"ހިނގާ އެތެރެއަށް... އެންމެން އެ ބަލަނީ..." ޒެންހާ ގޮވައިގެން ހޮޓަލާއި ދިމާއަށް ހިނގައިގަންނަމުން ވިކްޔަން ވާހަކަ ދެއްކި އެވެ.

********

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރި މިޝަލްގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ. އޭނަ ވިސްނަމުން ދިޔައީ، ޒެންހާގެ ރިޕޯޓުތަކާއި މެދުގަ އެވެ. އެ ވަރުގެ ބޮޑުކަމެއް ކުރާނީ، ގާތް މީހެއް ކަމަށް މިޝަލްގެ ހިތް ބުންޏެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން މިޝަލްގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ.

"އީމާ..." މިޝަލްއަށް ހިންދިރުވައި ލެވުނެވެ.

އޭނަ ފޯނު ނަގާފައި އީމާގެ ނަންބަރަށް ގުޅިއިރު، އެ މޫނުމަތީގެ ކުލަވަރު ބަދަލު ވެއްޖެ އެވެ.

*********

މިޔާހް އާއި އެކުގައި ހިނގައިގަތް އީމާގެ ފިޔަވަޅުތައް ހުއްޓުނީ އޭނަގެ ފޯނު ރިންގް ވާން ފެށި އަޑު އިވުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލައިލި އީމާއަށް އަވަސް ނަޒަރެއް ދެވުނީ، ކައިރީގައި ހުރި މިޔާހަށެވެ. މިޔާހްގެ ނަޒަރު ފޯނުން އޭނަގެ މޫނަށް ހުއްޓުނު ތަން ފެނި، އީމާ ހާސްވި އެވެ.

މިޔާހް ހިނިތުންވެލި އެވެ. އޭނަ އަތުގެ އިޝާރާތުން އީމާގެ ފޯނު ދައްކައިލި އެވެ. އޭނަ އެދުނީ އެ ކޯލަށް ޖަވާބު ދިނުމަށެވެ.

ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއިރު، އީމާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. މިޝަލް ކުއްލިއަކަށް އޭނައަށް ގުޅުމުން، އެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލީ ތަނައި، ސިއްސައިގެން ދިޔައީ، މިޝަލްގެ ބާރު އަޑު އިވުމުންނެވެ.

"ޒެންހާގެ ރިޕޯޓްތައް ގެއްލުނު ވަގުތު އީމާ ހުރީ ކޮންތާކު؟..." މިޝަލް ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

ފޯނުގެ އަޑު ގަދަ ކަމުން ކައިރީގައި ހުރި މީހަކަށް، އެ އަޑު ރީތިކޮށް އިވޭނެ ކަން އީމާއަށް އެނގުނެވެ. އޭނަ މިޔާހްގެ މޫނަށް ބަލައިލިއިރު، މިޔާހް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ.

އީމާ ހާސްވެފައި ބަލައިލިގޮތުން، ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން، މިޔާހް އެނބުރުނީ އަނެއް ފަރާތަށެވެ. ފޯނާއިއެކު އަނގަމަތީގައި އަތް އަޅަމުން އީމާ އަވަހަށް އެތަނުން ދުރަށް ޖެހިލި އެވެ.

"މިޝަލް ކީކޭތަ ތި ކިޔަނީ؟..." އީމާ ކަންބޮޑުވެފައި ސުވާލު ކުރި އެވެ.

"އަހަރެން މި އަހަނީ ޒެންހާގެ ރިޕޯޓްތައް ނެގީ އީމާ ހޭ؟..." މިޝަލް އޭނާގެ ސުވާލު ތަކުރާރު ކޮށްލި އެވެ. މިފަހަރު އެ އަޑު ކުރިއަށްވުރެ ބާރެވެ.

"ކޮން ރިޕޯޓު ތަކެއްތަ؟..." އީމާ ހައިރާންވެފައި އެހި އެވެ.

ކުއްލިއަކަށް މިޝަލް ދައްކަން ފެށި ވާހަކަ އަކުން، އީމާގެ ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރި އެވެ.

"އީމާ... މިހާ ހިސާބަށް ކަންތައް ދުއްވާނުލާ ރީތިކޮށް އަހަރެން ކައިރީ ބުނިނަމަ، އަހަރެން އީމާގެ ޙަޔާތުން ދުރަށް ދިޔައީމުހޭ... ބޮޑު އޮޅުވާލުން ގަނޑެއް އޮޅުވާލައިގެން ޒެންހާއަށް ތި ދިނީ ކިހާ ބޮޑު ދެރަ އެއް..." މިޝަލްގެ ރާގު ބަދަލު ވިއެވެ.

ވާނުވާ ނޭނގިފައި ހުރި އީމާގެ ދެ ލޯ ފެންކަޅިވަމުން ދިޔަ އެވެ. މިޝަލް އޭނަ އާއި އެފަދަ ގޮތަށް ވާހަކަ ދެއްކުމުން، އެ ހިތުގައި އުފެދެމުން ދިޔައީ، ނުފިލާނޭ ރިހުމެކެވެ.

"އަހަރެން ކީއްތަ ކުރީ މިޝަލް؟... އަހަރެން ކުރި ކަމެއް ވިއްޔާ ކުރީ ޒެންހާއަށް ރަނގަޅަކަށޭ... އޭނަ އާ ދޭތެރޭ ވިސްނާފަ..." އީމާގެ އަޑު ކުރެހުނެވެ.

"ވިސްނާފަ އޭ... ފޭކް ރިޕޯޓް ތަކެއް ހައްދައިގެން؟..." ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް، މިޝަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"އަހަންނަކަށް ނުވިސްނުނު އީމާގެ މަޤުޞަދަކީ ކޮބައި ކަމެއް... އީމާއަށް އެނގޭތަ އީމާ ތިކުރި ކަމަކުން، ޒެންހާ އެ އުޅޭ ޙާލު؟... އޭނ... އީމާ އެއްގޮތަކަށް ވެސް އެހެން މީހެއްގެ އިޚްސާސް ތަކާއި ދޭތެރޭ ވިސްނިންތަ؟... މީ ހަމައެކަނި އަހަރެންގެ ދިރިއުޅުމެއް ނޫނޭ... މީ އެތައް ބައެއްގެ ދިރިއުޅުން..." ހިތްހަމަނުޖެހިފައި ވާހަކަ ދައްކަން ފެށި ނަމަވެސް، މިޝަލްގެ އަޑު މަޑުވެއްޖެ އެވެ.

މިޝަލް ވާހަކަ ދައްކަމުން ދިޔަލެއް އަވަސް ކަމުން، އީމާއަށް އެ ހުރިހާ ވާހަކަ އެއް ފަހުމެއް ނުވި އެވެ. ލިބިފައިވާ ކުއްލި ސިހުމުގައި، އޭނަ ހުރީ ހުއްޓުން އަރާފަ އެވެ. ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅުގައި ދެ މީހުން ކުރެ އެކަކު ވެސް އެއްޗެއް ނުބުނެ އެވެ. އީމާ ނޭފަތް ދަމާލި އަޑު އިވުމުން، މިޝަލް ވެސް ހުރީ ހިމޭން ވެފަ އެވެ.

.މިޝަލް... ކީކޭތަ ތި ކިޔަނީ؟... އަހަރެން..." އީމާ އެއްޗެއް ބުނަން އުޅުނެވެ

"އަހަންނަކަށް އަދިވެސް ނޭނގުނު އީމާ ބޭނުންވެގެން ތިއުޅޭ ކަމެއް... އީމާ ބުނިގޮތަށް އަހަރެން މިހުރީ މި ކައިވެނި ކޮށްގެން... ދެން ކީއްކުރަން އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ތި މަސައްކަތް ކުރަނީ؟... އަހަރެން ޤަބޫލުކުރަން، އަހަރެން މި ކައިވެނި ކުރީ ޒެންހާ ދެކެ ލޯބިވާތީ ނޫން ކަން... އެކަމަކު، އަހަރެން ޒެންހާ އާއި އިނދެގެން އުޅޭހާ ހިނދަކު، އޭނައަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއް ވިޔަކަ ނުދެވޭނެ... އަހަންނަށް ވީ ވަރަކުން ފިރިއެއްގެ ޒިންމާ ވެސް އަދާކުރެވޭތޯ ބަލާނަން..." އީމާއަށް ވާހަކަ ދައްކާނޭ ފުރުޞަތެއް މިޝަލް ނުދިނެވެ.

އީމާ ގޮވަގޮވައި ހުއްޓައި، މިޝަލް ފޯނު ކަނޑާލައިފި އެވެ. ގަބުވެފައި ހުރި އީމާގެ ހިތް ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ. ހިތުގައި ޖެހުނު ވަރުން، ނުރޯން އުޅުނަސް، އޭނައަށް ރޮވިއްޖެ އެވެ. މިޝަލްގެ ވާހަކަތައް ހީވީ އޭނަގެ ކަންފަތް ކައީގައި ގުގުމަން ފެށި ހެންނެވެ. އެ ވާހަކަތަކާއި މެދު ވިސްނެމުން ދިޔަ ވަރަކަށް، އޭނަގެ ބޮލުގައި ގަދައަށް ރިއްސަން ފެށި އެވެ. ޒެންހާއަށް ދެރަވާ ގޮތަކަށް ކަމެއް ކުރުމަކީ، އޭނަ ދުވަހެއްގައި ވެސް ކުރާނެ ކަމެއް ނޫނެވެ. އެފަދަ ޚިޔާލެއް ވެސް އެ ސިކުނޑީގައި ނުވެ އެވެ. ވީއިރު، މިޝަލް ދެއްކި ވާހަކަ ތަކުން، އެ ހިތުގައި ނުޖެހެންވީ ސަބަބެއް ވެސް ނެތެވެ. އަމުދުން ޒެންހާ އަށްޓަކައި، އޭނަ އެފަދަ ބޮޑު ޤުރުބާނީ އެއް ވެފައި ވަނިކޮށެވެ.

މީހަކަށް ފެނުމުގެ ކުރިން، އީމާ ބާރުބާރަށް ހިނގާލާފައި ގޮސް ފާޚާނާއަށް ވަނެވެ. ދޮރު ލައްޕައި ތަޅުލުމާއިއެކު، މުޅި ތަނުގައި ގުގުމައިލީ، އޭނަގެ މަޑު ގިސްލުމުގެ އަޑެވެ.

********

ގޯތިތެރެއަށް ވަދެފައި، ޒެންހާގެ ގައިން ވިކްޔަން ދޫކޮށްލި އެވެ. ޒެންހާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. އޭނަ ކުޑަކަކޫ މައްޗަށް ތިރިވެއްޖެ އެވެ. މޫނުގައި ދެ އަތް އަޅާފައި، ރޯންފެށި ގޮތުން، ވިކްޔަންގެ ހިތަށް ތަދުވި އެވެ. އޭނައަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލަން މަޖުބޫރު ވިއެވެ.

ޒެންހާ އަތުލަފިކޮށްގެން ކޮޓަރި އާއި ހަމައަށް ގެންދެވުނު އިރު، ވިކްޔަން ހުރީ ވަރުބަލި ވެފަ އެވެ. ބޮލަށް އެނބުރުން އަރާތީ، ޒެންހާއަށް އޭނަގެ އަމިއްލަ ބާރުގައި ކޮޅަކަށް ނުހުރެވެ އެވެ.

މިޝަލް އިނީ އެނދުގައި އިށީނދެލައިގެންނެވެ. އީމާ އާއި އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީތީ އޭނަ އިނީ ދެރަވެފަ އެވެ. އީމާއަށް ގުޅައި މަޢާފަށް އެދެން އޭނަ ބޭނުން ވިއެވެ. އޭނަ އެތައް ފަހަރަކު ފޯނު ވެސް ނެގި އެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން މިޝަލް ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި ޒެންހާ ފެނުމާއިއެކު، މިޝަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

ޒެންހާގެ އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފަ އެވެ. މުޅި މޫނު ދުޅަވެ، ދެ ލޯ ރަތްވެފަ އެވެ. އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ދެ ލޯ މެރިފައިވާއިރު، އެސްފިޔަތައް ފުރޭނިގެން، ތާޒާ ކަރުނަތައް އޮހެމުން ދިޔަ އެވެ.

މިޝަލް ޒެންހާގެ ގައިގައި ހިފަހައްޓާލުމާއިއެކު، ވިކްޔަން އެ ހަށިގަނޑުން ދޫކޮށްލައިފި އެވެ. ހިތްދަތި ނަޒަރަކުން ޒެންހާއަށް ބަލަން ހުރި ވިކްޔަންގެ ދެ ލޯ ވަނީ ފެންކަޅި ވެފަ އެވެ. އޭނަ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، އެ އިމާރާތުން ވެސް ބޭރަށް ނުކުމެއްޖެ އެވެ.

ޒެންހާ ގެންގޮސް އެނދުގައި ބާއްވާފައި، އެ މޫނަށް ބަލަން މިޝަލް އިރުކޮޅަކު ހުއްޓެވެ. ކޮޓަރީގެ ދޮރު ލައްޕާފައި އޭނަ ގޮސް އިށީނީ ޒެންހާގެ ކައިރީގަ އެވެ. މިޝަލް އޭނާގެ އަތް އުފުލައިލީ އެނދުމަތީގައި އޮތް ޒެންހާގެ އަތް މަތީގައި، އަތް ބާއްވައިލުމަށެވެ. އެ ހިތްވަރު ނުލިބި އިރުކޮޅަކު އިނދެފައި، އޭނަ އަތް ތިރިކޮށްލައިފި އެވެ. އެންމެފަހުން އޭނަ އިސްޖަހައިލީ، ކުށްވެރި އެއް ހެންނެވެ.

********

ގެއަށް އައިސް ވަން ކިއާރާ ހުރީ ފެންކަޅިވެފަ އެވެ. ފެނުނު މަންޒަރަކުން އޭނަގެ ތަބީޢަތު ވަނީ ބަދަލު ވެފަ އެވެ. ގޭގެ ދޮރު ބަންލާފައި ޖަހާފައި، އޭނަ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ. ސިޓިންގްރޫމް ސޯފާގައި އިން ޝުކޫރު ފުންމައިގެން ތެދުވީ ކިއާރާގެ އެ އަމަލުން ސިހުނު ވަރުންނެވެ. އޭނައަށް އިތުރު ސިހުމެއް ލިބުނީ ކިއާރާ އޭނަގެ އަތުގައި އޮތް މޭވާ ކޮތަޅު ސޯފާއަށް ހޫރައިލި ތަން ފެނުމުންނެވެ.

"ދަރިފުޅާ..." ޝުކޫރު ގޮވާލި ނަމަވެސް ކިއާރާ ނުހުއްޓުނެވެ.

އޭނަ ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހި އެވެ. ދެ ފަރާތަށް ބޯ ހޫރާލި ޝުކޫރަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. އުމުރުން އަށާރަ އަހަރު ފުރިފައި ވިޔަސް، ކިއާރާގެ އުޅުން ހުންނަނީ ދިހަ ވަރަކަށް އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ. މީހަކު އެއްޗެއް ބުންޏަސް، ކިތަންމެ ނަޞޭޙަތެއް ދިނަސް، އަޑު އަހާނީ ކިއާރާ ބޭނުން ވިއްޔާ އެވެ. އެއީ އޭނައަށް ދެވުނު ތަރުބިއްޔަތުގައި ހުރި އުނިކަމެއްގެ ސަބަބުން ކިއާރާއަށް އައި ބަދަލެއް ކަމަށް ޝުކޫރު ޤަބޫލު ކުރެ އެވެ.

ޝުކޫރު ދެ ފަހަރަކު ޓަކި ޖަހައިލުމުން ވެސް ކިއާރާ ދޮރެއް ނުހުޅުވި އެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ، ކިއާރާގެ ރުއިމުގެ އަޑާއި، ބިއްލޫރި އެއްޗެހިތައް ތަޅަމުން ދިޔަ އަޑެވެ. ކިއާރާއަށް ގޮވާގޮވައި ވަރުބަލިވެގެން، ޝުކޫރު އެކަން ހުއްޓައިލި އެވެ. އޭނަ އެންމެފަހުން ގެއިން ނުކުމެގެން ދިޔައީ، ސިކުނޑި ސުމަކަށް ދިޔުމުންނެވެ.

********

ޒެންހާއަށް ހޭލެވުނީ ހޫނު ވާތީ އެވެ. އޭނަ ދެ ލޯ ހުޅުވައިލިއިރު، ކޮޓަރި ތެރޭގައި ވީ ފަނޑު އަލި ކަމެކެވެ. އެނދުގައި ބޯ އަޅާލިގޮތަށް މިޝަލްއަށް އޮތީ ނިދިފަ އެވެ. މިޝަލްގެ މޫނަށް ބަލަން ޒެންހާ އިރުކޮޅަކު އޮތެވެ. އޭނަ ތެދުވެގެން، ސޯފާ އާއި ދިމާއަށް ދިޔައީ ބޮލުގައި ދެ އަތުން ހިފަހައްޓައިގެން ހުރެ އެވެ.

މިޝަލްއަށް ހޭލެވުނީ ޒެންހާ ތެދުވެގެން ހިނގައިގަތް ތަނާ އެވެ. އޭނަ ގޮސް ޒެންހާގެ ކުރިމަތީގައި އިށީނެވެ. މޭޒުމަތީގައި އޮތް ކޮތަޅުގެ ތެރެއިން އޭނަ ނެގީ ޖޫސް ޕެކެޓެކެވެ. އެއަށް ހޮޅި ޖަހައިދީފައި، ޒެންހާގެ އަތަށް ލައިދިނެވެ. އެވަރުން ވެސް، ޒެންހާ އެ ބޯކަށް ނޫޅުނެވެ. ޕެކެޓާއިއެކު، ޒެންހާގެ އަތުގައި މިޝަލް ހިފަހައްޓައިލި އެވެ.

ޒެންހާ ސިހުނެވެ. އަތް ދަމައިގަންނަން އުޅުނެވެ. މިޝަލް އިނީ ދޫކުރާ ގޮތަކަށް ނޫނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ޒެންހާގެ އަތް މައްޗަށް އުފުލާލައިފި އެވެ. ޕެކެޓުގެ ހޮޅި ޒެންހާގެ ތުންފަތުގައި ޖައްސައިލުމާއިއެކު، ޒެންހާ ދެ ލޯ ބޮޑުކޮށްލަމުން މިޝަލްގެ މޫނަށް ބަލައިލި އެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައި އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ.

ޒެންހާގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އެ އަނދިރީގައި ވެސް މިޝަލްގެ ފިރެހެންވަންތަ ކަމަށް އޭނައަށް ހިތުގެ އަޑިން ތަޢުރީފު ކުރެވުނެވެ. އެސްފިޔަ ޖަހާލާ ގޮތާއި، މިޝަލް އޭނައަށް ބަލަހައްޓައިގެން އިންގޮތް ޒެންހާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ އެވެ.

ބޭއިޚްތިޔާރުގައި ޒެންހާއަށް ޕެކެޓުން އެތިފޮދެއް ބޯލެވުނެވެ. މިޝަލްގެ ހިތުން ހީވީ ބޮޑު ބުރައެއް ނެގި ހެންނެވެ. އޭނަ ދުރަށްޖެހިލީ، ޒެންހާ އެ ޕެކެޓު ބޮއެ ހުސްކޮށްލުމުންނެވެ. ކޮތަޅުގައި ހުރި ބަނަހާއި ކޭކުތައް ޒެންހާގެ ކައިރިއަށް ޖައްސައިދީފައި، މިޝަލް ނުކުތީ ބާލުޙާނާ އަށެވެ. ޒެންހާ އާއި އެހާ ގާތުގައި ވެވުމުން، އެ ހިތަށް އުނދަގޫ ވާން ފެށީ ކީއްވެ ކަމެއް އޭނައަކަށް ނޭގުނެވެ. ހިތް ހަމައަކަށް އަޅުވަމުން މިޝަލް އެތެރެއަށް ވަނީ ޒެންހާ ކައި ނިމޭހާ އިރު ކޮށްފަ އެވެ. އޭރު ޒެންހާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. މިޝަލް ގޮސް ނެގީ ޒެންހާގެ ރިޕޯޓު ތަކެވެ. އެ ލިޔުންތައް ޒެންހާ އާއި ދިމާއަށް ދިއްކޮށްލުމުން، ޒެންހާ ތެދުވެ، ސޯފާގައި އިށީނދެލައިފި އެވެ.

"ޒެންހާ!... މީ ޒެންހާގެ ރިޕޯޓްތައް..." މިޝަލް ވާހަކަ ދެއްކީ އިސްޖަހައިގެން އިން ޒެންހާ އަށެވެ.

"ނުރައްކާތެރި އެއްވެސް ބައްޔެއް ހުރި ކަމަކަށް މިއަކުން ނުދައްކާ..." މިޝަލް ވާހަކަ ދައްކަމުން ދިޔައިރު، ޒެންހާގެ މޫނުން ނަޒަރު ވަކިކޮށް ނުލަ އެވެ.

ޒެންހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. އޭނަ ފުންމައިގެން ތެދުވި އެވެ. ބޮކި ދިއްލާފައި، އައިސް މިޝަލްގެ އަތުގައި އޮތް ލިޔުންތައް ޖަހައިގަތެވެ. ފަހަރަކު ގަނޑެއް ބަލަމުން ދިޔައިރު، ޒެންހާގެ ކެތްތެރިކަން ވަނީ ކޮޅުން ލާފަ އެވެ. އޭނަ ހައިރާންވެފައި ބަލައިލީ މިޝަލްގެ މޫނަށެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެ ދެ ލޮލުގެ ވިދުން ގަދަ ވިއެވެ. ތުންފަތް މަތީން ލުއި ހިނިތުންވުމެއް ފެނުނެވެ. ވާހަކަ ދައްކާނޭ ހިތްވަރު މިޝަލްއަށް ލިބުނީ ދެނެވެ.

********

ކޮޓަރިއަށް ވަން ވިކްޔަން ހުރީ ހާސްވެފަ އެވެ. އޭނައަށް މާނޭވާ ލެވެނީ އެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއިރު ދެ އަތް ވަނީ މުށްކެވިފަ އެވެ. ރުޅި އާއި ހިތާމަތައް އެކުވުމުން އެ ހިތަށް އުނދަގޫ ވަމުންދިޔައީ މާ ބޮޑަށެވެ.

އެތައް އިރަކު ވިސްނަން ހުރެފައި ވިކްޔަން ނުކުތީ ބާލުޚާނާ އަށެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން އެ ސިކުނޑީގައި ހެދެމުންދިޔަ ހައިޖާނުގަނޑަކަށް ނިމުމެއް ނައެވެ. އޭނަ އެންމެފަހުން ފޯނު ނަގާފައި، ނަންބަރަކަށް ގުޅި އެވެ.

"ތި ކުރާ ކަންތައް ހަމަ މިހާރު ހުއްޓާ..." ވިކްޔަން ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

ކޮމެންޓް 0