އިރުކޮޅެއްނުވެ ޖާރިޔާއަކު ދޮލަގެއް ހިފައިގެން ގެނެސް ކުރިމަތީ ބެހެއްޓިއެވެ. ހޫނުކަމުން އާވިއަރައަރާހުރި ކޮފީއާއި ކުލަކުލައިގެ މަކަރުންއެވެ. އެތެރެއަށް ވަންނަމުން ދިޔަ ވިލާކޮޅުތައް ސެފްރަންއާއި އަޒްކީލްގެ ހަށިގަނޑުގާ ބީހިލުމުގެ ޝަރަފު ލިބިގަތެވެ.
"ސެފް. ތިއީ ހަމައެކަނި މަގޭ ޅިޔަނެއް ނޫން. އަހަރެންގެ ގާތް އެކުވެރިޔާ. މަ ބުނިކަމެއް ކޮށްފާނަންތަ؟ " އަޒްކީލް އެހިއެވެ.
"ފުރަތަމަ ފަހަރަށް ކަމަކު ތިއެދުނީ..އަމުރު ނުކޮށް............" ސެފްރަން އެއްލޯ ކުޑަކޮށްލަމުން އަޒްކީލަށް ނަޒަރު ހުއްޓައިލިއެވެ. އަޒްކީލްގެ މިޒާޖުގައި ހުންނަ އާދަޔާ ޚިލާފު ބޮޑާކަމަކުން އޭނަގެ ދަށަށް ތިބޭ މީހުންނަށް އަމުރުކުރުން ނޫންކަމެއް ނުދަނެއެވެ. އެހާވެސް އަޒްކީލް ހުރިހާ ގޮތަކުން މޮޅީއެވެ. ހެވިކަމާއި ހުނަރުތަކާއިއެކު ލިބިފައިވާ ރީތިކަމާއި ޝާހީކަމަކީ ބޮޑާވުމަށް ލިބިފައިވާ ސިފަތަކެކެވެ. އަޒްކީލް ހިނިގަނޑެއް ޖަހައިލިއެވެ.
"މިރިއަމްއާއި ކައިވެނި ކުރޭ....."
"ގަރުނުގެ ބޮޑު ޖޯކު އިނގޭ..." ސެފްރަން އަށް މަޖާވިއެވެ.
"މި ޖޯކަކަށް ވީ ގޮތެއް މަށަކަށް ނުފެނޭ............."އަޒްކީލް ހައިރާންވިކަމަށް ހެދުނެވެ.
"ކޮއްކޮއިންނާއި ކައިވެނިކުރީމަ ޖޯކަކަށް ނުވާނެ ގޮތެއް ނޭގޭ..........................." ސެފްރަންގެ ބޮލުން އެކަން ނައްޓައިލަން މަސައްކަތްކުރިއެވެ. ހުރިހާ ފަހަރެއްގައި ގުރުބާނީއެއް ނުވެވޭނެއެވެ. ބަލާބޮޑުކުރި މީހުންނަށް ވިޔަސް ހެވެވެ.
"އަންހެނުންގެ ކޮއްކޮ......."އަޒްކީލް ކުށް ރަގަޅުކޮށްދިނެވެ.
ސެފްރަން ހިމޭންކަން ޚިޔާރުކުރިއެވެ.
"ބުނަން ސެފް. މިއީ އަހަރެންގެ ހުށަހެޅުމެއްނޫން. ސެފްގެ އާއިލާއިންވެސް ސެފްއަށް އަޅާނުލާ ބާކީކުރާތީ ކުޑައިރު ގެނެސް ހެވިކަމާއި އެހެން ހުނަރުތައް ދަސްކޮށް ބަލާބޮޑުކުރީ ބައްޕަ. ސެފްއާއި އެންޖެލާ ކައިވެނިކުރުމުން ސެފްއަށް ރަސްކަމާއި ހަމަޔަށް އަންނަން ލިބުނު ޓިކެޓަކަށްވި. އެ މަގާމަށް ވާދަކުރަން މަވެސް މިހިރީ. ބައްޕަގެ ދޮށީ ދަރިއަށްވީމަ. އެންޖެލާ ނެތުމަށްފަހު ސެފް މިތާ ހުންނަން އެއްވެސް ހައިސިއްޔަތެއް އެބައޮތްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ. މުޅި މިސަރަހައްދަކީ އަހަރެމެންގެ ގެ ރަސްކަމުގެ ކޮއިލު. މިތާ އުޅެވެނީ ޝާހީއާއިލާ އަދި ޚާދިމުންނަށްކަން ސެފްއަށް އެނގޭ. އަލުން މި އާއިލާގެ މެމްބަރަކަށް ވޭ. މިރިއަމްއާއި ކައިވެނި ކުރީމަ އެހެން ޖިންނިން އިނގިލި ދިއްކުރާނެ ތަނެއް ނޯންނާނެ..................................." އަޒްކީލް ސެފްރަންއަށް ވިސްނާދިނެވެ.
"އަދި މަންމަގެ މިޒާޖު އެނގެއެއްނު. މަންމަ ބުނާގޮތަކަށް ނޫނީ މިތާގައި އެއްވެސް އަމުރެއް ނުހިންގޭނެ..." އަޒްކީލް ހަނދާންކޮށްލަދިނެވެ.
"ހޫމް..." ސެފްރަން މާނައެއް ނެތް ގޮތަކަށް ކިޔައިލިއެވެ.
"ސެފް އެންޖެލާއާއި ކައިވެނި ކުރީވެސް މަންމަމެންގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުންކަން މަށަށް އެނގޭ. ސެފްގެ އުމުރުގެ ޅަކަންވެސް އަހަންނަށް އެނގޭ. އިސްކޮޅެއް ދެއްވާފައިވި އެއްކަމަކު ތިއީ ކުޑަކުއްޖެއް. ކޮބާ މިޔުކި އަދިވެސް ދެކުދިން ރުލި ހަދާފަތަ.............................................................................." އަޒްކީލް އެހެން މައުޟޫއަކަށް ދިޔުމުން ސެފްރަންގެ ނުތަނަވަސްކަން ފިލިއެވެ.
ސެފްރަން އެ ގަނޑުވަރުން ނުކުމެގެން އައީ ހަދާނެގޮތަކާއިމެދު ވިސްނަމުންނެވެ.
އޭނަ މިރިއަމް އާއި ކައިވެނިނުކޮށްފިއްޔާ އޭނަ މި ގަބީލާއިން ބޭރުކޮށްލަފާނެއެވެ. އޭރުން އޭނަ ދާނީ ކޮންތާކަށްހެއްޔެވެ؟ އޭނަގެ ފުރާނައަށް ދަހިވެތިވެފައިވާ މާރިދުން އެބަތިބިކަން އޭނައަށް އަޒްކީލްގެ ފަރާތުން އެނގިއްޖެއެވެ. ރުޅި އިސްކުރެވުމުން ހެދުނު ގޯހުގެ ހިތި ނަތީޖާއެވެ. އެންޖެލާގެ މަރުގެ ޚަބަރު ހިފައިގެން އައި ދެމީހުން އޭނަގެ އަތުގައި އޮތް " ޖެންޒީރު" ކިޔުނު ކަނޑިން ގަތުލުކޮށްލީއެވެ. ދަގަނޑާއި ރަތުލޯފަދަ މައުދަންތަކުން ހަދާފައިވާ އެ ކަނޑިއަކީ މާރިދުންނަށް ޒަހަރެކެވެ. ނަމަވެސް އެހަ ފަސޭހައިން ސެފްރަން އަށް އެ ދެ މާރިދުން ބަލިކޮށްލެވުނީ އެ މާރިދުން އަމިއްލަ ދިފާއުގައި މަސައްކަތްކޮށްލާނެ ދަނޑިވަޅެއްވެސް ނުދިނީމައެވެ. އަދި އެ މާރިދުންނަށް ސެފްރަންގެ ހިތާމަ ރުޅީގެ ގޮތުގައި ބޭރުކޮށްފާނެކަމުގެ ކުޑަ ޝައްކެއްވެސް ވެފައި ނެތީމައެވެ. އެ ނަސީބުދެރަ މާރިދުން ސެފްރަންއަށް އިތުބާރުކުރުމުގެ ނަތީޖާއިން އެސޮރުމެންގެ ހަށިތައް ފުރާނައާއި ވަކިވެގެން ހިގައްޖެއެވެ.
އަޒްކީލްގެ ފަރާތުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުން ފަސޭހަކަމަކަމަށް ނުވިޔަސް މިނޫން އިތުރު ގޮތެއް އޭނައަށް އެބައޮތްބާވައޭ އަމިއްލަ ޟަމީރާއި ސުވާލުކުރެވުނެވެ.
***
އާރްޔާ އޭނަ ހުންނަ ކޮޓަރިން ބޭރަށް ނިކުންނާން ބޭނުންނުވެ ހުރެފައި ހިތަށް ވިސްނައިދިނީ ބިރުކުޑަކޮށްލާފައި އެތަނުން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ކާމިޔާބު ލިބޭނީ ގަދަ ހިތްވަރާއެކު ނަސީބު ލެއްވުމުންނެވެ. ދުޢާވެސް ކުރުމުންނެވެ. ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރުކަމަށްވާ ހިނދު އޭނަ ދުޢާކޮށްފައި ކާމިޔާބު ދެއްވަން އެދުނެވެ. މާތްﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާނެއެވެ. މިވެސް އިމްތިހާނެކެވެ. އިންސާނަކަށް ނުއުފުއްލެވޭވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. އެންމެ ވަރުގަދަ ހަގުރަމާތައް ކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ކުޅަދާނަ އަބްތާލުންނަށެވެ. ސަލާމަތްވާން ކުރެވުނުހާ މަސައްކަތެއް ކުރުމުން ކާމިޔާބު ދެއްވަންވެސް ކުޅަދުންވަންތައެވެ.
ކުރީ ދުވަހު ހޮހަޅުގައި ހުރި ބާކޮޅަކުން ބޭރަށް ބަލައިލިއިރު ކަނޑު ފެންނަން އޮތް ހަނދާނެއްވިއެވެ. އެއީ ރޭގަނޑުކަމުން މަންޒަރު އެހާ ސާފެއްނޫނެވެ. އެ ބާކޮޅު ބޮޑުކޮށްލައިގެން ނުކުމެވިދާނެކަން ނޭގެއެވެ. އާރްޔާ އެތަނުން ބޭރަށް ބަލައިލިއިރު ކަނޑުގެ ނޫކަމަށްވުރެ ދުންފިނި ބޯކަމުން ތަނެއް ދޮރެއް ނުފެނެއެވެ. ލިބުނު ހައިރާންކަމާއިއެކު ފަހަތަށް ޖެހި މޭގައި އަތް އަޅާ ބާރުކޮށްލެވިއްޖެއެވެ.
"އާރްޔާ ކިހިނެއްވީ...."
"ހާދަ ފިންޏޭ...."
"މިއީ ފިނި މޫސުމް. ގަނޑުފެން އެބަ ފައިބާ..އާރްޔާ ނުކުމެއްޖެއްޔާ ގަނޑުވެދާނެ. އިންސާނުންނަށް މިގަދަ ފިނީގައި ދުނިޔޭގެ އެންމެ ފިނި ބައްރުގައި އުޅެން ފަސޭހައެއް ނުވާނެ....... .........."ސޯރާ ބުނެލިއެވެ.
"މިއީ އެންޓާކްޓިކާތަ؟" ނޭގޭފަދަ ފޯރިއެއް އެތެރެހަށީގައި ހިނގައިލިއެވެ. ސޯރާގެ ވާހަކައިން އާރްޔާ ޔަގީންކުރީ އެންޓާކްޓިކާ ކަމަށެވެ. އާކްޓިކްއާއި އެންޓާކްޓިކާއަކީ އާރްޔާގެ ހުވަފެނީ މަންޒިލްއެވެ.
އެންޓާކްޓިކާއަކީ ދުނިޔޭގެ އެންމެ ސައުތުޕޯލްއެވެ. އާކްޓިކްއަކީ ކަނޑަކަށްވިޔަސް އެންޓާޓިކާއަކީ ވަށައިގެން ކަނޑު އޮތް ބޮޑު ބިމެކެވެ. ނޯތު އަދި ސައުތް ޕޯލްގެ އެއް ތަފާތަކީ އެއް ތަން ކަނޑުކަމުގައިވެފައި އަނެއްތަން ބިމަށް ވިކަމެވެ. އެކަމަކު އެ ކަނޑާއި ބިންވެސް އޮންނަނީ ގަނޑުވެފައެވެ. އާކްޓިކްއަށްވުރެ އެންޓާކްޓިކާ ފިނިގަދަކަމުން އެ ބައްރުގައި މީހުން ދިރި ނޫޅުނަސް ދިރާސާތަކަށްޓަކާ އެތަނުގައި އާއްމުކޮށް ސައިންޓިސްޓުން ތިބެއެވެ. އާކްޓިކްއަށް ޕޯލާ ބެއާސް ޚާއްސަވީފަދައިން އެންޓާކްޓިކާގެ އަހުލުވެރިންނަކީ ޕެންގުއިންސްތަކެވެ. ޖިއޮގްރަފީއާއި ހިސްޓްރީއަށް ޝައުގު ހުންނަ ދަރިވަރަކަށް ވާތީ އޭނައަށް މިފަދަ ތަނަކަށް އައުމުގެ ޝަރަފު ލިބުމުން އުފާވެރިކަމެއް ހިތުގައި ހިނގައިލިއެވެ.
"ޕެންގުއިންސްވެސް އުޅޭދޯ. " އާރްޔާ ސޯރާގެ ގައިގާ ހިފައިނުގަތީ ކިރިޔާއެވެ. އާރްޔާ ކުޑަކުއްޖަކަށް ވުމުން އޭނަގެ ވިސްނުން ހުރީ ތަފާތުކޮށެވެ. އޭނަގެ ހާލަތުވެސް ހަނދާން ނައްތާލާ އެޑްވެންޗާގެ ފޯރި ހިފައިލިއެވެ. "ޕްލީޒް ޕްލީޒް ސޯރާ ޑާލިން އަހަރެން މިތަނުން ނެރެދީ. ޕެންގުއިންސްއާއެކު ކުޅެން ބޭނުން......"
"ބަލާނަން އިނގޭ....."
"އާވް ތެންކިއު ލަވް...." އާރްޔާ ބައްދާލަން އުޅުމުން ސޯރާ ފަހަތަށް ފުންމައިގަތްގޮތަށް އެއްލިގެން ދިޔަ ބާރު މިނުގައި ހޮހަޅައިގެ ހިލަގަނޑެއްގައި ޖެހުނުގޮތަށް ގުޅައަކަށް ޖެހި އިނެވެ. އެކުއްޖާއަށް އަނިޔާވާނެކަމަށް ހީކޮށް ކަންބޮޑުވެ އެހީވާން ދުއްވައިގަނެވިއްޖެއެވެ.
"އާ ޔޫ އޯކޭ؟" އާރްޔާ ސޯރާގެ އަތުގައި ހިފަން އުޅުނެވެ.
ސޯރާ އަތް ދަމައިގަތެވެ. އޭނަ އަނގަ ހަދައިގެން އިންގޮތް ފެނި އާރްޔާއަށް ހެވުނެވެ.
"އަތް ނުލައްޗޭ......" ސޯރާ އިންޒާރެއް ދިންފަދައެވެ.
"އެއީ ކީއްވެ؟ "
"މަގޭ.......މަގޭ. ހަން ކަޅުވީމަ. އަދި. އާރްޔާ އަތް ފިހިވެސް ދާނެ.........." ސޯރާގެ ތުންފަތަށް ނުލަފާ ހިންޏެއް ވެރިވިއެވެ. އާރްޔާ ކުޑަކޮށް ލޯ އަޅާލާފައި ގޮސް ދެވަނަފަހަރަށްވެސް އެ ބާކޮޅުގައި ލޯ ޖައްސާލައިގެން ބެލުމުން މާޔޫސްކަން ހިތަށް ވެރިވިއެވެ. ދުންފިނި ނޫން އެއްޗެއް ލޮލަށް ފެންނަވަރެއް ނޫނެވެ. އެހާ އަނދިރިއެވެ. އާރްޔާ ތަޅުންމަތީ ފާނޫޒު ބެހެއްޓިއެވެ. ތިރި ހިލަގަނޑެއްގެ މަތީ އިށީންގޮތަށް އޭނަ ސޯރާއަށް ނަޒަރު ހުއްޓައިލިއެވެ. ފޯނުގެ ވާހަކަ އޮޅުން ފިލުވިއެވެ. ފޯނު ވަގަށް ގެންދިޔަސް ކުރާނެކަމެއް ނެތެވެ. ހުރިހާ ފަރާތަކުން މާޔޫސީ ވަށައިލުމުން އާދައިގެ ދުވަހެއްގައި ކުރަން ހިތަށް ނާރާވަރުގެ ކަންތައް އެބަކުރެވެއެވެ. ސޯރާ ބުނީ އޭނަގެ ލޯބިވެރިޔާ އެ ފޯނު ގެނެސްދޭނެކަމަށެވެ.
"މި ހޮހަޅައިން ނުކުމެގެން ދެވޭނީ ކޮންތާކަށް؟"
"އަސްލު މިއީ މި ރަށުގެ ފަރުބަދަތަކާއި ގުޅިފައި ހުރި ހޮހަޅައެއް.........އާރްޔާ މިއޮތް ހިސާބުން ފުދޭވަރަކަށް ދުރުތަން ކަޑައްތުކޮށް އަޑިއަޑިން ގޮސް އާކްޓިކް ކަނޑަށް އެރެވޭނެ. ދުރުދުރަށް ގޮސް އެ ކަނޑާއިވެސް ގުޅިފައި އޮތީ....." ސޯރާ ނުބުނެ ސިއްރުކުރީ އެމަގުން ގޮސް ކަނޑު އަޑީގައިވާ ޖަލްޖާލޫތުމެންގެ ކަނޑުއަޑީގެ ރަށަށްވެސް ފޯރާފައި އަނެއް ކޮޅުން ރަށުގެ އަނެއް ފަޅީގައި އޮންނަ ކަނޑަށް އެ މަގު ހަދާފައި އޮތްކަމެވެ.
"އާރްޔާ ތިހިރީ އަސްލު މިރަށުގެ އަނެއް ފަޅީގެ ކަނޑުގެ އައްސޭރިފަށުގައިވާ ދިމާލެއްގައި............." ސޯރާ އިތުރަށް ބުނެދިނެވެ.
"ސުބުހާނަﷲ....މިމަގުގައި ކިތައް މޭލު ހުންނާނެ."
"އެހެން ބުނާކަށް ނޭގޭ. ހިނގާފައި މިތަނުން ނުކުންނަން ވެއްޖެއްޔާ މަރުވެސް ވެދާނެ....................." ސޯރާ ބުނެލިއެވެ.
"މިއީ އެންމެ ނުރައްކާތެރި ގައިދީން ލާ ތަނެއްނޫން. މިއީ އަސްލު ޓަނެލްއެއްގެ ގޮތުގައި ބޭނުންކުރާތަނެއް. ބައެއް ދިމާލުގައި ހިލަގަނޑުތައް ޖަހާ ބައްދާލާފައި ހުރޭ.އާރްޔާ ކަހަލަކުޑަކުއްޖަކަށް އެ ހިލަތައް ދުރުކޮށެއް ނުލެވޭނެ.........." ސޯރާ ބުނެދިނެވެ.
"ސޯރާ އަހަންނަށް ކާން ހިފައިގެން ތި އަންނަނީ ކިހިނެއް؟ " އާރްޔާ ލޯ ހަނިކޮށްލަމުން ބަލައިލީ ސޯރާ ދައްކާ ވާހަކައަށް މުޅިން އިތުބާރުނުކުރެވޭފަދަ ގޮތަކަށެވެ.
"އެހެން ސިއްރު މަގަކުން މިރަށުގައި ހުންނަ ސެފްރަންގެ ގަނޑުވަރަށް ވަދެވޭ..އެ މަގު އާޜްޔާއަށް ބުނެދީފިއްޔާ ރާނީ އަހަރެންގެ ފުރާނަ ދަމައިގަންނާނެ...އެހެންނޫނަސް ވިލާތަކާއި ހަމަޔަށް ފޯރާ އެ ގަނޑުވަރުގައި އާރްޔާއަށް ފިނިކަމުން ކެތް ނުކުރެވޭނެ..................................."ސޯރާ އިސްޖެހިއެވެ.
ސޯރާއާއި ގާތްކަން އުފެދި ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގެންފައިވާއިރު ސޯރާއަށް ދެރަވާފަދަ އެއްވެސް އަމަލެއް ހިންގަން އާރްޔާ ނެތެވެ. ނަމަވެސް އޭނަ މިތަނުގައި އިނދެ އިނދެ ފޫހިވެއްޖެއެވެ. "އެޑްވެންޗާ"އެއްގެ މަޖަލާއި އުފާވެރިކަން ހޯދޭނީ މިތަނުން ނުކުމެވިގެންނެވެ.
"ސެފްރަންއަށް އަހަރެންގެ މެސެޖެއް ގެންގޮސްދެވިދާނެތަ؟ "އާރްޔާ އެހިއެވެ.
"ނުކެރޭނެ. ސިއްރުން ނޫނީ އެމޫނަށް ބަލައިލުމުގެ ހުއްދައެއްވެސް ނޯވޭ... އެއީ ރަސްގެފާނުގެ ދަރިކަލުންތައްވީމަ ޖާރިޔާއިންނާއި އަޅުންނަށް އިޒުނައެއް ނޯންނާނެ...." ސޯރާގެ ވާހަކަތަކުން އާރްޔާއަށް އެބުނާ ރަސްކަމެއްގެ އާރާއި ބާރު ވަޒަންކުރެވުނެވެ. އާރްޔާ އެދުނީ ގަންދީޝާއާއި ވާހަކަދެއްކުމަށެވެ. އޭނަ އެކަހެރިކޮށް ނުބައިންދާ އެހެން ތާކަށް ގެންދިއުމަށެވެ. އެހެން ކޮންމެ އަދަބެއް ދިނަސް އާރްޔާއަށް މާ ރަގަޅެވެ. އޭނަގެ ކުށެއްނެތި ގަންދީޝާ އޭނަ މަރައިލަން އަހުދުނާމާއެއްގައި ސޮއިކޮށްގެން އުޅޭފަދައެވެ. ކުޑަކުއްޖެއްކަންވެސް ގަންދީޝާއަށް ހަމަ ނޭގޭހެއްޔެވެ؟
***
އާޓިކް ކަނޑުގެ އައްސޭރިފަށުގައި އަޒްކީލް ބިނާކޮށްފައިވާ ގަނޑުވަރެއް ވެއެވެ. އެތަނަކީ އޭނަގެ ލޯބިވާ އަންހެނުންނަށް ހަދާފައި ހުރި ބިނާއެވެ. އޭނައަށް އަޒްކީލްއާއިއެކު ކަނޑުގެ އަޑީގައި އުޅުމުގައި ދަތިތައް ހުރުމުން އެހެން ގޮތެއް ނެތީއެވެ.
"އައްސަލާމް އަލައިކުމް....." އަޒްކީލް އިސްލާމީ ރީތި ސަލާމުން ސަލާމް ގޮވައިލަމުން ގަނޑުވަރުގެ ދޮރުން އެތެރޭގައި ފައި އެޅިއެވެ.
(ނުނިމޭ...)