އަޒްކީލް ހޭއެރުމުން އެންމެ އުފާކުރީ ސެފްރަންއެވެ. އޭނަ ޒޭބް ގާތު އެވާހަކަ ބުނަން ދިޔުމުން އެވާހަކަ އަޑުއެހުމެއްނެތި އެގެއިން ދާން އެންގުމުން އަޔަސް ޒޭބް އަޒްކީލްދެކެން އަންނާނެކަން އެނގުނެވެ. ހޭއެރިޔަސް އޭނަގެ ޒަޚަމްތައް އަދިވެސް ރަގަޅެއް ނޫނެވެ. ސެފްރަން ހޮހަޅައިން ނުކުމެގެން އާރްޔާ ދިރިއުޅޭ ގެއާއި ދިމާލަށް ހިނގައިގަތްތަނާ ކޮންމެވެސް މީހަކު ގޮވައިލިހެން ހީވިއެވެ.

"ސުލްތާން ސެފްރަން....." މިފަހަރު އެ އަޑު އިވުނީ މަތިންނެވެ. ދެވަނަ ސިކުންތުކޮޅުގައި ޖިލްވާ ހުރީ އޭނަގެ ކުރިމަތީގައެވެ.

"އަޅުގަނޑު މިއައީ ވަރަށް ބޮޑުކަމަކު. އެހީތެރިވެދެއްވާ.." ޖިލްވާ ސެފްރަންގެ ފައިތިލަ މައްޗަށް ވެއްޓިގަތެވެ.

"ބުނޭ..." ސެފްރަން ފަހަތަށް ޖެހިލިއެވެ.

"އަޅުގަނޑުގެ ސާހިބާ ޝެހެޒާދީގެ ފުރާނަވަނީ ނުރައްކަލަށް ވެއްޓިފައި. ޝެހެޒާދީއަށް ތި ބޭފުޅާއާއި ނުލާ ދިރިހުންނެވުމަކީ އެކަށީގެންވާ ކަމެއްނޫން. އަޅުގަނޑުމެން ބައްދަލުކުރަން އެ ގަނޑުވަރަށް ދިޔައީމަ ގާޑުން ހުއްދައެއްނުދިން. އެފަހުން ޝެހެޒާދީ ކެއުމެއް ބުއިމެއްނެތި ކަރުނަ އޮއްސުން ނޫންކަމެއް ނުކުރޭ. އަޅުގަނޑުމެން ވަރަށް ވިސްނައިދީފިން. އެކަމަކު. ޝެހެޒާދީގެ ފުރާނައަށް ގެއްލުންވެދާނެ. އެންމެ ކުޑަވެގެން ސުލްތާން ފެނިލިޔަސް ޝެހެޒާދީގެ ހިތަށް ފިނިކަމެއް ލިބިދާނެ...." ޖިލްވާގެ ދެލޮލުންވެސް ކަރުނަ އޮހިގެންފިއެވެ.

"ޝެހެޒާދީ ގާތު ބުނޭ ރުއިން ހުއްޓާލާށޭ. އޭރުން އަހަންނާއި ބައްދަލުކުރުމުގެ ފުރުސަތު ދޭނަން..މާދަން ރޭ މިގަޑީގައި އޭނަ ގޮވައިގެން އާދޭ" ސެފްރަންގެ ޖުމްލައިން ޖިލްވާ އުފާވިކަން އެނގުނެވެ.

"ޝުކުރިއްޔާ މާތް ސާހިބާ.." ޖިލްވާ ގުދުވެ ބޯ ތިރިކޮށްލައިގެން ހުރެފައި އިސް އުފުލައިލީ ސެފްރަން އެތަނުން ދިޔަކަން ޔަގީންވީމައެވެ.


***

ސެފްރަން އަނދިރިކަމުން ފުރިފައިވާ ބޯ ގަސްތަކުގެ ތެރޭ ހުރިއިރު އެހިސާބު އޮތީ އެއްކޮށް ދިއްލިފައެވެ. ގަހުގެ ބުޑުގައި އިށީދެލިގޮތަށް އޭނަ ކަކުލުގައި ބޯ އަޅާލައިގެން އިންއިރު އެހިތާމައިގާ ބައިވެރިވެ މުޅި ފަޒާއަށްވެސް ހިމޭންކަމެއް ވެރިވެފައިވިއެވެ. އޭނަ ފަދަ ބަދުނަސީބުވެރިއަކު މިއޮތް ބޮޑު ކާއިނާތުގައި ވާނެކަމެއް ނޭގެއެވެ.

ކަށްވަޅުފަަދަ ހިމޭންކަމުގެ ތެރެއިން ބިންމައްޗަށް ވެރިފައިވާ ޚަރީފުގެ ފަތްތަކުގެ މަތިން އާދު އައިއިރު އެއްވެސް ވަރަކަށް ފިޔަވަޅުގެ އަޑެއް ނީވެއެވެ.

"ސުލްތާން....." އާދު ގޮވައިލިއެވެ.

ސެފްރަން ޖަވާބެއް ނުދިނެވެ.

"ހިތާމަ ނުކުރޭ. ޝޭޚު ކަހީޖު ދެއްކި ވާހަކަތައް ގަބޫލުކުރަން. ނަމަވެސް ޝޭޚަށް ނޭގޭކަމެއް ބުނެފާނަން.. ޔޫ އާ ހަފް ހިއުމަން. ވީއިރު ތި ކައިވެނި ހުއްދަވާނެ. އަހަރެން އިންސާނުންގެ ތެރެއަށް ގޮސްފައި ޝޭޚުންނާއި ބައްދަލުކޮށްފިން. ހުރިހާ ޝޭޚުންވެސް ދެކުނީ ހަމަ އެގޮތަށް. ބައްޕަ އިންސާނަކަށް ވެއްޖެއްޔާ ހުއްދަވާނެކަމަށް....."

ސެފްރަން ހައިރާންކަމާއެކު އާދުގެ މޫނަށް ބަލައިލިއިރު އޭނަ ހުރީ ސިއްރުން ފުރިފައިވާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެންނެވެ. އޭނައަށް ބައްޕައަކީ ކާކުކަން ނޭގިފައި ހުއްޓާ އާދުއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ޒޭބް ބުނެފައިވާގޮތުން އޭނަގެ ބައްޕައަކީ ޝައިތާނެކެވެ.

"އިހަށް އެވާހަކަ ނާހާ. މާތްﷲ ގަންދީ ހުވާކޮށްފައި ބުނާ ތެދެއްމީ. އެންމެ ގާތް އެކުވެރިޔާ އޮޅުވައިލާނެތަ؟ ދޮގެއް ހަދައިފާނެތަ؟ އެކަމަކު މިވާހަކަ އެނގެންވާ ގޮތަށް ނޭގެނީސް އިތުރު ވާހަކައެއް ހާމަކޮށްފިއްޔާ އަހަރެން ކުށްވެރިވެދާނެ......" އާދު އުޒުރުވެރިވިއެވެ.

ސެފްރަންގެ މޫނުމަތިން އިތުރު ޝުއޫރުތަކެއް ނުފެނުނަސް ދެލޯ މަރައިލަމުން މާތްﷲއަށް ހަމްދުކުރެވުނެވެ. އޭނަގެ ބަލަދުވެރިއަކީ ހެއްދެވިފަރާތެވެ. ޟުހާ ސޫރަތުގެ އާޔަތް ކިޔަވާ ކޮންމެ ފަހަރަކު އޭނަގެ ލޯ ތެމެއެވެ. އެހާވެސް ހިތާއި ކުޅެލާ އާޔަތްތަކެވެ. މާތްﷲގެ ރުހިވޮޑިގަތުން ލިބިއްޖެއްޔާ މައިންބަފައިންނާއި އާއިލާއެއް ނެތަސް އޭނައަށް ފުދެއެވެ. އޭނަ ވަކީލުކުރަނީ ހަމްދުކުރަނީ ހަަމައެކަނި ހެއްދެވި ފަރާތަށެވެ. ދެއްވި ނިއުމަތްތައް ގުނަންޏާ ނުވެސް ގުނޭނެއެވެ. މަޚުލޫގުން އެކަނި ނަގާނީ ދިމާވާ ހިތާމައާއި ޖައްސަވާ މުސީބާތްތަކެވެ.

"ތެންކިއު އާދު...." ސެފްރަން ތެދުވެ އާދުގެ ގައިގާ އޮޅުލައިގަންނަމުން ބުރަކަށީގައި އަތުން ތަޅައިލިއެވެ. "ބައްޕަ އަކީ ކާކުކަން އެނގުން މުހިއްމެއްވެސް ނޫން. އެކަަމަކު މިހުރިހާ ދުވަސްވާންދެން އިންސާނީ އާދަތައް ގައިން ނުފިލީ އެހެންވެ. އެހެން ޖިންނިންހެން ބާރުތައް ނުލިބުނީއެހެންވެ. ދެން މިހާރު ހިތަށް އަރަނީ މަޑުމަޑުންގޮސް މިހުރިހާ ބާރުތައް ލިބުނީ ކިހިނެއްބާވައޭ....."

"އަހަރެމެންގެ ސުލްތާން ބޮޑުވީ....." އާދު ހެމުން ބުނެލިއެވެ.

"ހަގީގަތުގައި ވެރިކަމަކީ އަހަރެން އެހާ ބޭނުންވި އެއްޗެއް ނޫން. ރަސްކަމަށް އެރީ އެންމެ ބޭނުމެއް އޮތީމަ. މާތްﷲއަށްޓަކާ މި ބިމުގައި ޝަރީއަށް ގާއިމުކުރަން. އަލިފާނަށް އަޅުކަން ކުރުން ފަދަ މުންކަރާތްތަކުން އަންނަން އޮތް ޖީލު ސަލާމަތްކުރަން. އެހެންވެ އިފުރީތުންނަށް ވަކި ރަށްތަކެއް ދިނީ. އެކަމަކު އަދިވެސް އަހަރެމެންނަށް އެކި ގޮތްގޮތުން އުދަގޫ އެބަކުރޭ. މިކަންތައް ހަމަަޔަކަށް އަޅުވާފައި ވެރިކަން އަމާނަތް ތެރިކަމާއެކު ހައްގު ފަރާތްތަކަށް ދޭނަން...." ސެފްރަން ބުނެލިއެވެ.

***

ގަންދީޝާއާއި ޒުއްނޫރީންގެ ދުޝްމިންކަން ނިމުމަކަށް އައުމަށްފަހު ގުޅުން ބަދަހިވަމުންގޮސް މިހާރަކަށް އައިސް އަބަދުހެން އުޅެނީ އެކީގައެވެ. ބެންތިން އައިލެންޑްގައި ހުންނަ މިރިއަމްގެ ގަނޑުވަރަށް ދެ ޖިންނިން ޒިޔާރަތްކޮށް މިރިއަމްގެ ހިތާމަ ފިލުވައިދޭން މަސައްކަތް ކުރެއެވެ. ސެފްރަން މަތިން ހަދާން ނައްތާލާފައި އޭނަގެ ފަރާތުން ބަދަލުހިފަން ވިސްނައިދިނެވެ. ނަމަވެސް މިރިއަމްގެ ހިތުގައި ސެފްރަންއަށްޓަކާވާ ލޯތްބާއެކު ބަދުނާމުވުމުގެ ބިރު އޭނަ ގަނޑުވަރުގައި ތަޅުލެވިގެން އިންނަން މަޖުބޫރުކޮށްފިއެވެ. އާރްޔާއަށް ގޯނާއެއް ކޮށްލެވޭކަށް ވެސް ނެތެވެ. ސެފްރަންގެ އިންޒާރު ކޮންމެ ފަހަރަކު އޭނަ ބަލިކަށިކޮށްލައެވެ. ކެންޝިންގެ އުމުރުން ހަނގު ނަމަވެސް އޭނައަށް މަންމަގެ ހިތާމައިގެ އަސްލަކީ ބައްޕަގެ ވަކިވުން ކަން އެނގެއެވެ.

ޒުއްނޫރީންގެ މަކަރުވެރިކަމުން ނަކްބާގެ ބޮލަށް ވަދެގެން އެންގީ އެންމެ އަނގަ ގަދަ ޖާރިޔާ ގާތު ކެންޝިންގެ ބައްޕައަކީ ކާރމަން ކަމަށް ބުނުމަށެވެ. މިރިއަމް ބަދުނާމުވިޔަސް ދުވަސްކޮޅަކުން އެންމެން އެކަން ހަދާން ނެތިދާނެއެވެ. ކާރމަން ރަސްކަމަށް އެރުމުން އެންމެން އަނގަ ބަންދުވެދާނެއެވެ. ކާރމަންއާއި މިރިއަމްގެ ދަރިފުޅު ކެންޝިންގެ ނަސްލު އޮޅުވުމުގެ ބޭނުމެއްނެތެވެ. އެކުއްޖާގެ ސެފްރަންގެ އެއްވެސް ސިފައެއް ނެތެވެ.

"މިރިއަމް ދަރިފުޅާ. ސެފްރަންގެ ނުބައިކަން ބަލާލަ. އެންޖެލާއަށްވެސް ގަދަރެއް ނުކުރި. އެއާއިލާއިން އެންޖެލާ މަަރައިލީމަވެސް އެ އިންސިކުއްޖާ އަންބަކަށް ހަދައިފި. އަދި މިރިއަމް ގެ ދިރިއުޅުން ބަރުބާދުކޮށްފައި ގޮސް އެކުއްޖާއާއެކު ދިރިއުޅެން ފެށީ. ރަސްކަންވެސް ފޭރިގަތީ. މިއަށްވުރެ ބޮޑު އޮޅުވާލުމެއް މަކަރެއް އޮންނާނެތަ؟ މިއަށްވުރެ ބޮޑަށް ބޭވަފާތެރިވެވޭނެތަ؟ އޭނަގެ ރަސްކަން ވީދާލާފައި ހަމަ ދަރިފުޅުގެ ބައްޕަގެ ވެރިކަން ހޯދާ...." ގަންދީޝާ އެކިގޮތްގޮތުން މިރިއަމްގެ ސިކުނޑި ދޮވެލަން ކުރި މަސައްކަތް ކާމިޔާބުވާން ފެށިއެވެ.

މިރިއަމް މޫނު ހަދާލާފައި ކުޝަންމަތިން ތެދުވެ ދަތްތައް ވިކައިގަތެވެ.

"މަންމަ ތިބުނީ ދޮގެއް ނޫން. އެމީހަކު ނުބެހެއްޓި ލޯތްބެއް އަޅައިލުމެއް އަޅުގަނޑުވެސް ދޭނެކަމެއް ނެތް. ސެފްރަންއަށް އަދަބު ލިބޭނެ. ސެފްރަންއަށް ބެންތިން ޖިންނިންގެ ރަސްކަމުގެ ކުޑަ މިންވަރެއްވެސް ހައްގެއް ނޫން...." މިރިއަމް ލޮލުގައި ވާ ކަރުނަތައް ފޮހެލައިފިއެވެ. ހިތާމަތައް ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އޭނަ ސުންޕާ ކުއްޖަކަށްވެ އެއްލައިލުމުން މަންމަމެން ބަލާ ބޮޑުކުރީމަ އެކަމުގެ ބަދަލުދޭން އެނގުނު ގޮތް ބަލައިލަ. އުމުރު ދުވަހު ޚިދުމަތް ކޮށްދިނަސް އެ އިހުސާންތެރިކަމުގެ ބަދަލު ދެވޭނީއެއް ނޫން........" ގަންދީޝާ އިތުރުކޮށްލިއެވެ. ޒުއްނޫރީން ނުލަފާ ހިންޏެއް އައެވެ. ހަގީގަތުގައި މި ދެމައިންނާއި ދޭތެރޭވެސް އޭނަގެ ހިތް އަދިވެސް މުޅިން ސާފެއް ނޫނެވެ. ޖަލްޖާލޫތުއަށްވެސް ތަޚުތު ހައްގެއް ނޫނެވެ. ވެރިކަމަކީ އޭނަގެ ދަރިފުޅުގެ އެއްޗެކެވެ.


***
"ޝެހެޒާދީ މިރިއަމް...ޝެހެޒާދީ މިރިއަމް.." ނަކްބާ ދުވަމުން އައިސް ކޮޓަރިއަށް ވަންއިރު އޭނަގެ ދެލޯ ހުރީ މުދުނަށް އަރާފައެވެ.

"ހަމަޖެހިބަލަ ކިހިނެއްވީ؟ " މިރިއަމް ރުޅިއަންނަ ގޮތްވިއެވެ. ނަކްބާ އާދައިގެ ކަމެއްވެސް ނިކަން ބޮޑުކޮށްލައިގެން ކިޔާފާނެއެވެ. އޭނައަށް ބާލު ޚާނާއިން ބޭރު ފެނެއެވެ. ކެންޝިން އުސް ގަސްތަކުގެ ގޮފިތައް މަތިން ފުމެ އެލިފައި އުޅެއެވެ. ދަރިފުޅު ސަލާމަތުން ހުރިތަން ފެނުމުން ހިތް ހަމަޖެހޭގޮތްވިއެވެ.

"މުޅި ގަނޑުވަރުގައި އެހެން ވާހަކައެއް ނެތް....." ނަކްބާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އިސްތަށިތަކަށް ދަމާ އުފުރަންފެށިއެވެ. މޮޔަވީފަދައެވެ.

"ނަކްބާ.....ކިޔަން އުޅޭ އެއްޗެއް ރަގަޅަށް ކިޔާބަލަ. މަގޭ ކެތްތެރިކަން އިމްތިހާނު ކުރަން ނޫޅެ....."

"ކެންޝިންގެ ބައްޕައަކީ ކާރމަން އޭ......" ނަކްބާގެ ޖުމްލައިން މިރިއަމް ވަގުތުން ހުރިތަނަށް ތިރިވެވިއްޖެއެވެ. އަނގައިން ބުނުމެއްނެތި އެތައް އިރެއްވާންދެން ގަނޑުވެފައި އިނދެފައި އޭނަ އިސްއުފުލައިލިއެވެ.

"އެ ވާހަކަ ފެތުރި މީހަކު މަގޭ ކުރިމައްޗަށް ހާޟިރުކުރޭ. ދޫ ބުރިކޮށްލާނަން..." މިރިއަމް ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ.

***

ފިނިމޫސުމުން ފެށުމާއެކު ސްނޯ ފައިބަންފެށިގޮތަށް ހުރިހާ ހަޑި މިލަތަކުން ދޮވި ގަނޑުފެނުގެ ފޭރާން ލައިފިއެވެ. ގަނޑުވަރުގެ ކުޑަދޮރުގެ ކައިރީ ސްނޯވެހޭ ހިތްގައިމު މަންޒަރު ދެކެން ހުރެފައި އާރްޔާ ހޫނު ކޮފީއެއް ތައްޔާރުކޮށްލައިގެން އައިސް އަލިފާން އަންދާތަނުގެ ކައިރީ އިށީދެއްޖެއެވެ. ސެފްރަންގެ އިންތިޒާރުގައި އިންއިރު އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލެވެއެވެ. ސަލާމް ގޮވައިލުމަށްފަހު ސެފްރަން ކޮޓަރިއަށް ވަނެވެ.

"ހާދަ ލަހުން ތިއައީ. ވަރަށް މިސްވި...."

"މިސްޑް ޔޫ ޓޫ. އާދުމެންނާއި އެކު އުޅެފައި. ސްނޯ ވެހެން ފެށިގޮތަށް ހުއްޓައެއް ނުލާ. އާކްޓިކް އެއްކޮށް ކަހަލަ ގޮތަކަށް ގަނޑުވެފައި. ޖިންނި ކުއްޖެއްނަަމަ މިކަހަލަ ރެއެއްގައި އާކްޓިކް އައްސޭރިފަށުގައި ހިނގާލަން ދެވިދާނެ..ޑޭޓަކަށް...."

"ޖިންނި ބޯއިސް މެންވެސް ޑޭޓްކުރޭތަ؟ ހަހަ އިންޓެރެސްޓިން. ސެފް ޑޭޓަކަށް ދަންޏާ އަރޯރާ ބޮރެލިސް ބަލަން ގެންގޮސްދީ. ސެފްއާއެކު އެ ކަން ތަޖުރިބާކޮށްލަން ބޭނުން.. ކަޅު ރެއެއްގައި އުޑުމަތި ތަރިތަކުން ފުރިފައިވާ ރެއެއްގައި ދުރުދުރަށްދާންދެން ސްނޯ އޮތް އެކަނިވެރި ތަނެއްގައި ނޯދަން ލައިޓްސް ފެނުމުން ކުރެވޭނެ އިހުސާސް ވަރަށް....ބުނެދޭކަށްވެސް ނޭގޭނެ................." އާރްޔާ ސެފްރަންގެ ލޮލަށް ބަލަން އިނީ ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ބައްތިތަކުގެ އޮރެންޖް އަލިން ސެފްރަންގެ މޫނަށް އެޅިފައިވާއިރު ތަފާތު ވިދުމެއް ހުއްޓެވެ.

"ހާދަ ޕޮއެޓިކް ކުއްޖެކޭ ދޯ.." ސެފްރަން މިރޭ ހުރީ ސަމާސާ މޫޑެއްގައެވެ. އެހާ ސީރިޔަސްކަމެއް މޫނުމަތިން ފެންނާކަށް ނެތެވެ. އާރްޔާ އަނގައިން ބުނުމެއްނެތި ސެފްރަންއަށް ބަލަމުން ދިޔައެވެ.

"ވަޓް؟ " ސެފްރަން އެހިއެވެ.

"މިރޭ ހަމަ ސެފްތަ؟؟ "

"ނޫނޭ ސެފްރަން ކާލާފައި އައި ފުރޭތައެއް...." ސެފްރަންއަށް މަޖާވިއެވެ.

"ސީރިޔަސްމިޒާޖުގެ ސެފްރަން ދިޔަ ތަނެއްވެސް ނޭގުނު...އަސްލު ޖިންނި ބޯއިސްއިންގެ މިޒާޖު ކުއްލި ކުއްލިއަކަށް ބަދަލުވެސް ވާނެ ދޯ." އާރްޔާ ލޮލަށް ގޮތެއް ހެދިއެވެ.

"އާރްޔާ އައިމް ޓަޔަޑް. ހިތާމައާއި ބަދުނަސީބު ފިޔަވާ އިތުރު އެއްޗެއް ނުލިބި މިހިސާބަށް މިއާދެވުނީ. މިހާރު ބޭނުމީ ތަފާތު ސެފްރަންއެއް ފެންނަން. އަހަރެންގެ ވައިފް އުފާވާނެހާ ކަމެއްކޮށްދިނުން. އާރްޔާ ބޭނުން ކޮންމެ ތާކަށް ގެންގޮސްދިނުން. އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ތިކުއްޖާގެ އުފާތަކާއިމެދު މިހާރު ވިސްނެނީ. ނާޒުކް ކަމުން ކަން ނޭގޭ ދޯ. އައިމް އެފްރެއިޑް ޓު ޓަޗް ޔޫ........................." ސެފްރަން އާރްޔާގެ ނިތްކުރީގައި ބޮސްދިނެވެ. ހޫނުކަން އިހުސާސްވުމުން ހީފިލިއެވެ. އާރްޔާއަށް ދެލޯ މަރައިލެވުނެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވާލާފައި ބާރުގަދަ ވަރު ބަލާށޭ ކިޔާފައި ސެފްރަންގެ އަތުގެ މުލައްދަނޑީގައި އެލިގަތެވެ. ކުޑައިރު އެގޮތަށް ބައްޕަގެ މުލައްދަނޑީގައި އެލިގެން ނޫނީ ފުންމައިގެން ގޮސް ބުރަކަށްޓަށް އެރުމަކީ އޭނަގެ އާދައެކެވެ.

"ސެފް ސުޕަމޭންއަށްވުރެވެސް ބާރުގަދަ. އައި ސްޓިލް ކާންޓް ބިލީވް މައި ހަޒްބެންޑް އިޒް ނޮޓް އެ ހިއުމަން. ޓްވައިލައިޓް މޫވީ ބަލާފައި އައިލް މެރީ އެ ސުޕަނެޗުރަލް ބޯއިއަކާއޭ ބުނިން އޭރު ހިތަށް ނާރާ ރިއަލްކޮށް ވެދާނެއޭ. އައި ތޯޓް ފެންޓެސީ ދުނިޔެއެއްގައި ނޫނީ އެކަހަލަ ކަމެއް ނުވާނެކަމަށް. އެކަމަކު..ލުކް މައި ހަޒްބެންޑް އިޒް އެ ޖީނީ........." އާރްޔާ ޖޯޝުން ފުރިފައިވާ ގޮތަކަށް ވާހަކަދެއްކިއިރު ސެފްރަން މަޖާވެފައި ބަލަހައްޓައިގެން ހުރީއެވެ.

ހަގީގަތުގައި ސެފްރަން ބަދަލުވެއްޖެއެވެ. އާރްޔާވެސް ހީނުކުރާހާ ބޮޑަށެވެ. އެންމެ ރެއަކުން އެދޭތެރޭގައިވި ގުޅުން އެހާ ކުރިއަށް ހިނގައިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ނިތްކުރީގައި ބޮސްދޭހާ ގާތްވީއެވެ. އުފާވެރި ސަމާސާ ވާހަކަތަކެއްގައި ސަކަރާތް ޖަހަން ތިބެފައި އެކީގައި އިޝާ ނަމާދުކުރިއެވެ. އެއަށްފަހު ކައިގެން ނިދުމުގެ ކަންތަކާއި މަޝްޣޫލުވެގަތެވެ. އާރްޔާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވިއެވެ.


***

ޒޭބްއަށް ފާރަލާ ޖާސޫން ކުރަން އުޅުނު ޖިންނި ގަންދީޝާއަށް ޚަބަރު ދިނުމުން އޭނައަށް ހައިރާންކަމެއް ލިބުނެވެ. ޒޭބް ގަވައިދުން ހޮހަޅައަކަށް ވަންނަ ސަބަބު ބަލައިލަން ގަންދީޝާ ސިއްރުން އެ ހިސާބަށް ދިޔައެވެ. އެތެރެއަށް ވަދެފައި ލިބުނު ޝޮކްގައި ބުނާނެ އެއްޗެއް ނޭގިފައި އަޒްކީލްއަށް ބަލަން ހުރެވުނެވެ. ޒޭބް އަޒްކީލްގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު ދެލޮލުގައި ކަރުނައެވެ.

"އަސްތާ މަގޭދަރި ދުނިޔޭގައި އެބައޮތް..." ގަންދީޝާ ރޮއިގަތެވެ. " ސެފްރަން ކިހާ ބޮޑަށް އޮޅުވައިލީ. މަރުވެއްޖެއޭ. އަނދާ އަޅިއަށް ވީމަ ކުރާނީ ކީއްހެއްޔޭ. ދޮގެއް ހެދޭނީ އެހާވަރަށް. އަމިއްލަ އެދުން ބޮޑުވިޔަސް ބޮޑުވަރެއްނު. އަޒްކީލް ދުނިޔޭގައި އޮތިއްޔާ އެހެން ފަރާތަކަށް ރަސްކަމަށް އެރުމުގެ ހައްގެއްވެސް ނެތް. އަދިވެސް ރަސްކަލަކީ ހަމަ އަޒްކީލް. ޒޭބް ކީއްވެ ސިއްރުކުރީ؟ " ގަންދީޝާ ސުވާލުކުރިއެވެ.

އަޒްކީލްގެ ގައިމަތީގައި ރަޖާގަނޑެއް އަޅާފައި އޮތްއިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމުގެ އަސަރުތަކެވެ. ދެލޯ ހުޅުވާލައިގެން އޮތަސް ވާހަކައެއް ނުދެއްކެއެވެ. ކޮން ބަޔެއްކަން އެނގޭކަމެއްވެސް ނޭގެއެވެ.

"އަޅުގަނޑަކަށްވެސް ކުރިއަކުން ނޭގޭ...." ޒޭބް އަޒްކީލްގެ މޫނުގައި ފިރުމަމުން ދިޔައިރު އެ ނަޒަރުގައި މޮޅިވެރިކަންވިއެވެ. ގަދަރާއި ލޯބިވެސް ވޭމެއެވެ.

"މަގޭ އަޒްކީލް. ހާދަ ދެރައޭ، ކިހިނެއްވެފައި ތިއޮތީ؟ އަވަހަށް އަޒްކީލް ގަނޑުވަރަށް ގެންދަންވީ..އޭރުން ރަގަޅު ފަރުވާއާއި ކާ އެއްޗެހި ދެވޭނީ. ރަސްކަލަކު މިހާ ނިކަމެތިކޮށް ހޮހަޅައެއްގައި ބާއްވަން ހިތަށް އެރި މީހެއްގެ ނުބައިކަން. ހަމަ ހައިރާންވެއްޖެ. މިއީ ކޮންކަމެއް ޒޭބް. އެނގުނު ދުވަހުން ފެށިގެން ގަނޑުވަރަށް ގެންދެވެން ޖެހޭނެ. ޒޭބް އަޒްކީލްއަށް މިގޮތަށް ހަދާއިރު ހިތަށް ކެތްވޭތަ.............."

"ނޫން މި ހޮހަޅައިގާ ދިރިއުޅޭ ބޭސްވެރިޔާއަށް ވުރެ މޮޅު ފަރާތެއް އަހަރެމެންގެ ތެރެއަކު ނުވޭ. އަޅުގަނޑު ބޭނުންވަނީ މިތާގައި ބާއްވަން......" ޒޭބް އޭނަގެ ނިންމުން އިއްވިއެވެ. ގަންދީޝާ އައިކަން އެނގިއްޖެއްޔާ ސެފްރަންގެ ފަރާތުން އަންނާނެ ރޯޅިއެއް އެނގެނީއެއް ނޫނެވެ. ޖާސޫސްކުރަން ގަންދީޝާ ކިތަންމެހާވެސް މޮޅެވެ. ގަންދީޝާ ސެފްރަން ފޮރުވައިގެން ހުރި ކަންތައް ހޯދައިގެންފިއެވެ.

ގަންދީޝާ ވިސްނަމުން ދިޔައީ އަޒްކީލްގެ ކާއެއްޗިއްސަށް ޒަހަރުލާނެ ގޮތެކެވެ. އަޒްކީލްގެ މައިންބަފައިން ފަނާކޮށްލިހެން މީނަވެސް އަބަދަށްޓަކާ ދުނިޔެއާއި ވަކިކޮށްލަން ޖެހޭނެއެވެ. މަތި އޮމާންކޮށްގެން އޯގާތެރި ހިނިތުންވުން ދައްކައިގެން ހުއްޓަސް ކަޅު ހިތެއްގެ ވެރިއެކެވެ. ދުމުން ފުރިފައިޥާ އަނިޔާވެރިއެކެވެ.


***

ގަންދީޝާ އެލިއަސް ގެނެސްފާ އަޒްކީލްގެ ޚަބަރު އޮޅުން ފިލުވައިދިނެވެ. ސެފްރަންއަށް ކާމިޔާބު ވިޔަނުދޭން އެދުނެވެ. ސެފްރަންއާއި ޒޭބްގެ އޮތް ގުޅުމާއިމެދު ޝައްކުވާކަމުގައި ބުނެލިއިރު ރުޅިވެރިކަން އެތެރެހަށީގައި އަނދަމުން ދިޔައެވެ.

"މަންމަ މިހެން ބުންޏޭ ނުކިޔައްޗޭ. ސެފްރަންއާއި ޒޭބް އެއް ނަސްލެއްގެ ވެފައި އެދޭތެރޭގައި އެ އޮތް ގުޅުމާއިމެދު ވަރަށް ޝައްކު. ކުރީގެ ލޯބިވެރިންހެންވެސް ހީވޭ. ޒޭބް އެވާ ނަފްރަތުގެ އަޑީގައި އެހެން ކަމެއް ފޮރުވިފައިވޭ. އެދެމީހުން ވެގެން އަޒްކީލް ފޮރުވައިގެން އެއުޅެނީ. އެލިއަސް. ސެފްރަން ނައްތާލާ. ބަލާބޮޑުކުރެ ދަރިއެއްހެން ގެންގުޅުނަސް ސެފްރަންގެ ސަބަބުން ޖިންނީންގެ މެދުގައި އަދާވާތްތެރިކަން އުފެދި ބައިބައިވެއްޖެ. ކުރިން ކިހާ އެކީ ހަމަޖެހިގެން އުޅުނީ. އަޒްކީލް ބަލިވެގެން ރަސްކަން ނުކުރެވެންޏާ ދަރިފުޅު އެ މަގާމާއި ހަވާލުވޭ...." ގަންދީޝާ އެލިއަސްގެ އަތުގައި ހިފާލާފައި ބޮސްދިނެވެ. ހިތުގެ އަޑިން ރާވަމުންދާ ނުބައި ރޭވުންތައް ނޭގުނަސް އެލިއަސްވެސް ސެފްރަން ރަސްކަމުގައި ބަހައްޓާކަށް ބޭނުމެއް ނޫނެވެ.

ޒޭބްގެ މަކަރުވެރިކަމާއޭ އެލިއަސް ހިތަށް އެރިއެވެ.


***

ސެފްރަން މިރިއަމް ގަނޑުފެންތައް އަނގަޔަށް ލައިގެން ހަފާ މަންޒަރު ބަލަން އިރުކޮޅެއްވާންދެން ހުރެފައި އެ ދިމާލަށް ހިނގައިގަތެވެ. ނަކްބާ އާއި ދެން ތިބި ޖާރިޔާއިން ތައް ބޯގުދުކޮށްލައިގެން ތިއްބެވެ. ސެފްރަން އެތަނުން ދުރަށް ދާން އެންގުމުން ކޯމަހެއްހެން ކަނޑަށް ޖެހިގަތްގޮތަށް ލޯމަތިން ގެއްލުނެވެ. މިރިއަމްގެ ލޮލުން އަލިފާން ފާއްދައިލިއެވެ. ސެފްރަން އެންމެ ކުރިން މާފަށް އެދުނެވެ. މިއަދުން ފެށިގެން މިރިއަމް އަކީ އަންބެއް ނޫންކަމަށާއި ހުރިހާ ގުޅުމެއް ކެނޑުނީކަމުގައި ބުނެލަމުން އަނެއް ފަރާތަށް އެނބުރުނެވެ. މިރިއަމް ބުމަރެއްހެން އެނބުރިގަތްގޮތަށް ސެފްރަންގެ ގަޔަށް އަރައިގަތީ ފީކުކުޅެއްހެންނެވެ. ކަރުތެރެއިން ނުބައި ބަރު އަޑެއް ނެރެގެން ސެފްރަންގެ ބޮލުގެ އިސްތަށިތަކަށް ދަމާ އުފުރާ އެންމެ ފަހުން ތޫނު ވަކިތަކެއްހެން ހީވާ ދަތްތައް ނެރެ ދަތް އެޅިއެވެ. ކަޅި އަޅައިގެން މޫނަށް އިސްތަށިގަނޑު ވިހުރުވާލައިގެން ހުރިއިރު އިންސާނަކަށް ފެނިއްޖެއްޔާ ބިރުން ހޭނެތޭހާވިއެވެ.

"އަހަރެން އެ އިންސި ކުއްޖާގެ ދެލޯ އުފުރައިލާނަން. އެއީ މަގޭ މީހާއަށް ބެލީތީ. ފޭރިގަތީމަ. ބަލާތި އަދި ހިތާމަކުރާނެ. މަަށަށް ޖެއްސި ހާލު ކަލޭމެންނަށް ނުޖައްސައިފިއްޔާ މަށަކީ މަގޭ ބައްޕަގެ ދަރިއެއްނޫން............" މިރިއަމް ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ.


***

ސެފްރަން އާރްޔާގެ ސަލާމަތީ ވަސީލަތްތައް އެންމެ ވަރުގަދަ ކުރިއެވެ. އެންމެ އިތުބާރުކުރެވޭ އާދުއާއި ކާއިން ވެސް ހަތަރުދަމު އާރްޔާގެ ހަށި ފާރަވެރިންނަށް ތިބެން އެންގިއެވެ. ރަސްކަމުގެ ދަރުބާރުގައި ނޫޅޭ ވަގުތެއް ވެއްޖެއްޔާ އޭނަވެސް އާރްޔާގެ ގާތުގައި ހުރެއެވެ. ދުޝްމިން ޖިންނިންނާއި ކުރިމަތިލުމަކީ ނާޒުކްކަމުން ފުރިފައިވާ މި އަންހެންކުއްޖާއަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ސެފްރަން ވިސްނާލާފައި ނިންމީ އާރްޔާއަށްވެސް ކޮންމެވެސް ވަރަކަށް ހެވިކަން ދަސްކޮށްދިނުމަށެވެ. އަމިއްލަ ނަފުސް ދިފާއު ކުރަން އެނގެންވާނެއެވެ. ސެފްރަންއާއިއެކު މިޔޫކީގައި ގަނޑުފެނާއި އައިސްބާގު އަދި ގްލޭޝިއާތަކުން ފުރިފައިވާ ހިތްގައިމު އާކްޓިކްގައި ދުއްވާލަން ދިޔަ ދަތުރަކީ ހިތުން ނުފިލާނެ ހަދާނެކެވެ. ގަނޑުފެން މަތީ އަސް މަޑުމަޑުން ދަތުކުރަމުން ދިޔައިރު ސެފްރަންއިނީ ލުއިކޮށް އާރްޔާގެ ގައިގާ ހިފަހައްޓާލައިގެންނެވެ.

މީހުން ނޫޅޭ އެކަނިވެރި ސަހަރައްދަކަށް ގޮސްފައި ސީޑާ ދަރުތަކުން ބޮޑު އަލިފާންގަނޑެއް ރޯކޮށްލުމުން މީރުވަހެއް ތަނުގައި ހިފައިލިއެވެ. އަލިފާން ގަނޑުން މަސްފިހެ ކެއުމަށްފަހު ސެފްރަން ދުނިދަނޑިއެއް ނެގިއެވެ. ޕައިން ޖަންގަލި ފެށޭ ހިސާބުގައި ހުރި ގަހެއްގެ ވަކަރުގަނޑަށް އިނގިލި ކޮށްޕާލީ އާރްޔާ ބަލަން ހުއްޓައެވެ.

"ވާއު..." އާރްޔާ ނިޔަފަތީގައި ދައިގަތެެވެ. "އައި ވިޝް އައި ކެން ޑޫ އިޓް ޓޫ.."

"އާރްޔާގެ އަނެއް ހާފް މިހިރީ ނުކުރެވޭކަންތައް ކޮށްދޭން. އަހަރެމެން ދެމީހުންވެސް ދުނިޔެވެސް ފަހަތަކުރާނީ ދޯ ހެހެ.." ސެފްރަން އާރްޔާ ގާތަށް އައެވެ. ސްނޯމަތީގައި އޭނަގެ ފިޔަވަޅުގެ ނިޝާނެއް ނެެތެވެ.

"ހަނގުރާމައިގެ އުކުޅުތައް މަގޭ ގާލްއަށް އެނގެންވާނެ ދޯ...އަހަރެން ލޯ ވަޅު އެޅިތަނަށް އަމާޒުކޮށް ތީރު ފޮނުވައިލާނީ......." ސެފްރަން އާރްޔާގެ ފަހަތުގައި ހުއްޓިލާފައި އަމާޒްކުރާނެ ގޮތް ދަސްކޮށްދިންއިރު އާރްޔާގެ މޫނަށް ރަތްވާކަމުގެ އިހުސާސްކުރެވުނެވެ. އެކަން ފޮރުވަން އަރްޔާ ހީގަތެވެ.

"ލަޝްކަރުގެ ކެޕްޓަނަކަށް އަހަރެން ހަދަންތަ؟ "

"މަގޭ ކްއީންއާއި އެކަހަލަ ވަޒީފާއެއް ހަވާލު ކުރާނެތަ؟ އެކަމަކު އެނގޭތަ ތީ މަގޭ ހިތުގެ ކައްޕިތާން. އާރްޔާގެ ސަބަބުން އަހަންނަށް ހުރިހާ އުފާތަކެއް ލިބިއްޖެ. އިތުރު އެއްޗެއް ދުނިޔެއަކުން ބޭނުމެއްނޫން......" ސެފްރަން އާރްޔާގެ މޫނުގައި އިނގިލި ޖައްސައިލިއެވެ. "ސޯ ސޮފްޓް. ބިރުގަނޭ އަތްލާން. ހާޓް ކުރެވިދާނެތީ......"

(ނުނިމޭ...)

ކޮމެންޓް 0