ނަހީރާ ރުޅި އައިސްގެން ފޯނު ކަނޑާލިއެވެ. އޭނަ އޮތް ތަނުން ތެދުވިއެވެ. ފޯނު އެނދު މައްޗަށް ހޫރައިލާފައި އޭނަ ގޮސް ހުއްޓިލީ، ލޯގަނޑުގެ ކުރިމަތީގައެވެ. އޭނަގެ ރުޅިގަނޑު ފަޅައިގެން ދަނީއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށް ބެލުމެއްނެތި މޫނުގައި ފުށް މާގަނޑު ކާއްތަން ފެށިއެވެ. ދެލޮލުގައި ހާކާފައިވާ އަނދުންތައް ކަރުނަތަކާއި އެކުވުމުން، މާގަނޑު ޚަރާބް ވެއްޖެއެވެ. ތުންފަތުގައި ކުލަ ހާކަން ފެށިލެއް ބާރުކަމުން، ލިޕްސްޓިކް ވެސް ދިޔައީ ބިންދައިގެންނެވެ. އެއީ އެތައް ސަތޭކަ ރުފިޔާއެއް ޚަރަދުކޮށްގެން އޭނަ ގަނެފައިވާ އަގުބޮޑު އެއްޗެއްސެވެ. އެހާ ލޯބިން ގެންގުޅެފައިވާ އެއެއްޗެހީގެ މަތީންވެސް އޭނަ ވީ ފާޑެއްގެ ފޫއްސެކެވެ.
********
ނަހީރާ ހުރީ، މުޅި ދުނިޔެ މަތީންވެސް ފޫހިވެފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ދެން އޭނަގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނަގެ ދިރިއުޅުމުގައިވީ ހުސްކަމާއި، ފަޅު ކަމެވެ. ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް، އެ ހަޔާތް އުފާވެރިއެއް ނޫނެވެ. ހަގީގީ އުފަލަކީ ކޮބައިކަން މިއަދު އޭނައަށް ވިސްނެން ފަށައިފިއެވެ. އެހެނަސް، ވަގުތު އެވަނީ ފާއިތު ވެފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަސް ދިރިއުޅުމުގައި މިއަދު އޭނައަށް ލިބޭނެ ވަކި އިތުރު ހިތްދަތިކަމެއް ނެތެވެ.
ލޯގަނޑުގެ ކުރިމަތީން ދުރަށް ދިޔައިރު، ނަހީރާގެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. އޭނަގެ ވިސްނުމުގައިވީ އެންމެ ކަމެކެވެ. ކަމުގެ ނުރައްކާ ކިތަންމެހައިވެސް ބޮޑެވެ. އެހެނަސް، އޭނަގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނަ ހުއްޓާނީ، އެކަން ކޮންމެވެސް އެއް ކޮޅެއްގައި ޖައްސާފައެވެ. މުޅި އުމުރު ދުވަހު އެކަމުގެ ހިތާމައިގައި ނިމިދާން ޖެހުނު ކަމުގައިވިޔަސް މެއެވެ.
އަލަމާރި ހުޅުވާލާފައި ނަހީރާ ނެގީ، ކުޑަ ލަކުޑި ފޮއްޓެކެވެ. އޭނަގެ ކަރުގައި އަޅާފައިވާ ފަށުފުލުގެ އެތެރޭގައިވާ ތަޅުދަނޑި ނަގައި، އޭގެ ތަޅު ހުޅުވައިލިއެވެ. ފޮށި ތެރޭގައި ހުރީ، ލިޔުން ތަކެކެވެ. އެއިން ކޮންމެ ކަރުދާސްގަނޑެއް ނަގައި، އޭނަ ވަކިވަކީން އެއަށް ބެލިއެވެ.
ނަހީރާގެ ފޯނު ރަނގަބީލު ވާންފެށީ، ލިޔުންތައް ދަބަހަކަށް އަޅައިގެން ގެއިން ނުކުންނަނިކޮށެވެ. ގުޅަނީ ޝުކޫރު ކަން އެނގުމުން، އޭނަ އެ ކޯލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ތިންވަނަ ފަހަރު ފޯނު ރިންގްވާން ފެށުމުން އޭނައަށް އެ ކޯލަށް ޖަވާބު ދޭން މަޖުބޫރު ވެއްޖެއެވެ.
"އަހަރެން މިދަނީ ހުރިހާ ހަގީގަތެއް ފަޅާ އަރުވާލަން... މީ އެންމެނަށް ވެސް އެންމެ ރަނގަޅު ގޮތް... އަހަރެންގެ ދިރިއުޅުން މިކަމުގެ ތެރޭގަ ހަލާކުވެގެން ދާނެކަން ވެސް އެނގޭ..." ނަހީރާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔައެވެ.
ޝުކޫރުގެ ހިތް ތެޅިގަތެވެ. އޭނަ ނަހީރާ ހުއްޓުވަން ބޭނުންވިއެވެ. ނަހީރާގެ އަޑުގައި އެވީ ޔަގީންކަން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުވައިލިއެވެ.
"ހަނދާންކުރާތި... ޒެންހާއަށް ގެއްލުމެއް ލިބިއްޖެއްޔާ އަހަރެން..." ޝުކޫރަށް ބުނެވުނީ އެހިސާބަށެވެ.
ނަހީރާ ފޯނު ކަނޑާލައިފިއެވެ. ދޮރާއި ދިމާއަށް ޝުކޫރަށް ދެވުނީ ދުވެފައެވެ. ނަހީރާގެ އަމަލުތައް އެހުރީ ނުރައްކާތެރި ދަރަޖަ އަކަށެވެ. އޭނައަކީ ކޮންމެފަދަ ކަމެއްވެސް ކުރަން ފަސްޖެހޭނޭ މީހެއް ނޫންކަން އޭގެ އެތައް އަހަރެއް ކުރީން ވެސް ވަނީ ސާބިތު ކޮށްދީފައެވެ.
ގެއިން ނުކުންނަމުން، ޝުކޫރު ގުޅީ މިޝަލްގެ ނަންބަރަށެވެ. އޭނައަށް އެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ.
********
މިޝަލް އާއިއެކު ބޭރަށް ނުކުމެފައި ވެސް ޒެންހާ ހުރީ ހިމޭންވެފައެވެ. ވިކްޔަން އާއި މިޝަލް އާއި ދޭތެރޭގައި ކޮންމެވެސް ހިތްހަމަނުޖެހުމެއް އުފެދިއްޖެކަން އޭނައަށް ކަށަވަރު ވިއެވެ. ވަކި ހިސާބަކަށް ދިޔަތަނައި، މިޝަލްގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން އޭނަ ބަލައިލީ، ޒެންހާގެ މޫނަށެވެ. އެ އައި ފޯނުކޯލެއްގެ ގޮތުން، އޭނަ ވަގުތުން ޒެންހާ އާއި ދުރަށް ޖެހިލައިފިއެވެ.
"ކިހިނެތްވީ؟..." މިޝަލް ވާހަކަ ދެއްކީ، އިނގިރޭސި ބަހުންނެވެ. އެ އަޑުގައިވީ، ފޫހި ކަމެވެ.
ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް، މިޝަލްގެ އަޑު ޒެންހާއަށް ރީތިކޮށް އިވުނެވެ. ޒެންހާގެ ފުރިހަމަ ސަމާލުކަން މިޝަލްއަށް ހުއްޓުނެވެ. ފޯނުގެ އަނެއްކޮޅުގައި ހުރީ ކާކު ބާއޭ އޭނަގެ ހިތަށް އެރިއެވެ.
"އަހަންނާ އަހަރެންގެ އަނބިމީހާގެ ހާލު ވެސް ރަނގަޅު... ސާމީ ކައިރީ ބުނޭ، މީގެ ފަހުން އަހަރެންގެ ނަންބަރު ދީފިއްޔާ އޭނަ އާ އޮތް ގުޅުން ވެސް ކަނޑާލާނަމޭ..." މިޝަލް ނުރުހިފައި ބުންޏެވެ.
ވާހަކަ ދައްކަމުން، މިޝަލް ފަސްއެނބުރި ޒެންހާއަށް ބަލައިލިއެވެ. އޭރު ޒެންހާއަށް ހުރެވުނީ، މިޝަލްއަށް ބަލަހައްޓައިގެންނެވެ. އޭނައަށް ކުރެވުނީ، ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. އޭނަ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.
ޒެންހާ ހުރީ އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އޭނަ ކުޑަ އިރުކޮޅެއްފަހުން މިޝަލް ހުރި ދިމާއަށް ބަލައިލިއެވެ. އޭރު މިޝަލް ފެންނާކަށް ނެތެވެ.
ފޯނުން ވާހަކަ ދައްކަމުން މިޝަލް ދިޔައީ، ހޮޓެލްގެ ފަހަތުގައި ހައްދާފައިވާ ގަސްތަކުގެ ތެރެއަށެވެ. ހަމަހިމޭން އެ މާހައުލުގައި ހުރެ، އޭނަ ބޭނުން ކޮންމެ ވާހަކަ އެއް ދެއްކޭނެތީއެވެ. ޒެންހާގެ ކުރިމަތީގައި އެފަދަ ގޮތަކަށް ވާހަކަ ދައްކަން އޭނަ ބޭނުން ނުވީއެވެ.
މިޝަލްގެ ކޮންމެ ޖުމްލައަކުން ހިތް ފަޅައިގެން ދާން ކައިރިވެފައި ހުރި ނަޒުރާނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. މުޅި ޙަޔާތުގައި ވެސް އޭނަ ކުރީ އެންމެ ކުށެކެވެ. ހެދުނީ އެންމެ ގޯހެކެވެ. އޭގެ ހިތި ރަހަ ދުވަހަކު ނުފިލާނޭ މިންވަރަށް އޭނަގެ އަރުގައި ލައްވާލައިފިއެވެ. ދަރިފުޅުގެ ނަފުރަތު އޭނައަށް ހައްގެވެ. އެހެނަސް، އޭނަ ފެން ބޮވައިގަނެފައިވީ، އެ ދަރިފުޅުގެ ލޯތްބަށެވެ. އިންތިޒާރު ކުރަމުން ދިޔައީ، އެ ދަރިފުޅު ހެޔޮހިތުން އޭނައަށް މައާފު ކުރާނޭ ވަގުތަކަށެވެ.
"ދަރިފުޅާ!... މަންމައަކަށް މައާފެއް ނުކުރާނަންތަ؟... ތިގޮތަށް ކިހާ ދުވަހަކު މި މައިމީހާއަށް ސަޒާ ދޭނަންތަ؟..." ނަޒުރާނާގެ އަޑު ވަނީ، ކުރެހިފައެވެ.
"މަންމަ ކުރި ކުށަށް ތައުބާ ވެއްޖައީމޭ... ދަރިފުޅާ!... މަންމައަށް ދަރިފުޅު ނުފެންނަތާ ވިހި އަހަރު ވީއޭ... މަންމައަށް އެންމެ ރަނގަޅޭ ދަރިފުޅު މައާފު ނުކުރިޔަސް... އެކަމަކު، ދަރިފުޅު ދެކެލަން މަންމަ ވަރަށް ބޭނުން..." ނަޒުރާނާ ފެށީ ރޯށެވެ.
"ތިވާހަކަ ދައްކަންޖެހޭނީ އަހަރެންގެ ކައިރީގައެއް ނޫން... ބައްޕަގެ ކައިރިއަށް ގޮސް މައާފަށް އެދޭ..." މިޝަލްގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.
ނަޒުރާނާ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން، މިޝަލް ފޯނު ކަނޑާލައިފިއެވެ. އޭނަގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މަޔެއްގެ ލޯބި އޭނަ ބޭނުން ވެއެވެ. އެހެނަސް، ނަޒުރާނާ ކުރި ކުށަށް އެހާ ފަސޭހައިން މައާފު ދޭކަށް ވެސް އޭނަގެ ހިތް އެއްބަހެއް ނުވެއެވެ.
********
މައުސޫމާ ދިޔުމުން، މިޔާހް ހުރީ އީމާ އާއި ދިމާއަށް ބަލައިލަން ވެސް ޖެހިލުން ވެފައެވެ. އޭނަ އީމާއަށް ފުރަގަސްދީގެން ހުރިއިރު ވިސްނަމުން ދިޔައީ، ބުނާނެ އެއްޗަކާއި މެދުގައެވެ. އެތައް އިރަކު ވިސްނަން ހުރުމަށްފަހު، މިޔާހް އެނބުރުނެވެ. އޭރު އީމާ ތެދުވެގެން ދޮރާއި ދިމާއަށް ދަނީއެވެ.
"އީމާ!... އިހަށް މަޑުކޮށްލަ ދެވިދާނެތަ؟..." މިޔާހް ސުވާލު ކުރިއެވެ.
އީމާގެ ފަސްއެނބުރި މިޔާހްއަށް ބަލައިލިއެވެ. އޭނަ މަޑުމަޑުން ބޯޖަހާލައިފިއެވެ. އީމާ އައިސް ކައިރީގައި ހުއްޓެންދެން، މިޔާހް ބެލީ އެ މޫނަށެވެ.
"ދެންމެ ވީ ކަންތަކަށް ވަރަށް ބޮޑަށް މައާފަށް އެދެން... އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން..." މިޔާހްގެ އަޑުގައިވީ، ޔަގީން ކަމެވެ.
"އީމާ!... މިއަދު މިވީ ކަންތަކަށްފަހު، އަހަރެން ބޭނުމެއް ނޫން އީމާއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް... އަހަރެން މިއަދު ބޭނުން އަހަންނަށް އީމާ އާއި ދޭތެރޭ މި އިހުސާސް ކުރެވޭ ގޮތް ހާމަކުރަން... އީމާގެ ޖަވާބު ކޮންމެ ގޮތަކަށް ލިބުނު ކަމުގައި ވިޔަސް، އަހަރެން އެގޮތަކާއި ރުހި ގަބޫލު ވާނަން..." އީމާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލަމުން، މިޔާހް ބުންޏެވެ.
އީމާގެ ހިތް ތެޅިގަތެވެ. މިޔާހް ބުނަން އެއުޅެނީ ކީކޭކަން އޭނައަށް އެނގުނެވެ. އޭގެ ކުރިން މިޔާހް ހުއްޓުވަން އޭނަ ބޭނުން ވިއެވެ. އެކަމަކު އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުގެ ކުރީން، މިޔާހް އަނެއްކާވެސް ވާހަކަ ދައްކަން ފަށައިފިއެވެ.
"އަހަރެން އީމާ އާއި ކައިވެނި..." މިޔާހް ބުނަން އުޅުނު ޖުމްލަ އީމާ ހުއްޓުވައިފިއެވެ.
އެ ސުވާލު ކުރުމުގެ ކުރީން، އޭނަ މިޔާހްއަށް ކިޔައިދޭން ބޭނުންވާ އެތައް ވާހަކަތަކެއް އެބަ ހުއްޓެވެ.
"މިޔާހް!... އަހަރެން ސުވާލެއް ކޮށްލިޔަސް، އެންމެ ރަނގަޅުތަ؟..." މިޔާހްގެ މޫނަށް ބަލަހައްޓައިގެން ހުރެ އީމާ ސުވާލު ކުރިއެވެ.
މިޔާހް ބޯޖަހާލިއެވެ. އޭނަ ހުރީ އީމާ ބުނާނެ އެއްޗެއް އެނގޭ ހިތުން ކެތްމަދުވެފައެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ.
"އަހަންނަކީ ދިރިއުޅުމުގައި މާ ކާމިޔާބު މީހެއް ނޫން... އަހަންނާ ކައިވެނި ކުރާ މީހަކަށް އަހަންނަށް ހޯދައިދެވޭނެ މާބޮޑު އުފަލެއް ނެތް... ދުވަހަކުވެސް ދަރިއަކު ލިބުމުގެ ނަސީބެއް އަހަންނަކަށް ނުލިބޭނެ... އަހަރެންގެ އާއިލާގެ މީހުން ތިއްބަސް، އެއީ ނެތް ބައެއް... އަހަރެންގެ އަތަކު މާގިނަ މުދާތަކެއް ނެތް... އަދާކުރަމުންމިދާ ވަޒީފާއިން ލިބޭ މަދު ފައިސާކޮޅު ފިޔަވައި އިތުރު އެއްޗެއް އަހަންނަކަށް ނުލިބޭ..." އީމާ އިސްޖަހާލީ ދެ ލޯ ފެންކަޅިވާން ފެށުމުންނެވެ.
މިޔާހްއަށް ހިންދިރުވައިލެވުނެވެ. އިވުނު ވާހަކަ ތަކަކުން އޭނަގެ ހިތަށް ފުން ޒަހަމުތަކެއް ލިބިއްޖެއެވެ. އެ ނިކަމެތި އަންހެން ކުއްޖާއަށްޓަކައި އެ ހިތް ހަމްދަރުދީއިން ފުރިގެން އައެވެ. އީމާ އިސް އުފުލައިލުމުގެ ކުރީން، މިޔާހް އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ހިނދާލައިފިއެވެ. އޭނަ އީމާއަށް ބަލަން ހުރީ ޝަކުވާއިން ފުރިފައިވާ ނަޒަރަކުންނެވެ. އީމާ އޭނަ އާއި ދޭތެރޭގައި އެ ހީކުރީ ހާދަ ގޯސްކޮށެވެ.
"ދެންމެ ކުރަން އުޅުނު ސުވާލު އަދިވެސް ކުރަން ބޭނުންތަ؟..." މިޔާހްގެ މޫނަށް ބަލައިލަމުން އީމާ ބުންޏެވެ.
އެ ބޮޑު ދެލޯ ފުރިގެން ބަންޑުންވަމުންދިޔަ ކަރުނަތައް ފެނި، މިޔާހްގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ. އަރުތެރެ ބެދި ވާހަކަ ދައްކަން އުނދަގޫވިއެވެ. މިޔާހް ބަލަހައްޓައިގެން ހުއްޓައި، އީމާ ދޮރާއި ދިމާއަށް ދުއްވައިގަނެފިއެވެ. އީމާ ހުއްޓުވަން މިޔާހް އެދިމާއަށް އަތް ދިއްކޮށްލިވެސް މެއެވެ. އޭގެ ކުރިން އީމާ ދޮރުން ނުކުމެގެން ގޮސްފިއެވެ.
މޫނުގައި ދެއަތް އަޅާލައިގެން މިޔާހް އެތައް އިރަކު ހުއްޓެވެ. ކެބިންގެ ތެރޭގައި އޭނަ ދެކޮޅަށް ހިނގަމުން ދިޔައެވެ. އެންމެފަހުން އޭނަ އެތަނުން ނުކުތީ، ވަރުގަދަ އަޒުމަކައިގެންނެވެ.
މިޔާހްއަށް އީމާ އާއި ބައްދަލުވީ ރިސޯޓުގެ ދޮންފަސްގަނޑުންނެވެ. އެތަނުގައި ފުދޭވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެއިން ކަމަކަށް ބެލުމެއްނެތި، މިޔާހް ގޮސް އީމާގެ އަތުގައި ހިފައިލިއެވެ. އީމާ ގޮވައިގެން އޭނަ ބާރުބާރަށް ހިނގާފައި ގޮސް ހުއްޓުނީ ފަސްގަނޑުގެ މެދުގައެވެ. އިސާހިތަކު ތަނުގެ މުވައްޒަފުންނާއި، ޓޫރިސްޓުންތައް އެ ދެމީހުން ވަށާލައިފިއެވެ.
ބަސް ހުއްޓިފައި ހުރި އީމާގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ވާހެން، މިޔާހް އިށީނެވެ. އޭނަ އިސްއުފުލައި އީމާގެ މޫނަށް ބަލައިލިއިރު، އީމާ ހުރީ ދެ ލޯ ބޮޑުކޮށްލައިގެންނެވެ. އޭރުވެސް އެ ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ.
"އަހަރެން މިއަދު އެތައް ބަޔެއްގެ ކުރިމަތީގައި މިވަނީ ވައުދެއް... އެއިން ކޮންމެ މީހަކު މިކަމަށް ހެކިވާނެ..." މިޔާހްގެ ޖުމްލައިން އީމާ ހާސްވެފައި ވަށައިގެން ބަލައިލިއެވެ.
އެތަނަށް އެއްވެފައިވާ އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އެ ދެ މީހުންނަށެވެ. އެންމެންވެސް އިންތިޒާރު ކުރަމުން އެދިޔައީ މިޔާހް ބުނަން އުޅޭ އެއްޗަކަށެވެ. އީމާ ހާސްވެގެން މިޔާހްގެ މޫނަށް ބަލައިލިއެވެ. އޭނަ ދެފަރާތަށް ބޯ ހޫރާލީ މިޔާހް ކުރަން އެ އުޅޭ ކަންތައް ހުއްޓުވަން ބޭނުންވި ވަރުންނެވެ.
"އީމާ!... ކޮންމެ ހާލެއްގައި ވިޔަސް، އަހަރެން އީމާ ބަލައިގަންނަން މިހުރީ ތައްޔާރަށް... ތި ޙަޔާތުން ގެއްލިފައިވާ ހުރިހާ އުފަލެއް ހޯދައިދޭން އަހަރެން މަސައްކަތް ކުރާނަން.. އެ ހިތާމަތައް ހަނދާން ނައްތާލަން، އިންތިހާއަށް ލޯބި ދޭނަން... އަހަރެންގެ އަތުގައިވާ ކޮންމެ އެއްޗަކީ، އީމާގެ ވެސް އެއްޗެއް... އީމާގެ ފަރާތުން އަހަރެން ބޭނުންވަނީ ހަމަ އެންމެ ކަމެއް... އެއީ އަހަރެންގެ ހަޔާތުގައި އަހަންނާ އެކީ ހުރެދިނުން... މިހާރު ލޯބި ނުވިޔަސް، ކޮންމެވެސް ދުވަހަކުން އީމާ ވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާނެ ކަން އަހަންނަށް ޔަގީންވޭ... އީމާ!... އަހަރެންގެ ހިތް އަތުލި ހަމައެކަނި އަންހެން ކުއްޖަކީ ތީ.... އިތުރު މީހަކަށް މިހިތުން ޖާގައެއް ނުދެވޭނެ..." މިޔާހް އެ ހިސާބަށް ބުނެފައި ހުއްޓައިލީ، އީމާ އޭނައަށް ފުރަގަސް ދިނުމުންނެވެ.
އީމާއަށް ރޮވެނީއެވެ. އޭނަގެ ހުރިހާ ހަގީގަތެއް އެނގިހުރެ، މިޔާހް އޭނަ އާއި ކައިވެނި ކުރަން އެއްބަސްވީ ކީއްވެ ހެއްޔެވެ؟ އޭނަގެ އަތުގައި އޮތީ ކޯއްޗެއް ހެއްޔެވެ؟ އެއީ ހަގީގީ ލޯބި ހެއްޔެވެ؟ އެހެން ވެއްޖެނަމަ، ލޯތްބަކީ މީހާގެ ދެ ލޯ އަނދިރިކޮށްލާ ވަރުގެ ވަރުގަދަ ހަތިޔާރަކީ ހެއްޔެވެ؟
މިޔާހް ތެދުވެގެން ގޮސް އީމާގެ ދެއަތުގައި ހިފައިލިއެވެ. އޭނަ އީމާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެ ނަޒަރުގައި އެއްވެސް ދެއްކުންތެރި ކަމެއް ނުވެއެވެ.
"އީމާ!... އަހަރެން ވެސް މިކުރަނީ ސުވާލެއް... އަހަންނާއި ކައިވެނި ކުރަން އެއްބަސްތަ؟..." މިޔާހް ސުވާލު ކުރިއެވެ.
(ނުނިމޭ)