އިރުކޮޅެއްފަހުން އާރްޔާއަށް އޭނަ އޮތް ޓައްޕު ބިންމަތީގައި ބެހެއްޓިކަން އެނގުނެވެ.

"މަންމާ. އެންޖެލާގެ މަރުގެ ބަދަލު ނުހިފައިގެން މަންމަ އުޅޭތާ ދުވަސްވެއްޖެ. އަޅުގަނޑުވެސް ރަގަޅު ވަގުތަކަށް ބަލަބަލާ ހުރީ. މިހާރު ވަގުތު ޖެހިއްޖެ. މަންމަ މިކުއްޖާ އަޅުންގެތެރޭގައި ގެންގުޅެ އެންމެ ބޮޑު ކުށްވެރިއެއްފަދައިން ދިރިއުޅުން ދަތިކުރޭ......" ސެފްރަންގެ އަޑު އިވުނެވެ. މަންމައޭ ކިޔައިގެން ވާހަކަ އެދެއްކި ގަންދީޝާއާއި ކަން އާރްޔާއަށް ޔަގީންވިއެވެ. ގަންދީޝާ އެ ވާހަކައަށް ޖަވާބެއް ނުދިނީ ކީއްވެކަމާއި އެއީ ސެފްރަން ނޫންކަމެއްވެސް އޭނައަކަށް ރޭކާނުލިއެވެ. ސެފްރަންގެ ސިފަޖެހިގެން ހުރި ޕަރުއާން އަސްލު ސިފައަށް ނިކަން އުދަގުލުން ރުޖޫއަވުމުން އަތުގެ އިޝާރަތުން އެތަނުން ދާން އެންގިކަމެއްވެސް އާރްޔާއަކަށް ނޭގުނެވެ.

ގަންދީޝާ ޓައްޕުގެ މަތި ނެގިއެވެ. ގަންދީޝާ އޭނަ ނެރެންވެގެން ދިއްކޮށްލި އަތުގައި ނުހިފާ އޭނަ ޓައްޕުން އެރުނުއިރު ނޭވާ ލާން އުދަގޫގޮތެއްވިއެވެ. ބަންދު ތަނެއްގައި އޮކްސިޖަންއާއި ނުލާ އުޅެވޭފަދަ އުދަގޫ އިހުސާސްތަކެއް ކުރެވުނެވެ. މިހުރެވުނީ ހޮހަޅައެއްގެ ތެރޭހެއްޔެވެ؟ ކަންފަތަށް އިވުނީ ރާޅުތައް ފަރަށް ބީއްސާފަދަ އަޑެކެވެ. ބިއްލޫރި ބޮޑު ޓޭންކެއްގެ ތެރޭ ހުރެވުނުފަދައެވެ. މާބްލް ފާރުތަކުން ފެންނަން ފެށި މަންޒަރު ބަލަން ދެއަތް ފާރުގައި ވިއްދާލައިގެން ހުރެވުނީއެވެ. ސާފުކޮށް އެ މަންޒަރު ފެންނަމުން ދިޔައިރު ދޮންވެލިގަނޑުގައި އޮޅާލެވިފައި އޮތް ހުއިގަނޑެއްފަދަ އެއްޗެއްގެ ތެރެއިން ތަރިއެއްގެ ސިފައިގާ އޮތް އެއްޗެއް އޮރެންޖްކުލައިގެ އަލިފާންގަނޑެއްހެން ދިއްލެމުންދާއިރު ވަށައިގެން އަލީގެ ވާރޭ ވެހެނީއެވެ. ރަގަޅަށް ބަލައިލުމުން ދޮންވެލިގަނޑުގައި ހަރުކޮށްލާފައިވަ ރީދޫކުލައިގެ ވެލިތަކާއި ގާތައްވެސް ލޮލުގެ ސްކްރީނަށް އެރިއެވެ.

ފުރަތަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަމުގެ ބޮޑުުކަން ހިތަށް އަރާ ﷲ އަކްބަރުއޭ މަޑުމަޑުން ކިޔައިލެވުނެވެ.

މިއީ އަދި ދުވަހަކު އޭނަ ދުށްފަދަ ތަނެއް ނޫނެވެ.

ކުއްލިއަކަށް އެ ރީތި އުފާވެރި މަންޒަރުތަކަށް ނިމުމަކަށް ގެނުވީ އައި ނައިތަނެއް ނޭގި ފާރުގައި ޖެހިގަތް ބިރުވެރި މާރިދުކަލޭގެ އާރްޔާގެ މޫނާ ދިމާވާގޮތަށް މޫނު ޖައްސާލުމުންނެވެ. ލިބުނު ސިހުމާ ބިރާއެކު ފަހަތަށް ޖެހިގަތް ބާރުމިނުގައި އާރްޔާ ގުޅައަކަށް ޖެހުނެވެ. އާރްޔާއަށް ވީގޮތް ފެނި ގަންދީޝާއަށް ލިބުނު އުފާވެރިކަން މޫނުމަތިން ފައުޅުވިއެވެ.

"ހަހަހަ...." ގަންދީޝާގެ ބާރު ހުނުން ތަނުގައި ގުގުމައިލިއެވެ.

"ކަލޭ ތިހިރީ ކަނޑުގެ އަޑީގައިވާ އަަހަރެމެންގެ ރަށުގައި..ދުވަހަކު ބިމަށް އެނބުރި ދިޔުމެއްނެތް. ސަލާމަތްކުރަން އަންނާނެ މީހެއްވެސް ނެތް. ސެފްރަން އަހަންނާއި ކަލޭ ހަވާލުކޮށްފައި އެ ދިޔައީ. އޭނައަށްވެސް އިންސިއަކަށް ހިމާޔަތް ދީގެން އަބަދަކު ނުހުރެވޭނެ ދޯ...." ގަންދީޝާ ހުނުން ހުއްޓާލުމަށްފަހު އާރްޔާ އާއި ދިމާލަށް އަންނަން ފެށިއެވެ.

"އަަހަރެން ވައުދުވިފަދައިން އަށާރަ އަހަރު ފުރެންދެން ކަލޭ މިތާ ގެންގުޅޭނަން.އޭގެ ފަހުން ކަލޭގެ ދިރިހުރުމުގެ ބައްތި ނިއްވާލާނަން.." ގަންދީޝާގެ އަނިޔާވެރި މޫނު ފެނިފައި އާރްޔާ ފޫހިވިއެވެ. ނޫނެކެވެ. އޭނަ ބޮޑަށް ނަފްރަތުވާންވީ ސެފްރަން ދެކެއެވެ. އޭނައަށް މި ހާލު ޖެއްސީ ސެފްރަންއެވެ. ރުއާނާގެ ގާތު ހުންނަން ޖެހުނުނަމައެވެ. އޭނަ އުފަލުން އުޅޭތަން ދެކެން ސެފްރަން ބޭނުން ނުވީއެވެ.

"އަހަރެމެންގެ ގަނޑުވަރުގެ ބޮޑުކަން ފެނި ކަލޭ އާޝޯޚުވާނެ. މިއީ ގަނޑުވަރުގެ ނިމޭ ބައި....މިރަށު ތެރެ ފެނުމުން އަދި ވަކިން ބޮޑަށް ހައިރާންވާނެ..."

ގަންދީޝާގެ ސަޅިބައިސާ އަހަން ބޭނުމެއްނޫނެެވެ. ނަމަވެސް ޖިންނީންގެ މި ދުނިޔެއާއިމެދު އޭނަގެ ހިތް ޝައުގުވެރިވިއެވެ. މި ވެށި ބަލާ ހޯދުމުގެ ޝައުގު ސިކުނޑީގެ ހުރިހާ ސެލްތަކެއް ފުރުވައިލިއެވެ. އެޓްލާންޓިސްފަދަ ސިޓީއެއް ކަނޑުގެ އަޑީގައި އޮތުމަކީ ހަަމަ ކުޅަދުންވަންތަކަމެވެ. ވީއިރު ރީދޫކުލައިގެ ވެލިގަނޑެއްފަދައިން މިއޮތީ އާކްޓިކް ކަނޑުގެ އަޑިއެވެ. އޭނަ މިހިރީ ކަނޑުގެ އަޑީގައެވެ. ހިތް އަވަސްވެ ޖޯޝުން ފުރުނެވެ.


"ހިނގާ. ކަލޭ ހުންނާނީ އަހަރެން ބެހެއްޓި ތަނެއްގައި. އަޅެއްގެ ގޮތުގައި. އެންޖެލާގެ ފުރާނައަށް ހަމަޖެހުނު ލިބިއްޖެކަމުގެ އިހުސާސް ކުރެވިއްޖެ......." ގަންދީޝާ ބުނެލިއެވެ.

"ރިއަލީ؟"

"އަދި އަނގަ ހުޅުވާނެ ހިތްވަރު އެބަހުރިދޯ...." ގަންދީޝާ ކަޅި އަޅައިލީ ބިރުވެރިގޮތަކަށެވެ.

"ސޮރީ މަހާ ރާނީ....." އާރްޔާ އަޑަށް ތަންކޮޅެއް ބާރުލާފައި ބުނެލަމުން ތުން ފިތާފައި ހީލިއެވެ. އެހީލުން މަލާމާތުން ފުރިފައިވާކަން އެނގުމުން ގަންދީޝާ ވަކިން އަނދައިގަތެވެ. ދެން އޭނަ އަތަށް ދިއްކޮށްލީ މޫނު ފޮރުވޭނެހެން އަޅާ ފަށުވި ޖެކެޓެއްފަދަ އެއްޗެކެވެ. މޫނު ނިވާވާނެހެން ހޫޑީއެއް ފަދައިން މޫނުމައްޗަށް ވައްޓައިލެވޭ ބަޔެއްވެސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހެދުމެކެވެ. އެކަމކު އެބައި އިންނަނީ ތަންކޮޅެއް ހަރުކޮށެވެ. ކިރިޔާ އިސްއުފުލައިލިޔަސް މޫނުން ބަޔެއް ފެންނާނެހެންނެވެ.

"މިހެދުން ލާ. މިތާ އަހަރެން ބުނާގޮތަށް ކަލޭ އުޅޭ. ނޫނީ ދެލޯ ކޮނެލާނަން..."

އާރްޔާ އެއްޗެކޭ ބުނަން އުޅެފައިވެސް ޚިޔާލު ބަދަލުވިއެވެ. ބުއްދިވެރިން އަނގައިން ލަފުޒެއް ބޭރުކުރާނީ ވިސްނާފައެވެ.

އެ ގުއްބުން ނުކުމެވުނީ ހޯލަކަށެވެ. ހުރިހާ ޖިންނީންތައް މޫނުން ބަޔެއް ދައްކާލައިގެން ތިބިއިރު ބިރުވެރިކަމެއް އިހުސާސްކުރެވުނެވެ. އެންމެން ބޯގުދުކޮށް ކުރުނީސްކުރަމުން ދެފަރާތުގައި ސަފު ހަދާލިއެވެ. ދިމާވާ ކޮންމެ ޖިންނީންގެ ޖަމާއަތެއް ސާހިބުކަމަނާއަށް އަދަބުވެރިވިއެވެ. އާރްޔާ ބިރުން އަދިވެސް ބޮޑަށް މޫނު މައްޗަށް ހޫޑީ ވައްޓައިލަމުން މޫނު ނުފެންނަ ގޮތަށް ހެދިއެވެ. ބޮޑު ހޯލުންގޮސް ކޮރިޑޯއެއްފަދަ ތަނަކާއި އަރާހަމަވިއެވެ. ކޮރިޑޯވެސް ކަނޑުގެ އަޑީގައިވާކަން އެނގުނީ ސާފު ބިއްލޫރިފަދަ ފެންތައް ދެފަރާތުން ފެންނަން އޮތީމައެވެ. ބައްޕަމެންނާއެކު ކުރި ސަބްމެރިން ދަތުރުމަތިން ހަދާންވިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓާ ފާރާއި ދިމާލަށް އައި ބޮޑު ބޮޑު ކަކުނި ފެނުމާއެކު ހިތްވެސް ހުއްޓުނުފަދައެވެ. އަނބުރައި ނުގަތީ ހަމަކިރިޔާއެވެ. "ޕެނިކް އެޓޭކް" އެއްގެ ބިރުވެރިކަމުގެ ތެރެއަށް ގެނބެން އުޅެފައިވެސް އޭނަގެ ސިކުނޑި އިޚުތިޔާރުން ބޭރުވިޔަނުދީ ހިފެހެއްޓުމުގައި ކާމިޔާބުކުރިއެވެ.

"ބްރީތް ބްރީތް އާރްޔާ. އިޓް ކާންޓް ހާޓް ޔޫ. މި ބިއްލޫރި ފާރުތައް މުގުރާލާފައެއް ނުވަދެވޭނެ. ނޫނަސް މާމަ ދަސްކޮށްދެއްވި ދުއާ ކިޔައިގެން ހުރީމަ ބިރުގަންނަންވީ ކޮންކަމަކާ. ބިސްމިﷲ ލަޒީ ލާ ޔަޟުއްރު މަޢަސްމިހީ ޝައިއުން ފިލް އަރުޟި ވަލާ ފިއްސަމާއި ވަހުވަައްސަމީއުލް އަލީމް.." އާރްޔާ ހިތަށް ވިސްނައިދެމުން ކުރިއަށް ފިޔަވަޅުތައް ނަގަމުން ދިޔައެވެ. ހުރިހާ ފަރާތަކަށްވުރެ ތިމާ ހެއްދެވި ޚާލިޤުވަންތަ މަތިވެރި މާތް ރަސްކަލާނގެއަށް ހަމްދުކޮށް އިތުބާރު ކުރަންޏާ މަޚުލޫގަކަށް ދެވޭނީ ކޮން ގެއްލުމެއްހެއްޔެވެ؟

ގަންދީޝާ އޭނަަ ގެންގޮސް ހަވާލުކުރީ ބަދިގޭގައި ކައްކަން އުޅުނު ބޮޑު ކައްކާއާއެވެ.

ގަންދީޝާ އެ އަންހެން ޖިންނިއާއި ވާހަކަދެއްކުމަށްފަހު އެތަނުން ނުކުމެގެން ދިޔުމުން އޭނަ ކުރަންޖެހޭ މަސައްކަތް ދެއްކިއެވެ. ދުނިޔެއިން އެންމެ ފޫހިކަމަކަށް އޮތިއްޔާ އެ މަސައްކަތަކީ ބަދިގޭގެ މަސައްކަތެެވެ. ޖިންނިންވިޔަސް މިއުޅެނީ އިންސާނުންނެކޭ އެއްފަދައިން ކައްކާ ކައިގެންނެވެ. އިންސާނުން ނަކަލު ކުރުމުގައިވެސް މިއުޅެނީ ކުރީގައެވެ. ނަމަވެސް މިގަރުނާއި ހަަމަޔަށް އަންނައިރު ޖިންނީންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެ ތަހުޛީބު ވެ ޓެކްނޮލޮޖީގެ ގޮތުން ކުރިއެރީކަމަށް ވެދާނެއެވެ.

އާކްޓިކް ކަނޑުގެ އަޑިއަށް ފީނާމީހުންނަށް ވެސް ފީނަން އުދަގޫވާއިރު ޖިންނިން މިވަނީ މިތާ ރަށެއް ހަދާ ވަޒަންވެރިވެފައެވެ. އިންސާނަކަށްވެ ހުރެ ކަނޑު އަޑީގައި ޖިންނީންނާއެކު އާރްޔާ ދިރިއުޅޭކަން އެނގުމުން އެކަން ގަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ. އޭނަގެ އާއިލާއިންވެސް އޭނަ ދުނިޔޭގައި ނެތްކަމަށް ނިންމާފައިވާއިރު އަހަރެއްވާން އުޅޭއިރު އަދިވެސް އޭނަ މިހިރީ ހެޔޮ ހާލުގައެވެ. ސިއެނާއަށް އޭނަގެ ޚަބަރު އެނގިއްޖެއްޔާ ބިރުން އެކުއްޖާ ހިތް ހުއްޓިދާނެއެވެ. ކުލައުސްޓްރޮފޯބިއާ އަދި އާކުއަފޯބިއާވެސް ހުރުމުން ކަނޑާއި އަދި ބަންދު ތަންތާ އެކުއްޖާއަކަށް ކެތްނުވާނެއެވެ. ދެން ހުރީ އާރްޔާއެވެ. ޖިންނިފޯބިއާގެ ދިރިހުރި މިސާލެކެވެ. ރޫހާނީ ކަންތައްތަކާއި ބިރުން އެކުއްޖާ އުޅޭވަރުން ފަހަކަށް އައިސް ކަންޒާވެސް އެ ހާލުޖެހުނެވެ. ކަންޒާގެ ހަދާންތައް ސިކުނޑީގައި ހިނގައިލިއިރު ރާލްފްވެސް އެއްކަނުގައި ފިިޔަ ޖަހައިލިއެވެ. ކަންޒާގެ ދޮންބެ ރާލްފްގެ ވެސް އާކުއަފޯބިއާ ހުރެއެވެ. އެހާ ފިރިހެންކޮށް ވަރުގަދަކޮށް އުޅޭ ޒުވާނަކު ކަނޑާއި ކޯރުތައް ކަހަލަ ތަންތަން ދެކެ ބިރުގަތުމުން އާއިލާއިން ދިމާކުރެއެވެ. އާރްޔާއާއި ރާލްފް ދިމާވެއްޖެއްޔާ ރާލްފް އޭނަ ރުޅިއަރުވާ ގޯނާފަށެއްކޮށްލައެވެ. އަނެއްބައި ފަހަރު ވަރަށް ލޯބިން ސަމާސާކުރާނެއެވެ. ރާލްފްވެސް އޭނަ ހޯދަން މަސައްކަތް ކުރާނެބާވައެވެ. ރާލްފްއާއި ސެފްރަންގެ އެއް ސިފަ އެބަހުއްޓެވެ. ކަނޑުދެކެ ބިރުން އުޅުމެވެ. ސެފްރަންގެ ޚިޔާލު އައުމުން އާރްޔާ ހިނި އަތުވެއްޖެއެވެ. ސެފްރަން އޭނަގެ ސިކުނޑިއަށް ވެރިނުވާ ގޮތަކަށް އާއިލާގެ ހަދާންތައް އާކޮށްލެވޭކަށްވެސް ނެތެވެ.

އާއިލާއާއި ސެފްރަން ގެ ރީތިހަދާންތައް އޭނަގެ ހަނދާނުގެ ދިފާއީ ފާރު ފޫވައްޓާލާފައި ކަރުނައިގެ ތެރެއަށް ގަންބުވާލައިފިއެވެ. ލޮލުގެ ތެރޭ ޖަމާވެފައި ހުރި ކަރުނަތައް ބޯ އެސްފިޔަތައް ފޫދުއްވާފައި ތިރިއަށް ދެމިގަތެވެ. މި ތަނުން އުމުރު ދުވަހުވެސް ސަލާމަތްވާނެހެއްޔެވެ؟

***

ކަނޑުގެ ސަތަހައިގެ މަތިން އުފުލިފައިވާ އައިސްބާގްތަކުގައި އިރުގެ ފަނޑު ދޯދިތައް ބޮސްދޭން މަސައްކަތްކުރާއިރު ލޯތަކަށް ފިނިކަން ލިބޭހާ ހިތްގައިމުކަމެއް ވެއެވެ. ކަޅުކަނޑުގެ ތެރެއިން ހުދުހުދު އެކި ބައްޓަމާއި ސައިޒުގެ އައިސްބާގްތަކާއި ޝީޓުތައް ލޮލުގެ ކޮޅަށް އޮބާލާފައިވާއިރު ކުރެހުންތެރިން މޮޔަވާހާ ފުރިހަމައެވެ.

އަޒްކީލް އާއި ޒޭބް މަޑުކޮށްލީ އާކްޓިކް ކަނޑުގެ އައްސޭރިފަށުގައެވެ. ދުންފިނީގެ ތެރެއިން ދެ ހިޔަނިފަދައިން އިންސާނުންގެ ލޯތަކަށް އެދެ މަޚުލޫގުން ފެނެއެވެ. އެސަރަހައްދުން ފެންނަ އެތައް ހާސް އަލި ގުޅަތަކާއި ހިޔަނިތައް އަދި އިންސާނީ ނޫން އަޑުތަކުގެ ސިއްރަކީ ޖިންނިންކަން އެނގެނީ މަދު ބަޔަކަށެވެ. ޔޫއެފްއޯ ނޫނީ އޭލިއަން ނޫނީ އެހެން ނަމެއް ދިނަސް އެއިން ކޮންމެ ކަމެއް ގުޅިފައިވަނީ އެ ސަރަހައްދުގައި ވަޒަންވެރިވެފައިވާ މަޚުލޫގުންނާއެވެ.

"އަޅުގަނޑަށް މާފުކޮށްދެއްވާ...." ޒޭބް މޮޅިވެރިކަމާއެކު އާދޭހުގެ އަޑަކުން ރަސްގެފާނު އަޒްކީލްއަށް ދެންނެވިއެވެ.

"ޒޭބްގެ ތިޔަ ދޮގުން އަހަންނަށް މާ ބޮޑު އަސަރެއް ނުކުރި. ނަމަވެސް އަހަރެން އިތުބާރުކުރާނެ ގޮތެއް ބުނެބަލަ. ކިތައް ހަގީގަތް މަށަށް އޮޅުވާފައިވާނެ ބާ. ސެފްރަންއަކީ ޒޭބްގެ ކޮއްކޮއަކަށް ވަންޏާ ތިހާ ރުޅިއަންނަނީ ކީއްވެ؟ ނަހަލާލު ދަރިއެކޭ ކިޔައިގެން ދޮގު ހަދާ އޭނަ މަރައިލަން މަސައްކަތްކުރީ ކީއްވެތަ؟ރަސްކަލުންނަށް ދޮގު ހެދުމުގެ ސަޒާ އެނގޭތަ؟ " އަޒްކީލްގެ ސީރިޔަސްކަން ޒޭބްގެ ހިތް ކުޑަކުރުވިއެވެ. ދެލޮލަށް ކަރުނަ ގެނުވިއެވެ.

ޒޭބްގެ ފަރާތުން ސެފްރަންގެ ސިއްރުތައް އެނގުމުން އަޒްކީލް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"އޭނަ މަރާލައިފިއްޔާ މުޅި އާއިލާއަށް ލިބިފައިވާ ބަދުނާމުން ސަލާމަތްވެދާނެ. ނޫނީ އަހަރެމެންގެ ދުނިޔެއަށް ގޮސް މަންމަމެންނާއި ބައްދަލުކޮށްފިއްޔާ މަންމަ ކިހާ ލަދުގަންނާނެ. މަންމައާއި ވަކިން އުޅުނަސް މަންމައަށްޓަކާ މިހިތުގައިވާ ލޯބި ޒައްރެއްގެ މިންވަރުވެސް އުންޏެއް ނުވޭ..." ޒޭބް އަޒްކީލްގެ އަތުގައި ހިފައިލިއެވެ.

"ސެފްރަންގެ ކުށެއްނެތް...." އަޒްކީލް ރުޅިއަންނަގޮތްވިއެވެ.

"ފާފައެއްގެ ނިޝާންވެސް ކުށުގައި ބައިވެރިވީކަމުގައި ވާނީ..."

"ހުއްޓާލާ ފުދޭވަރު ވެއްޖެ." އަޒްކީލްގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. ސެފްރަންގެ ސިއްރުތައް އެނގޭ ކޮންމެފަހަރަކު ހަމްދަރުދީއާއި ކުލުނު އިތުރުވުން ނޫންކަމެއް ނުވެއެވެ. މައިންބަފައިން ކުރާ ކުށެއްގެ ސަޒާ ދަރިއަކަށް ލިބިގެން ނުވާނެއެވެ. އެއީ އިންސާފެއް ނޫނެވެ.


***

ގަންދީޝާ އަޒްކީލް ރަސްކަމުން ދުރުކޮށްލުމަށް މަސައްކަތްފެށީ މަގާމުގެ ދަހިވެތިކަމުގައެވެ. ކާރމަންއާއި މިރިއަމްގެ އޮތް ގުޅުން ނަކްބާގެ ފަރާތުން އެނގުމަށްފަހު އެހެން ކަހަލަ ފޯރިއެއް ހިތުގައި ހިނގައިލިއެވެ. މާމަ ދަރިފުޅާއިމެދު ކުރެވޭ އުއްމީދު ހާސިލުވާނީ އެ މަގާމަށް ކާރމަން އައިސްގެން ކަމުގައި ގަބޫލުކުރެވުނެވެ. ރަސްކަމުގެ ހަގީގީ ވާރިސަކީ ކާރމަން ނޫންހެއްޔެވެ؟ ޒުއްނޫރީންއާއިމެދު ހިތުގައި އޮތް ހަސަދަ ފިލާ ކާރމަންއާއިމެދު އެހެން ނަޒަރަކުން ދެކެވެން ފެށިއެވެ.

ގަންދީޝާ ޒުއްނޫރީންއާއި ކާރމަންއަށް ދައުވަތުދީގެން ގަނޑުވަރަށް ގެންގޮސް ވަރުގަދަ ޖާފަތެއް ދިނެވެ. ކެއުމަށްފަހު އާރމަންޑް ޝަރުބަތު ތަށި ހިފައިގެން އަންހެންވެރިން ޖެހިލީ އެހެން ކޮޓަރިއަކަށެވެ.

"ޒުއްނޫރީން. އަހަރެން ވަރަށް ބޮޑު ސިއްރެއް ބުނަން އެބައޮތް. މި ސިއްރު ކަށްވަޅަށްދާންދެން ފޮރުވަން ހިތަށް އަރާފައިވެސް އެކަމެއް ނުކުރެވުނު. އަހަރެމެންގެ ދެމީހުންގެ މަސްލަހަތާއި ގުޅިފައިވާކަމަކަށް ވުމުން ނުބުނެ ކެތެއް ނުކުރެވުނު...." ގަންދީޝާ ޝަރުބަތު ތަށިން އެތިފޮދެއް ބޯލިއެވެ.

"ހެއްދެވިފަރާތް ގަންދީ ހުވާކުރަން. ކަމަނާގެ ސިއްރު އިތުރު ކަންފަތަކަށް ނީވޭނެ...."

"މިރިއަމް ބަލިވެއިނީ ކާރމަންގެ ދަރިއަކަށް...." ގަންދީޝާގެ ޖުމްލައިން ޒުއްނޫރީން ދެލޯ ބޮޑުވެ އަނގަ ހުޅުވިފައި އިރުކޮޅެއްވާންދެން އިނެވެ. ވަށައިގެން ހޯދާ ބަލައިލީ އެއްވެސް ފަރާތެއްގެ ހިޔަންޏެއް ނަމަވެސް ފެންނަން ހުރިތޯއެވެ. އިރުކޮޅަކުން ތުންފަތުގައިވި ހިނިތުންވުން ފުޅާވެއްޖެއެވެ.

"އަހަންނާއި ޒުއްނޫރީންގެ ދަރިންނަށް ރަސްކަން ލާއިގުކަމަށް ގަބޫލުކުރެވިއްޖެ. ކާރމަންއަކީ ހަގީގީ ވާރިސް. އޭނަގެ ހައްގެއް ނިގުޅައިގަތުމުން ދިމާވި ކަމެއްކަމާއި މެދު ޝައްކެއް ނެތް. މިވީގޮތުން އަޒްކީލް ރަސްކަމުން އަޒަލް ކުރުމުގެ ވަގުތު ޖެހިއްޖެ. ލަހެއް ފަހެއް ނެތި މިކަން ނިންމައިލަން އެބަޖެހޭ..................." ގަންދީޝާއަށް އައި ފޯރިއާއި ޖޯޝާއެކު އަޑު ތޫލިވެ ތުރުތުރެއް ލިއެވެ. ޒުއްނޫރީންއާއި ދެމީހުން އަތާއި އަތް ޖެހީ މަޝްވަރާތަކެއް ކުރުމަށްފަހުގައެވެ.


***

އަޒްކީލް މަރައިލަން ދިން ހަމަލާ ނާކާމިޔާބުވުމުން އޭނަގެ ހަށިފާރަވެރިން ހަތަރުދަމު އެލާޓްގައި ތިބެން ކާރމަން އެންގިއެވެ. ލަޝްކަރުގެ އެންމެ ވަރުގަދަ ކޮމާންޑަރުން ތައްޔާރީ ހާލަތުގައި އަބަދުހެން ތިބެން އޭނަގެ އަމުރު އައެވެ. އެކަން ކުރަން އުޅުނީ ކާރލީންކަން އެނގުމުން އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކަނޑައިލާނެ ހިތްވަރެއް ކާރމަންއަކަށް ނުލިބުނެވެ. އޭނައަަށް ޖެހުނީ އެކަން އޮއްބާލާން މަސައްކަތްކުރާށެވެ. ކާރލީންގާތު އެދުނީ ދެވަނަ ފަހަރަށް އެފަދަ ހަމަލާއެއް ނުދިނުމަށެވެ.


***

ރުއާނާއަށް އާރްޔާ ގެއްލުނުކަން އެނގުމުން އެކަމާ ހިތާމަކޮށް ރުޔެވެ. ސެފްރަންގެ އެކުވެރިއެއްކަން އެނގުމަށްފަހު ޚާއްސަގޮތެއް ބެހެއްޓުނެވެ. ސެފްރަން އަހައިފިއްޔާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އޭނަގެ އެކުވެރިން މުޅި ސަރަހައްދުބެލިއެވެ. އާރްޔާގެ ހިލަމެއްނުވިއެވެ.

"ޝެހްޒާދީ. ދެރަވެ ހިތާމަކުރާނެކަން އިރުފަދައިން އެނގޭތީ ނުބުނަން ހުރީ. އެންމެ ފަހުން އޭނަ ސެފްރަންއާއެކު ޖަންގަލިތެރޭ ހުއްޓާ ދެކުނިން. އެދެމީހުންގެ އެހެން ގުޅުމެއް ވޭ. ސެފްރަންވެސް އެ މަސައްކަތްކުރަނީ އެކަން ފޮރުވަންހެން އަޅުގަނޑަށް ހީވޭ. ސެފްރަން އަހައިފިއްޔާ އާރްޔާ އިންސާނުންނާއިއެކު ހިގައްޖެއޭ ބުނެލީމަ ރަގަޅުވާނެ. އޭނަގެ މޫނަށް އަރާ ކުލަވަރު ދެކެން ޝެހެޒާދީ ހުރޭ.........." ޖިލްވާ ބުނެލިއެވެ.

ރުއާނާގެ ހަލާކުވެފައިވާ ހިތުގެ ޒަޚަމްތަކަށް އިތުރު ވޭނެއް ލިބުނެވެ.

"ހަސްބުނަﷲ ވަނިއުމަލް ވަކީލް......" ރުއާނާގެ ލޮލުން ކަރުނަ ތިކިތައް އޮހިގަތެވެ. ޖިލްވާ ފޮހެލަދީފައި ހިތްވަރުގެ ބަސްތަކުން ރުއާނާގެ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރިއެވެ.


***

ފަސް އަހަރު ފަހުން

ސެފްރަންއާއި އޭނަގެ އެކުވެރިން ޝިކާރަކުރަން ޖަންގަލިތެރޭ ކޭމްޕްކޮށްލަން އައިއިރު މިރިއަމްއާއި ޖާރިޔާއިންވެސް ގެނައެވެ. ފިރިހެންވެރިން ކައިގެން ގަސްތަކުގެ ހިޔަލުގައި އޮށޯވެލިއެވެ. މިރިއަމްއާއި ޖާރިޔާއިން ތަންކޮޅެއް ދުރުގައި ފޭލިގެތައް ޖަހައިގެން އެތަނުގައި އަރާމުކުރަން ތިއްބަސް ކުދިން އުޅުނީ ސަކަރާތް ޖެހުމުގައެވެ. މިރިއަމްގެ ދަރިފުޅު ކެންޝިން އޭނަގެންގުޅޭ ސްނޯވީ ބަކަމޫނު ކޮނޑަށް ލައިގެން ގަހުގެ އެންމެ ކުރިއަށް އަރާ މޭވާ ކާން އިނެވެ. ދިގުކޮށް އޮތް އިސްތަށިގަނޑު ގަތާލާފައިވާއިރު އަނދުން އަޅާފައިވާ ދެލޮލުން އަލިފާން ކަނި ބުރައެވެ. ސެފްރަންއަަށްވުރެ ކާރމަންއަށް އެކުއްޖާގެ ހަރަކާތްތަކަށް ސަމާލުކަން ދެވެއެވެ. އެހެެން އުޅެލާފައި މޭވާ ކައި ނިމިގެން އޮށުން ޖެހީ އަޒްކީލްއާއި ޒޭބްގެ ދަރިފުޅު ސެރަފިމްގެ ބޮލުގައެވެ.

"ކެންޝިން....މަރުވާހިތުން ތިއުޅެނީ؟ އޭނ....ހަމަ މިހާރު ފައިބާ.." ސެރަފިމް އަމުރުކުރިއެވެ. ސެފްރަން އެދެކުދިންގެ އަރައިރުމުން މަޖާވެފައި ބަލަން އިންއިރު އަތުގައި އޮތް ޗާޓަކުން ދޭތެރެއަކުން ނަޒަރު ހިންގައިލައެވެ.

"ކީއްވެ ސެރަފިމްގެ ފިޔަހުރީ ބައްޕާ. ކީއްވެ އަޅުގަނޑަށް ސެރަފިމް ފަދައިން ނުއުދުހެވެނީ؟ބައްޕަގެ އެންމެ ވަރައެއް ހުންނަނީ ކީއްވެ އެންޖެލްއެއްހެން................................. " ކެންޝިން ސުވާލުކުރިއެވެ.

"ކެންޝިން މަންމައާއި ވައްތަރުވީމަ. އެހާ އަނގަވެސް ގަދަ. ހޫމް ސިއްރެއް ބުނަންތަ. .އަހަރެންގެ މަންމަ ކެންޝިން ބައްޕަދެކެ ރުޅިއާދޭ............" ސެރަފިމް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އެހެންވެ ޒޭބްދައްތަދެކެ ފޫހިވޭ..." ކެންޝިންގެ އަގީދުކުލަ އަރާ ދެލޯ ދިއްލުނެވެ. ސެރަފިމް ކަޅިއަޅައިގެން ތުން ފިތާލައިގެން އިރުކޮޅެއްވާންދެން ހުރެފައި ދުރަށް ދާން ހިގައިގަތެވެ. ކެންޝިން އޭނަގެ މަންމަކައިރިއަށް ފޭލިގެއަށް ގޮސް ސެރަފިމް ދެއްކި ވާހަކަތައް ކިޔައިދިނެވެ. ޒޭބް ސެފްރަންދެކެ ނަފްރަތުކުރާންވީ ސަބަބު އެހިއެވެ. ކުޑަޔަކަސް އެކުއްޖާގެ އެހުންނަ ހަރުކަމުން މިރިއަމްވެސް ހައިރާންކުރުވައެވެ.

މިރިއަމް އާއި ނަކްބާ ގަސްތަކުގެ މޭވާތަކާއި ނަޓްސް ބިނދެ ކަމުން މާތައް ބިނދެ އެކަކު އަނެކަކު ގަޔަށް މާތައް އުކާ ކޫސަނި ސަކަރާތެއް ޖަހަމުން އުޅުނެވެ. މިފަދަ ދަތުރެއްގައި އަޔަސް ސެފްރެން އުޅޭނީ އާއިލާއާއި ދުރުން އެކުވެރިންނާއެކުގައެވެ. ޝިކާރައަށޭ ކިޔާފައި ދިޔަތާ ގަޑިއެއް ވީއިރުވެސް ޚަބަރެއް ވީއެއް ނޫނެވެ.

ކެންޝިންއަކީ ފީކޯއި ކުޅެން ވަރު ހުންނަ ކުއްޖަކަށްވާތީ މަންމައަށް ފިލަން އޭނަ ހުރީ ފުރުސަތަކަށް ބަލަ ބަލައެވެ.

"ކެންޝިން ދުރަށް ނުދައްޗޭ މަންމަ ހިތް ހަލާކުވާނެ..."

ކެންޝިން އޭނަގެ މަންމަގެ ކަޅިމަތި ބަލަމުންގޮސް ހިލަތަކުގެ މަތިން ފުންމާފައި ގޮސް ހޮހަޅައަކަށް ވަނެވެ.

"ކެންޝިން......" މިރިއަމް އަށް ގަސްތަކުގެ ތެރެއިން ކެންޝިން ނުފެނުމުން ގޮވަންފެށީ ކަންބޮޑުވުމާއެކުގައެވެ. މިއީ އިފްރީތުންވެސް އައިސް ގޮސްވާ ސަރަހައްދެކެވެ. އެކަނި އެކުއްޖާ އުޅެނިކޮށް ފެނިއްޖެއްޔާ ވަގަށް ނަގާފާނެއެވެ. ކުއްލިއަކަށް ކެންޝިންގެ ވޭނީ ހަޅޭކުގެ އަޑު ވާދީގައި ގުގުމައިލުމުން މިރިއަމްއާއި އެހެން ޖާރިޔާއިން ހޭ ކަނޑާލާފައި އަޑު އައި ދިމާލަށް ދުއްވައިގަތެވެ.

(ނުނިމޭ...)

ކޮމެންޓް 0