"ތަންކޮޅެއް ބަލައިގެން އުޅެއްޗޭ... އަބަދު މިހެން ފެން ތައްޓެއް ދިއްކޮށްލާކަށް އަހަންނެއް ނުހުންނާނެ އެއްނު..." ޒެންހާ ފެންފޮދެއް ބޯލުމުން ވިކްޔަން ވާހަކަ ދެއްކީ، ލާނެތް ރާގަކަށެވެ.

********

މިޝަލްގެ ކެއުން ޚަރާބު ވިއެވެ. އޭނަ ކާހިތް ކެނޑުނެވެ. ހިތްހަމަނުޖެހުނު ވަރުން އޭނަގެ ކަރަށް ވެސް ހީވަނީ، ވާންވެފައި ވާހެންނެވެ. ވިކްޔަންއަށް އެފަދަ ހިތްވަރެއް ލިބިގެން އުޅެނީ، ޝުކޫރު ދެއްކި ވާހަކަ އަކުން ކަމުގައި އޭނަ ގަބޫލު ކުރިއެވެ. އެކަމާއިހުރެ، އޭނަ ޝުކޫރު ދެކެވެސް އިންތިހާއަށް ރުޅި އައެވެ. ހިތުގެ އަޑިން އެތައް އެއްޗެއް ކިޔެވެ.

"މީ އެއްވެސް ވަރަކަށް ކާއެއްޗެހި މީރު ތަނެއް ނޫން... ދެން އެއްޗެއް ކާކަށް ނާންނާނަން މިތާކަށް..." ތަށި ދުރުކޮށްލަމުން، މިޝަލް ބުންޏެވެ. އެ އަޑުގައިވީ، ނުރުހުމުގެ އަސަރެވެ.

********

ކުއްލިއަކަށް އިވުނީ، ކެބިންގެ ދޮރު ހުޅުވައިލި އަޑެވެ. ބިއްލޫރިގަނޑު ކައިރީގައި ތިބި މިޔާހް އަށާއި އީމާއަށް އެދިމާއަށް ބަލައިލެވުނީ، އެކު އެކީގައެވެ. ޓަކި ޖަހައިލުމެއްވެސް ނެތި، މީހަކު އެގޮތަށް ވަނުމުން، ދެ މީހުންގެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ.

ދޮރުމަތީގައި ހުރީ ދެބައި އުމުރުގެ އަންހެނެކެވެ. އެ މީހާ ހުރީ، ކަޅު ކުލައިގެ އަބާޔާ ހެދުމަކާއިއެކު، ކަޅު ބުރުގާއެއް އަޅާފައެވެ. އިސްކޮޅުން ކުރުވެފައި، ހަށިގަނޑު ރަނގަޅެވެ. މޫނުގެ ކުލަ އައްޔެވެ.

އެ މީހާގެ ނަޒަރު، އެއްފަހަރު އީމާއަށް އަނެއްފަހަރު މިޔާހްއަށް، ހުއްޓެމުން ދިޔައެވެ. އީމާގެ ފައިން ފެށިގެން މޫނާއި ހަމައަށް އޭނަ ބަލައިލިއެވެ. އެ ނަޒަރު ގޮސް ހުއްޓުނީ، އީމާގެ ލޮލަށެވެ. އީމާ ބަލަހައްޓައިގެން ހުރި ތަން ފެނުމުން، އެ ނަޒަރު ތަފާތު ވެއްޖެއެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވިއެވެ. ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން، އޭނަ ހިނގައިގަތީ، އީމާ އާއި ދިމާއަށެވެ.

މިޔާހްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ދޮރުން އެތެރެއަށް ވަދެގެން އެ އަންނަނީ، އޭނަގެ މަންމަ މައުސޫމާއެވެ. ކަންތައް ވާނެ ގޮތް ހިތަށް އަރުވައިލުމުން ވެސް އޭނަގެ ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. އޭނަ ދެ ލޯ ބޮޑުކޮށްލަމުން އީމާއަށް ބަލައިލިއެވެ. އޭރު އީމާ ހުރީ، މައުސޫމާއަށް ބަލަހައްޓައިގެންނެވެ.

މައުސޫމާ ދިޔަގޮތަށް ހުއްޓުނީ، އީމާގެ ކުރިމަތީގައެވެ. އޭނަ އީމާގެ މޫނަށް ބަލަން ހުރީ، ލޯބިން ފުރިގެންވީ، ނަޒަރަކުންނެވެ.

"މީ ކޮން ކުއްޖެއް؟..." އީމާގެ އަތްތިލައިގައި ހިފައިލަމުން، މައުސޫމާ ސުވާލު ކުރިއެވެ.

"އީމާ..." އީމާ މަޑުމަޑުން ބުންޏެވެ.

މައުސޫމާގެ ދެލޯ ފުރުނީ، އުފާވެރިކަމުގެ ކަރުނައިންނެވެ. އޭނަ އެހުރިހާ ދުވަހު ދަނބިދަރިއަކަށް ކުރި އިންތިޒާރަށް ނިމުން އައީއެވެ. އެ ހިތުގެ މުރާދު ފުރިހަމަ ވީއެވެ. ބޭއިހްތިޔާރުގައި އޭނައަށް ޖަހައިލެވުނީ، ލުއި ހިނިގަނޑެކެވެ. ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށުމުން، އަވަސް އަވަހަށް، އަތުގެ ނުފުށުން ފޮހެލައިފިއެވެ. އޭނަ އީމާގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ. އަތުގައި ހިފައިގެން ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އެ ހިތުގައި އުފެދުނީ މައިކުލުނެވެ. އެންމެ ނަޒަރަކުން ވެސް އޭނައަށް އީމާ ކަމުގޮސްފިއެވެ.

އީމާ އިނީ ވާނުވާ ނޭނގިފައެވެ. އޭނަ ހާސްވެގެން، މިޔާހްއަށް ބަލައިލިއެވެ. މިޔާހް ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އޭނައަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. ކަންތައް އެ ވީގޮތަކުން އީމާ އާއި ކުރިމަތިލާކަށް އޭނައަކަށް ނުކެރުނެވެ. އަވަހަށް އިސްޖަހާލައިފިއެވެ. މައުސޫމާ އުޅެންފެށި ގޮތަކުން އޭނަ ހުރީ، ލަދުގަނެފައެވެ. އީމާ ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ އޭނަ ހާސްވެގެން، އެ ފިނި ތަނުގައި ވެސް ދާހިއްލާ ފޯވެއްޖެއެވެ.

"ދަރިފުޅާ!..." މައުސޫމާ އީމާއަށް ގޮވާލީ އަމިއްޔަ މަޔަކު ވެސް ދަރިއަކަށް ގޮވާނެހައި ލޯބިންނެވެ.

"މީ ހާދަ ލޯބި ކުއްޖެކޭ..." އީމާގެ ކޯތާފަތުގައި ފިރުމާލަމުން މައުސޫމާ ބުންޏެވެ.

އީމާއަށް ހިންދިރުވައިލެވުނެވެ. އޭނައަށް ހީވީ ގެއްލިފައިވާ މަޔެއްގެ ލޯބި ލިބުނުހެންނެވެ. އުފަލުން ދެ ލޯ ފެންކަޅިވާން އުޅުނެވެ. އަމިއްލަ މަންމަ އޭނަ އާއިމެދު އެފަދައިން ރަހުމު ކުރާނެ ނަމަ ކިހާ ރަނގަޅު ހެއްޔޭ އޭނަގެ ހިތަށް އެރިއެވެ.

"އަދިވެސް ދުރުގަ ހުންނަނީތަ؟... މަންމަ ނައިނަމަ، ޔަގީނޭ މި މަންޖެ ދައްކާވެސް ނުލީސް ކަން... ނަސީބެއްނު ކުއްޖަކު ކައިރީ އަހައިގެން މިތަނަށް އާދެވުނުކަން..." މިޔާހްގެ ކައިރިއަށް ގޮސް ބުރަކަށީގައި ބޮނޑިއެއް އަޅައިލަމުން، މައުސޫމާ ބުންޏެވެ.

"އާޙް މަންމާ!... ތަދުވެއޭ..." މައުސޫމާ ޖެހި ތަނުގައި ފިރުމާލަމުން މިޔާހް ބުންޏެވެ.

އީމާގެ ދެ ލޯ ބޮޑުވީ، މައުސޫމާ އަކީ މިޔާހްގެ މަންމަ ކަން އެނގުމުންނެވެ. އޭނަ މިޔާހްއަށް ބަލައިލާފައި ބޯ ހޫރާލިއެވެ. މައުސޫމާ އަނެއްކާ ވެސް އީމާގެ ކައިރިއަށް ދިޔައެވެ. އޭނަ އީމާގެ ކައިރީގައި އިށީނެވެ. ހާސްވެފައި އިން އީމާގެ ބުރަކަށީގައި އޭނަ ފިރުމަން ފެށިއެވެ.

"ދަރިފުޅު ހާސްވެފަތަ ތީނީ... އަހަރެން މީ ހިންދީ ޑްރާމާ ތަކުގެ އުޅޭ ކަހަލަ މަންމައެއް ނޫނޭ... އަހަރެން މިހުންނަނީ، އެހެރަ މޮޔަ ދަރި މީހަކާ ނީނދެގެން ރުޅިގަދަވެފަ..." ހިނިގަނޑެއް ޖަހައިލަމުން މައުސޫމާ ބުންޏެވެ.

"އަޅުގަނޑު މީ މިޔާހްގެ...." އީމާ އެއްޗެއް ބުނަން އުޅުނެވެ.

އޭނަ އުޅުނީ ތެދު ތެދަށް މައުސޫމާގެ ކައިރީގައި ހަގީގަތް ހާމަކުރާށެވެ. އެކަމަކު މައުސޫމާ އެފުރުސަތެއް ނުދިނެވެ. އޭނަ އޭގެ ކުރީން ވާހަކަ ދައްކަން ފަށައިފިއެވެ.

"މަންމައަށް އެނގެއޭ... ތީ މިޔާހް ކައިވެނި ކުރަން އުޅޭ ކުއްޖާ ކަން... އެހެންވެ އެއްނު މަންމައަށް ދަރިފުޅު ހޯދައިގެން މިތަނަށް އަންނަން މިޖެހުނީ..." މައުސޫމާގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ.

މިޔާހްއަށް ހިންދިރުވައިލެވުނެވެ. މައުސޫމާގެ ކަންތައް މާ މައްޗަށް ދާންފެށުމުން، އޭނައަކަށް ދުރަކު ނުހުރެވުނެވެ. އޭނަ ގޮސް މައުސޫމާގެ އަތުގައި ހިފައި ނަގަން އުޅުނެވެ.

"މަންމާ!... މީއެއް ނޫނޭ އެކުއްޖަކީ... އަހަރެން މަންމައަށް ދޮގު..." މިޔާހް އެއްޗެއް ބުނަން އުޅުނެވެ.

މައުސޫމާ އެ އަތް ފޮޅުވައިލިއެވެ. އޭނަ މިޔާހްއަށް ބަލައިލަމުން ދެލޯ ހަނިކޮށްލިއެވެ.

"އަދިވެސް މަންމައަށް އޮޅުވާލަންތަ ތިއުޅެނީ... ދުރުގަ ހުރޭ... މިހާރު މީ މަންމަ އާ މަންމަގެ ޅީދަރިފުޅުގެ ވަގުތު... އަހަރެމެން ދެމީހުންގެ ދެމެދަކަށް ދެން ނުވަދެވޭނެ..." މިޔާހް އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން މައުސޫމާ އިންޒާރު ދިނެވެ.

"މިއަދު މަންމަ ހާދަ އުފަލެކޭ މިވަނީ... މަންމަ ވަރަށް ދެރަވެފައޭ ހުރީ... އެހެންނު ވާނީ، އުމުރުން ތިރީސް އަހަރު ވީއިރުވެސް، ހުރި ހަމައެކަނި ދަރިފުޅު އަންހެން ކުއްޖަކާ ދިމާލަށް ބަލައިވެސް ނުލާ ވިއްޔާ... އެކަމާ ވިސްނާ ވިސްނާ، ލޭ މައްޗަށް ގޮސްގެން އަހަރެން މަރުނުވީ ކިރިޔާ... މިޔާހް! ދަރިފުޅާ!... ދެން ހަނދާންކުރާތި، އީމާ އާ ކައިވެނި ނުކޮށްފިއްޔާ މަންމަގެ މައާފެއް، ދުވަހަކުވެސް ދަރިފުޅަކަށް ނުލިބޭނެ..." މައުސޫމާ އޭނާގެ ފަހު ޖުމްލަ އާއިއެކު މިޔާހް އާއި ދިމާއަށް ބަލާލައިފިއެވެ.

އީމާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. މަޔެއްގެ މައާފު ނުލިބުމަކީ ދަރިއަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތި ކަމެވެ. އޭނަ އެއްޗެއް ބުނަން އުޅެފައިވެސް ހުއްޓާލައިފިއެވެ. މިޔާހް އެއްޗެއް ބުނަން އުޅުނުކަން އެނގުމުން، އޭނަ އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

"މަންމަ ވިސްނައިފިން އަދި ދުވަސްކޮޅަކު މިކޮޅުގަ މަޑުކޮށްލަން... މިޔާހްގެ ބައްޕަ އަންނާނެ ދެ ދުވަސް ފަހުން... ކައިވެނީގެ ކަންކަން ނިންމާފަ، މަންމަ ދެން އެކޮޅަށް ދާނީ..." މައުސޫމާ ބުންޏެވެ.

********

ޒެންހާއަށް މިޝަލް އާއި ދިމާއަށް ބަލައިލެވުނެވެ. މިޝަލްގެ މޫނުމަތިން ކަމެއް ގޯސްވެއްޖެ ކަން އޭނައަށް އެނގުނެވެ.

"ތި ނެގި އެއްޗެއްގެ ގޮތުންނޭ... ނިކަން ކުކުޅުކޮޅެއް ކާލަބަލަ... ދޯ ޒެނީ؟..." ޒެންހާއަށް ބަލައިލަމުން ވިކްޔަން ބުންޏެވެ.

"ޒެނީ؟... ހައް..." މިޝަލްއަށް ހިތާއި ހިތައި ކިޔައިލެވުނެވެ.

މިޝަލްގެ ނޭވާ އަވަސްވީ، ޒެންހާ ބޯ ޖަހައިލި ތަން ފެނުމުންނެވެ. އޭނައަށް ދެބުމަ ކައިރި ކޮށްލެވުނެވެ. ކާއެތިކޮޅެއް އަނގަޔަށް ލަމުން، މިޝަލް އާއި ދިމާއަށް ބަލައިލި ޒެންހާ ދިޔައީ، ސިއްސައިގެންނެވެ. އެ މޫނުމަތި ބަނަވެފައިވާ ތަން ފެނި، އޭނަގެ ހިތް ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އޭނަ އަނގަޔަށް ލީ އެތިކޮޅު ދިރުވައިލެވުނީ ވެސް އެހާ އުނދަގުލުންނެވެ.

އެންމެންގެ މޫނު މައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރު ބަލަން އިން ކިއާރާއަށް ކެތް ކުރެވުނީ، ވަކި ވަރަކަށެވެ. އޭނަ ފުންމައިގެން ތެދުވެއްޖެއެވެ. ވިކްޔަން އާއިއެކު އޭނަ އައީ، ހިތަށް ތަސައްލީއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ލިބިފައިވާ ފުން ޒަހަމުން އަރައިގަތުމަށެވެ. އެކަމަކު ކަންތައް ވެގެން އެ ދިޔައީ، އޭގެ އިދިކޮޅަށެވެ. އެ ހިތް އިތުރަށް ޒަހަމުވުން ނޫން ކަމެއް ނުވިއެވެ.

ވަކި އެއްޗެއް ބުނުމެއްނެތި ކިއާރާ ނުކުތީ، ބޭރަށެވެ. ވިކްޔަން ވެސް އަނގަ ފުރެންދެން ކާއެއްޗެހި އަޅައިގެން، ކިއާރާގެ ފަހަތުން ބޭރަށް ނުކުތެވެ. ޒެންހާ އިނީ، ހަދަންވީ ގޮތެއް ނޭނގިފައެވެ. ބިއްލޫރިގަނޑުން އޭނަ ބަލައިލީ، ވިކްޔަން ދިޔަ ދިމާލަށެވެ. އޭރު ކިއާރާގެ ފަހަތުން ވިކްޔަން ދާތީ ފެނެއެވެ. އެހެން އިނދެ، އޭނަ މިޝަލްއަށް ބަލައިލީ ލޮލުގެ ހިމަކޮޅުންނެވެ. މިޝަލް އޭނައަށް ބަލަން އިންތަން ފެނުމުން ޒެންހާގެ ހިތް ތެޅިގަތެވެ. އޭނަ އަވަހަށް އިސްޖަހާލައިފިއެވެ.

********

ނަހީރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ދިރިއުޅުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނެ އެއްވެސް މަގެއް، އޭނައަކަށް ނުފެނުނެވެ. ހުރިހާ ކަމެއްވެސް ވަމުން އެދިޔައީ، އޭނަ އުއްމީދުކުރި ގޮތާއި މުޅީން ޚިލާފަށެވެ. ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް، އޭނަގެ ދިރިއުޅުމުގައި ހުސްކަމާއި ފަޅުކަން ފިޔަވާ އިތުރު އެއްޗެއް ނުވެއެވެ. މާޒީގައި ހެދިފައިވާ އެންމެ ގޯހެއްގެ ސަބަބުން، މުޅި އުމުރަށް އެކަމުގެ ވޭނުގައި އޭނައަށް އެވަނީ ދުވަސްތައް ހޭދަކުރަން ޖެހިފައެވެ.

ނަހީރާ އޭނަގެ ދެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލިއެވެ. އޭނަ ފޯނު ނަގައި އެއްޗެއް ހޯދަން ފެށިއެވެ. އެންމެފަހުން، އެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައީ، އޭނަ ހޯދަން ބޭނުންވި އެއްޗެއް ފެނުމުންނެވެ.

********

މައިގެ ތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރި ޝުކޫރުގެ ފިޔަވަޅުތައް މަޑުޖެހުނީ، ޖީބުގައި އޮތް ފޯނުގެ ރަނގަބީލުގެ އަޑުންނެވެ. ޖީބުން ފޯނު ނެގުމާއިއެކު، އެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. ގުޅަނީ، ނުދަންނަ ނަންބަރަކުންނެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. އިވިގެން ދިޔައީ، އަންހެނެއްގެ އަޑެވެ. އަޑު ޖެހުމާއިއެކު، އޭނައަށް އެއީ ކާކުކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ.

"ނަހީރާ..." ޝުކޫރަށް ބުނެވުނެވެ.

އެ ދެމެދުގައި ދެން ހޭދަވެގެން ދިޔައީ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ނަހީރާގެ ނޭވާގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޝުކޫރުގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރު ފެނިގެން ދިޔައެވެ. ކަންތައް ވެފައިވާ ގޮތް ހަނދާނަށް އަންނަމުންދިޔަ ވަރަކަށް، އެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފެނިގެން ދިޔައެވެ.

"ކިހިނެތްވީ؟... ބޭނުންވި ކަންތައް ނުވީދޯ؟..." ޝުކޫރުގެ އަޑުގައި ވަނީ، ހަރުކަށިކަމެވެ.

ނަހީރާއަށް ދެލޯ މަރާލެވުނެވެ. ޝުކޫރުގެ ނަފުރަތު އޭނައަށް ހައްގެވެ. އެކަން އޭނައަށް އޮޅިފައެއް ވެސް ނުވެއެވެ. އެކަމަކުވެސް، މިއަދު އެކަމާއި އޭނަ ދެރަވަނީއެވެ.

"ނަހީރާ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް... ޒެންހާއަކީ، އަހަރެންގެ ދަރިއެއް... އެއީ އަހަރެންގެ ލޭ... އެ ދަރިފުޅުގެ ގައިގަ ކޫރުމެއް އަޅުވައިލިޔަސް، އަހަރެން މަޑަކުން ނުހުންނާނަން ކަން ހަނދާން ކުރާތި... މި ހުރިހާ ދުވަހު އަހަރެން މަޑުން މިހުރީ، ތީ ޒެންހާގެ މަންމައަށް ވީތީ... އެ ދަރިފުޅަށް، އޭނަގެ މަންމަގެ އަނދިރި ފަރާތް އެނގިއްޖެއްޔާ، ދެރަވާނެވަރު ވިސްނޭތީ... އެހެން ނޫންނަމަ، އަހަރެން ނަހީރާގެ ހުރިހާ ރޭވުމެއް ފަޅާއަރުވާލިތާ ކިތަންމެ ދުވަހެއް..." ޝުކޫރު އިންޒާރު ދިނެވެ.

ނަހީރާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެތެރެ ހަށީގައި ހުޅުގަނޑު ރޯވެއްޖެއެވެ. އެ ހުޅުގަނޑުގެ ތެރޭގައި އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން އޭނައަށް އުނދަގޫވިއެވެ.

"އަހަރެން ކުރާ ކަމެއް ކުރަނީ، ހުރިހާ މީހުންނަށް ވެސް އެންމެ ރަނގަޅަކަށް... އަހަރެންގެ ދިރިއުޅުން ވަކި އުފާވެރިތަ؟... އަހަރެން މިވަރުގެ ކުށްވެރިއަކަށް ވާންޖެހުނީ ހަމަ ތި ޝުކޫރުގެ ސަބަބުންނޭ..." ނަހީރާ ހަޅޭއްލަވައިގަތެވެ.

އެތައް ދުވަހެއް ވަންދެން ހިތުގައި ފުނިޖައްސާފައިވާ ޝަކުވާގެ އަޑުތައް އޭނަ ޝުކޫރުގެ ކަންފަތާއި ހަމައަށް ފޯރުކުރަން ފެށިއެވެ. އެ ޝަކުވާތަކުގެ އަޑު ޝުކޫރުގެ ކަންފަތާއި ހަމައަށް އިއްވަން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ.

"އާނ!... ތިކަން އަހަރެން ގަބޫލު ކުރަން... އެއީ އަހަރެމެން ދެމީހުންގެ މެދުގަ އޮތް ކަމެއް... އެކަމަކާ، ޒެންހާއަކާއި އެއްވެސް ގުޅުމެއް ނެތް... އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް... ތި ކުރާ ކަމެއް އަހަންނަށް ކުރޭ... މަރާލަންޏާ، އަހަރެން މަރާލާ... އެކަމަކު އެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެ... ނަހީރާ ބުނޭ އަހަރެން ދާންވީ ތަނެއް... އެތަނަކަށް ދާން އަހަރެން މިހުރީ ތައްޔާރަށް... އެކަމަކު، ބަދަލުގައި އަހަރެންގެ ދަރިފުޅަށް ހަމަޖެހިގެން ދިރިއުޅެވޭނެ ފުރުސަތު ދީ..." ޝުކޫރު ހިތްހަމަނުޖެހުނު ވަރުން ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނައިލިއެވެ.

ނަހީރާ ރުޅި އައިސްގެން ފޯނު ކަނޑާލިއެވެ. އޭނަ އޮތް ތަނުން ތެދުވިއެވެ. ފޯނު އެނދު މައްޗަށް ހޫރައިލާފައި އޭނަ ގޮސް ހުއްޓިލީ، ލޯގަނޑުގެ ކުރިމަތީގައެވެ. އޭނަގެ ރުޅިގަނޑު ފަޅައިގެން ދަނީއެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތަކަށް ބެލުމެއްނެތި، މޫނުގައި ފުށްމާގަނޑު ކާއްތަން ފެށިއެވެ. ދެލޮލުގައި ހާކާފައިވާ އަނދުންތައް ކަރުނަތަކާއި އެކުވުމުން، މާގަނޑު ޚަރާބް ވެއްޖެއެވެ. ތުންފަތުގައި ކުލަ ހާކަން ފެށިލެއް ބާރުކަމުން، ލިޕްސްޓިކް ވެސް ދިޔައީ ބިންދައިގެންނެވެ. އެއީ އެތައް ސަތޭކަ ރުފިޔާއެއް ޚަރަދުކޮށްގެން އޭނަ ގަނެފައިވާ އަގުބޮޑު އެއްޗެއްސެވެ. އެހާ ލޯބިން ގެންގުޅެފައިވާ އެއެއްޗެހީގެ މަތީންވެސް އޭނަ ވީ ފާޑެއްގެ ފޫއްސެކެވެ.

(ނުނިމޭ)

ކޮމެންޓް 0