ގަންދީޝާ ހޮހަޅައިން ނުކުމެގެންގޮސް ގަސްކަރަމަތިން ގެއްލުމާއެކު އެލިއަސް އެތެރެއަށް ވަދެ އެއްފަރާތުގައި ނިވާވެލައިގެން ޔަޒަދަންޔާރުގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
"މިމީހާއަކީ މޮޔައެއްކަން ނޭގޭ. ހެދުން އަޅާފައި ހުރި ގޮތެއް. އިންސިންވެސް އުޅޭ ގޮތެއް ނޫނެއްނު.........." އެލިއަސްގެ ސިކުނޑީގައި އެކި ކަހަލަ ޚިޔާލުތައް އެނބުރެންފެށިއެވެ. ކުއްލިއަކަށް ޔަޒްދަންޔާރު ބުނެލި ޖުމްލައިން އެލިއަސް ޖިންނިއަކަށް ވިޔަސް ލޯ ބޮޑުކޮށްލެވުނެވެ. ހައިރާންވެ އަންތަރީސްވިއެވެ.
"އެންޖެލާއަކީ މަގޭދަރިއެކޭ ބުނެ ގަންދީޝާ މަށަށް ދޮގު ހަދާފާނެތަ. އެދަރިފުޅު ހުރިތަނަކުން ހޯދާފައި ނޫނީ ހުއްޓާނުލާނަން އިރަދަކުރެއްވިއްޔާ. އެކަމަކު މަށަކީ ނިކަމެތި އިންސާނެއް. ހަތް ބިލިއަންއަށްވުރެ ގިނަ އިންސާނުންގެ ތެރެއިން އެކުއްޖާ ހޯދާނެ ގޮތެއް ބުނެދީބަލަ. އެކަމަކު މާތްﷲ މަގެއް ދައްކަވާނެ. އެތައް އަހަރަކަށްފަހު މަގޭ ލޯބިވާ ގަންދީޝާއާއި ބައްދަލުވާންވެސް އިރާދަކުރެއްވީ. ދިގު އިންތިޒާރެއްގެ ނިމުން ކިހާ ފޮނި. މަގޭ ޖީލް ދަމަހައްޓާނެ ދަރިއަކުވެސް ލިބިއްޖެ. ނޫންތަ ..." ޔަޒްދަންޔާރު އޭނަ ގެންގުޅޭ ކުޑަ ބުޅަލުގެ ބޮލުގައި ފިރުމާފައި ވާހަކަދެއްކިއެވެ. ބުޅާ އަޑެއް ލައްވައިލުމުން އޭނަ ބޯ ޖަހާލާފައި ހީލިއެވެ. އެއަށްފަހު ވުޟޫކުރަންފެށިއެވެ.
އޭނަ ހޮހަޅައިގެ ހިލަ ބިމުގައި ނަމާދުކޮށް ސަޖިދަޖެހިއެވެ. އަޅުކަން ނިމެންދެން އެލިއަސް އިންތިޒާރުކުރިއެވެ. އެއަށްފަހު ކުރިމަތިން ފައުޅުވިއެވެ.
"ޚާތިިމް......" އެލިއަސް އޭނަގެ ނަމުން ގޮވައިލިއެވެ.
"ޔަޒްދަންޔާރުގެ ނަމުން ގޮވާބަލަ. އަހަންނަށް މިހާރު އެނަން އެކަނި ކަމުދަނީ. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ދިން ނަމެއްވީމަ..." ޔަޒްދަންޔާރު އެލިއަސް އިށީންނަން އިޝާރާތްކޮށްފައި ސައި ހަދަން އަވަސްވެގަތެވެ. ދެތަށި ސަޔާއެކު ވަކަރު ބޯތަށްޓެއްގައި ލައިގެން ކާނެ އެއްޗެއްވެސް ބެހެއްޓިއެވެ. މަޑުމަޑު އަލިކަމެއް ފައުޅުވަމުން ދިޔައީ ހޮހަޅައިގެ ބިތުގައި ހުރި ބައްތިތަކުންނެވެ.
"ޔަޒްދަންޔާރު. މިއައީ މުހިއްމު ވާހަކައެއް ހިއްސާކޮށްލަން. އެހަ ޚާއްސަ ފަރާތެއްގެ އަނދިރި ފަރާތް ހާމަކުރުމަކީ ފަސޭހަކަމެއްނޫން. ނަމަވެސް ކުށުގެ ބައިވެރިޔާއަށް އެނގެން ޖެހޭނެކަމަށް ގަބޫލުކުރަން............." އެލިއަސް ވާހަކަ ފެށިއެވެ.
އެލިއަސްގެ ވާހަކަތައް އަހަން އިން ޔަޒުދަންޔާރަށް ލިބުނު ހިތްދަތިކަމަކާއި ފުން އަސަރުތައް އޭނަގެ ދެލޮލަކުން ނުފެނުނެވެ. ގަންދީޝާގެ ނުބައި ނުލަފާކަމާއި ބޭވަފާތެރިކަން އޭނަގެ ލޯ ހުޅުވައިލަދިނީކަން ނޭގެއެވެ. އިންސާނާގެ ހިތް ބަދަލުވާކަށް ފަޅި ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. އެލިއަސް ބުނިގޮތުން ރަސްކަމާއިހެދި މޮޔަވެގެން އޭނަގެ މަންމަގެ ޖާރިޔާއެއްގެ ގޮތުގައި ހުރެ ގަންދީޝާ މަންމަ މަރައިލީއެވެ. ދާރިންއަށްވެސް ޒަހަރުދިނީއެވެ. އަޒްކީލް އެ ހާލުގައި އޮތްވާ ޒަހަރުދޭން އުޅުނުކަން ފަޅާއެރީ ދާދި ފަހުންނެވެ. ގަންދީޝާ ޔަޒްދަންޔާރަށް ދޮގު ވައުދުތަކެއްވީއެވެ. ރަސްކަމަށްވުރެ މުހިއްމު އެއްޗެއް އޭނައަކަށް ނެތެވެ.
"ޔަޒްދަންޔާރު މި ވާހަކަތައް ގަބޫލުކުރިޔަސް ނުކުރިޔަސް ހެޔޮ. ގަންދީޝާ ދުލުން އިއުތިރާފު ވާ އަޑުއަހަން ޝަރީއަތުގެ މަޖިލީހަށް ހާޟިރުވާން ބޭނުމިއްޔާ އަންނަންވީ. އަދި ޔަޒްދަންޔާރުވެސް ޝާހީ ހަކީމްފަދައިން ބޭބެ މަރައިލަން އެކަމުގައި ބައިވެރިވަނީކަން މަށަށް އެނގޭ.."އެލިއަސް ޔަޒްދަންޔާރައި ހަތަރުކަޅި ހަމަކުރިއެވެ.
"އަހަރެން ﷲ ގަންދީ ހުވާކުރަން. ސެފްރަން ކައިރިން އަހާލިޔަސް އެނގޭނެ. އަހަންނާއި ގަންދީޝާގެ ގުޅުމެއް އޮތަސް ތިކަމާއި ބެހޭގޮތުން އޭނަވެސް ވާހަކައެއް ނުދައްކާ. ސެފްރަން އަޒްކީލް މިތަނަށް ގެނައިއިރު ވަރަށް ބޮޑުވަރުވެފައި އޮތީ...." ޔަޒްދަންޔާރު އެދުވަސް މަތިން އަދި އަދަށް ދާންދެން ހަނދާން އެބަހުއްޓެވެ. ސެފްރަންއާއި އެކުވެރިން އަޒްކީލްއަށްޓަކާ ގުރުބާންވި ފަދައެވެ. ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށްފަހު އަޒްކިލްއަށް ފަރުވާދިނުމަށް ފުރުސަތު ދޭން އެދުނެވެ.
"އަޒްކީލްއަށް ކަމެއް ވެއްޖެއްޔާ އަހަރެންގެ ފުރާނަ ހިބައިން ދީފާނަން..." ޔަޒްދަންޔާރު އެވަރުގެ ޔަގީންކަމެއް ދިނުމުން އިތުބާރުކުރަން އެލިއަސް ނިންމިއެވެ.
"ބޭބެ އޮތީ ސިއްރު ތަނެއްގައި. އަހަރެން ޔަޒްދަންޔާރު އެތަނަށް ގެންދާނަން. އެތާ އަހަރެންގެ ލަޝްކަރު ފާރަވެރިންނަށް ތިބޭނެ. ބޭބެއަށް ކިރިޔާ ކަމެއް ވިޔަސް ސަލާމަތުން އެތަނުން ނުނިކުމެވޭނެ..........."
އެލިއަސް ޔަޒްދަންޔާރުގެ ލޮލުގައި ފޮތިގަނޑެއް ބަދެލިއެވެ.
***
އާރްޔާގެ ނަޒަރު އެންމެ ފުރަތަމަ އަމާޒުވީ ޒޭބްއާއެވެ. ޒޭބް ލޮލަށް ހަދައިލިގޮތުންވެސް އާރްޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެނދުގެ އެއްފަރާތުގައި ފާރަށް ލެނގިލައިގެން ހުރި ލޫސިއަސްގެ ބޯ ސީލިންގައި ޖެހިދާނެފަދައެވެ. އާރްޔާ ތެޅިތެޅިވާ ހިތަކާއެކު ގާތުގައި އޮތް ސެފްރަންއަށް ބަލައިލިއެވެ. ބަންޑުން ކަހަލަ ގޮތަކަށްއޮތްއިރު ބުރަކަށީގައި އައްސާފައިވާ ފޮތިގަނޑު ލެއިން ތެމިފައެވެ. ސެފްރަން މިއޮތީ މަރުވެފައިހެއްޔެވެ؟
"ސެފް. ސެފް......ވޭކް އަޕް..ޕްލީޒް އެއްޗެކޭ ބުނެބަލަ.." އާރްޔާ ސެފްރަންގެ އަތާއި މޫނުގައި ފިރުމަމުން ކުޑަކޮށް ތަޅުވައިލިއެވެ. ކަނދުރާގައި އަތްލެވުނީ ވިންދު ހުރިތޯ ބަލަންވެގެންނެވެ. އާރްޔާ ރޮމުން ސެފްރަންގެ އަތުގައި އެތައް ފަހަރު ބޮސްދިނެވެ.
"އާރްޔާ. ސެފްރަން ތިއޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި. މިހާރު ހަކީމެއް އެބައާދޭ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ....." އާރްޔާ އުޅޭގޮތް ފެނި ހަމްދަރުވީވެގެން ލޫސިއަސް ބުނެލިއެވެ. ލޫސިއަސްގެ ޚާއްސަ ހަކީމަކު އޭނަ ގެންނަނީ މިތާ ބޭސްވެރިންނަށް އޭނަގެ އެއްވެސް އިތުބާރެއް ނެތީތީއެވެ.
"އާރްޔާ. ސެފްރަންގެ އާއިލާ މީހުން ޚާއްސަކޮށް އޭނަގެ ބޭބެގެ ކުރިމަތީގައި ތިހެން އުޅެން ލަދެއްނުގަނޭތަ؟ އެކްޓްނުކުރިޔަސް މޮޔަވެފައިކަން އެނގެއޭ... ޗީ ދެން ވަރަށް ފޫހި. އިންސާނުން އުޅޭ ވައްތަރު. ސެފްރަން ދެނެއް ނުފެންނާނެ. މިއުޅެނީ އަހަރެމެންގެ ބިމަށް ގެންދަން. ދުވަހެއްގެ ކޮޅުންވެސް ނުފެންނާނެ..............." ޒޭބް އާރްޔާއާއި ދިމާލަށް ބުނެލިއެވެ.
ލޫސިއަސް މިފަހަރު ޒޭބްއާއި ވާހަކަދެއްކީ އެހެން ބަހުރުވައަކުންނެވެ. ބެންތިކް ޖިންނިންނާއި ތަފާތު އަދި ރީތި ބަހެކެވެ. ރާގުވެސް މުޅިން ތަފާތެވެ. ދެމީހުން ދޭތެރޭ ބަދަލުކުރެވުނު ބަސްތަކުން ލޫސިއަސް ހުރީ ނުރުހިފައިކަމައި ޒޭބް ލަދުގަނެ ދެރަވިކަން މޫނަށް ވެރިވީ ކުލަތަކުން އެނގުނެވެ. ޒޭބް އިސްޖެހިފައި ހުރެ އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. ލޫސިއަސް ބަލަން ހުރެފައި ކުޑަކޮށް ހީލިހެން އާރްޔާއަށް ހީވިއެވެ. ގޯސްކަމެއް ކުރުމުން މައިންބަފައިން ކުޑަކުއްޖަކަށް އަޑުލާފައިވެސް އެކުއްޖާ އަދަބުވެރިވުމުން ވާނީ އެފަދަގޮތެކެވެ. ލޫސިއަސް އޭނަގެ ކޮއްކޮ ދެކެ ލޯބިވާކަން އާރްޔާ ދަނެއެވެ. އެލޯބި ނުލިބެނީވެސް ސެފްރަންއަށެވެ.
ޝާހީ ހަކީމް އައުމުން ލޫސިއަސް އާރްޔާ ގާތު އެދުނީ ބޭރުގައި މަޑުކޮށްލުމަށެވެ. އާރްޔާއަށް އެ މަންޒަރުތައް ބަލަން ކުޅަދާނަ ނުވާނެތީއެވެ.
އާރްޔާ ދުޢާކުރަން މުސައްލަމަތީ އިނުމަށްފަހު ބޭރަށް ނުކުތެވެ. ބާލު ޚާނާގެ ފާރަށް ލެނގިލައިގެން ހުރިއިރު ކަރުނަ ހިކިފައި ހުއްޓަސް މޮޅިވެރިކަމުގެ ތަސްވީރެއްފަދައެވެ.
"އާރްޔާއަށް އެނގޭނެއްނު. ދުނިޔޭގައި ދިމާވާ ކޮންމެކަމަކީ އިމްތިހާނެއް. ޕްރޮފެޓްސްއިންނަށް އެންމެ ގިނައިން ބުރަތައް އުފުލަން ޖެހުނީ. ސޯ ބީ ޕޭޝަންޓް. ދެރަގޮތެއް ނުވާނެ. އިރާދަކުރެއްވިއްޔާ ފެމިލީއާވެސް މީޓްވާނެ. އެވެސް ސެފްއާއެކު....." އާރްޔާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ބަހާރުގެ ރީތި މާމެލާ މެއްޔާއި އުދުހޭ ކޮކާއާއި ފިނިކަން ހިފާފައިވާ ޖައްވަށް އިރުކޮޅަކަށް ގެއްލުނެވެ.
"އާރްޔާ މިހިރީ ކާނާ. ލޫސިއަސް މެހުމާންދާރީ އަދާކުރަން މޮޅުވާނެ. އާރްޔާމެން ގެ އަމިއްލަ ގޭގައި އަހަރެން މިޖެހުނީ ނޯކަރަކަށްވާން.." ޒޭބް އުޅެނީ އާރްޔާއަށްވުރެ ކުޑަކުއްޖަކު އުޅޭ ގޮތަށެވެ. ތުން އަނބުރާލާފައި ދާން ހިނގައިގަންނަމުން ފިޔަގަނޑުން އާރްޔާގެ ގައިގާ ޖެހިއެވެ. އަތަށް ތަދުވެގެން އަނެއް އަތުން ހިފަހައްޓާލެވުނެވެ.
"މީ ހަމަ އާރިޒްބެ އާއެކު ކުޅެން އުޅުނުކަމަށް ދައުވާ ކުރާ ޒޭބް. ޒޭބް ދައިތަ ގަނޑު..........................." އާރްޔާ ތަބަކުގައި ހުރި ކާއެއްޗަށް ބަލައިލިއެވެ.
ލޫސިއަސް ބުނެގެން ގެނައި ކާ އެއްޗެއް ވިއްޔާ ކާން ޖެހޭނެއެވެ. ގައިގާ ވަރުޖެހޭނީވެސް އޭރުންނެވެ. ނޫނިއްޔާ އޭނަ ބަލިކަށިވެދާނެއެވެ.
"ބިސްމިއްލާހި ރަހުމާނިއްރަހީމް..." އާރްޔާ މަޑުމަޑުން ބިސްމި ކިޔާލާފައި ރިޒުގު ދެއްވި ކަމަށްޓަކާ ޝުކުރުވެރިވިއެވެ.
***
ގަންދީޝާއާއި ޒުއްނޫރީން އަދި ކާރލީން ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއެވެ.
"ކޮންމެވެސް ކަހަލަ ޝައްކެއް ކުރެވިގެން އެލިއަސް އަޒްކީލް ސިއްރުތަނަކަށް އެގެންދިޔައީ. ދެން މަށަށް ފެންނަނީ ކާރލީންއާއި އެލިއަސްގެ އެކުވެރިކަން ނިމުމަކަށް ގެނެއްސަ ޖަލްޖާލޫތުގެ އާއިލާ އެއްކޮށް ނިންމައިލުން. އޭރުން ކާރލީންއާއި ކާރމަންއަށް މި ބެންތިކް އައިލެންޑްގައި ވެރިކަން ކުރެވޭނެ..އަޒްކީލް އޮތްތަން އަހަރެމެން ހޯދާނަން. ފޮރުވައިގެނެއް ނުގެންގުޅެވޭނެ........" ގަންދީޝާ ބުނެލިއެވެ.
އެންމެ ހައިރާންވަނީ ޔަޒްދަންޔާރަށް ވީނުވީއެއް ނޭގި ގެއްލުނީމައެވެ. އެލިއަސް ޔަޒްދަންޔާރު މަރައިލީހެއްޔެވެ؟ ނޫނީ އަޒްކީލްއަށް ފަރުވާދޭން ގެންދިޔައީބާވައެވެ. މައްސަލައަކީ އޭނަ ގާތު ނުބުނެ ޔަޒްދަންޔާރު ވަކިވީކަމެވެ.
"ގަންދީޝާ ތިބުނީ ރަގަޅަށް. ކާރލީން ދަރިފުޅާ. އަޒްކީލް އޮތްތާކުން ހޯދާފައި އެ އާއިލާ އެއްކޮށް ނައްތާލާ......" ޒުއްނޫރީންވެސް ދަރިފުޅަށް އަމުރުކުރިއެވެ. "ދެރައީ އަހަރެމެންގެ ކާރމަންގެ ސިކުނޑީގައި ތެތްކަމެއް ނެތީމަ."
"އަހަރެން ކޮއްކޮއަށް ވިސްނައިދޭނަން. އޭނަ އަހަރެމެންނާއި ބައިވެރި ނުވެ މިކަމަށް ހައްލެއް ނުހޯދޭނެ......." ކާރލީން ބޯ ހޫރައިލިއެވެ.
***
އެލިއަސް މަޖިލީހުގެ ފަޑިޔާރުންނާއި ބައްދަލުކޮށް ރަސްމީކޮށް އޭނަގެ މައްސަލަ ޝަރީއަތަށް ހުށަހެޅިއެވެ. ކުށްވެރިންގެ ލިސްޓުވެސް ދިނެވެ. ވީހާވެސް އަވަހަށް ޝަރީއަތްކޮށް ކުށްވެރިންނަށް ސަޒާދޭން އޭނަ އެދުނެވެ.
އެލިއަސް އާއި އޭނަގެ ފާރަވެރިޔަކު ޝިކާރައަށް ނުކުމެފައި ގޮސް މަޑުކޮށްލީ އަޒްކީލްއޮތް ސަރަހައްދުގައެވެ. އެތަނުގެ އަޑީގައިވާ ގަނޑުވަރުގައި އަޒްކީލްއަށް ޔަޒްދަންޔާރު ފަރުވާދެމުންގޮސް މިހާރު އަޒްކީލް ކުރިއަށްވުރެ ރަގަޅެވެ. ނަމަވެސް ވާހަކަދެއްކޭ ވަރެއްނުވެއެވެ. ޒަޚަމްތައް ހަލުވިކަމާއެކު ފަސޭހަވެ ކުރިން ހުރި ރީތިކުލަ އަރަންފެށިއެވެ.
އެލިއަސް އަލިފާންގަނޑުން ފިހުނު މަސްތައް ކާން ފެށިތަނާ އެތަނަށް އާދުއާއި ކާއިން ނުކުތެވެ. އެއް އިރެއްގައި ދަންނަ އެކުވެރިންނަށް ވިޔަސް މިހާރު އެދޭތެރޭގައިވަނީ ދުޝްމިންކަމެވެ. އެހާ އަވަހަށް އެލިއަސްއަށް ކަނޑިއާއި ހަމަޔަށް އަތްފޯރުވުނުއިރު އޭނަގެ ހަށިފާރަވެރިޔާ އެއަށްވުރެ ކުރިން ރުޅިވެރިކަމާއެކު ހަމަލާދިނެވެ.
"ހުއްޓާލާ.." އެލިއަސް އަމުރުކުރުމުން ފާރަވެރިޔާ ކަނޑި ތިރިކުރިޔަސް އޭނަ ހުރީ ރުޅިން ފުފިފައެވެ.
"ކީއްކުރަން ތިއައީ؟ " އެލިއަސް އެހިއެވެ.
"އަޅުގަނޑުމެން މިއައީ އަޒްކީލް ވީ ތަނެއް އޮޅުން ފިލުވަން. ސެފްރަން އަންގާފައި އޮތީމަ....................." އާދު ބުނެލިއެވެ.
"އަޒްކީލްއަށް ކޮންކަމެއްހޭ ކޮށްދިނީ. ހެޔޮއެދޭކަމަށް ހެދިގެން ދުޝަމުންގެ ތެރެއަށް އެއްލާލާފައި އައިއިރު އަދި އަހަންނަށް ހަގީގަތް ކިޔާދޭކަށް ނޭގުނު. އަޒްކީލް މަރައިލަން ހަމަލާދިނީ ކޮންބަޔެއްކަން އެނގިހުރެ އެކަން ފޮރުވީ ކީއްވެ؟"
"އަޒްކީލް ބަލަން ހުރި މޯޝޭ އަކީ އަހަރެމެންގެ މީހެއް. އެލިއަސް މާ އިތުބާރުކޮށްގެން ފާރަވެރިޔަކަށް ބަހައްޓާފައި ހުރީ ގަންދީޝާގެ އަޅެއް. އަހަރެމެން އޭނަ ޖަލަށް ލައިފިން. އެލިއަސް ގާތު ސިފަ ބަދަލުކޮށްލައިގެން ތިއިނީ މޯޝޭ. އެވަރުން އަހަރެމެން އަޒްކީލްގެ ސަލާމަތާއި މެދު ވިސްނާވަރާއި ދޫކޮށްނުލާނެކަން އެނގޭނެކަމަށް ހީކުރަން..." އާދުގެ ޖުމްލައާއެކު މޯޝޭ އޭނަގެ އަސްލު ސިފަޖެހުމަށްފަހު އާދުމެން ގާތަށް ޖެހިލުމުން އެލިއަސް ސިހުނެވެ.
***
ސެފްރަންގެ އަތުގައި ހިފަހައްޓާލައިން އިން އާރްޔާ ކިތަންމެ ހިތްވަރުކުރިޔަސް އިރުކޮޅާ ލޮލުން ކަރުނަ ފައިބައިގަނެއެވެ. ސެފްރަންގެ ހުން ފިނކުރަން ފެންފޮތިލަމުން ދިޔައިރު އެ މަންޒަރު ލޫސިއަސްއާއި ޒޭބްއަށްވެސް ފެނެއެވެ. ލޫސިއަސް އާރްޔާއާއި ބޭސް ހަވާލުކުރިއެވެ. ބޭސްދޭންވާ ގޮތް ބުނެދިނެވެ.
"އާރްޔާ ނުރޮއި. ލޯބިވާ ދެފަރާތް ވަކިކުރެވޭނެ ބާރެއް މާތްﷲ ފިޔަވާ ނުވޭ. ޔަގީނުންވެސް އަހަރެންނަށް ވެވުނުހާ އެހީއެއް ވާނަން.. ހިތްވަރުކުރައްޗޭ.." ލޫސިއަސް އޯގާތެރިކޮށް ވާހަކަދެއްކުމުން ވަކިން ބޮޑަށް އާރްޔާއަށް ރޮވުނެވެ.
"ސެފްއަށް ރަގަޅުވާނެތަ ޕްރިންސް ލޫސިއަސް..." އާރްޔާ ސުވާލުކުރިއެވެ.
"އިރާދަކުރެއްވިއްޔާ. މިހާރު ނިދިފައި އޮތީ. ހަކީމް ޒަޚަމްތަކުގައި ބޭސް އަޅާފައި ދުރުވީ. ހޭލެވުނީމަ ބޭސްދޭށޭ ބުނުއްވި. އެހާ ގިނައިން ލޭއައީމަ ތަންކޮޅެއް ވަރުދެރަވީ. ނަމަވެސް ފުރާނަ ނުރައްކަލުން ބޭރުވެފައިވާކަމަށް އޭނަ ބުނުއްވި..." ލޫސިއަސް ހިނިތުންވެލިއެވެ.
އާރްޔާ ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލައިލަމުން ހިނިތުންވެލިއެވެ.
އާރްޔާ ސެފްރަންގެ އިސްތަށިގަނޑާއި ކުޅެލައެވެ. ނޫނީ އަތުގައި ފިރުމާލައެވެ. ގުދުވެ ނިތުގައި ބޮސްދެއެވެ. މަޑުމަޑުން ސެފްރަންގެ ނަމުން ގޮވައިލައެވެ. ސެފްރަން ލޯ ހުޅުވާލުމާއެކު އާރްޔާއަށް ބައްދައިލެވުމާއެކު ރޮވިއްޖެއެވެ.
"އަލްހަމްދުލިﷲ. އައި ވޯޒް ސްކެއަޑް. ސެފް ޔޯ ވިންގްސް. އައިމް ސޯ ސޮރީ ލަވް...ޒޭބް......ޒޭބްގެ ނުލަފާކަމުން...."
"ވިންގްސް ކަނޑާލިކަމަށްޓަކާ އަހަރެން ޒޭބްއަށް ޝުކުރުވެރިވަން. އެނގޭތަ އާރްޔާ. އެހެން ބަހަނާތަކެއް ދެއްކިޔަސް އަރްޔާގެ ފެމިލީ ގާތަށް ދާން އެންމެ ޖެހިލުންވި އެއް ސަބަބަކީ އެ ފިޔަގަނޑު. ބޮޑު މާސިންގާ ވަރައެއް ފޮރުވާނީ ކިހިނެއްތަ؟އެކަކުވެސް އިންސާނެއްކަމަށް ގަބޫލެއް ނުކުރާނެތާ. ވަގުތުން އިންސީންގެ ގިންތީގެ ތެރޭ ހިމެނޭ މީހެއްނޫންކަން އެނގި ފާޑުކިޔާނެ. އާރްޔާ ބައްޕަވެސް އަހަރެމެންގެ ގުޅުމާއި ދެކޮޅުހަދާނެ. މިހާރު އެފެމިލީ ގާތަށް ދިޔުމަށް ހުރަހެއް ނެތް. އެހެންވެ މިބުނީ ޒޭބްއަށް ނޭގިވެސް މިދެވުނީ ހަދިޔާއެކޭ. ގޯޑް ވޯކްސް އިން މިސްޓީރިއަސް ވޭއިސް. ވީމަ އަދި ވިންގްސް ކަނޑާލުމަކީ ލިބުނު ނިއުމަތަކަށްވެސް ވެދާނެ..............." ސެފްރަން ހިނިތުންވެލަމުން އާރްޔާގެ ކޯތާފަތުގައި ފިރުމައިލިއެވެ.
"ދެން ނުރޮއްޗޭ. ރުއިވަރު އަހަންނަށް ދެލޮލަށް ބަލާފައި އެނގިއްޖެ..ޕުއާ ލިޓްލް ތިންގް.............................."
"ކިހިނެއް ނުރޮއި ކެތްކުރާނީ؟ އައި ތޯޓް ޔޫ ވާ ލީވިން ސެފް. އެއަށްވުރެ ބޮޑަށް ހިތް ހަލާކުވާނެ އެހެން ސަބަބެއް އޮންނާނެތަ؟ ނެތް. ސެފްގެ ބަދަލުގައި އަހަރެން ވާނެ ނަމައޭ ހިތަށް އެރި އަހަރެންގެ އުމުރުގެ ހުރިހާ ދުވަސްތަކެއް ދެއްވުން އެދި ދުޢާކުރެވުނު...." އާރްޔާ ސެފްރަންގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. "އަހަރެން ނަދުރެއްވެސް ބުނިން. މައްސަރެއްވާންދެން ރޯދައަށް ހުންނަން ކަމަށް ނަދުރު ބުނިން."
"އާހް މައި ފްލާވާ. މިހާ ސްވީޓް މިހާ ލޯބި މިހާ ކެއަރިން ކުއްޖެއް މަށަށް ލިބުނީ ކިހިނެއް. ދުވަހަކު މިވަރަށް ލޯބިވާނެ ކުއްޖެއް ހަޔާތަށް އަންނާނެ ކަމަކަށް ހިޔެއް ނުކުރަން..........." ސެފްރަން އަރްޔާގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ. ސެފްރަން ލޯބިވާ ވާހަކަ އެތައް ފަހަރު ބުނެލިއެވެ.
ލޫސިއަސް ތަންކޮޅެއް ދުރުގައި ހުރިއިރު އާރްޔާ ދެއްކި ވާހަކަތައް އިވުނެވެ.
އެދޭތެރޭގައި އޮތް ވަރުގަދަ ލޯބި ލޫސިއަސްއަށް އިހުސާސްކުރެވުނެވެ. ރުއާނާއަށްޓަކާ އެހިތުގައި ހަމްދަރުދީގެ އޮއިވަރެއް ހިނގައިލިއެވެ. ރުއާނާއަށްޓަކާ އެހެން ދެލޯބިވެރިއެއްގެ އުފާވެރިކަން ނިގުޅައިގަންނާކަށް ލާހިކެއް ނޫނެވެ. ހިތާމައަކީ ރުއާނާގެ ހިތް ސެފްރެންއަށް ދެވުނުކަމެވެ. އެކަން ހުއްޓުވަން ލޫސިއަސް އަދިވެސް މަސައްކަތް ކުރާނެއެވެ.
***
ގަންދީޝާ ހައްޔަރުކޮށްގެން ގެންދާތަން ފެނި މިރިއަމްއަށް ރޮއިގަނެވުނެވެ.
"ކީއްވެ މަންމަ ތި ގެންދަނީ؟ "
"ދަރިފުޅާ މިރިއަމް ހިތްވަރުކުރޭ. ބޭ އިންސާފުން ކުރާ ކަންތައްތަކާއި ކެހިވެރިކަމާއި މަކަރުވެރިކަމަށް ގޮންޖަހާ އަދި ކުރި ހޯދާނަން...." ގަންދީޝާ ޔަގީންކުރީ މިއީ ސެފްރަންގެ އަމަލެއްކަމަށެވެ. އޭނަގެ ހުރިހާ ނުބައި އަމަލެއް އެލިއަސްއަށް ބޭޒާރުވެ ޝަރީއަތް ކުރުމަށް ތައްޔާރުވަމުންދާ ކަމެއް އޭރު ރޭކާނުލިއެވެ.
"އަހަރެން އެ ސެފްރަން މަރާލާނަން.." މިރިއަމް ދަތްތައް ކާރުވައިގަނެފައި ލޯ އަޅައިލިއެވެ. އެއ ޒަމާނެއްގައި ލޯބިވެވުނުކަމުގެ މޮޔަހީވިއެވެ. އޭނަގެ ލޯބީގައި ކޮޅުފައިން ޖަހާ ބަދުނާމުކޮށް ނުވީތާކަށް ބަލާބޮޑުކުރި މަންމަވެސް ނިކަމެތިކޮށްލީއެވެ. އަތުޖެހިއްޖެއްޔާ ސެފްރަން އަންދާ އަޅިއަށް ހަދައިލާކަށް އޭނަ ފަހެއްނުޖެހޭނެއެވެ. ކެންޝިންގެ ކުޑަ ހިތަށްވެސް ކުރާނެ އަސަރަކާމެދު ވިސްނާނުލާ އޭނަ އެދެމައިން ދޫކޮށްފައި ގޮސް އެ އިންސިކުއްޖާ ހަޔާތުގެ ބައިވެރިޔަކަށް ހަދައިފިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް ސެފްރަންއަށް މާފުނުކުރާނެއެވެ.
***
ޝަރީއަތް އޮތީ ބެންތިކް އައިލެންޑްގައި ހާމަކަން ބޮޑުކޮށެވެ. އެންމެނަށް ހާޟިރުވެވޭގޮތަށް އެ ޝަރީއަތް ބާއްވަން އެލިއަސް ނިންމީ އެންމެނަށް ހަގީގަތް އެންގުމަށެވެ. އޭނަގެ މަންމަގެ ގާތިލަށް ހައްގު އަދަބު ލިބެންޖެހޭނެއެވެ. ލޫސިއަސްއާއި ޒޭބް މާކިއަން އަދި ދެކުދިން މަޑުކޮށްލައިގެން ތިބީ ތަންކޮޅެއް ދުރުގައެވެ. ކުއްލިއަކަށް ޒޭބް ލޫސިއަސްގެ އަތުގައި ހިފާ ބާރުކޮށްލަމުން އަނގަމަތީ އަނެއް އަތް އެޅިއެވެ. ދެލޯ ބޮޑުވިއެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރުން ދަތިވެފައި ހުރިއިރު ދެލޯ ކަރުނުން ފުރެންފެށިއެވެ.
(ނުނިމޭ...)