"ސިއްރު އަންބަކާ ދަރިން.. އެނޫން ކޮންގޮތަކަށް ވިސްނާނީ..................ހެހެ.." ސެފްރަން އެތަނުން ދާން ހިނގައިގަތީ އަޒްކީލްއަށް ފެނި އޭނަ ޖާސޫސްކުރަނީކަމުގައި ހީކޮށްފާނެތީއެވެ.

ގަނޑުވަރަށް އެރެން އޮންނަ ހިލަތަކުން ފުރިފައިވާ މަގަކާއި ދިމާލަށް ހިނގައިގެންފާ ފެނުނު މަންޒަރަކުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

އެ މަންޒަރު ކިތަންމެ ދުރުން ފެނުނަސް އެއީ ރަށުތެރެއަށް އަރައިގެން އަންނަ މާރިދުންގެ ގާފިލާއެއްކަން ދެނެގަނެވުނެވެ. އެހާ އަވަހަށް އެޖިންނީން މިރަށަށް ވެރިވެގަތުމުގެ މަސައްކަތް ފެށީއެވެ. އޭނަފަދަ އެކަނިވެރިކަމާއި މިނިވަންކަމަށް ލޯބިކުރަމުން އައި މީހަކަށް މިއީ ގޮންޖެހުމެކެވެ. ސެފްރަން ވިސްނާލާފައި އަވަސްވެގަތީ ގަނޑުވަރާއި ހަމަޔަށް ދިޔުމަށެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލިއިރުވެސް ރުޅީގެ އަސަރުތަކުން މޫނަށް ރަތްކަމެއް ވެރިވެފައި ހުއްޓެވެ.

އަލިފާނަށް އަޅުކަން ކުރާ މާރިދުން ބިމުގައި ގިނަވާކަށް ސެފްރަން ނޭދެއެވެ. ރަސްގެފާނު އެ ޝަރުތު ކުރަން ޖެހުނީ އޭނަގެ ސަލާމަތަށްކަމަށް ވުމުން ކުށްވެރިކަމުގެ އިހުސާސްތަކުން ސިކުނޑި ފުރުނެވެ.

އެ ޚިޔާލުތަކަށް ޣަރަގުވެ ކާހިތްވެސް ނުވެ ހުއްޓާ އަޒްކީލް އައެވެ. އޭނަވެސް ދެއްކީ މާރިދުންގެ ގަބީލާއެއް ޑޮމިނާރިއާއިން އެރަށުގައި ވަޒަންވެރިވާން އައި ވާހަކައެވެ.

"އަހަރެން ހުރީ ސެފްއަށްވެސް މިކަން ސިއްރުކޮށްލައިގެން. އަހަރެން ވަނީ ޖިންނި އެހެން ގަބީލާއެއްގެ އަންހެންކުއްޖަކާއި ގުޅި ކައިވެނިކޮށްފައި. މަންމަމެންނަށް އެނގޭ އެކަމަކު އާއިލާގެ އެހެން މީހުންނަށް އެކަން އެނގެން މަންމަމެން ބޭނުމެއްނުވި. ދެން ނާހާތި. ސަބަބު އެނގޭނީ މަންމަމެންނަށް......." އަޒްކީލްއަށް ސަބަބު އެނގެއެވެ. ނަމަވެސް ސެފްރަން ގާތު ބުނެވޭކަށް ނެތެވެ.

"މިހާ ދުވަހު ކޮންތާކު ގެންގުޅުނީ؟ އަހަންނަށް ޝައްކެއްވިއޭ...." ސެފްރަން ހީލިއެވެ.

"ކުރިން މިތާ ކައިރީ އޮތް އެހެން ޝަހަރެއްގައި އަންހެނުން ގެންގުޅުނީ. އެކަމަކު ފަހުން މިތަނަށް ދިރިއުޅުން ބަދަލުކުރީ އެރަށުގައިވެސް މާރިދުންގެ އުދަގޫތައް ބޮޑުވާންހެދީމަ. ސެފް. އަހަންނަށް ކަމެއްކޮށްދީ.........................." އަޒްކީލް ސެފްރަންގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ސެފް ކަނޑު އައްސޭރިފަށުގައި އެހެރަ ގަނޑުވަރަށް ބަދަލުވެ އަހަންނަށް މިތަން ދީ. މިތާ މާރިދުން ވަޒަންވެރިވާން ހެދީމަ ދަރިންނަށްވެސް މިނިވަންކަމެއް ދެން ނޯންނާނެ. ފަރުބަދަމަތިވީމަ މިތަން ފަސޭހައިން ބެލެހެއްޓޭނެ. މިތަނަށް މާރިދުން އެރުން މަނާވެސް ކުރެވިދާނެ. ކުދިން ކުޅެން ބޮޑު ބިންވެސް މިތާ މިއޮތީ............." އަޒްކީލް އިތުރަށް ބުނެދިނެވެ.

ސެފްރަން ދެކޮޅު ހަދަން އަނގަ ހުޅުވާފައިވެސް މައިތިރިވީ އަޒްކީލްގެ ގާތްކަމާއި އޮތް އެކުވެރިކަމަށްޓަކައެވެ. އެހެންނޫނަސް މިއީ އަމިއްލަ ތަނެއްނޫންކަން އިހުސާސްކުރެވިފައެވެ. އެންޖެލާގެ ގަނޑުވަރެއްގައި ހުރުމުގެ ހައްގެއް އޭނަގެ ނެތެވެ.

"އެންމެ ރަގަޅު..........." ސެފްރަން ވަގުތުން އެއްބަސްވިއެވެ.

ބައެއްފަހަރު ނޭގިނަމަވެސް އެގޮތަށް އަންނަ ބަދަލުތައް އެމީހާއަށް އެންމެ ރަގަޅުގޮތްކަމުގައި ވެދާނެއެވެ. އުޑުގައި ހިނގާ ވިލާތަކާއި އެއްހަމަޔަކަށް އުސްކޮށް ހުރި ފަރުބަދައެއްގެ މަތީގައި ހުންނަ ގެއެއްގައި އުޅުމުން ފިނިވާވަރު ކަނޑުގެ އައްސޭރިފަށުގައި ހުރި ގެއަށްވުރެ އެތައް ގުނަ އިތުރެވެ.

***

އާރްޔާ އޮތީ ބިރުގެންފައެވެ. އެނދުން ތެދުވާހިތް ނުވެފައެވެ. އެތަނަށް ވަން މީހެއްގެ ބިޔަކަން ފެނި ވަކިން ބޮޑަށް ހިތްތެޅިލިއެވެ. އޭނަގެ މޫނުމަތީގައި ހުރި އެންދެރިކުލައާއި އޮރެންޖް ދެލޯ އަދި ލާފައި ހުރި ކަޅު ލިބާހުން އެއީ އިންސާނެއް ނޫންކަން އެނގުނެވެ. ބިރުވެރި ފާޑެއް މޫނުގައި ހުއްޓެވެ. އެ މާރިދުގެ ފައި ބިންމައްޗަކު ނުޖެހެއެވެ.

"އަވަހަށް ތެދުވެ ތައްޔާރުވޭ. އެހެން ގަނޑުވަރަކަށް ކަލޭމެން ބަދަލުކުރަނީ................................." ދެމީހުން އެއް ފަހަރާ ވާހަކަދައްކާ ފަދަ ގޮތަކަށް އަޑު އައެވެ. އޭނަ ވާހަކަދެއްކީ ބެންތިކް ބަހުންނެވެ.

އާރްޔާގެ މޭގައިވާ ހިތް ބިރުންގޮސް ރޫރޫއެޅިއެވެ.

"ކިހިނެއް ސަލާމަތްވާނީ. ﷲ ނޫނީ އެހީތެރިވާނެ ފަރާތެއް ނުވާނެކަން ޔަގީން. މަދަދުވާނެ ފަރާތެއް ފޮނުއްވާނެނަމަ....."

އާރްޔާ ވިސްނާލާފައި ނިންމީ އިހަށް މި މަޚުލޫގު ބުނާގޮތް ހަދާށެވެ.

***


ފިނިކަމުން ގަނޑުވެފައިވާ އާކްޓިކްގެ އެ ހިމޭން ރަށުތެރެއިން ހިނގާލާފައި ދިޔައިރު ކޮންމެވެސް ވަރަކަށް ޖަނަވާރުތަކާއި ދޫނިތަކުގެ އަޑު އިވުމުން އާރްޔާ ހައިރާންވިއެވެ. ދުވާލު މިގަޑީގައި ތަރިތައް ފިޔަޖަހާއިރު ރަށުތެރެއަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. ފަޅުވެފައިވާ އިމާރާތްތަކުގައި ދިރިއުޅެނީވެސް ޖިންނިން ބާވައެވެ. އާރްޔާގެ ގައިން ހީބިހިނެގިއެވެ.

"ކޯންޗެއް ތި ވިސްނަނީ؟ " ސޯރާއެހިއެވެ.

"އޭނަ ވަރަށް ނުލަފާތަ؟ " އާރްޔާ ވައިއަޑަކުން އެހިއެވެ.

އެތައް ފޫޓުދުރުގައި ހުރި މާރިދު ކުއްލިއަކަށް އެނބުރުނުގޮތަށް ދެވަނަ ސިކުންތުކޮޅު ހުރީ އާރްޔާ ކުރިމަތީގައި ބިރުވެރިގޮތަކަށް ދެލޯ އަޅާލައިގެންނެވެ. ދެލޮލުން އަލިފާން ކަނިބުރައެވެ.

"ރާނީ ގަންދީޝާ ވިދާޅުވީ ކަލޭ މައިތިރިކޮށްފައި ބަހައްޓަން އިނގޭ. ކަލެއަށް އަދަބުދޭން މަށާއި ހަވާލުކުރީ......" އެމާރިދު ބާރު އަޑުން އެންގިއެވެ.

"ކަލޭ ތީމުސްލިމެއްތަ؟ މުސްލިމުން ވިއްޔާ ﷲއަށް ބިރުވެތިވާނެ. ތިކަހަލަ ބޮޑު ފާފައަކަށް އަރައިނުގަންނާނެ. އިންސާނުންނެކޭ އެއްފަދައިން ޖިންނީންނަށްވެސް ﷲއަށް އަޅުކަން ކުރަން އަންގަވާފައިވޭ. ވީމާ ކަލޭ މުސްލިމެއް ވެއްޖެއްޔާ ކުށެއްނެތް އެހެން މުސްލިމަކަށް އަދަބެއްނުދޭނެ. ކާފަރު ޝައިތާނެއްވިއްޔާ އިސްލާމްވޭ........." އާރްޔާ ބިރުގަތްކަމަކު އެ ޖިންނިއާއި ވާހަކަދައްކާނެ ހިތްވަރު ލިބުނެވެ.

"ހަހަ......" އެ މާރިދު ހީގަތުމުން ރީދޫކުލައިގެ ދަތްތައް ފައުޅުވިއެވެ.

"ޝަހުރޫޝް.......ކަލެއަކަށް ރާނީ ތިކަހަލަ އެންގެވުމެއް އެންގިހެނެއް ހިޔެއްނުވޭ. ސެފްރަންގެ ގަނޑުވަރުގެ ޚާދިމާއަކަށް އަހަންނާއިއެކު ބަހައްޓަން އެންގެވީ. މިކުއްޖާއާއި ނުބެހޭތި މިއީ އަހަރެންގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް.................." ސޯރާ އަރްޔާގެ ދިފާައުގައި ވާހަކަދެއްކިއެވެ.

"އެނގިދާނެތާ...."މާރިދު އިރުއިރުކޮޅާ އެނބުރި ސޯރާއަށް ނަޒަރު ހުއްޓާލަނީ ތަފާތުގޮތަކަށެވެ. އެބެލުމުގެ މާނައެއް އާރްޔާގެ ޅަ ސިކުނޑިއަކަށް ނުވަނެވެ. ނަމަވެސް ސޯރާއަށް އެކަމާއި އުދަގޫވެ ނުރުހުންވުމުގެ ކުލަތައް މޫނުމަތިން ފެނުނެވެ. އޭނަ ސޯރާ އާއި އަޅައިގަނެގެން ފާޑުފާޑަށް އުދަގޫކުރެއެވެ. ލޫމާއަށްވެސް ސިއްރުން ގޯނާކުރާތަ ދުވަސްކޮޅެއް ވެއްޖެއެވެ.

***

މާރިދުންގެ ކުޅަދާނަކަމުން ނިކަން އަވަހަށް ސެފްރަންގެ ގަނޑުވަރުގައިވާ ސާމާނުތައް އައްސޭރިފަށުގައި ހުރި އަޒްކީލްގެ ގަނޑުވަރަށް އުފުލާލައިފިއެވެ. ލަވައާއި އަންބާކިޔާއަޑު ރަށުތެރޭގައި ގުގުމާފައި ހުރީ ބިރުވެރިގޮތަކަށެވެ. އާރްޔާއާއި ސޯރާ އެ ގަނޑުވަރުގެ އެންމެ އެތެރޭގައި ހުރި ކޮޓަރިއެއްގައި ތިއްބާ ދެން ތިބި ދެ ޖާރިޔާއިންވެސް އައިސް އެކުދިންނާއި ބައިވެރިވިއެވެ. ސެފްރަންގެ ޚިދުމަތުގައި ދެން އުޅެނީ ފިރިހެން ބެންތިކް ޖިންނިންނެވެ. އިންސާނީ ސިފަތައް ލިބިފައިވިޔަސް އިސްކޮޅުން ދިގުކަމާއި ބިޔަކަން އަދި ފެނިގެއްލި އުޅޭގޮތުން އާރްޔާ ކުރީކޮޅު ބިރުގަތެވެ. ބައެއްފަހަރު ކުރިމަތިން ހުރަސްކުރާލެއް އަވަސްކަމުން ހިޔަނިތައް ފަދައެވެ. އެޖިންނިން އުޅޭގޮތް ކިޑިކީއަކުން ސިއްރުން ބަލަން ހުރެފައި އާރްޔާ ފުން ނޭވައެއް ލިއެވެ.

"ސެފްރަންގެ ޚާދިމުންނަކީ އަރްޔާފަދަ މުސްލިމުން. އެކަމަކު އަހަންނާއި ޝަހުރޫޝް އަދި ލޫމާއަކީ އެހެން ދީނެއްގެ ބަޔެއް...................." ސޯރާ އާރްޔާގެ ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

"މިކުދިންނޯ.." އާރްޔާ އަނެއް ދެ ޖިންނިންނަށް އިޝާރާތްކޮށްލިއެވެ.

"ބެންތިކް ޖިންނި ކުދިން.." ސޯރާ ބުނެދިނެވެ." އަހަންނަށް ހީވަނީ ރާނީ ގަންދީޝާ އަރްޔާގެ ފާރަވެރިންގެ ގޮތުގައި ޝަހުރޫޝްމެން ބައިތިއްބާފައިވާހެން. އެމީހުން ދެކެ ސެފްރަން އެހާ ހިތްހަމައެއް ނުޖެހޭ. ފަރިނީޗަރުތައް އުފުލަން އައި މާރިދުންވެސް ކަނޑުން އެ އައީ އަޒްކީލް ފޮނުވައިގެން ކަމަށްވާނީ. ސިއްރެއް ބުނެފާނަން. ސެފްރަން ލޯބިކުރަނީ މުސްލިމުންނަށް. އެ ނޫން ވިއްޔާ ނަފްރަތުކުރޭ................"

"އޯވް......"އާރްޔާއަށް ބުނެވުނެވެ.

***

ސެފްރަން އޭނަގެ އަހަށް އެރިއެވެ. ޖިންނި އަހަކަށްވުމުން ވައި ކަފާލާފައި އުދުހިފައި ދިޔައިރު އޭނަވެސް އުދުހިގެން ހިނގައިދާނެ ފަދައެވެ. ފަރުބަދައިގެ އެންމެ މަތިން ތިރިއަށް އަހުގައި ދަތުރުކުރަން ސެފްރަން ލޯބިކުރެއެވެ. ބައެއްފަހަރު އަޒްކީލްއާއި އޭނަގެ އެހެން ކޮއްކޮމެނާއެކު މިތާ ރޭސްޖަހައިގެންވެސް މިޔޫކީ ކުރި އަތުލައެވެ.

"މިޔޫކީ މަކަރުހަދާތީ އަހަންނަށް މާ ފަސޭހަ ހިނގާފައި އުޅުނީމަ. ނޫނީ ގޮސް ކަނޑަށް ވިއްޔަ އެރޭނީ..........." ސެފްރަން ފަރުބަދައިގެ އެންމެ ތިރިއާއި ހަމަޔަށް ކަޑައްތުކުރުމާއެކު އަހުން ފައިބާފައި އިންތިޒާރުކުރީ އޭނަގެ "ބޫ"އަށެވެ. ބޫ ފަރުބަދަމަތިން ސްކީކޮށްފައި ކަހަލަގޮތަކަށް ތިރިއަށް އައިގޮތަށް ސެފްރަންގެ ފައިގަ އޮޅުލިއެވެ.

މިޔޫކީގެ ލަގަނުގައި ހިފައިގެން ކުރިއަށް ދަނިކޮށް މިރިއަމް ފަހަތުން އައިސް އަރާ ހަމަކުރިއެވެ. ސެފްރަންގެ ކްރިމްސަން ދެލޮލުން ބަލައިލިގޮތުން މިރިއަމް ލަދުގަންނަގޮތްވިއެވެ. ކުރިން އެއޮތް ގުޅުން އެހެން ގޮތަކަށް ބަދަލުވާންފެށުމުން މިރިއަމްގެ ހިތަށް ބިރުވެރިކަން ވަދެފައިވެއެވެ. ސެފްރަން ފެނުމުން ކުރިން ނުވާހާ ގޮތްތައް ވެއެވެ.

"އާ ގަނޑުވަރެއް ލިބުނީ ދޯ. ދައުވަތު ނުދެނީސް ބަލައިލަން މިއައީ............."

"އަޒްކީލްގެ ސިއްރު ގަނޑުވަރު މަށަށް ލައްވައިލީ. ކަނޑުގެ އައްސޭރިފަށް ވީމަ ތަންކޮޅެއް ހޫނުވެސް ވާނެ....." ސެފްރަން ސްނޯމަތީ ބޫޓުގެ ނިޝާންތައް ދޫކުރަމުން ކުރިއަށް ދިޔައެވެ.

"މަންމަ ބުނި އިންސިކުއްޖާވެސް ސެފްރަންގެ ޚާދިމާއަކަށް ބެހެއްޓިވާހަކަ..އެކުއްޖާ ބަލައިލާހިތުން މިއައީ............" މިރިއަމް ބުނެލިއެވެ.

"އެއީ ކުޑަކުއްޖެއް......." ސެފްރަން ޖަވާބުދިނީ ފޫހިވެފައި ހުރެއެވެ. "މަންމަ އެ ގަނޑުވަރަށް ގެންދަންވީނު. މަގޭ ގާތު ބަހައްޓާތީ މަށަށް އުދަގޫވަނީ......"

"ޖިންނިންގެ ލައްކައިން އުޅޭ ތާކު އިންސި ކުއްޖެއް ބަހައްޓާކަށް ފަސޭހައެއް ނުވާނެ. އެވެސް ކަނޑު އަޑީގައި. އަޒްކީލްގެ ގާތު ބަހައްޓާދޭން އެދޭނަން......" މިރިއަމްގެ ހިތުގައި އިންސިކުއްޖާއާއިމެދު ކޮންވެސް ކަހަލަ އިހުސާސްތަކެއް އުފެދެންފެށިއެވެ. އެކުއްޖާ ކުޑަކުއްޖަކަށްވިޔަސް ސެފްރަންއާއެކު އުޅޭތަން ދެކޭކަށް ހިތް ހަމައެއް ނުޖެހުނެވެ. މަންމަ ބުނިގޮތުން އާރްޔާގެ ރީތިކަން ހޫރެއްފަދައެވެ. ބޮޑުވުމުން ހިތްތައް ކަތިލައިލާނެއެވެ.


ކިއްލާއެއްހެން ވަށާ އުސްކޮށް ފާރު ރާނަފައި ހުއްޓަސް މެދުގޯތީގައި ހުސްޖާގައޮތެވެ. ގަނޑުވަރުން އެތެރެއަށް ވަދެފައި ޚާދިމާއިންގެ ބަޔާއި ދިމާލަށް ހިނގައިގަތްތަނާ ސޯރާ ފެނި ގޮވައިލިއެވެ. އޭނައަށް ސަރުބަތު ދީފައި ޚިދުމަތްކުރަން އިންސިކުއްޖާ ފޮނުވަން ބުނެފައި އޭނަގޮސް ހޯލުގައި ބާލީސްޖަހާފައިވާ އަރާމު ދާނުގައި އިށީދެލިއެވެ. އިރުކޮޅެއް ނުވެ އިސްކޮޅޫން ދިގު ރީތި އަންހެންކުއްޖަކު ތަބައް ހިފައިގެން އަންތަން ފެނި މިރިއަމްގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.

"އާރްޔާތަ....."

"ލައްބަ...." އާރްޔާ ބޯ ޖަހައިލިއެވެ. ސޯރާ ބުނެފައިވާގޮތުން މިއީ ޖިންނި ރަސްދަރިކަނބަލެކެވެ. އޭނަ ބަލާލާފައިވާ އެނިމޭޓެޑް ފިލްމުތަކުގައި އުޅޭފަދަ ޝަޚުސިއްޔަތަކާއި މިފަދަގޮތަކަށް ބައްދަލުވެދާނެކަމަކަށް އާރްޔަ ހިޔެއްނުކުރެއެވެ. ޖިންނި ރަސްކަލެއްގެ ދަރިއަކު ފުރަތަމަ ފަހަރަށް ފެނުނީއެވެ. އާރްޔާއާއި މިރިއަމްގެ ނަޒަރު ބައްދަލުވިއެވެ. އަޅި ކުލައިގެ ލޮލާއި ފެހި ލޯ ގުޅުނެވެ. މިރިއަމް ލައިގެން ހުރީ ފެހިކުލަ ގަދަ ފަޔާއި ހަމަޔަށް އޮތް ހެދުމެކެވެ. ކަރުވާޅު ބޮޑުކޮށް ހުރުމުން މޭމަތިން ބަޔެއް ފެނެއެވެ. އިސްތަށިގަނޑުގައިވާ ތާޖުގައި ހުރި އެސްތައް ބަބުޅާވަރުން ލޮލަށް ނުކުޅަދާނައެވެ. ކިބުރުވެރިކަމާއި ބޮޑާކަން މޫނުމަތިން ފެނުނެވެ. ނޫނީ ޖިންނިކުދިންގެ ކަޅި ހުންނަ ގޮތަކީކަމަށް ވެދާނެއެވެ. ކަޅި އެޅިފައެވެ.

"މަށަކީ މިރިއަމް.........." މިރިއަމްގެ ލޯ އާރްޔާއަށް އަމާޒުވެފައިވިއެވެ. "ސެފްރަންގެ ވާން އުޅޭ އަނބިމީހާ.."

މިރިއަމް އެ ޖުމްލަ އިތުރުކޮށްލީ ސެފްރަންއައިމެދު މި ކުޑަ އިންސި ނުބައި ނަޒަރަކުން ދެކެފާނެތީއެވެ.

"މާތް ﷲ ރަހުމަތްލައްވާނެ..ވަރަށް ރީތި ޖޯޑެއް....." އާރްޔާ ބުނެލީ ހިނިތުންވެލާފައެވެ.

އާރްޔާގެ އެ ޖުމްލައިން މުސްލިމެއްކަން އެނގި ވަކިން ގަދަޔަށް މިރިއަމްގެ ހިތުގައި ރުޅިވެރިކަން އުތުރި އަރައިގަތެވެ. އެކުއްޖާގެ މޫނުމަތީ ޖަހަންވެސްހިތަށް އެރިއެވެ. ލޮލުގެ ކުލަ ވަކިން ގަދަވެ ދިއްލުނެވެ.

ސެފްރަން ދޮރު ހުޅުވަން ތަޅުގައި ހިފާލިކަން އެނގުމުން މިރިއަމް އާރްޔާއަށް އަމުރުކުރީ ވަގުތުން އެތެރެއަށް ވަނުމަށެވެ. އާރްޔާ ކޮރިޑޯއިން ހިނގައިގަންނަމުން ފޯނުނެގިއެވެ. ފުރަތަމަ ފަހަރަށް ޖިންނި ރަސްރަދިކަނބަލަކާއި ވާހަކަދެއްކުމުގެ ނަސީބު ލިބިއްޖެކަމަށާއި އަދިވެސް އެދެލޮލުގައިވި އަލިފާނުގެ ދިލައިން ހޫނުވަމުން ދާކަމަށް ބުނެފައި އާރްޔާ ހީލިއެވެ.

"މިރިއަމްވެސް އޭނަގެ މަންމަ ފަދައިން އަހަރެންދެކެ ރުޅި އެބައާދޭ. ސްކެއަރީ. މި ކަން ނިމޭނި ކިހިނެއްތަ؟ ސެފްރަން ސަލާމަތްކޮށްދޭނެނަމަ. އެޓްލީސްޓް އަހަންނަށް އެނގިއްޖެ ކައިރީގައިވާ ރަށްތަކުގައި އިންސާނުން އުޅޭކަން. ސެފްރަން ފަހަރެއްގައި އަހަރެން ފޮނުވާލަފާނެ.އޭނަގެ ބޮލަށްކަންނޭގޭ އެރެންވީ......"

***

އާރްޔާ އޮތީ ނުނިދިފައެވެ. އަލިފާން އަންދާތަނުގައި ދަރުނެތުމުން މި ފިނިރޭ ހޭދަކުރާނެ ގޮތެއް އާރްޔާއަކަށް ނުވިސްނުނެވެ. ކޮޓަރީގައި ހުރި ފާނޫޒުގެ ހުޅުކޮޅުން ލިބޭ ހޫނުކަމެއް ނެތެވެ. އާރްޔާއަށް ފިނިވާނެތީ ސޯރާ ނުކުތީ ދަރުކޮޅެއް ބަލައެވެ. ސޯރާގެ ޚަބަރެއްނުވެ މާ ލަސްވުމުން ކެހެރިހެދުންތަކާއި ރަޖާގެ ހިމާޔަތުގައި ކުރުގެޅިލައިގެން ނިދީގެ ފޮނިކަން ލިބޭތޯ މަސައްކަތްކުރަނިކޮށް ނިދުނުއިރެއްވެސް ނޭގެއެވެ. ހޭލެވުނީ މީހެއްގެ ރުއިމުގެ އަޑަށެވެ.

"ސޯރާ ކިހިނެއްވީ. މީހަކު އަނިޔާ ކުރީތަ" އާރްޔާ ސޯރާގެ ގާތަށް ގޮސް ބިންމަތީގައި ކުޑަކަކޫ ޖައްސާލައިގެން އިށީނެވެ.

ސޯރާގެ ރުއިން އިތުރުވިއެވެ.

އާރްޔާގެ ވާހަކަތަކުން އެހިތަށް ތަސައްލީއެއް ނުލިބުނެވެ. ނަމަވެސް އާރްޔާ ސޯރާއަށް ކެތްތެރިކަމާއި ބެހޭގޮތުން ގުރުއާނުގައި ހުރި އާޔަތްތައް ކިޔާދޭންފެށުމާއެކު ސޯރާގެ ކަރުނަތައް ހުއްޓި އެ އަޑުއެހީ ޝައުގާއެކުގައެވެ.

***

ދެވަނައަށް ވީ ރޭ އާރްޔާއަށް ހޭލެވުނީ ސޯރާ އޭނަގެ ގައިގާ ކޮށްޓާލުމުންނެވެ. އާރްޔާ އުދަގޫގޮތަކަށް ލޯ ހުޅުވާލާފައި ކަންނެތްގޮތަކަށް ވާހަކަދެއްކިއެވެ.

"ސޯރާ ނިދި ނާންނަ ރެއަކީތަ؟ "

"އަހަރެން މިއައީ އޭނަ މަރާލާފައި........" ސޯރާގެ ދެއްލޯ ދިއްލުނެވެ. އާރްޔާގެ ގައިން ހީިބިހިނެގިއެވެ. "އޭނަ"އަކީ ކާކުހެއްޔެވެ؟

(ނުނިމޭ...)

ކޮމެންޓް 0