މިޝަލްއަށް ޒެންހާގެ މޫނާއި ކައިރިވެވެން ފެށުނެވެ. އެ ދެމެދުގައިވާ ހުސްކަން ނެތެމުން ދިޔަ އެވެ. ދެ މީހުންގެ ހޫނު ނޭވާ އެކަކު އަނެކެއްގެ މޫނަށް އެޅޭހައި ކައިރި ވެއްޖެ އެވެ. ދެ ޖިސްމު ވެސް އެދި ގޮވަމުން ދިޔައީ ހަމަ އެންމެ ކަމަކަށެވެ.

********

މިޝަލްގެ ތުންފަތުގެ ލުއި ބީހިލުން އިޚްސާސް ކުރެވުމާއިއެކު، ޒެންހާގެ މުޅި ނަފުޞު މިޝަލްގެ ބާރުގެ ދަށަށް ދާން އުޅުނެވެ. ކުއްލިއަކަށް އީމާގެ މަތީން ހަންދާންވެ، އޭނަ ހާސްވެއްޖެ އެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. މިޝަލް އޭނަގެ ޙަޔާތުގައި އެ ހުރީ، ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއް ގޮތަށެވެ. އެނބުރި މާލެ ދެވުމުން، އޭނައަށް މިޝަލް ގެއްލޭނެ އެވެ. އެ ފަދަ ގުޅުމެއް އެ ދެމެދުގައި ހިނގައިފިނަމަ، ދުރަށްދާން އޭނައަށް އުނދަގޫ ވެދާނެ އެވެ. އެކުވެރިޔާއަށްޓަކައި، ވުމަށް ބޭނުންވި ޤުރުބާނީ، ނުވެވިދާނެ އެވެ.

ޒެންހާއަށް ދެ ލޯ ހުޅުވައިލެވުނެވެ. ދާދި ކައިރިން މިޝަލްގެ މޫނު ފެނުނުއިރު، މެދުކެނޑުމެއްނެތި، އެ ތުންފަތުގެ ލުއި ބީހިލުންތައް އޭނައަށް އިޚްސާސް ކުރެވެމުން ދިޔަ އެވެ. އެ ހޫނު ނޭވާގެ ޢަޞަރުން އޭނައަށް އަރާމު ވިއެވެ. މިޝަލްގެ ގައިން ދުވަމުންދިޔަ، ލުއި ސެންޓްގެ ވަހުން ވެސް، އޭނަގެ ޚިއްޞުތަކަށް ނޭނގޭ ޖަޒްބާތު ތަކެއްގެ ޢަޞަރު ކުރުވަމުން ދިޔަ އެވެ.

މިޝަލް ހުރީ ދެ ލޯ މަރާލައިގެންނެވެ. ލިބެމުންދިޔަ އުފާވެރިކަން ނޫން އިތުރު ކަމެއް އެ ސިކުނޑީގައި ނުވެސް ނެތް ކަހަލަ އެވެ. މުޅި އެ ނަފުޞު ހުސްކުރެވިފައިވީ، ޒެންހާއަށް ޓަކަ އެވެ. އެފަދަ އުފަލެއް ފުރާ ފުރިހަމަވެފައި ހުރި ކޮންމެ އިންސާނަކު ވެސް ބޭނުން ވާނެ އެވެ.

ހިތް ފުރެންދެން، އެ މޫނަށް ބަލަން ހުންނަން ޒެންހާގެ ހިތް އެދުނެވެ. އެ އުފާވެރި ވަގުތުކޮޅު ނިމިގެންދާކަށް ހިތް އެއްބަހެއް ނުވި އެވެ.

އިޚްސާސް ކުރެވެމުންދިޔަ އުފާވެރިކަމުގައި، މިޝަލްއަށް ޒެންހާ އާއި އިތުރަށް ގާތްވެލެވުނެވެ. ފާރުގައި ޖައްސާލެވިފައިވާ އަތް މަޑުމަޑުން ތިރިކޮށްލުމަށްފަހު، ޒެންހާގެ އުނަގަނޑުގައި ހިފަހައްޓާލައިފި އެވެ. އެ އަތުގެ ބާރުގައި ޒެންހާގެ ހަށިގަނޑު ގާތަށް ދަމާލިއިރު، އަނެއް އަތުގެ އިނގިލިތައް، ޒެންހާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ވަދެގެން ދިޔަ އެވެ.

ޒެންހާގެ ހިތް ނުތަނަވަސްވީ، މިޝަލްގެ ހަރަކާތްތައް މާ މައްޗަށް ދާން ފެށުމުންނެވެ. އެންމެ ގާތް އެކުވެރިޔާއަށް ބޭވަފާތެރި ވާކަށް އޭނަ ބޭނުމެއް ނުވި އެވެ. މިޝަލްގެ އެ ގާތްކަމަށް އެދި ކިތަންމެ ވަރަކަށް ފެން ބޮވައި ގަނެފައި ވިޔަސް، އެކުވެރިޔާގެ ޙައްޤަކަށް އަރައިގަންނަ މީހަކަށް އޭނަ ނުވާނެ އެވެ.

ޒެންހާ ތެޅިގަތެވެ. މިޝަލްގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕައިލަން އުޅުނެވެ. އެކަމަކު އެ ފުރުޞަތެއް ނުލިބުނެވެ. އޭނަގެ މުޅި ހަށިގަނޑު ވަނީ، މިޝަލްގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ގުޑިވެސް ނުލެވޭނޭ ވަރަށް މިޝަލް ހުރީ، އޭނަގެ ގައިގައި ހިފަހައްޓައިގެންނެވެ. އެ ހަރަކާތްތަކަކަށް ވެސް ހުއްޓުމެއް ނައެވެ.

ޒެންހާގެ ދެ ލޯ ފުރުނީ، ތާޒާ ކަރުނައިންނެވެ. އޭނަ މިޝަލް އާއި ދުރުވާން ބޭނުންވީ، މިޝަލް ދެކެ ލޯބި ނުވާތީކީ ނޫނެވެ. އެ އުފާވެރިކަން އޭނަ ވެސް ބޭނުމެވެ. ކައިވެންޏެއްގެ ހަޤީޤީ ފޮނި މީރުކަން ލިބިގަންނަން އޭނަ ވެސް ވަނީ ކެތްތެރިކަން ކުޑަ ވެފަ އެވެ. މިޝަލް ދެކެ އޭނަ ވަނީ ތެދުވެރި ލޯތްބެކެވެ. އެ ނޫން އިތުރު މީހަކަށް އޭނަގެ ހިތުން ދުވަހަކުވެސް ޖާގައެއް ހުސް ނުކުރެވޭނެ އެވެ. އޭނަ މިޝަލްދެކެ އިންތިހާއަށް ލޯބިވިޔަސް، އެކުވެރިޔާއަށްޓަކައި، އެ ލޯބި ހިތުގައި ކަފުން ކުރަން އޭނައަށް ވަނީ، މަޖުބޫރު ވެފަ އެވެ.

ޒެންހާގެ ދެ ލޯ ފުރުނު ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަންނާކަށް ގިނަ އިރެއް ނުނެގި އެވެ. އެ ހޫނު ކަރުނައިގެ އިޚްސާސް ކުރެވުމާއިއެކު، މިޝަލްގެ ހަރަކާތްތައް ހުއްޓިއްޖެ އެވެ. އޭނަ ޒެންހާ އާއި ކުޑަކޮށް ދުރަށްޖެހިލައިފި އެވެ. ޒެންހާ އޭނާގެ ދެ ލޯ މަރާލީ، މިޝަލް އޭނައަށް ބަލައިލި ތަން ފެނުމުންނެވެ.

އެ ކަރުނައިން މިޝަލްއަށް ނެގުނީ މުޅީން އެހެން މާނަ އެކެވެ. އޭނަ ދެރަވީ، ކަމެއް ގޯސްކޮށް ކުރެވުނީހެން ހީވުމުންނެވެ.

"ތަދުވީތަ؟... ސޮރީ..." ޒެންހާގެ ދެ ކޯތާފަތުގައި ހިފަހައްޓާލަމުން މިޝަލް ސުވާލުކުރީ، ވަރަށް ލޯބިންނެވެ.

އެ އަޑުގައިވީ ކަންބޮޑުވުމުގެ ޢަޞަރެވެ. އޭނަ ދެ އަތުގެ ބޮޑުވައި އިނގިލިން ޒެންހާގެ ކޯތާފަތް މަތީގައިވާ ކަރުނަތައް ފޮހެލަދިނެވެ.

ޒެންހާ، މިޝަލްގެ ދެ އަތުގައި ހިފައި ތިރިކޮށްލި އެވެ. އޭނަ މިޝަލް އާއި ދުރަށް ޖެހިލަމުން، ފުރަގަސް ދިނެވެ. ވާހަކަ ދައްކަން ބޭނުންވިޔަސް، އޭނައަކަށް އެ ހިތްވަރެއް ނުލިބުނެވެ. ހިތަށް ތަދުވާ ވަރުން ރޮވެނީ އެވެ. މިޝަލްގެ އެއްވެސް ކުށެއް ނެތޭ ބުނަން އޭނަ ބޭނުން ވިއެވެ.

މިޝަލްއަށް ދެ ލޯ މަރާލެވުނެވެ. އޭނައަށް ކަނދުރާ މަތީގައި އަތް ކާއްތައިލެވުނީ، ކުށްވެރިއަކު ފަދައިންނެވެ. ޒެންހާއަށް ވީގޮތް ފެނުމުން، އޭނަ ހާސްވި އެވެ. ދުވަހަކު ވެސް ޒެންހާގެ ނުރުހުމުގައި އެ ހަށިގަނޑުގައި އިނގިލި ކުރި ވެސް ޖައްސައި ނުލުމަށް އޭނަގެ އަމިއްލަ ހިތަށް ވީ ވަޢުދު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ އެވެ.

********

ކިއާރާ ތައްޔާރުވެލަންދެން ވިކްޔަން އިނީ ބޭރުގައި މަޑުކޮށްލައިގެންނެވެ. ކޮޓަރީގައި އުޅެފައި ނުކުތް ޝުކޫރަށް ވިކްޔަން ފެނުމުން ހިނިތުންވެލައިފި އެވެ. އޭނަ އައިސް ވިކްޔަންގެ ކައިރީގައި އިށީނެވެ.

ވިކްޔަން އިނީ ނުތަނަވަސް ވެފަ އެވެ. ހަޤީގަތުގައި އޭނަ އިނީ ޝުކޫރުދެކެ ހިތްހަމަނުޖެހިފަ އެވެ. މިޝަލްގެ ކައިރީގައި ޝުކޫރު ދެއްކި ވާހަކަ ތަކާއި ގުޅިގެން އޭނަ ޖަވާބު ބޭނުންވާ ކިތަންމެ ސުވާލެއް ހުއްޓެވެ. އެ ފުރުޞަތު ޝުކޫރު އޭނައަށް ނުދިނީ، އެ ވާހަކަތަކުގައި އޮޅުވާލުމެއް ވާތީ ކަމުގައި އޭނަ ޤަބޫލު ކުރި އެވެ.

"އަހަންނަކަށް އަދިވެސް ނޭނގެ ޝުކޫރުބެ ބޭނުންވެގެން ތިއުޅޭ ކަމެއް... އެއްފަހަރު ހީވީ، ޒެންހާއަށް ގެއްލުމެއް ދޭން އުޅުނުހެން... އަނެއް ފަހަރު ތިބުނީ، އެއީ ޝުކޫރުބެގެ ދަރިއެކޭ... އަހަންނަށް މިހާރު އޮޅިއްޖެ... ޒެންހާގެ މައިންބަފައިން ދުނިޔޭގައި ތިއްބާ އެއީ ޝުކޫރުބެގެ ކުއްޖަކަށް ވާނެ ގޮތެއް އަހަންނަކަށް ނުވިސްނުނު..." ވާހަކަ ދައްކަމުން ދިޔައިރު، ވިކްޔަން އިނީ ފުން ވިސްނުމެއްގެ ތެރޭގަ އެވެ.

ވިކްޔަން ފެށި ވާހަކަ އަކުން، ޝުކޫރުގެ މޫނުމަތިން ފެނުނީ، ނުތަނަވަސް ކަމެވެ. އޭނަ ހީކުރީ، މިޝަލް ދިޔުމުން އެ ވާހަކަ ވިކްޔަން ދެން ނުދައްކާނެ ކަމަށެވެ. އެކަމަކު ހަޤީގަތް ނޭނގެނީސް، ވިކްޔަން ނުހުއްޓާނެ ކަން އެނގުމުން އޭނައަށް ގޮތް ހުސްވި އެވެ. ދައްކަން ޖެހެނީ، ހާމަކުރަން މާ ފަސޭހަ ހަޤީގަތެއްގެ ވާހަކައެއް ނޫނެވެ. އެ ހުރިހާ ދުވަހު އޭނަ އެކަން ސިއްރެއްގެ ގޮތުގައި ބޭއްވީ ވެސް އެ ވާހަކަ ދައްކަން އެ ހިތަށް ކުޅަދާނަ ނުވާނެތީ އެވެ. ކުއްލިއަކަށް ވިކްޔަން އެ ވާހަކަތައް ހޯދުމަށް ޝަޢުޤުވެރިވީތީ ވެސް، ޝުކޫރުގެ ހިތުގައި ވަނީ ބިރުވެރި ކަމެއް އުފެދިފަ އެވެ. އެކަމުން ގޯހެއް ވެދާނޭހެން އޭނައަށް ހީވަނީ އެވެ.

"އަހަންނަށް އެނގޭ ޝުކޫރުބެ ކަމެއް ސިއްރު ކުރާކަން... ޝުކޫރުބޭ ބުނަން ބޭނުން ނުވަންޏާ، އެންމެ ރަނގަޅު... އަހަންނަށް އެކަން ހޯދޭނެ ކިތަންމެ ގޮތެއް އޮންނާނެކަން ޝުކޫރުބެއަށް ވެސް އެނގޭނެ... އޭރުން އޭގެ ގެއްލުން ވެސް ވާނީ ޝުކޫރުބެއަށް..." ރީތިކޮށް ވާހަކަ ދެއްކި ނަމަވެސް، ވިކްޔަން ދިނީ އިންޒާރެކެވެ.

ޝުކޫރަށް ދެ ލޯ މަރާލެވުނެވެ. އޭނައަށް ގޮތް ހުސްވި އެވެ. ވިކްޔަން އެ ހަޤީގަތް ހޯދަން އުޅެފިނަމަ، އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ އޭނަ އަށެވެ. އެހެން އެކަން ވާކަށް އޭނަ ނޭދެ އެވެ.

"އަހަރެން ބުނީ ތެދު ވާހަކައެއް... ޒެންހާ އަކީ އަހަރެންގެ ދަރިއެއް... މިވަގުތު އަހަންނަށްވުރެ ބޮޑަށް ޒެންހާއަށް ރައްކާތެރިކަން ދެވޭނެ އެހެން މީހަކު ނުހުންނާނެ..." ޝުކޫރު ވާހަކަ ދެއްކީ އިސްޖަހައިލަމުންނެވެ.

"ކާކުތަ ޒެންހާއަށް ގެއްލުން ދޭން އުޅެނީ؟... ކާކުގެ ވާހަކައެއްތަ ޝުކޫރުބޭ އަބަދު ތި ދައްކަނީ؟..." ވިކްޔަންގެ ސުވާލުތަކަކަށް ނިމުމެއް ނައެވެ.

"ޒެންހާގެ މަންމަ... އަމިއްލަ ދަރިފުޅަށް ގެއްލުންދޭން މަސައްކަތް ކުރަނީ ޒެންހާ ބަނޑުއަޅައި ވިހޭ އޭނަގެ މައިމީހާ..." އިންތަނުން ތެދުވަމުން، ޝުކޫރު ބުންޏެވެ.

"އޭނ؟..." ވިކްޔަންގެ ދެ ލޯ ބޮޑުވި އެވެ.

"އާނ... މީ ހަޤީގަތަކީ... ވިކްޔަން ބުނެބަލަ... އަހަންނަށް މި ވާހަކަ ދައްކަން ފަސޭހަ ވާނެތަ؟... އަމިއްލަ މައިމީހާ ދަރިފުޅަށް ގެއްލުންދޭން މަސައްކަތް ކުރާ ވާހަކަ ބުނަން ފަސޭހަ ވާނީ ކާކަށް؟... ދެރައީ، މި ހުރިހާ ކަމަކަށް ފަހުގައިވެސް އަހަރެން އަދިވެސް، އޭނަ ދެކެ ލޯބި ވާތީ..." ޝުކޫރު ހިންދިރުވައިލި އެވެ.

ކުރީގެ އަނބިމީހާދެކެ ޝުކޫރު އަދިވެސް ވަނީ ތެދުވެރި ލޯތްބެވެ. އެ ލޯތްބަށް ފަނޑުކަމެއް ނައެވެ. އެންމެ ފުރަތަމަ ދުވަހޫއްސުރެ، އޭނަގެ ހިތުން އެ ނޫން އަންހެނަކަށް އެއްވެސް ޖާގައެއް ނުދެވުނެވެ. ދުވަހަކު ވެސް ދެރަގޮތެއް ވާކަށް އެ ހިތެއް ނޭދެ އެވެ. އެ ވާހަކަތައް ދައްކަން، އޭނައަށް ފަސޭހަ ނުވާ ސަބަބަކީ ވެސް އެއީ އެވެ.

"ޒެންހާއަށް މިކަންތައް އެނގިއްޖެއްޔާ، އޭނަ ހާދަ ދެރަ ވާނެއޭ... އެ ހިތް ފަޅައިގެން ދާނެ... ޒެންހާ އަކީ، އަހަރެންގެ ދަރިއެކޭ ބުނަން ވެސް މިއަދު އަހަރެން ލަދުގަނޭ..." ޝުކޫރުގެ އަޑު ކުރެހުނެވެ.

ވިކްޔަން އިނީ، ބުނާނޭ އެއްޗެއް ވެސް ނޭނގިފަ އެވެ. ސުވާލުތަކުން އެ ހިތް ފުރެމުން ދިޔަ އެވެ. ޒެންހާއަށް އޭނަގެ އަސްލު މައިންބަފައިންނަކީ ކޮން ބައެއްކަން ނޭނގެނީ ހެއްޔެވެ؟ އަނދިރީގެ ތެރޭގައި ހުރި އެ އަންހެން ކުއްޖާއަށް ހަމަ އެއްވެސް އުފަލެއް ނެތީ ހެއްޔެވެ؟ ފިރިއަކު ހުރީތީ، ފިރިއެއްގެ ލޯތްބެއް ނުލިބެ އެވެ. މައިންބަފައިން ދުނިޔޭގައި ތިބެމެ، ދިރިއުޅެމުން އެދަނީ، އެހެން ބައެއްގެ ކައިރީގައެވެ. ބަނޑުއަޅައި ވިހޭ މައިމީހާ އެ މަސައްކަތް ކުރަނީ، އެ ފުރާނައިން އަތްދޮވެލާށެވެ. ހުރިހާ ހަޤީގަތެއް އެނގޭ ދުވަހަކުން އެ ހިތް ފަޅައިގެން ނުދާންވީ ސަބަބެއް ނެތެވެ.

"އަހަރެން މިހެން ހުއްޓަސް، ހާދަ ހިތާމައެއް ކުރަމޭ... ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ގޮސްފި... ޅަދުވަހު ކެހި ކަނޑުލެއްގެ ހިތި ނުފިލުވި ހުއްޓައި، އަހަރެން މިހުރީ މުސްކުޅިވެފަ... އެއްކޮޅުން ކިއާރާ... ކިއާރާގެ މަންމަ މަރުވީ ވެސް، އޭނަގެ ސަބަބުން... ޝަރީއަތުގެ މަޖިލީހުގައި، އެދުވަހު އަހަންނަށް ހެދުނީ ދޮގު... މިއަދު ކިއާރާގެ މަޢާފު ވެސް އަހަންނަކަށް ޙައްޤެއް ނޫން... ލަތީފާގެ މަރަށް އިންސާފު ނުލިބުނީ، އެ ދުވަހު ޖަޒުބާތުގައި ޖެހިގެން އަހަންނަށް ހެދުނު އެންމެ ދޮގެއްގެ ސަބަބުން... އެ ދުވަހު އަންހެނަކަށްޓަކައި، އަހަރެން އެކަން ކުރީ... އޭނަ ސަލާމަތް ކުރަން... އަހަރެންދެކެ އެއްވެސް ލޯތްބެއް ނުވާ މީހަކަށްޓަކައި... މިއަދު އަހަރެން އެކަމާއި ހިތާމަ ކުރަން... ކިއާރާއަށް މިކަން އެނގިއްޖެއްޔާ، އަހަންނަށް ދުވަހަކު ވެސް މަޢާފު ނުކުރާނެ ކަން ޔަޤީން..." ޝުކޫރު ދެރަވެލާފައި ބުންޏެވެ.

ވިކްޔަންއަށް ފުންމައިގެން ތެދުވެވުނީ، ކޮޓަރި ދޮރުމަތީގައި ހުރި ކިއާރާ ފެނުމުންނެވެ. ރޮއެރޮއެ އެ ދެ ލޯ ވަނީ ދުޅަވެފަ އެވެ. އެ ހިތަށް ކޮށްފައިވާ ޢަޞަރު އެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ހެކި ދިނެވެ. ޝުކޫރު ދެއްކި ހުރިހާ ވާހަކައެއްގެ އަޑު އޭނައަށް އިވިފައިވާ ކަން ވިކްޔަންއަށް ޔަޤީން ވިއެވެ. ޝުކޫރު ހުރީ ދޮރަށް ފުރަގަސްދީގެން ކަމުން، ކިއާރާ އެތަނުގައި ހުރިކަން އޭނައަށް ނޭނގުނީ އެވެ.

********

އީމާ ގޮސް މިޔާހްގެ ކެބިންއަށް ވަންއިރު، މިޔާހް އިނީ ބޮލުގައި ދެ އަތުން ހިފަހައްޓާލައިގެންނެވެ. ކޮންމެވެސް ކަމަކާއި ފިކުރު ބޮޑުވެފައިކަން އެނގުމުން، އޭނަ ހުރީ ހަދަންވީގޮތެއް ނޭނގިފަ އެވެ. އީމާ ފެނުމާއިއެކު، މިޔާހް އެދުނީ، އޭނަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށެވެ. ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން އީމާ އަވަހަށް ގޮސް އެ ގޮނޑީގައި އިށީނެވެ.

"ވަރަށް ބޮޑު ކަމެއް ކޮށްދެވިދާނެތަ؟..." އީމާ އާއި ހަތަރުކަޅި ހަމަކުރަމުން މިޔާހް ބުންޏެވެ.

އިރުކޮޅަކު ވިސްނައިލާފައި އީމާ ބޯ ޖަހާލި އެވެ. އޭނަ ހީކުރީ، މިޔާހް ދައްކަން އުޅެނީ ވަޒީފާ އާއި ގުޅުންހުރި ވާހަކަ އެއް ކަމަށެވެ.

"އަމިއްލަ ކަމަކު އެދުނަސް އެންމެ ރަނގަޅުތަ؟..." މިޔާހް އަނެއްކާވެސް ސުވާލު ކުރި އެވެ.

އީމާ ވިސްނައިލި އެވެ. މިޔާހްގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ފެނި އެ ހިތަށް ހަމްދަރުދީ ވަނެވެ. އޭނަ މަޑުމަޑުން ބޯ ޖަހާލި އެވެ.

"މަންމަ އެބައުޅޭ މިކޮޅަށް އައިސް... މަންމަ އަކީ ހިތުގެ ބަލި ހުންނަ މީހެއް... މަންމަ ކައިރީ، އަހަންނަށް ވަރަށް ބޮޑު ދޮގެއް ހެދިއްޖެ..." އަތް މުށްކަވައިލާފައި އެ އަތް ތުންފަތުގައި ޖައްސައިލަމުން މިޔާހް ބުންޏެވެ.

(ނުނިމޭ)

 

ކޮމެންޓް 0