بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

****************

ހަލަބޮލިކޮށް ފެންނަމުންދިޔަ މާލޭގެ މަގުމައްޗަށް ނުކުތް ޒެންހާގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ. ކޮނޑުގައި ދަބަސް އަޅުވައިލަމުން، މަގުގެ ދެފަރާތަށް އޭނ ނަޒަރު ހިންގައިލިއެވެ. ގޭގެ ފާރުކައިރިން ދުވާރުމަތީގައި ބަހައްޓާފައިވާ ފޮށިތަކަށް ބަލަހައްޓައިގެން ޒެންހާ އިރުކޮޅަކު ހުއްޓެވެ. އެ ހިނިތުންވުން ފުންވެގެން ދިޔައީ، އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލައިލުމުންނެވެ.

ޒެންހާގެ ފަހަތުން ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތް ސިތުނާއަށް ޒެންހާ ފެނުމާއިއެކު ހުއްޓުނެވެ. ދުވާރުމަތީގައި ބަހައްޓާފައިވާ ފޮށިތައް ފެނުމުން ދެތުންފަތް ފިއްތާލައިފިއެވެ. ސިތުނާއަކީ ޒެންހާގެ ދައްތައެވެ. އުމުރުގެގޮތުން ދެމީހުންގެ މެދުގައި މާބޮޑު ފަރަޤެއް ނެތެވެ. ސިތުނާ އާއި ޚިލާފަށް ޒެންހާ އިސްކޮޅުން ކުރެވެ. ހަމަ އެގޮތަށް ހަމުގެ ކުލަވެސް އައްޔެވެ.

"ކީއްވެތަ އަބަދު ޒެނީއަށް ތަންތަނަށް ދެވެނީ؟... މިދިޔަމަހުވެސް ތިއައީ ރާއްޖެއިން ބޭރަށް ގޮއްސަ... މަންމަމެން ހަމަ އަހަރެންވީމަ ތަނަކަށްވެސް ނުފޮނުވާނެ... އަހަރެންގެ ހަމުގެ ކުލަ އަނދިރިވީމަ... ހިތަށްއަރާ އަވަހަށް މީހަކާ އިނދެގެން މިތަނުން ސަލާމަތްވާންވީއޭވެސް..." ސިތުނާ އާދައިގެމަތީން ޝަކުވާކުރަން ފެށިއެވެ.

"ސިތުއްތަވެސް ރަނގަޅު ޖޮބަކަށް ދޭބަލަ... ބޮލުގެ ބޭނުންކުރަން ޖެހޭނީ ދަސްކުރާށޭ..." ސިތުނާގެ ބޮލުގައި މަޑުމަޑުން ޖަހައިލަމުން ޒެންހާ ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގެ ރިޕޯޓަރެއްގެ ގޮތުގައި ޒެންހާ މަސައްކަތްކުރާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ޒެންހާއަކީ ޒިންމާދާރު އަދި ކަންކަމާއި ކެރިގެން ކުރިމަތިލާ ޒުވާނެކެވެ. ކުރާ ކޮންމެ ކަމެއް އޭނަ ކުރަނީ ފަސްޖެހުމެއް ނެތިއެވެ. އާބިދާ އާއި ޒުބޭރު، ޒެންހާއަށް އިތުބާރުކުރާ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

"ކޮބާތަ އެ މަންމަ؟... އަދި އެ ބައްޕަވެސް ފިޔަވަޅެއް ނޭޅޭނެ މަންމަ އާއިއެކީ ނޫނީ... ސަހާދެއް މިބުނީ، ދުވަހަކު ގަޑިއަކަށް ތާކަށް ނުދެވޭނެ، ގޮތްގަނޑު ބޮޑުކަމުންވެސް..." ސިތުނާ ހުރީ ތުން ފިއްތާލައިގެންނެވެ. ވާހަކަ ދައްކާގޮތުން ހީވަނީ ތޭރަ ސާދަ އަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ.

އާބިދާ އާއި ޒުބޭރު ނުކުތްއިރު، ސިތުނާގެ މޫނަށް ބަލައިލަންވެސް ނުކެރެއެވެ. ރުޅި އައިސް މޫނު ހަދާލައިގެން ހުރިގޮތުން، ޒެންހާ ހުރީ ހީލަހީލައެވެ. އާބިދާ އޭނާގެ އަތުގައި އޮތް ކޮތަޅުތައް ޒެންހާގެ އަތަށް ލައިދިނެވެ. ރަނގަޅަށް ކައިގެން ހުރުމަށް އެދިފައި، ބޮލުގައި ފިރުމާލިއެވެ.

"މަންމަވެސް ދޯ... މިހާ ގިނަ އެއްޗެހި އުފުލަންވެސް ކިހާ އުނދަގޫވާނެތަ؟... ޒެނީ ކިހިނެއްތަ ތިހުރިހާ އެއްޗެއް ކާނީވެސް؟... ތެލުލިފަތް، ރިހާކުރު، އަސާރަ، މިހުރިހާ އެއްޗެއް ހަމަ ކޮންމެ ފަހަރަކު ނަހަދައެއް މަންމަ ހިތްހަމައެއް ނުޖެހޭނެ..."

ސިތުނާ އެދިޔަގޮތަށް ގޮސް، ޒެންހާގެ އަތުން ކޮތަޅުތައް ޖަހައިގަތެވެ. ފަހަރަކު ކޮތަޅެއްގެ އެތެރެބަލަމުން ޝަކުވާކުރަން ފެށިއެވެ. އެންމެންވެސް ހީލަހީލަ ތިބީއެވެ. ކާރު އައުމުން، ވަދާޢުގެ ސަލާން ކޮށްލުމަށްޓަކައި، އާބިދާގެ ގައިގައި ޒެންހާ ބައްދާލިއެވެ.

"މަންމަ އޯކޭވާނެ އެއާޕޯޓަށް ނުދިޔަސް... ބަލިކޮށެއްނު ތިއުޅެނީވެސް... ބައްޕަ އާއިއެކީ ގޮސްލަފާނަން..." އާބިދާގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން ޒެންހާ ބުންޏެވެ.

"މަންމަ ރަނގަޅަށް ބަލައިދޭތި..." ސިތުނާގެ ކައިރިއަށް ޖެހިލާފައި ޒެންހާ ބުންޏެވެ.

"ހަމަ އަހަރެމެން ނުގެންދަންވެގެން..." ޒެންހާ އާއި ސަލާންކޮށްފައި، ސިތުނާ އެނބުރުނީ އަނެއް ފަރާތަށެވެ.

ޒެންހާ ހިނގައިގަތުމުން އާބިދާ އުޅުނީ އެކުގައި ކާރަށް އަރާށެވެ. ޒެންހާ އާއިއެކުގައި ދާން އޭނަ ހުރީ ބޭނުންވެފައެވެ. ޒުބޭރުވެސް އެދުނީ އާބިދާ ގޭގައި މަޑުކުރުމަށެވެ. އެންމެފަހުން އޭނަ އެތެރެއަށްވަނީ ހިތާއި ދެކޮޅަށެވެ. ކާރަށް އަރާފައި ޒެންހާ އިނީ އިސްޖަހާލައިގެންނެވެ. އާބިދާ އާއި ދުރަށްދާންޖެހޭތީ އޭނަ އިނީ ދެރަވެފައެވެ. އެހެން މީހުންގެ ކުރިމަތީގައި ހިތާމަތައް ފޮރުވިޔަސް، އެކަނިވުމުން ޒެންހާއަކަށް އެ ހިތާމަތަކެއް ނުފޮރުވެއެވެ. ކައިރީގައި ޒުބޭރު ނެތްނަމަ، އޭނައަށް ރޮވުނުތާ ކިތަންމެ އިރެކެވެ.

"ދަރިފުޅު އަދި ނުބުނަމެއްނު ކޮން ރަށަކަށް ކަމެއް ދަނީ..." ޒުބޭރު ވާހަކަ ދެއްކީ ކާރު ދުއްވައިލުމުންނެވެ.

"ހުޅުދުއްފާރު... އޮފީސް ކުއްޖަކު ބުނި ވަރަށް ރީތި ރަށެކޭ... ރޯދައަށް އެކޮޅުގެ ރިޕޯޓް ކޮންމެހެންވެސް ނިންމަންޖެހޭ..."

ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން ޒެންހާ ބުންޏެވެ. އޭރު އޭނަ އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒެންހާގެ ޖަވާބު އިވިފައި، ޒުބޭރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ޒެންހާ އެންމެ ފަހަރަކުވެސް އެ މޫނަށް ބަލައިލިނަމަ، އެ މޫނުމަތީގެ ޢަޞަރުތައް ތަރުޖަމާކުރަން އެނގުނީހެވެ.

އެއާޕޯޓަށް ދެވުމާއިއެކު، ކާރުން އެންމެ ފުރަތަމަ ފޭބީ ޒެންހާއެވެ. ޒުބޭރަށްވުރެ ކުރިން އޭނަ އައިސް، ކާރުގެ ދޮރު ހުޅުވައިލަދިނެވެ. ޒެންހާ ދޮރު ހުޅުވައިލުމުންވެސް ޒުބޭރު އެއިން ފައިބާކަށް ނޫޅުނެވެ.

"ބައްޕަ އެތެރެއަކަށް ނުވަންނާނަންތަ؟..." ޒެންހާ ހައިރާންވެފައި ސުވާލުކުރިއެވެ.

"ދަރިފުޅު ގޮސްލާ ބައްޕަ އެބަޖެހޭ ތަނަކަށް ދާން..." ޒުބޭރު އެހެން ބުނުމާއިއެކު، ހީލާފައި ޒެންހާ އުޅުނީ ދޮރު ލައްޕައިލާށެވެ.

"ޒެންހާ... ދަރިފުޅާ..." ޒުބޭރު ގޮވާލި އަޑު އިވުމުން ޒެންހާ ހުއްޓުނެވެ.

"ކިހާ ދުވަހަކަށް ތި ދަނީ؟..." ޒުބޭރު ސުވާލުކުރިއެވެ.

"ދެމަހެއްވަރު ވާނެހެން ހީވަނީ... އަސްލު، ޗުއްޓީވެސް ނިންމާލާފަ އަންނަންކަމަށް މި ވިސްނަނީ... އީމާވެސް އެކޮޅުގައި އުޅޭތީ... އެންމެ ރަނގަޅުވާނެތަ އެގޮތް؟..." ވަރަށް ނުކެރި ހުރެފައިވެސް ޒެންހާ އެހިއެވެ. ޗުއްޓީގެ ވާހަކަ ނުދައްކަންވެގެން، އޭނަ އޮތީ އެވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވާފައެވެ. އެކަމަކު ޒުބޭރު ސުވާލުކުރުމުން ނުބުނެ ހުންނަން އޭނައަށް ނުކެރުނީއެވެ.

ޒުބޭރު އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ދެން ފެނުނީ މަޑުމަޑުން ބޯޖަހައިލި ތަނެވެ. ހީވީ ހިތާއި ދެކޮޅަށް ކަމަކަށް އެއްބަސްވިހެންނެވެ.

"މަންމަ ކައިރީ ނުބުނައްޗޭ ކޮން ރަށެއްކަން... ދެން ޗުއްޓީގެ ވާހަކަވެސް އިހަށް ނުބުނާތި... އެހެންނޫނީ ބައްޕަގެ ބޮލަށް އުނދަގޫވާވަރަށް ގުޅައިދޭން ބުނާނެ..." ޒުބޭރު ވާހަކަ ދެއްކީ ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުންނެވެ.

ޒެންހާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެކަމަކު އެކަމާއި ބެހޭގޮތުން އޭނަ އެއްވެސް ސުވާލެއް ނުކުރެއެވެ. ބޯޖަހާލާފައި، ހިނިތުންވުމަކުން ފުއްދައިލީއެވެ.

ހުޅުދުއްފާރުގެ ޖެޓީއަށް ލޯންޗް ކައިރިކޮށްލުމާއިއެކު، ޒެންހާ އެއިން ފުންމައިލީ ފަރިތަކަމާއި އެކުގައެވެ. އެރަށަށް އޭނަ ދިޔަ އެއީ ފުރަތަމަ ފަހަރެވެ. ޒެންހާ ފޭބިއިރު އޭނަ އާއި ޙަވާލުވާން އެތަނުގައި މީހަކު ހުއްޓެވެ. ޒެންހާގެ އެދުމުގެމަތީން އޭނަގެ ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވީ، އެއްވެސް މީހަކު ނޫޅޭ ގެއަކުންނެވެ. ރަށުގެ އަތިރިމަތީގައި ހުރި އެ ގެ ތަނަވަހެވެ. މާލެ ކަހަލަ ހަލަބޮލި މާހައުލެއްގައި އުޅެފައި، އެފަދަ ހިތްފަސޭހަ މާހައުލެއްގައި އުޅެލުމުގެ ފުރުޞަތު ލިބުމުން، ޒެންހާ ހުރީ އުފަލުންނެވެ.

ގެއަށް ވަދެވުމާއިއެކު ޒެންހާ އަޖައިބުވިއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ ގެ ހީވަނީ ވަރަށް ކުރީގެ ގެއެއް ހެންނެވެ. ގޭގައި ބޭނުންކޮށްފައިވާ ފަރުނީޗަރުތައްވެސް ހަދާފައިވަނީ އެއް ވައްތަރެއްގެ ލަކުޑިއަކުންނެވެ. ތަނަވަސް ބޮޑު ސިޓިންގްރޫމުގެ ދެފަރާތުގައިވާ ދެ ސިޑިން މައްޗަށް އެރޭގޮތަށް ހުރިއިރު، ބަދިގެ އާއި ކާގޭގެ އިތުރުން، ފޮތްކިޔުމަށް ޚާއްސަ ބައިވެސް ހުރީ އެންމެ ތިރީބައިގައެވެ. ޒެންހާގެ ދެލޯ ވިދައިގަތީ، ފޮތްތައް ހުރި ބަޔަށް ވަދެވުމުންނެވެ. އެތަނުގައި ފޮތްތައް އަތުރާފައިވާލެއް ތަރުތީބުކަމުންވެސް އޭނަ ހުރީ އަޖައިބުވާވަރު ވެފައެވެ. އެންމެ ފުރަތަމަވެސް އޭނަގެ ލޮލުގައި އަޅައިގަތީ ރާއްޖޭގެ މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ ޢާއިޝަތު ނަސީމް (އައިޝާގެ) ވާހަކަ ފޮތްތަކުގައެވެ. އެއިން ދެތިން ފޮތް ނަގައިގެން ހިނގައިގަތް ތަނައި، މާ ޚާއްސަގޮތަށް ހަދާފައިވާ ބިއްލޫރި ވަތްގަނޑެއްގެ ތެރޭގައި އިން ފޮތެއް އޭނަގެ ލޮލުގައި އަޅައިގަތެވެ.

"މިއީ އަހަރެންގެ ވާހަކައެވެ. ދިރިއުޅުމަށް ކުރަމުން އައި އުއްމީދު ފުނޑުފުނޑުވެ، މުޅި ދިރިއުޅުން ބަނަވިގޮތުގެ ވާހަކައެވެ. މިވާހަކަތައް ކިޔައިދޭކަށް އަހަންނަށް އެހާ ފަސޭހައެއް ނުވިއެވެ. އެހެނަސް، ހިތުގައި ފުނިޖެހިފައިވި ހައިޖާނުގަނޑު ތުނޑު ހިމަ މި ގަލަމުން، ބަޔާންކޮށްދީފައި އެވަނީ، ހިތަށް ލުއިކަމެއް ލިބޭތޯއެވެ. އެއްވެސް ސިއްރެއްނެތި، ހުޅުވައިލެވިފައިވި، މި ޙަޔާތުގެ ކަޅު ސަފުޙާތައް، ދުވަހެއްގައިވެސް، އިތުރު އިންސާނަކަށް ފެންނާކަށް ނޭދެމެވެ. ފޮތެއްގެ ސިފައިގައި ފެނުނަސް، މިއީ އަހަރެންގެ ހިތުގެ އެއްބައެވެ. މުޅި ދިރިއުޅުމެވެ."

އަތުގައި އޮތް ފޮތުގެ ބޭރުގަނޑުގައިވާ އެއްޗެއް ކިޔައި ނިންމައިލިއިރު، ޒެންހާގެ ޝައުޤުވެރިކަން އެ ފޮތް އަތުލައިފިއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުލައަށް ބަދަލު އައިސްފައި ވީނަމަވެސް، ފޮތް ފެންނަނީ އައު ކޮށެވެ. ޒެންހާ އެ ފޮތުގައިވާ ހިރަފުސްތައް ފޮޅާލިއެވެ. އެއަށްފަހު، ފޮތް ހިފައިގެން ގޮސް ވަނީ، ދެވަނަ ފަންގިފިލާއިން އޭނައަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ.

ޒެންހާ ފެންވަރާލައިގެން ނުކުތްތަނައި، ކޮންމެވެސް މީހަކު ވަރަށް ބާރަށް އޭނަގެ ނަމުން ގޮވާ އަޑު އިވުނެވެ. އަވަސްކޮށްލައިގެން ނުކުތްއިރު، މަތީބަޔަށް އެރެން ހުންނަ ސިޑި ކައިރީގައި ހުރީ އީމާއެވެ. އީމާ ހުރީ ދެއަތް އުނަގަނޑުގައި ވިއްދާލައިގެންނެވެ. ދެލޯ ހަނިކޮށްލައިގެން ހުރިގޮތުން، ވަރަށް ރުޅި އައިސްފައިކަން ޒެންހާއަށް އެނގުނެވެ.

އީމާއަކީ ޒެންހާގެ އެންމެ ގާތް އެކުވެރިޔާއެވެ. މާލޭގައި އެތައް ދުވަހަކު އުޅެފައި އީމާ އޭނާގެ އުފަން ރަށަށް ބަދަލުވީ ބޮޑު އޮޕަރޭޝަނަކަށް ފަހުގައެވެ.

"ފޯނު ކޮންތާކަށް ލައިގެންތަ ތިއުޅެނީ؟... ކިތައް ފަހަރު ގުޅައިފިންތޯ ބަލާބަލަ؟... " ޒެންހާ ފެނުމުން އީމާ ހަޅޭއްލަވައިގަތެވެ.

އީމާއަށް ބަލަހައްޓައިގެން ހުރި ޒެންހާ ދެލޯ ބޮޑުކޮށްލިއެވެ. އެގޮތަށް ހުއްޓުން އަރާފައި އޭނަ އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ބަނޑުގައި އަތް އަޅައިގެން ހޭން ފެށި ތަނެވެ. ހީހީފައި އޭނަ އެއްޗެކޭ ކިޔަމުން ދިޔައެވެ. އީމާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އެރިއެވެ. ދެން ފެނުނީ ގޮސް ޒެންހާގެ ކަންފަތުގައި ހިފައި މައްޗަށް ނެގި ތަނެވެ. ޒެންހާގެ ހުނުން ހުއްޓުނީ އެހިސާބުންނެވެ.

"ކާން ދާކަށްނުވޭ؟... " ޒެންހާގެ ކަންފަތުގައި ހިފައި އަނބުރައިލަމުން އީމާ ބުންޏެވެ.

"ނޫނޭ އަހަރެން މިހުރީ ބިރުން ހަލާކުވެފަ... މިހާރު ބަނޑުވެސް ފުރިއްޖެ..." ޒެންހާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.

"މީހެކޭ މީހެކޭ މަ ސަލާމަތްކުރޭ..." ޒެންހާ ހަޅޭއްލަވަން ފެށިއެވެ.

"އަޑުވެސް ގަދަ މީހެކޭ ހުވާ... ހޭން ފެށިޔަސް އެވަރު، ރޯން ފެށިޔަސް އެވަރު، ހަޅޭއްލަވަން ފެށިޔަސް އެވަރު... ނޫޅެން ދެން ދަނީ..." އީމާ ހުރީ މޫނަށް ވައްތަރެއް ޖައްސާލައިގެންނެވެ. އޭނަ ފަސްއެނބުރި ހިނގައިގަތް ވަގުތު، ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ.

އީމާ މަޑެއް ނުކުރިއެވެ. ޒެންހާ ޖެއްސުން ކުރަނީކަން އެނގުމުން އޭނަ ގޮސް ގެއިން ނުކުތީއެވެ. ބޭރުގައި އޭނަ މަޑުކުރީ ޒެންހާ އޭނަގެ ފަހަތުން އަންނާނެކަން އެނގޭތީއެވެ. އެތައް އިރަކު ހުރިއިރުވެސް ޒެންހާއެއް ނައެވެ. އީމާ ކަންބޮޑުވީ އެހިސާބުންނެވެ. އޭނަ ދުވެފައި އެތެރެއަށް ވަތްއިރު ސިޑި ކައިރިއަށް ވެއްޓިފައި އޮތް ޒެންހާ ފެނި، ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގޮސް ޒެންހާ ނަގައި އުނގުމައްޗަށް ލިއެވެ.

ރަށުގެ ސިއްޚީމަރުކަޒަށް ޒެންހާ ގެންދެވުނެވެ. ވެއްޓި ޖެހުނުގޮތަކުން ޒެންހާގެ އަނގައިންނާއި ނޭފަތުން ގިނަ އަދަދަކަށް ލޭ އައިސްފައިވާތީ، އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ އިންތިޒާމްތައް ހަމަޖެހުނެވެ. ރަށު ސިއްޙީމަރުކަޒުގެ ޑޮކްޓަރ މިޝަލް ވެސް ދަތުރުގައި ބައިވެރިވިއެވެ. މިޝަލް އަކީ މާލޭ މީހެކެވެ. ޒުވާންކަމާއި އެއްވަރަށް ފިރެހެންވަންތަ ހަށިގަނޑެއް ލިބިފައިވާތީ، ރަށުގެ އަންހެން ކުދިންގެ ހިތްތަކުގެ އެންމެ ކުރީގައި މިޝަލްގެ ނަން ވަނީ ފަވާލެވިފައެވެ. އެއިން ކޮންމެ ކުއްޖަކުމެ ތިބެނީ މަރުކަޒަން ދާންޖެހޭނެ އުޒުރެއް ނުފެނިގެންނެވެ. އޭގެ ތެރޭގައި ގިނައީ ތަނަކަށް ތަދެއް އެރިޔަސް، މަރުކަޒަށް ގޮސްގެން ފަރުވާ ހޯދާ ކުދިންނެވެ.

ދަތުރުމަތީގައި ހޭދަވީ ދިހަ ވަރަކަށް މިނެޓެވެ. އެ ވަގުތުތަކުގައި އީމާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޒެންހާ ހޭނާރާތީވެސް އޭނަ އިނީ ކަންބޮޑުވެފައެވެ. މިޝަލްގެ ނަން ހިތުގައި ފަވާލައިގެން އުޅޭ މީހުންގެ ލިސްޓްގައި އޭނަވެސް ހިމެނެއެވެ. އެކަމަކު އެދުވަހު އެއިން ކަމަކަށް އޭނައަށް ކުޑަކޮށްވެސް ސަމާލުކަމެއް ނުދެވުނެވެ. އެއަށްވުރެ ބޮޑަށް އޭނައަށް ޒެންހާ މުހިއްމުވިއެވެ.

މިޝަލްގެ ޚާޢްސަ ބެލުމުގެ ދަށުން ޒެންހާގެ ޓެސްޓްތަކެއް ހެއްދިއެވެ. ބައެއް ޓެސްޓްތަކުގެ ނަތީޖާ ލިބެން ދެދުވަސްވެސް ނެގިއެވެ. އެ މުއްދަތުގައި އޮފީހުން ޗުއްޓީއެއް ނަގައިގެން އީމާ މަޑުކުރީ ޒެންހާގެ ކައިރީގައެވެ. އެކުވެރިޔާއަށް ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުންނެވެ.

ހޮސްޕިޓަލުގައި ފަރުވާދޭން ފެށިތާ މާ ގިނައިރެއްނުވެ ޒެންހާ ހޭއެރިއެވެ. ޙާލު މަޑުމަޑުން ރަނގަޅުވަމުން އައިސް ތެދުވެ އުޅެވޭވަރު ވިއެވެ. އެކަމަކު ޒެންހާގެ ރިޕޯޓްތައް ބަލާފައި މިޝަލް ދިން ޚަބަރަކުން އީމާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ރޮއެރޮއެ އެ ދެލޯ ދުޅަވިއެވެ. އުމުރުން އެންމެ ތޭވީސް އަހަރުގައި ޒެންހާއަށް އެވަރުގެ ބޮޑުކަމެއް ދިމާވެދާނެއޭ ބުނާނީވެސް ކާކު ހެއްޔެވެ؟ ބަލާބެލުމަށް ޒެންހާ ފެންނަނީވެސް ސިއްހަތު ރަނގަޅުކޮށެވެ. ޒެންހާގެ ކުރިމައްޗަށް އަރާނެ ހިތްވަރު ނުލިބިފައި އީމާ އެތައް އިރަކު ހުއްޓެވެ. އެންމެފަހުން އޭނަ ދިޔައީ މިޝަލް އެތައް ވާހަކައެއް ދައްކައި ހިތްވަރު ދީގެންނެވެ. މިޝަލް ނެތްނަމަ އޭނަ ދުނިޔެއިން މޮޔަވީހެވެ. ޒެންހާއަށް ހުރިހާ ކަމެއް ސިއްރުކުރުމަށް އީމާ ނިންމީ އެ ހިތަށް ތަދުކުރަން ބޭނުން ނުވާތީއެވެ.

"އައްދޭ، މީހެއްގެ މޫނު ބަލާބަލަ... އަހަނ ބަލާބަލަ އެއޮއް ރޮވެނީ..." އީމާ ފެނުމުން ޒެންހާ ހޭން ފެށިއެވެ. އޭނަ އުޅުނީ އީމާ ހެއްވައިލާށެވެ. އެކަމަކު އީމާއަށް އިތުރަށް ރޮވުނީއެވެ. ދުވެފައި ގޮސް ޒެންހާގެ ގައިގައި ބައްދައިލިއެވެ. އެއާއިއެކު އޭނައަށް ގިސްލެވެން ފެށިއެވެ.

"އަހަރެން ރަނގަޅޭ... ބަލާބަލަ މިހިރީނު..." ދެއަތް މުށްކަވައިލުމަށްފަހު، ކޮނޑުގައި ޖަހައިލަމުން ޒެންހާ ބުންޏެވެ. އެއަށްފަހު އީމާ ދުރުކޮށްލާފައި އެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ. އީމާ މާ ހާސްވެފައި ހުރުމުން ޒެންހާ އިނީ ކަންބޮޑުވެފައެވެ.

"އީމާ ހީކުރީ އަހަރެން މަރުވީ ކަމަށްތަ؟... އިންޝާﷲ އަދި ލައްކަ ދުވަހު ޖެއްސުން ކުރަން ހުރެވޭނެކަމަށް މި ބަލަނީ..." ޒެންހާ ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

ޒެންހާއަށް ނޭނގުނުކަމީ އެއިން ކޮންމެ ލަފުޒަކުން އީމާގެ ހިތަށް ފުން ޒަޙަމުތަކެއް ލިބެމުން ދިޔަކަމެވެ. އަޑުން އަޑުނަގައި ނުރުއި ނަމަވެސް އެ ހިތް ބާރަށް ރޮމުން ދިޔައެވެ. އަމިއްލަ ފުރާނައަށް ނުރައްކާވެފައިވާވަރު ޒެންހާއަށް އެނގިއްޖެނަމަ، ކަންތައްވާނެ ގޮތެއް ނޭނގޭތީ އީމާގެ ހިތުގައިވަނީ ދިލަ ރިހުމެއް އުފެދިފައެވެ.

"ހޫން... އަހަންނަށް އެނގެއޭ ކީއްވެކަން؟... ހަމަ ޑޮކްޓަރ މިޝަލް ކައިރިއަށް އަންނަހިތުން ދޯ... ފޭކް މީހާ..." ކަށިން ހިތްވަރު ނެރެގެން އީމާ ހޭން ފެށިއެވެ. އާދައިގެ މަތީން އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒެންހާ އާއި ދިމާކުރެވޭތޯ ބެލިއެވެ.

"ޑޮކްޓަރ މިޝަލް އޭ..." ޒެންހާގެ ދެލޯ ވިދައިގަތެވެ.

އެތައް ދުވަހަކަށްފަހު، ހިތްއެދޭ ސޫރައެއް ޒެންހާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ނަޒަރުންވެސް މިޝަލް އޭނައަށް ވަރަށް ކަމުދިޔައެވެ. ހިނިތުންވެލާގޮތާއި، އެ ނަޒަރުގައި އެހުންނަ ޖާދޫގައި އޭނަ ރަގަޅަށްވެސް ޖެހި ހައްޔަރުވިއެވެ. ވަކީން ބޮޑަށް އެ އޯގާތެރިކަމުގެ ސަބަބުން އޭނަގެ ހިތް މިޝަލްއަށް ދީލާލައިފައި ވިއެވެ.

ރަށަށް އައުމުގެ ކުރިން މިޝަލްގެ އެތައް ކަމެއް އީމާގެ ކައިރިން ޒެންހާ އޮޅުންފިލުވިއެވެ. އީމާއަށް އެނގޭ މިންވަރުން މަޢުލޫމާތު ދިނެވެ. ހިތް ތޮރުފަމުން ދިޔަ ނަމަވެސް، އެކުވެރިޔާއަށްޓަކައި އެ ހިތުގައި މިޝަލްއަށް ޚާޢްސަ ޤަދަރެއް ދެވިފައިވާކަން ސިއްރުކުރިއެވެ.

ޒެންހާ ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު، ބަލައިގެން އުޅުމަށް އެދިފައި އީމާ ފުރައިގެން ދިޔައީ އޭނަ ވަޒީފާއަދާކުރާ ރިސޯޓަށެވެ. އެކަނިވާ ކޮންމެ ވަގުތަކު ޒެންހާގެ ހަނދާނަށް އަންނަނީ މިޝަލްގެ ސޫރައެވެ. އަނެއްކޮޅުން މިޝަލް ތޯއެވެ. އެ ހިތުން އީމާއަށް ޚާއްސަ ޖާގައެއް ހުސްކުރެވިފައި ވިއެވެ. އެކަމަށްޓަކައި އޭނަ ޒެންހާ އާއިވެސް ގާތް ގުޅުމެއް އުފެއްދިއެވެ. ފޯނު ނަންބަރު ހޯދައިގެން ހާލުބަލައި ހަދައެވެ. އެއްފަހަރުން ހުރިހާ ކަމެއް ކުރަން ބޭނުން ނުވާތީ މިޝަލް ހުރިހާ ކަމެއްވެސް ކުރީ ވަރަށް ކެތްތެރިކަމާއިއެކު މަޑުމަޑުންނެވެ. ދޭތެރެއަކުން ޒެންހާ އުޅޭ ގެއަށްވެސް އޭނަ ދާން ފެށިއެވެ. އެކަމާއި ޒެންހާ ހުންނަނީ އުފަލުން މޮޔަވާވަރު ވެފައެވެ. ހިތުގެ ހުރިހާ އިޚްސާސްތަކެއް ޢޭނަ ބަންޑުން ކުރަމުން ދިޔައީ އީމާގެ ކައިރީގައެވެ. ހިތް ފުނޑުފުނޑުވި ނަމަވެސް، އެކުވެރިޔާއަށްޓަކައި އީމާ ހުރީ އުފަލުންނެވެ.

އާދައިގެ މަތީން ހެނދުނު ހޭލިގޮތަށް ޒެންހާ އުޅުނީ ބޯ އަނބުރާތީއެވެ. ކަންނެތްވެފައި އެނދުގައި އޮއްވައި އެ ލޮލުގައި އަޅައިގަތީ ކުރީ ދުވަހަކު އޭނަ ގެނައި ފޮތެވެ. އެދުވަހު އޭނަ އެ ގެންގޮސް މޭޒުމަތީގައި ބޭއްވިގޮތަށް އޭގެ މަތީން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ޒެންހާ އެ ފޮތް ނެގިއެވެ. ފޮތް ހުޅުވައިލާފައި ކިޔަން ފެށިއެވެ.

********

ޞަފަރުމަހުގެ ސާދަ ވިލޭރެއެވެ. 1972 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހެވެ. ހަނދުވަރުގެ ރިހި އަލި އެޅިފައިވާ ދޮންވެލި ތުނޑީގައި އަހަރެން މި އިނީ އެކަނިމާ އެކަންޏެވެ. ދިރިއުޅުމަށް ވެރިވެފައިމިވާ ހުސްކަމާއި ފަޅުކަން އަހަރެންގެ ޙަޔާތުގައި ރަސްކަން ކުރަމުންދާ ފަދައެވެ. މާދަމާ އަކީ އަހަރެންގެ މުޅި ދިރިއުޅުން ޒަޚަރަށް ވެގެންދާނޭ ދުވަހެކެވެ. އުމުރުން ސޯޅަ އަހަރުގައި އަހަރެންގެ އަލަތު ކައިވެނި ކުރެވެނީއެވެ. މީހުން ބުނެއެވެ. ޙަޔާތުގައި އަންނާނޭ އެންމެ ޙާޢްސަ އަދި އެންމެ އުފާވެރި ދުވަހަކީވެސް، އަލަތު ކައިވެނީގެ ދުވަހެވެ. އެކަމަކު އަހަންނަށް މި ކައިވެނި ވެފައި މިވަނީ ހިތި ޒަޚަރަށްވުރެވެސް ނުބައި އެއްޗަކަށެވެ.

އަހަރެން ބިރުން އުޅުނު ހުރިހާ ކަމެއް ވެ ނިމުނީއެވެ. ފިލަން ދުވެދުވެ އޮއްވައި، ފަސްބައިގައި އެ ޖެހުނީ ވަރުގަދަ ލައްގަނޑެކެވެ. އެ ލައްގަނޑު ދުވަހަކުވެސް ނުފިލާނޭކަން ޤައިމެވެ. އަހަރެންގެ ކައިވެނި ކުރެވިއްޖެއެވެ. ފިރިމީހާގެ އަޅަކަށް އަހަރެން ވެ، އެ ވަކި ތަކުގެ ޝިކާރައަކަށް ވީއެވެ.

ކޮންމެ އިންސާނަކުވެސް ރީތިކަމަށް ލޯބިކުރެއެވެ. އަހަރެންގެ ބަލިފަޔަކަށް މިވީ އެ ރީތިކަމެވެ. ރަށު މީހުން އަހަންނަށް ގޮވާއުޅެނީ ފަތްމިނީގެ ނަމުންނެވެ. އެކަމަށް އަހަރެން ފަޚުރުވެރިވި ދުވަސްކޮޅެއް ދިޔައެވެ. އެކަމަކު، އެ ހުރިހާ ކަމެއް ބަދަލުވާން ނެގީ ކުޑަ ދުވަސްކޮޅެކެވެ.

ކޮންމެ ދުވަހެއްގެ އިރު އަރައި އޮއްސެއެވެ. ރޭދުވާ ތަކުރާރުވާ ވަރަކަށް ދިރިއުޅުންމަތީން ވާ ފޫހި މިދަނީ އިތުރުވަމުންނެވެ. މިއަދަކީ އަނެއްކާވެސް ބިރުވެރިކަމުން ފުރިގެންވީ ދުވަހެކެވެ. އަލަތު ދަރިފުޅަށް އަހަރެން ބަލިވެ އިންކަން އެނގުމުން ހުރިހާ އުއްމީދެއް ފުނޑުފުނޑުވި ކަހަލައެވެ. ފިރިމީހާދެކެ ވަކީން ފޫހިވެއްޖެއެވެ. އެ އަނިޔާތަކުގެ ނިޝާން އަހަރެންގެ ބަނޑުން އުފަންކުރާނޭ ހިތްވަރު ގައިގައި ހުރެދާނެ ހެއްޔެވެ؟ އެތައް އަނިޔާއެއް ކޮށްފައިވެސް، އަހަރެންގެ ލޯބި ހޯދަން އޭނަ އެތައް ކަމެއް ކުރެއެވެ. އަނިޔާ ކުރަނީ ލޯބިވާތީ ކަމަށް ބުނެއެވެ. އަހަރެން ބަނޑުބޮޑުވިކަން އެނގުމުން އެ އަނިޔާތައް ހުއްޓުނެވެ. ލޯބިން އުނގު ފުރާލަދިނެވެ. އެކަމަކު، އަހަރެންގެ ހިތަކުން އެ އަނިޔާވެރިޔާއަކަށް އެއްވެސް ޖާގައެއް ނުދެވުނެވެ.

އަހަރެންގެ ހިތް މާ ކުރިންވެސް ދެވިފައިވަނީ އެހެން ފަރާތަކަށެވެ. އެ ލޯބި ނޫން އިތުރު ލޯތްބެއް އަހަރެންގެ ލޭގައި ފަވައިލާކަށްވެސް ބޭނުމެއް ނޫނެވެ. އާއެކެވެ. މިއަދު މި ހާމަކުރެވުނީ އަދި އަހަރެން އެއްވެސް މީހެއްގެ ކައިރީގައި ނުބުނާ ވާހަކައެކެވެ. މީގެ އަހަރުތަކެއް ކުރިން އަހަރެންގެ ހިތް ވަނީ އެހެން މީހަކު ފަތަހަކޮށްފައެވެ. ހުދު އެމީހަކަށްވެސް އަހަރެންގެ ހިތުގައިވާ އެއްޗެއް ހާމައެއް ނުކުރަމެވެ.

މިއަދަކީ 2000 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ 01 ވަނަ ދުވަހެވެ. އަހަރެންގެ ދަރިފުޅަށް އެއް އަހަރު ފުރުނު ދުވަހެވެ. އަހަރެން ކަހަލަ ރީތިކަމެއް ލިބިފައިވާ އަންހެން ދަރިއެކެވެ. ދަރިފުޅު ލިބުމާއިއެކު، އަހަރެންގެ އިޚްސާސްތައް އެ ދަރިފުޅާއިމެދު ތަފާތު ވެއްޖެއެވެ. ހިތުގެ އެންމެ ފުނުން އެ ދަރިފުޅަށް ވަނީ ޖާގައެއް ހުސްކުރެވިފައެވެ. އެހެން ނަމަވެސް ފިރިމީހާއަށް ނަފުރަތު ކުރަމެވެ. އަހަރެންގެ ޚިދުމަތުގައި އަބަދު ކައިރީގައި ހުއްޓަސް ވަނީ ފާޑެއްގެ ފޫއްސެކެވެ. ހިތަށް އަރަނީ އެ މުސީބާތުން ސަލާމަތްވާނީ ކޮން ދުވަހަކުން ބާއެވެ.

އަހަރެންގެ ލޯ ކުރިމަތީގައި ދަރިފުޅު ބޮޑުވަމުން ދަނީއެވެ. ފިރިމީހާ އާއި އެ ދަރިފުޅު ދުރުކުރުމަށް އަހަރެން ކުރަމުން އައި މަސައްކަތް ވީ ނާކާމިޔާބެވެ. ބޮޑުވަމުން އައި ވަރަކަށް ދަރިފުޅު ގާތްވަމުން އައީ އޭނަގެ ބައްޕަ އާއިއެވެ. އަހަންނަށްވުރެ ބޮޑަށް ބައްޕަދެކެ ލޯބިވާ ކަހަލައެވެ. އެ މަންޒަރު ބަލަން ހުންނާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

މިއަދަކީ އަނެއްކާވެސް ހަޔާތުގައި ނުފިލާނޭ ލައްގަނޑެއް ލައްވައިލި ދުވަހެކެވެ. ފިރިމީހާގެ ކައިރިން ވަރިވުމުގައި އަހަރެން ކާމިޔާބު ހޯދީމެވެ. އެހެނަސް އަހަރެންގެ ދެލޮލުގެ ފިނިކަން ގެއްލުވައިލާފައެވެ. ދަރިފުޅު އަހަރެން ދޫކޮށް ބައްޕަ އާއިއެކު ދިޔައީއެވެ. އެ ދަރިފުޅުގެ ނަފުރަތު އަމާޒުވީ އަހަންނަށެވެ. އޭނަގެ ނަޒަރުގައި ކުށްވެރިވީ އަހަންނެވެ. ރޮއެރޮއެ ދެލޯ މިވަނީ ދުޅަވެފައެވެ. އެއާއި އެއްވަރަށް ހިތުގައި އަނދަމުންދިޔަ ނަފުރަތުގެ އަލިފާންގަނޑަށް ދަރުވެސް އެޅެމުން ދިޔައެވެ.

މިއަދަކީ އަހަންނަށް ދަރިފުޅު ގެއްލުނުތާ ދެ އަހަރުވީ ދުވަހެވެ. އެނގޭ ހެއްޔެވެ؟ އަހަރެން މިއައީ ވަރަށް ބޮޑު ކުށެއް ކޮށްފައެވެ. ދުވަހަކު މަޢާފު ލިބުމެއް ނެތެވެ. ނަފުރަތުގެ އަލިފާނުގެ ހުޅުގަނޑު ފަޅައިގެން ދިޔުމުން އަހަންނަށް ހެވާއި ނުބައި އޮޅުނީއެވެ. މިއަދު މިވަނީ މުޅި ދުނިޔޭގެ ލަދާއި ކުރިމަތިލާން ޖެހިފައެވެ. މިއީ އަހަރެންގެ ހަޤީގީ ކުލައެއް ނޫނެވެ. އެކަމަކު މިއަދު މި ހަޤީގަތް ޤަބޫލުކުރުމަށް އަހަންނަށް މަޖުބޫރު ކުރުވައިފިއެވެ. އަހަންނަކީ ގާތިލެކެވެ. ދެއަތުގައި މިވާ ލެޔަކީ އަހަރެން ކުރި ނުބައި ފާފައިގެ ހެއްކެވެ.

********

ބިރުވެރި އެއްޗެއް ފޮޅައިލާހެން ޒެންހާ އެ ފޮތް ދުރަށް ހޫރައިލިއެވެ. އޭރު އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. ހިތުގެ ތެޅުން އަވަސްވެފައިވާވަރުން ބޭރަށް ފުންމައިލަފާނެހެން އޭނައަށް ހީވަނީއެވެ. ފޮތުގައި ހިކިފައި އެވަނީ އިންސާނެއްގެ ލެޔެވެ. އެ ލޭ ވަނީ ގިނަ ދުވަސްވުމުގެ ސަބަބުން ހިކިވެ، ކަޅުވެފައެވެ. ފަކުރުން ޒެންހާއަށް އޯކާ ދެމެން ފެށުނެވެ. އޭގެ އިތުރަށް ލިޔެފައިވާ އެއްވެސް އެއްޗެއް ކިޔާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ޖެހި ބުދެއްހެން ވެއްޓިފައި އޮތް ފޮތާއި ދިމާއަށް ބަލަހައްޓައިގެން ޒެންހާ އެތައް އިރަކު އިނެވެ.

މިޝަލް އައީ ޒެންހާ އެހެން އިންދައެވެ.

(ނުނިމޭ...)

ކޮމެންޓް 0