"ހެހެ. މި ވަރަށް ލޯބި.." އާރްޔާގެ އުފާވެރިކަން ސެފްރަންއާއި ހިއްސާކުރިފަދައެވެ. އާއްމުކޮށް ނުފެންނަ އެ ހިތްގައިމު ހިނިތުންވުން ފާޅުވިއެވެ.
"އަސްލު އަހަރެން މިއައީ ވާހަކައެއް ބުނަން..ވަރަށް ސީރިއަސް ވާހަކައެއް.." ސެފްރަން ބުނެލިއެވެ. "މިހެން ބުންޏަސް އަނެއްހެން ސީރިޔަސްވާހަކައެއްވެސް ނޫން ދޯ. އެކަމަކު އަހަންނަށް މިކަންތައް ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ.."
"އާރްޔާ އުޅޭ ޅަ ގޮތުން މިވާހަކަދަައްކަން މަޖުބޫރުވީ. ވިސްނާލަން ޖެހޭނީ އާރްޔާ މިއުޅެނީ އިންސީންނާއެކު ނޫންކަން. ޖިންނިންނާ މާރިދުންނާއެކުކަން. އާރްޔާ އެކުވެރިންގެ ގޮތުގައި ގެންގުޅުނަސް އެކުދިންގެ ވިސްނުން ވެސް އިންސާނުންނާ ތަފާތުވެދާނެ. ކުދިކުދި ކަންތަކާ ރުޅިގަދަވެ ފުރާނަ ދުއްވާލާކަށް ފަހެއް ނުޖެހޭނެ. އާރްޔާއަށް ވުރެ ޖިންނި އެންމެ ތުއްތުކުއްޖާވެސް ޖިސްމާނީގޮތުން ވަރުގަދަވާނެ. ދޫންޏެއް މުށުތެރޭ ޗިސްކޮށްލާހެން ޗިސްކޮށްލަފާނެ. އާރްޔާ. ޕަބްލިކްގައި އަހަންނާއި ވާހަކަދައްކަން މަސައްކަތްނުކުރާތި. ހިތުގައިި ކޮންމެ ފަދަ އިހުސާސްތަކެއް އޮތަސް ހިތުގައި ފޮރުވާ. ނޫނީ ނުބައި ނަތީޖާއެއް ނުކުމެދާނެ......................."
"ސެފްރަންގެ ހިތެއް އޮވޭތަ؟ " އެވާހަކަތައް ކަނުލާ އަހަން ހުރެފައިވެސް އާރްޔާ ކޮށްލީ ތަފާތު ސުވާލެކެވެ.
ސެފްރަން ޖަވާބެއް ނުދީ ބަލަން ހުރިއިރު އެލޮލުގައިވި ޝުއޫރުތައް ތަރުޖަމާ ކޮށްލާކަށް އާރްޔާއަކަށް ނޭގުނެވެ. ޖަވާބެއް ނުދޭނެހެން ހީވާހާ ވަގުތު ދިމާވެގެން ދިޔުމުން އާރްޔާ ބުމަ އަރުވައިލިއެވެ.
"އޯލް ފަޔާ އެންޑް ސްމޯކް ދޯ. ސެފްރަން. އުމުރު ކިހާވަރެއް؟ "
"ނޭގޭ....."
"ބާތުޑޭ އެނގެން ޖެހޭނެއްނު......." އާރްޔާ ހައިރާންވިއެވެ.
"އަހަންނަށް އަނިޔާކޮށް އެއްލާލާފައި އޮތްވާ ފެނި ހަމްދަރުދީ ވެގެން ރަސްގެފާނުގެ ކޮއިލުގައި ޖާރިޔާއިންގެ ތެރޭ އަހަރެން ބޮޑުވީ. ރަސްގެފާނުގެ ހިތުތެރޭ އަހަންނަށްޓަކާ ލޯބި ލެއްވުމަކީ އަހަރެންގެ ނަސީބުކަމެއް ނުވަތަ ނޫންކަމެއް ބުނާކަށް ނޭގޭ..............................." ސެފްރަން އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ. ވީއިރު އެފަދަ ކުއްޖެއްގެ އުފަން ދުވަސް އެނގޭނީ ކިހިނެއްހެއްޔެވެ؟ ސެފްރަންގެ އެއް ވަރަ ހުންނަ ސަބަބަކާއިމެދު ވިސްނަނިކޮށް ވީގޮތް އެ ޖުމްލައިން އާރްޔާ ދެނެގަތެވެ. އަނިޔާކުރުމޭ އެބުނީ އެއްވަރަ ބުރިކޮށްލުން ކަން ޔަގީނެވެ.
"ޕުއާ ބޯއި......އައިމް ސޮރީ" އާރްޔާ އަށް ސެފްރަންގެ ގައިގާ ބައްދާނުލެވުނީވެސް ކިރިޔާއެވެ. އެ މަންޒަރު ޚިޔާލަށް ގެންނާކަށް އުދަގުލެއް ނުވިއެވެ. އާކްޓިކްގެ ސްނޯތަކުގެ ތެރެއަށް އެއްވަރަ ބުރިކޮށް ލެޔާ ތަތްތެޅިފައި ކުޑަ ކުއްޖަކު ރޮއިރޮއި އޮންނަތަން ލޯމަތިން ފެނި ލޮލަށް ކަރުނަ އައެވެ. ޖިންނި ކުއްޖެއްވީމަ ފިންޏަކުން އުދަގުނުވިޔަސް ފަހަރެއްގައި ތަދާއި ބަނޑުހައިކަމުގެ ވޭނުގައި މަރުނުވެ ކިރިޔަ ކިރިޔާ އޮތީކަން ނޭގެއެވެ.
"ކޮމްފޯޓް ދިނުމުގެ ގޮތުންވެސް ފިރިހެނަކާއި ހަގް ކުރާކަށް ނުވާނެ. އިމޯޝަން ވެވުނުވަރުން ގޯހެއް ނެހެދުނީ ކިރިޔާ.." އާރްޔާ ހިތާ ހިތުން ކިޔާލެވުނެވެ. އުފުލައިލެވުނު ގަނޑުފެންކޮޅެއް ފަދަ ދެއަތްތިލަ އުނގުޅާލަމުން ދެއަތް ޖީބަށް ޖަހާލައިފިއެވެ. އަދި ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިއެވެ.
"ނުރޮއި.........." ސެފްރަން ބުނެލީ މަޑުމަޑުންނެވެ.
"އޯކޭ. ވިސްނާލާއިރު އަހަރެންގެ ސްޓޯރީވެސް އެހާ ސޭޑް. ދެމީހުުންގެ ދިރިއުޅުން ވަރަށް އެއްގޮތް......."އާރްޔާގެ ސިކުނޑީގެ ލޯގަނޑަށް މާޒީގެ އުފާވެރި ދުވަސްތައް އަރަންފެށިއެވެ. އޭނަވެސް އާއިލާއާއި ވަކިވެފައި މިވަނީ ހާދަ ހިތްދަތިކޮށެވެ.
"ބަޓް ޓު ބީ އޮނެސްޓް މިހާރު އެހާ ދެރައެއްވެސް ނުވޭ. ކޮންމެވެސް ދުވަހަކުން ރަށަށް ދެވޭނެކަމުގެ އުއްމީދު އެބައޮތް. ސެފްރަން ކަހަލަ ކައިންޑް މީހުން ތިބީމަ އައި ނޯ އިޓްސް ޕޮސިބްލް....." އާރްޔާގެ ޖުމްލައިން ސެފްރަން ހީލިއެވެ. އެލޮލުން ފާޅުވޭވޭ ހުރީ އޯގާތެރިކަމެވެ. ޔަގީންކަމެވެ. ޖިންނި ދުނިޔޭގައި މުޅިންވެސް ބީރައްޓެހިންގެ ތެރެއިން އިތުބާރުކުރެވޭ ބީރައްޓެއްސަކަށް ސެފްރަން ވެއްޖެއެވެ.
އާރްޔާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ސެފްރަންގެ އަތުކުރީގައި އޮތް ފަށެވެ. އޭނަ ދިން ފަށް އަތުގައި އެޅުމުން އެ ހަދިޔާ ބަލައިގަތްކަން ސާބިތުކޮށްދިނެވެ. އާރްޔާ މަޑުމަޑުން އިސްއުފުލާލިއެވެ. އުފާވެރިކަމާއެކު އާރްޔާއަށް ހިނިތުންވެލެވުނެވެ.
"ކިހިނެއްވީ؟" ސެފްރަން އެނގުނު ކަަމަކަށް ނެހެދިއެވެ.
"ނަތިން......"
"އާރްޔާ އަހަރެން އިރާދަކުރެއްވިއްޔާ އާރްޔާ ސަލާމަތްކޮށް ދޭނަން. އެކަމަކު އަމިއްލައަށް ނުރައްކަލަކަށް ނުވެއްޓޭތި. ވަށައިގެންވާ ކޮންމެ ޖިންނިއަކީ ވަންހަނާ ދުޝްމިނަކަށް ވެދާނެ....... އެންމެ ގާތްމީހާއަށް ވެސް އިތުބާރު ނުކުރާތި........." ސެފްރަން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.
"ޝުއާ..." އާރްޔާ އެސްފިޔަތައް އަވަހަށް ޖަހައިލިއެވެ.
ސެފްރަން ދާން ހިނގައިގަތެވެ. އެއްފަރާތުގައިވާ ގަސްތަކުގެ ނިވަލަށް ވަދެ ގެއްލެންދެން ބަލަން އާރްޔާއަށް ހުރެވުނެވެ. އަނދިރިކަން ދުވާލުގެ އަލިކަމުގެ މައްޗަށް ކުރިހޯދާ ފަޒާގައި އަނދުންކުލަ ޖައްސާލައިފިއެވެ. ރޭގަނޑުވުމާއެކު އާކްޓިކްއާއި ޚިލާފަށް މިހިސާބު ހިމޭންކަން ގަދަވިއެވެ. ހިމޭންކަން ފުންވަމުންގޮސް ވަޅިން ކެނޑޭނެހާ ފުންވިއެވެ. ފަޒާގެ ފިނިކަންވެސް އިތުރުވެ އާރްޔާއަށް ހަށިގަނޑުގައި ބައްދާލެވިއްޖެއެވެ.
އޭރު ބާލްޚާނާގައި މިރިއަމް ހުރިހާ ހަރަކާތެއް ދެކެން ރުޅިއައިސް ތުރުތުރުއަޅާ ހުރިއިރު ޖާރިޔާ ނަކްބާ މިރިއަމް މަސަލަސްކުރަން ވާހަކަ ދެއްކިއެވެ.
"ކަލޭ ސޯރާގެ ބޮލަށް ވަދެގެން އެ ނުލަފާ އިންސިކުއްޖާއަށް ޒަހަރުދީ....." މިރިއަމް އަމުރުކުރިއެވެ.
"ލައްބަ މާތް ސާހިބާ...." ނަކްބާ އަދަބުވެރިކަމާއެކު ބުނެލަުން ބޯ ގުދުކޮށްލިއެވެ. މިރިއަމްގެ ނުރައްކާތެރި ޝައިތޯނީ ރުޅިގަނޑު ހިލިދާނެތީ އެކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރިއެވެ.
"ލައްބަ ސާހިބާއޭ ކިޔައިގެނެއް ނުފުދޭނެ. އެއިންސި ކުއްޖާ މަގޭ ހުރިހާ އުފާތަކެއް އެބަ ނިގުޅައިގަނޭ. މަގޭ އަލަތު ފިރިމީހާ އެހެރީ ގޮސް އެ ނުލަފާ ކުއްޖާގެ ކުރިމަތީގައޭ. ކިހިނެއް އަހަރެން ކެތްކުރާނީ. އެދެމީހުންގެ އުމުރު އެހާ ކައިރި. ސެފްރަންގެ ނަސްލާއިމެދު މަންމަމެން އެހާ ޝައްކުކުރޭ. ވީއިރު އެދެމީހުން ކިހާ ގުޅޭ. އެދެމީހުންގެ ރަހުމަތްތެރިކަން މިއަށްވުރެ ގާތްވެއްޖެއްޔާ އަހަރެން މަރުވެދާނެ. އަހަންނަކަށް ކުޅަދާނައެއް ނުވާނެ. އެ އިންސި މިއޮތް ކޯރަށް ލާ ކިނބޫތަކަށް ކާންދޭނީ. ކޮށާ ކުދިކުދިކޮށް ކަނޑަށް އަޅާލާނީ......" މިރިއަމް ރުޅިގަދަވެގެން އަމިއްލަ އިސްތަށިގަނޑު ގައި ހިފާ ދަަމާ ފުކުރަން ފެށުމުން ޖާރިޔާވެސް ބިރުން ވިރޭވަރުވިއެވެ.
"ސާހިބު ކަމަނާ މިރިއަމް. އަޅުގަނޑަށް ހީވާ އެއްޗެއް ބުނެފާނަން. އެ އިންސި ކުޑަކުއްޖެއްވީމަ..................."
"ގްރްރްރްރް.. ސެފްރަންއަކީވެސް ބޮޑުމީހެއް ނޫނޭ. އެވެސް އުމުރުގެ ގޮތުން ބަލާއިރު ހަނގުކުއްޖެކޭ. އިސްކޮޅެއް ދެއްވާފައިިވިޔަސް ހަށިގަނޑު ޖިންނިއެއްހެން ބިޔަޔަސް އޭނަގެ އުމުރުން ޅައޭ. އެހެންވެ އަންހެނުންނާއިހެދި އުޅެން އަދި ނޭގެނީ. މަގޭ ދައްތައާއި އެއްވެސް ގުޅުމެއް ނުބާއްވާކަން އެނގޭތަ؟ އެވެސް ދެއްކުންތެރި ކައިވެންޏެއް. ސެފްރަންއަކީ އަންހެނަކު ނުބީހޭ ކުޑަ ކުއްޖެއް.. އެކައިވެނީގައިވެސް އެންޖެލާ އުޅުނީ އޭނަގެ ލޯބިވެރިޔާއާއެކު. މިއަދު ސެފްރަން ރަސްކަމުގެ ތަޚުތަށް ރެދަލިވިޔަސް އެއީ ބުނެވޭނީ ބޯއި ކިންގްއެކޭ..." ރުޅީގެ ގަދަ ޖަޒުބާތުގައި ބެހި ސިއްރުތަކަކަށް ދާންދެން މިރިއަމް އޭނަގެ ޖާރިޔާ ނަކްބާއަށް ކިޔައިދީފިއެވެ.
"ސުބުހާނަﷲ. އެފަދަ ހިތްވަރެއްކުރަން ކެރުނީ ކާކަށްތަ؟ ރަސްދަރިކަލެއްތަ؟ ނޫނީ ވަޒީރެއްގެ ދަރިއެއްތަ؟ ރަސްގެފާނަށް ތިކަންތައް ރޭކާ ލީ ނަމަ އެ ލޯބިވެރިޔާގެ ބޯ އޮންނާނީ ދުނިޔޭގެ އެހެން ބައްރެއްގައި ކަމާމެދު ޝައްކެއްނެތް..ހަރާމް ކަންތަކަށް މަގު ފަހިކޮށްދޭއިރު ސާހިބާ އަބަދު ބުނުއްވަނީ ސެފްރަން އަޅުވެރިއެއްކަމަށް. ތިމާގެ އަންހެނުން އެހެން ފިރިހެނެއްގެ ކައިރިއަށް ފޮނުވުން ފާފައެއް ނު.......................... " ނަކްބާ ސުވާލުކޮށްލިއެވެ.
މިރިއަމް އިސްތަށިގަނޑު ވިހުރުވާލައިގެން ލޯ ރަތްކޮށްގެން އިންއިރު ދެކުނު އިންސާނެއްގެ ހިތަށް ބިރުވެރިކަން ވަންނާނެއެވެ.
"ސެފްރަން އެކުރުވީ ގޯސްކަމެއް. ނަކްބާ ދެން އެވާހަކަ ބާއްވާ. މާތް ﷲ ދެނެވޮޑިގެންވާނީ. އަހަރެންނާއިހެދި ސެފްރަން މޮޔަވާނެ ގޮތެއް ބުނެބަލަ. ޖިންނީންގެ ތެރޭ ކާހިނުންނާއި ސިހުރުވެރިން އުޅެއެއްނު.........." މިރިއަމްގެ ރުޅިގަނޑު ފިނިވާންފެށިއެވެ. އުޅެވުނުގޮތާއިމެދު އޭނަ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. މި "އަނިދިރ" ފަރާތް އާއްމުންނަށް އެނގިއްޖެއްޔާ އޭނަގެ އަންހެންވަންތަކަމަށް ހިރަފުސްބުރާވަރުގެ ހުތުރު ކަމެއްކަން އަމިއްލަ ޟަމީރު ވިސްނައިދިނެވެ. ރަސްދަރިކަނބަލުން އުޅެންވާނީ ނިޔަނެތި ބަނިޔާދަންކޮށެވެ. ލަދުވެތިކަމާއި ފަރިކަމުގެ ގަހަނާއިން ޒީނަަތްތެރިވެގެންނެވެ.
"މަހާރާނީ ގަންދީޝާއަށް ތަވީދު އެއްޗެހި ލިޔެދޭ އެދުރުދައިތަ މޮޅުވާނެ. އޭނަ ލައްވާ ފުއްލާ ދުލީގައި ފަންޑިތަ އެއްޗެހި ލިޔުއްވާ...." ޖާރިޔާ ނަކްބާ ވައިއަޑަކުން ބުނެލިއެވެ. އެފަދަ ވާހަކަތައް އެހެން ކަންފަތަކަށް އިވިއްޖެއްޔާ ރަގަޅެއް ނުވާނެއެވެ. ތަވީދުފަދަ ތަކެތި އެޅުން އެއީ ކޯންޗެއްކަން ނޭގި ޖަހާލަތުގެ އަނދިރީގައި ޝިރުކުވެސް ކުރެވެމުން ދިޔައެވެ.
އެދެމީހުން ވާހަކަދައްކަން ތިއްބާ ހިޔަންޏެއް ހުރަސްކޮށްލިހެން ހީވިއެވެ.
މިރިއަމް ދެލޯ ބޮޑުކޮށްފައި ބަލައިލިޔަސް އެއްވެސް އެއްޗެއް އެއްޗެއް ނުފެނުނެވެ. ކޮންމެވެސް ޖިންނިއަކު ޖާސޫސްކުރަން ހުރީހެއްޔެވެ؟
"ނަކްބާ، މިއިން އެއްވެސް ވާހަކައެއް އިތުރު ފަރާތަކަށް އެނގިގެން ނުވާނެ. ނޫނީ ނަކްބާގެ ބޯ ޗިސްކޮށްފައި އަލިފާން ފަރުބަދައިގެ އެންމެ އަޑިއަށް އެއްލާލާނެކަން ހަނދާންކުރާތި.." މިރިއަމް ލޯ އަޅައިގަތެވެ.
ޖާރިޔާއަކަށް ވިޔަސް އޭނައަކީ މިރިއަމްގެ ހިޔަނި ފަދައިން ރެޔާދުވާލު ހަތަރުދަމު އުޅޭ އޭނަގެ އެންމެ އަރިސް ފަރާތެވެ. އޭނަގެ ފާރަވެރިޔާއެވެ. އޭނަ ފެންވަރުވާ ފުނާ އަޅުވާދީ ހެދުން ލައްވާ އޭނަގެ ޚާއްސަ ކަނީޒެވެ. ގަނޑުވަރުގެ ކޮޓަރީގެ ބައްތިތައް ދިއްލާ ތަންމަތި އަޅާދީ ހަދާ ކުއްޖަކީވެސް އެއީއެވެ. ނަކްބާ އެހާ ޚާއްސަވެ އާއިލީ ސިއްރުތައް ކިޔައިދެވުނީވެސް އެހެންވެއެވެ.
އެންޖެލާއާއި ސެފްރަންގެ ކައިވެންޏާ ބެހޭގޮތުން އެނގުނު ހަގީގަތްތަކުގެ ސަބަބުން ނަކްބާއަށް އެލޯބިވެރިޔަކީ ކާކުކަން ދެނެގަންނަ ހިތުން ކެތްކުރެވުނީއެއް ނޫނެވެ. އެންޖެލާ މަރުވެދިޔައީ އެލޯބިވެރިޔާގެ ސަބަބުން ހެއްޔެވެ؟ އިންސިންގެ ދުނިޔެއަށް ގޮސްފައޭ އެކިޔަނީ އެންމެން އޮޅުވާލަން ކަމަށް ވެދާނެއެވެ. އެކަމުގެ އަޑިއަށް ކޮންމެހެންވެސް ފީނަން އެބަޖެހެއެވެ. ނަމަވެސް ބޯ ކަނޑައިލެވި އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓޭ މަންޒަރު ޚިޔާލަށް ގެނައުމުން އެ ތަހުގީގު އިހަށް އެއްފަރާތްކޮށްލަން ޖެހުނެވެ.
***
ސެފްރަންއާއި މިރިއަމްގެ ކައިވެނީގެ ހަދިޔާއަކަށް ލިބުނު ގަނޑުވަރަކީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރެވޭ ހިތްގައިމު ވާދީއެއްގެ ތެރޭ ބިނާކުރެވިފައިވާ އިމާރާތެކެވެ. ޖިންނީންގެ ފަންނުވެރިކަމާއި ކުޅަދާނަކަން ދައްކުވައިދޭ ބިނާއެކެވެ. އެތައް ކޮޓަރިތަކާއި ބިންގަރާސްތައް އެކުލެވޭ އެ ގަނޑުވަރުގެ ޒީނަތްތެރިކަމާއި ހައިބަވަންތަކަން ގަލަމަކުން ސިފަކޮށެއް ނުދެވޭނެހާ ފުރިހަމައެވެ. މިރިއަމް ބޭނުންވި ފަދައިން ގަނޑުވަރަށް ކަނީޒުންނާއި އަޅުން ގެނެސް ގަނޑުވަރުގެ ހުރިހާކަމެއް ބެލެހެއްޓުމަށް ޕެރިހާން ކަނޑައެޅިއެވެ. އޭނައަށް އަންގާފައިވަނީ އާރްޔާގެ ކޮންމެ ހަރަކާތެއް އަމަލެއް ލަސްނުކޮށް މިރިއަމްއަށް ރިޕޯޓްކުރުމަށެވެ. ލިބުނު މަތިވެރި މަގާމާއި އިނާމުތަކުގެ ސަބަބުން ޕެރިހާން ހުރީ މިރިއަމްއަށްޓަކާ ގުރުބާންވާށެވެ. އިންސިކުއްޖަކަށް އަނިޔާދެވޭނެ ގޮތާއިމެދު ވިސްނާ ވީހާވެސް އުދަގޫކޮށް ގޯނާކުރަން ނިންމިއެވެ.
ޒޭބް އޭނަގެ ދަރިފުޅު ސެރަފިމްއާއެކު އެގޭގެ ޓެރެސްއަށް ތިރިކޮށްލިއިރު ރޭގަނޑުގެ އަނދިރިކަން ވާދީގައި ވަކި ހިއްޕާލައިފިއެވެ. ޖާރިޔާއިން އުޅޭބައިގެ ކުޑަދޮރުން ބޭރަށް ބަލަން ހުރި އާރްޔާއަށް ޒޭބް ބާލްޚާނާއަށް ތިރިކޮށްލި މަންޒަރު ފެނި އަނގަ ހުޅުވުނެވެ. ރަންކުލައިގެ ރީތި ވަރައިން ވިދުވަރުފަދަ ތޫނު ރީތި އަލިކަމެއް އެހިސާބު އެއްކޮށް ދިއްލާލިއެވެ. ސެރަފިމް ދެކޭހިތުން ހުރި އާރްޔާ އަވަސްވެގަތީ ކޮޓަރިން ނިކުންނާށެވެ.
ގަނޑުވަރުގެ ބޮޑު ކާކޮޓަރީގައި ދިއްލާލާފައިވާ ބައްތިތަކުގެ އަލީގައި މޭޒުދޮށުގައި ޒޭބްއާއި މިރިއަމްއަދި ސެރަފިމް ކާންތިބިއިރު މޭޒުމަތީ އަތުރާލާފައި ހުރީ ތަފާތު ބާވަތް ބާވަތުގެ ކާތަކެއްޗެއްސެވެ. ރޯޒް ޝަރުބަތާއި ފޮނި އެއްޗެއްސެވެ.
"ކޮބާ އާރްޔާ..."ޒޭބް ސުވާލުކޮށްލިއެވެ.
"އޭނަ ފާޑުފާޑަށް ތުއިކޮށް ހެދުން އަޅައިގެން ސެފްރަންގެ ވަށައިގެން ޕަރުވާނާއެއްހެން އެނބުރޭތީ އެހެން ޖާރިޔާއިން އަޅާގޮތަށް ހެދުން އަޅަން މަޖުބޫރުކޮށްފިން. އެ އިންސީގެ އެއްވެސް އަދަބެއް ސަދަބެއް ނުހުރޭ. ޝާހީ ބޭފުޅުންނަށް އިހުތިރާމްކުރާކަށް ނުދަނޭ އެހެންވެ ޕެރިހާންއާއި ހަވާލުކޮށްލައިފިން. އޭނަގެ ބެލުމުގެ ދަށުން އެ އިންސި އަދަބުވެރިކުރުވާ ތިމާއަކީ އަޅެއްކަން ގަބޫލުކޮށް އެގޮތަށް އުޅެން މަޖުބޫރުކުރުވާނެ. ޒޭބް އޭނައާއި ދުރުން އުޅެއްޗޭ............." މިރިއަމް އެދުނެވެ.
ޒޭބް ފަރިގޮތަކަށް ހިނިތުންވެލިއެވެ. ޕަރީންފަދަ ދެ އަންހެންކުދިން އެކުވެރި މާހައުލެއްގައި ވާހަކަދައްކަން ތިބެންވެގެން ސެރަފިމް ކުޅެން ފޮނުވައިލިއެވެ.
އާރްޔާ ލައިގެން ހުރި އޮރެންޖްކުލައިގެ މެކްސީ ހެދުމާއެކު އޭނަ އެހެން ޖާރިޔާއިންނާ ޚިލާފަށް ސްކާފެއް އެޅިއެވެ. ބޭރަށް ނުކުމެލިއިރު ފެނުނީ ސެރަފިން ގޯތިތެރޭ އުޅޭ މަންޒަރެވެ. ސުޕަމޭނެކޭ ތަފާތެއް ނެތެވެ. މާބްލް ބިތްތަކުގައި އަތް ޖައްސާފައި ފުރާޅަށް އަރާފައި އަރްޔާ ގާތު މައްޗަށް އަންނާން އެދުނެވެ.
"އަހަރެން ސޭމް ހާ މޮޅެއް ނުވާނެ. ސުޕަމޭންހެން ވިއްޔަ ތިއެރީ......" އާރްޔާ ސެރަފިމްއާއި ދިމާލަށް ބޯޅަ އެއްލައިލުމުން ސެރަފިމް ވައިގެ ތެރޭގައި ފުންމައިގެންގޮސް ބޯޅައިގާ ހިފިއެވެ.
"ކުޑަ ކުޑަ މަަންކީއެއް ދޯ......ހަހަ.." އާރްޔާ ސަމާސާއަކަށް ބުނެލިއިރަށް މިރިއަމް އެއައި ބާރު މިނުގައި އާރްޔާ ގެ ކުރިމަތީގައި ހުއްޓުނެވެ. ދެލޯ އަލިފާން ކުލައިން ދިއްލާލައިގެންނެވެ.
"މަންކީ އޭ ؟ މަގޭ ބޭބެގެ ދަރިފުޅާއި ދިމާލަށް ރާމާމަކުނަށް ތި ގޮވީ.....ކޮންފަދަ ނުބައި ނުލަފާ މަޚުލޫގެއްތަ؟ " މިރިއަމް އާރްޔާގެ މޭގައި އަތް އަޅާ ކޮށްޕާލުމުން ވިއްސައިގެން ދިޔަ ބާރުމިނުގައި ޖެހުނީ ވިނަގަނޑު ތެރޭގައެވެ. ވަގުތުން ހަރަކާތް ކެނޑި އެއްލާލާފައި އޮތް ބުދެއްފަދައެވެ. އެއާއެކު ނޭފަތުން ބޮކި ޖަހާފައި ލޭ އަރަންފެށިއެވެ.
(ނުނިމޭ...)