އީމާވެސް ތިކަހަލަ ވާހަކަ ދެއްކުން ހުއްޓާލަބަލަ... އޭރުން އަހަރެންވެސް ނުދައްކާނަމޭ... ޙަޔާތުގެ ބާކީ ދުވަސްތައް ދެމީހުން އެކީ ހޭދަކޮށްލަން އަހަރެން މިހާރު ބޭނުންވަނީ..." އީމާގެ އެ ގާތްކަމުން މިޝަލް ހަމަޖެހުނެވެ. އިސާހިތަކު ރުޅި ފިނިވިއެވެ.

********

ފިހާރައަށް އައު މުދާ އައިސްގެން ޒުބޭރު އުޅުނީ އަވަދިނެތިއެވެ. ޖީބުގައި އޮތް ފޯނު ރިންގްވާކަންވެސް އޭނައަށް އެނގުނީ ދެތިން ފަހަރަށް އެމީހަކު ގުޅި ފަހުންނެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ ޒުބޭރު އެކޯލަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެކަމަކު ހުއްޓާނުލައި އެމީހަކު ގުޅަންފެށުމުން އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ޒެންހާގެ ބައްޕަތޯ؟..." ފޯނުގެ އަނެއްކޮޅުގައި ހުރި މިޝަލްގެ ހިތް ތެޅިގަތެވެ.

ޒުބޭރު ކާކުތޯ ސުވާލުކުރުމުން މިޝަލް އޭނާއަކީ ކާކުކަން ބުނެދިނެވެ. ފޯނުގައި ހުއްޓަސް ޒުބޭރު ކުރަމުންދިޔަ މަސައްކަތެއް ނުހުއްޓެއެވެ. މުދާތައް ގުދަންކުރުމުގައި އުޅުނު މީހުންނަށް، އޭނަ ދިޔައީ ބަރާބަރަށް އިރުޝާދު ދެމުންނެވެ. އެކަމާއިހުރެ، މިޝަލްގެ ވާހަކައަށް އޭނައަށް މާބޮޑު ސަމާލުކަމެއް ދެވޭގޮތެއްވެސް ނުވިއެވެ. ޒުބޭރު އެއްޗެއް ބުނޭތޯ، މިޝަލް އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ.

"އަޅުގަނޑު މިގުޅާލީ ޒެންހާ އާއިގުޅޭ ވާހަކައެއް ދައްކާލަންވެގެން... މާ ބިޒީ ވަގުތެއްވިއްޔާ އަޅުގަނޑު ފަހުން ގުޅާލަންތޯ؟..." މިޝަލް ވާހަކަ ދެއްކީ ރީތިބަހުންނެވެ.

"ޒެންހާއޭ؟..." ޒުބޭރަށް ލިބުނީ ސިހުމެކެވެ.

"ޒެންހާއަށް ކިހިނެތްވީ؟..." ކުރަންހުރި ހުރިހާ މަސައްކަތެއް ބަހައްޓާފައި ޒުބޭރުގެ ހުރިހާ ވަގުތެއް އެ ކޯލަށް ހުސްކުރިއެވެ.

"މިވާހަކަ ބުނަން ވަރަށްވެސް ދަތި... އެކަމަކު، ނުބުނެ ފަސްކުރެވޭކަށްވެސް ނެތް..." މިޝަލް ދޫކޮށްލީ ފުން ނޭވާއެކެވެ.

ޒުބޭރުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ފޯނު ހިފަހައްޓައިގެން ހުރި އަތް ތުރުތުރުއަޅާވަރުން ހިފަހައްޓައިގެން ހުންނަންވެސް އޭނައަށް އުނދަގޫވިއެވެ.

"އަޅުގަނޑު ފަހުން ގުޅާލަންތޯ؟..." ޒުބޭރަށް ވީގޮތް އެނގުމުން އެވާހަކަ ދައްކާކަށް މިޝަލްއަކަށް ފަސޭހައެއް ނުވިއެވެ.

"ނޫނޭ... ޒެންހާގެ އެއްވެސް ކަމެއް ފަހެއް ނުކުރެވޭނެ..." ޒުބޭރު އިންކާރު ކުރިއެވެ.

"ޒެންހާ ބަލިވެ އުޅޭކަން އެނގޭތޯ؟..." މިޝަލް ސުވާލުކުރިއެވެ. ޒުބޭރު ވަގުތުން ނޭނގޭކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ޓެސްޓްތައް ހަދައިފިން... އޭގެން ދައްކާގޮތުން ޒެންހާއަށް ވަނީ..." މިޝަލްއަށް ބުނެވުނީ އެހިސާބަށެވެ. އޭނަގެ ވާހަކަ ހުއްޓުވާފައި، ޒުބޭރު އެއީ ކޮން ކަމެއްތޯ ސުވާލުކޮށްފިއެވެ.

"ޒެންހާގެ ސިކުނޑީގައި ވަނީ ޓިއުމަރެއް އުފެދިފަ..." ގަދަކަމުން ކަހަލަގޮތަކަށް މިޝަލް ބުންޏެވެ.

ޒުބޭރުގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ކޮޅަށް ހުންނާނޭ ވަރުވެސް އެ ހަށިގަނޑުގައި ނެތް ކަހަލައެވެ. ކައިރީގައި ހުރި ހަރުގައި ހިފަހައްޓައިލި ޒުބޭރަށް މޭގައި އަތް ޖައްސައިލެވުނީ، އެތެރެއިން ދިލަ ތަދެއް އިޚްސާސް ކުރެވުމުންނެވެ.

"ޓިއުމަރެކޭ؟... ނުވާނެ އެހެނެއް... ހަމަ އެނގިގެންތޯ ތިވަރުގެ ވާހަކައެއް ތި ދައްކަވަނީ؟... އަޅުގަނޑު ޤަބޫލެއް ނުކުރާނަން... ތި ރިޕޯޓްތައް ދޮގުކުރޭ..." ޒުބޭރު ދެކޮޅު ހެދިއެވެ. ލިބުނު ޚަބަރަކުން އޭނައަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

ޒުބޭރުގެ ވާހަކަތައް ނިމެންދެން އަޑުއަހަން މިޝަލް ހުއްޓެވެ.

"މިކޮޅުން ހެދެންހުރި ހުރިހާ ޓެސްޓެއް ހަދައިފިން... ހުރިހާ ޓެސްޓްތަކުންވެސް ދައްކަނީ ހަމަ އެކައްޗެއް... އަނެއްކާ ޒެންހާގެ ފަރާތުން ފެންނަ ހުރިހާ އަލާމާތްތައްވެސް އެބަ ދިމާވޭ... އަޅުގަނޑު ރިކޮމެންޑް ކޮށްލާނަން އެމްއާރްއައި އެއް ހަދާލަން... އަޅުގަނޑަށް ވަރަށް ރަނގަޅު ލަސްނުކުރައްވާ، ވީހާވެސް އަވަހަކަށް ބޭރަށް ގެންގޮސްގެންވިޔަސް ފަރުވާ ހޯއްދެވިއްޔާ... ލަންކާގަ ހުންނާނެ ވަރަށް ރަނގަޅު ހޮސްޕިޓަލެއް، އަޅުގަނޑު އެތަނުގެ މަޢުލޫމާތުވެސް ފޮނުވާލަދޭނަން..."

މިޝަލް އޭނަ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ޒުބޭރު އެއްޗެއް ބުނާނެ ވަގުތަކަށް އޭނަ އިންތިޒާރު ކުރިއެވެ. ކުއްލިއަކަށް ލިބުނު ޚަބަރުން ޒުބޭރު ހުރީ ހުއްޓުންއަރާފައެވެ. ބުނާނޭ އެއްޗެއްވެސް ނޭނގިފައެވެ. މާޒީގެ ބިރުވެރި ދުވަސްތައް އައިސް އެ ސިކުނޑީގައި ޓަކިދެމުން ދިޔަ ކަހަލައެވެ.

"އަޅުގަނޑުގެ ބޮޑުބޭބެ ނިޔާވީ، ތިބަލީގަ... އެ އުޅުނު ހިތްދަތި ގޮތް އެންމެ ކައިރިން ދުށް މީހަކީ އަޅުގަނޑު... ބޮޑުބޭބެގެ ފުރާނަ ސަލާމަތްކުރެވޭތޯ، ހާދަ މަސައްކަތެއް ކުރީމޭ... އެކަމަކު އޮޕަރޭޝަންގެ ތެރެއިން، ލޭމަނާ ނުވެގެން، މިދުނިޔެ ދޫކުރީ... ޑޮކްޓަރ،... އަޅުގަނޑުގެ ޒެންހާ ސަލާމަތްކުރެވޭނެތޯ؟..." ޒުބޭރަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އޭނަގެ އަރުތެރެ ވަނީ ބެދިފައެވެ. އެފަދަ ދުވަހެއް ތަކުރާރުވުން އެއީ ދުވަހެއްގައިވެސް އޭނަ އުއްމީދުކުރި ކަމެއް ނޫނެވެ.

މިޝަލް އަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޙާލަތުގެ ނާޒުކު ވާހަކަ ބައްޕައެއްގެ ކައިރީގައި ބުނެދޭނެ ގޮތެއް އެ ސިކުނޑިއަކަށް ނައެވެ.

"ކޮއްކޯ... ޒެންހާއަށް އެއްވެސް ކަމެއް ނާންގައްޗޭ... ބޭރަށް ދިޔުމުގެ ހުރިހާ އިންތިޒާމެއް މިއަދުން މިއަދަށް ހަމަޖައްސާފަ، މިރޭ ފުރާ އެއްޗެއް އޮތަސް، އަހަރެން ތިކޮޅަށް ދާނަން... ފައިސާ އާއި ދޭތެރޭ އަހަރެން ކުޑަކޮށްވެސް ހާހެއް ނުވޭ... އަހަންނަށް ޒެންހާ މާ މުހިއްމު..." ޒުބޭރު ވާހަކަ ދެއްކީ ގަދަ ކަމުންނެވެ.

މިޝަލްގެ ކޯލު ކުރުކޮށްލާފައި ޒުބޭރު ގުޅީ އީމާއަށެވެ. އޭރު އީމާ ހުރީ މިޝަލްގެ ކައިރީގައެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އީމާގެ ހިތް ތެޅެމުން ދިޔައެވެ. ޒުބޭރު ގިނަ ވާހަކައެއް ނުދައްކައެވެ. ބުނަން ބޭނުންވި ހުރިހާ ވާހަކައެއް ބުނެފައި، އޭނަ ފޯނު ބޭއްވީ އީމާއަށް އެއްޗެއް ބުނާނެ ފުރުޞަތެއްވެސް ނުދީއެވެ.

"ޒުބޭރުބޭ އެގުޅީ... ވަރަށް ދެރަވެފަ އެހުރީ... ބުނީ މިރޭ ފުރާ ފްލައިޓެއް އޮތަސް، އަންނާނަމޯ ޒެނީ ބަލާ... އެއްޗެހިތައް ތައްޔާރުކޮށްލަ ދެއްޗޯ..." އީމާ ނޭފަތް ދަމާލިއެވެ.

"މިޝަލް، އަހަރެންވެސް މިއުޅެނީ ޒެނީ އާއިއެކީ މާލެދާން... ވަޒީފާއިން ކެނޑިގެންވިޔަސް، މިޙާލަތުގަ ޒެނީއާ އެންމެ ކައިރީގަ ހުރެދޭން އަހަރެން ބޭނުން... މިޝަލް... އަހަންނަށް ކަމެއް ކޮށްދީބަލަ... ފުއާދު އެއީ މިޝަލްގެ ރައްޓެއްސެއްނު... އޭނަ ކައިރީ ބުނެދީބަލަ، މާދަމާގެ ފްލައިޓުން ތިން ޖާގަ ލިބޭތޯ ބަލައިދޭށޭ..." އީމާ އާދޭހާއިއެކު އެދުނެވެ.

މިޝަލްއަށް ހިންދިރުވައިލެވުނެވެ. އެދެލޯ ފެންކަޅިވާން އުޅުނެވެ. އީމާ އޭނަ ދޫކޮށްލާފައި ދާތީ، ދެރަވިއެވެ. އެހެނަސް ކަރުނަތައް ހިންދާލުމުގައި އޭނަ ކާމިޔާބު ހޯދިއެވެ.

"އަހަރެން ބޭނުން އީމް އާ މެރީކުރަން... އީމް ޕްލީޒް، އެންމެ ފަހަރަކުވިޔަސް ބުނެބަލަ، ބުނެބަލަ މެރީ ކުރަން އެއްބަހޭ... އޭރުން އަހަރެން އީމް އާ އެކީ ދާނަން... އެންމެ ކައިރީ ހުރެދޭނަން..." މިޝަލް ދެރަވެލާފައި ބުންޏެވެ.

ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އީމާގެ ދެލޮލުގެ ވިދުން ގަދަވިއެވެ. ކައިވެނީގެ ވާހަކަ އިވުމުން، އެ ތުންފަތް މައްޗަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މިޝަލް އާއިއެކު ވޭތުކުރާނެ އުފާވެރި ދުވަސްތައް، އެ ހިތަށް ސިފަކޮށްލެވުނެވެ. އެހުރިހާ ދުވަހު ދެކެމުން އައި ހުވަފެންތަކުގައި ހަޤީގީ ކުލަ ޖެހޭތަން އޭނައަށް ފެނުނު ކަހަލައެވެ. އެކަމަކު ޒެންހާގެ މަތީން ހަނދާންވެ، އިސާހިތަކު އެދެލޯ ކަރުނުން ފުރިއްޖެއެވެ. ޒެންހާގެ ހިތް ހަލާކުކޮށްލާފައި، ފަރުވާ ހޯދައިދޭން އޭނަ ނުކުންނާނީ ކިހިނެތް ހެއްޔެވެ؟ ކިތަންމެ ބޭނުންވިޔަސް، ހިތުގެ މުރާދު ފުރިހަމަވާނެ ކަމުގެ އެއްވެސް އުއްމީދެއް އީމާއަކަށް ނެތެވެ. އެހެން ހުރިހާ ކަމަކަށްވުރެ، ޒެންހާގެ އުފާވެރިކަން އޭނައަށް ވަނީ މުހިއްމުވެފައެވެ.

އީމާގެ ހިމޭންކަމުން މިޝަލްގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެ ހިތަށް ލިބުނު އުފާވެރިކަން ގެއްލުނެވެ. ތިރިކޮށްލެވިފައިވި، ދެއަތް މުށްކެވެން ފެށުމުން، އޭނަ ދެއަތްވެސް ކޮށްޕައިލީ ޖީބަށެވެ. މިޝަލް ވަކި އެއްޗެއް ނުބުނެ ހުއްޓައި، އީމާ ކުއްލިއަކަށް ދުރަށްޖެހިލައިފިއެވެ. އެކުޑަ އަމަލުންވެސް މިޝަލްގެ ހިތް، ކުދިކުދިވިއެވެ.

"މިޝަލް... މިއީ އަދި އެންމެ ރަނގަޅުގޮތެއް ނޫން..." އީމާގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ.

މިޝަލްއަށް ދެލޯ މަރާލެވުނެވެ. އެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު އީމާގެ އެންމެ ޖުމްލައަކުން ނިވިއްޖެއެވެ. ދެޖީބަށް އަތް ޖަހައިލަމުން މިޝަލް ދޫކޮށްލީ ފުން ނޭވާއެކެވެ.

"އައިމް ސޮރީ މިޝަލް... އަހަންނަކަށް ނެތް ތިކަން ކޮށްދެވޭކަށް..." އީމާ ދެރަވެލާފައި ބުންޏެވެ.

"މިޝަލް، މިވަގުތު ޒެންހާއަށް އެންމެ ބޮޑަށް ބޭނުންވާނީ ބައިވެރިއެއްގެ ލޯބި... އެ ލޯބި އޭނަ ބޭނުންވާނީ ހަމައެކަނި މިޝަލްގެ ފަރާތުން... މިޝަލް ޕްލީޒް، ޒެންހާ އާ ކައިވެނިކޮށްދީ... މިވަގުތު ޒެންހާ އެންމެ ރަނގަޅަށް ބެލޭނެ މީހަކަށް ހުރީވެސް ހަމަ މިޝަލް... މީ އަހަރެން މިޝަލްގެ ކައިރިން އެދޭނެ އެންމެ ބޮޑު އެދުން... އަހަންނަށްޓަކައި މިކަން ކޮށްދީ... އަހަރެންދެކެ މިޝަލް ހަޤީޤީ ލޯބިވާކަމަށް އަހަރެން ޤަބޫލުކުރާނީ އޭރުން..." އީމާ އައިސް މިޝަލްގެ އަތުގެ މުލައްދަނޑީގައި، ދެއަތުން ހިފަހައްޓާލިއެވެ.

މިޝަލް ހިންދިރުވައިލިއެވެ. އީމާއަށް އޭނަ ބަލައިލީ ޝަކުވާއިން ފުރިގެންވީ ނަޒަރަކުންނެވެ. އީމާއަށް އެހިތުގެ ޙާލު ވިސްނޭނެނަމައޭ މިޝަލްގެ ހިތަށް އެރިއެވެ.

"އީމް ޕްލީޒް... ތިވާހަކަ އަހަރެން ކައިރީ ނުދައްކަބަލަ... އީމް އަހަންނާއި ކައިވެނިކުރަން ބޭނުން ނޫނިއްޔާ ބުނޭ... އޭރުން އަހަރެން ދުރަށް ހިނގައިދާނަން... އެކަމަކު ތިގޮތަށް ޒެންހާއާ ކައިވެނިކުރަން މަޖުބޫރު ނުކުރުވާ..." އީމާގެ މޫނުން ނަޒަރު ވަކިކޮށްލަމުން، މިޝަލް ބުންޏެވެ.

މިޝަލްގެ އަޑު އިވުމުން އީމާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެ އަޑުން އެކަނިވެސް އެ ހިތުގައި އަޅަމުންދާނޭ ވޭން އީމާއަށް އިޚްސާސްކުރެވިއްޖެވެ. މިޝަލްގެ އަތުން އޭނައަށް އަތް ދޫކޮށްލެވުނެވެ.

އީމާ އިސްޖަހާލިއެވެ. އެއްޗެއް ނުބުނެ ހޭދަވެގެންދިޔަ ކުޑަ ވަގުތުކޮޅުގެ ތެރޭގައި މިޝަލްވެސް އެއްޗެއް ނުބުންޏެވެ. ދެމީހުންވެސް ތިބީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު، އެ ލޯތްބަށް އެ ވަނީ ހުރަސްއެޅިފައެވެ. އެ ހުރަސްތައް ނެތިކޮށްފައިވެސް މިޝަލް އެހުރީ އީމާ އާއި ކައިވެނި ކުރަން ތައްޔާރަށެވެ. އެކަމަކު އީމާއަށް އެކަން ކޮށްދެވޭކަށް ނެތެވެ.

"މިޝަލް ޕްލީޒް... ޕްލީޒް..." އީމާ އަނެއްކާވެސް މިޝަލްގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ކުޑަކުއްޖެއްހެން އާދޭސްކުރަން ފެށުމުން މިޝަލްގެ ބޮލަށް އުނދަގޫވިއެވެ.

"އަނެއްކާ އެ ވާހަކަ ފެށީއޭ... އީމާ ތިއުޅެނީ މޮޔަވެގެންތަ؟... ކީއްވެގެންތަ އަމިއްލަ ހިތް ހަލާކުކުރަން، މަސައްކަތް ތި ކުރަނީ؟... އޭނައަށް މިވަގުތު ބޭނުންވަނީ ފިރިއެއް ނޫނޭ... ސިއްޚީ ފަރުވާއޭ... އޭނަގެ ކައިވެނި ނުކުރުވިގެން ތިއުޅެނީ، މޮޔަވެގެންތަ... ތި ނޫން ވާހަކައެއް ދެއްކި ނަމަވެސް އަޑުއަހަން ހުރެވުނީހޭ... މިކަން ކުރަން އޭނަ ނޫޅޭ ވަރަކުން އީމާ އުޅޭހެން ހީވަނީ... އަހަރެން ކައިރީ ރީއްޗަށް ދުރަށްދާށޭ ބުންޏަސް ހިނގައިދާނަމޭ... އަހަރެން ހިއެއް ނުކުރަން އީމާ ތިހާ މޮޔަ ވާހަކަ ދައްކަފާނެ ކަމަކަށް..." މިޝަލް ހިތްހަމަނުޖެހުނެވެ. އީމާގެ އަތް ފޮޅުވައިލާފައި އޭނަ ދުރަށްޖެހިލިއެވެ. އޭރު އޭނައަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

އީމާ ހުރީ ދެލޯ ބޮޑުކޮށްގެން މިޝަލްއަށް ބަލާށެވެ. މިޝަލް އެހާ ރުޅި އައިސްފައި ހުއްޓައި، އެ ނޫނީ އޭނައަށް ފެނިފައެއް ނުވެއެވެ.

"މަށަށް ހީވަނީ މަ އެކަންތައް ނުކުރަނީސް ދެން އީމާ ތިކަމެއް ނުހުއްޓާނެހެން... ތިހުރީ ވަކި ޢަޒުމެއްގަ ކަން މިހާރު ޔަޤީންވެއްޖެ..." މިޝަލް އެހެން ބުނެފައި ހުއްޓައިލިއެވެ.

ދެބުމަ ގޮށްޖަހާލައިގެން އީމާއަށް ބަލަން މިޝަލް އިރުކޮޅަކު ހުއްޓެވެ. އީމާގެ މޫނުމަތީގެ ކުލަވަރުން އެކަން ނުހުއްޓާނެކަން އޭނައަށް އެނގުނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި މިޝަލް އޭނަގެ ނަޒަރު އީމާ އާއި ވަކިކޮށްލިއެވެ. އޭނަ ބަލައިލީ މައްޗަށެވެ. އެގޮތުގައި އިރުކޮޅަކު ހުއްޓެވެ. ދެން އަނެއްކާވެސް އީމާއަށް ބަލާލައިފިއެވެ. މިފަހަރު އެ ނަޒަރު ތަފާތެވެ. ކުރިން ހުރި އެއްވެސް ޢަޞަރެއް މިހާރު އެ މޫނުމަތީގައި ނުވެއެވެ.

"އެންމެ ރަނގަޅު އަހަރެން ޒެންހާ އާއި ކައިވެނި ކޮށްފާނަން... ޒެންހާގެ ކައިރީ ބުނޭ، އޭނަ ބޭނުން ކޮންމެ ވަގުތަކުވެސް ކައިވެނިކުރަން އަހަރެން މިހުރީ ތައްޔާރަށޭ..." އީމާއަށް ފުރަގަސްދެމުން މިޝަލް ބުންޏެވެ.

މިޝަލް ހުރީ ދެލޯ މަރާލައިގެންނެވެ. އެހިތް ކުދިކުދިވަނީއެވެ. ދެލޮލުން ކަރުނަ ނައި ނަމަވެސް، އެ ހިތް ކަރުނައަޅައި ރޮނީއެވެ.

"މިޝަލް..." އީމާއަށް ހިންދިރުވައިލެވުނެވެ. އޭނައަށް އެވަގުތު ކުރެވުނީ ކަރުތެރޭގައި އެއްޗެއް ތާށިވުމުން ކުރެވޭފަދަ އިޚްސާސެކެވެ. ދެލޯ ފުރިގެން އައި ކަރުނަތައް އެއްވެސް ރަޙުމެއްނެތި އޭނަގެ ހިތާމައިގައި ބައިވެރިވަމުންދިޔަ ކަހަލައެވެ. އީމާ އަވަސްއަވަހަށް ކަރުނަތައް ފޮހެލިއެވެ. މިޝަލްއަށް އެ ކަރުނަތައް ފެންނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

"އެކަމަކު ބުނަން... އަހަރެން އެ ކައިވެނި ކުރާނީ، ޝަރުތެއްގެ މަތިން..." މިޝަލް ކުއްލިއަކަށް ފަސް އެނބުރިފައި، އީމާ އާއި ކުރިމަތި ލިއެވެ. އޭރު އެ ދެލޯ ވަނީ ރަނގަޅަށްވެސް ފެންކަޅިވެފައެވެ. ހަރުކަށިވާން އުޅުނަސް، ޙާލަތުގެ ގޮތުން، އޭނައަކަށް އެކަމެއް ނުކުރެވުނެވެ.

"އަހަރެމެންގެ ކައިވެންޏަށްފަހު، އަހަންނާއި ވާހަކަ ދައްކަން މަސައްކަތް ނުކުރާތި... އޭގެ ފަހުގައި އަހަރެމެން ދެމީހުން މީ ދެ ބީރައްޓެހިން..." ޝަހާދަތް އިނގިލި އީމާގެ މޫނާއި ދިމާއަށް ދިއްކޮށްފައި، މިޝަލް ބުންޏެވެ.

މިޝަލް އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރުނީ ދެލޮލުން ވެއްޓުނު ކަރުނަތިކި އީމާއަށް ފެންނަން ބޭނުން ނުވާތީއެވެ. މިއަދު އެހިތަށް ވަނީ ދުވަހަކު ނުކުރާވަރަށް އަޞަރު ކޮށްފައެވެ. މުޅި ޙަޔާތުގައިވެސް، އޭނައަށް މީހަކު ދެކެ ލޯބިވެވުނު އެއީ ފުރަތަމަ ފަހަރެވެ. އެކަމަކު އެ ލޯބީގެ ސަބަބުން އޭނަގެ ކަރުބުޑުގައި އެ ލައްވައިލީ ދުވަހަކު ނުފިލާނޭ ވަރުގެ ހިތި ރަހައެކެވެ.

އީމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރު އެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އަމިއްލަ އަތުގައިވި އެންމެ ބޮޑު ޖަވާހިރު ގެއްލުނު ކަމުގެ އިޚްސާސާއިއެކު، އެ ހަށިގަނޑުގެ ވަރު ދޫވިއެވެ. އީމާ އެއްޗެއް ބުނޭތޯ މިޝަލް އިރުކޮޅަކު އިންތިޒާރުކުރިއެވެ. ފޫނެއް ފަޔަކަށް ފެންފުރޭކަން އެނގި ހުރެވެސް، އޭނައަށް އިންތިޒާރު ކުރެވުނީ، އީމާ އޭނަގެ ކައިރިން އާދޭސްކުރާނެ ވަގުތަކަށެވެ. އީމާ އެއްޗެއް ނުބުންޏެވެ. އެންމެފަހުން މިޝަލްއަށް މަޖުބޫރުވީ، އެހިތި ހަޤީގަތާއި ކުރިމަތިލާށެވެ.

އީމާ ހުރީ އެއްޗެއް ބުނެވޭނެ ކަހަލަ ޙާލެއްގައި ނޫނެވެ. އޭނަ ހިމޭނުން ހުރީ އެގޮތް ބޭނުންވެގެނެއްވެސް ނޫނެވެ. ބުނާނެ އެއްވެސް އެއްޗެއް އެ ދުލަށް ނައީއެވެ. އޭނަ ނުވެގެން އުޅުނު ކަންތަކަށް މިޝަލް އެއްބަސްވީއިރު، އެ ހިތް ފޮތިފޮތި ވެއްޖެއެވެ. ދުވަހަކު ނުފިލާނޭ ރިހުމެއް އެހިތުގައި ލައްވާލައިފިއެވެ.

ގޭތެރެއިން ޒެންހާ ގޮވާލި އަޑު އިވުމާއިއެކު، އީމާ ތެޅިގަތެވެ. އޭނަ އަވަސްވެގަތީ އެތެރެއަށް ވަންނާށެވެ. ވަކި ހިސާބަކަށް ގޮސްފައި ހުއްޓުނީ، މިޝަލް އޭނަގެ ފަހަތުން ނާންނަކަން އެނގުމުންނެވެ.

"އެތެރެއަކަށް ނުވަންނާނަންތަ؟..." އީމާ ސުވާލުކުރިއެވެ.

"ކީއްކުރަން؟... އިތުރަށް އަހަރެންގެ ހިތް ޙަލާކު ކުރަންތަ؟..." މިޝަލްގެ އަޑުގައި ކުރިން ހުރި ގާތްގޮތެއް ނެތެވެ. ވާހަކަ ދެއްކީވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ. އީމާއަކީ އޭނަގެ ހަތުރެއް ކަހަލައެވެ. އީމާގެ ހިތަށް ތަދުވީ މިޝަލް އޭނަ އާއި ދިމާއަށް ބަލައިވެސް ނުލުމުންނެވެ.

އީމާ އެތެރެއަށް ވަންނަން ހިނގައިގަތުމުން، މިޝަލް ގޮވާލިއެވެ. އީމާ ހުއްޓުނު ނަމަވެސް، ހުރީ ފަސްއެނބުރި މިޝަލްގެ މޫނަށް ބަލައިލަންވެސް ނުކެރިފައެވެ.

"ތިކުރަންއުޅޭ ކަންތަކަށް ފަހުން ރިގްރެޓް ނުކުރައްޗޭ... އެދުވަހަކުން އޮންނާނީ ވަގުތު ފާއިތުވެފަ..."

އީމާ އެހާ އަވަހަށް ފަސްއެނބުރި ބަލައިލިއިރު، މިޝަލް އޭނައަށް ފަސްދީފައި ދަނީއެވެ. ދޮރުކަނީގައި އަތް ވިއްދާލައިގެން އީމާ ހުއްޓެވެ. އޭނައަށް މޭގައި އަތް ޖައްސައިލެވުނީ، ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތް ނުވުމުންނެވެ. ގަދަކަމުން ކަރުނަތައް ހިފަހައްޓަން ހަދައިގެން އޭނަގެ ލަގޮނޑިވެސް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ގޭތެރެއިން ނުކުތް ޒެންހާއަށް މިޝަލް ފެނުނީ ދޮރާށި ހުޅުވާލާފައި ބޭރަށް ނުކުތް ތަނާއެވެ. އޭނަ މިޝަލްއަށް ގޮވާލި ނަމަވެސް މިޝަލްއަށް އެ އަޑު އިވުނުހެން ހިއެއް ނުވެއެވެ.

"ޒެނީ އުފާވާ ކަހަލަ ޚަބަރެއް ދީފިއްޔާ އަހަރެން ބުނާ ކަމެއް ކުރާނަންތަ؟..." ޒެންހާ ހުރިގޮތް ފެނުމުން، އީމާ ބުންޏެވެ.

ޒެންހާ ސުވާލު އުފެދިފައި އީމާއަށް ބަލައިލިއެވެ. ލޮލުގެ އިޝާރާތުން ކޮންކަމެއްތޯ އޮޅުންފިލުވިއެވެ. އީމާ އެއްޗެއް ބުނުމުގެ ކުރިން ފެނުނީ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަން މިޝަލްއެވެ. ބާރަށް ހިނގާލާފައި، އައިސް އޭނަ ހުއްޓުނީ ޒެންހާގެ ކުރިމަތީގައެވެ. އެ ނަޒަރު ޒެންހާގެ މޫނުން އީމާގެ މޫނަށް ހުއްޓުނެވެ. އޭގެ ފަހުގައި އަނެއްކާވެސް ޒެންހާގެ މޫނަށް އޭނަ ބަލައިލިއެވެ. މިޝަލް އޭނާގެ އަތުގައި އޮތް ކުޑަ ފޮށި ހުޅުވާލާފައި އޭގެ ތެރެއިން ނެގީ ރިހި އަނގޮޓިއެކެވެ. ރަތްކުލައިގެ އެހަކުން ޖަރީކޮށްފައިވާ އެ އަނގޮޓި ޒެންހާ އާއި ދިމާއަށް ދިއްކޮށްލަމުން އޭނަ ބަލައިލީ އީމާގެ މޫނަށެވެ. އެ އަނގޮޓިއަކީ އީމާއަށް ޚާއްސަކޮށްގެން އޭނަ ގަތް އެއްޗެކެވެ. ސައިކަލުގެ މަޑިދަށަށް ލައިގެން ގެންގުޅުނީ ރަނގަޅު ވަގުތެއްގައި އީމާއަށް އެ ހަދިޔާ ކުރުމަށެވެ. އެކަމަކު ކަންތައްތައް ބަދަލުވެގެން އެ ދިޔައީ އޭނަ އުއްމީދުކުރި ގޮތަކަށް ނޫނެވެ.

އީމާގެ ދެލޯ ކަރުނުން ފުރޭކަށް ގިނައިރެއް ނުނެގިއެވެ. ހައިރާންވެފައި އޭނަ އެއްފަހަރު އަނގޮޓިއަށް، އަނެއްފަހަރު މިޝަލްއަށް ބަލަމުން ދިޔައެވެ. ހިތް ހަލާކުވާފަދަ އެ ނަޒަރުން، އީމާގެ ހިތުގެ އެތައް ޝަކުވާއެއް، މިޝަލްއަށް އަންގައިދެމުންދިޔަ ކަހަލައެވެ.

ހައިރާންވެ ދެލޯ ބޮޑުވެފައި ހުރި ޒެންހާއަށް، އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. މިޝަލް ދިއްކޮށްލައިގެން ހުރި އަނގޮޓިން ނަޒަރު ވަކިކޮށްވެސް ނުލެވުނެވެ. އޭނަ ހީކުރީ އުޅެވެނީ ހުވަފެނެއްގެ ތެރޭގައި ކަމަށެވެ. ޤަބޫލުކުރަންވެސް ދަތިވެފައި އެތައް އިރަކު އޭނަ ހުއްޓެވެ.

"ވިލް ޔޫ މެރީ މީ؟..." މިޝަލްގެ ނަޒަރު އީމާ އާއި ވަކިނުވެއެވެ. ހީވީ އެޖުމްލަތައް ބުނީ، އީމާއަށް ޚާއްސަކޮށްފައި ހެންނެވެ. ޒެންހާ އެންމެ ފަހަރަކުވެސް މިޝަލްގެ މޫނަށް ބަލައިލިނަމަ އެކަން އެނގުނީހެވެ.

އީމާއަށް ދެލޯ މަރާލެވުނެވެ. އޭނަ ބޭނުންވީ ގިސްލާފައި ރޯށެވެ. ކަރުނަތައް ހިފަހައްޓަން ހަދައިގެން ބާރުކުރީ އޭނަގެ ލަނގޮޑިއަށެވެ. އޭނަ ހިތިގޮތަކަށް ހިންދިރުވައިލީ، ހިތަށް ކެތް ނުވުމުންނެވެ. މިޝަލް ގަސްދުގައި އޭނަގެ ހިތަށް ތަދުކުރަނީކަން އެނގުމުން އީމާއަށް ދެތުންފަތް ފިތައިލެވުނެވެ. ހިތުގައި އުފެދުނު އެތައް ޝަކުވާއަކާއިއެކު، ހިތް ފަޅައިގެންދާހެން އޭނައަށް ހީވިއެވެ. އެ ތަނުގައި ހުންނާކަށްވެސް އީމާއަކަށް ފަސޭހައެއް ނުވިއެވެ. އެކަމަކު ހުރުން ނޫންގޮތެއްވެސް ނެތެވެ.

"ޔެސް... ޔެސް..." ޒެންހާގެ ޖަވާބު އަވަހެވެ.

މިޝަލް އާއި ދިމާއަށް އަތް ދިއްކޮށްލާފައި، ޒެންހާ އެދުނީ އެ އަނގޮޓި އޭނަގެ އިނގިލީގައި އަޅުވާލަ ދިނުމަށެވެ. އެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުން މިޝަލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ގަސްދުގައި އީމާގެ ހިތަށް ތަދުކުރުމުން، އޭނައަށް ލިބުނު އުފަލެއްވެސް ނެތެވެ. ބަދަލުގައި، އެހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ.

މިޝަލް އެގެއިން ދިޔައީ ޒެންހާގެ އިނގިލީގައި އަނގޮޓި އަޅުވައިދީފައެވެ. ޒެންހާ އުފަލުން ފުންމަފުންމާފައި އުޅެން ފެށިއެވެ. ދެން ކުއްލިއަކަށް އީމާގެ ގައިގައި ބައްދާލައިފިއެވެ.

"އީމް، އައިމް ސޯ ހެޕީ... ތޭންކް ޔޫ އީމް... ލަވް ޔޫ މޯރ..." އީމާ އާއި ދުރަށްޖެހިލާފައި ޒެންހާ ބުންޏެވެ.

އީމާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނަ ހުއްޓުން އަރާފައި ހުރީއެވެ. ޒެންހާގެ އުފަލުގައި ބައިވެރިވާން އުޅުނަސް، ހިތަށް ކޮށްފައިވާ އަޞަރަކުން، އެކަމެއް ނުކުރެވުނެވެ. ފަހުން އަންނާނެ ކަމަށް ބުނެ، އޭނަ ގެއަށް ދިޔައީ ޒެންހާއަށް އޭނަގެ ހިތުގެ ޙާލު އެނގިދާނެތީއެވެ.

އަތުގައި އަޅާފައިވާ އަނގޮޓީގެ ފޮޓޮއެއް ނަގައި ސޯޝަލް މީޑިޔާގައި އާއްމުކޮށްލަމުން ޒެންހާ އޭނާގެ ހިތުގެ ޝުޢޫރު ފާޅުކޮށްލިއެވެ. ދެން އޭނަ އެރަށުން ދާނީ، ހިތުގެ މުރާދު ފުރިހަމަކޮށްގެން ކަމަށް އޭގައި ލިޔުނެވެ. އޮހެމުންދިޔަ ތަހުނިޔާގެ މެސެޖުތަކުން ޒެންހާގެ ހިތް ފުރިގެން އައެވެ.

********

ޒުބޭރު ފެންވަރައިގެން ނުކުތްއިރު، އާބިދާ އިނީ ދަބަހަށް އެއްޗެހި އަޅާށެވެ. އެ މޫނުމަތީގެ ޢަޞަރުތައް ހުރިގޮތުން، އޭނަ އިނީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައިކަން އެނގުނެވެ. އެކަމާއި ސުވާލުނުކޮށެއް ޒުބޭރަކަށް ނުހުރެވުނެވެ.

"އާބިދާ... އަދިވެސް އެކަމާ ވިސްނަނީތަ؟..." ޒުބޭރު ސުވާލުކުރިއެވެ.

"ނުވިސްނާ ހުރެވޭނީވެސް ކިހިނެތް... ޒެންހާ އެހުރީ އެ ރަށުގައޭ... މީ އަހަރެން ދުވަހެއްގައިވެސް އުއްމީދުކުރި ކަމެއް ނޫން... ބައެއް ފަހަރު ހިތަށް އަރާ މިކަންތައްގަނޑު ޒެންހާއަށް ސިއްރުކުރުން މީ ކުރެވުނު ރަނގަޅު ކަމެއް ބާއޭ؟..." ކުރަން އިން މަސައްކަތް ހުއްޓާލާފައި އާބިދާ ތެދުވިއެވެ.

"ޒުބޭރު ކީއްވެތަ އެކަން ސިއްރުކުރީ؟... ޒެންހާ އެރަށަށް ދާކަން އެނގިހުރެ ފޮނުވީމަ، އަހަރެން މިހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައޭ... ޒެންހާ މިކޮޅަށް ނާންނަނީސް ދެން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ..." އާބިދާ ވާހަކަ ދެއްކީ، ނުތަނަވަސްވެފައި ހުރެއެވެ.

"އެނގެއޭ ތިކަން... އަހަރެންވެސް މިހުރީ ހަމަޖެހިގެނެއް ނޫނޭ... އެހެންނޫނަސް، އާބިދާއަށްވެސް އެނގޭނެ، ޒެންހާ ކަމެއް ބޭނުންވެގެން ބުނެފިއްޔާ، އަހަންނަށް އެކަމަކަށް ހުރަހެއް ނޭޅޭނެކަން..." ޒުބޭރު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން، ވާހަކަ ދެއްކިއެވެ.

"އާބިދާ މާބޮޑަށް ހާސްނުވޭ... ޒެންހާ ހުރީ އެކޮޅުގައިކަން، އޭނައަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެ... މިހާ ދުވަސްވީމަ އޭނައަށް ޒެންހާ ފެނުނަސް، ކާކު ކަމެއް ނޭނގޭނެ... އަހަންނަށް މިރޭ އެކޮޅަށް ދެވޭނެ... މާދަމާ ޒެންހާ ގޮވައިގެން އަހަރެން މިކޮޅަށް އަންނާނަން... އެންމެ ރަނގަޅެއްނު ދޯ..." ޒުބޭރު ވާހަކަ ދެއްކީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ.

(ނުނިމޭ...)

 

ކޮމެންޓް 0