"އަޅުގަނޑަކަށް ތި ކައިވެންޏަކަށް އެއްބަހެއް ނުވެވޭނެ..."ސެފްރަންގެ އަޑު ކިތަންމެ މަޑު ނަމަވެސް އެ އަޑުގައި ޔަގީންކަމެއްވިއެވެ. އެ ޖަވާބުން ޝޮކް ލިބުނުވަރުން ކަހީޖުއަށް ދެވަނަފަހަރަށްވެސް އަހައިލެވުނީ ނުތަނަވަސްކަމާއެކުގައެވެ. ސެފްރަން ދެވަނަފަހަރަށް ޖަވާބު ދިނީ ކޮޅަށް ތެދުވެ ތަންކޮޅެއް ބާރަށެވެ.
"އޯ ނޯ............." އާރްޔާގެ އަޑު އެހިމޭންކަމުގެ ތެރެއިން އެތައް ކަންފަތަކަށް އިވި އަޑުގެ ވެރިޔާއަށް ސަމާލުކަން ލިބުނެވެ.
ސެފްރަންގެ އެ ޖަވާބާއެކު މިރިއަމް ލަދުން މޯޅިވިފަދައެވެ. އެންމެންގެ މޫނުތަކަށް ބަލަން ހުރެފައި އިސްޖެހުނުގޮތަށް ހަރަކާތެއްނެތް ބުދެއްހެން ހިމޭންވިއެވެ. ރަސްދަރިކަނބަލަކަށްވިޔަސް މިހާ ބޮޑަށް ޒީނަތްތެރިވެ މިލިއަނުން އަގުނުކުރެވޭފަދަ ޖަވާހިރުން ޖަރީކޮށްފައިވާ ހެދުމެއް މިއެޅީ އަލަށެވެ. އެ ރީތިކަން ދައްކަން އުޅުނު ބައިވެރިޔާ އޭނަ ނިކަމެތިކޮށްލީއެވެ. އެ ފަކީރަށް ޖެހުނު ހާލުން ހަމްދަރުދީ ނުވާ ލޮލެއް އެތާކު ނެތެވެ. ގެނބިގެން ދިޔަ އިހުސާސްތަކާއެކު މިރިއަމް ކުއްލިއަކަށް އަރި އަޅާލައިފިއެވެ. ޖަލްޖާލޫތު ގަންދީޝާ އަދި ބޭބެމެން އެހީތެރިވާން ކައިރިއަށް ބޮނޑިވެލިއެވެ. ސެފްރަން އިރުކޮޅެއްވާންދެން ހިމޭންކަމާއެކު އެންމެންގެ ހަރަކާތަށް ބަލަން ހުރެފައި އެދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅުނެވެ. އޭނަގެ ނިންމުން އަނބުރާ ގެންނަންވީބާވައެވެ. ނޫނެކެވެ. ބަހުގެ އިތުބާރެއްވެސް އޮންނަންވާނެއެވެ. ދުރަށް ދާން ހިނގައިގަތީ ދެލޯ މަރާލާފައެވެ. އެނެގި ފިޔަވަޅަކީ އޭނަ ޟަމީރާއި ދެކޮޅަށް ގަދަކަމުން ނެގި ފިޔަވަޅެއްފަދައެވެ.
"ސެފްރަން ޕްލީޒް އެކުއްޖާއަށް އެހެން ނަހަދާ. ލިބުނު ޝޮކަކުން ފެއިންޓް އެވީ." އާރްޔާ ސެފްރަން ފަހަތުން ދުވަމުން ގޮސް އަރާ ހަމަކުރިއެވެ.
ސެފްރަން ޖަވާބެއް ނުދިނެވެ.
"މިއޮތް ބޮޑު ޕާޓީ ރުއިން ތިކޮށްލީ. ސެފްރަން އެހެން ހަދާކަށް ނުވާނެ ޕްލީޒް ކަމް ބެކް...."
"ފަހަތުން ނާދޭ.."ސެފްރަން އެދުނެވެ.
"ކޮންތާކަށް ތިދަނީ؟" އާރްޔާ ސުވާލުކުރިއެވެ. ސެފްރަން ހަރުކޮށް ހިނގާފައިގޮސް އޭނަގެ ޖިންނި އަހަށް ސަވާރުވުމުންވެސް އާރްޔާ ހަޅޭއްލަވަމުން ފަހަތުން ދުވަމުން ދިޔައެވެ. ގަނޑުފެންމަތީ ދުވޭނެ އެންމެ ބާރަށެވެ. ތަންކޮޅަކަށް ގޮސްފައި މަޑު ސްނޯ ފުންޏަކަށް އެރިފައި އޭނަ ގެނބޭގޮތްވިއެވެ. އާރްޔާ ސްނޯމަތީ ދެފައި ތަޅައިގެންފާ އުއްޑުން އޮށޯވެލީ ދެންވާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ކުޑަޔަސް އާރްޔާ އަބަދުވެސް އެހެން މީހުންނަށް ހަމްދަރުދީވެއެވެ. އަޅާލައެވެ.
އާރްޔާ ހެދުމުން ސްނޯ ފޮޅާލާފައި ތެދުވެގެން އައިކޮޅަށް ދާންވެގެން އެނބުރުނުތަނާ ސެފްރަން އަރާ ހަމަވީއެވެ. އަސްމަތީ އިނދެފައި އަތް ފޯރުކޮށްލިގޮތަށް މެދުހަށީގައި ހިފާ އުފުލައިލިއިރު ސްނޯކޮޅެއްހާ އާރްޔާ ލުއިފަދައެވެ. އާރްޔާ އަސްމަތީ ބޭންދިއެވެ.
"އަހަރެން ހިތަށް އެރީ އާރްޔާވެސް މިތަނުން ސަލާމަތްކޮށްދޭނީއޭ. އިންސާނުންނާއި ޖިންނިން ގުޅިގެން އުޅޭކަށް އިލާހީ ގާނޫނު ތަނެއްނުދޭ. އަހަރެމެންގެ މާތް ދީނުގައި އެކަން އޮތީ އެހެން. ޖިންނީންގެ ފަރާތުން އިންސާނުންނަށް ގެއްލުންދީ ގޯނާކުރުމެއްނެތް. އަހަރެން އާރްޔާގެ ގައުމަށް ގެންގޮސްދޭނަން...." ސެފްރަން ބުނެލިއެވެ. އެއާއެކު އަސް ވައިރޯޅިއާއި ވާދަޔަށް ސްނޯގެ ފުނިވަރުތައް ކަޑައްތުކޮށް ކުރިއަށްދާއިރު މޮށްގަނޑު ޖެހޭތަނުން ގަނޑުފެނާއެކު އަލިފާންވެސް ބުރައިގެންދާތަން ފެނެއެވެ. އާރްޔާ ހަމަޖެހެން މަސައްކަތްކުރިއެވެ. ސެފްރަން އޭނަ މިގެންދަނީ ކޮންތާކަށްބާވައެވެ. ފަރުބަދައިގެ މަތީ އޮތް ހަނިމަގުން އަސް އޭގެ ބާރު ދުވެލީގައި ބިންގަނޑު ފަށްޖަހަމުން ކުރިއަށް ދިޔައެވެ. އެއް ފަރާތުގައި އޮތް ގަނޑުފެނުގެ ވާދީވެސް މިގަޑީގައި ފެންނަނީ ފުސްކޮށްނެވެ.
މިޔޫކީ މަޑުކޮށްލީ އެތައް މޭލެއް ކަޑައްތުކޮށްފައެވެ. ބޮޑުހިލަގަނޑެއްގެ ކައިރިއަށް މަޑުކޮށްލާފައި ސެފްރަން ފުންމާލައިފިއެވެ.
"މިއާދެވުނީ ފުރޭތައިންގެ ޝަހަރުގެ ބޭރަށް......" ސެފްރަން ލޯ ހަނިކޮށްލައިގެން ހުރެ ބުނެލިއެވެ.
"ފުރޭތައެއް އަރާ ކާލާނެއްނު.." އާރްޔާ އަނގަމަތީ އަތްއެޅިއެވެ. ދުރުދުރަށް ދާންދެން ފޭލިގެ ޖަހާފައިވާތަން ފެނުނެވެ. ފޭލިގެ އަވަށަކާއި ވައްތަރެވެ. "ސިޓީ"އަކަށް މިތަން ވާނެގޮތެއް އާރްޔާގެ ވިސްނުމަކަށް ނައެވެ. ފުރޭތައިން ފޭލިގޭގައި އުޅުމުގެ ސަބަބެއްވެސް ނުވިސްނުނެވެ. ގަބީލާތައް ހަދައިގެން އިންސާނުން އުޅުނުގޮތް ނަކަލުކުރަނީ ކަމަށް ވެދާނެއެވެ.
"އައިމް ފްރީޒިން ޓު ޑެތް..." ޖެހެމުންދާ ފިނިވައިރޯޅިން ހިމާޔަތް ލިބޭނެގޮތެއް ނޭގިފައި ހުރި އާރްޔާ ދެއަތުން އަމިއްލަ ހަށިގަނޑުގައި ބައްދައިލިއިރު އެ މޫނަށް ހުދުކުލަ ވެރިވެއްޖެއެވެ.
ސެފްރަން ހިމޭންކަން ޚިޔާރުކުރި ނަމަވެސް އާރްޔާގެ އިހުސާސްތައް ނުފެންނަ ކަމަށް ހަދާ ވަރަށްވުރެ ހަމްދަރުދީވިއެވެ.
އޭނަ އަލިފާންގަނޑެއް ރޯކޮށްލާފައި އާރްޔާ ގާތު އަންނަން އިޝާރާތުން އެންގިއެވެ. އާރްޔާ އަލިފާންގަނޑަށް އަތްތިލަ ދިއްކޮށްލައިގެން އިންއިރުވެސް ރޫރޫ އަޅައެވެ. އަލިފާންގަނޑު އަޑުކިޔާލާފައި ރުޅިވެރިކަމާއެކު އަނދަމުންދާއިރު ފާއްދާލާ މަޑު އޮރެންޖްކުލައިގެ އަލި ސެފްރަންގެ މޫނަށް އެޅޭއިރު އެލޮލުގެ ކުލައަށް އަންނަމުން ދިޔަ ބަދަލުތަކުން ލޯ ވަކިން ރީއްޗެވެ. ދެމީހުންގެ އެކަނިވެރި ވަގުތުކޮޅު އާރްޔާ ބަލާކަން އިހުސާސްކުރެވުނަސް ސެފްރަން ބަލާނުލައެވެ. އޭނަ އިނީ އަމިއްލަ ދުނިޔެއެއްގައެވެ.
ދުރުން އަސްތަކެއްގެ މޭގަ ފެނުމާއެކު ދެން ފެނުނީ އަހަސް ސަވާރުވެގެން ދިޔަ ބިޔަ އިސްކޮޅުގެ ވެރިން ފުންމާލިތަނެވެ. ސެފްރަން އެ ދެ ޖިންނީންގެ ގައިގާ އޮޅުލައިގަތެވެ. ބިންމަތީގައި ޖަހާފައިވާ ތަނބުތައް ފަދަ ވަރުގަދަ ދެ ޒުވާނުންގެ އިސްކޮޅާއި ބިޔަކަން ފެނި އާރްޔާގެ ހިތަށް ބިރުވެރިކަން ވަނެވެ. ނަސީބަކުން އެ ޖިންނިން އާރްޔާ އާއި ދިމާލަށް ބަލާވެސް ނުލައެވެ. އެލޯތަކަށް އޭނަ ވަންހަނާވެފައިވާ ފަދައެވެ.
"ސެފް. އަހަރެމެންގެ އެކުވެރިޔާ. އަހަރެމެން ދޫކޮށްލާފައި ދަނީތަ؟ " އެކަކު އެހިއެވެ.
"ކާން. މަށަށް މަޖުބޫރު. މިހާރު އަނދިރި ހުރަގެއެއްގައި ބަންދުވެފައި ހުރި އަޅެކޭ ތަފާތެއްނެތް. މިނިވަންވާން މި މަސައްކަތްކުރަނީ. އަމިއްލަ ނަފުސް އެދޭގޮތަކަށް ކަންތައް ނިންމުމުގެ ހައްގު ނިގުޅައިގަތީމަ ނުހުރެވޭނެ..." ސެފްރަން ހަމަޖެހިލާފައި ހުރެ ބުނެލިއެވެ.
"މިރަށްތައް ބަލަހައްޓާ ޚާދިމުން ސެފް ދިޔަނުދޭނެކަން އެނގޭނެތީ އެމީހުންނާއި ހަގުރާމަކޮށްފައިވެސް ސެފް ސަލާމަތުން މިތަނުން ފޮނުވަދޭން މިއައީ. ސެފް ކޮންމެ ތާކު ދިރިއުޅުނަސް ދޭތެރެއަކުން ސެފް ހުރިތަނަކަށް އަހަރެމެންނަށް ދެވޭނެތާ......" ދެންހުރި ސަވާރު ބުނެލިއެވެ.
ލޯތަކުން އަލިފާން ކުލަ އަރާ ބޮޑެތި އަސްތައް ވެސް އެއަށް ސަވާރުވެގެން ތިބި ޒުވާނުން ފަދައިން ބޮޑެވެ. ކާން އާއި އާދުއަކީ ލަޝްކަރުތެރޭ ހިމެނޭ އޭނައަށް އެންމެ ވަފާތެރި އެންމެ ގާތް ދެ ޔާރުންނެވެ. ކުޅަދާނަ ކޮމާންޑަރުންނެވެ. ސެފްރަންއާއެކު ތަމްރީނުތަކުގައި އެތައް ފަހަރު ބައިވެރިވެ އެ މީހުންގެ ގާބިލުކަމާދޭތެރޭ ޔަގީންކަން އޮތް ބަޔެކެވެ. އެކުވެރިޔާއާއިއެކު މަރުވެގެން ދާންޖެހުނަސް ހެޔޮކަމަށް އެޖިންނީން އޭނަ ފަހަތުން އައީ ފުރާނައަތަށް ލައިގެންނެވެ. ސެފްރަންގެ "ކުށު"ގެ އަދަބު ބޮޑުވާނެވަރު އަންދާޒާކުރެވުނެވެ.
އެދެޒުވާނުން އައީ ކާ އެއްޗެހިވެސް ހިފައިގެންނެވެ. އަލިފާނަށް ލައިގެން ގެރިމަސް ފިހެގެން ރޮށްޓާއެކު ކައިގެން އެމީހުން ދަތުރުފެށިއެވެ.
ބެންތިކް ޖިންނީން ބަލަހައްޓާ ސަރަހައްދު ފަހަނަޅާދާން އުޅުނުތަނާ އެތައް ސަތޭކަ ޖިންނީން އެ ކުޑަ ގާފިލާ ވަށައިލިއެވެ. ދަޅަ އަޅާ ތޫނު ކަނޑިތައް އުރައިން ނަގާ ހަމަލާދޭން ފެށުމާއެކު ބިންގަނޑުވެސް ފަށްފަށްވެގެން ހިގައިދާނެހެން ހީވިއެވެ. ޖިންނީންގެ ހަޅޭކުގެ އަޑެވެ. ދަގަނޑާއި ދަގަނޑު ޖެހޭ އަޑެވެ. ބިރުންގޮސް އާރްޔާ ދެކަންފަތުގައި އަތްއަޅައިގެން ގަހެއްގެ ނިވަލަށްވަދެ ފިލިއެވެ. ގަސްބުޑުގައިވާ ސްނޯ މަޑުކަމުން ކޮންމެވެސް ވަރަކަށް ގަނބައިގަނެ ކަކުލާއި ހަމަޔަށް އޮތީ ސްނޯއެވެ. އޭނަ އަތް މައްޗަށް އުފުލާލައިގެން ހުރެ ދުޢާކުރިއެވެ.
"ޔާ ﷲ. ސެފްރަންއަށް ކާމިޔާބު ދެއްވާދޭވެ..."
ދުޢާ ވަގުތުން ވަގުތަށް އިޖާބަނުވިޔަސް ކެތްކުރަން ޖެހޭނެކަން އާރްޔާ ކުޑަކުއްޖަކަށްވިޔަސް ދަނެއެވެ. ކޮންމެ ކާމިޔާބީއަކާއި ނާކާމިޔާބީއެއްގައި ހިކުމަތެއްވާނެއެވެ. ހިތާމައާއި މުސީބާތުގެ ވަގުތުގައިވެސް އިންސާނުންނަށް އޮތީ ހަމްދުކުރުމެވެ. ކެތްކުރުމެވެ. އާރްޔާ ގުޑިނުލާ ކަންފަތުގައި އަތް އަޅައިގެން ހުއްޓާ މޫނަށް ހޫނު އާތްވެއް އެޅުނުހެން ހީވެފައި ތުރުތުރު ލާ އެސްފިޔަތައް ހުޅުވައިލެވިއްޖެއެވެ.
"އާދޭ....."ބެންތިކް ބަހުން ވާހަކަދެއްކި ޖިންނި ހުރީ ކަޅުކުލައިގެ ޗާދަރަކުން މޫނު ފޮރުވާލައިގެންނެވެ.
އާރްޔާ ލޯ ބޮޑުކޮށްފައި ބަލައިލީ ސެފްރަން ފެންނަންހުރި ތޯއެވެ. ސެފްރަން އަނދަގޮނޑި ޖަހައިގެން ދަމަމުންގޮސް އަހެއްގެ މައްޗަށް އެރުވިތަން ފެނުމުން ހިތަށް ބިރުވެރިކަމުގެ ރާޅެއް ބިންދައިލިއެވެ. ރަށުގެ ފާރަވެރިން ސެފްރަންއަށް ފިލާނެ ފުރުސަތެއް ނުދީ އަތުލައިފިއެވެ. އޭނަގެ ދެއެކުވެރިންގެ ބޮލުގައި ބާޣީކަމުގެ ނިޝާންޖެހި ކޮތަޅެއް ލައްވައިގެން ދަމާ ކޫއްތަމުންގޮސް އަސްގާޑިއާއަކަށް ގަންނަވާލިއެވެ. އާރްޔާވެސް އެ ގާޑިޔަލަށް އެރުވިއެވެ. ޖިންނިންނާއެކު އޭނަވެސް އަތުލީއެވެ. އަޒްކީލްއާއި ޒޭބް އޭނަ ގެއްލިގެން ހޯދާނެބާވައެވެ. ގަންދީޝާއަށް އޭނަ ސެފްރަންއާއެކު އަތުލައިގަތްކަން އެނގިއްޖެއްޔާ އަނެއްކާ ބިންގަރާހަށް ލާފާނެއެވެ. ހިތަށް ލިބުނު މޮޅިވެރިކަމާއެކު ތުންފަތް ހަފަން އިނދެވުނީއެވެ.
އަޒްކީލްގެ ފަރުބަދަމަތީ ހުންނަ ގެއާއި ދިމާލަށް އަސްގާޑިޔާތައް މިސްރާބުޖެހިއެވެ.
**
މިރިއަމްގެ އެނދު ވަށާލައިގެން މައިންބަފައިންނާއި ބޭބެމެން ތިބިތަން ފެނިފާ ރުޅިއާއި ހިތާމައިން ސިކުނޑި ފަޅައިގެން ދާ ވަރުވިއެވެ. ސެފްރަން އޭނަ ލަދު ގަންނަވާ އިހާނެތި ކޮށްލައިފިއެވެ. ގައުމުގެ ހުރިހާ ރައްޔިތުންގެ ކުރިމަތީގައެވެ. އަންހެންކުއްޖަކަށް މިހާބޮޑު ނިކަމެތިކަމެއް ލަދުވެތިކަމެއް ލިބޭނެހެއްޔެވެ. އަޑުކޮޅަށް ރޮއި ހަޅޭއްލަވަން އޭނަ އެދުނެވެ. ނަމަވެސް ރުޅި ދައްކާލާނެ ހިތްވަރެއްވެސް ނެތެވެ. އޭނަ ހުރިހާ ބާލީސްތައް މޫނުގައި އެޅިއެވެ. އެނދުގައި ދަމާފައިވާ ސަދުވާ ވައްޓާލަން އުޅުނެވެ.
"އަޅުގަނޑު ބޭނުމީ އެކަނިވެލަން.."
"ދަރިފުޅާ. ހިތާމަނުކުރޭ. ދެރަގޮތެއް ނުވާނެ. އޭނައަށް މިރިއަމް ނޫން އަންހެނަކާއި ކައިވެނި ކުރާކަށް ލާހިކެއްނޫން. މިކަމަށް އެއްބަސް ނުވެއްޖެއްޔާ ސެފްރަން މުޅި އުމުރު ހުސްހަށިބަޔަށް ހުންނަން ޖެހޭނީ..........."ގަންދީޝާ މިރިއަމްއާއި ދިމާލަށް ގުދުވެލަމުން ބުނެލިއެވެ.
"ސެފްރަންގެ ފުރާނަ ރޮއިގަންނަވަރުގެ އަދަބެއް ލިބޭނެ..." މިރިއަމްގެ ބޭބެއަކު އިންޒާރު ދިނުމުން މިރިއަމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. "ޖަލުގައި ބަންދުކޮށްފައި ކޮންމެ ދުވަހަކު ހާސްފަހަރު ހައްދު ޖަހަނިކޮށް އެ މޮޔަ ސިކުނޑިއަށް ވިސްނިދާނެ."
***
އަޒްކީލްގެ ގަނޑުވަރުގެ އެންމެ އަޑީގައި ހުރި ޖަލުގެ ގޮޅިއަކަށް ސެފްރަންއާއި އޭނަގެ ދެއެކުވެރިން އަދި އާރްޔާވެސް ދަމާގެންގޮސް އަޅާލާފައި ޖިންނިންތައް ދޮރު ލައްޕާލައިފިއެވެ.
"އަހަރެމެން އެއްތާކަށް ލި ކަމީ ރަހުމަތެއް..." އާދު ހިނިގަނޑެއް ޖަހާލަމުން ސެފްރަންގެ ގައިގާ އޮޅުލައިގަތެވެ.
"އަދި ބޮޑުމީހާ ޝަރީއަތްކޮށްފައި ވަކިކުރާނެ......." ކާން ބުނެލިއެވެ.
"ކަންބޮޑުނުވޭ. އަހަރެމެން މިތަން ހަލާކުކޮށްފައި ނިކުންނާނަން. އަހަރެމެންނަށް އެހީވާނެ މީހުން އަޒްކީލްގެ ލަޝްކަރުގައިވެސް އުޅޭނެ. އަދި އަޒްކީލް..ހެއްވާ ޖާން އެއް ނު. އެކުވެރިންނަށް މިކަހަލަ ލަނޑުދޭން..ސެފް އެއް ވަރަ ހުއްޓަސް މަސައްކަތްކޮށްލީމަ އުދުހެވޭނެ. އޭރުން ފިލައިގެން ދާން ފަސޭހަވާނީ................."
"އަހަރެމެންނަށްވުރެ ކޮއްކޮގެ އިހުސާސްތަކަށް ވިސްނަން ޔާރަށް އެޖެހުނީ.." ކާންގެ މޫނުމަތިންވެސް ފެނުނީ ޖެހިލުންކުޑަކަމެވެ. ތިންމީހުންގެ ދިގު އިސްތަށިގަނޑާއި ވަރުގަދަ ހަށިތައް ފެނުނު އިންސާނަކު ބިރުން ކުޑަކަކޫޖަހަން މަޖުބޫރުކުރުވާނެއެވެ.
"އަންހެންވެރިންވެސް ހާދަ މޮޔައޭ. ގަދަކަމުން ލޯބި ހޯދަން ޖެހޭތަ؟ އެހާ މޮޔަވާވަރަށް ލޯބިވަންޏާ ސެފްއަށް އަނިޔާދެނި؟ މީ ކޮންޒާތެއްގެ ލޯތްބެއް؟ ހުރަގެއަށް ލައިގެން އާއެކޭ ބުނުވަން؟ " އާދު ގެ ސުވާލުތައް ހުހެއްނުވިއެވެ.
"މޭ ﷲ ހެލްޕް ޔޫ.." އާރްޔާ ހިތާހިތުން ދުޢާކުރިއެވެ.
އާރްޔާއަށް ހޫނުވެ އުދާސްނުވިއެއްކަމަކު ބެންތިކް ޖިންނިންނަށް ފޭރާންލައިގެން އުޅެން އުދަގޫވިފަދައެވެ. ތިންމީހުންވެސް އަނދެގެން ތިބި ހަރުވާޅު ފިޔަވާ އެހެން ހެދުންތައް ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ހިލަ ބިންމަތީ ވަށްބުރު ހަދާލައިގެން އިށީދެ އެކި ވާހަކަތައް ދައްކަން ފެށިއެވެ. އާރްޔާ އެތާ އިންކަން އެ ތިން ޖިންނީން ހަދާންނެތިފައިވާ ފަދައެވެ. މަޖާވާހަކަ ދައްކަމުން ހިނިގަނޑު ޖަހާލާއިރު ހައްޔަރުކޮށްފައިވާ ބަޔެއް ހެނެއްވެސް ހިޔެއްނުވެއެވެ.
އެތަނަށް ހިމޭންކަން ވެރިވީ ޒޭބް އިއްޒަތާއެކު އެތަނަށް ވަނުމުންނެވެ. ދެފަރާތުގައި ޔުނިފޯމް އެޅި ދެ ހަށިފާރަވެރިންނެވެ. ޒޭބްގެ ލޮލުން އަލިފާން އަންދަމުން ކޮށްލި ކަމަކުން އާރްޔާއަށް ޝޮކެއް ލިބި ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެނެވިއްޖެއެވެ. އެ އަޑު އެތާ ގުގުމާލިއެވެ.
(ނުނިމޭ...)