭރުގެ ނަންބަރު މިޝަލްއަށް ދިނެވެ. މިޝަލް އެ ނަންބަރަށް ގުޅަން އުޅެފައިވެސް އީމާ މާ ހާސްވެފައި ހުރުމުން އެކަން ފަސްކޮށްލިއެވެ.

މިޝަލް ކުރިއަށްޖެހިލާފައި އީމާގެ އަތުގައި ހިފާލިއެވެ. އީމާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިޝަލްގެ އަތުން ފެށިގެން މޫނަށް އޭނަގެ ނަޒަރު ދަތުރުކޮށްލިއެވެ. މިޝަލް އީމާއަށް ބަލަން ހުރީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އީމާގެ ހިތް ތެޅެންފެށިއެވެ. އެންމެ ބީހިލުމަކުން އެކަނިވެސް އޭނައަށް މިޝަލްގެ ހިތުގެ އަޑު އިވުނު ކަހަލައެވެ. އޭނައަށް ހިންދިރުވައިލެވުނެވެ. މިޝަލްގެ އަތުގެ ތެރެއިން އީމާ އޭނާގެ އަތް ދަމައިގަތެވެ. ހިތާއި ދެކޮޅަށް އޭނަ އެކަން ކުރީ ޒެންހާއަށްޓަކައެވެ.

"މިޝަލް ގޮސްލިޔަސް ދެން އެންމެ ރަނގަޅު... އަހަރެން މިދަނީ ޒުބޭރުބޭއަށް ގުޅާފަ އެވާހަކަ ދައްކަން... އެހެންވީމަ މިޝަލް ކޮންމެހެން ނުގުޅިޔަސް އެންމެ ރަނގަޅުވާނެ..." އީމާ އަނެއް ފަރާތަށް އެނބުރެމުން ބުންޏެވެ.

މިޝަލް އިރުކޮޅަކު އީމާއަށް ބަލަން ހުއްޓެވެ. އިތުރު އެއްޗެއް ނުބުނުމުން އޭނަ ދިޔައީއެވެ. މިޝަލް ދިޔުމުން، އީމާއަށް ފާރުގައި ލެނގިލެވުނެވެ. މޭގައި އަތް އަޅައިގެން އޭނަ އެތައް އިރަކު ހުއްޓެވެ. އެ ހިތުގައި ވަނީ ދިލަ ރިހުމެއް އުފެދިފައެވެ. މިޝަލް އާއި ދޭތެރޭގައި އެގޮތަށް ކަންތައް ކުރެވުނީތީ އޭނަ ދެރަވިއެވެ. މަޢާފަށް އެދެންވެސް ބޭނުންވިއެވެ. އެކަމަކު އޭނައަށް އެކަން ކުރެވޭކަށް ނެތެވެ. އަމިއްލަ ހިތުގައި އަތްއަޅައިގެންވިޔަސް މެއެވެ.

ޒެންހާ ކެއްސާލި އަޑު އިވުމުން، އީމާ އެ ކޮޓަރިއަށް ވަނެވެ. އޭރު ޒެންހާ އިނީ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެންނެވެ. އީމާ ފެނުމާއިއެކު ހިނިތުންވެލައިފިއެވެ.

"ސޮރީ އިނގޭ... އަހަންނަށް އީމްއަށް ވަރަށް އުނދަގޫކުރެވޭދޯ އެބަ..." ޒެންހާ ވާހަކަ ދެއްކީ އަމިއްލަ ނަފުޞު ކުށްވެރިކުރާ ކަހަލަ ރާގަކަށެވެ.

"ދެންވެސް ތިކަހަލަ ވާހަކައެއް ނުދައްކާތި... އަހަންނަށް ކީއްވެ ޒެނީގެ ސަބަބުން އުނދަގޫވާންވީ..." އީމާ ގޮސް ޒެންހާގެ ކައިރީގައި އިށީނެވެ.

"އަހަންނަށް ޒެނީ ކޮށްދިން ކަންތަކާ ބަލާފަ މީ ކިހާ ކުޑަ ކަމެއް... އަހަރެން ދުވަހަކުވެސް އެކަމުގެ މަތީން ހަނދާނެއް ނުނެތޭނެ..." އީމާ އިނީ ފެންކަޅިވެފައެވެ.

"ހޫމް އަނެއްކާ އެއްކަލަ ވާހަކަ ފެށީ... އެވާހަކަ ދެން ނުދައްކަބަލަ... އަހަރެން ލަދުގަންނަވަރަށް މި އީމް އެވާހަކަ ދައްކާނެ..." ޒެންހާ ހީގަތެވެ. އޭނަ އީމާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ.

"ކަމަކަށް ޕްރޮމިސްކޮށްދީބަލަ..." އީމާގެ ދެއަތުގައި ހިފާލަމުން ޒެންހާ އެދުނެވެ. އީމާ ވަގުތުން އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"މަންމަމެން ކައިރީ ނުބުނައްޗޭ އަހަރެން ބަލިވާހަކަ... ޕްލީޒް..." ޒެންހާ އިނީ އީމާގެ ދެއަތްތިލައަށް ފިތާލައިގެންނެވެ.

އީމާ އޭނާގެ އަތް ދަމައިގަނެފައި ޒެންހާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ދުރަށްޖެހިލިއެވެ.

"އަހަރެން މިރޭ ނިދާނީ ޒެނީ ކައިރީގަ... އެންމެ ރަނގަޅުތަ؟..." ޒެންހާގެ ކައިރީގައި އޮތް ބާލީސް ނަގައި މުށިތަކުގެ މަތީގައި ބާއްވަމުން އީމާ ބުންޏެވެ.

ޒެންހާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އޭނަ ހިނިތުންވެލިގޮތުން ހީވީ އަހަރު ދުވަހުގެ އުފާވެރިކަން އެއްފަހަރާ ލިބުނު ހެންނެވެ.

އާދުވަހަކަށް އެރީ އީމާއަށް އުފާވެރި ޚަބަރަކައިގެންނެވެ. ހަމަ އެއާއި އެއްވަރަށް އެޚަބަރުން، އޭނަގެ ހިތްވެސް މަރާލައިފިއެވެ. ލޯބިވާކަން ބަޔާންކޮށް މިޝަލް އޭނައަށް ފޮނުވާފައިވާ މެސެޖު ކިޔުނު އަދަދުވެސް އީމާއަށް ނޭނގުނެވެ. ކިތަންމެ ވަރަށް ކިޔަސް، އެކަމުން އީމާގެ ހިތަށް ލިބޭނޭ އުފަލަކީ ކޮބައި ހެއްޔެވެ؟

ހަވީރުވާން އުޅެނިކޮށް މިޝަލްގެ ދެވަނަ މެސެޖެއް ލިބުނެވެ. އޭގައި އޮތީ އީމާ އާއި ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. މިޝަލް ބުނި ގަޑިއަށް އީމާ އެތަނަށް ދިޔައެވެ.

ހުދުކުލައިގެ އަތްދިގު ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓުލޫނުގައި ހުރި މިޝަލް ފެނުމުން، އީމާއަށް ހުރެވުނީ ކަޅި ޖަހައިވެސްނުލައި ބަލަހައްޓައިގެންނެވެ. އޭނައަށް ހަމަހޭވެރިކަންވީ މިޝަލް ދެފަހަރަކު ކަރު ކެހިލި އަޑު އިވުމުންނެވެ. ގަތް ލަދުން އީމާގެ ދެކޯތާފަތް ރަތްވެގެން ދިޔައެވެ. އެތަން ފެނި، މިޝަލްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިތުންވުމެކެވެ.

"ޔޫ ލުކް ބިއުޓިފުލް..." މިޝަލްގެ ތަޢުރީފުގެ ބަސްތަކުން އީމާ އިތުރަށް ލަދުގަންނަގޮތްވިއެވެ.

މިޝަލް އިތުރު ވާހަކައެއް ދެއްކުމުގެ ކުރީން އީމާ ނިންމީ އޭނަ ދައްކަން އައި ވާހަކަ ބުނާށެވެ. ފުން ނޭވާއެއް ދޫކޮށްލާފައި، ހަމަޖެހިލެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އީމާ އެއްޗެއް ބުނަން އުޅޭހެން ހީވާތީ، މިޝަލް މަޑުކޮށްލައިގެން ހުއްޓެވެ. ދެއަތް ޖީބަށް ޖަހާލައިގެން ހުރިއިރު، އެ ނަޒަރު ހުއްޓިފައިވީ އީމާގެ އޮމާން މޫނަށެވެ.

"މިޝަލް... އަހަރެން ބޭނުން ވާހަކައެއް ބުނަން..." ވަރަށް ނުކެރި ހުރެފައި، އީމާ ވާހަކަ ދައްކަން ފެށިއެވެ.

"އަވަހަށް ބުނޭ..." މިޝަލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

މިޝަލް ހީކުރީ އީމާވެސް އޭނަދެކެ ލޯބިވާ ވާހަކަ ބުނަން އުޅެނީ ކަމަށެވެ. އޭނަގެ ފުރިހަމަ ސަމާލުކަން އީމާގެ މޫނަށް ހުއްޓައިލިއެވެ. ހާސްވެގެން އީމާގެ ނިތްކުރިމަތިން ވަނީ ދާހިއްލާލާފައެވެ. ނިތްކުރީގައި އަތް ހިންގައިލަމުން އޭނަ ހިންދިރުވައިލީ ބުނަން އުޅޭ ވާހަކައަށް ތައްޔާރުވުމުގެ ގޮތުންނެވެ.

"އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީފާނަންތަ؟..." އީމާ ކުއްލިއަކަށް މިޝަލްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. އެ އަޑުގައިވަނީ އާދޭހެވެ.

މިޝަލް ހައިރާންވެފައި އީމާގެ މޫނުން ފެށިގެން އަތަށް ނަޒަރު ހުއްޓާލިއެވެ. އީމާގެ އެ އަމަލުން އެ ހިތުގައި ދަތުރުކޮށްލީ ބިރުވެރިކަމުގެ ރާޅެކެވެ. މިޝަލް ބަލައިލިގޮތުން އީމާ ވަގުތުން އެ އަތުން ދޫކޮށްލާފައި ދުރަށްޖެހިލިއެވެ.

"އީމާ ބުނި ކަމެއް މިވީހާ ތަނަށް އަހަރެން ނުކޮށްދީ އެބައޮތްތަ؟..." އީމާ އާއި ދިމާއަށް ކުޑަކޮށް ގުދުވެލާފައި، މިޝަލް ބުންޏެވެ.

މިޝަލްގެ ކައިރީގައި ހުންނައިރު، އީމާ ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. މިޝަލްގެ ކޮނޑާއި ހަމައަށްވެސް އޭނަގެ އިސްކޮޅު ނެތެވެ.

"ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް މިހުރީ..." މިޝަލް ޔަޤީންކަން ދިނެވެ. އެއަށްފަހު ހަށިގަނޑު ސީދާކޮށްލާފައި، ދެޖީބަށް އަތް ކޮއްޕައިލިއެވެ.

ބުނަންޖެހޭ ވާހަކައިގެ ގޮތުން އީމާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މިޝަލްގެ މޫނަށް ބަލަން ހުންނާނޭ ހިތްވަރު އޭނައަށް ނުލިބުނީ އެހެންވެއެވެ.

"އަހަންނަކީ މިޝަލް އާއި އެންމެ އެކަށީގެންވާ މީހެއް ނޫން..." އީމާ އިސްޖަހައިލިއެވެ.

ހިނިތުންވެލައިގެން ހުރި މިޝަލްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ހައިރާންވެފައި އީމާ އާއި ދިމާއަށް ބަލައިލީ އިވުނު އަޑު ޔަޤީން ނުވުމުންނެވެ.

"މިޝަލް... އަހަރެން މިހުރީ ވަރަށް ބޮޑެތި އޮޕަރޭޝަންތަކެއް ކޮއްފައި... ކިޑްނީ ޓްރާސްޕްލާންޓް ހަދައިފިން... އެންމެ ދެރަ ކަމަކީ އަހަންނަށް، އަހަރެން..." އީމާ ހުއްޓައިލިއެވެ. ކުރިޔަށްވުރެވެސް ބޮޑަށް އިސްޖަހާލާފައި އޭނަ ހިންދިރުވައިލީ ކަރުގައި އެއްޗެއް ތާށިވީ ކަމުގެ އިޚްސާސް ކުރެވުމުންނެވެ.

"މިޝަލް... އަހަންނަކީ ދަރިން ލިބުމުން މަޚުރޫމްވެފައިވާ އަންހެނެއް... އަހަރެން ކިތަންމެ ބޭނުންވިޔަސް، އަދި އަހަންނާއި މެރީކުރާ މީހަކު ކިތަންމެ ބޭނުންވިޔަސް ވެސް، އަހަންނަކަށް ދަރިންނެއް ނުލިބޭނެ..." ކަރުނުން ފުރިފައިވާ ދެލޮލުން މިޝަލްއަށް ބަލައިލަމުން އީމާ ވާހަކަ ދެއްކިއެވެ.

އިވުނު ވާހަކަތަކަކުން ހުއްޓުން އަރާފައި މިޝަލްއަށް އިރުކޮޅަކު ހުރެވުނެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް، އެ ހަޤީގަތް ޤަބޫލުކުރުން ނޫންގޮތެއް މިޝަލްއަކަށް ނެތެވެ. އިތުރަށް މިޝަލްގެ ކުރިމަތީގައި ހުންނާނޭ ހިތްވަރެއް އީމާއަކަށް ނުލިބުނެވެ. ކަރުނަތައް ފޮހެލާފައި އެތަނުން ދިޔުމަށް އޭނަ ހިނގައިގަތެވެ. މިޝަލްއަށް ހަމަހޭވެރިކަންވީ އީމާ ވަރަށް ދުރަށް ދިޔަ ފަހުންނެވެ. އޭނަ އީމާގެ ފަހަތުން ދުވެފައި ގޮސް، ކުރިމައްޗަށް އެރިއެވެ. ދެކަކުލުގައި އަތް ވިއްދައި، ގުދުވެލިއިރު، އޭނައަށް މާނޭވާ ލެވެނީއެވެ.

"ވެއިޓް..." ވަރުބަލިވެގެން މިޝަލްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ތިވަރު މީހުން ދުވަންޖެހޭތަ؟..." ހިތުގެ އިޚްސާސްތައް ފޮރުވަން އީމާ ވަރަށްވެސް ކުޅަދާނައެވެ. ލުއި ހިނގަނޑެއް ޖަހާލާފައި ވާހަކަ ދެއްކިގޮތުންވެސް މިޝަލް ހައިރާންވިއެވެ.

"އެ ހުރިހާ ކަމަކާއި އެކުވެސް އަހަރެން އީމާ ބަލައިގަންނަން ތައްޔާރަށް ހުރިއްޔާ ކިހިނެތް ހަދާނީ؟..." މިޝަލްގެ ސުވާލުން އީމާގެ ހުނުން ހުއްޓުނެވެ. އެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.

"ޤަބޫލެއް ނުކުރެވުނު ދޯ... ހަމަ ސީރިއަސްކޮށް މިބުނީ އަހަރެން އީމާދެކެ ލޯބިވަނީ ކުޅޭ ކުޅިވަރަކަށް ނޫނޭ... އަހަރެން ބޭނުން ކައިވެނިކުރަން... ދަރިން ނުލިބުނަސް ހެޔޮ... ކުއްޖަކު އެޑޮޕްޓްވެސް ކުރެވިދާނެދޯ... ޕްލީޒް ނޫނެކޭ ނުބުނައްޗޭ..."

މިޝަލް ހުރީ އީމާގެ ލޯބީގައި ދީވާނާވާވަރު ވެފައެވެ. އީމާގެ ހިތުގައި ޖެހުނީ އެހެންވެއެވެ. އޭނަ އިރުކޮޅަކު ވިސްނައިލަން ހުރެފައި، މިޝަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތި، އީމާ އާއިއެކު މިޝަލް ދިޔައެވެ. ރޭގަނޑުގެ ވަގުތުކަމުން މަގެއްގެ މަތީންވެސް މީހަކު ފެންނާކަށް ނެތެވެ. އީމާ ހިނގަމުން ދިޔައީވެސް، އަނދިރިހެން ހީވާ ގޯޅިތައް ބަލައިގެންނެވެ.

"މިތާ މަޑުކޮށްލައްޗޭ..."

އީމާ އޭނާގެ ގެއާއި ހަމައަށް ގޮސްފައި ހުއްޓުނެވެ. މިޝަލްގެ ކައިރީގައި ބޭރުގައި މަޑުކުރަން އެދިފައި އޭނަ ވަނީ ގޭތެރެއަށެވެ. އެނބުރި އައިއިރު އެއަތުގައި ލިޔުންތަކެއް އޮތެވެ. އީމާ އެ ލިޔުންތައް މިޝަލްއަށް ދިއްކޮށްލިއެވެ. އޭގައި އޮތް އެއްޗެއް ކިޔާފައި މިޝަލްގެ ދެލޯ ބޮޑުވިއެވެ. އޭނަ އީމާގެ މޫނަށް ބަލައިލިއިރު، އީމާ ހުރީ އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ތި ފެނުނީ ހަޤީގަތް... އަހަރެން އެންމެ ބޭނުންވި ދުވަހު އަހަންނަށް އެހީވި މީހަކީ ޒެންހާ... ކިޑްނީ ފެއިލްވެގެން އަހަރެން އުޅުނު ޙާލު ދެނެވޮޑިގެންވާނީ މާތްﷲ... ދެން އެންމެ ގާތުން އެ މަންޒަރު ފެންނާނީ ޒެންހާއަށް... ޒެންހާގެ ކިޑްނީ އަހަންނާއި މެޗްވިކަން އެއީ އަހަރެންގެ ނަޞީބު... މި ހަށިގަނޑުގެ އެތެރޭގައި މިހާރު މަސައްކަތްކުރަމުން އެދަނީ ޒެންހާގެ ގުނަވަނެއް... އޭނަ އަހަންނަށް ކިޑްނީ ހަދިޔާކުރީ ބަދަލުގައި އެއްޗެއް ލިބޭނެތީކީ ނޫން... އަހަރެމެން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމެއްގެ ސަބަބުން... މިޒަމާނުގައި ކާކު އެވަރުގެ ކަމެއް ކޮށްދޭނީ... ޒެންހާގެ އެ އިޚްސާންތެރިކަމުގެ ބަދަލު އަދާކޮށްދޭން ދުވަހަކުވެސް ނުބުނާނެ ކަން އެނގޭ... އެކަމަކު މި ހަށިގަނޑުގައި ފުރާނަ މިހުރީ ޒެންހާގެ ގުނަވަނެއްގެ ސަބަބުންކަން އެނގިހުރެ، އަހަރެން ކިހިނެތް ޒެންހާއަށް އެހާ ބޮޑު ދެރައެއް ދޭނީ..." އީމާއަށް ރޮވުނެވެ.

އަމިއްލަ އާއިލާއަށްވުރެ، އޭނައަށް ޒެންހާ ރަނގަޅެވެ. ބަލިވި ދުވަހު އެންމެ ކައިރީގައި ހުރެދިނެވެ. މާލީގޮތުންވެސް އޭނައަށް އެންމެ ދަތިވީ ވަގުތު އެކުގައިވީ ޒެންހާއެވެ. ވީއިރު، ޒެންހާއަށް ދެރަވާ ގޮތަކަށް އޭނަ ދުވަހަކުވެސް ނުވިސްނާނެ ނޫން ހެއްޔެވެ؟

"އީމާ ތިދައްކާ ވާހަކައެއް އަހަންނަކަށް ނުވިސްނުނު..." އީމާގެ ވާހަކަ އަޑުއަހަން ހުރެފައި މިޝަލް ބުންޏެވެ.

"މިޝަލް... ޒެންހާ ވަރަށް ލޯ،ބި،ވޭ މިޝަލް ދެކެ..." އީމާއަށް އެވާހަކަ ބުނާކަށް ފަސޭހައެއް ނުވިއެވެ. އޭނަ ދެލޯ މަރާލިވަގުތު ލޮލުގައި ގިނަވެފައިވި ކަރުނަތައް ފައިބައިގަނެފިއެވެ.

"ދެން؟... ޒެންހާ އަހަރެންދެކެ ލޯބިވީމަ އަހަރެން ކީއްކުރަންވީ؟..." މިޝަލް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ.

"ޒެންހާ އާއި ކައިވެނިކޮށްދޭންވީ..." އެއްވެސް ޖެހިލުމެއްނެތި އީމާ ބުންޏެވެ. އީމާގެ ޖުމްލަ ނުނިމެނީސް މިޝަލް ހަޅޭއްލަވައިގަނެފިއެވެ.

"އީމާ ތިއުޅެނީ މޮޔަވެގެންތަ؟... ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟..." މިޝަލް ހުރީ ހިތްހަމަނުޖެހިފައެވެ.

"މިޝަލް ޕްލީޒް... އަހަންނަށްޓަކައި މިކަން ކޮށްދީ..." އީމާ ވާހަކަދެއްކީ އާދޭހުގެ ރާގަކަށެވެ.

"އެންމެ ރަނގަޅު... އީމާ ބުނެބަލަ، އީމާ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟..." މިޝަލްގެ ސުވާލާއިއެކު އީމާ ހިމޭންވެއްޖެއެވެ.

"މިސުވާލަށް ޖަވާބުދީބަލަ... އޯކޭ އެންމެ ރަނގަޅު... އަހަރެންދެކެ ލައިކްވޭތަ؟..." މިޝަލް އަނެއްކާވެސް ސުވާލު ކުރިއެވެ.

އީމާ އުޅުނީ އެސުވާލަށް ޖަވާބުނުދީ އެތަނުން ދާށެވެ. މިޝަލް އެ ފުރުޞަތެއް ނުދިނެވެ. އެންމެފަހުން ކުރުނުކޮށް ކިޔަންފެށުމުން އީމާގެ ބޮލަށް އުނދަގޫވިއެވެ.

"އާނ އަހަރެން ލައިކްވޭ، ލޯބިވެސް ވޭ..." އީމާ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ.

"އެހެންވެއޭ އަހަރެން މިޝަލްގެ ކައިރިން މިކަމަށް މި އެދެނީ... މިޝަލް ޕްލީޒް... އަހަރެންމިވާ ލޯބީގެ ބަދަލުގައި ޒެންހާ އާއި ކައިވެނިކޮށްދީ... އަހަންނަށް ހަމަ ޔަޤީން މިޝަލް ފަހުން ރިގްރެޓް ނުކުރާނެކަން..." އީމާ ކުރިޔަށް ޖެހިލާފައި މިޝަލްގެ އަތުގައި ހިފާލިއެވެ.

"ތީ ކޮންކަހަލަ ލޯތްބެއް؟.. އަހަންނަކަށް ނުވާނެ ތިކަމެއް... ދިރިއުޅުމަކީ ކުޅޭ ކުޅިވަރެއް ނޫނޭ... އީމާ ތިއުޅެނީ އަހަރެންގެ ދިރިއުޅުމެކޭ އެއްވަރަށް ޒެންހާގެ ދިރިއުޅުންވެސް ބަރުބާދުކޮށްލަން..." ދިޔުމުގެ ކުރީން މިޝަލްގެ ޖަވާބު ވަރަށް ސާފުކޮށް އީމާއަށް އިއްވިއެވެ. އޭނަ ދިޔައީ އީމާގެ ހިތް މާޔޫސް ކުރުވާފައެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ޒެންހާ ގުޅައިގެން މިޝަލް އިނީ އެ ގޭގައެވެ. އީމާ އެގެއަށް ދިޔައީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ.

"ހާދަ ޓައިމިން ރަނގަޅޭ... މިއުޅެނީ މަސްރޮށި ގެނެސްގެން... ހިނގާ ސައިބޯން..." ޒެންހާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މިޝަލް ކުރިމަތީގައި ހުންނަނަމަ، އޭނަ ހުންނަނީ އުފަލުން ފޮޅިފައެވެ.

ޒެންހާ ގޮސް ބަދިގެއަށް ވަނުމުން، އީމާ އުޅުނީ ފަހަތުން ހިނގައިގަންނާށެވެ. މިޝަލް އީމާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"މިޝަލް ޒެނީއަށް ފެނިދާނެއޭ..." އީމާ ހާސްވިއެވެ.

"ދައްކާށޭ މިއުޅެނީ... އަހަރެން ބޭނުންވަނީ އަހަރެމެން ދެމީހުންގެ ގުޅުން ޒެންހާއަށް އަންގަން..." މިޝަލް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"މިޝަލް ހެޔޮނުވާނެ ޒެނީ އައިސްދާނެއޭ... ދޫކޮށްބަލަ، ތިއުޅެނީ އޭނަގެ ހިތަށް ތަދުކުރާނެ ގޮތެއް ނޭނގިގެންތަ؟... އޭނަ އެއުޅޭ ޙާލު އެންމެ ރަނގަޅަށް އެނގޭނެ އެކަކު ތީ..." މިޝަލް ގޮތްދޫނުކުރުމުން، އީމާ ހިތްހަމަނުޖެހޭގޮތްވިއެވެ.

"އަހަރެން ބޭނުމީ ޒެންހާއަށް އަންގާށޭ ބުނެފީމެއްނު... އީމާ އައި ލަވް..." މިޝަލްއަށް ބުނެވުނީ އެހިސާބަށެވެ. މިޝަލްގެ އަނގަމަތީގައި އީމާ އޭނާގެ އަތްއަޅައި، ހުއްޓުވައިފިއެވެ.

އީމާއަށް އަވަސް ނަޒަރެއް ދެވުނީ ކާގެ އާއި ދިމާއަށެވެ. ޒެންހާ ފެންނަން ނެތުމުން އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިޝަލްގެ އަތުގައި ހިފައިގެން ބާރުބާރަށް ހިނގާފައި، އޭނަ ނުކުތީ ގެއިން ބޭރަށެވެ. މިޝަލް އާއި ކުރިމަތިލީއިރު، އެ މޫނުމަތިން ފެނުނީ ނުރުހުމުގެ ޢަޞަރެވެ.

"ތަންކޮޅެއް މަޑުން ވާހަކަ ދެއްކިޔަސް އަހަންނަށް އަޑު އިވޭނެއޭ..." ގޭތެރެއަށް ނަޒަރު ހިންގައިލަމުން އީމާ ބުންޏެވެ.

"މަޑުން ވާހަކައެއް ނުދެއްކޭނެ އީމާ ތިކަހަލަ ވާހަކަ ދައްކަންޏާ... ކޮންކަހަލަ މޮޔަ ވާހަކައެއްތަ ތި ދައްކަނީ... އީމާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އީމާ ނޫން މީހަކާއި ކައިވެނިކުރަން ބޭނުން ނުވާނެކަން..." މިޝަލް އުޅުނީ ގޭތެރެއަށް ވަންނާށެވެ. އީމާ އެ އަތުގައި ހިފައި ހުއްޓުވިއެވެ.

"އަހަންނަށް އެނގެއޭ... އަހަރެންވެސް ބޭނުމެއް ނުވެއޭ އެގޮތެއް... އެކަމަކު އެންމެންނަށްވެސް ރަނގަޅުވާނީ އެގޮތްވީމައޭ މި ބުނަނީ... މިޝަލް އެހެން މީހެއްގެ ޙައްޤަކަށް ވާތަން ދެކޭކަށް އަހަންނަކަށްވެސް ފަސޭހައެއް ނުވާނެ... އެކަމަކު އަހަރެން މިވާހަކަ މިދައްކަނީ ޙާލަތަށް ވިސްނާފަ... މިޝަލް ވިސްނަބަލަ... ވިސްނަބަލަ ޒެންހާއަށް ވާނެގޮތަކަށް..." މިޝަލްއަށް ވިސްނައިދޭން އީމާ އެތައް މަސައްކަތެއް ކުރިއެވެ.

"ޒެންހާ، ޒެންހާ، އަބަދު ޒެންހާ... އަހަންނަށް ވާނެ ގޮތެއް އީމާއަކަށް ނޭނގޭތަ؟... މިހިތަށް ކުރާނެ އަޞަރު އިޚްސާސެއް ނުވޭތަ؟... ލޯބިވާ މީހާ ހުއްޓާ ލޯބި ނުވާ މީހަކާއި އިނދެގެން އަހަންނަށް ކޮން އުފަލެއްތަ ލިބޭނީ؟... އަނެއްކާ އެކަމުން އީމާގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވާނެ ދޯ... އެނގޭތަ މިކަން ޒެންހާއަށް އެނގޭ ދުވަހަކުން ވާނެ ގޮތް... އޭނަ ހީކުރާނީވެސް ކީކޭ... އަހަންނަކީ މޮޔައެކޭ ދޯ..." މިޝަލްގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. ފަހު ޖުމްލަ ބުނެފައި މޫނުމައްޗަށް ހަދައިލި ގޮތުންވެސް އެކަން އެނގެއެވެ.

"މިޝަލް.. ޒެނީ ވަރަށް ލޯބިވެއޭ މިޝަލްދެކެ... އޭނަ ނަހަދާނެ މިޝަލްއަށް ދެރަގޮތެއް... އަހަންނަށް އެކަން އެނގޭތީ މިބުނަނީ..." އީމާ އިސްޖަހައިލިއެވެ. އެވާހަކަ ބުނަން އޭނައަށް ފަސޭހައެއް ނުވިއެވެ. ވީއިރު ޒެންހާ އާއި ކައިވެނިކޮށްގެން މިޝަލް އުޅޭތަން ބަލަން އޭނައަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟

"ދެން؟... އަހަރެންދެކެ ލޯބިވާ ކޮންމެ މީހަކު އުފާކޮށްދޭން، އަހަރެންވީ އެމީހަކާ އިންނަން؟..." މިޝަލް ހިތްހަމަނުޖެހުނު ވަރުން މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.

"އަހަރެން އެހެނެއް ނުބުނަމެއްނު... ޒެންހާއަށް ދުނިޔޭގައި ހުންނަން ލިބިފައިވާ މަދު ދުވަސްކޮޅު ވީހާވެސް އުފާކޮށްދެވޭތޯ އަހަރެން މި މަސައްކަތް ކުރަނީ..." އީމާ ދެރަވެފައި ބުންޏެވެ.

"އީމާއަށް އެނގޭތަ އަހަރެން ކިހާ ދުވަހަކު ދުނިޔޭގަ ހުންނާނެކަން؟..." މިޝަލްގެ ޖުމްލަ ނުނިމެނީސް އީމާ އެ މޭގެ ތެރޭގައި ބޮނޑިވެލައިފިއެވެ.

"ޕްލީޒް... ތިކަހަލަ ވާހަކަ ނުދައްކަބަލަ... އަހަރެން ދެރަވޭ..." އީމާ ހުރީ ފެންކަޅިވެފައެވެ. ހިތުގެ ޝަކުވާތައް މިޝަލްގެ ކަންފަތާއި ހަމައަށް ފޯރުކުރަމުންދިޔައިރު، އެ މޭގައި އޭނައަށް މަޑުމަޑުން ޖަހާލެވުނެވެ.

"އީމާވެސް ތިކަހަލަ ވާހަކަ ދެއްކުން ހުއްޓާލަބަލަ... އޭރުން އަހަރެންވެސް ނުދައްކާނަމޭ... ޙަޔާތުގެ ބާކީ ދުވަސްތައް ދެމީހުން އެކީ ހޭދަކޮށްލަން އަހަރެން މިހާރު ބޭނުންވަނީ..." އީމާގެ އެ ގާތްކަމުން މިޝަލް ހަމަޖެހުނެވެ. އިސާހިތަކު ރުޅި ފިނިވިއެވެ.

(ނުނިމޭ...)

ކޮމެންޓް 0