އާރްޔާ ތަޅުންމަތީގައި ރަޖާގަނޑު ފަތުރާލައިގެން އިނދެ ނަމާދުކުރަން ފެށިތަނާ ކޮޓަރިތެރެއިން މީހެއްގެ ހިލަންވިއެވެ. ނަމަވެސް ހުއްޓުމެއްނެތި ނަމާދުކުރަމުން ދިޔައެވެ. ސަލާމްދީފައި އޭނަ ދުޢާކުރަން އަތްމައްޗަށް އުފުލައިލިއެވެ
"މީނދަ އިންސި. ކޮންކަމެއް ތިކުރަނީ؟" އަންހެނަކު ޒީލަގަދަ ބާރު އަޑަކުން ސުވާލުކުރިއެވެ. އާރްޔާ ސިހުނެވެ. ގުޑިލާން ނުކެރިފައި އިންދާ ދެން ފައުޅުވީ އޭނަގެ ކުރިމަތިންނެވެ. ލިބާސް މުޅިތަނުގައި ފެތުރިފައި އޮތުމުން ފައި ފެންނާކަށް ނެތެވެ. އާރްޔާ ލަސްލަހުން ކޮޅަށް ތެދުވެ ކުރިމަތީގައި ހުރި އަންހެނާގެ މޫނަށް ނަޒަރު ހިންގައިލިއެވެ.
މޫނުގެ ބޮޑުބައި ފޮރުވައިގެން ހުރުމުން އެމޫނުގެ ސިފައެއް ނުފެނުނަސް ބޮޑު ބޮޑު ދެލޯ ހުރީ ހާމައަށެވެ. ކަޅި ހުރީ ރަން ފެހިކުލައަކުން ދިއްލިފައެވެ. އިހު ޒަމާނުގެ ރާނީން ލާފަދަ ހެދުމަކާއިއެކު ބޮލުގައި ތާޖެއް އަޅާފައެވެ. މުޅި ތަނުގައި ހުވަދުމަލުގެ ވަސް ހިފައިލިއެވެ. އެންމެ ފެނިލުމަކުންވެސް ޝާހީކަމާއި ބޮޑާކަން ހަމަކޮށްދީފިއެވެ.
"އަހަންނަކީ ގަންދީޝާ. އެންޖެލާގެ މަންމަ....."
އާރްޔާ ހަށަން ބަދެލިއެވެ. އެ އަންހެންމީހާ އެދައްކާ ވާހަކަތައް ފަހުމު ނުވާގޮތަކަށް ދެލޯކުޑަކޮށްލައިގެންނެވެ.
"ތިއީ ތިހާ މައުސޫމް ފުރާނައެއް ނޫނޭ. ދޮންކޮށް ހުއްޓަސް ހިތް ނިކަން ކަޅު....." ގަންދީޝާގެ ދެލޯ އަދިވެސް ބޮޑަށް ދިއްލުނެވެ. އާރްޔާ ބިރުން ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ.
"ވިޗް....." އާރްޔާ އަމިއްލަ ނަފުސަށް އިވޭހާ މަޑުން ބުނެލިއެވެ.
"ކަލޭ ކުޑަވީމަ އަދި މަރުގެ އަދަބުނުދީ މި ބަހައްޓަނީ. އެކަމަކު މިހާރުއްސުރެން ކަލެއަށް މިކަން އެނގިފައި އޮންނަން ޖެހޭނެކަމަށް އަހަރެން ގަބޫލުކުރަން. އުމުރުން އަށާރަ އަހަރު ފުރޭއިރަށް އަހަރެންގެ ޖައްލާދު ކަލޭގެ ބޯ ކަނޑައިގަންނާނެ. އެކަމަށް އަހަރެންވަނީ ވައުދުވެފައި. މި ރަސްކަމުގައި ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ފުއްދާނެ. އޭގެ ކުރިންވެސް ކަލޭ އަރާމުކޮށް ކައިގެން ނިދަން އޮންނާނީއެއް ނޫން. އަހަރެމެންގެ އަޅެއްގެ ގޮތުގައި ޖާރިޔާއެއްގެ ގޮތުގައި ކަލޭ ގެންގުޅޭނީ..........." ގަންދީޝާ ޖަހައިލި ހިނިގަނޑު އިވުނު މީހަކު ބިރުން ފިތްކަނޑައިގެންދާނެއެވެ. އާރްޔާގެ ހަތަރެސްފައި ފިނިވެލައިފިއެވެ.
"އަހަރެން މަރައިލުމުގެ ސަބަބަކީ ކޮބާ " އާރްޔާ ބިރުން ހުރެ އަހައިލިއެވެ.
"ކަލޭގެ އާއިލާއިން އެންޖެލާ މަރައިލީ......."
"ވަޓް؟ " އާރްޔާ ދެލޯ ބޮޑުކޮށްލިއެވެ. "އެހެންމީހަކާއި އަހަރެން މިކްސް އަޕްކޮށްގެންތަ؟ ލުކް މެޑަމް...އަހަރެން އެއްވެސް މީހަކު މަރައެއްނުލަން..."
"އިންސިން ތެދެއް ނަހަދާނެ..." ގަންދީޝާ "އިންސިން" ކިޔާފައި ވާހަކަދައްކަނީ އޭނައަކީ ކޮންކަހަލަ މަޚުލޫގެއްހެއްޔެވެ؟
"މަ އިންސާނުންދެކެ ރުޅިއަންނަން ނަފްރަތުކުރަން..." ގަންދީޝާގެ އަޑު އެތަނުގައި ގުގުމައިލިއެވެ. އޭނަ ކުރިއަށް ޖެހިލާފައި އާރްޔާގެ ކޯތާފަތުގައި އިނގިލިޖެއްސިއެވެ. ދިލަ ތަދަކާއި ހޫނުކަމެއް އިހުސާސްވިއެވެ. އެ އަތުގެ ނިޔަފަތިތައް ބުޅިވެ ތޫނު ހަތިޔާރެކޭ ތަފާތެއްނެތެވެ.
"ކަލޭގެ ބޯ ކަނޑާލައިގެން ބާޒާރުމަތީ ގަން ހިންގާނެ ދުވަހަކަށް މި އިންތިޒާރުކުރަނި..........." ގަންދީޝާ ލޯ އަޅައިލިއެވެ. އާރްޔާ ނޭވާލާން ނުކެރިފައި ހުއްޓާ އެ އަންހެންމީހާ ހިނގައިގަތުމާއެކު ދޮރު އޭގެ ޒާތުގައި އަމިއްލައަށް ހުޅުވުނެވެ. އާރްޔާގެ ހިތް ތެޅިގަތެވެ. ބިރުންގޮސް ކުޑަވެލައިގެން ކަކޫ މޭގައި ޖައްސާލައިގެން އޮތްއިރުވެސް ހިތިގެ ތެޅުން މާދުރަށް އިވެއެވެ. ލޮލުން ކަރުނައައުމާއެކު އާރްޔާއަށް ރޮވެންފެށިއެވެ.
އާރްޔާ ހޭއެރިއިރު ސޯރާ އޭނައަށް ހޭހަންކުރަން އިނެވެ. ހުންގަދަވެ މަޑުމަޑުން ކުކުރާލަކުކުރާލާ އޮވެ މަންމައާއި ބައްޕައަށް ގޮވިއެވެ.
"މިތަށި ބޯލާ ރަގަޅުވެދާނެ...." ސޯރާ ތުނި ތަށްޓެއްގައި ހުރި ފެހިކުލައިގެ ހަކީމީ ބޭހެއް ދޭން މަސައްކަތްކުރިއެވެ. ވަމުން ދިޔަ އުދަގޫތަކުން ސަލާމަތްވާން ބޭނުންވިވަރުން އިތުރު ސުވާލަކާއި ނުލާ ބޭސްތަށި ބޯލިއެވެ. އަނެއްކާވެސް ލޯ މަރާލައިފިއެވެ. ހޭލެވުނީ ފިނި ފިނި ތެތް އެއްޗެއް ނިތްކުރީގަޔާއި ގައިގެ އެކި ތަންތާ އުގުޅާކަހަލަ އިހުސާސެއް ކުރެވިފައެވެ. ފިނިވެފައި ހަމަށް އަރާމުކަން އިހުސާސްކުރެވުނެވެ. ގަދަފަދަ އެކަމަކު މީރުވަހެއް އާރްޔާގެ ނޭފަތުގައި ޖެހުނެވެ.
"ސޯރާ ތީ ކޯންޗެއް....." އާރްޔާ ވަރުބަލިގޮތަކަށް ދެލޯ ހުޅުވައިލިއެވެ.
"ގާނާފައި ހުރި ކެލާ. ހުން ފިނިކޮށްދޭނެ......"
"އޯ..ދުވަހަކު އަޑުނާހަން ކެލާ ކިޔަނީ ކޯންޗަކަށް......." އާރްޔާ ސުވާލުކުރިއެވެ.
"އެ ގަހެއްގެ ވަކަރު. އޭގެ ފައިދާ ގިނަ........" ސޯރާ ކުޑަކޮށް ހީލިއެވެ.
ކާން ހިފައިގެން އެބައަންނަމޭ ކިޔާފައިގޮސް އޭނަ ދޮރު ހުޅުވައިލުމުން އާރްޔާ ދެފައި ތަޅައިގެންފާ ފަޔަށް ތަދުވިއެވެ. އެކަނިވެރިކަމާއި މޮޅިވެރިކަން ސާލެއްފަދައިން ވަށައިލާ އޭނަ ހާސްކުރުވަނީއެވެ. އަމިއްލަ ނަފުސަށް ހިތްވަރުދޭން މަސައްކަތްކުރިޔަސް ބައެއްފަހަރު ބަލިކަށިވާގޮތް އެބަވެއެވެ. އެކި ސުވާލުތަކުން ސިކުނޑި ފުރި ސިކުނޑިއަށް ވާންވެ ދެއަތުން ބޮލުގައި ހިފަހައްޓައިލެވުނެވެ.
***
ޖަލްޖާލޫތުއާއި އަންހެނުން ގަންދީޝާ ގަނޑުވަރުތެރޭގެ ކޮޓަރިއެއްގައި މަޝްވަރާކުރަން ތިބިއިރު ދޮރުމަތީގައި ފާރަވެރިން ތިބިތަން ފެނެއެވެ.
"ސެފްރަންގެ ބާރާއިމެދު އަހަރެން ކަންބޮޑުވޭ. އޭނަ ނިސްބަތްވަނީ އޭނަގެ ބައްޕަމެންގެ ނަސްލައް ކަމާއިމެދު ޝައްކު. އެ އާއިލާއަށް ނިސްބަތްވާ އެމީހުންގެ ހަނގުދަރިއޭ ބުންޏަސް ގަބޫލުކުރާކަށް ފަސޭހައެއް ނޫން. އޭނަގެ އެއް ފިޔަގަނޑުން ދޭހަވަނީ ކޯންޗެއްތަ؟ އޭނައަކަށް ނުއުދުހުވޭ. ސިފަ ބަދަލެއް ނުކުރެވޭ. ކަނޑުގައި ނޫޅެވޭ. ހަމަ ވަރަށް ތަފާތު. އޭނައަށް ރަސްކަން ދޭން އިންކާރުކުރަނީ އެއް ނޫން. އެކަމަކު ހުރިހާ ފިރިހެންދަރިން އެކަމަށް އެދި އެދި ތިއްބާ އޭނައަށް ރަސްކަން ދީފިއްޔާ ހަގުރާމައަކަށްގޮސް ދާނެ. ޚާއްސަކޮށް އަޒްކީލް އެހެރީ ރަސްކަމަށް ފައިވިއްދާފައެއްނު. ތަޚުތަށް އެންމެ ހައްގު ވެރިއަކީ އޭނައެއްނު. އެންމެ ދޮށީ ދަރިއަށްވެފައި ހުރިހާ އެންމެނަށްވުރެ އޭނަގެ ފަހުލަވާނުން ގިނަކަމަށްވަނީ.............................." ގަންދީޝާ ބާލީސްތަކުގައި ލެނގިލައިގެން އިންއިރު މޫނުމަތިން ބޮޑާކަން ފެންނާން ހުއްޓެވެ.
"އަހަރެން އެހާ އަވަސް އަރައިގެން ކަންތައް ނުނިންމާކަން ގަންދީޝާއަށް އެނގޭނެ. އެންމެ ގާބިލުދަރިއަކަށް ވެރިކަން ދޭނީ. މަށަށް ހީވާގޮތުން ސެފްރަން އެހުންނަނީ އޭނަގެ ބާރު ފޮރުވާލައިގެން..................." ޖަލްޖާލޫތު ލޯތްބާއިއެކު އަންހެނުންނަށް ނަޒަރު ހުއްޓައިލަމުން ހީލިއެވެ.
***
އާރްޔާ ހުން ފިނިވެލީ ދެތިން ދުވަސްފަހުންނެވެ. ތެދުވެ އުޅެވޭވަރުވިއެވެ. އޭނަ ބުނެގެން ސޯރާ ފޮތަކާއި ގަލަމެއް ގެނެސްދިނެވެ. އޭގައި ހުރި ދުއާތައް ފޮތުގައި ލިޔުނެވެ. އޭރުން ފޯނު ޗާޖުހުސްވިޔަސް އޭނައަށް ޒިކުރުކުރެވޭނެއެވެ. އެތިން ދުވަހު ސޯރާ ގަޑިން ކާން ގެނެސްދިނެވެ. އޭނައާއި ސުވާލުކުރިޔަސް ޚިޔާކުރަނީ ހިމޭންކަމެވެ. ހަތަރުވަނައަށް ވީ ދުވަހު އޭނަ އައުމުން އާރްޔާ ހިނިތުންވެލިއެވެ.
"ސޯރާ. އަހަރެން މިތާ ހައްޔަރުކުރިފަހުން ތި ނޫން ކުއްޖަކާއި ދިމަލެއްނުވޭ. އަހަރެމެންނަށް އެކުވެރިންނަށް ވެވިދާނެތަ......." އާރްޔާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ.
"ރާނީ ބުނީ މާ ގިނައިން ވާހަކަ ނުދައްކާށޯ...." ސޯރާ އިސްޖަހައިލިއެވެ.
"ވާހަކަ ދައްކައިފިއްޔާ ކޮންކަހަލަ އަދަބެއް ލިބޭނީ..." އާރްޔާ އެހިއެވެ.
"ދޫ ބުރިކޮށްލަފާނެ...." ސޯރާ ވައިއަޑަކުން ބުނެލިއިރު ލޮލުން ބިރުވެރިކަންފެނުނެވެ.
"އެހާވެސް ބިރުވެރި ބަޔެއްގެ ތެރޭ އަހަރެންމިހިރީ؟ ގޯޑް. އެކަމަކު ހިތްވަރު ގެއްލުވައެއް ނުލާނަން. އިރާދަކުރެއްވިއްޔާ މިކަމުން ސަލާމަތްވާނެ. ސޯރާ ބުނެބަލަ މިއީ ކޮން ގައުމެއްތަ؟ ތިމީހުންގެ ބަހުރުވައަކީ ކޮބާ. އަހަންނަށް ތި ބަހުރުވަ ދަސްކޮށްދީބަލަ..................................." އާރްޔާ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ސުވާލުކުރިއެވެ.
ސޯރާ އެހުރިހާ ސުވާލުތަކަށް ޖަވާބު ނުދިނަސް އޭނަގެ ބަހުރުވަ ދަސްކޮށްދޭން ނިންމިއެވެ. އެކަމަށް ޝައުގެއް ނެތަސް އާރްޔާ އެބަސް ދަސްކުރަންފެށިއެވެ. ހިތްއަލި ކުއްޖެއްކަމުން ސޯރާ ލައްވާ އެބަހުގެ އަކުރުތައް ލިޔުއްވާ ކުޑަ ކުޑަ ބަސްތައް ދަސްކުރުމަށް ގަޑިއެއްހާއިރުވާންދެން އިނެވެ.
"ސޯރާ. އަހަރެން ހެދުމެއް ބޭނުން. މި ފޯނު ޗާކުކުރެވޭނެގޮތެއްވެސް.........." އާރްޔާ އެއް ހެދުން ލައިގެން ހުންނަތާ ކޮން ދުވަހެއްހެއްޔެވެ؟ މިތަނުގައި އޭނަ ގައިދުކުރެވުނީއްސުރެ އަދި ދިމާވެފައިވަނީ ސޯރާއާއި ގަންދީޝާއާއެވެ. ގަންދީޝާގެ އެންމެ ފެނިލުމަކަށްފަހު ޚަބަރެއް ވީއެއް ނޫނެވެ.
***
ގްރީންލޭންޑްގެ ލޮލުކޮޅަށް ދާންދެން އޮބާލާފައިވާ ގަނޑުފެން ޝީޓު މަތީގައި ސެފްރަން ހުއްޓިލައިގެން ހުރިއިރު ތަންކޮޅެއް ދުރުގައި އޭނަގެ ލަޝްކަރު އަދަބުވެރިކަމާއިއެކު ބޯ ތިރިކޮށްލައިގެން ތިއްބެވެ. އެކަހެރި ތަނުގެ ހިމޭންކަން މުގުރާލާފައިވަނީ ބައެއް ދިމާލުން ގަނޑުފެންތައް ކަނޑައިގެން ފައިބައިގަންނަ އަޑުފަށްގަނޑުންނެވެ. ބައެއް ހިސާބުގައި އައިސްޝީޓުން މުގުރި ނޫނީ ވިރިގެން ފެން ތިކިތައް ތަޅާ ލުއި އަޑުވެސް ދޭތެރެއަކުން އިވިލައެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ގްރީންލޭންޑްގެ އައިސްޝީޓް ވިރެމުންދަނީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. ބަލައިލަން އާޝޯޚުވާފަދަ މަންޒަރަކަށްވިޔަސް ނުރައްކާތެރިއެވެ.
ސެފްރަންގެ ކަމަރުގައިވާ ކަނޑީގެ މިޔަ ތޫނުކަމުން ދަޅައަރައެވެ. ރަތްކުލައިގެ ކޯޓެއްފަދަ ހެދުމަކުން މުޅިހަށިގަނޑާއިއެކު މޫނުގެ އެއްބައި ނިވާކޮށްފައެވެ. ކްރިމްސަން ލޮލުގެ ވިދުވަރު ތަންކޮޅެއް ގަދައެވެ. އެއްފަރާތުގައި އޮތް އަހުގެ ހުދުކަމާއިއެކު ބިޔަކަމުން އަރަބިއަހަކަށްވުރެ އެތައް ގުނަ ޗާލެވެ. ބޮލުގެ މެދުގައި ޔުނިކޯންގެ ހުންނަފަދަ ހުޅިއެއް ހުއްޓަސް އެސޮރުގެ ލޮލަށް ބަލައިފި މީހަކަށް އެއީ ޖިންނި އަހެއްކަން ސާބިތުވާނެއެވެ. އެލޮލުން ހުޅުތައް ނުކުމެއެވެ. ސެފްރަން ފުންމައިގެން އަހަށް އެރުމާއިއެކު އެސޮރު މޮއްގަނޑު ޖަހަމުންކުރިއަށް ދިޔައީ ވިދުވަރެއްހާ ހަލުވިކޮށެވެ. ވަކި ހިސާބަކުން އުދުއްސައިގަތީ ސީދާ ކަނޑާއި ދިމާލަށެވެ. ކަނޑަށް އުކާލެވިފައިވާ އެކި ސައިޒްގެ އެކި ބައްޓަމަށްވާ ބޮޑެތި ޖަވާހިރުތައް ފަދައިން ވިދަމުންދާ އައިސްބާގްތަކާއި މައްލަވަކުރަމުން އަސް ކުރިއަށް ދިޔައެވެ.
"މިޔޫކީ. މަޑުކުރޭ......" ސެފްރަން އޯގާތެރިކަމާއިއެކު ބުނުމުން އަދި ވަކިން ރޭސްޖެހިއެވެ. ބައެއްފަހަރު އަޑިއަށްވެސް ކޮންމެވެސް ވަރަކަށް ފީނައިގަނެއެވެ.
"އޭ.......އަނބުރާލާ...." ސެފްރަން ހަޅޭއްލަވައިގަތެވެ. އެއްފަރާތުގައި ކުޅިބަލަން އެއްވެ ތިބި ޖިންނީންތައް ސެފްރަންއަށް ހިތްވަރުދީ ތައުރީފުކުރަން ތިބުމުން ވަކިން ބޮޑަށް ސެފްރަން ރުޅިގަދަވިއެވެ.
ސެފްރަންއަށް އޭނަގެ ކަނޑު އަސް "މިޔޫކީ" މަތަނުވާނެކަން އެނގުމާއެކު ވަކި ހިސާބަކުން އޭނަ ކަނޑަށް ފުންމާލީ އަހާއެކު ކަނޑު އަޑިއަށް ގޮސްފިއްޔާ އޭނަ ސަލާމަތް ނުވެދާނެކަން ޔަގީންވެފައެވެ. ބުންވަރުގަދަވިޔަސް އޮޔާއިދެކޮޅަށް ފެތުމަކީ ޔަގީނުންވެސް އިންސާނުންނަށް ކުޅަދާނަވާނެކަމެއް ނޫނެވެ. ނަމަވެސް ސެފްރަން އިންސިއަކަށް ނުވާތީ އޭނައަށް ލިބިފައިވާ ބާރު އެންމެ ފުރިހަމަގޮތުގައި ބޭނުންކުރިއެވެ. ގަދަ އޮއިގާ ކަނޑުހުރަސްކޮށް އިސްކޮޅު ކާ ހިސާބެއްގައި އޮތް އައިސްބާގަކާއި ހަމަޔަށް އާދެވުނުއިރު ސެފްރަންއަށް ވަރުބަލިކަން އިހުސާސްކުރެވި ގަނޑުފެންގަނޑު މައްޗަށް ދެމުނެވެ.
"ސެފް....ރަގަޅުތަ " އޭނައާއި ދާދި ކައިރިން މިރިއަމްގެ އަޑު އިވުނެވެ. އެ އަޑުގައި ހާސްކަން އެކުލެވުނެވެ.
"އަހަރެން މުޅިން ރަގަޅު.." ސެފްރަން ދެލޯ ހުޅުވައިލިއެވެ. ކްރިމްސަން ކުލައިގެ ދެލޮލުގެ ކުލަ ވަކިން ރަތެވެ.
"ކިހިނެއް ތިހެދީ؟ މިޔޫކީ އުޅުނީ ސެފް ގަންބާލަންތަ؟ ނޫނީ ހަމަ ކަނޑުގެ އަޑިއަށް ދާން ދަސްކޮށްދޭންތަ؟ " މިރިއަމް ހީލިއެވެ.
"އަހަންނަށް ނޭގޭ. މިޔޫކީގެ އަމަލު ހުންނަގޮތެއް ނޫން. އެހެން ބާރެއް ލިބިފައި ނޫނީ މޮޔަވެފައިހެން މަށަށް ހީވީ. ސަލާމަތްވީ ހަމަ ކިރިޔާ......" ސެފްރަން ކުޑަކޮށް ކެއްސާލާފައި ތެދުވެ އިށީދެއްޖެއެވެ.
"ސެފްއަށް އެނގޭތަ؟ މަންމަމެން ސިއްރުން ދެއްކި ވާހަކައެއް މަށަށް އިވުނީ. އެންޖެލާގެ ގާތިލުގެ އާއިލާ އިންސިއެއް ގަނޑުވަރުގެ ޖަލެއްގައި ހައްޔަރުކޮށްގެން މަންމަ އެބައުޅޭ. ސެފް ބަދަލުހިފަން ބޭނުންތަ؟ ސެފް ބޭނުމިއްޔާ އެ އިންސި ހުރިތަން ހޯދަދީފާނަން.........." މިރިއަމް ބުނެލިއެވެ.
(ނުނިމޭ...)