"ސެފްރަން ކަނޑުދެކެ ބިރުގަނޭ. އެހެންވެ ނައީ..." ގަންދީޝާ ބޯ ހޫރައިލިއެވެ. ސެފްރަން ރަސްދަރިކަލެއް ކަމުގެ ކުށް ހީކުރެވި އޭނައަށް ގޯހެއް ހެދިއްޖެއެވެ. މިރިއަމްއާއި ކައިވެނި ކުރުވުމަކީ އެންމެ ރަގަޅު ނިންމުމެއް ނޫނެވެ.
"އިންސި ކުއްޖާ؟" ޒުއްނޫރީން އެހިއެވެ.
"އިންސި ގެއްލިއްޖެ........" ގަންދީޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
"ފޮރުވައިފީމޭ ނޫނީ ގެއްލުވާލައިފީމޭ ބުނިނަމަ އަޅުގަނޑަށް ކަމަނާގެ ވާހަކަ ބޮޑަށް ގަބޫލުކުރެވުނީސް. އެކަމާ އަޅާނުލާ. އެއީ އަޅުގަނޑުގެ މާ ބޮޑު މަސްލަހަތު އޮތް ކަމެއްވެސް ނޫން. އެ އަނގަގަދަ ކުއްޖާ ފެންނަން ނެތީމަ ހަމަ އަހައިލެވުނީ..." ޒުއްނޫރީން ނުބައިގޮތަކަށް ހިނިއައިސްފާ ކިޔައިލިއެވެ. ދެން ނަޒަރު ހުއްޓުނީ އަޒްކީލްއަށެވެ. އެތެރެހަށި ހަސަދައާއި ރުޅިވެރިކަމުން އަނދަ އަނދާ ހުއްޓަސް އޭނަ ހުރީ ހީލައިގެންނެވެ. އެ ތަޚުތުގައި އިންނަންވީ އޭނަގެ ދަރިފުޅު ކާރމަންއެވެ. ރާނީއަކަށް ވާން ޖެހޭނީ މިރިއަމްއެވެ. އެދެފަރާތް ގުޅުވާފައި އޭނަގެ ހުވަފެން ހަގީގަތަށް ހަދަން އޭނަ ފުރާނަވެސް ގުރުބާންކޮށްފާނެއެވެ.
***
ގަންދީޝާ ގަނޑުވަރުގެ ފާރަވެރިއެއްކަމަށްވާ ޕަރުއާންއަށް ގޮވިއެވެ. އޭނަ އެހެން ޖިންނިންނާއި ބަލާފައި ތަންކޮޅެއް ކުޑަކޮށް ހުއްޓަސް ސިފަބަދަލުކުރުން ފަދަ ހުނަރުތައް ލިބިފައިވެއެވެ. ޖާސޫސްކުރުމުގެ ހުރިހާ އުކުޅެއް ޕަރުއާންގެ ހުރެއެވެ.
"ކަލޭ ކުރަންވީ ކަމަކީ ސެފްރަންގެ ފަހަތުން ހިޔަނިހެން އުޅުން. ކަލެއަށް ނޭގި އޭނައަށް ނޭވާއެއް ލެވިގެންވެސް ނުވާނެ. އުޅޭހާތަނަކަށް ފަހަތުންގޮސް ކުރަންވީ ކަމަކީ އޭނަ އެ އިންސިކުއްޖާ ފޮރުވައިގެން އުޅޭ ތަނަކުން ހޯދައިގެން ގެނެސް މަށާއި ހަވާލުކުރުން. ކަލެއަށް ލަޝްކަރުގެ މަތީ މަގާމެއް ލިބޭނެ. އަވަހަށް ދޭ........." ގަންދީޝާ އަމުރުކުރިއެވެ. ޕަރުއާން ކުރުނީސްކޮށް ސަލާމްކުރުމަށްފަހު އެތަނުން ނުކުތްއިރު ބޮޑާކަން މޫނުމަތިން ފައުޅުވެއެވެ.
ގަންދީޝާ ކަޅިއަޅާލައިގެން ހުރިއިރު ދެލޮލުން އަނދަ އަނދާހުރީ ރުޅިވެރިކަމުގެ އަލިފާނެވެ. އެންޖެލާގެ މަރުގެ ބަދަލު ހިފިގެން ނޫނީ އެންޖެލާގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަޒްކީލްއާއި ސެފްރަންގެ ހިތުގައި އެންޖެލާއަށްޓަކާ ހަގީގީ ލޯތްބެއް ވިކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ކޮއްކޮއެއްގެ ގޮތުން ދެކުނު ނަމަވެސް އާރްޔާއަށް ދުނިޔޭގެ ދެކޮޅު ދެއްކީސް ނޫންހެއްޔެވެ؟ ކުށަކާ ނުލައި މަރުވި އޭނަގެ އަންހެން ދަރިފުޅަށް އިންސާފު ހޯދައިނުދީ އޭނަ ހުންނާނެކަމަށް ހީކުރަންޏާ އެއީ ސެފްރަންއަށް ކުރެވޭ ކުށްހީއެކެވެ.
***
ގަނޑުވަރުގެ މަތީބައިގެ ކޮޓަރީގެ މާބްލްމަތީ އަޅާފައިވާ ރަތާއި ރަނުގެ ޝާހީ ދޫލައާއި ހުރިހާ ފަރުނީޗަރުތައް ގުޅުވާލާފައިވާއިރު ފާރުގައިވާ ބައްތިތަކުގައި ނަށަމުންދާ ހުޅުތަކުން މަޑު އޮރެންޖްކުލައިގެ އައްޔެއް އެތަނަށް ފަތުރާލާފައިވެއެވެ. ފާރަށް އެޅިފައިވާ ހިޔަންޏެއް ހަރަކާތްކޮށްލިޔަސް އާރްޔާގެ ހިތް ތެޅިލައެވެ. މިހާރުވެސް އޭނަ ގައިދުވެފައިވަނީ ޖިންނީގެ ވަކިތަކުގެ ދަށުގައެވެ. ޖިލްވާގެ ފަރާތުން އިންޒާރުތައް ލިބިފައިވިޔަސް އެއަށް އަމަލީ ސިފައެއް ގެނެވިފައެއް ނެތެވެ. އޭނަ ގެންގުޅެނީ އަޅުކުއްޖެއްހެނެއް ނޫނެވެ. ޕްރިންސެސްއެއް ފަދައިންނެވެ. ގަޑިން ކާތަބައް ކޮޓަރިއަށް ގެނެސްދެއެވެ. އޭނަގެ ސާމާނުތައްވެސް ލިބިއްޖެއެވެ.
އާރްޔާ ކުރަހާ ސާމާނު ނެގުމަށްފަހު ހަލުވިކޮށް ސްކެޗެއް ކުރަހައިލިއެވެ.
"ސެފް. މިހާ ބޮޑަށް އަހަރެން ދެރަކޮށްލާއިރުވެސް ކާންޓް ހޭޓް ޔޫ........" އާރްޔާ އެ ސްކެޗަށް ބަލަން ހުރެ ހިނިތުންވެލިއެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން ދެވަނަ ތަސްވީރު ފުރިހަމަކުރަން އިންދާ ނުފެންނަ އަތަކުން އުނގުގައި އޮތް ކުޝަން ދަމައިގެންފިއެވެ. ސިހުމާއެކު ލެވުނީ ހަޅޭކެވެ. ލާނެތް ހިންޏެއް އައިސްފާ ކުރިމަތިން ފައުޅުވީ ރުއާނާއެވެ.
"އާރްޔާއަކީ ޖިންނި ކުއްޖެއް ނޫންކަން އިރުކޮޅަކަށް ހަދާން ނައްތައިލެވުނީ....." ރުއާނާ އެނދުގެ މަގަތުގައި އިށީންއިރުވެސް އާރްޔާގެ ދެލޯ ބޮޑުކޮށްލައިގެން ބަލަން އިނެވެ. ރުއާނާ އާރްޔާގެ ކުރެހުން އިނގިލިތަކުން ހިފަހައްޓާލައިގެން ބަލަން އިނީ ނިކަން ޝައުގުވެރިވެފައެވެ. ކުޑަކުއްޖަކަށް އާ ކުޅޭ އެއްޗެއް ލިބުމުން ބަލާނެ ފަދަ ނަޒަރަކުންނެވެ.
"މާޝާﷲ. ވަރަށް ރީތި. ވަރަށް ފުރިހަމަ. ހަމައެކަނި ދިރުމެއްނެތްކަން. އާރްޔާ ހާދަ ހުނަރުވެރިއޭ. އަހަންނަށް މި ލިބިދާނެތަ؟ " ރުއާނާއަށް ބޭ އިޚިތިޔާރުގައި ތަސްވީރު މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. "އާރްޔާވެސް ސެފްރަންދެކެ ރުހޭތަ؟ "
އާރްޔާ ބަހެއްނުބުނެ ބަލަން އިނީއެވެ. ރުއާނާ އުޅޭގޮތުން ކުޑަކުއްޖެއްފަދައެވެ. މިރިއަމްއާއި ޒޭބްފަދައިން ބޮޑާ ނުލަފާ ސިފައެއް ނެތެވެ. ކަޅިއަޅައިގެން ހުންނަހެނެއް ހިޔެއްނުވެއެވެ. ބޭރުފުށާއި އެއްވަރަށް އެތެރެފުށް ރީތިކަން އެލޮލުގައިވާ އޯގާތެރިކަން ހެކިކޮށްދެއެވެ. ޖިލްވާ ހަރުކަށިވާން އުޅުނަސް ރުއާނާ އާރްޔާއާއި ދޭތެރޭ މެހުމާންދާރީ އަދާކުރާލެއް ފުރިހަމަކަމުން އާރްޔާ އުފާވިއެވެ. ފަހަރެއްގައި ރުއާނާގެ އެހީގައި އޭނަގެ އާއިލާއާއި ހަމަޔަށް ދެވިދާނެއެވެ.
***
ސެފްރަން އާއި ރުއާނާ ވާހަކަދައްކާލަން ތިބީ ޔަޒްދަންޔާރު ދިރިއުޅުނު ހޮހަޅައިގެ އަނގަމަތީގައި ހުރި ހިލަގަނޑެއްގެ މަތީގައެވެ. ތަންކޮޅެއް ދުރުގައި ޖިލްވާއާއި އެހެން ޕަރީއަކު ގަހުގެ ގޮތްޕެއްގެ މަތީގައި މޭވާކާން ތިބިއިރު އެއްވެސް ޚިޔާލެއް ފިކުރެއް ނެތްފަދައެވެ. ސެފްރަން އާރްޔާގެ ހާލު އޮޅުން ފިލުވިއެވެ.
"އެކުއްޖާ ގަނޑުވަރުގެ ކޮޓަރިއެއްގައި އެބައުޅޭ. ކުރެހުމާއި ފޯނާއިގެން ވަރަށް އުޅޭ....." ރުއާނާ އިތުރު ތަފްސީލެއް ނުދިނެވެ. ނަމަވެސް އާރްޔާގެ ވާހަކަ ދެއްކުމުން ރުއާނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. ސެފްރަން އާރްޔާއާއި ގަޔާވަނީހެއްޔެވެ؟
"ރުއާނާ ބުނެބަލަ. ރަސްދަރިކަނބަލަކު ތިގޮތަށް އިންސާނުންގެ ދުނިޔެއަށް އައިސް ގޮސްހަދަން އާއިލާއިން ރުއާނާއަށް ލިބިދާނެ ނުރައްކަލަކާއިމެދު ކަންބޮޑުނުވޭތަ؟ "ސެފްރަން އެހިއެވެ.
"ސެފްރަންއަށް ފޮރުވާކަށް ބޭނުމެއްނޫން. އަހަންނަކީ އަސްލު ޝެހެޒާދާ ލޫސިއަސްގެ ދަރިއެއް ނޫން. ދަރިއެއްހެން ގެންގުޅުއްވާ ކުއްޖެއް. ލޫސިއަސް އަންހެންދަރިއަކު ނުލިބިގެން ވަރަށް ހިތާމަކުރެއްވި. ލޫސިއަސްގެ އަނބިކަބަލުންނަކީ އަސްލު އަޅުގަނޑުގެ ބޮޑުދައިތަ. މަންމަ ނިޔާވީމަ ލޫސިއަސްއާއި ބޮޑުދައިތަ އަމިއްލަ ދަރިއެއް ފަދައިން އަޅުގަނޑު ގެންގުޅުނީ. ތިބުނާހެން ފަހަރެއްގައި އަމިއްލަ ދަރިއަކަށް ވިނަމަ އޮންނަ ކުލުނު ތަފާތުވެސް ވާނެ. އެކަމަކު މިނިވަންކަން ލިބި މިހެން އުދުހި އުޅެވުނީމަ ކިހާ މަޖާ...................................." ރުއާނާ ހިނިތުންވެލިއެވެ.
"އަހަރެން ރުއާނާގެ ދުނިޔެއަށް ދާން ބޭނުމިއްޔާ ކިހިނެއް ހަދާނީ؟ " ސެފްރަން އެހިއެވެ.
"މަރުހަބާ. އަޅުގަނޑު އެހީވާނަން....." ރުއާނާގެ ދެލޯ ދިއްލުނެވެ.
***
ސެފްރަން އަހަށް ސަވާރުވީއިރު އޭނަގެ ފަހަތުން ކޮންމެވެސް ޖިންނިއަކު އައިކަމަށް ޝައްކުވިއެވެ. އޭނައަށް ވުރެ އެ ޖިންނި ކުޅަދާނަކަމުން އޭނައަށް އެއްގޮތަކަށްވެސް އެއީ ކާކުކަމެއް ހޯދައެއް ނުގަނެވުނެވެ. އެޖިންނި އޭނަގެ ފަހަތުން އުޅެނީ ކޮންކަމެއްގެ ބޭނުމުގައި ހެއްޔެވެ؟ އަނެއްކާ ރުއާނާއާއި އެހެން ޕަރީންތަކަށް މި މާރިދުގެ ސަބަބުން ނުރައްކަލެއް ވެދާނެހެއްޔެވެ؟ ރުއާނާ ބުނެފައިވާ ގޮތުން އެކުދިންގެ ރައްކާތެރިކަމަށްޓަކާ ގެންގުޅޭ ކަނޑިއާއި ވިހަ ކުނޑިތަކުގެ ސަބަބުން އެއްވެސް ގަބީލާއެއްގެ ޖިންނިއަކަށް ވައިއެޅޭކަށް ނުކެރޭނެއެވެ.
***
ރުއާނާ އެނދަށް ވެއްޓިގަތްގޮތަށް ބާރު ބާރަށް ރޯން ފެށުމުން ޖިލްވާގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ. އޭނަގެ ލޯބިވާ ސާހިބުކަމަނާގެ ކަރުނަތަކުން ހިތް ކުދިކުދިވެއްޖެއެވެ. ޖިލްވާ ރުއާނާގެ ފަން ދިގު އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ކޯތާފަތް ފޮހެދިނެވެ.
"ލޯބިވާ ރުއާނާޕަރީ ހުއްޓާލަ ބަލަ ހެޔޮނުވާނެ...."
"ކިހިނެއް ކަރުނަތައް ހުއްޓުވާނީ. ސެފްރަން ދެއްކި ވާހަކައަކުން ހިތް ހަލާކުވެއްޖެ....."
"ސެފްރަން ބުނީ ކީކޭތަ؟ " ޖިލްވާ ހައިރާންވިއެވެ.
"އޭނަ ބުނީ އޭނަ އުޅެނީ ކައިވެނިކޮށްގެން ކަމާއި އަންހެނުންނަށް ދަރިއެއް ލިބެން އުޅޭ ވާހަކަ......" ރުއާނާގެ އެ ޖުމްލައިން ޖިލްވާ ދެލޯ ބޮޑުވިއެވެ.
"އެކަމާ ރުއާނާ ރޯން ވީ ކީއްވެތަ؟ "
"ނޭގޭ. އަހަރެން ހީކުރީ ސެފްރަން އަހަރެމެންގެ އުމުރުކަމަށޭ. އެހާ ބޮޑު ފިރިހެނެއްކަމެއް ނޭގޭ. އަހަރެންގެ ފަށުވި ރުމާވެސް އޭނައަށް ދިނިން. އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ދިނީ އޭގެ ފަހުން ކުއްލިއަކަށް ސެފްރަން އެ ވާހަކަ ބުނީމަ ރުމާ ޖަހައިގެން އަންނަން ބޭނުންވީ. އެކަމަކު މީހަކަށް ދިން ހަދިޔާއެއް އަނބުރާ އަތުލާނެ ހިތްވަރެއްނެތް. މީހެއްގެ ފިރިއަކާ އެކުވެރިވެވުނުކަމީ މޮޔަކަމެއް. ހިތް ހަލާކުވެއްޖެ. އަހަރެން މިއީ ހާދަ ބަދުނަސީބު މީހެކޭ....." ރުއާނާ ބާލީހުގައި މޫނު ފޮރުވައިގެން އޮވެ މަޑުމަޑުން ބުނަމުން ދިޔައެވެ.
ޖިލްވާ އިނީ އަނގަޔަށް އިނގިލި ލައިގެން ފާޑެއްގެ ހިންޏެއް އައިސްފައެވެ.
"އެއީ ލޯބި......."
"ކީކޭ؟ " ރުއާނާ އެހިއެވެ.
"ތި ޖަޒުބާތުތަކަށް ކިޔަނީ ލޯބި. އަޅުގަނޑުމެންގެ ކުޑަ ކުޑަ ޝެހެޒާދީގެ ހިތް ކޮންމެވެސް ޕްރިންސަކު ގެންގޮއްސި....." ޖިލްވާ ބުނެލިއެވެ.
"އަހަންނަށްވެގެން އުޅޭގޮތެއް ބުނެދޭކަށް ނޭގޭ. އަބަދާއަބަދު ސެފްރަން ދެކޭ ހިތްވޭ. ކާހިތެއް ނެތް. ކުރިން އުޅުނުހެން ކުޅިވަރު ކުޅެ މަޖާކޮށްލާ ހިތެއްވެސް ނުވޭ. ނުނިދޭ. އަހަރެން އެބުރި ރަށަށް ދާކަށް ބޭނުމެއްނުވޭ. ޖިލްވާ ބުނެބަލަ. އަހަންނަށް ބައްޔެއް ޖެހުނީތަ؟ " ރުއާނާ ކަރުނަތައް ފޮހެލަމުން ޖިލްވާގެ އަތުގައި ހިފައިލިއެވެ.
ޖިލްވާ ރުއާނާއަށް ލޯތްބަކީ ކޯންޗެއްކަން ބުނެދިނެވެ. ރުއާނާގެ ހިތުގައި ލޯތްބެއް އުފެދުނީއެވެ. އެހެން ފަރާތެއްގެ މިލްކެއްދެކެއެވެ. އެއީ ރުއާނާގެ ބަދުނަސީބެވެ. ޖިލްވާއަށް ރުއާނާގެ މިޒާޖު ރަގަޅަށް އެނގެއެވެ. އެހާ އޯގާތެރި މާތް އަންހެންކުއްޖެއް މަދުވާނެއެވެ. ރުއާނާގެ ހިތް އެހާވެސް ސާފުވެފައި ބިއްލޫރިކޮޅެއްފަދައެވެ. ހަސަދައިގެ ޒައްރެއްގެ މިންވަރުވެސް ބީހިފައިނުވާ މާތް ހިތެކެވެ. އެ ހިތުގައި ކޫރުމެއް އެޅެން ޖިލްވާވެސް ނޭދެއެވެ. މިދުނިޔެއަށް ނާދެވުނުނަމައެވެ. އޭނަ ރުއާނާ ރައްކާތެރިކޮށްދޭނީ ކިހިނެއްހެއްޔެވެ؟
މިއީ ހިތާމަ ހުރި ކަމެކެވެ.
ޝެހެޒާދީއަށް ލޯބިވެވުނުކަން ލޫސިއަސްއަށް އެނގިވަޑައިގެންފިއްޔާ ދުވަހަކު މި ބިމަކަށް ނާދެވޭނެއެވެ.
"ރުއާނާ ބައްޕާފުޅަށް ސެފްރަންގެ ޚަބަރު ލިބިއްޖެއްޔާ ވަގުތުން އޭނަ ގަތުލުކުރައްވާނެ. ހިތްވަރުކުރޭ. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު..." ޖިލްވާ ރުއާނާއަށް ހިތްވަރު ދިނެވެ.
***
ޕަރުއާން ކުޑަދޮރާއި ދިމާލަށް ހުރި ގަހެއްގެ ގޮފިގަނޑަކަށް ތިރިކޮށްލައިފިއެވެ. ރަތްކުލައިގެ ކުޑަ ދޫންޏެއްގެ ސިފައިގައެވެ. ޖިންނިން އެންމެ ބަލިކަށިވެ ނުރައްކަލަށް ހުށަހެޅި ދިރޭ އެއްޗެއްގެ ސިފައިގާ އިނުމުން ކަން އޭނަ ދަނެއެވެ. އެހެން ސިފައަކަށް ބަދަލުވެގެން އިނުމުން އިންސާނުންނަށް މަރައިލެވިދާނެއެވެ. ނަމަވެސް އާރްޔާއަށް ފާރަލާން އެންމެ ފަސޭހަގޮތަކަށްވީ ދޫންޏެއްގެ ސިފައިގާ އިނުމެވެ.
އާރްޔާ ކުޑަދޮރުން ބަލައިލާފާ ދޫނި ފެނުމުން އަތް ދިއްކޮށްލިއެވެ.
ބާލުޚާނާއާއި ހަމަޔަށް ފޯރާފައިވާ ގަހުގެ ގޮތްޕަކަށް އަރައިގެން އެ ދޫނި ނަގަން އާރްޔާ ބޭނުންވީވެސް އެހާ ރީތި ދޫންޏެއް ދުވަހަކު ފެނިފައި ނެތުމުންނެވެ. ދޫނި އުދުހިގެން ގޮސް ތަންކޮޅެއް ތިރީގައި ހުރި ގޮފިގަނޑެއްގައި ޖެއްސިއެވެ. އޭނަ ފަރުވާތެރިކަމާއެކު ތިރިއަށް ފައިބާއިރަށް ދޫނި ފުންމައިގެންގޮސް ތަންކޮޅެއް ދުރުގައި ޖެހިގަތެވެ. އާރްޔާއަށް މަޖާވިއެވެ. ދޫނީގެ ފަހަތުން ދުވަމުންގޮސް ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއަށް ވަނުމުން ދޫނި ފީކޯތް ކުޅެންފެށި ގޮތުން އާރްޔާއަށް އެއްޗެއް ވިސްނެން ފެށިއެވެ. މިއީ ދޫނިތަކުގެ އުޅުމާއި އަރައިރުންވާ ސިފައެކެވެ. ދޫންޏެއްގެ ސިފައިގާ އޭނައާއި މި ސަކަރާތްޖަހަނީ ޖިންނިއެއްކަން އެނގުމާއެކު އާރްޔާ އަވަސްވެގަތީ ގަނޑުވަރަށް އެނބުރި އައުމަށެވެ. ގަހެއްގެ ފުރަގަހުގައި ފިލާ ހުއްޓާ ކުއްލިއަކަށް ކުރިމަތިން ފައުޅުވި ޕަރުއާން ހުރީ ސެފްރަންގެ ސިފަ ޖެހިގެންނެވެ. ވިސްނާލައިފި މީހަކަށް އެދެލޮލުން ޝައިތާނީކަން ފެންނާނެއެވެ. އާރްޔާގެ ޅަކަމުން އެކަމެއް ނުވިސްނުނެވެ.
"ސެފްރަން....." އާރްޔާ ލޯ ބޮޑުކޮށްލިއެވެ.
"އާރްޔާއަށް މި ނޫންކަމެއް ކުރަން ނޭގޭތަ؟ މިލިއަނުން ޖިންނިން އުޅޭއިރު އެހެން ޖިންނިއަކުވެސް ކުރަހާކަށް ނޭގޭތަ؟ މަގޭ ކޮން ޚާއްސަކަމެއް ހުރީ...އޭނ؟ " ޕަރުއާން އޭނަ އަތުގައި އޮތް ސެފްރަންގެ ސްކެޗް ދައްކާލާފައި ފާޑަކަށް ހީލިއެވެ. " މަ މަދެކެވެސް ހަސަދަވެރިވެއްޖެ....."
"ކްރިމްސަން ލޯ ވަރަށް ޚާއްސަ..." އާރްޔާގެ ނުތަނަވަސްކަން ފިލީ ސެފްރަންގެ ސަމާސާތަކުންނެވެ.
"އެހެންވެ އަހަންނާއިހެދި އުޅެނީ؟ މީހުންގެ ފިރިންނާއިހެދި އުޅެންވާނެ؟ " ޕަރުއާން ހޭންފެށިއެވެ.
"ސެފް ޔޫ އާ ސޯ މީން. ގެނޭ ތީ މަގޭ އެއްޗެއް..........." އާރްޔާ އުޅުނީ ސެފްރަންގެ އަތުގައި އޮތް ކުރެހުން އަތުލާށެވެ. ފުންމަ ފުންމާވެސް ޕަރުއާންގެ އަތާއި ހަމަޔަށް އަތްފޯރުކޮށެއް ނުލެވުނެވެ.
"މަގޭ ހުއްދަނެތި ކުރެހީމަ އަދަބުލިބޭނެ..." ޕަރުއާން ލޯ މަރައިލިއެވެ.
"ޖިންނިންގެ ކޮޕީރައިޓްސް އޮންނަ ކަމެއް ނުދަންނަން..މިއަދު އެނގިއްޖެ ރަތްކުލައާއި ގުޅުން އޮތްވަރު. ދޫންޏަކަށްވީއިރު ރަތް ކުލަ ޗޫޒްކުރީ. އަދި ދޫންޏެއްގެ ސިފަ ޖެހެން އެނގޭކަމެއް ނުދަންނަން......." އާރްޔާ ލޯ ބޮޑުކޮށްލިއެވެ.
"ހައިރާންވެ ދެލޯ ބޮޑުކުރާވަރުގެ ޖާދޫއެއް ހެދީއެއްނޫނެއްނު. އަހަރެން ޖިންނިއަކަށްވީމަ ދިރޭ އެހެން އެއްޗިއްސަށްވުމުގެ ގާބިލުކަން ދެއްވާފައިވާކަން އާރްޔާ ނުދަންނަނީތަ؟ ބަލަ އަހަރެމެންނަކީ ދުންނާރާ އަލިފާނުން ހެއްދެވިގެންވާ ބަޔެއް. އަހަރެމެންނަކަށް ޖިސްމުތަކަކަށް ބޭނުމެއްނުވޭ. ކޮންމެ ސިފައެއްޖެހިގެން އުޅުމުގެ އިޚުތިޔާރު ލިބިގެންވޭ. ހިނގާ ދާން........................" ޕަރުއާން ކުއްލިއަކަށް ރުޅިއައިސްފަ ބުމަ ގޮށްޖެހިއެވެ. އާރްޔާއާއި ދިމާލަށް އަތްދިއްކޮށްލިއިރު ނިޔަފަތިތައް މިނިކާ ދޫންޏެއްހެން ބުޅިވެފައި ތޫނެވެ. ދެލޮލުގައި އެއްކޮށް ހުޅުފަޅާފައެވެ.
" اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ"
އާރްޔާ ކުރުސި ކިޔެވުމަށްފަހު މޫނުގައި އަތް ފިރުމައިލިއެވެ. ކެތްކޮށްގެން ހުއްޓާވެސް ދެލޯ ކަރުނުން ބަރުވިއެވެ. އެންމެ ލޯބިވާ ސެފްރަންގެ އަނދިރި ފަރާތް ހާމަވީއިރު ބިރުވެރިކަމާ އެއްވަރަށް ހިތާމައިގެ ސާލެއް ހިތުގައި އޮޅައިލެވިއްޖެއެވެ. ޕަރުއާން އާރްޔާގެ އަތުގައި ހިފައިލިގޮތަށް ތޫނުވަކިތައް އޭނަގެ މުލައްދަނޑިއަށް ހެރި ދިލަ ތޫނުކަން އިހުސާސްކުރެވި އެއަތް ދުރުކޮށް ފޮޅުވައިލަން މަސައްކަތްކުރެވުނެވެ. ގަދަދެއްކި ވަރަކަށް ޕަރުއާންގެ ފަރާތުން ލިބުނު އަނިޔާތައް ބޮޑުވިއެވެ. މުޅި ހަށިގަނޑުގައި ބޯވައެއްގެ ފައިހެން އުންތަކެއް ނިކުމެ އެފައިތަކުގެ ތެރޭގައި އާރްޔާ އޮޅާލައިފިއެވެ. އާރްޔާ ބިރުން ހަޅޭއްލަވަން އަނގަ ހުޅުވައިލިޔަސް އަޑެއް ނުނިކުތެވެ. ނުފެންނަ އަތަކުން އޭނަގެ އަނގައިގާ ހިފަހައްޓާ އައްސިކޮށްލާފައިވެއެވެ. ގަސްދަށުގައި އޮތް ޓައްޕެއްގެ ތެރެއަށް އާރްޔާ ލާފައި މަތި ބަންދުކޮށްލުމަށްފަހު އޭނަ އެ ޓައްޕު ކޮނޑަށް ލައިގެން ހިނގައިގަތެވެ.
އިރުކޮޅެއްފަހުން އާރްޔާއަށް އޭނަ އޮތް ޓައްޕު ބިންމަތީގައި ބެހެއްޓިކަން އެނގުނެވެ.
"މަންމާ. އެންޖެލާގެ މަރުގެ ބަދަލު ނުހިފައިގެން މަންމަ އުޅޭތާ ދުވަސްވެއްޖެ. އަޅުގަނޑުވެސް ރަގަޅު ވަގުތަކަށް ބަލަބަލާ ހުރީ. މިހާރު ވަގުތު ޖެހިއްޖެ. މަންމަ މިކުއްޖާ އަޅުންގެތެރޭގައި ގެންގުޅެ އެންމެ ބޮޑު ކުށްވެރިއެއްފަދައިން ދިރިއުޅުން ދަތިކުރޭ......" ސެފްރަންގެ އަޑު އިވުނެވެ. މަންމައޭ ކިޔައިގެން ވާހަކަ އެދެއްކި ގަންދީޝާއާއި ކަން އާރްޔާއަށް ޔަގީންވިއެވެ.
(ނުނިމޭ...)