"މިތާ ކައިރީ ދުރުނޫން ހިސާބެއްގައި ހުރޭ ގަނޑުވަރެއް. ޖިންނި ރަސްދަރިކަނބަލުންތައް ފެންވަރަން އެތާ އޮންނަ ފެންގަނޑަށް އެރި ތިބޭ. އެކުދިން ހަނދުވަރު ރީތި ރޭތަކުގައި އެއްވެސް ފިކުރެއް ޚިޔާލެއްނެތި އެގަނޑުވަރުގައި ހޭދަކުރޭ. ދަރިފުޅު އެކުޅިވަރު ބަލަން ބޭނުމިއްޔާ ގެންގޮސްދީފާނަން.............." މަޚުލޫގުގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ.

ސެފްރަން ގެ ސިކުނޑީގެ ކަނެއްގައި އާރްޔާ ފިޔަޖަހައިލިއެވެ. އަންހެންކުދިންގެ ވާހަކަ ފަށާއިރަށް ސިކުނޑި ހިސާރުކޮށްލާ ހަމައެކަނި ކުއްޖަކީ އެއީއެވެ. ލާނެތް ސަކަ ކުއްޖެކެވެ.

"އެކަަމަކު އަދި ތެދުވެ އުޅެން ދުވަސްކޮޅެއް ނަގާނެ...."

އެ މަޚުލޫގު ދެން މަޑުމަޑުން ކީ އެއްޗެއް ސެފްރަންއަށް ސާފެއްނުވިއެވެ. ވަކަރުތަށްޓެއްގައި ހުރި މަޑު ކާއެއްޗެއް ސަމުސަލުން އަނގަޔަށް ލައްވާ ދިނެވެ. ރަހަ މީރެވެ. ބަނޑުހައިކަން އިހުސާސް ކުރެވިފައި ހުރިލެއް ބޮޑުވިޔަސް ކެވުނީ ކުޑަކޮށެވެ. އާވިކަމެއް ހުރި ތަތް ބޭހެއް ބޯންދިނެވެ. ޒަޚަމްތަކުގައި ބޭސް އަޅާ ގަޑި ޖެހިއްޖެކަމަށް ބުނެ ސެފްރަންގެ ގައިމަތީ އަޅާފައިވާ ފޮތިގަނޑު ނެގުމުން އަމިއްލަ ހަށިގަނޑަށް ނަޒަރު ހުއްޓައިލުުމުން ދެލޯ މަރައިލެވުނެވެ. ވައަތްފަޅި އެއްކޮށް އަނދާފައެވެ. ކަޅުކުލައިގައެވެ. ތަދުގެ އިހުސާސްވާން ފެށިއިރު މަޚުލޫގު އެ ޒަޚަމްތަކުގައި ހާކަންފެށި ބޭހުން ފިނިކަން ލިބުނެވެ.

"މިހިރީ ބެރީސްތައް.. ވިޓަމިން ސީއިން ޒަޚަމްތައް އަވަހަށް ހިކޭނެ.." ބޯތަށްޓަކަށް ލާފައި ހުރި ޖޫސީ ބެރީސްތަކެކެވެ. ކުޅުދިޔާވާހާ މީރެވެ.

"ބޭބެ ނުކަންތަ؟ "

"ދަރިފުޅާ. އަހަރެން މިހުރީ ރޯދައަށޭ....." މަޚުލޫގުގެ ޖުމްލައިން އަދި އޭނައަކީ މުސްލިމެއްކަން އެނގޭވަރެއް ނުވިއެވެ. އެހެން ދީންތަކުގެ މީހުންވެސް ރޯދަ ހިފާވިއްޔައެވެ.

ލިބިފައިވާ ވަރުބަލިކަމާއެކު އަނެއްކާ ލޯ މަރާލުމުން ހުވަފެނީ ދުނިޔެއަކަށް ގެއްލެން ނެގީ މަދު މިނިޓްކޮޅެކެވެ.

ގަޑިންވާއިރެއް ލަފާކޮށްލާކަށް ސެފްރަންއަކަށް ނޭގުނެވެ. ގިނައިރު އޮންނަނީ ނިދިފައެވެ. މަޚުލޫގު ދޭތެރެއަކުން ހޮހަޅައިން ނުކުމެގެން ގޮސް އެނބުރި އަންނައިރު ކާއެއްޗެއްސާއި ފަތްޕިލާވެލި އަދި ފެން ގެނެސްހަދައެވެ. ވަރުބަލިކަމެއްނެތި ގިނަވަގުތު އޭނަ ކޮންމެވެސް މަސައްކަތަކާއި މަޝްޣޫލުވެގެން އުޅެއެވެ. ފަތްޕިލާވެލި އަވީލާ ކޮށާ ގަށައިގެން އެ ގަންނަ ސަކަރާތެއް ބަލަން އޮތްއިރު އޭނައަކީވެސް އެއްއިރެއްގައި ބޭސްވެރިކަން ދަސްކުރި މީހެކެވެ. އަވަދިނެތި އުޅޭއިރުވެސް އަބަދުހެން އުފާވެރިކަމުގެ ކުލަވަރު މޫނުމަތިން ފެނެއެވެ. އަބަދު ހެވިފައެވެ. ބައެއްފަހަރު ނުދަންނަ ބަހުރުވައަކުން ލަވައެއް ކިޔާލައެވެ. ކެއްކުމާއި ތަންތަން ސާފުކުރާއިރުވެސް މަޑުމަޑު ރާގަކަށް ލަވައެއް އަޅުވައިލައެވެ. ސެފްރަން ހޭވެރިކަން ވާ ވަގުތު އެއްޗެއް ކާންދީފައި މޫނު ދޮއްވާ ހަދައެވެ.

"ކިހިނެއް އަހަރެން މިތަނަށް ގެނައީ؟ މިއީ ކޮންރަށެއްތަ؟ " ސެފްރަން އަހައިލިއެވެ. އޭރު މަޑުގިނިމަތީ ހުރި ތެއްޔަށް އުދުޅި ބާނައިގެން ކާއެއްޗެއް ތައްޔާރުކުރުމުގައި އޭނަ އުޅެއެވެ.

"ބޭސްހަދަން ފަތްޕިލާވެލި ހޯދަން އުޅުމުގެ ތެރޭގައި ދަރިފުޅު ފެނުނީ. ވަރަށް އަނިޔާކޮށްފައި އެއްލާލާފައި އޮތީ. ހަރުވާޅު ފިޔަވާ ގަޔަކު އަންނައުނެއް ނެތް. މަރުވެފައި ކަމަށް އެންމެ ކުރިން ހީކުރިން. ނަމަވެސް ނޭވާލާކަން އެނގުމުން ސަލާމަތްކުރަން އަޒުމް ކަނޑައެޅިން. ވަކަރުން އަށިގަނޑެއް ހަދާލާފައި އަހުގައި އައްސާލައިގެން މިތަނަށް ގެނައީ. ތިން ދުވަސްފަހުން ދަރިފުޅު ހޭއެރީ. އޭރު ވަރަށް ހުންގަދަ. އާރްޔާއަކަށް ގޮވި.....ވަރަށް ގިނަފަހަރު އެހި "

"އޯ....." ސެފްރަން ލަދުގަތެވެ. މަޚުލޫގު ނަގާނީ ނުބައި މާނައެއްކަން ވިސްނުނެވެ. އާރްޔާއަކީ އޭނަގެ ލޯބިވެރިޔާ ނޫނީ އަނބިމީހާކަމުގައި ދެކޭނެއެވެ. އެއީ ކުޑަކުއްޖެއްކަމާއި އާރްޔާގެ ނަމުން ގޮވޭނީ އެކުއްޖާ އެހީތެރިވާތީއާއި ގާތް ކުއްޖެއްކަމުގައި ވާތީ ކަމުގައި ބުނަން ބޭނުންވިއެވެ.

"ލަދުގަންނާނެކަމެއް ނެތް. ބަލިވެ ހާލުދެރަވެ ހޭވެރިކަން ނުހުންނަ އިރު އެންމެ ލޯބިވާ މީހެއްގެ ނަން ގަނެވޭނީ. ސިކުނޑީގައި ރައްކާކޮށްފައިވާ ކަމެއްގެ ވާހަކަ ދެއްކޭނީ...." މަޚުލޫގު ހީލިއެވެ.

"އެއީ ހަމަ އެކަނި އެކުވެރިއެއް. އިތުރު ގުޅުމެއް ނެތް...." ސެފްރަން މަޑުމަޑުން ބުނެލިއެވެ.

ހަގީގަތުގައި ސެފްރަން އޭނަ ހޮހަޅައަށް ލާފައި ޒަޚަމްތަކުގައި ބޭސް އެޅުމަށްފަހު ކޮންމެހެން ހޯދަން ޖެހޭ ބޭހެއް ހޯދުމުގެ ނިޔަތުގައި ބޭރަށް ނުކުމެ އުޅެނިކޮށް ޒުވާން ޖިންނިންތަކަކާ ދިމާވިއެވެ. އެންމެން އިސްކޮޅުން ދިގުވެފައި ރަސްދަރިކަލުންފަދަ ހައިބަވަންތަ ކަމެއް ހުއްޓެވެ. އަޅާފައިވާ އަގުބޮޑު ހެދުން ތަކާއެކު ކަނޑިއާއި ހަތިޔާރުތަކުން ރައްކާތެރިވެގެންނެވެ. ސެފްރަންގެ ސިފަތައް ކިޔައިދީފައި އެޒުވާނާ ދެކުނުތޯ އެހުމުން އޭނަ ވިސްނާލަފައި ބުނީ ނުދެކޭ ކަމަށެވެ. ޔަގީނެވެ. އެ ކުއްޖާފުޅުވާނީ ރަސްކަމުގެ ކޮއިލުގައި ގެންގުޅުނު އަޅަކަށެވެ. ގޯހެއް ހެދުނީމަ އަދަބުދީފައި އެވަރުން ނުފުދުނީއެވެ. މިހާރު ހޯދަން އެއުޅެނީ ބޯ ކަނޑައިލަން ނޫންކަމެއްވެސް ނޭގެއެވެ. ދޮގުހެދުމަށްފަހު އެޖިންނި ރަސްދަރިކަލުންގެ ފަރާތުން ސަލާމަތްވެގެން ދަތުރުކޮށްފައި ހޮހަޅައާއި ހަމަޔަށް އާދެވުމުން އެއިން އެއްވެސް ފަރާތެއްގެ ހިލަމެއް ވޭތޯ އޭނަ މަޑުކުރިއެވެ. ޚަބަރެއްނުވުމުން އެ ޖިންނީންގެ ފަރާތުން ސަލާމަތްވެވުނީ ކަމުގައި ޔަގީންކުރިއެވެ. ޖެހިގެން މިއޮތީ އިންސާނުން ދިރިއުޅޭ ވިލެޖެކެވެ. މިހިސާބަށް ޖިންނީން ޒިޔާރަތްކޮށެއް ނަހަދައެވެ.

***

ސޯރާއާއި ރިފްކާ އަދި ޕަރީ އާރްޔާއާއެކު ޖަންގަލިތެރޭ ކޭމްޕްކުރީ ސެފްރަންގެ ނިޝާނެއް ވޭތޯ ބަލަން ކުރި ދަތުރެއްގައެވެ. ފެހިކަން ގަދަ ވިނަތަކުން ފުރިފައިވާ ހިތްގައިމު ސަރަހައްދެއްގައި ފޭލިގެ ޖަހައިދިނެވެ. އާރްޔާ ސްލީޕިންބޭގް ތެރޭ އޮށޯވެލައިގެން އޮތްއިރު ފޭލިގޭގެ ފޮތިގަނޑުގައި ވައި އަޅުވާ މަންޒަރު ބަލަން އޮތެވެ. މަޑުމަޑުންގޮސް ދެލޯ މެރި ނިދީގެ އަރާމް ހިދުކޮޅަކަށް ލިބުނެވެ. ސިއްސައިގެން ގޮސްފާ ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިފައެވެ. އާރްޔާ ފުންމައިގެން ތެދުވެ އިށީދެއްޖެއެވެ. އޭރު ކޯތާފަތްމަތީގައި ކަރުނަ ތިކިތަޅައެވެ.

"ކިހިނެއްވީ އާރްޔާ.." ސޯރާ އެހިއެވެ.

"ސެފްއަށް ކޮންމެވެސް އަނިޔާއެއް ވެއްޖެ. ހީޒް ހާޓް....." އާރްޔާއަށް ބުނެވުނެވެ.

"ކިހިނެއް އެނގުނީ؟ ހުވަފެނުގައި ފެންނަ ކަންތައްތަކަކީ އަސްލެއް ނޫނޭ އާރްޔާ.." ޕަރީ ބުނެލިއެވެ.

"ސެފް ހޯދަން ހާދަ މަސައްކަތެއް ކުރެވިއްޖެ. ޒޭބް އަޒްކީލްގާތު ބުނި ކޮންމެވެސް ޕޯޓަލްއެއް ގެ ތެރެއިން ލާފައި ސެފްގެ ބައްޕަގެ ވޯލްޑަށް ދިޔައީއޭ. ބްލެކްހޯލްއާއި ވޯމް ހޯލްއާއި އޯލް ދޯޒް ސްޓަފް އެހާ ނޭގޭ. ދެން ކީއްވެ މިހެން މިވަނީ. ހަމަ ފީލްވަނީ ސެފްއަށް ހާޓްވީހެން. އެހެންވެ އަހަންނަށްވެސް ތަދުވަނީ. ހީޒް މައި އޮންލީ ފްރެންޑް. މައި ބެސްޓް ފެރެންޑް..........." އާރްޔާ އަޑުކޮޅަށް ރޯން ފެށުމުން ޕަރީ ރިފްކާ އަދި ސޯރާ އެކަކު އަނެކަކަށް ބަލާލައިފިއެވެ.

އާރްޔާ ކޮންޓްރޯލުން ނެއްޓުނީއެވެ.

ކުޑަކުއްޖެއްވީމަ އެހެންވުން އެކަށީގެންވެއެވެ.

"ދެރަގޮތްގޮތް ވަނީ އަހަރެން ނަމާދުނުކުރާތީ ކަމަށްވާނީ. ކޮންދުވަހެއް ނަމާދު މަތިން ހަދާންނެތިފައި ހުންނަތާ. ހިތާމަވެރި ސިޗުއޭޝަނެއް ދިމާވެ ޑެސްޕެރޭޓްވީމަ ނަމާދުކުރަން ހަދާން މިވީ. ދުޢާކުރީމަ ސެފް ފެންނާނެ އިންޝާﷲ.. ސޯރާ ވުޟޫކުރަން ފެން ގެނެސްދީ ބަލަ..." އާރްޔާ ހެދުމުގެ އަތުކުރިއާއި ފައިކުރި އޮޅައިލިއެވެ.

މަޑުމަޑު ފިޔާތޮށިކުލަ އަރާ ދޮން ދޮން ދެއަތަށް ސޯރާ ފެންއަޅާ ދިނެވެ. ދޮންމޫނުގައި ފެންތިކިތައް ބަބުޅަން ފެށިއެވެ.

ވުޟޫކޮށް ނިމިގެން ވިނަގަނޑުމަތީ މުސައްލާ ފަތުރާލައިގެން އާރްޔާ ނިކަން މަޑުމޮޅިކަމާއެކު ނަމާދުކުރަން ފެށިއެވެ.

އާރްޔާ ކުޑަކުއްޖަކަށް ވިޔަސް ދުޢާކޮށްގެން ނޫނީ ކާމިޔާބުވާނެގޮތެއް ނެތްކަން ވިސްނުނީއެވެ. ކިތަންމެ ގަދަ އަޅާ މަސައްކަތްކުރިޔަސް ތަގުދީރުގައި ލިޔުއްވާފައި ނެތިއްޔާ އެކަމެއް ނުވާނެއެވެ. ސެފްރަން ގެއްލުމުން އާރްޔާ ވަކިން ބޮޑަށް އާއިލާ މަތިން ހަނދާންވިއެވެ. އެންމެން އޭނަ ހޯދަން ކުރާނެ މަސައްކަތާއި ކަރުނަ އޮއްސާނެވަރު އިހުސާސްކުރެވި ކަރުނަތަކަށް ނިމުމެއް ނައެވެ. ލޯބިވާ އެންމެން ވަކިވުމުން ދުނިޔޭގައި އުޅެންވީ ކޮން އުއްމީދެއްގައި ހެއްޔެވެ؟

ސިކުނޑީގެ ކަނަކުން އެންގީ މާޔޫސް ނުވުމަށެވެ. ކެތްތެރިވުމަށެވެ. ޔޫސުފްގެ ފާނުގެ ސޫރަތުން އިބުރަތް ހާސިލުކުރުމަށެވެ. ފޯނު ހުޅުވާލައިގެން އިނދެ އެ ސޫރަތް ކިޔަވާ ނިމުނުއިރު ދެލޮލުން އުއްމީދުގެ ބައްތިތައް ދިއްލި ކަރުނަތައް ހިނދިއްޖެއެވެ.

އާރްޔާ ސެފްރަންއާއި ހެދި އުޅޭވަރުން ޕަރީ ކަންތައްބޮޑުވެ ހަސަދައިގެ އަލިފާން އެތެރެހަށީގައި ކަނިޖަހަންފެށިއެވެ. އެހެންވެ އެކަމާއިހެދި ޕަރީ އާރްޔާއަށްވުރެ މާ ދެރަވާކަމުގައި ހެދި ދޭތެރެއަކުން ރޯލައެވެ. އާރްޔާ ސެފްރަންއަށް ގޮވަމުން އެތަން މިތަން ހޯދަމުންގޮސް ވަރުބަލިވެ ލޮޑުވާގޮތްވުމުން އަރާމުކޮށްލަން މަޑުކޮށްލީ ނިކަން ދިގު ގަހެއްގެ ކައިރީގައެވެ. އަރްޔާ ގަހުގެ ގޮފިގަނޑެއް ހަލުވައިލިއެވެ.

"ސެފްރަން އާ ޔޫ އަޕް ދެއަ؟ އެންމެން ގެއްލިގެން ހޯދަނީ..........."

"ސެފްރަން ހައިޑް އެންޑް ސީކް ކުޅޭނެހެން އާރްޔާއަށް ހީވޭތަ؟ ހީޒް އެ މެޗުއާ ގައި. އަދި ކިންގްއަކަށް ވާން އެއުޅެނީ. އާރްޔާމެން ކުޑަކުދިން ކުޅޭ ކުޅިވަރުތައް އޭނައެއް ނުކުޅޭނެ....." ޕަރީ ފާޑަކަށް ހުރެފައި ބުނެލިއެވެ.

"ޕަރީ ހާދަ ރުޅިގަދަވެފައި...." ސޯރާ ކިޔައިލިއެވެ.

"ދޭ ހޭޑް އެ ކްލޯޒް ރިލޭޝަންޝިޕް. ޕަރީ މަސްޓް ބީ ހާޓް ބްރޯކެން...." އާރްޔާ ސޯރާގެ ކަންފަތްދޮށުގައި ވައިއަޑަކުން ކިޔައިލިއިރު ރިފްކާއާއި ޕަރީ ކަޅިޖަހާނުލާ ބަލަން ތިއްބެވެ.


***

ޒޭބް ފެންޑާގައި ކުރިކަނޑާލަ ކަނޑާލާ ހުއްޓާ އާރްޔާއާއި ތިން އެކުވެރިން ފަރުބަދަމަތިން އަރައިގެން އަންނަތަން ފެނުނެވެ. އާރްޔާ ބެކްޕެކް އަޅުވައިގެން ހުރިއިރު އެހެންކުދިން ތަންމަތިއާއި ފޭލިގެފަދަ ބަރު އެއްޗެހި ކޮނޑަށް ލައިގެންނެވެ. ޒޭބްގެ އިޝާރާތަށް އެހެން ކުދިން އެތެރެއަށް ވަނެެވެ. އޭނަ ރުޅިވެރިކަމާއެކު އާރްޔާގެ ކޯތާފަތުގައި އިނގިލިޖެއްސިއެވެ.

"އަހަރެންގެ ހުއްދަނެތި ގަނޑުވަރުން ބޭރަށް ނުކުމެގެން ނުވާނެ......."

"އެހާ ދުރަށް ނުދަން......." އާރްޔާ އަދަބުވެރިގޮތަކަށް އިސްޖަހާލައިގެން ހުއްޓެވެ.

"ކުޑަކުޑަކުއްޖެއް ލަދެއްވެސް ނުގަނޭތަ؟ ބާލިޣުވެސް ނުވާކުއްޖެއް ފިރިހެނުންނާއިހެދި އުޅެންޖެހޭތަ؟ ސެފްރަންއަށް މޮޔަވެގެެން އާރްޔާ ތިއުޅެނީ. އަހަންނަށް ނޭގެނީއެއް ނޫން. ހަމައެކަނި އޭނަގެ ތަސްވީރުތައް ކުރެހެން ވީ؟" ޒޭބް އަރްޔަގެ ދަތްދޮޅީގައި ހިފާ އުފުލާލާފައި އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ. ހުޅުވާފައި ހުރި ދޮރުތަކުން ވަންނަ ފިނިފިނި ވިލާތަކުން އާރްޔަ ހީކަރުވާގޮތް ވިނަމަވެސް ޒޭބްގެ އަނދަ އަނދާ ހުރި ހޫނު އަތްތިލައާއި އެ ޖިސްމުން އަރާ ހޫނުކަމުން ހީފިލިއެވެ.

"ވަޓް އާ ޔޫ ޓޯކިން އެބައުޓް؟ ތިބުނި އެއްޗެއް އަންޑަސްޓޭންޑެއް ނުވި. ހީޒް މައި ފްރެންޑް. އެހެންވެ ތަސްވީރު ކުރަހަނީ. ތަންކޮޅެއް ކުރަހަން ފަސޭހަ ހިތްގައިމު ފީޗާސްތައް ހުރީމަ ކުރެހުންތެރިންނަށް އެކަހަލަ މޮޑެލްސްއިން ކުރަހަން ފަސޭހަވާނެ....." އާރްޔާ ހިނިގަނޑު ނުހިފެހެއްޓި ހެވެން ފެށުނެވެ.

"އާރްޔާއަށް ރަގަޅަކަށް މިބުނީ. އިންސާނަކަށް ޖިންނިއަކު ދެކެ ލޯބިވެވުމަކީ އެކުއްޖެއްގެ ބަދުނަސީބުކަމުގައި ނޫނީ ނުވާނެ. އޭނައާއި ދުުރުން އުޅޭ. ސެފްރަންއާއި އާރްޔާ ގުޅޭނެ އެއްވެސް ފުރުސަތެއް ނެތް.........." ޒޭބް ހިނިތުންވެލިއެވެ.

ޒޭބްއަކީ ބައިޕޯލާ ޖިންނިއެއް ހެއްޔެެވެ؟ އެއްގަޑީގައި ރުޅިގަދަވެ އަނދަ އަނދާ ހުރެއްޖެއްޔާ އަނެއްގަޑީގައި އެންމެ ފުރިހަމަ ނަމޫނާ ޝާހީ ރަސްދަރިކަނބަލެކެވެ.


***

ފަނޑު އަލިކަމެއް ވެރިވެފައިވާ ހޯލުތެރޭގައި ދޫލަމަތީ ކުޝަންތައް ޖަހާފައިވާއިރު އަޒްކީލްއާއި ޒޭބް ކުޝަންތައް މަތީ އޮށޯވެލައިގެން އަރާމްކޮށްލަން ތިބިއިރު އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައެވެ. އަޒްކީލްގެ ފަރާތުން ލިބޭ ލޯތްބާއި އޯގާތެރިކަމުން އޭނަގެ އާއިލާގެ މަތިން ހަދާން ނައްތާލާ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ ހިތްވަރު ލިބިފައިވިއެވެ.

"އާނ މަގޭ ފުރާނައާ. ތިހީކުރެވުނީ ރަގަޅަށް. ގަންދީޝާއަކީ އަހަރެންގެ ދޮންމަންމަ. އަހަރެމެން ހުރިހާ ފިރިހެންކުދިން ކުޑައިރު އަސްލު މަންމަގެ ޖާރިޔާއަކަށް ގަންދީޝާ އުޅުނީ. މަންމައަށްވުރެ ބޮޑަށް ކުދިން އޭނައާއި ދޯޅުވާނެ. އަހަރެމެން ލައްވާ މަންމަ ކިޔުއްވާނެ. ފެށުނީއްސުރެން އެކަން އެހެން އޮތީ. މަންމަ މަރުވިއިރު ބައްޕަ ގަންދީޝާއާއި ކައިވެނިކުރަން ވަސިއްޔަތްކުރުވި. އެކަމަކު އެންޖެލާއާއި މިރިއަމްގެ އުފަން މަންމައަށް ވުމުން އެކުދިންނަށް ޚާއްސަަކަމެއް ބަހައްޓާ. އަހަންނަށް ރަސްކަން ދޭން ބާރުއެޅިޔަސް އެއަށްވުރެ ސެފްރަންއަށް ރަސްކަން ލިބުމަށް އެދި މަންމަ ދުޢާކުރާނެ........." އަޒްކީލްގެ ފަރާތުން އެ ސިއްރު ހާމަވުމުން ޒޭބް ހައިރާންވިއެވެ.

"ހާދަ ސިއްރުވެރިއޭ....." ޒޭބް އެސްފިިޔަތައް ތިރިކޮށްލިއެެވެ.

އަޒްކީލްގެ ކިތައް ސިއްރު މިގޮތަށް ފޮރުވާފައިވޭ ހެއްޔެވެ؟

"އެއީ އެހާ މުހިއްމުކަމެއް ނޫނެއްނު. އަހަރެމެންގެ މަންމަގެ މަގާމުގައި ހުރީ ގަންދީޝާ. ޒޭބް އާއިލާއާއި ވަކިން ބިންމަތީ އުޅޭތީ ބައެއްކަންތައް ނޭގި އޮތީ. މާޒީގެ ވާހަކަ ދެއްކުމުގެ މާނައެއް އަހަންނަށް ނުފެނޭ. ރުޅިއައީތަ ޒޭބް ޕަރީ.........." އަޒްކީލް އެހިއެވެ.

"ކިތަންމެ ގިނަ ސިއްރުތަކެއް ހުއްޓަސް ހެވޭ. މަރުވަންދެން އެކީގައި އިރާދަކުރެއްވިއްޔާ ހުންނާނަން. ތެދުވެރި ލޯތްބެއް ވެވުނު ފަރާތާއެކު މުސްކުޅިވާންދެން އެކީގައި އުޅެ ގިޔާމަތްދުވަހުންވެސް އެކީވުމަށް ދުޢާކުރަން......" ޒޭބް އަޒްކީލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.


***

ހަފްތާއެއް ވޭތުވެގެން ދިޔައީ ހަލުވިކަމާއެކުގައެވެ. ސެފްރަންގެ ހަށިގަނޑުގައި ފިހި ކަޅުވެފައިވާ ތަންތަން ކޮންމެވެސް ވަރަކަށް ރަގަޅުވެ ތެދުވެ އުޅެވޭވަރުވެއްޖެއެވެ. އޭނަ ސަލާމަތްކޮށްދިން މަޚުލޫގުއާއި ދެމީހުންނަށް އަދި ހަމަޖެހިލައިގެން ވާހަކަދައްކާލާނެ ފުރުސަތެއްވެސް ނުލިބެއެވެ. ސެފްރަން ގައިގާ ސާލު އޮޅާލައިގެން މަޑުމަޑުން ހިނގާލާފައި ހޮހަޅައިން ބޭރަށް ނުކުތެވެ.

އޭރު މަޚުލޫގު އުޑާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެލާފައި ހުރިއިރު ދެލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނެއެވެ.

"ކީއްކުރަނީ؟ " ސެފްރަން އެހިއެވެ.

"ދުނިޔެ ކިހާ ހިތްގައިމު. އުޑު. މި ފަރުބަދަތަކާއި ކޯރުތައް އަދި ވާދީތަކާއި ގަސްތަކުންވެސް މިފެންނަނީ ކުޅަދުންވަންތަކަން. އިންސާނުންގެ ޚިދުމަތުގައި މިހުރިހާ ތަކެތި ލައްވާ އިންސާނާ މާތްކުރައްވާފައިވޭ..އެކަަމަކު އަހަރެމެން ގިނަމީހުން އެކަމެއް ނުދަނޭ. ޣާފިލުކަން މަތީ ތިބެ ނިމިގެން ދަނީ...................." އޭނަ ހިލަގަނޑުގެ މަތީ އިށީދެ އަތުގައިވާ ފިޔޮހި ތޫނުކުރަން ފެށިއެވެ.

ސެފްރަން ވިސްނުންތެރިކަމާއެކު އޭނަ ލާފައި ހުރި ބާ ހެދުންގަނޑަށް ނަޒަރު ހިންގައިލިއެވެ. ހިރަފުހުން އަޅިވެފައިވާ ދެފައިތިލައިގާ ފައިވާނެއް ނެތެވެ. އެކަަަމަކު ހިނިތުންވެލާއިރު ރަސްކަލަކަށްވުރެ އުފާވެރި މީހެއްހެން ހީވެއެވެ. އެ މަޚުލޫގުގެ ހަރަކާތްތަކަށް ބަލަން ހުރިއިރު ހިތް ތައުރީފުކުރިއެވެ. އޭނައަށް ދޭނެ ނަމެއް އެވަގުތު ސިކުނޑިއަށް އައެވެ.

"މިއަދުން ފެށިގެން އަހަރެން ނަމެއް ދީފިން......"

"އަހަންނަށްތަ؟ " މަޚުލޫގު ހީލިއެވެ.

"ޔަޒްދަން........" ސެފްރަން ކިޔައިލިއެވެ.

"ޔަޒްދަން؟ ތީ އަހަރެން ދުވަހަކު އަޑުއެހި ޒާތުގެ ނަމެއް ނޫން..." މަޚުލޫގު ކުރަން އިން މަަސައްކަތް ހުއްޓާލާފައި ސެފްރަންގެ މޫނަށް ބަލަން އިނެވެ.

"އަސްލު ޔަޒްދަންޔާރު ކުރުކޮށްލާފައި އަހަރެން މި ބުނީ....."

"އެ ނަމުގެ މާނައަކީ ކޮބާ؟ " އޭނަ އެހިއެވެ.

"މަލާއިކަތުންގެ އެކުވެރިޔާ........."

ޔަޒްދަންޔާރުގެ ހިނިތުންވުން ފުޅާވެގެން ދިޔުމާއެކު ސެފްރަންގެ މޫނަށް ބަލައިލިއެވެ. އެއާއެކު ކުއްލިއަކަށް އޭނަ ލޯ ކުޑަކޮށްލާފައި ވަށައިގެން ހޯދާލަމުން ތިރިވެ ބިންމަތީ ކަންފަތް ޖެހިއެވެ. ތެދުވެފައި އަވަހަށް ސެފްރަންގެ އަތުގައި ހިފައިގެން ހޮހަޅައާއި ދިމާލަށް ހިނގައިގަތީ ކޮންމެވެސް ބިރުވެރިކަމެއްވާން އުޅޭކަމަށް އޭނަގެ ހިއްސުތައް ރަތް އިންޒާރުދޭން ފެށުމުންނެވެ.

"އެމީހުން އެބައާދޭ...."

(ނުނިމޭ...)

ކޮމެންޓް 0