"އަހަރެން ކަލޭ މަރައިލާނަން....."ޒޭބް ޚަންޖަރު ހިފައިގެން އަންނަން ފަށާއިރަށް އާދުއާއި ކާއިން ސެފްރަންގެ ދެފަރާތުގައި ހުއްޓުނުގޮތުން ޒޭބްވެސް ޖެހިލުންވެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.

"ރަސްގެފާނު އަޒްކީލްގެ އާއިލާއަށް އެކަން އެންގުމަކީ އަހަރެންގެ ޑިއުޓީކަމުގައި ދެކުނީ. މިއަދުން ފެށިގެން އަޒްކީލްގެ މަގާމު ފުރާނީ އަހަރެން. ރުޅިއަންނަ ބަޔަކު ރުޅި އަންނަންވީ. މިކަމެއް ދެން ބަދަލެއްނުވާނެ..........." ސެފްރަންގެ މޫނުމަތިން އިތުރު ޝުއޫރުތައް ނެފުނަސް އިރުކޮޅެއްވާންދެން ޒޭބްއާއި ލޯ ގުޅައިލެވުނެވެ. އޭނަދެކެ އެހާ ނަފްރަތު ކުރަން އޭނަގެ ކުށަކީ ކޮބާހެއްޔޭ އަހާފަދަ ނަޒަރެކެވެ. ޒޭބް ދަތްތަކަށް ބާރުލައިގެން ހުއްޓަސް އާދުއާއި ކާއިންދެކެ ޖެހިލުންވުމުން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅިއެވެ.


***

ޒޭބް ހަޅޭއްލަވައިގަތްލެއް ބާރުކަމުން ގަނޑުވަރުގެ ފާރުތައްވެސް ތެޅިލިއެވެ. ސީލިންވެސް ބޯ މައްޗަށް ފައިބައިގެންފާނެހެން ހީވިއެވެ. ފެންނަން ހުރި ހިސާބުގައިވާހާ އެއްޗެއް ފުނޑުފުނޑުވެގެން ފައިބައިގަތެވެ. އިރުކޮޅެއްފަހުން ހަމަޔަކަށް އެޅުމުން ރުޅީގެ މައްޗަށް ހިތާމަކުރި ހޯދައިފިއެވެ. އެއްކަނެއްގައި ބައްދާލައިގެން ތިބި ދެކުދިންނަށް ބަލާފައި އެކުދިންނާއި ދިމާލަށް ހިނގައިގަނެވުނެވެ. ދެކުދިން ގެނެސް ބާރަށް ބައްދައިލުމާއެކު ޒޭބްގެ ލޮލުން ސައިލާބެއްހެން ކަރުނަ އޮހިގަތެވެ.

ޒުއްނޫރީންއަށް އެ ޚަބަރު ލިބުނުތާ މިނިޓެއްނުވަނީސް އޭނަ ހުރީ ގަންދީޝާ ގާތުގައެވެ. ދެމީހުން އެއްތަންވުމާއެކު ގަންދީޝާގެ ކިނބޫ ކަރުނަތައް ފޮހެލާފައި ނުލަފާ ހިންޏެއް ހީލިއެވެ.

"އަހަރެމެންގެ ފުރަތަމަ މަސައްކަތް ކާމިޔާބުވެއްޖެ. ދެން އޮތީ ސެފްރަންގެ ދުވަސް ދުއްވައިލަން. އެ ޝައިތާނީ ރަތް ދެލޯ ކޮނެލާނަން. އޭނަގެ ބޮޑާ ހިނިތުންވުން އަބަދަށްޓަކާ ފޮހެލާނަން...."

"ކެތްތެރިވޭ. އެހާ އަވަސް އަރުވަން ހަދައިގެން އެހެން ޖިންނީންނަށް ޝައްކުވެދާނެ. ދުވަސްކޮޅެއްވާންދެން އޭނައަށް ރަސްކަމުގެ ރާހަތު ލިބި ކުޑަދުވަސްކޮޅަކަށް އެކަމުގެ ފޮނިކަން ލިބިޔަދީ. އަވަސް އަރުވާލާ މީހުންނަށް ގިނަފަހަރު ނާކާމިޔާބުވާނީ. އޭނައަށް ރަސްކަން ލިބުނީމަ ސިޔާސަތު ބައްޓަންކުރާނެގޮތް ބަލަމާ.." ގަންދީޝާ ހަށިގަނޑު ސީދާކޮށްލާފައި ބޮޑާގޮތަކަށް ހީލިއެވެ.

"އަހަރެންގެ ކާރލީންއަކީ މިހާރު އޭނަގެ ގަބީލާގެ ވެރިޔާ. އޭނަގެ ލަޝްކަރު މާ ވަރުގަދަވާނެ، އެކަމަކު އޭނަގެ ކޮއްކޮއަކީ ބެންތިކް ލަޝްކަރުގެ އިސްވެރިޔާއަށް ވެފައި އޭނައާއި ކުރިމަތިނުލާންވެގެން އެހެރީ. އެކަމަކު ސެފްރަން ބޮޑާވަންޏާ އޭނަ ނައްތާލާކަށް ފަހެއް ނުޖެހޭނެ.............." ޒުއްނޫރީން ގެ ރާގުގައި އެހާ ބޮޑާގޮތެއް ހުއްޓެވެ. "އަދި އެއްވާހަކަ ބުނަން. ޒޭބް އޭނަގެ ގަބީލާއަށް ފޮނުވާލާ. އަޒްކީލް ނެތި އޭނަ މިތާ ބަހައްޓަން ހަދައިގެން ދަރިފުޅު މާކިއަން ރަސްކަމަށް އިސްކުރަން ފައި ވިއްދާލަފާނެ...."

ގަންދީޝާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

***

ޒޭބް ވުޟޫކޮށްލައިގެން މުސައްލަމަތީ އިނދެ ނަމާދުކުރިއިރުވެސް ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައެވެ. އަޒްކީލްގެ ކުއްލި ވަކިވުން އޭނަގެ ދުނިޔެ އެއްކޮށް އަނދިރިކޮށްލައިފިއެވެ. ހުރިހާ އުފާތައް ނިގުޅައިގަނެވިއްޖެއެވެ. ހިތް ޒަޚަމްވެ ކުދިކުދިވެއްޖެއެވެ. އަޒްކީލްއާއި ނުލާ ދުނިޔޭގައި އުޅުމުގެ އެއްވެސް މާނައެއް ނެތެވެ. މުޅި އާއިލާ ގަބީލާ އަދި އޭނަގެ ދުނިޔެ ދޫކޮށް ހިޖުރަކުރީ ލޯބިވާ އަޒްކީލްއަށްޓަކައެވެ. މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވީ އޭނަގެ ބަސްނޭހުމުގެ ނަތީޖާހެއްޔެވެ؟ މަންމަގެ ދުޢާގެ އަސަރުހެއްޔެވެ؟ އޭނަގެ މަންމަގެ ހިތުގައި ޖައްސާފައި އޭނަ ދުރަށް އައުމުން ދުނިޔެ ބަރުބާދުވެއްޖެއެވެ. މަންމަގެ ރުހުމާއި ހެޔޮ ދުޢާއާއި ނުލައި ރަގަޅު ހަޔާތެއް ލިބުމެއްނުވާނީހެއްޔެވެ؟

ޒޭބް ޚުޝޫއަތްތެރިކަމާއެކު ލޮލުން ކަރުނަ ފައިބާ ހާލުގައި ދުޢާކުރިއެވެ. އަޒްކީލްއަށް ފާފަ ފުއްސެވުމަށާއި ރަހުމަތް ލެއްވުމަށެވެ. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށާއި އެކީގައި ސުވަރުގޭގައި ލެއްވުމަށެވެ.

"ކަރުނައަކުން ދެނެއް އަހަރެންގެ އަޒްކީލް އަނބުރައެއް ނުގެނެވޭނެ. އަބަދަށްޓަކާ ވަކިވެގެން ދިޔައީ. ވަދާއުގެ ސަލާމް ކުރާނެ ފުރުސަތެއްވެސް ނުލިބުނު.. އެ ސުންޕާ ޝައިތާނާ އެންމެ ލޯބިވާ ފަރާތާއި ވަކިކުރުވައިފި. އެ ޝައިތާނާ އަންދާލާނަން. ހިތަށްނާރާ ވަރަށް ވޭންދެނިވި ސަޒާދީފައި މަރާލާނީ........"

ޒޭބްގެ ރުއިމުގެ އަޑު މުޅި ގަނޑުވަރުގައި ހިފައިލިއެވެ.

***

ސެފްރަން އާދު އަދި ކާއިން ހޮހަޅައިގެ އެތެރެއަށް ވަންއިރު ހޮހަޅައިގެ އެންމެ އެތެރޭގައިވާ ކޮޓަރިއެއްފަދަ ބައިގެ ތެރޭގައިވާ މަޑު ގޮދަޑިމަތީގައި އަޒްކީލް ޚަބަރުހުސްވެފައި އޮތެވެ. އޭނަ ހޭއަރާނެކަމުގެ އެއްވެސް ޔަގީންކަމެއް ޔަޒްދަންޔާރުއަކަށްވެސް ނެތެވެ. ސެފްރަން އަޒްކީލްގެ އިސްތަށިގަނޑުގައި ފުނާ އަޅާދީފައި ގަތާލަދިނެވެ. އަތާއި މޫނު ދޮއްވާލަދިނެވެ. އެއްވެސް ދިރުމެއްނެތެވެ. "ކޯމާ" އެއްގައި އޮތް އިންސާނެކޭ އަޒްކީލް ތަފާތެއް ނެތެވެ.

ޔަޒްދަންޔާރު ސުފުރާ އަތުރާލުމަށްފަހު އޭނައާއެކު ބައިވެރިވާން އެދުނެވެ. ތިން ޒުވާނުން ދެފައި ވަށްކޮށްލައިގެން އިށީނެވެ.

"ގަނޑުވަރުން މޮޅު ހަކީމުން ގެނެސްގެން ފަރުވާދޭން ފެނޭ..........."ޔަޒްދަންޔާރު ބުނެލިއެވެ.

"އަހަންނަށް ޔަޒްދަންއަށް ބޮޑަށް އިތުބާރުކުރެވެނީ. މާތްﷲ ޝިފާދެއްވާނެ ކަމާއިމެދު ޝައްކެއް ނުކުރަން." ސެފްރަން ޔަޒްދަންޔާރަށް އިތުބާރުކުރާވަރު އެ ޖުމްލައިން ހާމަވިއެވެ.


***

އާރްޔާގެ ވާޖިބު އަދާކުރެވިއްޖެ ކަމުގައި އޭނަ ދެކުނެވެ. ސެފްރަންގެ ލޯ ކަމުގައި ވެގެން އޭނަ ގަންދީޝާމެންގެ ރޭވުން ފަޅާއަރުވާލައިފިއެވެ. އިތުރަަށް މިތާ މަޑުކުރަން ހަދައިގެން އޭނަގެ ފުރާނައަށް ނުރައްކާވެދާނެއެވެ. ގަންދީޝާ އެންމެ ކުރިން ޝައްކުކުރާނީ އޭނައަށެވެ. ސޯރާ ރިފްކާ އަދި ޕަރީގެ ގައިގާ ބައްދާލާފައި ސަލާމްކުރުމަށްފަހު އޭނަ ފިލައިގެން ދާން ނިންމިކަމަށް ބުނެލިއެވެ. އެ ކުޑަ ޖިންނި ކުއްޖާ ރަށްބޭރުގައި އޭނައަށް އިންތިޒާރުކުރާނެއެވެ. ކަމަރުގައިވާ ޚަންޖަރުގައި ފިރުމާލާފައި އާރްޔާ އަހަށް އެރިއެވެ. ހަންމުށި އަޅާލުމާއެކު އަސް އޭގެ އެންމެ ހަލުވި ދުވެލީގައި ވައި ކަފާފައި ކުރިއަށް ދިޔައެވެ.

"ހޭއި.....ޒެބްލަން.." އާރްޔާއަށް އޭނަގެ އިންތިޒާރުގައި ހުރި ކުޑަ ޖިންނި ކުއްޖާ ފެނުމުން ގޮސް ކޮނޑުގައި ހިފާލެވުނެވެ. ހޫނުކަމުން އަތް ފިހޭވަރުވެ އަތް ދުރުކޮށްލެވުނެވެ. ޒެބްލަން ސިހިިފައި ވަށައިގެން ކަޅި ހިންގާގޮތުން ކަމެއް ގޯސްވެގެން އުޅޭކަން ވިސްނި އާރްޔާ ސުވާލުކުރިއެވެ.

"މަހާރާނީ ގަންދީޝާގެ ސިފައިން އަހަރެމެންގެ ފަހަތުން އެބައާދޭ. އަތުލައިގެންފިއްޔާ ކަށްވަޅެއްފަދަ ޖަލުގައި މުޅި އުމުރު ހޭދަކުރަން ޖެހިދާނެ." ޒެބަލަން ދެލޯ ބޮޑުކޮށްލިގޮތުން އެކުއްޖާފުޅު ގެންފައިވާ ބިރު އާރްޔާއަށް ރޭކާލިއެވެ. ޖިންނިންނަށްވެސް ބިރު އެކިޔާ ވަރުގަދަ އިހުސާސްތައްވެސް އެބަ ކުރެވެއެވެ.

"ވީއިރު އަހަންނަށްޓަކާ މިހާ ބޮޑު ގުރުބާނީއެއް......" އާރްޔާ ޒެބްލަންއަށް ބަލައިލީ ޚާއްސަ ނަޒަރަކުންނެވެ. ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"އަހަންނާއި މަންމަ ބަނޑުފުރާ ކާން އެއްޗެއް ލިބުނީ ހަމައެކަނި އާރްޔާގެ ފަރާތުން ކަން ދުވަހަކު ހަދާން ނައްތައެއްނުލާނަން." ނިކަމެތިންނަށް ދިއްކޮށްލާ ކުޑަ ކުޑަ އެއްޗަކީވެސް އެމީހުންނަށްޓަކާ ވެވޭ އިހުސާންތެރިކަމެކެވެ. ޔަގީނުންވެސް ޒެބްލަން އެކަން ބަލައިގެންފިއެވެ.

ޒެބްލަން އާރްޔާ ގޮވައިގެން ދެވުނީ އިންސިންގެ ވިލެޖް ގެ ރަށް ބޭރާއި ހަމައަށެވެ. ވަށައިލި ހިޔަނިތައް މަޑުމަޑުން ކުލަގަދަވަމުންގޮސް އިންސާނީ ސިފަޖެހުނެވެ. އާރްޔާގެ ހިތްވެސް ރޫރޫއަޅައިގަތެވެ. ވަރުގަދަ މާރިދުންނާއި ހަގުރާމަ ކުރެވުމަކީ ކުޑަ ކުޑަ ޒެބްލަންއަށް މުސްތަހީލުކަމެކެވެ. އެވަރުންވެސް ޒެބަލަން އާރްޔާ ދިފާއުކުރަން މާރިދުންނާއި ދިމާލަށް ފުންމައިގަތެވެ. އާރްޔާވެސް އޭނަގެ ކަމަރުގައިވާ ޚަންޖަރު ހޫރައިގަތެވެ. ރަތުލޯ ހުރުމުން މާރިދުންނަށް ބޮޑު ބިރެއްފަދައެވެ. ނަމަވެސް އާރްޔާ އަތުލައިގަތުން މާރިދުންނަށް ބޮޑުކަމަކަށް ނުވިއެވެ. ފަހަތުން އައި މާރިދުންތައް އާރްޔާގެ އަތުގައި ހިފަހައްޓާފައި ނިކަން ފަސޭހައިން ވާ ގަނޑެއްގައި ޖެހިއެވެ. އާރްޔާ ބަލައިލިއިރު ޒެބްލަން ހަރަކާތެއް ނެތި ވިނަތައް މަތީ އޮތުމުން ދެލޯ ކަރުނުން ފުރުނެވެ.

"ސޮރީ ޒެބްލަން. ސޯ ސޮރީ..." އާރްޔާގެ ހިތް ފުރި ބަންޑުންވިއެވެ.

އޭނައަށްޓަކާ މައުސޫމް ފުރާނައެއް ދުނިޔެއާއި ވަކިވެއްޖެއެވެ.

އާރްޔާ ގަހެއްގައި އައްސާލާފައި މާރިދުންތައް ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން ވަށައިގެން އިށީދެ ފާޑު ފާޑަށް ނަށާ ވައްތަރު ޖައްސަންފެށިއެވެ.

"އައްޗީޑި އަލިފާނަށް އަޅުކަން ކުރާ ހޭނުޖެހޭ މޮޔަ ޖިންނިންތަކާ. ތި އަލިފާންވެސް ހެއްދެވީ ޚާލިގުވަންތަ ﷲ. މަރުވީ ދުވަހަކުން ވޭންދެނިވި އަޒާބު ތި އަލިފާނުންވެސް ލިބޭނެ. ދުންނާރާ އަލިފާނުން ހެއްދެވި މަޚުލޫގުން ބިރެއްނެތި ތިއަށް އަޅުކަން ކުރާއިރު މޮޔަކަމުގެ ކޮޅެއްނެތް....އައިލް ކިލް ޔޫ އޯލް......" އާރްޔާ ދެލޯ ހަނިކޮށްލާފައި ބަލަން ހުރީ ނަފްރަތުން ފުރިގެންވާ ނަޒަރަކުންނެވެ.

މާރިދުންތައް ހޭންފެށިއެވެ. އާރްޔާގެ ނަފްރަތުން މާރިދުންނަށް ލިބުނީ ހިތްހަމަޖެހުމެވެ. ވަކި ރުޅިއެއްވެސް ނާދެއެވެ. އެވަރުގަދަ ބިޔަ މާރިދުންނަށް އާރްޔާ އަދިވެސް ފެންނަނީ ކުޑަ އަންހެންކުއްޖެއްގެ ގޮތުގައެވެ. އިންސާނަކަށްވިޔަސް ގަންދީޝާގެ ގަނޑުވަރުން ފެނިފެނި އެކުއްޖާ އޭގެ ތެރެއިން ބަޔެއްކަމުގައި ވަނީ ބަލައިގެންފައެވެ. އެންމެނަށްވެސް އޭނައާއި ދޭތެރޭ ދެކެވުނީ ކުޑަ ކުއްޖެއްގެ ގޮތުގައެވެ. ރައްކާތެރިކަންދޭން ބޭނުންވާފަދަ ރަގަޅުކުއްޖެއްގެ ގޮތުގައެވެ. މި ރުޅިގަދަ ސިފަ އެއިން އެކަކަށްވެސް އާރްޔާ ދައްކާފައެއްނުވެއެވެ.

"ލެޓްމީ ގޯ........" އާރްޔާ ތަންކޮޅެއް މައިތިރިވިއެވެ. އޭރު މާރިދުން ކަންބަޅިއެއް ކަތިލައިގެން އަލިފާނަށް ލާ ފިހުމުގައި އަވަދިނެތި އުޅެއެވެ.

މާރިދުންނަށް އޭނަ ކީ އެއްޗެއް ދޭހަނުވީކަމެއް ނޫނީ ގަސްތުގައި އަޅާނުލީކަމެއް ނޭގުނެވެ. އެ ބޮޑު ޖަންގަލީތެރޭގައި އުޅޭ ކުނަ މެއްސަކާއިހެދިވެސް އެ މާރިދުންނަށް މާ އުދަގޫވާނެކަން ނޭގެއެވެ.

"އަޑެއް ނީވޭތަ؟ ދޫކޮށްލާށޭ ބުނެފީމެއްނު...." އާރްޔާ ހަޅޭއްލަވައިގަތެވެ. އެވަރުންވެސް މާރިދުން ހަމަޖެހިގެން އެމީހުންގެ މަސައްކަތާއި މަޝްޣޫލުވެގެން އުޅޭތަން ފެނި އާރްޔާ މާޔޫސްވިއެވެ. ގަންދީޝާގެ ހަށިފާރަވެރިން އޭނަ ގެންގޮސްދިނުމުން އެ ނުލަފާ ފުރޭތަ އޭނައަށް ހަދައިލާނެގޮތެއް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އައްސާފައިވާތަންތަން ނައްޓަން އަތަށް ދަމަންފެށުމުން ލޭ ކޮށޭގޮތްވެ އަތުން ދިލަނަގަންފެށިއެވެ. މަސައްކަތްކޮށް ވަރުބަލިވާގޮތްވުމުން އަދި އެހާ ފަސޭހައިން މި ޖިންނީންގެ އަތްދަށުން ސަލާމަތްނުވާނެކަން ވިސްނުނެވެ. ހެއްދެވިފަރާތް މަތިން ހަދާންނައްތާލައިގެން ކާމިޔާބުވާނެހެއްޔެވެ؟ އޭނަ މިދެތިންދުވަހު ސެފްރަންއާއިމެދު ވިސްނަން ހަދައިގެން ގުރުއާން ނުކިޔެވޭތާގައި ޒިކުރުކުރާކަށް ހަދާނެއްނުވިއެވެ. ނަމާދުވެސް ކޮށްލެވެނީ އެހާ ފަރުވާކުޑަކޮށެވެ. ބޮޑެތި ބިޔަރާޅުތައް ނަގާ ކަނޑެއްގައި ޣަރަގުވެ އެންމެފަހު ނޭވާ ހުސްވަނިކޮށް މާތްﷲގެ އިރާދަފުޅުން ސަލާމަތްވި މީހެއްގެ ވާހަކަ އާރްޔާ ކިޔާފައިވިއެވެ. މަރުވެ ވަޅުލާންތައްޔާރުވެފައިވާ ފަރާތްތައްވެސް އަލުން ދުނިޔެއަށް ނޭވާލައެވެ. ހުރިހާ ކަމަކަށް ކުޅަދުންވެވޮޑިގެންވާ ރަހީމްވަންތަ ރަހުމާންވަންތަ ފަރާތެއްވެއެވެ. އެފަރާތް ހަނދާންކުރަންވީ ހަމައެކަނި މުސީބާތުގެ ވަގުތެއްގައެއް ނޫނެވެ. ހުރިހާ ވަގުތެއްގައެވެ. މިފަނާވެދަނވި ދުނިޔޭގައިވާ ހާ ތަކެއްޗަށްވުރެ ލޯބިވާންވީ ހަދާންކުރަންވީ ހަމައެކަނި އެފަރާތެވެ.

"އައި އޯލްމޯސްޓް ފޮގޮޓް ދެޓް ގޯޑް އިޒް މައި ބެސްޓްފްރެންޑް...." އާރްޔާ ދެލޯ މަރައިލިއެވެ. ދުޢާކުރަންފެށިއެވެ.

ލޯހުޅުވައިލެވުނީ ބަޔަކު ތަޅާފޮޅައިގަތްކަހަލަ އަޑުފަށްގަނޑެއް އިވިފައެވެ. ލޯ ހުޅުވާލާފައި އެސްފިޔަޖަހައިލަންވެސް ނޭގުނެވެ. ފަހުން މިއައި ޖިންނިން ދަހަނާތައް އަޅާފައިވާއިރު މޫނެއް ނުފެނެއެވެ. މާރިދުންނަށް ހިފަހައްޓާލެވުނީ އިރުކޮޅަކަށެވެ. ނާކާމިޔާބުވުމުން ލޯމަތިން ޣައިބުވެއްޖެއެވެ. އިސްކޮށް ހުރި ކޮމާންޑަރު އައިގޮތަށް އާރްޔާގެ އަތްފައި މޮހެލަދިނެވެ.

"ތިއީ ކޮންބަޔެއް؟ " ސަލާމަތްކޮށްދިނީ ހެޔޮއެދޭ ބަޔަކުކަން އެނގި އާރްޔާ ޝުުކުރުވެރި ނަޒަރަކުން ބަލައިލަމުން ހިނިތުންވެލިއެވެ.

"އަހަރެމެން މިއައީ އާރްޔާ ސަލާމަތްކޮށްދޭން...." އޭނަ ބުނެލިއެވެ.

"އަލްހަމްދުލިﷲ......." އާރްޔާ ފުރަތަމަވެސް ޝުކުރުވެރިވީ ހެއްދެވިފަރާތަށެވެ.

***

ސެފްރަންގެ އެންގުމަށް ބެންތިކް ޖިންނިންނާއި މާރިދުން ހުސް މައިދާން ފުރައިލިއެވެ. ސެފްރަންއާއި އޭނަގެ އެކުވެރިން އަދި ވަޒީރުންނާއި ގަބީލާތަކުގެ ވެރިން ސްޓޭޖްގައި ހުރި ރަނުން އަތްކަން އަޅާފައިވާ ގޮނޑިތަކުގައި ހަމަޖެހިލިއެވެ. ސެފްރަން ކޮޅަށްތެދުވުމުން އެންމެން އަދަބުވެރިކަމާއެކު ބޯގުދުކޮށްލުމުން ސެފްރަން ވާހަކަދައްކަންފެށިއެެވެ. އަޒްކީލް ނެތުމަށްފަހު އެ މަގާމު ފުރާނީ އޭނަ ކަމަށާއި ކާރމަން ހުންނާނީ ލަޝްކަރުގެ އިސްވެރިޔާގެ ގޮތުގައި ކަމުގައި ނިންމިއެވެ. ޖަލްޖާލޫތު ކުރިންވެސް ނިންމާފައިވާ ކަމަކަށްވާތީ އެކަކުވެސް އެ ނިންމުމާއި ދެކޮޅު ނަހަދާ އެއްބަސްވިއެވެ. ބޮޑުވަޒީރު ސެފްރަންގެ ބޮލުގައި ރަސްކަމުގެ ތާޖުއެޅުވިއެވެ. ސެފްރަން ބާރުގަދަ ޖިންނި ރަސްކަލަކަށް ވެއްޖެއެވެ.


***

އާރްޔާ ހޭލެވުނުއިރު އޭނަ އޮތީ ޝާހީކަމުގެ ކުލަތައް ފެންނަ ކޮޓަރިއެއްގެ ބޮޑު އެނދެއްގައި ބޯ ރަޖާއެއްގެ ހިމާޔަތުގައެވެ. ހިނގާދިޔަ ހާދިސާ ލޮލުގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުފަދައިން ނިއުޅެންފެށުމާއެކު ފުންމައިގެން ތެދުވެ އެނދުން ފައިބައން ދެފައި އެލުވާލިއެވެ. އޭނަ ސަލާމަތްކޮށްގެން ގެނައީ ކާކުހެއްޔެވެ؟ އެއް މުސީބާތުން އަނެއް މުސީބާތުގެ ތެރެއަށް ފުންމައިލެވުނީބާވައެވެ.

ކަންބޮޑުވެފައި އިންދާ ޖާރިޔާއަކު ގެނެސްދިނީ ރަންކުލައިގެ ކަސަބު އަޅާ ޖަރީކޮށްފައިވާ ރަތްކުލައިގެ މެކްސީއެއްފަދަ ހެދުމެކެވެ. ސުވާލުކޮށްކޮށް އޭނަ މަންމަނެއްފަދައިން ހުރެފައި ނުކުމެެގެން ދިޔުމުން އާރްޔާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އޭނަ ތައްޔާރުވެލުމަށްފަހު ނުކުމެގެން ހިނގައިގަތްތަނާ މީހެއްގެ ހިލަންވެގެން އިސްއުފުލާ ބަލައިލެވުނެވެ.

(ނުނިމޭ...)

ކޮމެންޓް 0