ސެފްރަން ދާން ހިނގައިގަތުމުން އާރްޔާ ގޮވައިލިއެވެ.

"ސެފް. އިސްތިޚާރާ ނަމާދުކޮށްފައި ދޭ...ޕްލީޒް..." އާރްޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"ކުރިން......"

"ދެން ކީއްވެ ދިސް ބޭޑް ފީލިން. ކީއްވެ ބިރުވެރި ހުވަފެންތައް ފެންނަނީ؟ ޕްލީޒް ޑޯން ލީވް................." އާރްޔާ ނޭފަތް ދަމައިލިއެވެ. ދެވަނަ ސިކުންތުކޮޅުގައި އާރްޔާ ހަނދާންވީ ސެފްރަންގެ ތަފާތު މިޒާޖެވެ. ރަސްކަމަށް އެރި ސަބަބެވެ. ހައްގު މަގުގައި ކުރާ ޖިހާދެއް ހުއްޓުވާ ސެފްރަންގެ ބަލިކަށި ފަޔަށް ވާން ވެއްޖެއްޔާ ސެފްރަންގެ ހިތުގައި އޮތް ލޯބި ފުހިވެގިން ހިނގައިދާނެއެވެ. ސެފްރަން ބުނާގޮތުން އޭނަ ލޯބިވަނީވެސް މާތްﷲއަށްޓަކައެވެ. އާރްޔާ ކުއްލިއަކަށް ހިނިތުންވެލަމުން ސެފްރަންގެ ކޯތާފަތުގައި ފިރުމައިލިއެވެ.

"ސެފް. ގޯ އެންޑް ބީޓް ދެމް ޓު އަ ޕަލްޕް. ޔޫ ކެން ޑޫއިޓް އިންޝާﷲ. މައި ގޯސްޓް ކިންގް. ދަ ބެސްޓް ވޮރިއާ އިންދަ ޔުނިވާސް. މައި ހާޓް މައި ލައިފް. ވަރަށް ފަޚުރުވެރިވާފަދަ ހަޒްބެންޑެއް މިލިބުނީ. ލޯބިވޭ ވަރަށް ލޯބިވޭ...."

"ދެޓްސް ލައިކް މައި ގާރލް..." ސެފްރަން އާރްޔާގެ ނޭފަތުގައި ހިފައިލިއެވެ.


***

ހަގުރާމައިގެ ބެރު ތަޅައިގަތުމާއެކު ދެ ލަޝްކަރު ހަމަލާދިނީ ފިސާރި ވަރުގަދަކޮށް ބިރުން ފިތްކަނޑައިގެންދާފަދަ ގޮތަކަށެވެ. މުޅި ހިސާބު ގުގުމާލާފައިވަނީ ބިރުވެރި ހަޅޭކުގެ އަޑުތަކުންނެވެ. އަލިފާނުން އަނދަމުންދާ ހަށިތަކާއި ގަސްތަކެވެ. ކަނޑީގެ އެންމެ ހަމަލާއަކުން ފަޅިފަޅިވެ ބުރައިގެންދާ ބިޔަ ގަސްތަކާއި ފަރުބަދަތަކުގެ ހިލަތައް އެކިދިމާލަށް ބުރާ ޒަލްޒަލާއެއް އެ ސަރަހައްދަށް އައިފަދައެވެ. ކަޅުދުންތަކުން ފަޒާ ބަނަވެއްޖެއެވެ. ވިހައިން ކަޅިކޮށްފައިވާ ދުނިދަނޑިތަކުން ވެރެމުން ދިޔަ ޖިންނިންތަކުން މައިދާން ފުރުނެެވެ. އެތައް ފުރާނަތަކެއް ދެފަރާތުންވެސް ނެތިގެން ހިނގައްޖެއެވެ. ވަރުގަދަ ބިރުވެރި ހަމަލާތަކަށްފަހު ސެފްރަންމެންގެ ލަޝްކަރު ބަލިވަމުން ދަނިކޮށް ކަރާމާތެއްފަދައިން އެހީތެރިކަން ލިބުނީ އެތަނަށް އައި މޫނު ފޮރުވައިގެން ތިބި ޖިންނިންތަކެކެވެ. އެޖިންނިން ހަގުރާމަ ފެށުމާއެކު އިފުރީތުންގެ ލަޝްކަރު އެތަނުން ރައްކާވެގެން ދުރަށް ދާން އަވަސްވެގަތެވެ.

ސެފްރަން ގަނޑުވަރަށް ވަންނާން އައިއިރު އެތައް ބެންތިކް ޖިންނިނެއް އެއްވެ ސެފްރަންއަށް މަރުހަބާކިޔަން ސަފު ހަދާލާފައެވެ. އާރްޔާވެސް ގަނޑުވަރުގެ ފެންޑާއަށް ނުކުމެލީ ލޯބިވާ ފިރިމީހާއަށް މަރުހަބާ ކިޔުމަށެވެ. ސެފްރަން އައިގޮތަށް އާރްޔާގެ ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަކޮޅެއް ދައްކައިލާފަ އާރްޔާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.


***

އެލިއަސް ގަނޑުވަރަށް ވަނުމާއެކު ޖާސޫސުގެ ފަރާތުން ލިބުނީ ސިހޭފަދަ ޚަބަރެކެވެ. އޭނައަށް ގަންދީޝާ އަޒްކީލް ފެންބޯން ފެން އަޅާފައި ހުރި ތަށްޓަށް ކުނޑިތަކެއް އެޅިތަން ފެނުނީއެވެ. އެއީ ޒަހަރެއްކަމާއިމެދު އޭނަގެ ޝައްކެއް ނެތެވެ. އަޒްކީލް ނިދާފައި އޮތީމަ އަދި ގަންދީޝާ އެހެރީ ފެންފޮދެއް ދޭނެ ވަގުތެއް ނުވެފައެވެ.

"ޒަހަރުކަން ޔަގީންތަ؟ " އެލިއަސް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

"ބޭހަކަށްވެސް ވެދާނެ. އެކަމަކު ޝައްކުވާފަދަ އެއްވެސް ކަމެއް ފެނިއްޖެ ހާލަތެއްގައި އަޅާނުލާ ދޫކޮށްލުމަކީ އިހުމާލަކަށްވެސް ވެދާނެތީ އަޅުގަނޑަށް ފެނުނު މަންޒަރު ދެންނެވީ މާތް ސާހިބާ.."ފާރަވެރިޔާ އަދަބުވެރިގޮތަކަށް ހުއްޓިލައިގެން ހުއްޓެވެ. އެލިއަސް އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން ބޯ ޖަހައިލިގޮތުން އެ ވާހަކައަށް އެއްބަސްވިކަން ހާމަވިއެވެ.

އެލިއަސް އަދިވެސް ހުރީ ޝައްކެއްގައެވެ. އޭނަގެ "މަންމަ" އެހާ ނުބަޔެއް ނުވާނެއެވެ. ކުޑައިރުއްސުރެ މަންމަގެ ވާޖިބު އަދާކޮށް އެކުދިން ބޮޑުކުރި އަންހެނަކު އެކުދިން ފަނާކޮށްލާކަށް ނޭދޭނެއެވެ. ފިރިހެންދަރިއަކު ނެތުމުން އެކުދިން ގެންގުޅެފައިވަނީ އަމިއްލަ ދަރިން ފަދައިންނެވެ. އެލިއަސް އަޒްކީލްގެ އެނދުގެ މަގަތުގައި އިށީދެ ނިތްކުރީގައި ބޮސްދިނެވެ.

"ކިހިނެއް ހަނގުރާމައިގެ ކަންތައް ދިޔައީ؟ ޝަރުބަތު ފޮދެއް ބޯލާ ދަރިފުޅާ.." ގަންދީޝާ ފުޅާ ހިނިތުންވުމަކާއެކު ޖަގަކުން ޝަރުބަތު އަޅާފައި އެލިއަސް އަތަށް ދިނެވެ.

"ހައްގު ގޮތުގައި ތިބި ބަޔަކަށް ނަސްރު ދެއްވާނެ.." އެލިއަސް ޝަރުބަތު ތަށިން އެތިފޮދެއް ބޯލިއެވެ.

"އަދި ކޮންމެހެން މާކިއަންވެސް ގަނޑުވަރަށް ގެންނަންވާނެ. ޒޭބްގެ ކުދިންކޮޅު ގެންދިޔަސް މާކިއަން ގެންދެވިގެން ނުވާނެ. ޒޭބްމެންގެ ދުނިޔެއަށް ހިޖުރަކުރަން އުޅޭ ވާހަކަވެސް އަޑުއެހިން......." ގަންދީޝާ އެލިއަސްގެ ބުރަކަށީގައި އަތުން ޖަހައިލިއެވެ.

"އަޒްކީލްގެ ހާލު ރަގަޅު ވާ ކަމަކަށް ނުފެނޭ. ހަކީމު ބުނާގޮތުން މަޑުމަޑުން ދަށަށް ދަނީ. ކޮންމެ ވަގުތަކުވެސް ފުރާނަ ވަކިވެގެން ގޮސްދާނެކަމަށް އޭނަ ބުނީ. މިހާރު ގިނަވަގުތު ނިދާފައި އޮންނަނީ. މަންމަ ބުނަން މިއުޅޭ އެއްޗަކީ ދަރިފުޅުމެން ހަމަ ކޮންމެފަދަ ކަމަކަށްވެސް ތައްޔާރުވެގެން ތިބޭށޭ............"

އެވަގުތު ދޮރު ހުޅުވާލާފައި މިރިއަމް ވަދެފައި އެންމެނަށް ސަލާމްކުރިއެވެ. ފެން ޖަގު ފެނިފައި އެދިމާލަށް ހިނގައިގަތުމާއެކު ގަންދީޝާ އެއަށް ވުރެ ކުރިން ފެންޖަގުގައި ހިފިއެވެ. މިރިއަމްއަށް ފެންއަޅާދޭންވެގެން ތަށީގައި ހިފެހެއްޓިއިރު އެމޫނަށް ވެރިވި ކުލަތައް އެލިއަސް ދެކެންއިނެވެ. ޖާސޫސް ބުނީ ތެދެއްކަމަށް ވަންޏާ މިވަގުތު ފަޅާއަރާނެއެވެ. ކުއްލިއަކަށް ގަންދީޝާގެ އަތުން ފެންޖަގު ދޫވިއެވެ. ބިންމަތީގައި ޖެހުމުގެ ކުރިން އެލިއަސް ވިދާލި ވިދުވަރެއްހެން ގޮސް ޖަގުގެ ފުލުގައި ހިފެހެއްޓިއެވެ.

"ހެހެ...އެލިއަސް ބޭބެގެ ޖިންނި ބާރު ދައްކައިލީ ދޯ................."

އެސިކުންތުކޮޅު ތެރޭ ގަންދީޝާ ލޮލުގެ ޛަރީއާއިން މިރިއަމްއަށް އިންޒާރުދިނެވެ.

"ހޫމް ވަރަށް ކަރު ހިއްކާފައި. އަހަރެން ބޯނީ ޝަރުބަތު. މިއީ އަދި މާ މީރު ވައްތަރެކޭ. މިހިރަ ކުލައަކުންވެސް ލޯބިވެވިއްޖެ..ރަތް ލޭ ކުލަ. އަހަރެންގެ ލޯބިވާ ބޭބެގެ ހާލުކޮޅު ކިހިނެއްތަ؟ ޒޭބްއާއި ކުދިންކޮޅުވެސް ބޭބެ ހާލުގައި ޖެހުނު ދުވަހު ދޫކޮށްލާފައި ދިޔައީ ދޯ. މިއީ އިންސާފެއްނޫން. ޒޭބް ބިރުގަންނަނީޔޯ ބޭބެއަށް ހަމަލާދިން ސެފްރަން ކުދިން މަރައިލަން އުޅެދާނެކަމަށް...."

"އެއީ ޑްރާމާ. ކުޅޭ ޑްރާމާ. ތިބުނާ ސެފްރަންއާއި ޒޭބްއަކީ ލޯބިވެރިން. އެދެމީހުން ކުޅިގަނޑު ނުކުޅެވިގެން އެހުރިހާ ގަނޑެއް ގަންނަނީކަން ނުދެނެ ހުރި ފަރާތެއް މި ގައުމަކު ނުވޭ. ފައްކާ މުނާފިގުން. އެކަހަލަ ނުބައިމީހުންގެ ފަރާތުން އަޅަމެން ސަލާމަތްކުރައްވާށި އާމީން..." ގަންދީޝާ މޫނުގައި ދެއަތުން ފިރުމައިލިއެވެ. މިރިއަމްވެސް މަންމަގެ ދުޢާގައި ބައިވެރިވިއެވެ.

"އެލިއަސް. ގެނޭ ފެން ޖަގު...." ގަންދީޝާގެ ނަޒަރު އެ ޖަގުން ނުނެއްޓެއެވެ.

"އެންމެ މިނިޓެއް. މި ކޮޓަރީގެ ފާރަވެރިޔަކަށް ހުރި ކުއްޖާވެސް ކަރު ހިއްކާފައި ހުރީ. އެކުދިންނަށް ފެންކޮޅެއް ދީފައި އެބައަންނަން..." އެލިއަސް ދާން ހިނގައިގަތުމުން ހުއްޓުވަންވެގެން ގަންދީޝާ އަނގަ ހުޅުވައިލިއެވެ. މިރިއަމް އޭނަގެ މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

"އޭނަ ދިޔަދީ. ތިހެން އުޅެން ހަދައިގެން އެލިއަސް ޝައްކު ކޮށްފާނެ މަންމާ....."

ގަންދީޝާ ބޯ ޖަހައިލިއެވެ.

އެއީ ބާރުގަދަ ވިހައެކެވެ. ޖިންނިންނަށް އެފެން ބޮވިއްޖެނަމަ މާ ގިނައިރުތަކެއްނުވެ އެތެރެހަށި އަނދައިގެންގޮސް ސިކުނޑިވެސް ވިރިދާނެއެވެ.


***

އެލިއަސް އެފެންޖަގު ގެންދިޔައީ އޭނަ ދަންނަ ބޭސްވެރިޔެއްގެ ގާތަށެވެ. އެފެނުގައި ވިހައިގެ އަސަރު ހުރިތޯ ބަލަން އޭނަ އެދުނެވެ. އެޖިންނި ކޮށްލީ ބިރުވެރި ޓެސްޓެކެވެ. ޖަނަވަރާކަށް އެފެން ބޯން ދިނީއެވެ. އެސޮރު ވަގުތުން ތަންޑާއެރިއެވެ. ފިޓްޖެހުނު ފަދައަކުން ތެޅި ތެޅިފައި އެސޮރު މަރުވެގެން ދިޔަތަން ބަލަން ހުރި އެލިއަސްގެ ދެލޮލުން އަލިފާނުގެ ކުލަ ފާއްދައިލިއެވެ. ނަމަވެސް އެލިއަސް އެ ބޭސްވެރިޔާއަށް ހަގީގަތްކިޔާ ނުދީ ސިއްރުކުރިއެވެ. ޝާހީ ގަނޑުވަރުގައި އުޅޭ ހަކީމްއަށް ގަންދީޝާގެ ނުފޫޒު ފޯރުވައިގެން އޭނަވެސް އަޒްކީލްއަށް ފަރުވާދިނުމުގައި އިހުމާލްވީއެވެ. އެލިއަސް ގެ އިތުބާރު އެއްކޮށް ގެއްލުނެވެ. ޔަޒްދަންޔާރުވެސް އެމީހުންނަށްވުރެ ރަގަޅުވާނެއެވެ.

"ފަހަރެއްގައި ސެފްރަން އެހެރީ ހައްގު ގޮތުގައި ކަމަށްވެދާނެ. އޭނައަށް ގަންދީޝާގެ ހަގީގަތް އެނގެނީ ކަމުގައި ވުން އެކަށީގެންވޭ. އަހަރެން ސެފްރަންއާއި ވާހަކަ ދައްކާނަން. އެކަމަކު އެންމެ މިނިޓަކަށްވެސް ބޭބެ އެ ގާތިލުންނާއެކު ބޭއްވުމަކީ ހެދޭނެ ގޯހެއް. މިހާރުވެސް އެހެންތާކަށް ބަދަލުކުރަންވީ...." އެލިއަސްގެ ޟަމީރު އޭނައަށް އެންގިއެވެ.

އެލިއަސް އަޒްކީލް ބެންތިކް އައިލެންޑަށް ގެންދާވާހަކަ ދެއްކުމުން ޝާހީ ހަކީމް އެކަމާ ދެކޮޅުހެދިއެވެ. އެހެން އެއްވެސް ތަނަކުން ނުދެވޭނެހާ ފަރުވާ އޭނަ ދޭ ކަމަށާއި އެހެން ތާކަށް ގެންދިޔުމަކީ ކުރެވޭނެ މޮޔަކަމެއްކަމުގައި ބުނެ އެކި ގޮތްގޮތަށް އެލިއަސްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ގަންދީޝާވެސް ރޯންފެށިއެވެ. އަޒްކީލްއަކީ އެންމެ ފުރަތަމަ ފިރިހެންދަރި ކަމަށާއި ލޯމަތިން ހިނދުކޮޅަކަށްވެސް ގެއްލެން ނޭދޭ ކަމުގައި ބުނެލިއެވެ. އެލިއަސްގެ ޚިޔާލު ބަދަލެއްނުވިއެވެ. އޭނަ ހުރީ އަޒްކީލްގެ ފަރުވާއަށް އެހެން ތަނަކަށް ގެންދަން ފައި ވިއްދާފައެވެ.

***

އަނދިރި ރެއަކަށްވެފައި ފިނިގަދައެވެ. ސެފްރަންއާއި އާރްޔާ ތައްޔާރުވަމުން ދިޔައީ ޒެބްލަންގެ މާމަގެ ދައުވަތަކަށް އެ ފަރާތްތަކާއި ބައްދަލުކުރަން ދިޔުމަށެވެ. އާރްޔާ ސެފްރަންގެ އިސްތަށިގަނޑުގައި ފުނާއަޅުވާދިނެވެ. ޝޭމްޕޫގެ އިޝްތިހާރެއް ކުޅެލަން ރަގަޅުކަމަށާއި އަންހެންކުދިންގެ އެސްފީނާޖެހޭ ވަރުކަމަށް ބުނެލުމުން ސެފްރަން ހިނި އައެވެ.

"އާރްޔާ ރީތިގޮތުގައި ތިބުނަނީ ހެއަރކަޓެއް ނަގާށޭތަ؟ " ސެފްރަން އެއިންގޮތަށް އިނދެ އާރްޔާގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ.

"ނޯ ނެވާ. ސެފްގެ އެންމެ ބިއުޓިފުލް ޔުނީކް ފީޗަރ. އައި ކުޑް ޑައި ފޯ ޔޯ ހެއަރ........." އާރްޔާ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑުގައި ބޮސްދިންއިރު ދުވި ހިތްގައިމު ވަހުން ސިކުނޑި ތާޒާވެލިއެވެ. ސަމާސާކުރުންތަކުގައި ހޭދަކުރި ވަގުތުކޮޅަކަށްފަހު އަހަށް ސަވާރުވިއެވެ. ރަށްބޭރުގައި ތަރިތަކުގެ ދީވާނުގައި އަލިފާންއަންދައިގެން މަސް ފިހެން ޒެބްލަންގެ އާއިލާ ތިބީ ރަސްގެފާނުގެ އިންތިޒާރުގައެވެ. ދެމަފިރިން ފެނުމުން ފުންމައިގެން ތެދުވެ އަދަބު އަދާކުރިއެވެ. އަތުގައި ބޮސްދިނެވެ. އުމުރު ދިގު ކުރެއްވުމަށާއި އެކީގައި އަބަދަށްވުމަށް އަދި ރަހުމަތް ލެއްވުމަށް އެދި އެތައް ދުޢާއެއް ކުރިއެވެ. ޒެބްލަންގެ މާމަގެ ފަގީރުކަމާހުރެ ރަސްކަލަކަށް އެކަށީގެންވާ ވަރަށް ފަރީއްކޮޅު ތައްޔާރު ނުކުރެވުނަސް ދައުވަތު ގަބޫލުކޮށްގެން އައުމުން ދުނިޔޭގައިވާހާ އުފާތައް ލިބިއްޖެ ކަމުގައި ބުނެލިއެވެ. އެންމެން އެކީގައި ކާން ތިބި މަންޒަރު ބަލަން އެލިއަސްއާއި އޭނަގެ ދެތިން އައުވާނުން ތިބީ ހައިރާންކަމުގައެވެ.

ކެއުމަށްފަހު ސެފެރްންއާއި އާރްޔާ ހިނގައިގަތްއިރު ދުރުން ޖިންނިންތަކެއްގެ ހިލަންވެ އާރްޔާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ސެފްރަންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

"ބިރުނުގަނޭ ރޯޒް. އެއީ އެލިއަސް. އޭނަ އަހައިފިއްޔާ ހަގީގަތް ކިޔައިދޭނީ. އިންސާފު ހޯދުމުގެ ވަގުތު ޖެހިއްޖެ. އެލިއަސްގެ މަންމަގެ ގާތިލަކީ ގަންދީޝާކަން އެނގުމުން އޭނަ ކަޑަވާނެ....." ސެފްރަން އަރްޔާ ގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ގަޔާ ކައިރިކޮށްލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ޖެހޭ ވައިރޯޅިތަކުގައި އެހުންނަ ފިނިކަމުން ކަށިގަނޑުވެސް ތޮރުފައިލާފަދައެވެ. ރޭގަނޑުގެ އަނިދރީގައި ގަސްތައް ހެލިލާއިރުވެސް ފުރޭތަތަކެއް ހަރަކާތްކުރާފަދައެވެ. ފަނޑު އަލިކަމުގެ ތެރެއިން ދޭތެރެއަކުން އަލިފާންގުޅައެއް ގަސްތަކާއި ދިމާލަށް ގޮސް ގެއްލިދެއެވެ.

***

އެލިއަސް އާއި އެކުވެރިން ސެފްރަންއާއި އާރްޔާ ވަށައިލީ ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ސެފްރަން. ތެދަށް ބުނޭ. އެ ޖިންނިންނާ އޮތީ ކޮން ގުޅުމެއްތަ؟އެއީ ކޮން ބަޔެއް؟ " އެލިއަސްގެ ގަފަ ފެހި ދެލޯ އަނދިރީގެ ތެރެއިން ވިދައެވެ. އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ސެފްރަންއަށެވެ.

"ޒެބްލަންއަކީ އަޅުގަނޑުގެ އެކުވެރިއެއް. ދޭ އިންވައިޓެޑް މީ. އެންޑް ސެފް......ވަޓްސް ޔޯ ޕްރޮބްލެމް..........." އާރްޔާ ބިރުގަތަސް ހިތްވަރު ކޮށްފައި ވާހަކަދެއްކިއެވެ. އެލިއަސްއާއި ސެފްރަންގެ އޮތް ދުޝްމިންކަން ހަދާންވެ ހަމަލާއެއް ދީފާނެކަމުގެ ބިރު ހީވެ ހިތާހިތުން ދުޢާވެސް ކުރެވުނެވެ.

"ސެފްރަން ކަލޭ ސަލާމަތްކުރާނީ ކާކު؟ " ކުއްލިއަކަށް އެލިއަސް ކަމަރުގައިވާ ކަނޑި ނަގާ ސެފްރަންގެ ކަރުގައި ޖެއްސިއެވެ. ސެފްރަން ހަމަޖެހިލާފައި ބަލަން ހުރިއިރު އެމޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނެއެވެ. އާރްޔާ ކަންފަތު ތޫރި ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެންފާ އެލިއަސްގެ އަތުގައި ހިފާ ކޮށްޕާލަން އުޅުނެވެ. އާރްޔާ އޭނަގެ ގައިގާ އަޅާ ވިހެލިޔަސް އިހުސާސްވާނެކަމެއް ނޭގެއެވެ. އެކުއްޖާ އެތާ ހުރުމެކޭ ކުޑަ މަދިރިއެއް ހުރުމެކޭ ތަފާތެއް ނެތެވެ.

"އެލިއަސް. ޕްލީޒް ޑޯންޓް ހާޓް ހިމް. ހީޒް އިނޮސެންޓް. ރަސްކަލެއްގެ ދަރިންތައް ވާނުވާ ނުބަލާ ކުށެއްނެތް މީހުން މަރައިލާއިރު އެއީ ރަސްކަމުގެ ސިފައެއްތަ؟ ހަގީގަތް ބުނެފާނަން. އެލިއަސްގެ މަންމަގެ ހަގީގީ ގާތިލުން އެނގޭ. އެކަަމަކު ސެފްރަން ދޫކޮށްލީމަ ކިޔާދެވޭނީ ލެޓް ހިމް ގޯ.........." އާރްޔާ އޭނަގެ ސަމާލުކަން އަތުލިއެވެ. އެލިއަސް ކަނޑި އުރައަށް ލައްވަމުން އާރްޔާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"އަޒްކީލްއަށް ޒަހަރުދިނީ ޒެބްލަންގެ މާމަ އޮޅުވާލާފައި.....އެންމެފަހުން ކުށެއްނެތް މާމަގެ އުމުރުގެ ބޮޑުބައި ޖަލުގައި ހޭދަކުރަން ޖެހުނީ. އަދިވެސް ސެފްރަން ދައްކާ ވާހަކަ އެލިއަސް މެންނަށް ގަބޫލެއް ނުކުރެވޭ ދޯ. ދުޝްމިނުންގެ ތެރެއަށް އަޒްކީލް ދޫކޮށްލައިގެން އެމީހުންނާއެކު ހަގުރާމައިގާ ތިއުޅެނީ؟ އެލިއަސް މުސްލިމެއްކަމަށް ވަންޏާ ސެފްރަންއަށް ތަބާވާނެ. އެހެން ހުރިހާ ކަމަކަށްވުރެ ސެފްރަންއަށް މުހިއްމުވަނީ މާތްﷲގެ ދީން ފެތުރުން. މި ބިންތައް އަލިފާނަށް އަޅުކަން ކުރާ ޖިންނިންގެ ފަރާތުން ސަލާމަތްކުރުން. އެކަމަކު އެލިއަސްމެން އުޅުނީ ސެފްރަން މަރައިލަން. އެކަމަކު ވީގޮތް ބަލާލަ. މާތް ﷲ ހައްގަށް ނަސްރުދެއްވީ. ކާރލީންގެ ބިޔަ ލަޝްކަރު ބަލިކުރައްވާ މުސްލިމުންނަށް ކާމިޔާބުވީ......." އާރްޔާ ނުރުހުންވި ވަރުން ހުރިހާ ވާހަކައެއް ދައްކަން ޖެހިލުމެއް ނުވިއެވެ.

އަޒްކީލްފަދަ ފެހިކަން ގަދަ ދެލޯ ވާރުތަކޮށްފައިވާ އެލިއަސް އާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އެގޮތަށް ވާހަކަދައްކަން ކެރޭ ޖިންނި އަންހެންކުއްޖަކާއި އެލިއަސްއަށް ދިމާވެފައެއް ނެތެވެ. އާރްޔާއަށް ކެރޭކަމާއޭ ހިތަށް އެރިއެވެ. ބިރުކުޑަ ކުއްޖެކެވެ. ކުޑަވިޔަސް ހިތްވަރުގަދައެވެ.

"ތި ވާހަކަތަކުގެ ދޮގު ތެދު ބެލުން މިއަދު އަހަންނަށް މަޖުބޫރުވެއްޖެ. ޝަރީއަތުގައި ފަނޑިޔާރުންގެ ކުރިމަތީގައި އަދަލުވެރިކަމާއެކު ތި މައްސަލަ ބެލޭނެ. އަހަރެމެންވެސް ކަންތައް ކުރާނީ ރަސްގެފާނު ޖަލްޖާލޫތު ދަސްކޮށްދެއްވާފައިވާ ފަދައިން އިންސާފުވެރިކަމާއެކު. ގަންދީޝާވެސް ހާޟިރުކުރެވޭނެ............" ސެފްރަން ބުނެލިއެވެ.

"ސެފްރަންއާއި ހަގުރާމަކުރަން ޖެހުނީ ހައްގުނޫން އިރު ރަސްކަމަށް އެރީމަ. އެއީ ކުށެއް. އެކަންވެސް ބެލެން ޖެހޭނެ.." އެލިއަސް ފާޑަކަށް ބަލަން ހުރެފައި ބުނެލިއެވެ. އާރްޔާ ދެއްކި ވާހަކަތަކުގައި ހަގީގަތެއް ވެދާނެކަމަށް ގަބޫލުކުރަން ޖެހުނީ ގަންދީޝާގެ އަނދިރިފަރާތް އޭނައަށް ފެނިފައިވާތީއެވެ. އެކަމަކު އޭނަގެ މަންމައަށް ޒަހަރުދިނީ ގަންދީޝާ ކަމުގައި ވެއްޖެއްޔާ އޭނަގެ ދެއަތުން ގަންދީޝާ ކުދިކުދިކޮށްލާނެއެވެ.

އާރްޔާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒެބްލަންގެ މާމައަށް އިންސާފު ލިބޭނީ ގަންދީޝާ އެ "ޑަންޖަން"ގެ އެންމެ އަޑިއަށް ލެވުނީމައެވެ.

***

އެލިއަސް ޔަޒްދަންޔާރު ދިރިއުޅޭ ހޮހަޅައާއި ކައިރިވެލިތަނާ ހޮހަޅައިން ނުކުތް ގަންދީޝާ ފެނި ހައިރާންކަމެއް ލިބުނެވެ. އެދެމީހުންގެ އޮތީ ކޮންކަހަލަ ގުޅުމެއް ހެއްޔެވެ؟ ޔަޒްދަންޔާރުއަކީ މާތް ރަގަޅު މީހެއްކަމަށް ހީކުރެވުނީ އޮޅުމަކުންނެވެ. ދުޝްމިނުންނާ އެކުވެރިން ވަކިކުރަން ނޭގޭ ހިސާބަށް ކަންތައް ދިޔައީއެވެ. އޭނަ ޔަޒްދަންޔާރު ކައިރިއަށް މިއައީ އަޒްކީލްއަށް ފަރުވާދިނުމަށް އެދިގެން ވާހަކަ ދެއްކުމަށެވެ. އަޒްކީލް ބާއްވާފައި އޮތް ސިއްރު މަންޒިލަށް ޔަޒްދަންޔާރު ގެންދިއުމަށެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ އަޒްކީލްގެ ބަދުނަސީބުކަމާއެވެ. ލޯބިވާ އަނބިމީހާވެސް ވީ ބޭވަފާތެރި މަކަރުވެރިއަކަށެވެ.

"ލައުނަތް ލައްވާށި...." އެލިއަސް ބިންމަތީގައި އިށީންއިރު ރުޅިގަދަވެގެންގޮސް ލޮލުން އަލިފާން ކަނި ބުރާލައިފިއެވެ. އޭނަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަޒްކީލް މަރުވެގެން ދާން ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ޔަޒްދަންޔާރުވެސް މިވީ ޝާހީ ހަކީމްފަދަ ހީލަތްތެރި މަކަރުވެރިޔަކަށެވެ.

***

ގަނޑުވަރުތެރޭ އެކި ދިމާލުގައި ހަރުކޮށްފައިވާ ބައްތިތަކުން ދިއްލާ އަޅާފައިވާއިރު ޚާދިމާއިން ކޮޅުކޮޅަށް ހަރަކާތްތެރިވާތަން ފެނެއެވެ. ރޭގަނޑު ކެއުމަށްފަހު އާރްޔާ އަރާމުކޮށްލަން ޖައްސައިލީ ކިންގްސައިޒް އެނދުގައެވެ. ބޮޑު ރަޖާއާއި މަޑު ކުޝަންތަކާއި ބާލީސްތައް އަދި ކަންނޭލުތަކުގެ އުނގުގައި ހީފިލުވާލައިގެން އޮތް އާރްޔާގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. އޮވެވުނީ ސެފްރަންގެ އިންތިޒާރުގައެވެ. މަތީބައިގާ ފައިޖެހޭ އަޑާއި ފިރިހެން ހުނުމުގެ އަޑު އިވުމުން އާރްޔާ ނުރުހުންވާގޮތްވިއެވެ.

"ކޮންމެ ރެއަކު އާދު އާއި ކާއިން ހަމަ ބެޑްޓައިމްއަށް އަންނާނެ. ދުވާލު ހަތަރުދަމުވެސް ހަމަ އެމީހުންނާއެކު އެއްނު ސެފް އުޅެނީ. ޚާއްސަކޮށް އާދުގެ އުދަގޫ މާ ބޮޑުވާން ފަށައިފި. އެއީ ކީއްކުރަން؟ އައިމް ޖެލަސް އޮފް ހިމް. އާދު މެރީކުރުވަންވީ. ނޫނީ ހަމަ ސެފްގެ ފަހަތުން އަޅުވާލާފައި. ލައިކް އެ ޝެޑޯ..............ގްރްރްރް..." އާރްޔާ ދެފައި ތަޅައިގަތެވެ.

އޭރު ސެފްރަންއާއި އާދު އަދި ކާއިން ރާޒުވާގަނޑެއްގެ އަވައިގާ ޖެހިފައި ގަނޑުވަރުގެ މަތީބައިގެ ކޮޓަރިއެއްގައެވެ. ހޫނު ކޮފީއާއި ޝީޝާގެ ފޯރިގަނޑުވެސް އޮތެވެ. އާދު އެކަމަށް ދެވިހިފީ އިންސާނުންގެ ތެރޭ އުޅުނުއިރުއެވެ. ދުންފަތާއި ކޮފީކަހަލަ އެއްޗެހި ސެފްރަންމެންނަށް ތައާރަފުކޮށްދިނީ އޭނައެވެ. އާދު ސެފްރަންގެ ކޮފީތަށްޓައް ބޭސްގުޅަތަކެއް ވައްޓައިލިއެވެ.

"ސްޓިރޮއިޑް. މި އެއްޗެހި ކުއްލިއަކަށް ހުއްޓާލައިފިއްޔާ ފުރާނައަށް ނުރައްކާވެދާނެ. ސެފް ސްޓްރޯންގްވާން މި ބޭނުންކުރަން އެބަޖެހެޔޯ މިހައިލް ބުނީ. ސެފްއަށް ކަމެއް ވެއްޖެއްޔާ މިޝަންއަށް ކިހިނެއްވާނީ. މި ހަގުރާމައަށް އެންމެން އިންސްޕަޔާ ކުރުވީ ސެފް. ކުރިންހެން ފޮރުވައިގެނެއް ނޫން މި ދޭން ޖެހެނީ..........." އާދު ކޮފީތަށީގައި ތުނބުޖެހިއެވެ.

" މިހައިލްއަށް ސެފްގެ ބައްޕަ އެނގޭނެތަ؟ ޖިންނިންތައް ހައްޔަރުކޮށްގެން ތަޖުރިބާ ކުރާ ސައިންޓިސްޓުންގެ ތެރޭ ސެފްގެ ބައްޕަވެސް އުޅެފާނެހެން ހީވޭ. އާދު އެކަން އޮޅުންފިލުވަބަލަ. ސެފް ބައްދަލުކުރަން ބޭނުންނުވިޔަސް އެ އިންސާނާ ދެނެގެންނަން އެބަޖެހޭ. މީހަކާއި އިނދެގެންތޯ ދަރިން ތިބިތޯވެސް ބަލައްޗޭ........" ކާއިން އިނީ މަޖާވެލާފައެވެ. "އިންސިންނާއި ޖިންނީންގެ ގުޅުމުގެ އާ ފަތްތަރަކަށް މި ދިޔައީ."

ކުއްލިއަކަށް އެތަނަށް ފައުޅުވި ލޫސިއަސް ފެނުމުން އާދުއާއި ކާއިން ފުންމައިގެން ތެދުވެ ކަނޑީގައި ހިފެހެއްޓިއެވެ. ލޫސިއަސް ބުމަ އަރުވައިލީ ސަމާސާ ގޮތަކަށެވެ.

"ތިއީ ބޭކާރުކަމެއް. އަހަރެމެންނަކާއި ހަމަޔަށް ތި ކަނޑިއެއް ނުފޯރާނެ. އެންމެ ފަހުން ކުރި ހަގުރާމައަށް ވިސްނައިލިޔަސް ބާރު ހުރީ ކޮންބަޔެއްގެ ކަން އެނގިދާނެ ދޯ ބްރަދާސް....ސެފްރަން. އަހަރެމެންނަށް އެކަނި ވާހަކަދައްކައިލެވިދާނެތަ؟ " ލޫސިއަސް ސެފްރަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"އޯކޭ..." ސެފްރަން އިޝާރާތްކޮށްލުމުން އާދުއާއި ކާއިން އެއްފަރާތަކަށްގޮސް ނިވައިވެލިއެވެ.

"ޕްލީޒް ބީ ސީޓެޑް ޕްރިންސް ލޫސިއަސް. މިހިރީ ކޮފީ...." ސެފްރަން ތަށްޓެއް ދިއްކޮށްލުމުން ލޫސިއަސް ބަލަން ހުރީ ފަކުރުގަނެފައެވެ. އޭނަ ގަޔާނުވާކަން މޫނަށް އެރި ކުލަވަރުން އެނގުނެވެ. ލޫސިއަސްއާއި މިގޮތަށް އެކަނި ބައްދަލުކުރާނެ ފުރުސަތު ލިބުމުން ސެފްރަން ނުތަނަވަސްވިއެވެ. އޭނަގެ އާއިލާއާއި ބައްދަލުކޮށް ގުޅުމެއް ބޭއްވުމަކީ ދުވަހަކު ކުރާނެކަމެއް ނޫނެވެ. އޭނަގެ އާއިލާއަކީ ހަމައެކަނި އާރްޔާއެވެ. ހުރިހާވެސް މީހަކީ އެއީއެވެ. ދެން އެކުވެރިންނެވެ. ލޫސިއަސް މިހާވަރުން އޭނައާއި ބައްދަލުކުރަން އައި ސަބަބު އަހަން އުޅެނިކޮށް ޒޭބްވެސް އެތަނަށް ފައުޅުވިއެވެ. ޒޭބް އެތާހުރި ތަކެއްޗަށް ބަލައިލުމަށްފަހު ސެފްރަންއަށް ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.

"އިންސާނަކަށްވާ ހިތުން ކޮފީއާއި ގުގުޑާ ބޯންފެށީދޯ. ދެން އެ ދުވަސްތައް މާޒީވީ. އަހަރެމެން މިއައީ އަހަރެމެންގެ ދުނިޔެއަށް ގެންދަން. ގަދަބާރުންވެސް ގެންދާނަން. އަހަރެމެންގެ ޚައްދާމުުންވެސް އެބަތިބި. ދުނިޔެއަށް އައިސް ފިތުނަ އުފައްދާ އެންމެންގެ ތެރޭ ހަމަނުޖެހުން ހިންގަން ބަހައްޓާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެއް. ރަސްކަންވެސް ކުރެވިއްޖެ. ޖިންނީންގެ ތާރީޚުގައި ތިނަން ވެސް ލިޔެވިއްޖެ. ވީއިރު އަރްޔާއަށް ވަދާއުގެ ސަލާމްކޮށްފައި ދަތުރު ހަދާ..ދަމަ ކޫއްތާފައި ގެންގޮސް ޖަލުގެ އެންމެ ފުނަށް އެއްލާލާނީ..." ޒޭބް އަމުރުވެރި ރާގަކަށް ވާހަކަދެއްކިއިރު އޭނަ ހުރީ ކަޅި އަޅައިގެންނެވެ.

"ހުއްޓާލާ. މިހާރު ފުދޭވަރުވެއްޖެ............................." ލޫސިއަސް ނުރުހުމުގެ ނަޒަރަކުން ކޮއްކޮއަށް ބެލިއެވެ.

"ލޫސި. މީނައާއި ހެދި އަޒްކީލްއަށް އެހާލު ޖެހުނީ..އަޅުގަނޑު އެކަން ހަދާން ނައްތައިލާނީ ކިހިނެއް......."ޒޭބް ހިތާހިތުން އަނދައިގަތަސް ލޫސިއަސްއާއި ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

***

މަތީ ފަންގިފިލާއިން އަންހެނެއްގެ އަޑު އިވުމުން އާރްޔާ އެނދުން ފުންމައިލިއެވެ. ނިދާހެދުމުގެ މަތިން ގައުނެއް ލައިގެން ސްކާފްއެޅުމަށްފަހު މަޑު ފައިވާން ފަޔަށް މަހައިލުމަށްފަހު ބާރުބާރަށް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"އެ ވިޗްގަނޑު ދަމާ ނެރެލާނަން. އަނެއްކާ ރުއާނާތަ؟ އެކުއްޖާ ސެފްއާއިހެދި މޮޔަވެގެން އުޅެނީ. ހީޒް މައިން. އޮންލީ މައި މޭން....ކީކޭ ހީކޮށްގެންތަ؟ ޑޯންޓް ޓެސްޓް މައި ޕޭޝަންސް..." އާރްޔާ ދޮރު ހުޅުވައިލީ ތަންކޮޅެއް ބާރަށެވެ.

(ނުނިމޭ...)

ކޮމެންޓް 0