"ޒެނީ، އަހަރެން ހާސްވެއޭ ޒެނީއަށް ކަމެއް ވެދާނެތީ... އަހަރެންވެސް ދާނަމޭ ޒެނީ އާއެކީ... މިޝަލްވެސް ދާނެއޭ... ޒެންހާ ހާސްވަނީ ކައިވެނި ލަސްވެދާނެތީތަ؟ އެކަމެއް ނުވާނެ ލަހެއް... އައި ޕްރޮމިސް ޔޫ..." އީމާ ވާހަކަ ދައްކަމުން ގޮސް، ޒެންހާގެ އަތުގައި ހިފާލި އެވެ.

*******

"ހެވޭ..." އީމާގެ އަތް ފޮޅުވައިލަމުން ޒެންހާ ހަޅޭއްލަވައިގަތެވެ.

"އަހަރެން މިބުނީނު އަހަރެން ބައްޔެއް ނޫނޭ... ބައްޔެއް ނޫނޭ... ބައްޔެއް ނޫނޭ... އަޑު އިވިއްޖެތަ؟..." ދެލޯ މަރައި ބާރުކޮށްލަމުން، ޒެންހާ ހަޅޭއްލަވަން ފެށި އެވެ.

އީމާ ދިޔައީ ސިއްސައިގެންނެވެ. ފަސްފަހަތަށް ޖެހެމުން ގޮސް އޭނަ ހުރީ އަނގަމަތީގައި އަތްއަޅާލައިގެންނެވެ. ޒެންހާ އަކީ އެހާ ފަސޭހައިން ރުޅި އަންނަ މީހެއް ނޫނެވެ. ކިތަންމެ ރުޅި އަޔަސް، އެހެން މީހެއްގެ ޤަދަރަށް އުނިކަމެއް ލިބޭފަދަ ކަމެއް، ޒެންހާ ދުވަހަކު ވެސް ކޮށްފައެއް ނުވެ އެވެ. ވީއިރު ކުއްލިއަކަށް ޒެންހާއަށް އެވީ ކިހިނެއް ހެއްޔެވެ؟ އެހާ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް ދެވަނަ ފަހަރަށް ޒެންހާގެ ކައިރިއަށް ދާކަށް އީމާއަކަށް ނުކެރުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި އިރު، އެ ދެލޯ ފެންކަޅިވަމުން ދިޔަ އެވެ. މިޝަލްގެ ނަޒަރު ހުއްޓިފައިވާކަން އެނގުމާ އެކު، އީމާ އަވަސްއަވަހަށް އިސްޖަހައިލި އެވެ. އެ ކަރުނަތައް މިޝަލްއަށް ދައްކަން އޭނަ ބޭނުން ނުވީ އެވެ.

ޒެންހާގެ ޙާލަތު ފެނި ޒުބޭރަށް ވެސް ހުރެވުނީ ގަބުވެފައެވެ. އެހާ ބޮޑު ބަދަލެއް އައުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްކަން އޭނައަށް އެނގެ އެވެ. އެއީ ޒެންހާގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރެވެ. އެއީ ޒެންހާ ގަސްދުގައި ކުރާ ކަމެއް ނޫނެވެ. އަމިއްލަ ނަފުޞުގެ މައްޗަށް ބާރުފޯރުވަން ޒެންހާ ކިތަންމެ ހިތްވަރު ކުރިޔަސް، ދުވަހެއް ދުވަހަކަށް އެ ހިތްވަރު ދާނީ ދަށްވަމުންނެވެ. ދެރަކަމަކީ އެ ތަން ބަލަން ހުންނަން ޒުބޭރުގެ ހިތަށް ކެތް ނުވާ ކަމެވެ. ކަރުނަ އަޅައި ރޯން ބޭނުން ނުވިޔަސް، އެކަރުނަތައް ނުހިފެހެއްޓޭނޭ ކަމެވެ. އޭނަ ޒެންހާގެ ކައިރީގައި އެވާހަކަތައް ކިޔައިދޭން ކިތަންމެހައި ވެސް ބޭނުންވެ އެވެ. އެކަމަކު އެވަރުގެ ވާހަކައެއް ބުނުމުގެ ހިތްވަރެއް އެ ހަށިގަނޑުގައި ނެތެވެ. އަމުދުން ޙަޔާތުގައި އެފަދަ ބޮޑު ކަމެއް ތަޖުރިބާ ކުރެވިފައި ވަނިކޮށެވެ.

ކުރެވުނު ކަންތައް އިޚްސާސްވުމުން ޒެންހާގެ ދެލޯ ފުރުނީ ކަރުނައިންނެވެ. އޭނަ ފަހަރަކު މީހެއްގެ މޫނަށް ބަލައިލި އެވެ. އެންމެން ތިބިގޮތުން ޒެންހާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. އަމިއްލަ ދެއަތް މައްޗަށް ނަގަމުން އެ ދެ އަތަށް އޭނަ ބަލައިލީ އަމިއްލަ ނަފުޞު ކުށްވެރިކުރާ ޙާލުގައެވެ. ޒެންހާ ރޮމުން، އެންމެންނާއި ދުރަށް ދުއްވައިގަތެވެ. މަންޒަރު ބަލާކަށް ޒުބޭރަކަށް ނުހުރެވުނެވެ. ޒެންހާގެ ފަހަތުން ދުވެފައި ގޮސް، ކުރި ބެއްދި އެވެ. ޒެންހާއަށް ރޮވެނީއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އޭނަ ޒުބޭރަށް ބަލައިލިއެވެ.

"ބައްޕާ... ސޮރީ..." ޒެންހާ ރޮއެރޮއެފައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

ޒުބޭރު ހިފަހައްޓައިލީ ޒެންހާގެ ދެ ކޮނޑުގައެވެ. ނުރޯން އުޅުނަސް، ޒުބޭރުގެ ދެލޯ ވެސް ކަރުނުން ފުރިއްޖެ އެވެ.

"ނޫން ދަރިފުޅާ... އެއީ ދަރިފުޅުގެ މައްސަލައެއް ނޫނޭ... އެއީ... އެ..އެއީ، ބައްޕަގެ މައްސަލަ... ބައްޕަ..." ޒުބޭރަކަށް ވާހަކައެއް ނުދެއްކުނެވެ. ގަދަކަމުން ކަރުނަތައް ހިފަހައްޓަން ހަދައިގެން އޭނަގެ އަރުތެރެ ބެދިއްޖެއެވެ. ހިންދިރުވައިލަން އޭނައަށް މަޖުބޫރުވި އެވެ.

ޒުބޭރުގެ ޙާލަތު ފެނި، ޒެންހާއަށް އޭނާގެ އަމިއްލަ ނަފުޞު ކުށްވެރިކުރެވެން ފެށީ މާބޮޑަށެވެ. އޭނަ އިސްޖަހައިލީ، އެ މޫނަށް ބަލަން ހުންނާނޭ ހިތްވަރު ނުލިބިގެންނެވެ.

"ބައްޕާ... މިވަގުތު އަހަރެން ބޭނުންވަނީ އެކަނިވެލަން... ޕްލީޒް..." ޒުބޭރުގެ އަތުގެ ތެރެއިން ނުކުންނަމުން ޒެންހާ ބުންޏެވެ. އޭރު ވެސް އޭނަ ހުރީ އިސްޖަހާލައިގެންނެވެ.

ޒުބޭރު އެއްޗެއް ބުނޭތޯ ޒެންހާ މަޑެއް ނުކުރެއެވެ. ކުރިއަށް ހިނގައިގަތީ ވެސް އިސްޖަހައިގެން ހުރެއެވެ. ޒުބޭރަށް ފަސްދީ ހިނގައިގަތުމާ އެކު، ޒެންހާއަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އަމިއްލަ ހިތަށް ބާރުކުރަން ފެށުމުން ޒެންހާގެ ފިޔަވަޅުތައް އަވަސްކޮށްލި އެވެ.

ޒެންހާ އާއި ދިމާއަށް ހިނގައިގަތް ޒުބޭރުގެ ފިޔަވަޅުތައް މަޑުޖެހުނީ، އެދިމާއަށް އައި މިޝަލް ފެނުމުންނެވެ. މިޝަލް އޭނާގެ އަތުގެ އިޝާރާތުން ޒުބޭރުގެ ކައިރީގައި އެދުނީ މަޑުކޮށްލުމަށެވެ. ޒެންހާއަށް ގޮވާލަމުން މިޝަލް ކުރިއަށް ހިނގައިގަތެވެ. ޒުބޭރަށް ހުރެވުނީ މިޝަލް ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން އޭނައަށް ފެނުނީ ހަރުދަނާ ކަމެވެ. އެންމެ ފެނިލުމަކުން ވެސް އޭނައަށް މިޝަލް ކަމުދިޔަ އެވެ. ޒެންހާއަށް އެންމެ ރަނގަޅު ފިރިޔަކަށް މިޝަލް ވާނެކަމަށް އޭނަ ޔަޤީން ކުރިއެވެ. ދަރިފުޅު ބޮޑުވެއްޖެކަމުގެ އިޚްސާސާއިއެކު، ޒުބޭރަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. މިއަދު އެ ދަރިފުޅަށް އޭނައަށް ވުރެ މުހިއްމީ ބައިވެރިއެއް ކަމުގައި ޤަބޫލުކުރަން އޭނައަށް މަޖުބޫރުވި އެވެ.

އެތައް އިރަކު ހިނގަހިނގާފައި، ޒެންހާ ގޮސް ހުއްޓުނީ، އޭނަ އުޅޭ ގެއާއި ފުދޭވަރަކަށް ދުރުގައި ހުރި ގެއެއްގެ ދޮރާށި ކައިރީގައެވެ. ފާރުގައި އަތް އަޅުވައިލިއިރު، އެ ހަށިގަނޑުގެ ވަރު ދޫވެފައިވާ ކަހަލައެވެ. ރޮމުން ގިސްލަމުންދިޔައިރު، އޭނަ ދިޔައީ އަމިއްލަ ނަފުޞާއި ޝަކުވާ ކުރަމުންނެވެ. ވޭނުން ފުރިގެންވީ އެ ރުއިމުގެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތް ފަޅައިގެންދާވަރުވެ އެވެ. ޒެންހާގެ ހަރަކާތްތަކަށް ބަލަން މިޝަލް ހުރީ ތަންކޮޅެއް ދުރުގަ އެވެ. ހިނގާހިނގައި ވަރުބަލިވެގެން މިޝަލް ހުރީ އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ.

"ވަރެއްގެ އަންހެން ކުއްޖެއް... އަހަރެން މޮޔަކޮށްލާނެ... އާޙްޙްޙް..."

މިޝަލް ދިޔައީ އޭނަގެ އަމިއްލަ ނަފުޞާއި ވާހަކަ ދައްކަމުންނެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނަ ދެފަރާތަށް ބޯ ހޫރާލި އެވެ. މަޢުޞޫމްކަމުން ފުރިގެންވީ އެ އަންހެން ކުއްޖާއަށްޓަކައި، އެ ހިތުގައިވަނީ ހަމައެކަނި ހަމްދަރުދީ އެވެ. ދުރުގައި ހުންނަން ފަސޭހަ ނުވިޔަސް، ކައިރިވާންވެސް މިއަދު އޭނައަކަށް ފަސޭހައެއް ނޫނެވެ. ޒެންހާއަށް އެހީވާން އޭނަ ބޭނުންވެއެވެ. އެކަމަކު އެއީ ބައިވެރިއެއްގެ ހައިސިއްޔަތަކުން ނޫނެވެ. ޑޮކްޓަރަކާއި ބަލިމީހަކާއި ދެމެދު އޮންނާނޭ ފަދަ ގުޅުމެއްގެ ސަބަބުންނެވެ.

""އެއީ ޕޭޝަންޓެއް.. ޕޭޝަންޓެއް..." އަމިއްލަ ނަފުޞު ހަމައަކަށް އެޅުވޭތޯ މިޝަލް ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނަ ޒެންހާ އާއި ދިމާއަށް ހިނގައިގަތީ އެއީ ބަލި މީހެއްގެ ގޮތުގައި އަމިއްލަ ނަފުޞަށް ވިސްނައިދެމުންނެވެ.

މުޅި ހިސާބުގަނޑު ފެންނަމުންދިޔައީ ފުދޭވަރަކަށް އަނދިރިކޮށެވެ. ރޭގަނޑުގެ އެ ވަގުތުގައި، އެއިން ހިސާބަކުން ވެސް މީހަކު ފެންނާކަށް ނެތެވެ. މާޙައުލަށްވެސް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ރޮއެރޮއެ ވަރުބަލިވެގެން ޒެންހާ ހުރީ ފާރުގައި ބޯ ޖައްސާލައިގެންނެވެ. ދާދި ކައިރިން ބުޅަލެއް ގޮވާލި އަޑު އިވުމުން، އޭނަ ދިޔައީ ސިއްސައިގެންނެވެ. ބާރަށް ހަޅޭއްލަވައިގަންނަމުން އޭނަ ދުއްވައިގަތީ، ދެފަޔަށް ލެވުނުހާ ބާރެއް ލާފަ އެވެ. އަރައިގެން ހުރި ފައިވާން ވެސް ދޫކޮށްލާފައި، ޒެންހާ ދުވަމުން ދިޔަ އެވެ. ފަހަތަށް ބަލަމުން ދުވެފައިދިޔަ ޒެންހާ ލައިގަތީ، އޭނަ އާއި ދިމާއަށް ހިނގަމުން އައި މިޝަލްގެ ގައިގަ އެވެ. ސިހުނުވަރުން، މިޝަލްއަށް ޒެންހާގެ ގައިގައި ހިފަހައްޓާލެވުނީ، އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

ބިރުންގޮސް ޒެންހާއަށް މާނޭވާ ލެވެމުންދިޔަ އެވެ. މިޝަލްގެ މޭގެ ތެރޭގައި މޫނު ފޮރުވާލައިގެން ހުރި ޒެންހާގެ ހިތް، ނެގިނެގިފައި ޖެހެމުން ދިޔަ އެވެ. އެ ހިތުގެ ތެޅުމުގެ އަޑު މިޝަލްއަށް ވެސް އިވޭނޭ ކަން ޤައިމެވެ. މިޝަލް ލައިގެން ހުރި ޓީޝާޓުގައި ހިފައިގަނެގެން އޭނަ އިރުކޮޅަކު ހުއްޓެވެ.

ހަމަހޭވެރިކަންވުމާ އެކު، މިޝަލްގެ ދެލޯ ބޮޑުވި އެވެ. އޭނައަށް ޒެންހާގެ ގައިން އަތް ދޫކޮށްލެވުނެވެ. މިޝަލް އުޅުނީ ޒެންހާ އާއި ދުރަށްޖެހިލާށެވެ. އޭނަ ކުޑަކޮށް ތެޅިގަނެފައި ދުރަށްދާން އުޅުމުން ވެސް، ޒެންހާ އެ ފުރުޞަތެއް ނުދިނެވެ. ކުރިޔަށްވުރެ ބާރަށް މިޝަލް ލައިގެން ހުރި ޓީޝާޓުގައި ހިފަހައްޓާލައިފި އެވެ. މިޝަލް ހުރީ އުނދަގޫވެފަ އެވެ. އެކަމަކު ގަދަކަމުން ޒެންހާ ދުރުކުރާކަށް ވެސް އޭނައަކަށް ނުކެރުނެވެ.

"ޒެންހާ..." މިޝަލް އުޅުނީ ޒެންހާއަށް ވިސްނައިދެވޭތޯ އެވެ.

"މިޝަލް ޕްލީޒް... ޑޯންޓް ލީވް... އަހަރެން މިހުރީ ވަރަށް ބިރުން..." ޒެންހާ އާދޭހާ އެކު އެދުނެވެ.

"އަހަރެން ނުދާނަމޭ... ތިހެން ހުއްޓާ މީހަކަށް ފެނިއްޖެއްޔާ ކިހިނެއް ވާނީ..." މިޝަލް ހާސްވެފައި ދެކޮޅު ބަލައިލަމުން ވާހަކަ ދެއްކިއެވެ.

ޒެންހާ އަވަސްއަވަހަށް މިޝަލް އާއި ދުރަށްޖެހިލިއެވެ. އޭނަ މިޝަލްއަށް ބަލައިލާފައި ހިނިތުންވެލިއެވެ. ހަމަ އެހާ އަވަހަށް، މިޝަލްގެ އަތުގައި ހިފާލައިފި އެވެ. އޭނަ އަނެއް އަތުން އިޝާރާތްކުރީ، ދުވެފައި އައި ދިމާއަށެވެ.

"ފައިވާން ވީ އެތާ..." މިޝަލްގެ މޫނަށް ބަލައިލަމުން ޒެންހާ ބުންޏެވެ.

"އެބަ އަންނަން ހިފައިގެން..." ޒެންހާގެ އަތް ގަދަކަމުން ނައްޓުވައިލަމުން މިޝަލް ބުންޏެވެ. އޭނަ ހުރީ ޒެންހާ އާއި ދުރަށްދާން ފުރުޞަތަކަށް ބަލަބަލަ އެވެ.

ޒެންހާ އާއި ދުރަށް، މިޝަލްއަށް އެޅުނީ ދެތިން ފިޔަވަޅެވެ. ޒެންހާ ގޮސް އެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިފިއެވެ. ހީވީ ވާގަނޑެއް ޖަހާފައި މިޝަލްގެ ކައިރިއަށް ދަމާލި ހެންނެވެ.

********

"އީމާ... ޒެންހާގެ ޙާލު އެންމެ ރަނގަޅަށް އެނގޭނެ އެކަކު އީމާއަކީ... ޒެންހާ އާ ދޭތެރޭ ގޯސްކޮށް ނުވިސްނައްޗޭ... އެއީ ޒެންހާ ގަސްދުގައި ކުރި ކަމެއް ނޫން... އޭނަ އެ ދިޔައީ އެކަމާ ވަރަށް ދެރަވެގެން..." ޒުބޭރު ވާހަކަ ދެއްކީ އިސްޖެހިފައި ހުރި އީމާއަށެވެ.

"ޒެންހާ އާ ދޭތެރޭ ދުވަހަކު ވެސް ގޯސްކޮށް ނުދެކޭނަން... ޒެންހާގެ އުފަލަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވާން މިހުރީ ތައްޔާރަށް... އަހަންނަށް ޒެންހާގެ ޙާލަތު ވިސްނޭ... އެކަހަލަ ކިތަންމެ ކަމެއްވިޔަސް، ހިތްވަރުދޭން ކައިރީ ހުރެދޭނަން..." ހިނިތުންވެލަން މަސައްކަތް ކުރަމުން އީމާ ވާހަކަ ދެއްކިއެވެ.

"އީމާއަށް މިޝަލް އެނގެނީ ކިހާ ވަރަކަށް؟... އަހަރެން މިހެން މިއެހީ، އަހަރެންގެ ދަރިއަކު އެވަރުގެ ކަމެއް ކުރަންއުޅޭތީ، ބައްޕައެއްގެ ވާޖިބު އަދާކުރަންވެގެން... ކޮންމެހެން އެކަމަށް ހުރަސްއަޅާކަށް ނޫން..." ފުން ނޭވާއެއް ދޫކޮށްލަމުން ޒުބޭރު ވާހަކަ ދެއްކި އެވެ.

"މާބޮޑަކަށް ނޭނގޭ... އެކަމަކު މިޝަލްއަކީ ގޯސް މީހެއް ނޫން... އެ ޔަޤީންކަން ދޭން ކެރިދާނެ..." އީމާގެ ޖަވާބު ސާދާއެވެ. އެ ޖަވާބުން ޒުބޭރުގެ ހިތަށް ހަމަޖެހުން ލިބުނެވެ.

"އެންމެ ރަނގަޅު... ތިކަމުގައި އަހަރެން އީމާއަށް އިތުބާރު ކުރާނަން..." ޒުބޭރު ހިނިތުންވެލި އެވެ.

"ޝުކޫރު ރަށުގައި އުޅޭކަމެއް އެނގޭތަ؟..." އީމާގެ މޫނަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިލަމުން ޒުބޭރު ސުވާލުކުރި އެވެ. ޒުބޭރު ކުއްލިއަކަށް މުޅީން އެހެން ވާހަކައެއް ފެށުމުން އީމާ ހައިރާންވި އެވެ.

"ޝުކޫރުބެ؟..." އީމާ ސުވާލުކޮށްލުމުން ޒުބޭރު ބޯޖަހާލި އެވެ.

"އާނ... މާލޭގައި އުޅެފައި ރަށަށް އައިތާ އަދި ދެ ދުވަހެއްވަރު ވާނީ... ރަތްކުލައިގެ ދޮރާއްޓެއްލާފައި އެހެރީއެއްނު، އެއީ އެ ގެ... ކިހިނެތްވީ؟... އެއީ ޒުބޭރުބޭގެ ރައްޓެއްސެއްތަ؟..." އީމާ ޝައުޤުވެރިވެފައި، ސުވާލުކުރި އެވެ.

ޒުބޭރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. އީމާ ދެއްކި ގެއާ ދިމާއަށް އޭނަ ބަލައިލީ ބިރެއް ފެނުމުން ބަލާހެންނެވެ. އެ ނޭވާ އަވަސްވެގެން ދިޔައީ، އެ ގޭތެރެއިން މީހަކު ނުކުތްތަން ފެނުމުންނެވެ. ޒުބޭރުގެ ޢަމަލުތައް ހުރިގޮތުން، ކޮންމެވެސް ގޯހެއް އުޅޭހެން އީމާއަށް ހީވި އެވެ.

********

މިޝަލް އާއި ޒެންހާ ހިނގަމުންދިޔައީ ރަށުގެ ބަނދަރުން އެއްގަމަށް އެރެން އޮންނަ މަގާއި ދިމާއަށެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. މިޝަލް އޭނާގެ ދެ ޖީބަށް އަތް ކޮއްޕާލައިގެން ހުރިއިރު، ޒެންހާ ހުރީ، އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ދެމީހުން ވެސް ހިނގަމުންދިޔައީ އެއްވަރަކަށެވެ.

"ޒެންހާ ކީއްވެ މާލެ ނުދާން ތިއުޅެނީ؟... ތިހެން ހެދީމަ ބައްޕަމެން ދެރަވާނެ އެއްނު..." މިޝަލް ވާހަކަ ދެއްކީ، ކުޑަކުއްޖަކަށް ވިސްނައިދޭ ކަހަލަ ރާގަކަށެވެ. އޭނަ އެވާހަކަ ފެށީ ޒެންހާ ހަމައަކަށް އެޅުނުކަން ޔަޤީންވުމުންނެވެ.

ޒެންހާ މިޝަލްއަށް ބަލައިލި އެވެ. އޭނަ ދޫކޮށްލީ ފުން ނޭވާއެކެވެ. ވަކި އެއްޗެއް ނުބުނެ ޒެންހާ އިރުކޮޅަކު ހުއްޓެވެ. އެ ސުވާލަށް ދޭނެ ޖަވާބަކާ މެދު ވިސްނައިލީކަން މިޝަލްއަށް އެނގުނެވެ. އޭނަ ޒެންހާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެފައި ވެސް، މަގުމައްޗަށް ނަޒަރު ހުއްޓާލި އެވެ. އެއްވެސް ހުރަހެއްނެތި އޭނަ އާއި ވާހަކަތައް ހިއްސާކުރުމުގެ ފުރުޞަތު ޒެންހާއަށް ދިނުމުގެ ގޮތުންނެވެ.

"މިޝަލް... އަހަރެން ވަރަށް ހިތް ބިރުގަންނަ ގޮތެއް ވަނީ... ހީވަނީ... ހީވަނީ ގޮއްސިއްޔާ، ދެން އެނބުރި ނާދެވޭނެހެން..." ޒެންހާ ވާހަކަ ދައްކަމުންދިޔައީ ހުއްޓަމުން ކަހަލަގޮތަކަށެވެ. ފުން ވިސްނުމެއްގެ ތެރޭގައި ހުރި އިރު، އެ އަޑުގައި ނޭނގޭ ރިހުމެއްގެ އަޞަރު ވާކަން މިޝަލްއަށް އިޚްސާސް ކުރެވުނެވެ.

"ކީއްވެ އެހެން ހީވަނީ... ޒެންހާއަށް އެނގުނީތަ؟..." އެއްޗެއް ޔަޤީންކޮށްލާ ފަދައިން، މިޝަލް ސުވާލުކުރީ ޒެންހާގެ މޫނަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިލަމުންނެވެ.

"އެއޮއް ދަނީ ޝޫޓިން ސްޓާއެއް..." ކުއްލިއަކަށް ފުންމާލަމުން ޒެންހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

ސިހުނުވަރުން ދެފަޔަށް ލެވުނުހާ ބާރެއްލާފައި މިޝަލް ދުއްވައިގަތެވެ. ޒެންހާ ބުނި އެއްޗެއް އޭނަގެ ސިކުޑިއަށް ނައިގަނެވޭވަރުވީ އިރުކޮޅެއް ފަހުންނެވެ. އޭނަ އަނބުރާލާފައި އައި އިރު، ޒެންހާ ހެނީ އެވެ. މިޝަލް ފެނުމުން ކުރިޔަށް ވުރެ ބާރަށް ހޭން ފެށި އެވެ. އޭރު ވެސް މިޝަލްގެ ހިތް ހަމައަކަށް ނޭޅެ އެވެ. ޒެންހާ ހޭތަން ފެނުމުން އޭނަ ހުރީ ރުޅިގަދަވާގޮތް ވެފަ އެވެ. ސްކޫލް ދަޢުރުގެ ހަނދާންތައް އާވުމާ އެކު މިޝަލްގެ ތަބީޢަތު ބަދަލުވެއްޖެ އެވެ.

ޒެންހާ ގޮވައިގެން ގެއާއި ހަމައަށް ދިޔައިރު، މިޝަލް ހުރީ މޮޔަވާން ކައިރިވެފަ އެވެ. ޒެންހާ ހޭވަރުން، އެއްޗެކޭ ނުބުނެ އޭނައަށް ކެތްކޮށްލެވުނީ ހަމަ ކިރިޔާ އެވެ. ޒެންހާ ގޭތެރެއަށް ވަނުމުން، އޭނަ ގުޅީ އީމާގެ ފޯނަށެވެ.

"ބޭރަށް ނުކުމެބަލަ..." އީމާ ފޯނު ނެގުމުން އަމުރުވެރި ރާގަކަށް އެހެން ބުނެފައި މިޝަލް އެ ކޯލް ކަނޑާލި އެވެ.

މިޝަލް ގުޅިތާ މިނެޓެއްގެ ތެރޭގައި އީމާ ހުރީ ގެއިން ބޭރަށް ނުކުމެ އެވެ. އީމާ ފެނުމުން މިޝަލްއަށް އޭނާގެ ދަތްތަކަށް ބާރުކޮށްލެވުނެވެ. އެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް އޭނަ ދިޔައީ އެ ގޭގެ އަނެއް ފަރާތަށެވެ.

"މިޝަލް... ކިހިނެތް ވެގެންތަ ތިއުޅެނީ؟... މީހަކަށް ފެނިދާނެއޭ..." އީމާ ހާސްވެފައި ބުންޏެވެ.

"އީމާއަށް ތިކުރެވުނީ ވަރަށް މޮޅު ކަމެއް..." ދެއަތް ޖަހައިލަމުން މިޝަލް ވާހަކަ ދެއްކި އެވެ. ދެން އަނެއްކާ ވެސް އީމާގެ ދެކޮނޑުގައި ހިފަހައްޓާލައިފި އެވެ. މިޝަލް ކަންތައް ކުރަމުން ދިޔަގޮތުން، އީމާ ހުރީ ސިހިސިހި އެވެ.

"ކޮން ކަހަލަ އަނދަވަޅަކަށްތަ އަހަރެން ތި ވައްޓާލީ؟..." މިޝަލް ނުރުހިފައި ހަޅޭއްލަވައިގަތެވެ.

"ޝީ އިޒް ކްރޭޒީ... އަހަރެން ގަޔާވާ އެއްވެސް ސިފައެއް އޭނަގެ ގަޔަކު ނެތޭ... އަހަރެން ކިހިނެތް އެކަހަލަ މީހަކާއެކީ ކެތްކުރާނީ؟..." މިޝަލް ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. ބޮލުގައި ހިފަހައްޓަމުން ދެކޮޅަށް ހިނގަހިނގާފައި އައިސް އަނެއްކާ ވެސް، އީމާގެ ދެކޮނޑުގައި ހިފަހައްޓައިފި އެވެ.

"މިޝަލް..." އީމާ އެއްޗެއް ބުނަން އުޅުނެވެ.

"އޯކޭ... އަޅާނުލާ... މީ އީމާ ބޭނުންވާ ގޮތެއްނު ދޯ... މިކަމުން ވެސް އީމާ އުފާވަންޏާ އެނިމުނީނު..." އީމާގެ ގައިން ދޫކޮށްލާފައި، އެތަނުން ދިޔުމަށް ހިނގައިގަންނަމުން މިޝަލް ބުންޏެވެ.

މިޝަލް ހީކުރީ އޭނަގެ ފަހަތުން އީމާ އަންނާނެ ކަމަށެވެ. އޭނަ ފިޔަވަޅުތައް މަޑު ޖައްސާލީ ވެސް އެހެންވެ އެވެ. އެކަމަކު އީމާ އޭނާ ހުރިތަނުން ގުޑާވެސް ނުލި އެވެ. އައި ރުޅީގައި އޭނަ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ. މިޝަލްއަށް ނުކުމެވުނީ ޒުބޭރުގެ ކުރިމައްޗަށެވެ. ޒުބޭރު ފެނުމުން ހާސްވެފައި، އޭނަ ފަސްއެނބުރި ބަލައިލި އެވެ. އެގަޑީގައި މިޝަލް އެތަނުން ނުކުތްތަން ފެނުމުން ޒުބޭރުގެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ. އޭނައަށް ވެސް އެދިމާއަށް ބަލައިލެވުނެވެ. އީމާ ފެންނަން ނެތުމުން މިޝަލްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އޭނަ އަވަހަށް ޒުބޭރު އާ އެކު ގޮސް ގޭތެރެއަށް ވަނެވެ.

"ޒެންހާ އެއްބަހެއްނުވި ދާކަށް... ކައިވެނިކޮށްގެން ނޫނީ ނުދާން ހިފާލާފަ އެހުރީ... ދެން އަހަރެން ކިހިނެތް ހަދާނީ ވެސް..." ޒުބޭރު ހުރީ ގޮތް ހުސްވެފަ އެވެ.

"މިޝަލް... ޒެންހާއަށް ވިސްނަދީބަލަ... އެކޮޅަށް ދެވުނުހާ އަވަހަކަށް ތި ކައިވެނި ކުރެވޭނެގޮތް ހަމަޖައްސައިދޭނަމޭ ބުނޭ... މިތާ ހުއްޓާ ކަމެއްވިޔަސް، ކިހިނެއް އެކަށީގެންވާ ފަރުވާއެއް ވެސް ހޯދާނީ... ދޭބަލަ... ބޮޑާހާކާލާފައި އެބައޮތް ކޮޓަރީގައި... ޒެންހާއަކީ ކުރިން އެހެން އުޅުނު ކުއްޖެއް ނޫނޭ..." ޒެންހާގެ ކޮޓަރިއަށް އިޝާރާތް ކުރަމުން ޒުބޭރު ވާހަކަ ދެއްކި އެވެ.

********

ޒެންހާ މާލެ ދިޔައީ މިޝަލް އެތައް ވާހަކައެއް ދައްކައިގެންނެވެ. އެ ދަތުރުގައި މިޝަލް އާއި އީމާ ވެސް ބައިވެރި ވުމުންނެވެ. މާލެ ދެވުމާ އެކު ޒެންހާ އުޅެންފެށީ ކައިވެނީގެ ކަންތައްތަކުގަ އެވެ. ކައިވެނީގެ ޙަފުލާ ވީހާ ވެސް ބޮޑުކޮށް ބޭއްވުން އެއީ ޒެންހާ ބޭނުންވާ ގޮތެވެ. ހިތްމަތީގައި އަތް އަޅައިގެން ކައިވެނީގެ ކަންތައްތަކުގައި އީމާ ވެސް ބައިވެރިވަމުން ދިޔަ އެވެ.

ކައިވެނީގެ ދުވަސް އައިސް ޖެހުނުއިރު، އީމާގެ ހިތް ވަނީ ކުދިކުދި ވެފަ އެވެ. ހިތްވަރު ކުރަން އުޅުނަސް، އޭނަގެ މޫނުމަތިން ހިތާމައިގެ ޢަޞަރު ފާޅުވަމުން ދިޔަ އެވެ. އެކަމާ ހުރެ، އޭނަ ބަލަނީ މިޝަލް އާއި ވީހާ ވެސް ދުރުން އުޅެވޭތޯ އެވެ. އެ ކައިވެންޏަށް ޒެންހާ ރަން ކީ ދުވަހުން ފެށިގެން މިޝަލްގެ ކުރިމައްޗަށް އޭނަ ނުދެ އެވެ. ޚުދު މިޝަލް ވެސް އުޅެނީ އޭނަ އާއި ދުރުންކަން އީމާއަށް ފާހަގަވި އެވެ.

ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައި ޒެންހާ ހުރީ އޭނާގެ ކޮޓަރީގަ އެވެ. ކޮޓަރީގެ ދޮރު ތަޅުލައިގެން އޭނަ ހުރީ ފާރުގައި އަތް ޖައްސާލައިގެންނެވެ. ބޯ އަނބުރާވަރުން އޭނައަށް ކޮޅަށް ވެސް ނުހުރެވެ އެވެ. ދެލޯ ފެންކަޅިވާން ފެށުމުން އޭނަ ގޮސް ވަތްގަނޑު ހުޅުވައިލި އެވެ. އެއިން ނެގި ބޭސްކާޑަށް ބަލަހައްޓައިގެން އޭނަ އިރުކޮޅަކު ހުއްޓެވެ.

ބޭސްކާޑުގައި ހިފަހައްޓާ ބާރުކޮށްލި ޒެންހާއަށް ހުރިތަނަށް ތިރިވެވުނެވެ. އިވިގެންދިޔައީ އޭނަގެ މަޑު ގިސްލުމުގެ އަޑެވެ. ބޭސްކާޑަށް ބަލަން އިން ޒެންހާ އޭނާގެ މޫނު މައްޗަށް އުފުލައިލި އެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލާފައި ކަރުނަތައް ހިންދާލައިފި އެވެ. އެ އުފާވެރި ދުވަސް، ކަރުނައިގެ ސަބަބުން ޚަރާބުކޮށްލަން އޭނަ ބޭނުން ނުވީ އެވެ. ޒެންހާ ގެނައި އަވަސް ހަރަކާތާ އެކު، އެ ކާޑުން، ތިން ގުޅަ ބޭސް ވަކިކޮށްލައިފި އެވެ. އެއްފަހަރާ އެ ބޭސްތައް އަނގަޔަށްލަމުން ތެދުވި އިރު އެ ހަށިގަނޑުގައި ކޮޅަށް ހުންނާނޭ ހިތްވަރުވެސް ނެތެވެ. ޒެންހާ މަޑުމަޑުން ހިނގާލާފައި ގޮސް މޭޒުމަތީގައި އިން ފެންފުޅި ނެގި އެވެ. އޭގައި ތުން ޖަހާފައި އެއްފަހަރުން އެ ފުޅި ބޮއެ ހުސްކޮށްލި އެވެ. ދެން މަޑުމަޑުން އެނދުގައި އޮށޯވެލި އެވެ. އެ ދެލޯ ލަސްލަހުން މެރެމުން ގޮސް، އެކީގައި މެރިއްޖެ އެވެ.

ޒެންހާގެ ޚަބަރެއް ނުވެގެން އާބިދާ ހުރީ ހާސްވެފަ އެވެ. ގަޑިއެއްހާއިރު ކުރީން ތައްޔާރުވެލައިގެން އަރާމުކޮށްލަން ބޭނުންވާ ކަމަށްބުނެ، ޒެންހާ އޭނާގެ ކޮޓަރިއަށް ވަންފަހުން ބޭރަކަށް ނުނުކުމެ އެވެ. އާބިދާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒެންހާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލި އެވެ. އޭނަ ތަޅުގައި ހިފާލީ އެތެރެއިން ތަޅުލާފައި ހުންނާނެ ކަމަކަށް ނޫނެވެ. އާބިދާ ކަންބޮޑުވީ، ދޮރު ތަޅުލާފައި ހުރުމުންނެވެ. ޒެންހާއަށް ގޮވާގޮވައި ވަރުބަލިވީ އިރު ވެސް ދޮރު ނުހުޅުވުމުން އޭނައަށް ގޮތް ހުސްވި އެވެ. އާބިދާ އަޑުގަދަކުރަން ފެށި އެވެ. ރޮއެރޮއެ އޭނަގެ އަޑުވެސް ވަނީ ކުރެހިފަ އެވެ. އާބިދާގެ އަޑަށް މިޝަލް ދިޔައީ ދުވެފަ އެވެ. ވީގޮތް އެނގުމުން، އެ މޫނުމަތިން ވެސް ފެނުނީ ކަންބޮޑުވުމުގެ ޢަޞަރެވެ.

ޒެންހާ ދޮރު ހުޅުވީ ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އާބިދާ އައިތަނާ އެވެ. ރަތްވެފައިވާ ޒެންހާގެ ދެލޯ ފެނި އާބިދާ ތެޅިފޮޅިގަތެވެ.

"މަންމާ ނިދުނީއޭ..." ޒެންހާ ވާހަކަ ދެއްކީ ކުޑަ ކުއްޖަކުހެން އާބިދާގެ ގައިގައި ބައްދާލަމުންނެވެ.

"ޔަޤީންތަ ހުރިހާ ކަމެއް އޯކޭ ކަން..." މިޝަލް ޒެންހާގެ ކައިރިއަށް ޖެހިލާފައި ސުވާލު ކުރި އެވެ.

ޒެންހާއަށް އޭނަ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ޒެންހާގެ މޫނުމަތިން އޭނަގެ ޙާލަތު މާ ރަނގަޅު ނޫންކަން މިޝަލް ދެނެގަތެވެ. ޒެންހާ ބޯޖަހާލި ނަމަވެސް މިޝަލް އެކަމެއް ޤަބޫލެއް ނުކުރި އެވެ. އާބިދާ ދިޔުމުން އޭނަ ޒެންހާ އާ ކުރިމަތިލި އެވެ.

"އަހަންނަށް އެނގޭ ޒެންހާ ރަނގަޅު ނޫންކަން... ތެދަށް ބުނެބަލަ..." ޒެންހާގެ މޫނަށް ބަލަން ހުރެފައި މިޝަލް ބުންޏެވެ.

"އަހަރެން އޯކޭ އޭ... މިޝަލް ހާސްނުވެބަލަ... ވީގޮތަކީ މާކުރިން ތައްޔާރުވެވުނީމަ، ރެސްޓްކޮށްލަންވެގެން އޮށޯވެލީ... އެހެން އޮއްވާ ނިދުނު އިރު ވެސް ނޭނގެ... އިރުކޮޅަކުން އޯކޭވާނެ... ހިނގާ އަވަހަށް ދާން..." މިޝަލްއަށް މަޑުކުރުމެއްނެތި، ޒެންހާ ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓް 0