"އާ ޔޫ ގޮއިން ޓު އީޓް މީ ކުދި ފުރޭތަތައް.....އާ..." ކުއްލިއަކަށް އާރްޔާ ދުއްވައިގަތީ ސޯރާއަށް ގޮވަމުންނެވެ. އެކުދިންނަށް އާރްޔާގެ ގައިން ތަފާތު ވަހެއް ދުވާވާހަކަ ބުނުމުން ބިރުގަތީއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އިންސާނުންނެއް ނޫނެވެ. އެކުދިން ވިސްނާގޮތް އަދި ދެކޭގޮތް ތަފާތުވާނެއެވެ. ކިތަންމެ ކުޑަޔަސް އެކުދިންގެ ގައިގާ ލައްވާފައިވާ ބާރު އިންސާނުންނަށްވުރެ އެތައް ގުނަ ގަދަވާނެކަން އާރްޔާގެ ތޫނު ވިސްނުމުން ދެނެގަތެވެ. އެއައި ބާރުމިނުގައިގޮސް ސެފްރަންއާއި މުޑިއެރިގޮތަށް އޭނަ ވިއްސައިގެން ނުދިޔައީ އެއަތުގެ ހިމާޔަތް ލިބުނު ގޮތުންނެވެ.

"ކުދި ފުރޭތަތައް އަހަރެން ކާލަން އުޅެނީ...."އާރްޔާ ސެފްރަންގެ އަތުގައި އެލިގަތެވެ. ސެފްރަން ބޭރަށް ބަލާލާފައި އެ ދިމާލަށް އަތުން އިޝާރާތްކޮށްލިއެވެ. "ޔަގީންތަ؟ އެކުދިން އާރްޔާދެކެ މާ ބޮޑަށް ބިރުގެންފަ އެތިބީ...."

އާރްޔާ ލޯ ހަނިކޮށްލާފައި ބެލިޔަސް އެކުދިން ތިބިލެއް ދުރުކަމުން ސާފުވާވަރެއްނުވިއެވެ.

"އެހާ ދުރު ފެންނަނީ ކިހިނެއްތަ؟ލޮލަށް ގުދުރަތީ ދުރުމީއެއް ލައްވާފައި ހުރީތަ؟ އަހަރެން ކުޅޭ ގޭމް ކެރެކްޓާސްތައް ވެސް އެގޮތަށް ދުރުމީ ޔޫޒްކުރޭ......" އާރްޔާ އެކި ވާހަކަދައްކަން ފަށާފައި ބަލައިލިއިރު ފެނުނީ ސެފްރަން ދާން ހިނގައިގަތްތަނެވެ.

"ބޭބީ ވާހަކަ ދައްކަން އަހަންނަށް ވަގުތެއް ނެތް........" އަވަހަށް ސެފްރަން ދޮރު ލައްޕާލުމަށްފަހު ނުކުމެގެން ދިޔުމުން އާރްޔާ ކޮނޑު އަރުވައިލިއެވެ.

***

ސެފްރަން ހުއްޓުވަން މަސައްކަތްކުރިޔަސް ޑޮމިނާރިއާއިން އެރަށަށް ހިޖުރަކުރާ މާރިދުން ފައިބަމުން ދިޔައީ އިރުއޮއްސޭގަޑިއަށް ޝައިތާނުން ދުނިޔެއަށް ފައިބަގަންނަ ފަދައިން ލައްކައިންނެވެ. ސެފްރަން މިސްކިތެއް ބިނާކުރަން އަންގާ މިސްކިތް ނިންމަންވާއިރަށް މާރިދުން ދުރުނޫން ހިސާބެއްގައި ފައްޅިއެއް އަޅަންފެށިއެވެ. ބެންތިކް ޖިންނިންނަށްވުރެ އެ މީހުންގެ އާބާދީ އިތުރު ވަމުން ދިޔަ ވަރަކަށް ސެފްރަންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މުސްލިމުންނާއި ކާފަރުންގެ ހަނގުރާމައިގެ ބެރުވެސް ޖެހެން ފެށިފަދައެވެ. އެވަރުންވެސް ޖަލްޖާލޫތު އަށް ދިއްކޮށްލި ގަނދަކޯޅިފަތުގައި ހިފީ ސުލްހައާއިއެކު ހުރިހާ ޖިންނިން އުޅުމަށެވެ. ސެފްރަން އަށް ހުރިހާ މިނިވަންކަމެއް ގެއްލުނެވެ. އަޒްކީލްގެ ދުރުވިސްނޭކަމުން އޭނަގެ އާއިލާ ފަރުބަދަމަތީ ވަޒަންވެރިކުރުވާ އެހިސާބު އެއްކޮށް އޭނަގެ ލަޝްކަރު ލައްވާ ގާޑުކުރުވަން ފެށިއެވެ. ބެންތިކް ޖިންނީންގެ ކޮމާންޑަރަކީ ކާރމަން އެވެ. ޖަލްޖާލޫތާއެކު އޭނަގެ ރަސްކަމުގެ ހިޔަލުގައި އުޅެން ބޭނުންވާހާ ޖިންނިންނަށް ކަމޭހިތާ އޯގާތެރިވެ ޝަރީއަތް އިންސާފުވެރިކަމާއެކު ހިންގަން އޭނަވަނީ ކާރމަންއަށް އަންގާފައެވެ. ކާރމަންއާއި ސެފްރަންގެ އެކުވެރިކަން ކުރިއަށްވުރެ ބަދަހިވުން މުހިއްމު ކަމެއްކަން އެނގި ގިނަ ގިނައިން ކާރމަންއަށް ދައުވަތުދޭން ފެށިއެވެ.


ސެފްރަން ކާރމަން ކައިރީ އެދުނީ މާރިދުންގެ ފައްޅި އެޅުން ހުއްޓުވުމަށެވެ. މާރިދުންނަށް ކަނޑުގެ އަޑީގައި އުޅެވިދާނެކަމުގައެވެ. ނަމަވެސް ރަސްކަމުގެ ބޮޑުންނަށް އެ ވާހަކަ ހުށަހެޅުމުން ރަށުގެ އަނެއް ފަޅީގައި ފައްޅިއަޅަން އެންގުނެވެ.


***

މިސްކިތް ހުޅުވުމުގެ ޝަރަފް ލިބުނީ ސެފްރަންއަށެވެ. ބެންތިކް ޖިންނިން އެތަނަށް އެއްވެފައި އޮތްއިރު މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ. ބަންގީގެ ހިތްގައިމު އަޑު މިސްކިތުން އިވި ފަޒާގައި ހަރުލުމާއެކު ޖިންނިންތައް ޖަމާއަތުގެ ނަމާދަށް ހާޟިރުވާން އަވަސްވަގެތެވެ. ފަނޑު އަލިކަމުގެ ތެރޭގައި މިސްކިތުގެ ހުދުމާބްލްތައް ދަޅައަޅާތަން ފެނެއެވެ. ނަމާދަށްފަހު ސެފްރަންއާއި ކާރމަން އެއްކޮށް ނުކުމެގެން އައިއިރު ސެފްރަން ކާރމަން ކައިރިން މިރިއަމްގެ ޚަބަރު އޮޅުން ފިލުވިއެވެ.

"އަދިވެސް މިރިއަމްގެ ފަރާތުން ޖަވާބެއް ނުލިބޭ. އުމުރަށްވެސް މިރިއަމްއަށްޓަކާ އިންތިޒާރުކުރާނަން.." ކާރމަން މޮޅިވެރި ގޮތަކަށް ބުނެލިއެވެ.

"އޯ........" ސެފްރަން ސިހޭގޮތްވެފައި މޫނުގައި އަތް ކާއްތާލެވުނެވެ. ވީއިރު އޭނައާއި ސެފްރަން ގުޅުވަން އުޅޭކަން އަދި ކާރމަންއަށް ރޭކާވެސް ނުލަނީއެވެ. އެހާ ހިތްހެޔޮކަމާއި އެކުވެރިކަން ކާރމަންގެ ފަރާތުން ފެންނަ ސަބަބަކީ އެއީއެވެ. މިރިއަމް ސެފްރަންއާއި ކައިވެނި ކުރަން އުޅޭކަން ކާރމަންއަށް އެނގިއްޖެއްޔާ ހުރިހާކަމެއް ބަދަލުވާނެއެވެ.

"މިރިއަމްދެކެ ތިހާ ލޯބިވާ ލޯބިވެރިއަކު ހުރިއިރު އޭނަ ތި ހުށަހެޅުން ގަބޫލުކުރަން ވެއްޖެއެއްނު................."

"އަހަރެންގެ ބައްޕަ ބޮޑުބޭބެދެކެ ނަފްރަތުކުރިވަރު މުޅި ގަބީލާވެސް ދަނޭ. ރަސްކަމާއިހެދި އާއިލާވެސް ބައިބައިވީ..ބައްޕަ ދޮށީމީހާކަމަށް ވިޔަސް ބޮޑުބޭބެ ޖަލްޖާލޫތަށް ރަސްކަން ލިބުނީ އިފުރީތަކާއި ބައްޕަ ކައިވެނި ކުރީމަ. ޒަމާނުއްސުރެ އިފްރީތުންނާއި މާރިދުންގެ ދުޝްމަންކަމާއި ހަސަދަވެރިކަން އޮވޭ. ތަޚުތު ބީވާނެކަން އެނގިހުރެ ލޯތްބަށްޓަކާ ބައްޕަ ކާފައާއި ދެކޮޅަށް ކައިވެނި ކުރީ. ބައްޕަ ނިޔާވިއިރު ސުލްހަވެ އެދެބެން ގުޅުނު އެކަމަކު މަންމަ އަދިވެސް ބޮޑުބޭބެއަށް ހިތްނުބައިކޮށްގެން ހުރީ. މާފެއް ނުދޭ.....އެކަމަކު މިރިއަމްއާއި އަހަރެން ގުޅިއްޖެއްޔާ އާއިލާގެ ފިތުނަ ނިމުމަކަށް އަންނާނެބާވައޭ ހިތަށް އަރާ. ދެރައީ މަންމަ އަދިވެސް އަހަރެމެންގެ ދީން ޚިޔާރު ނުކުރާތީ........" ކާރމަން އިނީ ފިކުރުގެ ކަނޑަކަށް ގެނބިފައެވެ.

ފިނި ގަދަވިޔަސް ކާރމަން ލައިގެން ހުރީ ތުނި ހެދުމަކާއި ހަރުވާޅެކެވެ. ބުޅި ދިގު އިސްތަށިގަނޑު ކޮނޑާއި ހަމަޔަށް ދިގުކޮށްއޮތްއިރު ވެހެމުން ދިޔަ ސްނޯތައް އޭނަގެ ހަށިގަނޑުގެ ހޫނުކަމުން ވިރިގެން ފޭބިއެވެ.

"އަހަރެން މިވަރަށް މިސްކިތަށް އަންނަނީ މާތް ﷲއަށް ދުޢާ ދަންނަވަން. ދުނިޔެއިން ބޭނުންވާހާ އުފަލަކީ މިރިއަމް. އާރައި ބާރާއި މުއްސަދިކަމެއް ނޭދެން..." ކާރމަން ހިތުގެ ޝުއޫރުތައް ފައުޅުކުރިއެވެ.

"ކާރމަންގެ ބައްޕަގެ ފަރާތުން ލޯބިވާން ދަސްކުރީ ދޯ.....ހެހެ" ސެފްރަން ހީލިއެވެ.

"އެކަމަކު ބައްޕަ ރަސްކަންވެސް ބޭނުންވި...."

"ބައްޕަގެ ހުރިހާ ސިފައަކާއި މިޒާޖެއް ދަރިއަކަށް ނުލިބޭނެ. ބުނަން ކާރމަން. އަހަރެންވެސް ދުޢާކުރާނަން. ކާރމަންއާއި މިރިއަމްގެ ކައިވެނި ކުރެވިއްޖެއްޔާ އަހަރެން އެންމެ އުފާވާނީ.................." ސެފްރަންއަށް ސަބަބު ބުނާކަށް ނުކެރުނެވެ. މިރިއަމްގެ ހިތް އެގިއްޖެއްޔާ ކާރމަންގެ ހިތް ހަލާކުވެދާނެއެވެ.

***

ސެފްރަން ޑައި ފުޅި ހިފައިގެންގޮސް ފެންވަރާ ބަޔަށް ވަނެވެ. އޭނަގެ ހުދު އިސްތަށިގަނޑުގައި ކުލަޖެއްސުމަށްފަހު ހޫނުފެން އަޅާ ފުރާފައި ހުރި ބިލިގާއަކަށް އެރުމުން އަރާމު އިހުސާސެއް ކުރެވުނެވެ. ދުރުދުރުން މާރިދުން ބެރުތަޅާފައި ދީނީ ސަގާފަތެއް ފާހަގަކުރާއަޑު ފަށްގަނޑު އިވުމުން ބޮލަށް އުދަގޫވިއެވެ.

"އަހަންނަށް ކާރމަންގެ ވަޒީފާ ލިބޭނެނަމަ..މި މާރިދުންތަކުން މި ރަށްތައް ސަލާމަތްކުރުމަށް ވުރެ މުހިއްމުކަމެއް ނެތް..." ސެފްރަން ފެންގަނޑުގެ އަޑިއަށް ގެނބިގަތެވެ.


***

ސެފްރަން އަޒްކީލްއާއި ބައްދަލުކުރަން ފަރުބަދަމަތީގެ ގެއަށް ދާންވެގެން ދަތުރުފެށީ މިޔޫކީގައެވެ. އަޒްކީލް ބުނެފައިވާ ގަޑި އޭނައަށް އޮޅުނީއެވެ. ގާޑުންނަށް އެއީ ސެފްރަންކަން އެނގުމުން ވަންނަން ހުއްދަދިނެވެ. ފަރުބަދަމައްޗަށް އަރަމުން ދިޔަ ވަރަކަށް ފިނީގެ އިހުސާސް ގަދަވިއެވެ. ދުންފިނި ބޯކަމުން ކުރިމަތީ ހުންނަ މީހާވެސް ފެންނަވަރެއް ނޫނެވެ. ގަނޑުވަރުގެ ދޮރާށީން ވަދެފައި އޭނަ ސަލާމް ދިނުމުން ނުކުތް ޕަރީ ފެނިފައި ސެފްރަން ހުއްޓުން އެރިއެވެ.

އޭނަގެ ނަސްލުގެ ޖިންނިއެއް ކަން ވަގުތުން އެނގި ޔަގީންވިއެވެ. ބިންމަތީގައި ކޭއްތޭ ދިގު އިސްތަށިގަނޑާއިއެކު ދެވަރަ ލިބިފައިހުރި އެ ރީތި ސަބުޒްޕަރީވެސް ސެފްރަންއަށް ނަޒަރު ހުއްޓާލުމާއެކު ހައިރާންވިކަން އެނގުނެވެ.

"ތިއީ ކާކުތަ؟ "

"އަޒްކީލްގެ ޅިޔަނު. މާފަށް އެދެން މިގޮތަށް ދިމާވީމަ.................." ސެފްރަން ލަދުގަންނަގޮތްވެ ކުށްވެރި އިހުސާސުން ހިތް ފުރުނެވެ.

"އަހަންނަކީ އަޒްކީލްގެ އަންހެނުން. އޭނަ ގެއަކު ނޫޅުއްވާ. ތީ އެކުވެރިއެއްތަ. އެއްވެސް ކުއްޖެއް އަންނާނެ ވާހަކައެއް އޭނަ ނުބުނުއްވާ......." ޒޭބްއަށް ކުރިމަތީގައި މިހިރަ ޅަ ޒުވާނާގެ މޫނުގައި ދަންނަ ގޮތެއް ހުރިހެން ހީވެގެން ލޯ ބޮޑުކޮށްފައި ބަލަންފެށިގޮތަށް ސެފްރަން ރަކިވާވަރަށް ޒޭބް ބެލިއެވެ.

"ވީއިރު ފަހުން އެބަ އަންނަން...." ސެފްރަން އަވަސްވެގަތީ ތިރިއަށް ދާށެވެ. ހިތުގައި ސުވާލު ފުނިވަރެއް އުފެދި އެއަށް ޖަވާބު ހޯދަން އެހާ ބޭނުންވިއިރެއް ނާދެއެވެ. އޭނައަށް ޒޭބްގެ ނަސްލު އެނގުނަސް ޒޭބްއަށް އޭނަގެ ވަރައެއް ނުފެންނާނެއެވެ. ކޮން ނަސްލެއްކަން ދެނެގަނެވޭނެ ގޮތެއްވެސް ނެތެވެ.


***

ތަނަކީ މިރިއަމްގެ ގަނޑުވަރެވެ. ބިއްލޫރިކޮޅެއްހެން ހީވާ ސާފު މާބްލް ބިތްތަކުގެ ބޭރުން ކަނޑުގެ ރީތިކަން ފެންނާން އޮތެވެ. ކަނޑުގެ އަޑީގައި އުފެދެމެންދިޔަ ތޫފާނުގެ އަޑު ކޮޓަރީގައި ހަރުލާފައިވާއިރު އެ ތޫފާނެކޭ މިރިއަމްއެކޭ ތަފާތެއް ނެތެވެ. އަލިފާނާއި ދުންވެސް އެލޮލުން ނުކުންނަފަދައެވެ. މިރިއަމް ރުޅި މަތަނުވެގެން ކޮޓަރިތެރޭ އެނބުރޭއިރު ވަހުތާނެއް ފަދައެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭ އެތައް ފަހަރު ސީލިންގައާއި ހަތަރު ބިތުގައި ޖެހިގަންނައިރު ކޮޓަރިވެސް ގުޑާލައެވެ. ރުޅިއައިސް ފުފިފައިވާ ކުއްޖާ އުޅުނު ގޮތް ބަލަން އޭނަގެ ބޭބެމެންނާއި މަންމަ ކަންބޮޑުވެފައި ތިއްބެވެ.

"މިރިއަމް ދަރިފުޅާ ރުޅި މަޑުކޮށްފައި ވެގެން އުޅޭގޮތެއް ނިކަން ބުނެބަލަ....ދަރިފުޅު ރަގަޅަށްވެސް ސެފްރަންދެކެ ލޯބިވަނީތަ؟ " މަންމަގެ އެ ޖުމްލަ އިވުމުން މިރިއަމް ބުމަރެއްހެން އެނބުރެމުންގޮސް އެނދުގައި އިށީންއިރު މޫނަށްވެސް އަނގުރު ކުލަ ވެރިވެއްޖެއެވެ.

"އެހެނެއް ނޫން. މަންމަމެން މި ކައިވެންޏެއް ހަމަޖެއްސީ. އެހެންވެ އެކުވެރިން ގާތު އެވާހަކަ ބުނެވުނީ. ސެފްރަން އިންކާރުކުރީމަ ދެން އަލުން އެކުވެރިންނާއި ކުރިމަތިލާނީ ކޮން މޫނަކާއިގެންތަ؟ އެންޖެލާ ފަދައިން އިންސިއަކާ އަވަލައިގެން ފަންޑިތަވެރިއެއް ލައްވާ އަންދާލިޔަސް މި ލަދަށްވުރެ މާ ރަގަޅު. މަންމަމެން އެވާހަކަ ނުދެއްކިނަމަ......." މިރިއަމް ކަޅިއަޅައިގަތެވެ.


"ނޫން ނޫން ދަރިފުޅާ ހެޔޮނުވާނެ ތިކަހަލަ ޚިޔާލު ނުކުރޭ މަންމަ މޮޔަވެދާނެ............................" ގަންދީޝާ މިރިއަމްގެ ގައިގާ ހިފައިގަތެވެ.


"އަޒްކީލް ދަރިފުޅުމެން ބަލަން ނުތިބެ ސެފްރަންއަށް ވިސްނާދީ..ސެފެރް ގެ ސަބަބުން އަހަރެންގެ ދަރިއަކު ހަލާކުވާތަން ބަލަން ކުޅަދާނައެއް ނުވާނެ. ސެފެރު އެއްބަސްކުރެވުނު ގޮތަކަށް އެއްބަސްކުރުވާ..." ގަންދީޝާ އަމުރުކުރިއެވެ. "މަގޭ ދަރިންނަށް ދެއްވާފައިވާ ކުޅަދާނަކަން ސެފެރުއަކަށް ލިބިފައިނުވާ ކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރުވެރިވަން.. ޖިންނިންގެ ނަމުގައި ހުއްޓަސް އިންސާނެއްހާ ބަލިކަށި............."


***

ގަނޑުފެނުގެ ފަށަލަތަކުން ފުރިފައިވާ އާކްޓިކް ކަނޑުގެ އައްސޭރިފަށުގައި ޖަހާފައިވާ އަލިފާންގަނޑުތަކުގެ ހުޅުތައް ދޭތެރެއަކުން ބޮޑުވެލަނީ ސެފްރަން އަޅަމުންދިޔަ ދަރުތަކުންނެވެ. ފިހެމުންދިޔަ މަސްތަކުގެ މީރުވަސްގަނޑު އެތާ ހިފާލާފައި އޮތެވެ. އަޒްކީލްވެސް އެމީހުންނާއި ބައިވެރިވެލިއެވެ. ކާރމަން ދަންދެން އިންތިޒާރުގައި އިންނާން އަޒްކީލްއަށް ޖެހުނެވެ. ގަނޑުފެންތަކުގެ ތެރެއަށް ފީނައިގަތް ކާރމަންއަށް ދަތުރުކުރި ނަޒަރު ހުއްޓުނީ ސެފްރަންގެ މޫނަށެވެ.

"ޒޭބް ފެނުމުން ސެފްގެ ނަސްލުގެ ޖިންނިއެއްކަން އެނގިފައިވާނީ. އެކަމަކު ޒޭބް އުމުރު ދުވަހުވެސް އޭނަގެ ގަބީލާއަކަށް އެނބުރި ނުދާނެ. ސެފްއަށް އެދަތުރުކުރާ މަގު ސިއްރުކުރަން ޒޭބް ވައުދުވި..ކީއްވެކަން އެނގޭތަ؟ ސެފް ދަރިއެއްހެން ބަލާ ބޮޑުކުރި މައިންބަފައިންނަށް ސެފްއާއި ނުލާ އުޅޭކަށް ފަސޭހައެއް ނުވާނެ..ސެފްގެ ތިހިރަ އަޚުލާގަކާއި ރީތިސިފަތަކުން ރަސްކަމުގެ ސިފަތައް ހުރީމަ އެހާވަރުން ދަނބިދަރިއަކަށް ހަދަން މަންމަމެން ދަހިވެތިވޭ. އެކަމަކު ހަގީގަތަކީ ޖިންނީންގެ ރަސްފުށުމަތިން އައިސްފަ ހުރިނަމަ ސެފް ތިހާ ބަލިކަށި ނުވާނެ. ސެފް ކުޑަކުއްޖެއްގެ ގޮތުގައިވީ ހިނދު އެއްލާލި ބަޔެއްގެ ތެރެއަށް ގޮސްފިއްޔާ ފުރާނަ ދުއްވާނުލާނެކަމުގެ ޔަގީންކަމެއް އެބައޮތްތަ..........." އަޒްކީލްގެ ބޮލުގައި ޖެހެމުން ދިޔަ ސްނޯކޮޅުތައް ވިރިގެންދާތަން ބަލަން ސެފްރަން އިނެވެ.

އޭނައާއި އެހެން ޖިންނިނަ ތަފާތުވާ ސަބަބު ތެރޭ މި ކަންވެސް ހިމެނެއެވެ.

"އެހާވަރުން އަންހެނުން ފޮރުވައިގެން އުޅުނު ސަބަބު އަދި މި އެނގުނީ..." ސެފްރަން ލާނެތްގޮތަކަށް ހީލިއެވެ.

"އާނ ސެފް ޒޭބްގެ ހަގީގަތް ހޯދަން އުޅެފާނެތީ"

"އަޒްކީލް. ކާރމަންގެ ލޯބި ގަބޫލުކުރިއްޔާ މިރިއަމްއަށް ރަގަޅުވާނީ. އަހަންނަށް ކާރމަން އޭނައާއިހެދި ވާވަރު ފެނޭ. ގާތް އެކުވެރިއެއްގެ ލޯބިވެރިޔާ މަގޭ އަންހެނުންނަށް ހަދާކަށް އަހަންނަށް ނުކެރޭނެ..." ސެފްރަން ހަގީގަތް ހާމަކޮށްދިނެވެ.

"ކާރމަން......ހެހެ" އަޒްކީލް ފާޑަކަށް ހީލިއެވެ.

"ކީއްވެ؟ " ސެފްރަން ހައިރާންވިއެވެ.

"ސެފްއަށް ކާރމަންގެ މަންމައާއި އާއިލާ ދޭތެރޭ އޮތް މައްސަލަތައް އެނގިފައި އޮތްނަމަ ތި ޚިޔާލު ހުށަނާޅާނެ. ކާރމަންގެ މަންމަ އަދިވެސް ބަދަލުހިފުމުގެ ރޫހު ގެންގުޅޭކަހަލަ ގޮތެއް ހުރޭ. ކާރމަންއާއި އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުމަށްޓަކާ ބައްޕަ ވިސްނާފައި އެހެރީ ޖެނެރަލްެއެއްގެ މަގާމުދީފައި. އިތުބާރުކުރާތީ އެފަދަ މަގާމެއްދިނީ އެކަމަކު މިރިއަމްއަކާއި ކައިވެނި ކުރުމުގެ ހުއްދައެއް ދުވަހަކު ނުދޭނެ..." އަޒްކީލް ޔަގީންކަމާއިއެކު ބުނެލިއެވެ.

"އަހަރެންގެ ހަގީގަތްވެސް ނޭގެއެއްނު"

"ތިސުވާލު ބައްޕައާއި ކޮށްބަލަ. ސެފްއަށް މިނޫން އިތުރު ގޮތެއްނެތް. މަންމަ ވަރަށް ރުޅިގަދަވެފައި ހުރީ...ސެފް ބޮޑާނަހާކާ ކައިވެނި ކުރޭ. ނޫނީ އެކަމުގެ އަދަބު ލިބޭނެ.............." އަޒްކީލްގެ އަޑުގައި ސީރިޔަސްކަމެއް ވިއެވެ.

ސެފްރަން ބުނީ ވިސްނާނެކަމުގައެވެ. ނަމަވެސް އޭނަ ނިދިނަގާލާ ފިކުރުކޮށް އެންމެފަހުގެ ނިންމުމަކަށް ވީ އެކައިވެންޏާއި ދެކޮޅު ހެދުމެވެ. އެހެން ރޭވުމެއް ރާވަމުން ދިޔައިރު އެރޭވުމަށް ވަގުތު ހޯދަން ވިސްނާނެކަމުގައި ބުނިއިރު ސެފްރަންގެ ނިންމުމަކީ މި ގަބީލާ ދޫކޮށް ދުނިޔެ އެތެރެއަށް ނުކުތުމެވެ. ކާރމަންގެ ލަޝްކަރުން ރަށްތައް ބަލަހައްޓާއިރު މިތަނުން ސަލާމަތްވާން އެ ލަޝްކަރުގެ އެހީ ހޯދިދާނެއެވެ.

***

ގޭތެރެއިން ލާފައި އެގޭގެ ނަމާދުކުރާ ބަޔަށް ވަދެވެއެވެ. އެބައިގާ ބޯ ދޫލަ އަޅާފައިވާއިރު މުސައްލަތައް ފަތުރާފައިވިއެވެ. ހަތަރުކަނުގައި ޖަހާފައިވާ ބައްތިތަކުގައި އަލިފާނުގެ ހުޅުކޮޅު ނަށަމުންދާއިރު ބިތަށް އަރާފައި ހުރީ އާރްޔާގެ ހިޔަނި އެކަނިއެވެ. ރިފްކާއާއި ޕަރީ ނަމާދުކޮށްގެން ގުރުއާން ކިޔަވަން ތިބީ ނިކަން އަދަބުވެރިކަމާއި ތަވާޟައުވެރި ކަމާއިއެކު އިށީދެލައިގެންނެވެ. ހެއްދެވިފަރާތުގެ ހަޟުރަތަށް ކުރިމަތިލައިގެން ތިބިކަމުގެ އިހުސާސްކުރެވެނީ ފަދައެވެ.

ސޯރާ ދޮރުމައްޗަށް އަރާފައި އިރުކޮޅެއްވާންދެން ސަޖިދައިގާ އޮތް އާރްޔާއަށް ބަލަން ހުއްޓެވެ. އެ ދީނަށް ވަންނަ ހިތް ވިއެއްކަމަކު ލޫމާގެ ހުއްދަނެތި އެހާ ބޮޑު ފިޔަވަޅެއް އަޅާކަށް ނުކެރޭނެއެވެ.

***

އާރްޔާ ގަނޑުފެން ޝީޓުތަކުގެ މަތިން ހިނގަމުން ދިޔައީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. ގާތުގައި އޭނަގެ އެކުވެރި ތިން ޖިންނި ވުމުން ކަމެއް ދިމާވިޔަސް އެހީތެރިވާނެކަމުގެ ޔަގީންކަން އޮތެވެ. ނަމަވެސް ކަޅުކުލައިގާ ފެންނަން މިއޮތް ކަނޑުގެ ފިނިގަދަވާނެވަރުވެސް އެނގެއެވެ. އާރްޔާ ހަނދާންވީ ޓައިޓޭނިކްގައި ޖެކް މަރުވާ މަންޒަރެވެ.

"ސޯރާމެން ދުވަހަކު ފިލްމު ނުބަލަންތަ؟ " އާރްޔާ އެހިއެވެ.

"ނުބަލަން.." ތިންކުދިން އެއް އަޑުން ބުނެލިއެވެ.

"ވީއިރު ޖިންނި ކުދިން މާ ފަހަތުގައި ތިއުޅެނީ. ދެރައި މިތަނަށް ވައިފައި ނުލިބޭނެކަން. އަހަންނަށް ބެލުނު ފިލްމުތައް ކިޔާދީފިއްޔާ ޔޫ ވިލް އެންޖޯއި. މިތަނުން މަސްބޭނޭނެތަ؟ " އާރްޔާ ސުވާލުކުރިއެވެ. ތަންކޮޅެއް ދުރުން ޕޯލާ ބެއާއަކާއި ކުދި ދެ ބޭބީ އަންނަ މަންޒަރު ފެނިފާ އާރްޔާގެ ލޯ ވިދައިގަތެވެ. "ވާއު. ހަމަ ދުނިޔެމަތީގެ ސުވަރުގެ. ހައު ކިއުޓް. އެމޭޒިން. އައި ކާންޓް ވެއިޓް ޓު ޓެލް މައި ފްރެންޑްސް އޯލް އެބައުޓް އާކްޓިކް..މިހެދުން ލައިގެން ހުންނައިރު އަހަރެންވެސް ބެއާއެކޭ ތަފާތެއްނެތް ހެހެ........."

ޕޯލާބެއާސްތައް ގަނޑުފެންމަތީ އުޅުނު ހިތްގައިމު މަންޒަރަށް ގެއްލިފައި ހުރެވުނުވަރުން އޭނަ ހުރި ތަނުގެ ނުރައްކާތެރިކަން ހަނދާން ނައްތައިލެވުނެވެ. އެކުވެރި ޖިންނިކުދިންގެ ފަރާތުން ހިމާޔަތް ހޯދައިގެން ހުރި އާރްޔާގެ ފިޔަވަޅުތައް ގަނޑުފެންމަތިން ކަސިޔާރުވީ ސޯރާއަށް އާރްޔާގެ ގައިގާ ޖެހެވިގެންނެވެ. އެއާއެކު ހަށިގަނޑު ނުހިފެހެއްޓި އަރި އަޅާލައިފިއެވެ. އާކްޓިކް ކަނޑުގެ އުނގުތެރެއަށް އާރްޔާ ވެއްޓިގެން ދިޔައިރު ކަރު ފަޅައިގެންދާހާ ބާރަށް އޭނައަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ...)

ކޮމެންޓް 0