ޔަޒްދަންޔާރުއާއި ބައްދަލު ނުކުރަން އަންގާފައި އޮތަސް ސެފްރަން އެ ސަރަހައްދަށް ދަތުރުކުރީ އެ އިހުސާންތެރިޔާގެ މަތިން ހަދާންވެފައެވެ. އިތުރު ޖިންނިއަކު އެހިސާބުގައި ނޫޅޭކަން ޔަގީންކޮށްފައި އޭނަ ހޮހަޅައަށް ވަދެފައި މަޑުމަޑުން އެކުވެރިޔާއަށް ގޮވިއެވެ. ޔަޒްދަންޔާރުގެ ހިލަމެއްނުވިއެވެ. ސެފްރަން ހާސްކަމާއެކު އެތަން މިތަން ހޯދިއެވެ. މުޅި ސަރަހައްދުގައި އަތް ފުނާއެޅިއެވެ. އޭނަގެ އެކުވެރިޔާއަށް ބޮޑު ހާދިސާއެއް ކުރިމަތިވީބާވައެވެ. އިންތިޒާރުގައި ގަޑި ގުނަ ގުނާ ހުރެފައި ސެފްރަން ދެވަނަ ފަހަރަށްވެސް އެ ސަރަހައްދުގައި ބުރެއް ޖެހިއެވެ.
ސެފްރަން މާޔޫސްކަމާއެކު އެނބުރި އަންނަން އުޅުނުތަނުން ފެނުނީ ހީ ނުކުރާފަދަ މަންޒަރެކެވެ. އޭނަ އަވަހަށް ގަސް ބޮނޑީގެ ތެރެއަށް ވަދެ ތިރިވިއެވެ. ފަތްތައް ދުރުކޮށްލައިގެން ހުރެ ކުރިމަތިން ފެންނަމުން ދިޔަ ރީތިކަމަށް ބަލަން ހުރެވުނީ ސްތެޗޫއެއް ހެނެވެ.
ޖަންގަލިތެރޭގައި އެހެން އިންސާނުންގެ ލޯތަކަށް ފަރުދާވެފައިވާ ހިސާބުގައި ހުރި ގަނޑުވަރާއި ދިމާލުން އުދުހިފައި އައިސް ތިރިކޮށްލި ރީތި ފަރި އަންހެންކުދިން ކޮޅު ހެމުން ސަކަރާތްޖަހަމުން ގޮސް އެތާ އޮތް ކޯރެއްގެ ކައިރީ މަޑުކޮށްލިއެވެ. ހެދުންތައް ހަށިގަނޑާއި ވަކިކުރަން ފެށުމުން ލޯ މަރާލާފައި އަނެއް ފަރާތަށް އެނބުރެން ސެފްރަންއަށް މަޖުބޫރުކުރުވިއެވެ.
"ހޭއި ތިއީ ކާކުތަ؟ " އަންހެންވަންތަ އަޑެއް ދާދި ކައިރިން އިވުނެވެ.
ސެފްރަން އެނބުރި ބަލައިލީ ކުރިމަތިވެދާނެ ކޮންމެފަދަ ނުރައްކަލަަކަށް ވިސްނައިގެންނެވެ. ކަންފަތުގައި ގުގުމާފައިވަނީ ޔަޒްދަންޔާރުގެ ވާހަކަތަކެވެ. ޖިންނި ރަސްދަރިކަނބަލުން މި ކޯރަށް ފެންވަރަން އަންނާނެކަން އެނގުނަސް އެކުދިން މިގޮތަށް ބައްދަލުވާނެކަމަކަށް ސެފްރަން ހިޔެއްނުކުރެއެވެ.
"ޝިކާރަވެރިއެއް......"ސެފްރަން ކަނޑީގެ ކަމަރުގައި އަތް ޖައްސައިލިއެވެ.
ސެފްރަންގެ ރީތި ރަތްދެލޮލަށް އެ ޕަރީ ހިތް ކިޔައިފިކަން މޫނަށް ވެރިވި ކުލަވަރާއި ގެއްލިފައި ހުރިގޮތުން ދެކޭ މީހަކަށް އެނގޭނެއެވެ. އެވަރު ނުވިސްނުނީ ސެފްރަންއަށެވެ. އޭނަގެ ފިރިހެންވަންތަ ރީތިކަމަށްޓަކާ ހިތްތައް ފިދާވާއިރު އަމިއްލައަށް އެކަން ރޭކާލާކަމަކަށް ނުވެއެވެ. އެހެންމީހުންގެ ލޯތްބާއި އަޅާލުމަކަށް ސެފްރަން މިހާރު ނޭދެއެވެ.
"ޝެހެޒާދީ ރުއާނާ..." ޖިންނި އަންހެންކުއްޖަކު ގަސްތަކުގެ ތެރެއިން ވިދުވަރެއްހާ ހަލުވިކޮށް އައިސް ހުއްޓެމުން މަޑުމަޑުން ގޮވައިލިއެވެ. އަދި ކަމަރުގައިވާ ކަނޑި ދަމައިގަތެވެ. އޭނަގެ އަމާޒަކަށްވީ ކުރިމަތީގައި މިހިރަ ބީރައްޓެހި ޖިންނިއާއި ހަގުރާމަކޮށް ބަލިކޮށްލުމެވެ.
"ޖިލްވާ ހަމަޖެހޭ. މީ އެހާ ނުރައްކާތެރި ޖިންނިއެއް ހެނެއް ހިޔެއްނުވޭ. އަދާވާތްތެރިން ވަކިކުރަން އަހަރެންގެ ލޯބިވާ ބައްޕަގެ ފަރާތުން ދަސްވެފައިވޭ. އަދި އެނގޭތަ. މި ޒުވާނާ އަހަރެމެން ނަސްލުގެ ޕަރީއަކާއި ވައްތަރެއް ނޫންތަ؟ އަހަންނަށް ބައްޕައާއި ވައްތަރުވެއްޖެ. ބައްޕަގެ ސިފަތައް ލިބިފައި މިހިރީ. މިހެން ވާނީ ކިހިނެއްތަ..............." ރުއާނާ ސެފްރަންގެ މޫނަށް ބަލަން ހުރީ ތައުރީފާއި ކުލުނުގެ ނަޒަރަކުންނެވެ.
"އެކަމަކު ޝެހެޒާދީ. މިއީ އެހާ ރަގަޅު ޖިންނިއެއް ނަމަ އަހަރެމެން ފެންވަރާއިރު ސިއްރުން ބަލަން ހުންނަންވީ ކީއްވެ؟ ނުބައި ނިޔަތެއް ނެތްނަމަ ފިލާ ހުރެގެން ނުބަލާނެ. އަޅުގަނޑަށް މިއީ ރަަގަޅުމީހެއް ހެން ހިޔެއްނުވޭ. ޝެހެޒާދީއަށް ކަމެއް ވެއްޖެއްޔާ ބައްޕާފުޅު އަޅުގަނޑުމެންގެ ފުރާނަތައް ހަށިތަކާ ވަކިކޮށްލާނެ. ޝެހެޒާދާ ނާނޭފުޅުފިއްލަވާ ފެންގަނޑު މީނައަށް ފެނުނު ގޮތެއްވެސް ނޭގޭ. ފެންނަ ބީރައްޓެހިންނާ ވާހަކަދެއްކުމަކީ މަނާކަމެއްނު. ހިގާ ދާން...." ޖިލްވާއަށް ރުއާނާ މި ބީރައްޓެހި ޖިންނިއާއި އެހާ އެކުވެރިވެ ވާހަކަދައްކަން ހުރުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ޖިލްވާވެސް އޭނަގެ މޫނަށް ތަންކޮޅެއް ފުންކޮށް ބަލައިލުމަށްފަހު ރުއާނާގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލިއެވެ.
އޭރު އެހެން ކުދިންތައްވެސް ހެދުން ލައިގެން އެދިމާލަށް އަންނާން ފެށިއެވެ.
"ބައްޕަގެ ނަމަކީ ކޮބާތަ؟" ސެފްރަން އެހިއެވެ. އޭނަ އެކުދިންދެކެ ޖެހިލުމެއްނުވިއެވެ. އޭނަފަދަ ބެންތިކް ޖިންނި ފަހުލަވާނަކާއި މިފަދަ ލައްކަ އަންހެންކުދިންނަށްވެސް ހަގުރާމައެއް ނުކުރެވޭނެއެވެ. އޭނަގެ ހުރިހާ ޝައުގެއް ރުއާނާއަށް ހުއްޓުނީ ރުއާނާ ބުނި އެންމެ ލަފުޒަކުންނެވެ. ބައްޕައާއި އޭނަ ވައްތަރުވެފައި އެ ނަސްލުގެ ބަޔަަކަށް ވުމުން ޝައުގު އުފެދުނީއެވެ. އޭނަގެ ބައްޕައަކީ އެމީހާއަށް ވެދާނެ ހެއްޔެވެ؟ ބައްޕަ ހޯދަން ބޭނުންވެފައިވާލެއް ބޮޑުކަމުން އެހާ ފަސޭހައިން ރުއާނާ ދޫކޮށްލާފައި ދާކަށް ހިތެއް ނޭދުނެވެ.
"ލޫސިއަސް...."
"ޝެހެޒާދާ ލޫސިއަސް...." ޖިލްވާ އަނގަގަދަކަމުން ހިމޭނުން ހުރުން އުދަގޫވެގެން އުޅޭފަދައެވެ. އޭނައަށް ހަގީގަތުގައިވެސް ހިމޭނުން ނުހުރެވެއެވެ. ދެކޮޅަށް ކިރިލަކިރިލާ ހުރިއިރު އެހެން ކުދިންނާއި ދިމާލަށްވެސް އަމުރެއްކޮށްލައެވެ. ދުރަށް ދާން އެންގިއެވެ.
"އަހަންނަށް ބައްޕައާއި ބައްދަލުކުރެވިދާނެތަ؟ އޭރުންތާ އަހަންނާއި ހުރި ވައްތަރުކަމެއްވެސް އެނގޭނީ. އަދި ވާހަކައެއް ބުނަން. މި ޖަންގަލީގެ ކައިރީ މިވާ ކުދި ވިލެޖްތަކުގައި އިންސާނުން ދިރިއުޅޭއިރު ތިހާ ބިރުކުޑަކޮށްލާފައި މިތަނަށް އަންނަން ކެރޭތަ؟ މޮޅު އިނގޭ..." ސެފްރަން ކުޑަކޮށް ހީލިއެވެ. ފުރަތަމަ ނަޒަރުންވެސް މިިކުއްޖާއާއި ޚާއްސަ ކަމެއް ހުރިހެން ހީވެއްޖެއެވެ. ގޮތް ނޭގޭ ގުޅުމެކެވެ. އަލަށް ފެނުނަސް ކުރިން ދަންނަ ކުއްޖެއް ފަދައިން ވާހަކަދައްކަން ފަސޭހަވިއެވެ.
"އަހަންނަކީ ޕްރިންސެެސް އެއް. ކަމެއްވެއްޖެއްޔާ ބައްޕަ ތިބުނާ އިންސާނުންގެ ބޮލަށް މި ފަރުބަދަަ ކަނޑާލާފައި ވައްޓައިލަން ފަހެއް ނުޖެހޭނެ....." ރުއާނާ ހީގަނެފައި ބުނެލިއެވެ.
"ހެހެ.."ސެފްރަންއަށް މަޖާވިއެވެ.
"މިހާ ވާހަކަދައްކާއިރުވެސް އަދި ނަމެއް ނޭގޭ.." ރުއާނާ ހުނުން މަޑުކޮށްލިއެވެ.
ސެފްރަންއާއި ރުއާނާގެ އެކުވެރިކަން ފެށުނީ އެ ދުވަހުއެވެ. ސެފްރަންއަށް މުހިއްމުވީ ރުއާނާގެ ނަސްލާއި ބައްޕަ ދެނެގަތުމެވެ. އެކަމަކު ރުއާނާވެސް އެހާ ސިއްރުވެރިއެވެ. ރުއާނާގެ ފަރާތުން އެހާ ގިނަ ވާހަކަތައް ހޯދައިގަތުމަކީ ސެފްރަންއަށް ކުރެވުނު ކަމަކަށް ނުވިއެވެ. ސެފްރަންގެ ހަގީގަތް ހާމަކުރަން އޭނަވެސް ބޭނުމެއްނުވިއެވެ. ދެފަރާތުންވެސް ސިއްރުތައް ހާމަނުކޮށް ހިފެހެއްޓިއެވެ. ނަމަވެސް ރުއާނާ ވައުދެއްވިއެވެ. ހަފްތާއެއް ހާ ދުވަސްފަހުން އަލުން އަންނާނެ ކަމަށެވެ. ބައްޕަ ދުނިޔެއަށް ގެންނަން މަސައްކަތްކުރާނެ ކަމުގައެވެ.
ސެފްރަން ހުރީ ހަފްތާގެ ދުވަސްތައް ދިގުކަމުން ކެތްނުލަވާފައެވެ. އޭނައާއި އެހާ ވައްތަރު ޖިންނިއަކު ބަލައިލަން ބޭނުންނުވާން ވީ ކީއްވެހެއްޔެވެ؟
ހަފްތާއެއް ފަހުން ސެފްރަންއާއި ރުއާނާ އަލުން ބައްދަލުވިއެވެ. ނަމަވެސް ސެފްރަންގެ އުއްމީދުތައް ފެނަށްވެ މާޔޫސްވިއެވެ. ލޫސިއަސް އެހެން ކަމަކާއި އަވަދިނެތި އުޅެން ޖެހުމުން އާދެވޭގޮތް ނުވީއެވެ. ރުއާނާއާއި ސެފްރަން ކޯރު ކައިރީގައި އެތައް އިރެއްވާންދެން ކުދިކުދި ވާހަކަތައް ދައްކާން ތިބިއިރު ސެފްރަންގެ ފަރާތުން އިންސިކުއްޖަކު އޭނައާއިއެކު އުޅޭކަން އެނގުނެވެ. އާރްޔާގެ ވާހަކަ ސެފްރަން ދެއްކީ ގަސްތުގައެވެ. އާރްޔާ ވީހާވެސް ދުރު ގަބީލާއެއްގެ ބެލުމުގެ ދަށުގައި ބަހައްޓަން އޭނަ ނިންމީ ވިސްނާފައެވެ.
***
ރަސްގެފާނު ޖަލްޖާލޫތު އަދި ގަންދީޝާ އާއި މިރިއަމް ސެފްރަންގެ އިންތިޒާރުގައި ބަގީޗާތެރޭގައިވާ ގަހެއްގެ ހިޔަލުގައި އިށީދެލައިގެން ތިބިއިރު އެހިސާބުއޮތީ ގޮމަކަސްތޫރިއާއި މާވަހަރުން ހުވަދުލެވިފައެވެ. ސެފްރަން މަޑުމަޑު ހިނގުމެއްގައި އައިސް ބޯ ގުދުކޮށްލާފައި އަދަބު އަދާކުރިއެވެ. ސެފްރަން ބައްދަލުކުރަން ބޭނުންވަނީ ކޮންކަމަކާއި ކަމެއް އަދި އެކަކަށްވެސް އެނގިފައެއް ނެތެވެ.
"އަވަހަށް އިށީދޭ...." ރަސްގެފާނު ސެފްރަން އިށީންނަން ހުއްދަދިނެވެ.
"ބަލިވެ އުޅެމުންގޮސް ދަރިފުޅުގެ އެދުމުގެ މަތިން މި އައީ. އަަވަހަށް ބުނޭ. ދަރިފުޅުގެ ކޮންމެ އެދުމެއް ފުރިހަމަކޮށްދޭން ބައްޕައަށް ވެވުނު ވަރަކުން މަސައްކަތްކުރާނަން........" ޖަލްޖާލޫތުގެ އެހުންނަ ހަރުކަށިކަމާއި ސީރިޔަސްކަން ސެފްރަން ފެނުމުން އެއްފަރާތްކޮށްލަން މަޖުބޫރުވިއެވެ.
"އަޅުގަނޑު ރަސްކަން ބޭނުމެއްނޫން. އަޒްކީލް ހޮވުމަށް ތާއީދުކުރަން......" ސެފްރަންގެ ޖުމްލައިން ގަންދީޝާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"އެއީ ކީއްވެ؟ " ޖަލްޖާލޫތު އެހިއެވެ.
"އެހާ ބޮޑު ޒިންމާއެއް ނުނެގޭނެ. އެއީ ކިހާ ބޮޑު މަސްއޫލިއްޔަތެއްކަން ނޭގި ރަސްކަމާއިހެދި އުޅެވުނީ..އަޅުގަނޑު އެކަމާ މާފަށް އެދެން...." ސެފްރަން ގެ ވާހަކަަތަކުން މިރިއަމްގެ ރުޅިގަދަވާ ގޮތްވިއެވެ. އޭނަގެ ފިރިމީހާއަށް ނޫނީ ރަސްކަން ލިބިގެން ނުވާނެއެވެ. އޭގެ ފަހުން ވާރިސްއަކަށް ވާންޖެހޭނީ އޭނަގެ ބަނޑުގައިވާ ފިރިހެން ދަރިފުޅެވެ.
"ބައްޕަ އަދި ވަޒީރުންނާއި މަޝްވަރާކޮށްފައި ނޫނީ ގޮތެއް ނުނިންމޭނެ. ބައްޕަގެ ބަލި ހާލު ހުރިގޮތުން މިހާ ބޮޑު ބުރައެއް އުފުލޭކަށްނެތް. ކޮންމެވެސް ކުއްޖަކާއި ތަޚުތު ހަވާލުކޮށްފައި ބާކީ ދުވަސްކޮޅެއް އޮތިއްޔާ އަޅުކަމުގައި ހޭދަކޮށްލާނީ. އަޖަލު ޖެހި ލޯ އަބަދަށްޓަކާ މެރިގެން ދާނެ ވަގުތެއް އެކަކަށްވެސް ނޭގޭނެ. އަބަދު ވެރިކަމާއި އާރާއި ބާރު އަދިމުދަލާއިހެދި އުޅޭކަށް ނުވާނެ. ބައްޕަ ނެތަސް ހުރިހާ ކުދިން އެކުވެރިކަމާއެކު ގުޅިގެން އެކީ އުޅެންވާނެ. ސެފްރަންގެ ތި ނިންމުމުން އަޒްކީލްއަށް އިންސާފަކަށްވާނެ. އެކަމަކު ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ދަރިފުޅުވެސް ތަޚުތުގައި އިށީންނާނެ..................." ޖަލްޖާލޫތުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
ގަންދީޝާގެ ސިކުނޑީގައި އެހެން ޕްލޭންތަކެއް ރާވާ އެކަމަށް އަމަލީ ސިފަ ގެންނާން އޭނަަވަނީ މަސައްކަތް ފަށާފައެވެ. އަޒްކީލްއަށް ރަސްކަން ދޭން ބާރު އެޅިނަމަވެސް ހިތް އެކަމާ ދެކޮޅެވެ. ހިތްވަނީ ހަސަދައާއި ނަފްރަތުން ކަޅިވެފައެވެ.
***
އާރްޔާ ހޭލެވުނުއިރު އޭނަ އޮތީ ކޯރެއްގެ އައްސޭރިފަށުގައެވެ. ކުލަކުލައިގެ ޖަންގަލީމާތަކުން އައްސޭރިފަށުގެ ރީތިކަން އެތައް ގުނަ އިތުރުކުުރުވައެވެ. އާރްޔާ ފުންމައިގެން ތެދުވެ ވަށައިގެން ހޯދައިލިއެވެ. އޭނަ ނިދީ ގަނޑުވަރުގައި ހުންނަ ނޯކަރުން ނިދާ ބައިގައެވެ. މި ބިމަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ އޭނަ މިތަނަށް ގެނައީ ކާކުހެއްޔެވެ؟ ދިރޭ ފުރާނައެއްގެ ހިލަމެއް ނުވާ ފަޅުތަނެއްހެން ހީވެއެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ.
"އެނީވަން ހިއާ؟ " އާރްޔާ ގޮވައިލިއެވެ.
އޭނަގެ ސުވާލުގެ އަޑު އިވިގެން އެތަނަށް ނުކުތީ ޖިންނި ދެ އަންހެންކުދިންނެވެ. އެއްކުއްޖަކު ހެދުން އަޅައިގެން ހުރީ ފިލްމުތަކުން ފެންނަ ޕްރިންސެސްއެއް ފަދައިންނެވެ. ރަން ކަސަބުން ޖަރީކޮށް ކުދި ޖަވާހިރުން ދަޅަ އަޅާ ރަތްކުލައިގެ ފަށުވި ހެދުމެއްގައެވެ. ފަސްބައި ބިންމަތީގައި ދެމެމުންދާއިރު މަޑުމަޑު މަޚުމަލް ކޮޅެއްފަދައެވެ. ދެން ހުރީ ޚާދިމާކަމަށް ވެދާނެއެވެ. ރުއާނާއާއި ޖިލްވާގެ ނަމުން އެކުދިން ތައާރަފުވިއެވެ.
"މިއަދަށްފަހު ތި އިންސި ކުއްޖާ އުޅޭނީ އަހަރެމެންގެ އެހެރަ ގޭގައި...." ރުއާނާ އަނެއް ފަޅީގައި ހުރި ގަނޑުވަރެއް ދައްކައިލަމުން ހީލިއެވެ.
"ސެފްރަން އަހަންނަށް އަޅެއްގެ ގޮތުގައި ހަދިޔާކުރީ......."އޭނަ އިތުރަށް ބުނެދިނެވެ.
"ސެފްރަންއަކީ ޝެހެޒާދީ ރުއާނާގެ ލޯބިވެރިޔާ..." ޖިލްވާ ނުލަފާ ހިންޏެއް އައިސްފަ ހުރެ ހެދި ދޮގުން ރުއާނާއަށްވެސް ލޯ ބޮޑުކޮށްފައި ބަލައިލެވުނެވެ.
"ކަލޭމެންނާއެކު ދާކަށް ބޭނުމެއް ނޫން..." އާރްޔާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތެވެ. ސެފްރަންވެސް ހާދަ ގޯހެވެ. އޭނަ ކައިރިން އަހާލުމަކާއި ނުލައި އޭނަ ހަވާލުމިކުރީ ކޮންފަދަ ގަބީލާއަކާއި ކަމެއްވެސް ނޭގެއެވެ. ނުބުނެ ލޯބިވެރިއެއް ހޯދައިފިއެވެ. ރުއާނާ ފަރިގޮތަކަށް ހިނގާލާފައި ކުރިއަށް ދަމުން ޖިލްވާއަށް އަމުރެއްކުރިއެވެ.
"ރުހުނަސް ނުރުހުނަސް ކަލޭ ދެން ހުންނާނީ ރުއާނާގެ އަޅެއްގެ ގޮތުގައި. ބުނަން ވާހަކައެއް. ރުއާނާގެ އާއިލާއަށް އިންސިންވަނީ ބޮޑު އަނިޔާތަކެއް ދީފައި. އެކަމުގެ ބަދަލު ހިފަން ރުއާނާ ނޫޅުނަސް އަހަރެން ރުއާނާއަށްޓަކާ އެކަން ކުރާނަން. ރުއާނާދެކެ އަހަރެން ވަރަށް ލޯބިވޭ........" ޖިލްވާ އާރްޔާ ކޮނޑުމައްޗަށް އުފުލައިލީ ލުއި ފަތްކޮޅެއްހެންނެވެ. އާރްޔާ ކިތަންމެ ވަރަށް އެ އަތުތެރެއިން ސޮއްސާލާފައި ފައިބައިން މަސައްކަތްކުރިޔަސް އެއަށްވުރެ ޖިލްވާ މާ ބާރުގަދައެވެ. ޖިންނިކުދިންގެ މިހިރަ ބާރެކެވެ.
"ދުވަހަކު ސެފްއަށް ފޮގިވް ނުކުރާނަން..." އާރްޔާ ދަތްތަކަށް ބާރުލިއެވެ.
***
އަޒްކީލް ރަސްކަމުގެ ތަޚުތަށް ރެދަލިވި ދުވަހަކީ ބެންތިކް ޖިންނިންގެ ތާރީޚީ ދުވަހަކަށްވިއެވެ. ޝާހީ އާއިލާއާއި ޚާއްސަ މީހުންނަށް ދައުވަތު ދެވިފައިވާއިރު އެންމެންގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. އަޒްކީލްގެ އާއިލާ އޭނަގެ ދެފަރާތުގައިވާ ގޮނޑިތަކުގައި އިށީދެލައިގެންނެވެ. ޒޭބްއާއި އެހެން އަންހެންވެރިންގެ މޫނުތައް ހިޖާބުން ފޮރުވާލާފައިވިއެވެ. ހާމަޔަށް ހުރި ޒޭބްގެ ދެލޮލުން ފެންނަން ހުރީ އުފާވެރިކަމުގެ އިންތިހާއެވެ. އަނެއް ފަރާތުގައި އަޒްކީލްގެ ކޮއްކޮމެންނާއި އާއިލާވިއެވެ. ދާރިންއާއި ޒާދްކިއަލް އަދި އެލިއަސް ވެސް ބޭބެއަށްޓަކާ ފަޚުރުވެރިވެފައެވެ. ތަޚުތުގެ މައްޗަށް އެންމެ ހައްގުކަން ބޮޑީ އަޒްކީލް ކަމުގައި އެފަރާތްތައް ދެކުނެވެ. ސެފްރަންއާއިމެދު ހިތްހަމަނުޖެހިފައި ތިއްބާ އޭނަ ދޫކޮށްލުމުން އެހިތްތައް ތައުރީފުން ފުރުނެވެ. ނަމަވެސް ފަހުން ދިމާވާން އޮތް ބޮޑު މުސީބާތްތަކާއި ހަގުރާމައާއިމެދު ހިތްތައް ޣާފިލުވެ އެންމެންވެސް އެދޭފަދަ ސުލްހައެއް އައުމުން އުފަލުން ފުރިފައެވެ. ވެރިކަމާއިހެދި ތޮޅުމަކީ އިންސީންނާއި ޖިންނީގެ ގައިގާ ހުރި ނޭދެވޭ ޚަސީލަތެކެވެ. ރަސްކަމާއިހެދި ބޮޑެތި ފިތުނަތަކާއި ލޭ އޮހޮރުވުމަކީ ހުރިހާ ތަނެއްގައި އާއްމުވެފައިވާ ވަބާއެއް ފަދަ ކަމެކެވެ.
އަޒްކީލްގެ ކޮއްކޮ އެލިއަސް މަސައްކަތްކުރަނީ ވަޒީރުގެ ނާއިބަކަށެވެ. އަޒްކީލްއަށް ވުރެ ރަސްކަމަށް އެކަށީގެންވާ ކަމަށް ގަބޫލުކުރިޔަސް މަސަލްހަތަށް ބަލާފައި އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. ނަމަވެސް ސެފްރަން ރަސްކަަމަށް އެރިނަމަ އޭނަ ބަގާވާތް ކުރީހެވެ.
ރިއްސާއި އަގު ބޮޑު މައުދަންތަކުން ހަދާފައިވާ ތަޚުތުގައި އަޒްކީލް ބޭންދުމަށްފަހު ބޮލުގައި ތާޖު އަޅުވާދިނީ އޭނަގެ ބައްޕަ ޖަލްޖާލޫތު ރަސްގެފާނެވެ. ދަރިފުޅުގެ ނިތްކުރިއަށް ބޮސްދިންއިރު ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރައިލިއެވެ. ޒޭބްގެ ހިނިތުންވުން ފުޅާވިއެވެ. ގަންދީޝާއާއި ޒުއްނޫރީންގެ މާޔޫސްކަމާއި ހަސަދަވެރިކަން ފޮރުވަން މަސައްކަތްކުރަމުން މަސްނޫއީ ހިނިތުންވުމާއެކު އަތްތިލަ ޖަހަންފެށިއެވެ.
"މިއޮތް ބޮޑު ހަފްލާއަށް ސެފްރަން ނައީ ހަމަ ހަސަދަވެރިވީވަރު ބޮޑުކަމުންތަ؟ " ޒުއްނޫރީންއަށް ކެތްނުވެގެން ގަންދީޝާގެ ކަންފަތް ބުޑުގައި ބުނެލިއެވެ.
"ސެފްރަން ކަނޑުދެކެ ބިރުގަނޭ. އެހެންވެ ނައީ..." ގަންދީޝާ ބޯ ހޫރައިލިއެވެ. ސެފްރަން ރަސްދަރިކަލެއް ކަމުގެ ކުށް ހީކުރެވި އޭނައަށް ގޯހެއް ހެދިއްޖެއެވެ. މިރިއަމްއާއި ކައިވެނި ކުރުވުމަކީ އެންމެ ރަގަޅު ނިންމުމެއް ނޫނެވެ.
"އިންސި ކުއްޖާ..." ޒުއްނޫރީން އެހިއެވެ.
"އިންސި ގެއްލިއްޖެ........" ގަންދީޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
(ނުނިމޭ...)