ސެފްރަން ރަށުތެރޭ ހިނގާލަން ނުކުތްއިރު އެކި ދިމާލުގައި ނޫކުލައިގެ ލެންޓަންތައް ދިއްލާލާފައިވާއިރު ދުންފިނީގެ ތެރެއިން ފަނޑުގޮތަކަށް އަނދިރިކަން ފެތުރިފައިވާ މާހައުލަށް ކުރިހޯދަން މަސައްކަތްކުރެއެވެ. އަނދިރި ހިސާބުތަކުގައި އަލިފާންތައް ރޯކޮށްލައިގެން މަސް ފިހެން ތިބި ޖިންނިންނާއި އަލިފާނަށް އަޅުކަން ކުރަން ތިބި މަދު މާރިދަކުވެސް ފެނުނެވެ. އެމާރިދުންނަށް ނަޒަރު ހުއްޓާލެވުނީ ނުރުހުމާއެކުގައެވެ. އަޅާނުލާ ދާން އުޅެފައިވެސް ފެނުނު މަންޒަރަކުން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

ދެތިން މާރިދަކު ހަތިޔާރު ތޫނުކުރުމުގައި އަވަދި ނެތިއެވެ. ސެފްރަން ފެނުމާއެކު ހަތިޔާރު ފޮރުވަން މަސައްކަތްކުރިއެވެ. ޑޮމިނާރިއާއިން އަންނަ މާރިދުން ހަތިޔާރު ގެންގުޅުން ރަސްގެފާނު މަނާކުރައްވާފައިވަނީ ބަޣާވާތެއްފަދަ ކަމެއްކޮށް ނޫނީ ތަނުގެ ހަމަޖެހުން ގެއްލުވާލަން އުޅެފާނެތީއެވެ.

"ޝެހެޒާދާ ސެފްރަން........" މާރިދަކު ބޮޑާކަމާއިއެކު ކޮޅަށް ތެދުވުނަސް ވާހަކަދެއްކިއިރު އަދަބުވެރިކަމެއް ހުއްޓެވެ. ސެފްރަން ޅަކުއްޖެއްހެން ހެއްލިދާނެކަމަށް ހީކުރެވުނީއެވެ.

"ކަލޭމެން މަނާކަމެއް ކުރަން ތިއުޅެނީ ކީއްވެ؟ ހަތިޔާރުތައް ގެނޭ..............."

"އަހަރެމެންގެ ރައްކާތެރިކަމަށްޓަކާ އަހަރެމެންވެސް މަސައްކަތްކުރަން ޖެހޭނެ ދޯ. ހިނގާ ޑީލެއް ހަދަމާ. އަހަރެމެންގެ ވެރިޔެއްގެ ދަރިއަކަށް ސެފްރަން ހަމަލާދިންކަން ހަނދާން ނައްތާލަފަނާނަް. އޭގެ ބަދަލުގައި ސެފްރަންއަށް ފެނުނުކަންތައް ނުފެންނަކަމަކަށް ހަދާ....." މާރިދަކު ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

"އޭނަގެ އަމަލުތައް ހުރީ ވެރިންގެ ދަރިން އުޅެންވާގޮތަކަށް ނޫން. އައިގޮތަށް މީހުން އަޅުންގެ ގޮތުގައި ގެންގުޅޭ ޚާދިމާއިންނަށް ހަމަލާދޭކަށް ނުޖެހޭނެ.." ސެފްރަން ދަތްކުނޑިވިކައިގެން ފައި ހުރެ އެތޫނު ދެލޮލުން ބަލައިލިގޮތުން މާރިދުންވެސް ޖެހިލުންވިއެވެ. މިއީ އެމީހުންވެސް ގަދަރުކުރާ ގަބީލާއެއްގެ ޖިންނިއެއްކަން މޫނުގެ ރީތި ސިފައަށް ބަލައިލިޔަސް ޔަގީންކުރެވެއެވެ. ބެންތިކް ޖިންނީންގެ ތެރޭންވެސް މިހާ ފުރިހަމަކަމެއް ނުވެއެވެ.

"އެކަމަކު ތިބުނާ އަޅުކުއްޖާއަކީ އިންސިއެއް. ކުށްވެރިއެއް...."

"އާއިލާއަށް އެކަމުގެ ބަދަލުދީފައިވަނީ..." ސެފްރަން ހަރުކަށިކޮށް ހަދާންކޮށްދިނެވެ. މާރިދުންގެ އަނގަ ބަންދުވިއެވެ. ނޫނީ އިތުރަށް އެ މައުޟޫއަށް ވާހަކަދައްކަން ބޭނުން ނުވީއެވެ. މާރިދުން ގެ ރޭވުންތައް އަދި ފައުޅުވެއްޖެއްޔާ ޖަލްޖާލޫތުގެ ރަށުން ޖާގައެއް ނުލިބޭނެއެވެ.

***

ސެފްރަން އާކްޓިކްކަނޑުގެ އައްސޭރިފަށުގައިވާ ގެއަށް ބަދަލުވުމަށްފަހު ހުރިހާ ކޮޓަރިތަކެއްގައި ލެންޓާންތައް ހަރުކޮށް ގެ ހޫނުވާނެފަދަ ވަސީލަތްތައް ގާއިމުކުރިއެވެ. ކޮޓަރިތެރޭ މިނިވަންކޮށް އުޅެވިދާނެއެވެ. ބޯ ކެހެރި ހެދުންތަކުގެ ހިމާޔަތުގައި ހުރިހާ ގަޑިތަކެއްގައި ތިބުމަށްވުރެ އެގޮތް ރަގަޅުކަމުގައި އޭނަ ދެކުނެވެ. ޔަގީނުންވެސް އޭނައާއި އާރްޔާއަށް އެހެން ޖިންނިންފަދައިން މި ފިނިކަން ބަރުދާސްތެއް ނުކުރެވެއެވެ.

މާމަ ގާތުގައި އުޅުނުއިރު މާމަގެ ނުފޫޒާއި ތަރުބިއްޔަތުގެ ސަބަބުން ބާރައަހަރުގައިވެސް ފުދޭވަރަކަށް ހަރު ކޮށް އުޅެން އާރްޔާއަށް ދަސްވެފައިވިއެވެ. ދީނީބައިވެސް އެވަރު ކުއްޖަކާ ބަލާފައި ކިތަންމެހާވެސް ރަގަޅެވެ. އީމާންތެރިކަމަކީވެސް އެފަދަ އެއްޗެކެވެ. ބައެއްފަހަރު މާހައުލާއި އެއްކޮށް އުޅޭ މީޙުންގެ ސަބަބުން ބަލިކަށިވެދާނެއެވެ. އާރްޔާއަށްވެސް އެކަމުގެ ނުބައި އަސަރުކުރަން ފެށިއެވެ. އުމުރުގެ ޅަކަމާއއެކު މާމަމެންގެ ނަސޭހަތް މަޑުމަޑުން ހަދާންނެތި ކުޑަކުއްޖެއްގެ އުޅުން އަނެއްކާ ހަރުލާންފެށިއެވެ. ކުރެހުމާއި ވީޑިއޯއިން އެކި މަންޒަރުތައް ނެގުމާއި ޖާނަލްހެދުން އަދި ސޯރާމެންނާއި އަނގަތަޅަން އިނުމަށްފަހު ގިނައިރު ނިދަންފެށިއެވެ. އެންމެ ފޫހިވަނީ ގެއިން ބޭރަށް ނުކުތުން މަނާކުރީތީއެވެ.

ކޮޓަރިތެރެއަށް އަރާމުވާފަދަ ހޫނުކަމެއް އަރަންފެށުމުން އާރްޔާ އޭނަ ލައިގެން ހުރި ބޯހެދުންތައް ބާލާފައި ޖިންސަކާއި އަތްދިގު ޓޮޕެއް ލިއެވެ. ނަމަވެސް ބުރުގާ ނަގާކަށް ބޭނުމެއްނުވިއެވެ. ދޫލަމަތީގައި ބަންޑުން އޮވެ އޭނަ ކުރަހަންފެށިއެވެ. ސެފްރަން ދިން ކުޅޭ އެއްޗެހީގެ ތެރޭ ކުރެހުމާއި ބެހޭ ސާމާނު ހުރިކަން ކިތަންމެހާވެސް ރަގަޅެވެ. މިވެސް އޭނަގެ ހުނަރެކެވެ.

"ހާދަ މޮޅޭ އާރްޔާ...." ސޯރާ ތައުރީފުކުރަން ފެށުމުން ރިފްކާއާއި ޕަރީވެސް ކައިރިވެލިއެވެ. އޭނަ ކުރަހަމުން ދިޔަ މަންޒަރުން ފެންނަނީ އާކްޓިކް ކަނޑެވެ. ގަނޑުފެންތަކުގެ ތެރެއިން ކަޅުނޫކުލައިގާ ފެންނަން އޮތް ކަނޑުގައި ކުދި ކުދި ރާޅުބާނިތަކެއް ލާފައެވެ. އައްސޭރިފަށުގައި ބިޔަ މާރިދަކު ހައިބަތާއެކު ހުއްޓިލައިގެން ހުރިއިރު އާރްޔާ ކަނޑިއެއް ހިފާލައިގެން އެ މާރިދަށް ހަމަލާދޭން މަސައްކަތްކުރާތަނެވެ.

"އަހަރެމެންގެ ފޮޓޯއެއް ނުކުރަހާނަންތަ؟ " ލަދުރަކިކޮށް ހުންނަ ޕަރީ ނިކަން ހިމަ ހިމަ އަޑަކުން އަހައިލިއެވެ. އާރްޔާއަށް އޭނަ ސިފަވަނީ ހަގީގަތުގައިވެސް ޕަރީއެއްގެ ގޮތުގައި ނިކަން ނާޒުކްކޮށެވެ.

"ކުރަހާދޭނަން." އާރްޔާ އުފާވިއެވެ. "އެކަމަކު އޭގެ ކުރިން އަހަންނާއި ގްރީންލޭންޑުން ދިމާވި ފްރެންޑުގެ ފޮޓޯއެއް ކުރަހަން އެބަޖެހޭ. އުމުރު ދުވަހުވެސް ދެން ބައްދަލުވާނެކަމެއް ނޭގޭ އެކަމަކު އެންމެ ބައްދަލުވުމަކުންވެސް ވަރަށް ލައިކް ވެވިއްޖެ...." އާރްޔާ އެ އަންހެންކުއްޖާގެ މަތިން ހަދާންކުރިއެވެ. އެކުއްޖާ ލައިގެން ހުރި ކޯޓާއި މޫނުގެ ސިފަތައް އޭނަ ހިތުދަސްވެފައިވުމާއެކު ކުރަހާލުމަކީ އުދަގޫކަމެއް ނޫނެވެ.

"ކާޓޫނު ކުރަހާހެން އެ ދުވަހު ހިނގި މަންޒަރުތައް ފެށުނީއްސުރެން ކުރަހަންވީކަން ނޭގޭ. ސެފް އަހަރެން މިޔޫކީއަށް އަރުވައިގެން ގްރީންލޭންޑަށް ދޫކޮށްލި މަންޒަރާއި ހަމަޔަށް. ޔޭ ގުޑް އައިިޑިއާ. އައި ކެން ކިލް ޓައިމް ލައިކް ދިސް......" އާރްޔާގެ ސިކުނޑިއަށް ޝައިތާނާ ވެރިވެގެން ވަގުތުން ވަގުތުތައް ބޭކާރުކޮށް ދުއްވާލަން ވަސްވާސްދިނެވެ.

***

ބެންތިކް އައިލެންޑްސްގެ އިމާރާތެއްގެ ތެރެއެވެ. ގަދަ އަނިދރިކަން ފޫއަޅުވާލާފައި އަނދިރިކަމަށް ކުރި ހޯދަން މަސައްކަތްކުރާ ނޫކުލައިގެ ބައްތިއެއް ފިޔަވާ އެ އިމާރާތުގައި އަލިކަން ފުޅެއްނެތެވެ. ޖަލްޖާލޫތާއި ގަންދީޝާ އަޒްކީލް އަދި ސެފްރަން ބިންމަތީގައިވާ ރަނާއި ރަތުގެ ބޯ ދޫލައެއްގެ މަތީ އިށީދެލައިގެން ތިބީ މުހިއްމު ވާހަކައެއްގައެވެ. ސެފްރަންގެ ހުދު އިސްތަށިގަނޑު އަލިފާނުގެ ސަބަބުން ހުޅުހިފާފައިވާފަދައެވެ. މޫނަށްވެސް އެފަދަ ހިތްގައިމު ކުލައެއް ވެރިވެފައިވެއެވެ. އަޒްކީލްގެ ހަށިގަނޑުގެ ތިރީބައި ނިވާކޮށްލަން އަނދެފައި ހުރި ހަރުވާޅެއް ފިޔަވާ އެ ބިޔަ ވަރުގަދަ ހަށިގަނޑުވަނީ ހާމައަށެވެ. ކުރުކޮށް ކޮށާލާފައި އޮތް އިސްތަށިގަނޑާއިއެކު ހަމަށް އަރާފައިވާ ދިހުމަކުން އޭނަގެ ރީތިކަން ފާޅުވާން ހުއްޓެވެ. ފެހިދެލޮލުގައި ތޫނުކަމެވެ.

"އަޅުގަނޑަކަށް މިރިއަމްއާއި ކައިވެންޏެއް ނުކުރެވޭނެ...." ސެފްރަން އިސްޖަހައިގެން އިނދެ ބުނެލިއެވެ.

"ކީކޭ؟ " އަޒްކީލްގެ ދެލޯ ދިއްލުނެވެ.

"ވަރަށް ދުވަސްވަންދެން އެކަމާއި ފިކުރުކޮށްފިން. ކޮއްކޮއެއްގެ ގޮތުން ބަލައިގެންފައިވާ ކުއްޖަކާ ކައިވެންޏެއް ނުކުރެވޭނެ. އެންމެ ކުރިން އަހަރެންވެސް ރަސްކަމުގެ ބޭނުމުގައި އެ ކައިވެނި ކުރަން ހުރީ. ފޮރުވާކަށް ބޭނުމެއްނޫން. އެކަމަކު ދަހިވެތި އަމިއްލަ އެދުން ބޮޑުކަމުގެ ޝިކާރައަކަށް މައުސޫމް ކުއްޖަކު ނެހެދޭނެ. މާފުކުރައްވާތި....................." ސެފްރަން ދެލޯ މަރައިލިއެވެ.

"މި ގަބީލާއިން ބޭރުކޮށްލިޔަސް ހެޔޮތަ؟ " ގަންދީޝާ ގުގުރައިގަތްފަދައެވެ. ބާރު އަޑު އެތާ ގުގުމައިލިގޮތުން ސެފްރަންއަށް އުދަގޫވިއެވެ.

"ދުނިޔެ ތެރެ ބަލައިލަން ދެވިދާނެއްނު......."

"ތީ އިންސާނެއް ނޫން. އަނެއްކޮޅުން މާރިދުން ރަސްގެފާނުގެ ހުރުމަތަށްޓަކާ ނޫންނަމަ ސެފްރަންގެ ފުރާނަ ދުއްވާލިތާ ކޮން ދުވަހެއް. އަހަރެމެންގެ ރައްކާތެރިކަމުގެ ދަށުގައި ހުރެފަ ޅަ އެއްޗެއް ނާޅާ...." އަޒްކީލްގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ.

"މިރިއަމްވެސް މި ކައިވެންޏާ ގަބޫލު..." ގަންދީޝާ ދެއަތް ދެއަތާއި މޮޑެލިއެވެ.

"މިރިއަމް އަޅުގަނޑާއިމެދު ވިސްނާފައި އެއްބަސްވީ. އެންޖެލާވެސް...................." ސެފްރަން އެއްޗެކޭ ބުނަން އުޅުނުތަނާ އަޒްކީލް ސެފްރަންގެ އަނގަމަތީ ޖަހަން އަތް މެޅިއެވެ.

"ހުއްޓާލާ......."އަޒްކީލް ހަރުކަށިގޮތަކަށް އަމުރުކުރިއެވެ.

ސެފްރަން ފުންނޭވައެއް ދޫކޮށްލިއެވެ. އެންޖެލާގެ ސިއްރު ބޭޒާރުކުރާކަށް އޭނަ ނޭދެއެވެ. އެންޖެލާ އޭނައާއި ކައިވެނިކުރިޔަސް އުޅުނީ ލޯބިވާ ލޯބިވެރިޔާއާއި އެއްކޮށެވެ. އެ ހަގީގަތް އެންޖެލާ ކަށްވަޅަށް ގެންދިޔައީއެވެ. އަޒްކީލް ހުއްޓާލަން ނުބުނި ނަމަވެސް އޭނަ އެހިސާބުން ހަނދާންވެ އިސްޖެހިއެވެ.

"ސެފް ޖެހޭނީ މިރިއަމްއާއި ކައިވެނި ކުރަން.........." ގަންދީޝާ ކަޅިއަޅާލައިގެން އިނދެ ބުނެލިއެވެ.

"މަޖުބޫރު ކުރިޔަސް އަދި އެހާ އަވަހަށް އެއްވެސް މީހަކާއި ކައިވެންޏެއް ނުކުރެވޭނެ................" ސެފްރަންވެސް ރުޅިއަންނަ ގޮތްވެފައި ތެދުވެގެން އަނެއް ފަރާތަށް އެނބުރުނެވެ. ބަލާ ބޮޑުކުރިކަމުގެ ބަދަލު މިފަދަގޮތަކަށް ހޯދަން އުޅޭކަމާއިމެދު ސެފްރަންގެ ހިތް ޝަކުވާކުރިއެވެ. އޭނަގެވެސް ހިތެއްވެއެވެ. މި މީހުން ހަމްދަރުދީ ނުވާނީހެއްޔެވެ؟ އަމިއްލަ އެދުންބޮޑުވިޔަސް ފުކެއް ބޮޑުވަރެވެ. ޖަލްޖާލޫތު އިޝާރާތުން އެންގީ ސެފްރަންއަށް ވަގުތު ދިނުމަށެވެ.


***

ސެފްރަން ފޫހިވެގެން ގޭތެރޭގައި އުޅެފައި ބޫ ގޮވައިގެން ހިނގާލަން ނުކުތްއިރު މަގުމަތީގައި ވާ ބައްތިތަކުގެ ފަނޑު އަލިން މަގުމަތީގައި ހިނގާބިނގާވާ އިންސާނަކަށް މަގު ދައްކާދެއެވެ. ބޫއާއި ސަކަރާތްޖަހަމުން ސްނޯމަތީ ލަސް ހިނގުމެއްގައި ދަނިކޮށް މިރިއަމް ގޮވައިލިއެވެ.

"ސެފް މަންމަ ބުނި ސެފް ކައިވެންޏަށް ދެކޮޅުހެދި ވާހަކަ....ކީއްވެ؟ "މިރިއަމް އެހިއެވެ.

"މަޖުބޫރުވެގެން ކައިވެނިކުރާކަށް މިރިއަމްވެސް ނުޖެހޭނެ ދޯ. މި ގަބީލާއިން ބޭރުކުރިޔަސް ހެޔޮކަމަށް އަހަރެން ނިންމީ. އަހަރެން ދުނިޔޭގައި ދަތުރުކޮށް އަހަރެންގެ އާއިލާ ހޯދަން ބޭނުން. ރަސްގެފާނު އަދި ޝޭޚު ކަހީޖު އަތުން އެގޮތަށް ދަތުރުކުރަން ފަސޭހަވާފަދަ ފޮތެއް ހޯދަން އުޅުނީމަވެސް ކާމިޔާބެއްނުވި. އެހެންވެ ހިތަށް އަރަނީ އަސްލު މައިންބަފައިން ހޯދަން އެބަޖެހެއޭ. އެމީހުން ދޫކޮށްލި ސަބަބެއްވެސް އެނގެން ބޭނުން....." ސެފްރަން މަޑުމައިތިރިކަމާއިއެކު ބުނަމުން ދިޔައެވެ.

"އަހަރެންގެ އެކުވެރިންނަށް ކައިވެންޏަށް ދައުވަތުދީފިން. ސެފް ގޮއްސިއްޔާ ބޮޑު ލަދެއްގައި ބެދޭނެ. އެންމެން މަލާމާތްކުރާނެ. އެ މަލާމާތުން ސަލާމަތްވާން އެންމެ ރަގަޅީ ދެމީހުން ކައިވެނިކުރިއްޔާ..." މިރިއަމް ހުރީ އެތެރެ އަނދަ އަނދައެވެ. ލޮލުންވެސް ދުން ނުކުމެދާނެފަދައެވެ. ސެފްރަންގެ މި ބޮޑާ ހޭކުން އޭނަ މޮޔަކުރުވާނެއެވެ. އެއްގޮތަކަށްވެސް ސެފްރަން މި ރަށުން ދިޔަކަނުދޭނެއެވެ.

"މާފުކުރޭ މިރިއަމް. އަހަންނަކަށް ނުވާނެ....މިރިއަމްއަށް ރަގަޅުވާނީ ކާރމަން ކަހަލަ މިރިއަމްއާއިހެދި އުޅޭ ޖިންނިއަކާ ކައިވެނިކުރިއްޔާ. ބޮޑުބޭބެގެވެސް ދަރިނު.........................." ސެފްރަން ބުނެލިއެވެ.

މިރިއަމް އިތުރު އެއްޗެކޭ ބުނުމަކާ ނުލައި ލޯ ކުރިމަތިން ގެއްލުނެވެ. އޭނަ ދެން ފައުޅުވީ އަޒްކީލްގެ ފަރުބަދަމަތީ ގެ ކައިރިންނެވެ. އަޒްކީލްއަށް ކޮއްކޮ ފެނުމުން އަވަސްއަވަހަށް އެދިމާލަށް ދަތުރުކުރިއެވެ.

"ސެފްރަން ހިލހިލާ ޖަހާ ބަދެފައި އެންމެ އަޑީގައި ހުންނަ ޖަލަށްލާފައި ހައްދު ޖަހާދީފާނަންތަ؟ ސެފްރަން އަހަންނާއި ކައިވެނި ކުރަން ދެކޮޅުހެދީމަ އޭނައަށް މަޖުބޫރުކޮށްގެންވެސް ކައިވެންޏަށް އެއްބަސްކުރުވަން ޖެހިއްޖެ. ނޫނީ ރަހުމަތްތެރިންނަށް މޫނު ދައްކާކަށް ނުކެރޭނެ ބޭބޭ........................." މިރިއަމް އަސަރާއެކު ބުނެލިއެވެ.


***

މިރިއަމް އޭނަގެ އެކުވެރިންނާއެކު އާކްޓިކް ކަނޑުގެ ގަނޑުފެންމަތީ ކުޅެން އުޅުނެވެ. "ފްރޮސްޓް ފްލާވާސް" ތެރޭގައި މާމެއިޑުން ހެން ފީނާ އެ މާތައް އެކަކު އަނެކަކު ގަޔާއި ދިމާލަށް އުކާ ހީހީފައި ކުޅެނިކޮށް އެދިމާލަށް ސެފްރަންއަށް ނުކުމެވުނެވެ.

"ސެފްރަން ޒުވާންވާވަރަކަށް ހައްތަހާ ރީތިވަނީ. އެ ނަސްލު ޒުވާނުންގެ ރީތިކަމާއިމެދު ހަމަ ހައިރާންވޭ............" މިރިއަމް އެކުވެރިއަކު ބުނެލިއެވެ. "ކޮންދުވަހަކުން ކައިވެނި އޮތީ؟ "

"ވަރަށް އަވަހަށް...." މިރިއަމް ފޮނިވެލިއެވެ.

ސެފްރަންއަށް އެކުދިން ފެނުމާއެކު އަނބުރާލާފައިގޮސް ގެއަށް ވަން މަންޒަރު ފެނުމުން މިރިއަމްގެ ރުޅި އިންތިހާއަށް ގަދަވިއެވެ.

"ލަދުން އެދިޔައީ؟ އަހަރެމެންނާއެކު ފެންވަރާލަން އައިނަމަ..." އެއްކުއްޖަކު ބުނެލިއެވެ.

"އޭނަ ގަނޑުފެން އަދި ކަނޑުދެކެ ވަރަށް ބިރުގަނޭ. އެހެންވެ ދިޔައީކަމަށް ވާނީ. އެހެންނޫނަސް އެހެން އަންހެންކުދިންނާއި އަނގައިން ބުނަން ސެފް ބޭނުމެއްނުވާނެ. ވަރަށް ވަފާތެރި ތެދުވެރި ބައިވެރިއެކޭ........................." މިރިއަމްގެ ތުންފަތްމަތީ ކުޅެލި ހިނިތުންވުމަކީ ހަމައެކަނި ދެއްކުންތެރިކަމެކެވެ.


***

އާކްޓިކް ކަނޑުން އަރައިގެން އައި ބެންތިކް ޖިންނި ކުދިންކޮޅެއް ކަނޑުގެ އައްސޭރިފަށުގައި ކުޅެން ތިބިއިރު އެކުދިން ތިބީ ހުސްގަޔާއެވެ. އުނުގައި ކުޑަފޮތިކޮޅެއް އޮޅާލާފައިވާއިރު ހުރިހާ ސިފަތައް އިންސާނުންނާއި ވައްތަރުނަމަވެސް ލޯތައް ފަނޑު އަލިކަމުގައި ބަބުޅާގޮތާއި އުޅުމުގައި ހުރި އާދަޔާ ޚިލާފު ހަލުވިކަމާއި ބިންމަތީ ނުޖެހި އުދުހިލާގޮތުން ތަފާތެވެ. އަދި ކަންފަތް ދިގުވެފައި ހުރީ ދަޅައެއްހެންނެވެ. އެކުދިން ކުޅެން ބޯޅައެއްގެ ގޮތުގައި ގެންގުޅުނީ ކުލަ ކުލައިގެ "އޯބް" ތަކެވެ. އަލިގުޅަތަކެއްފަދައެވެ. ނަމަވެސް އެކުދިން ގެންގުޅުނީ ހުދު ފިޔާތޮށި އަދި އޮރެންޖްކުލައެވެ.

ކިޑިކީއިން ވީޑީއޯ ކުރަން ހުރި އާރްޔާއަށް ކެތްނުކުރެވިގެން އެކުދިންނާއި ދިމާލަށް ހިނގައިގަނެވުނެވެ. އެކުދިން ކުޅުން ހުއްޓާލާފައި ހައިރާންކަމުގެ ނަޒަރަކުން ހިމޭންކަމާއެކު ބަލަން ތިއްބެވެ. އެކުދިންގެ ލޮލަށް ބަލައިލާފައިވެސް ގައިން ހީބިހި ނެގިއެވެ. ފަހަތަށް ޖެހެން އުޅެފައިވެސް އާރްޔާ ގެ ފިޔަވަޅުތައް ނެގީ ކުރިއަށެވެ.

"މިއީ ހާދަ ރީތި ބޯޅަތަކެއް. އަހަންނަށް ލިބިދާނެތަ؟ "އާދައިގެ މަތިން އާރްޔާ ބެންތިކް ބަހުން ވާހަކަދެއްކިއެވެ. އެންމެ ގާތުގައި ހުރި ފިރިހެންކުއްޖާ އަތުގައި އޮތް ބޯޅަ ދިއްކޮށްލުމުން އާރްޔާ ހިފިއިރު ލުއިކަމުން އެ އުދހިގެންގޮސްދާނެފަދައެވެ. ވައިބްރޭޝަން ވާފަދަ ގޮތަކަށް އަތަށް ވާންފެށިއެވެ. އެ ސައިބޯނި ބޮކިތައް ފަދައެވެ. ފަޅައިގެން ނުދާތީ ހައިރާންވާވަރުވިއެވެ. އެހާ ލުއިވެފައި ނާޒުކް ކަމަށް ދައްކާ އެ "އޯބް" ގައި އަތްލުމުން އެ ކުރެވުނު ތަފާތު އިހުސާސްއާއެކު އެއަށް ބަލަން ހުރެވުނީ އާޝޯޚުވެފައެވެ. ބޭރުން ހުދުކަމަށް ދެއްކިޔަސް އެތެރެއިން އެކި ކުލައިގެ ދަޅަ އަރައެވެ.

"ތިއީ ކާކު؟ އަހަރެމެންނަކާ ވައްތަރެއް ނޫން. އަދި ތަފާތު ވަހެއް ދުވަނީ.." އެކުދިން ނޭފަތް ގުރުޑުކޮށްލިއެވެ.

"އާ ޔޫ ގޮއިން ޓު އީޓް މީ ކުދި ފުރޭތަތައް.....އާ..." ކުއްލިއަކަށް އާރްޔާ ދުއްވައިގަތީ ސޯރާއަށް ގޮވަމުންނެވެ. އެކުދިންނަށް އާރްޔާގެ ގައިން ތަފާތު ވަހެއް ދުވާވާހަކަ ބުނުމުން ބިރުގަތީއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އިންސާނުންނެއް ނޫނެވެ. އެކުދިން ވިސްނާގޮތް އަދި ދެކޭގޮތް ތަފާތުވާނެއެވެ. ކިތަންމެ ކުޑަޔަސް އެކުދިންގެ ގައިގާ ލައްވާފައިވާ ބާރު އިންސާނުންނަށްވުރެ އެތައް ގުނަ ގަދަވާނެކަން އާރްޔާގެ ތޫނު ވިސްނުމުން ދެނެގަތެވެ. އެއައި ބާރުމިނުގައިގޮސް ސެފްރަންއާއި މުޑިއެރިގޮތަށް އޭނަ ވިއްސައިގެން ނުދިޔައީ އެއަތުގެ ހިމާޔަތް ލިބުނުގޮތުންނެވެ.

(ނުނިމޭ...)

ކޮމެންޓް 0