ސެފްރަންއާއި އެކުވެރިންނަށް އެހިސާބަށް އާދެވުނުއިރު އަޒްކީލްގެ ހަޔާތުގެ ބައްތި އަބަދަށްޓަކާ ނިވިގެން ދަނީއެވެ. ގަދަ ފެހިކުލައިގެ ލޮލުގެ ނޫރު ކެނޑެމުން ދަނީއެވެ. ހަށިގަނޑުގައި ހުރި ޒަޚަމްއިން ކަޅު ކުލައިގެ ލެޔެއް އަންނަމުންދާއިރު ވަށައިގެންވާ ދާއިރާ ކަޅުކުލައަށް ބަދަލުވަމުން ދިޔައެވެ.
"ކާކު...ކިހިނެއް....." ސެފްރަންއަށް ވާހަކަވެސް ނުދެއްކުނެވެ. ލޮލުން ކަރުނަ އޮހެމުންދާ ހާލުގައި އަޒްކީލްގެ ބޯ ނަގާ އުނގުގައި ބޭއްވިއިރު އާދުއާއި ކާއިންއަށްވެސް ރޮވެންފެށިއެެވެ.
"ސެފް. ރަސްކަމަށް އެހެން ފަރާތެއް އިސްވިޔަ ނުދީ ސެފް ހަވާލުވޭ. މަކަރުވެރި ރޭވުމަކުން ރަސްކަން ފޭރިގަންނަން އެ އުޅެނީ........................" އަޒްކީލްއަށް އަޅަމުން ދިޔަ ގަަދަ ވޭނުގައިވެސް ކެތްކުރަމުން އޭނަ ވާހަކަދެއްކީ ސާބިތުކަމާ އެކުގައެވެ. "ވައުދުވޭ ސެފް އަހަންނަށްޓަކާ...."
ސެފްރަން އަޒްކީލްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
"އަހަންނަށް އޭނަ ފެނުނު. އެއީ......" އަޒްކީލް ނަން ބުނަން އުޅެނިކޮށް ޚަބަރު ހުސްވިއެވެ.
ޖަޒުބާތުގައި ޖެހުނު ސިކުންތުކޮޅަކަށްފަހު ސެފްރަންއަށް ވިސްނުނީ އަޒްކީލްއަށްޓަކާ މިވަގުތު ހިތްވަރުކުރުން ބުއްދިވެރިކަމެވެ. ފުރާނަ ހުރެއްޖެއްޔާ ނާ އުއްމީދުވާކަށް ނުވާނެއެވެ. ކަރުނަ އޮއްސުމަށްވުުރެ ފަރުވާހޯދަން އަވަސްވެގަންނާން ޖެހޭނެއެވެ. ސެފްރަން އާދު އަދި ކާއިން އަޒްކީލް އުފުލާލައިގެން ގޮސް އަހަށް ސަވާރުވިގޮތަށް ވައި ކަފާލާފައި ގޮސް އިސާހިތަކު ލޯތަކަށް ގެއްލިއްޖެއެވެ.
"އަވަހަަށް މަޝްހޫރު ބޭސްވެރިޔަކު ގެނޭ......." ސެފްރަން އާދުއަށް އެންގިއެވެ. އަދި ކާއިން ގާތު އެދުނީ އޭނަ ބުނާ ފަތްޕިލާވެއްޔާ ބޭސްހަދާ ސާމާނު ގެނެސްދިނުމަށެވެ. މިނިޓެއްހާއިރު ނުވަނީސް ކާއިން އެބުނި ހުރިހާ ސާމާނެއް ގެނައުމުން ސެފްރަން އަވަސްވެގަތީ އަޒްކީލްއަށް ފަރުވާދިނުމަށެވެ. ނަމަވެސް އަޒްކީލްގެ ލޮލުގެ ނޫރު ކެނޑިފައިވާފަދައެވެ. އެގަދަ ފެހިދެލޮލުގައި ހުންނަ ވިދުވަރެއްނެތެވެ. އޭނަގެ ބޭހަކުން އެހާ އަސަރެއް ނުކުރިއެވެ.
ސެފްރަން ބޭރަށް ނުކުމެ ވަށައިގެން ހޯދައިލިއެވެ. ކުއްލިއަކަށް ސިކުނޑީގެ ކަނެއްގައި ކޮށްޓައިލީ ޔަޒްދަންޔާރުގެ ހަނދާންތަކެވެ. ކިތަންމެ ނިކަމެތިކޮށް ހާލުގައި އުޅުނަސް އެވަރަށް ކުރިއަރާފައިވާ ބޭސްވެރިއެއް އޭނަ ނުދެކެއެވެ. އޭނަ ގެންގުޅޭ ބޭހުގެ ފެންވަރު އެހާ ރަގަޅެވެ. ޔަޒްދަންޔާރުއަށް އާދެވިއްޖެއްޔާ އޭނަ މެދުވެރިކޮށް ޝިފާ ލިބިދާނެއެވެ. މުޅި ސަރަހައްދުގައިވާ ހޮހަޅަތައް ހޯދަން އޭނަ އަޒުމް ކަނޑައެޅިއެވެ. ޔަޒްދަންޔާރު ހޯދުމުގެ ނިޔަތުގައި ހޮހަޅުތަކާއި ވަށައިގެންވި ވިލެޖްތައްވެސް ބެލުނެވެ. އެންމެ ފަހުން ނާއުއްމީދާއި މާޔޫސްކަން ސާލެއްފަދައިން ހަށިގަނޑު ވަށާ ބާރުކޮށްލިއެވެ. ހިތްކުދިކުދިވާފަދަ ހާލުގައި އޭނަ ބިންމައްޗަށް ދެމުނީއެވެ.
"ނޫން ސެފް. ނޫން. ޑޯންޓް ގިވް އަޕް. ހުރިހާކަމަކަށްވުރެ މާތް ﷲ ކުޅަދުންވަންތަ. މާޔޫސްނުވެ ދުޢާކުރޭ..................."ސެފްރަންގެ ހިތްވަރު އެލި ގޮތްހުސްވި ވަގުތު އޭނަ ހެއްދެވިފަރާތް މަތިން ހަދާންވިއެވެ. ސެފްރަން ދެއަތް އުފުލާ އުޑާއި ދިމާލަށް ބަލައިލިއިރު ލޮލުން އުއްމީދުގެ ވިދުވަރު ކަނި ޖަހައިލިއެވެ.
***
ގަސްތަކުގެ ތެރެއިން ނުކުމެގެން އައި ޔަޒްދަންޔާރުއަށް ސެފްރަން ފެނުމާއެކު ސަލާމްގޮވިއެވެ. އޭނަ އައިގޮތަށް ސެފްރަންގެ އަތުގައި ބޮސްދިނެވެ. ސެފްރަން ހައިރާންކަމާއިކު ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށް ބަލަން ހުރީއެވެ. މާތްﷲ ގެ އޯގާތެރިވަންތަކަމާއެވެ. ކަރާމަތެއް ފަދައިން ޔަޒްދަންޔާރު އެ ދައްކައިލީއެވެ. ތޫފާނެއްގެ ތެރެއިން އިރު ފެނުނު ފަދައިންނެވެ. ކަރުނައިގެ ތެރެއިން ސެފްރަންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ލަސްލަހުންނެވެ. ހިތާހިތުން ހެއްދެވި ފަރާތަަށް ޝުކުރުވެރި ވެވުނެވެ.
ޔަޒްދަންޔާރު އަދިވެސް ހުރީ އިސްތަށިގަނޑާއި ތުބުޅި ދިގުކޮށްލައިގެން ބާވެ ކިލައިން ތަތްތެޅިފައިވާ ލިބާސްގަނޑެއް ލައިގެންނެވެ. ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން ހުރިތަން ފެނި ސެފްރަންގެ މޫޑުވެސް ރަގަޅުވިއެވެ. ސިކުންތުކޮޅަކަށް އަޒްކީލްގެ މަތިން ހަދާން ނެތުނެވެ.
"އަލްހަމްދުލިﷲ......ވަރަށް އުފާވެއްޖެ ދިމާވީމަ. ޝެހެޒާދާ ހާލުކޮޅު ކިހިނެއްތޯ؟ "
"ޔަޒްދަން. ރަގަޅު ގަޑިއެއްގައި މި ދިމާވީ. މިއުޅެނީ އަޒްކީލް ވަރަށް ބޮޑަށް ޒަޚަމްވެގެން....." ސެފްރަން ޔަޒްދަަންޔާރު ގޮވައިގެން ހޮހަޅައަށް ވަނެވެ. މިހާ ދުވަސްވަންދެން ގެއްލިފައި އައި ސަބަބެއް އެހޭނީވެސް ވަގުތެއް ވެގެން ނޫން ހެއްޔެވެ؟ ސެފްރަން ހާދަ ވަރަކަށް އެކުވެރިޔާ ހޯދަން މަސައްކަތްކުރިއެވެ. އޭނައަކީ މީހުންގެ އިހުސާންތެރިކަން އެހާ ފަސޭހައިން ހަދާން ނައްތައިލާ މީހެއް ނޫނެވެ. އެކަމުގެ ބަދަލު ދޭނެ ފުރުސަތެއް ނުލިބި ހުއްޓާ ވަކިވެގެން ދިޔައީއެވެ.
***
ސެފްރަން އާދު އަދި ކާއިން ބެންތިކް އައިލެންޑް ތެރޭ ދަތުރުކޮށްފައި ދިޔައިރު ސެފްރަން ލާފައި ހުރި ރަތްކުލައިގެ ކޯޓާއި ހުދުކުލައިގެ އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ. ރުޅިއައިސްފައިވާއިރު ލޮލުގެ ކްރިމްސަން ކުލަ ކުރިއަށްވުރެ ގަދައެވެ. ތުންފިތާލައިގެން ލޯ ހަނިކޮށްގެން ހުރިއިރު އޭނަގެ ސީރިޔަސްކަމުން އާދުމެންނަށްވެސް އަނގައިން ބުނާކަށް ނުކެރުނެވެ.
އަޒްކީލްގެ ގަނޑުވަރު ހުންނަ ފަރުބަދައާއި ކައިރީގައި ވާ ހަނި މަގަށް އަސް މަޑުުކޮށްލަމުން ސެފްރަން ފޭބިއެވެ.
"އަޒްކީލްއަށް ދިން ހަމަލާގެ ބަދަލު ހިފާފައި ނޫނީ އަހަންނަށް ހަމަޖެހުމުގެ ނޭވާއެއްވެސް ނުލެވޭނެ..."
"އަހަރެމެންގެ ކުޅަދާނަ ލީޑަރު. ތިއީ އަހަރެމެންގެ ހުރިހާ އުންމީދަކީ........." ކާއިން ސެފްރަންގެ ކުރިމަތީގައި ހުއްޓިލައިގެން ހުރެ ކަމަރުގައިވާ ޚަންޖަރުނެގިއެވެ.
"އެންމެ ފުރަތަމަ މިކަން ކުރި ބަޔަކު ހޯދަން އެބަޖެހޭ. އޭގެ ފަހުން ރިވެންޖް ނެގުން އޮންނާނީ. އެ ފިނޑި ޖަނަވާރުތައް އަލިފާނަށް ލާ އަންދާލާނަން. ފުރާނަތައްވެސް ރޫރޫ އަޅާވަރަށް އަދަބުދޭނަން. އަޒްކީލްއަށް އިންސާފު ހޯދުމަށްވުރެ އިސްކަންދޭ އެއްވެސް ކަމެއް ނެތް......" ސެފްރަންގެ އަޑު ކިތަންމެ މަޑަސް ހަރުކަށިކަންވިއެވެ.
ދުންފިނީގެ ތެރެއިން އެތައް މޭލެއްގެ ދުރުން ސެފްރަންއަށް އެދިމާލަށް އައި އަސްވާރުންތައް ފެނުނެވެ. އެންމެންވެސް ކަޅުކުލައިގެ އެއްޗެހިން ފޮރުވިގެންނެވެ. ގިނައިރުތަކެއްނުވެ އެ އަސްތައް އެމީހުން ތިބި ހިސާބާއި އަރާހަމަވިއެވެ. ފަހަތުގައި ހުރި ކުއްޖާ އަސްމަތިން ފައިބައިގެން ދުވަމުން އައިގޮތަށް ސެފްރަންގެ ކުރިމަތީގައި ހުއްޓުނެވެ. މޫނުގައިވާ ފޮތިކޮޅު ކުޑަކޮށް ހިއްލައިލުމާއެކު އަޅި ދެލޮލުގެ ރީތިކަން ފެނުމާއެކު އެއީ ކާކުކަން އެނގިއްޖެއެވެ. އާރްޔާވެސް އިރުކޮޅެއްވާންދެން ސެފްރަންއަށް ބަލަން ހުރިއިރު އައި ބޭނުން ހަދާން ނެތިއްޖެއެވެ. ލިބިފައިވާ ނާދިރު ސިފަތައް އެހެން ފަރާތަކާ އަޅާނުކިޔޭނެއެވެ. ވަރުގަދަކަމުން އާރްޔާ ޖެހިލުންވެ ހިންދިރުވައިލަން ޖެހުނެވެ.
ދެމީހުންނަށް ބަހެއް ބުނެވުމަކާއި ނުލައި އެކަކު އަނެކެއްގެ ލޮލަށް ފީނައިގެން ތިބެވުނު ސިކުންތުކޮޅު ގަރުނެއް ވަރުވިއެވެ.
"އާހް..އެއްކަލަ ނާޒުކް ބުދެއްފަަދަ އަންހެންކުއްޖާ. ސެފް ހަމަޖެހޭ.........." ސެފްރަންއަށް ހިތާހިތުން ބުނެވުނެވެ.
"ނީޑް ޓު ޓޯކް. އިޓްސް އާޖެންޓް...." އާރްޔާ ބުނެލިއެވެ.
ސެފްރަން އިޝާރާތްކޮށްލުމާއެކު އޭނަގެ އެކުވެރިން ލޯ މަތިން ގެއްލުނެވެ. އަރްޔާއާއެކު އައި ޖިންނި އަންހެންކުދިންތައްވެސް ގަސްތަކުގެ ތެރެއަށް ވަނީ އެދެމީހުންނަށް ފުރުސަތު ދެމުންނެވެ.
އާރްޔާ ވަގުތު ބޭކާރުނުކޮށް އޭނައަށް ގަންދީޝާއާއި ޒުއްނޫރީންގެ ފަރާތުން އަޑުއިވުނުކަންތައް ކިޔައިދިނެވެ. ދާރިން މަރުވީ އަޒްކީލްއަށް ދޭން ތައްޔާރުކުރި ކާނާ އޮޅިގެން ދާރިންއަށް ކެވިގެންނެވެ. އަމިއްލަ ފުރާނައަށް ބިރެއްނެތި އޭނަ މިއައީ ރަސްގެފާނާއި ބޮޑުވަޒީރުގެ ސަލާމަތްކޮށްދޭން ކަމުގައި ބުނެލިއެވެ. އަޒްކީލްއަށްފަހު ސެފްރަންއަށް ޒަހަރުދީ މަރައިލަން އެބަ ރާވައެވެ.
"ޕްލީޒް ބީ ކެއަފުލް. ނޫނީ މިހާވަރުން ކުރި މަސައްކަތް ބޭކާރުވީ..އެނބުރި ދިޔުމަށްފަހު މަރާލިޔަސް ވެރިންގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރިކަން އޮންނާނެ................." އާރްޔާ އެންމެ ދެރަވީ ސެފްރަންގެ ފަރާތުން އެކުވެރިކަން ކީއްކުރަން ހަމްދަރުދީގެ ކުލައެއްވެސް ނުފެނުމުންނެވެ. އޭނަ ފެނުމުން ސެފްރަން އުފާވާނެކަމަށް ހީކުރިއެވެ. ހާލު އޮޅުން ފިލުވާނެކަމަށް ހީކުރެވުނެވެ. ތިމާއަށް ކުރެވުނު ކަންތަކާއިމެދު ދެރަވެ މާފަށް އެދޭނެކަމަށް ހީކުރިއެވެ. ނަމަވެސް އިހުސާސެއްނެތް ހިލައިގެ ސްތެޗޫއެއްފަދައެވެ. އެ ލޮލުގައި އެއްވެސް އިހުސާސެއް ނެތެވެ. ފިނިކަމުގެ އިންތިހާ ފިނި ފިނި ދެލޮލެވެ. ޖިންނިންގެ ހިތްތައް މަޑުވާނެކަމަށް އުއްމީދު ކުރެވުނީ މޮޔަކަމުންނެވެ. އާރްޔާގެ ލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ. އޭނަ އަނެއް ފަރާތަށް އެނބުރުނެވެ.
"ގުޑްބައި ސެފްރަން.."
"ސޯރާ. ޕަރީ ރިފްކާ.... ވެއާ އާ ޔޫ ގައިސް....ހިނގާ ދާން..."
"ޔޫ އާ ސްޓޭއިން ވިތް މީ އާރްޔާ...." ސެފްރަންގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ.
***
އާރްޔާ ފާޑަކަށް ރަކިވެފައި ހަދާނެގޮތް ހުސްވެފައި ބަލަން ހުއްޓާ ސެފްރަންއާއި އާދު އަދި ކާއިން ތަންކޮޅެއް ދުރަށް ގޮސް ދުންފިނީގެ ތެރެއަށް ގެއްލުނެވެ. ދުރުން މާ ދުރުން ބެރުގެ އަޑު އިވުނެވެ. ކޮންމެވެސް ކަމެއްވެއްޖެއެވެ. ބޮޑުކަންތައް ގަނޑެއް ހިނގައިފިއެވެ. ދެވަނަ ސިކުންތުކޮޅު ތެރޭ ޖިންނި ލަޝްކަރުތައް މުޅި މަގުތައް ކުޅަދުރު ހަތާއަކުން ކުޅަދުރު ނުކުންނަހެން ނުކުމެ މަގުތައް ފުރާލިތަން ފެނުނެެވެ. ހަލަބޮލިވާންވީ ސަބަބެއް ނޭގި ބިރުންގޮސް ހިލަގަނޑެއްގެ ފުރަގަހަށް ވަދެ ބަލަން ހުރެވުނެވެ. ސޯރާ ރިފްކާ އަދި ޕަރީ އޭނައާއެކު ތިބުމުން ކޮންމެވެސް ވަރަކަށް ރައްކާތެރިކަން އިހުސާސްކުރެވުނެވެ.
***
ގަންދީޝާއާއި ޒޭބް ގަނޑުވަރުގެ ފެންޑާއަށް ނުކުތްތަނާ ސެފްރަން ކުރިމަތިން ފައުޅުވިއެވެ. ނަފްރަތު ކުރެވޭ ސޫރައެއް ފެނުމުން ޒޭބްގެ ދެލޮލުން ރުޅިވެރިކަމުގެ އަލިފާން ފާއްދާލައިފިއެވެ. ދެލޯ ހިމަކޮށްލައިގެން ބަލަން ހުރީ ނަފްރަތާއެކުގައެވެ.
"ކަލޭ........."
"ސެފެރު ދަރިފުޅާ ކިހިނެއްވެގެން މިއުޅެނީ؟ " ގަންދީޝާ ކަންބޮޑުވާއެކު ސުވާލުކޮށްލިއެވެ.
"އަޒްކީލް.....ނިޔާވެއްޖެ..." ސެފްރަން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.
"ކީކޭ ކީކޭ...." ގަންދީޝާ ސެފްރަންގެ ދެކޮނޑުގައި ހިފިގޮތަށް ތަޅުވައިގަތެވެ. ޒޭބް ފީކުކުޅެއްހެން ސެފްރަންގެ ގަޔަަށް އަރައިގަތްގޮތަށް ހަމަލާދޭންފެށިއެވެ. ގަންދީޝާ އަޑުކޮޅަށް ރޮމުން ބިންމައްޗަށް ތިރިވެ މޭގައި އަތުން ތަޅަންފެށިއިރު ދެކޭ މީހަކު ސަހަރޯވެރިވާނެއެވެ.
"މަގޭ ދަރި މަގޭ ދަރި. އިހަށް ދުވަހު ދާރިން މަރުވީ. މިހާރު އަޒްކީލް. އަހަރެންގެ ދަރިންނަށް ކާކުގެ އެސްފީނާޖެހުނީ. ކާކުގެ ނުބައި ދުއާއެއް........."
"ކަލޭ އަޒްކީލް މަރައިލީ. ރަސްކަމުގެ ބޭނުމުގައި އެވަރުގެ ޖަރީމާއެއް ހިންގީ. އެހެން މީހެއް އެކަމެއް ނުކުރާނެ. ކަލެއަށް ރަސްކަން ނުލިބުނީމަ ހަސަދައާއި ރުޅިން ހިތް ފުރި އެކަމުގެ ދަހިވެތިކަމުގައި އެންމެ ގާތް އެކުވެރިޔާގެ ފުރާނަ ދުއްވައިލީ. ކަލެއަށް ލައުނަތް ހުރި..........." ޒޭބް ދަތްތަކަށް ބާރުލައިގެން ހުރިވަރުން ދަތްތައް ފުނޑުވެގެން ފައިބަފާނެފަދައެވެ.
"އަހަރެން ކަލޭ މަރައިލާނަން....."ޒޭބް ޚަންޖަރު ހިފައިގެން އަންނަން ފަށާއިރަށް އާދުއާއި ކާއިން ސެފްރަންގެ ދެފަރާތުގައި ހުއްޓުނުގޮތުން ޒޭބްވެސް ޖެހިލުންވެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.
(ނުނިމޭ...)