ޔަޒްދަންޔާރުގެ ހިނިތުންވުން ފުޅާވެގެން ދިޔުމާއެކު ސެފްރަންގެ މޫނަށް ބަލައިލިއެވެ. އެއާއެކު ކުއްލިއަކަށް އޭނަ ލޯ ކުޑަކޮށްލާފައި ވަށައިގެން ހޯދާލަމުން ތިރިވެ ބިންމަތީ ކަންފަތް ޖެހިއެވެ. ތެދުވެފައި އަވަހަށް ސެފްރަންގެ އަތުގައި ހިފައިގެން ހޮހަޅައާއި ދިމާލަށް ހިނގައިގަތީ ކޮންމެވެސް ބިރުވެރިކަމެއްވާން އުޅޭކަމަށް އޭނަގެ ހިއްސުތައް ރަތް އިންޒާރުދޭން ފެށުމުންނެވެ.
"އެމީހުން އެބައާދޭ...."
އެދެމީހުންނަށް ހޮހަޅައަށްވަދެ އެ ދިމާލަށް އައި ފަރާތްތަކުގެ ލޯތަކަށް ފަރުދާ ވެވުނީ ހަމަ ކިރިޔާއެވެ. އެބަޔަކު އެހިސާބަށް ނުކުމެ ފިޔަވަޅުތަކުގެ ނިޝާންތަކަށް ބަލަމުން ގޮސް ތިރިއަށް ބަލަންފެށިއެވެ. އެހޮހަޅައަށް ވަދެވެނީ ހަނިމަގަކުން ތިރިއަށް އުދަގުލުން ފައިބައިގެންނެވެ. ގަސްބޮނޑިތަކާއި ހިލަތައް ގިރާކޮށްފައެވެ. އެ ޖިންނިން އެހިސާބަށް އައީ އޭނައަށް ފާރަލާ ކަމަކަށް ޝައްކުކޮށްގެންނޭ ހީވިޔަސް އެއީ ވަހުމެއްކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ޖިންނިންގެ ހިލަމެއް ނުވިއެވެ. ސެފްރަންގެ ޒަޚަމްތައް ފަސޭހަވެ އަމިއްލަ ނަފުސް ދިފާއުކުރެވޭވަރު ވަންދެން އޭނަ އެކުއްޖާ އެއްވެސް ތަނަކަށް ދިޔަނުދޭނެއެވެ. ނޫނީ އުމުރަށްވެސް ދަރިއެއްފަދައިގެން ގެންގުޅެވިދާނެއެވެ.
***
ޔަޒްދަންޔާރުގެ ހޮހަޅައިގާ މެހުމާނެއްގެ ގޮތުން ސެފްރަން އުޅޭތާ މައްސަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ދެމީހުންގެ ދޭތެރޭ އޮތް ބީރައްޓެހިކަން ކޮންމެވެސް ވަރަކަށް ކެނޑުނެވެ. ސެފްރަންއަށް ޔަޒްދަންޔާރުގެ ފަރާތުން އެންމެ ފާހަގަކުރެވުނީ އޭނަގެ ނިކަމެތި ހާލުގައި އެހެން މީހުންނަށް ޚިދުމަތްކުރަން އަތުކުރި އޮޅާލާފައިވާކަމެވެ. ތިމާ އަމިއްލައަށް ނުކައި ނުބޮއިހުރެ ސެފްރަންއަށް ކާންދޭކަމެވެ. އެ ފަގީރުކަމާއެކުވެސް ދެއްވި ނިއުމަތަށް ޝުކުރުކޮށް ރުހި މިންވަރަށް އީމާންވެ އެންމެ އުފާވެރި މީހާކަމުގައި ހުންނަތަނެވެ. މުއްސަދިކަމާއި އާރާއި ބާރު ލިބިވެސް އެހެން އިންސާނުންނާއި ޖިންނި ޝައިތާނުން އުޅެނީ އިތުރަށް ބާރުތަކަށް ފެންބޮވައިގެންނެވެ. ލިބޭ މިންވަރުން ފުދިގެން ހުންނަން ދަންނަ މީހަކާއި އޭނައަކާއި ދިމާވެފައެއް ނެތެވެ. ސެފްރަންގެ ހިތް ޝުކުރުން ފުރުނެވެ.
***
ސެފްރަން ޔަޒްދަންޔާރުގެ ފަހަތުން ހޮހަޅައިން ނުކުތުމުން ފިނި ވައިރޯޅިތައް އޭނަގެ ފަން އިސްތަށިގަނޑާއި ސަމާސާކޮށްލާ މޫނުގައި ބޮސްދޭން ފެށިއެވެ. ޖަންގަލިތެރޭ ފޮޅިފައިވާ ވައިލެޓާއި ރަތް އޮރެންޖް އަދި ހުދުކުލައިގެ މާތަކަށް ބަލައިލުމުން ސެފްރަން ހަދާންވީ އޭނައަށް އާރްޔާ ދިން މާތަކުގެ ހަދިޔާއެވެ. މަލެއް ފެންނަ ކޮންމެ ފަހަރަކު އޭނަ އެ ކުޑަކުއްޖާއާއި މެދު ވިސްނަން މަޖުބޫރުކުރުވައެވެ. އެކުއްޖާގެ ފަރާތުން ހަމްދަރުދީއާއި އޯގާތެރިކަން ލިބޭތީކަން ނޭގެއެވެ.
"މަގޭ ސިކުނޑިއަށް އާރްޔާ ވެރިކަން ކުރަނީ ކީއްވެ؟ މިއަށް ވުރެ މިރިއަމްއާއި ދަރިފުޅާމެދު ވިސްނުން މާ މުހިއްމު. ސަބަބަކީ މުސްތަގުބަލެއް ހޯދެން އޮތީ މިރިއަމްއާއެކު ކަމަށް ވީތީ. އިންސިކުއްޖަކާއެކު އެކުވެރިކަން ބޭއްވުމަކީވެސް ދީން ހުއްދަކުރާކަމެއް ނޫނެއްނު ސެފް..." އަމިއްލަ ނަފުސަށް ވިސްނައިދޭފަދަ ގޮތަކަށް ސެފްރަން ބުނެލިއެވެ.
އޭނަގެ ފައިދަށުގައިވެ ޗިސްވަމުން ދިޔަ ކުދި ވިނަތަކަށް ފަރުވާލެއްނެތި ސެފްރަން ކުރިއަށް ދިޔައެވެ.
"ޔަޒްދަން. ދުވަހަކުވެސް މީހަކު ދެކެ ލޯބިވިންތަ؟ " ޔަޒްދަންޔާރުގެ އަތުގައި އޮތް ކަނޑި ތޫނުކުރަން ހިލައިގާ ކާއްތާ މަންޒަރު ބަލަން އިނދެފައި ސެފްރަން އަހައިލިއެވެ. ޔަޒްދަންޔާރުގެ އަތުގެ ހަރަކާތް ހުއްޓުނެވެ. އޭނަގެ ލޯ ފެންކަޅިވެ މީހާއަށް ހުއްޓުން އެރިކަމަށް ސެފްރަންއަށް ހުވާކުރަން ކެރިދާނެއެވެ. އެ ސުވާލުގެ ޖަވާބު ލިބުމުގެ ކުރިން ކުއްލިއަކަށް އެތަނަށް ނުކުތް ޒުވާން ޖިންނިންތައް ފެނުމާއެކު ޔަޒްދަންޔާރު ފުންމައިގެން ތެތދެ ސެފްރަންގެ ކުރިމައްޗަށް އެރީ އެކުއްޖާގެ ދިފާއުގައި މަރުވަންދެން ހަގުރާމަކުރަން ނިންމައިގެންނެވެ. އެއައި ޖިންނީންނާއި ހަގުރާމަކުރަން ކަނޑިނެގީ ބިރެއް ސިހުމެއްނެތި ހިތްވަރާއެކުގައެވެ.
"ހަމަޖެހިބަލަ...ތީ ކޮންކަމެއް......"
"އަހަރެމެން ހަގުރާމަ ކުރާކަށް ބޭނުމެއްނޫން. އަހަރެމެންނަކީ އޭނަގެ އާއިލާ. ސެފްރަން ގެއްލިގެން ހޯދާތާ އެތައް ޒަމާނެއް ވެއްޖެ............" އަޒްކީލް ކަމަރުގައި ހުރި ކަނޑި ނަގަން އުޅެފައިވެސް ޚިޔާލު ބަދަލުވިއެވެ. ޔަޒްދަންޔާރު ހައިރާންކަމާއި ސިހުމާއެކު ބަލައިލީ ސެފްރަންގެ މޫނަށެވެ.
"ތިއީ ރަސްގެފާނު ޖަލްޖާލޫތުގެ ދަނބިދަރިފުޅު....." އާދު ބުނެދިނެވެ.
"އޯވް އެހެންތަ؟ " ޔަޒްދަންޔާރު ދެއަތް ޖޯޑުކޮށްފައި ސަލާމްކޮށްލީ ނިކަން އަދަބުވެރިކޮށެވެ. އަޅުކުއްޖެއްކަމުގައި ހީކޮށް އޭނަ ހޭހަންކުރި ކުއްޖާ އެންމެ ފަހުން މިވީ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެހެޒާދާއަކަށެވެ.
"ސެފް ކިހިނެއްވީ؟ އެންމެން ސެފް ގެއްލިގެން ހާދަވަރަކަށް ހޯދައިފި. ހިނގާ އަވަހަށް ދާން................" ކާއިން ސެފްރަންގެ ގައިގާ ބައްދާލިއެވެ.
"ތިއީ ކާކުތަ؟ ސެފްރަން ފެނުނީ ކޮންތާކުން؟ " އަޒްކީލްގެ އެތައް ސުވާލެއް ޔަޒްދަންޔާރާއި ކުރިމަތިވިއެވެ. ސެފްރަންގެ އާއިލާކަން ޔަގީންވެ އިތުބާރުކުރެވުމުން ޔަޒްދަންޔާރު އޭނަގެ ހޮހަޅައަށް ގެންދަން ނިންމިއެވެ.
"ހުރިހާ ބޭފުޅުން އިށީންނަވާ. ކާއެއްޗަކާއިއެކު ސައި ތައްޔާރުކޮށްލާނަން. ސައިގަޑީގައި ހުރިހާ މި ނިކަމެތި ޖިފުޓިގަނޑަށް ރަސްގެފާނުގެ ގާތް ބޭފުޅުންކޮޅެއް ވަޑައިގަތުމަކީ ލިބުނު ފަޚުރެއް.." ހެވިލާފައި ހުރި ޔަޒްދަންޔާރު ކެކިކެކި ހުރި ތެލިން ފެން ޖޯޑުތަކަށް އަޅަންފެށިއެވެ. އަތްމަތި އަވަސްކަމާއެކު ސުފުރާ ފެތުރިއެވެ. އެންމެން ކާން އިށީނުމުން ޔަޒްދަންޔާރު އެ ހާދިސާގެ ޚުލާސާއެއް ދިނުމުން ގަޔާވެފައި އަހަން ތިއްބެވެ. އަޒްކީލް ޔަޒްދަންޔާރުއަށް އެތައް ފަހަރު ޝުކުރުވެރިވެ ރަސްކަމުގެ ކޮއިލުން އެކަން ބަލައިގަންނާނެކަމުގައި ބުނެލިއެވެ. ޔަޒްދަންޔާރު ބުނީ އޭނަ އެއްވެސް ލަގަބެއް މަގާމެއް ބޭނުން ނޫންކަމުގައެވެ. ހާލުގައި ޖެހިފައިވާ އިންސާނެއް ނުވަތަ ޖިންނިއެއް ފެނުނަސް އޭނަ އެހީވާނެކަމަށާއި އެކަމުގެ ބަދަލުގައި ލޯ ލާރިއެއްވެސް ބޭނުން ނުވާކަމަށެވެ.
ސެފްރަން އޭނައަށް ހަމަލާދިން ޖިންނީގެ ސިފަތައް ކިޔައިދިނުމައެކު އެއީ ޒުއްނޫރީން ގަބީލާގެ އިފުރީތުންކަން އަޒްކީލްއަށް ޔަގީންވިއެވެ. ސެފްރަންއަށް ދިން އަނިޔާގެ ބަދަލުހިފަން އެވަގުތު އޭނަ ހިތާހިތުން ވައުދުވިއެވެ. އޭނަގެ ލަޝްކަރަށް އަމުރުކުރާ އިރަށް އެ ފުރޭތައިންގެ ރަށް އަނދާ އަޅިއަށް ހަދައިލާނެއެވެ.
***
ސެފްރަން ޔަޒްދަންޔާރުގެ ގައިގާ ބައްދާލާފައި ސަލާމްކޮށްލީ ވަކިވުމުގެ ވަގުތު ކުޑަތަން ވުމުންނެވެ.
"ތި ކޮށްދިން އިހުސާންތެރިކަމުގެ ބަދަލު ދުވަހަކު ދެވޭނެކަމެއް ނޭގޭ. މާތް ﷲ ރަހުމަތް ލައްވާށި............." ސެފްރަން އޭނަގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ޖަޒުބާތުން ފުރިފައިވާ އަޑަކުން ބުނެލިއެވެ.
"ޝެހެޒާދާ. އަޅުގަނޑު އެދުނު ކަމެއް ކޮށްދީފާނަންތަ؟ " ޔަޒްދަންޔާރު އެހިއެވެ. ސެފްރަން ހީކުރީ ރަން ޖަވާހިރުފަދަ އަގުހުރި އެއްޗަކަށް އެދެން އުޅެނީ ކަމުގައެވެ. އަޒްކީލް އާދު އަދި ކާއިންވެސް ޔަޒްދަންޔާރުގެ އެ ބޭނުމުގެ އަޑު އަހަން ޝައުގުވެރިވެެފައި ތިއްބާ އޭނަ ހޮހަޅައިގެ އެތެރެއަށް ވަދެ ހިލަތަކާއި ނިވާވިއެވެ. އިރުކޮޅަކުން އައީ ފީރޯޒާއި ސުލޭމާނުން ހަދާފައިވާ ނިކަން ރީތި ފަށެއް ހިފައިގެންނެވެ. ޔަޒްދަންޔާރު ސެފްރަންއަށް އެ ފަށް ދިއްކޮށްލިއެވެ.
"މި ފަށް ހަދިޔާއެއްގެ ގޮތުގައި ގަބޫލުކުރައްވައިފިއްޔާ ރަގަޅު. ޝެހެޒާދާއަށް މީހަކު ދެކެ ލޯބިވެވުނު ދުވަހަކުން މި ދެއްޗޭ....."
އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންވެފައެވެ. ހޮހަޅައެއްގައި ދިރިއުޅޭ ފަގީރު ނިކަމެތްޗަކު ރަސްދަރިކަލަކަށް އެދިނީ އޭނައާއި ބަލާއިރު ހާދަ އަގުހުރި އެއްޗެކެވެ. ޔަޒްދަންޔާރަށް ލިބިފައިވާ ބޮޑު ހިތް އެންމެންގެ ލޯތައް ފެންކަޅިކުރުވިއެވެ. ޚާއްސަކޮށް ސެފްރަންއެވެ. ދުވަހަކު ނުދަންނަ ބީރައްޓެއްސަކަށްޓަކާ ހިތުގައި ކުލުނާއި ލޯބި އުފެދި ވަކިވުން ހިތަށް އުދަގޫކޮށްފިއެވެ. ބައްޕައެއްގެ ލޯބި ނުލިބި ހުއްޓާ ޔަޒްދަންޔާރު އެ އުނިކަންވެސް ފުއްދާދީފިއެވެ. އޭނައާއެކު ހޭދަކުރެވުނު ކުޑަދުވަސްކޮޅު އަޅައިލީ އަމިއްލަ ދަރިއަކަށްވެސް އަޅާލާނެހާ ބޮޑަށެވެ. އޯގާތެރި ކަމާއެކު ޒަޚަމްތަކުގައި ބޭސް އަޅާ އޭނަގެ ތަންމަތީގައި ނިންދަވާ އަނގައިގާ ލަވާ ކާންދީ ދަރިއެއް ފަދައިން ގެންގުޅެފިއެވެ. ބައްޕައެއްގެ ލޯބި ދުވަސްކޮޅަކަށް ދީފިއެވެ.
"އަދި ބައްދަލުވާނެ..." ސެފްރަން ބުނެލިއެވެ.
"އިންޝާﷲ..." އެހެން ޒުވާނުން ބުނެލިއެވެ.
ޔަޒްދަންޔާރު ފަހަރަކު ޒުވާނަކާއި ބައްދާލާފައި ސަލާމްކޮށްލަމުން ހެޔޮ ދުޢާކުރިއެވެ. އޭނަގެ ހަމައެކަނި އެދުމަކަށްވީ އޭނަ ދިރިއުޅޭ ހޮހަޅައިގެ ވާހަކަ އެހެން ފަރާތްތަކަށް ސިއްރުކޮށްދިނުމެވެ. ބޭނުންޖެހި އަންނަ ކޮންމެ ފަރާތަކަށް އޭނަ ޚިދުމަތްކޮށް ދިނުމަށްފަހު ޝަރުތުކުރަނީ އެކަމަށެވެ. އަލުން ބައްދަލު ނުކުރުމަށެވެ. ނޫނީ އޭނަގެ އެކަނިވެރި ދިރިއުޅުން ހަލަބޮލިވެދާނެއެވެ.
***
ސެފްރަން ގަނޑުވަރަށް އެނބުރި އައުމުން މިރިއަމް އުފަލުން އަނބުރައިގަތެވެ. ނަކްބާ މޫނުގައި ފިނިފެން އުނގުޅާ ހަދަނިކޮށް ހޭ އަރައިފިއެވެ. އޭރު ސެފްރަން އިނީ އެނދުގެ މަގަތުގައި އިށީދެލައިގެންނެވެ. މިރިއަމްގެ ހުރިހާ ހިތާމަތަކެއް ފިލާ ދުނިޔޭގައި ލެއްވިހާ އުފާތައް ފަސްބަޔަށް އެޅުނުފަދައެވެ.
"މާތްﷲއަށް ޝުކުރުހުރި.."
"އަހަރެމެންގެ ދަރިފުޅު ނުފެނި ދުނިޔެ ދޫކޮށް ދާން ޖެހިދާނެކަމަށް ހީކުރިން. ކިހިނެއްތަ މިރިއަމް..............." ސެފްރަން ކުޑަކޮށް ހީލިއެވެ. މިރިއަމް އެ އަތުގައި ހިފާލަން އުޅުނު އަތް ދުރުކޮށްލާފައި ތެދުވުމުން މިރިއަމް ސިހުނެވެ. މިރިއަމްގެ އަތުގައި ހިފާލާ ވަރަށްވުރެވެސް އޭނަ ދުރުވެއްޖެއެވެ. ކުރިއަށްވުރެ ބީރައްޓެހި ފަރާތަކަށް ވެއްޖެއެވެ. އެހާ ކުޑަ ކުޑަ ކަމަކަށްވެސް ސެފްރަން އުޒުރުވެރިވެއްޖެއެވެ. އެކަމާއިހެދި މިރިއަމްގެ ހިތަށް ކުރާ އަސަރު ސެފްރަންއަށް އިހުސާސް ނުވާނީހެއްޔެވެ؟
"ދުވަހަކު އަހަރެންގެ ލޯބި ގަބޫލުނުކުރާނީތަ؟ " މިރިއަމް ހިތްހަމަނުޖެހޭގޮތްވިއެވެ.
"އަހަރެން ބުނެފީމެއްނު މަޖުބޫރު ނުކުރާށޭ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނޭ. މިރިއަމްއާއި އަހަރެން ކައިވެނި ކުރީ ޝަރުތެއްގެ މަތިން. އެކަން ހަދާން ނައްތާނުލާ......." ސެފްރަން ތެދުވެގެން ކިޑިކީގައި އަތް އަޅުވާލައިގެން ބޭރަށް ބަލަން ހުއްޓެވެ. އަދިވެސް ވައަތްފަޅީގައި ދިލަނަގާ ތަދުގެ އިހުސާސްކުރެވެއެވެ. އޭނަގެ ވަރަވެސް އެއްކޮށް ނެތި ދިޔައީއެވެ. ކުރިން ވަރައިން ފަޅާފައި ހުރި ތަންކޮޅުވެސް ނެތިދިޔައީއެވެ. ވަރަ ކޮށައިލީ އޭނަ ދުނިޔެއަށް އުފަންކުރި މަންމައެވެ. އެ އަނިޔާއާއި ބަލާފައި ދެން ލިބޭ ކޮންމެ އަނިޔާއެއް ނިސްބަތުން ކުޑަކަމުގައި ނޫނީ ނުވާނެއެވެ. ސެފްރަންގެ ކްރިމްސަން ދެލޯ ހަނިކޮށްލައިގެން މާ ދުރަށް ބަލަން ހުރެ ވިސްނަމުން ދިޔައީ ކޯންޗެއްކަމެއްވެސް ނޭގެއެވެ.
***
މިރިއަމް ކޯރު ކައިރީ ހުރި ގަހެއްގެ އެންމެ މަތީގައި ހުރި ގޮފިކޮޅެއްގެ މަތީގައި އިށީދެލައިގެން އިނދެ ގަހުން ފަތްތައް އުފުރާ ކޯރަށް އެޅުމުން ހިމޭން ކޯރުގެ ފެންގަޑުގައި ބާނިތައް ލާންފެށިއެވެ. އިރުގެ ހިތްގައިމު އަލި ކޯރަށް އެޅި ހުދު ޖަވާހިރެއްފަދައިން ވިދާލައެވެ. ބަހާރުގެ ވައިރޯޅިތައް މުޅި ވާދީގައި ލަވައެއްފަދައިން ނާނާ އަޅުވާލާފައިވާއިރު މަރުވެފައިވާ ހިތަކަށްވެސް ދިރުން ގެނުވާނެއެވެ. މިއިން އެއްވެސް ކަމަކުން އުފަލެއް ނުލިބި މޮޅިވެރިކަމާއެކު ގަހުގެ ފަތްތަކަށް ރުޅިބާލަން އިން މިރިއަމް ކައިރިން އޭނަގެ މަންމަ ފައުޅުވިއެވެ. ދަރިފުޅުގެ ސިކުނޑީގައިވާ ކަންތައް އެނގުމުން ގަންދީޝާގެ ރުޅިވެރިކަން ލޮލުން ފައުޅުވާން ހުއްޓެވެ.
"މިރިއަމް ބޭނުންކޮށްގެން ސެފްރަން ރަސްކަމުގެ ތަޚުތުގައި ވަކި ހިއްޕާލާގޮތަށް ދަރިފުޅުވެސް ހަޔާތުން އެއްލައިނުލާނެކަމެއް ނޭގޭ. ސެފްރަންގެ ސިފަތަކުން މަންމަ ވަރަށް ލޯބި ޖެހުނު. ރަސްމަތިފުށުގެ ސިފަތައް ވާރުތަކުރީ ކޮންތާކުން ކަމެއްވެސް ނޭގޭ. މަންމަގެ ދަރިންނަށްޓަކާ އޭނަ ހޯދި ހަމައެކަނި ސަބަބަކީ އެއީކަން މިރިއަމްއަށް އެނގޭތަ؟ " ގަންދީޝާ މިރިއަމްގެ އަތުގައި ހިފަހައްޓައިލަމުން އޭނަގެ މޮޔަ ހަރަކާތްތައް ހުއްޓަން އިޝާރާތްކުރިއެވެ.
"މަންމާ. ސެފްރަން ވަރަށް ގޮތްދޫނުކުރޭ....." މިރިއަމް ބުނެލީ އިސްޖަހައިގެން އިނދެއެވެ. އޭނައަށް ކުރެވުނު ފާފައާއި ބަނޑުގައިވާ ދަރިފުޅުގެ ހަގީގަތް މަންމައާއި ހިއްސާކުރުމާއިމެދު ވިސްނާލާފައި އެ ޚިޔާލުތައް އެއްފަރާތްކޮށްލިއެވެ.
"މަންމާ. ސެފްރަން އަދިވެސް އުޅެނީ އެ އިންސިއާއި ހެދި. އެކުއްޖާއަށް އަވަހަށް ޝަރީއަތްކޮށްފައި އެންޖެލާގެ މަރުގެ ބަދަލުގައި ބޯ ކަނޑާލަ ދެއްވަންވީ ނު..މަންމަ އޭނަ އަޅެއްގެ ގޮތުގައި ގެންގުޅޭނަމޭ ބުންޏަސް ޒޭބް ގާތުގައި އޭނަ ރަސްދަރިކަނބަލެއްހެން ބޭނުންގޮތަކަށް އެއުޅެނީ. ސެފްރަން ކާމިޔާބުނުވެގެން އުޅޭ ސަބަބަކަށް އެކުއްޖާ ހުރީ.." މިރިއަމް ރޮއިގަތެވެ.
"ދަރިފުޅު ކޮން މައްސަލައެއް ތި ޖައްސަނީ؟ ސެފްރަންއަކީ ދަރިފުޅުގެ ފިރިމީހާއެއް ނު. ދަރިފުޅުގެ ހައްގެއްނު. މިރިއަމްއަށް ލިބެން ތިއުޅޭ ޝެހެޒާދާއަކީ ސެފްރަންގެ ދަރިއެއް. ވީއިރު ސެފްރަން ލޯބިނުވެއޭ ކިޔައިގެން ދަރިފުޅު ހިތާމަކުރަންވީ ސަބަބެއް މަންމައަކަށް ނުވިސްނޭ. ރަސްކަމުގެ ވާރިސުން ގިނަކުރަންވީ. ހޫމް ދެން ކަންބޮޑުނުވެ ދިރިއުޅުމާއި ކުރިމަތިލާ. ސެފްރަންއަކަށް އެހެން އަންހެނަކާއި އިންނާކަށް ލާހިކެއްނޫން. އަދި އެ އިންސި ކުއްޖާ ސެފްރަންގެ ދިރިއުޅުމުން ދުރަށް ގެންދާނަން..." ގަންދީޝާ ޔަގީންކަން ދިނެވެ.
"ދަރިފުޅާ އަދި ބުނެފާނަން. އަރްޔާއަކީ ކުޑަކުއްޖެއް. އިންސާނުންގެ އަދި ޖިންނީންގެ އުމުރުން ބެލިޔަސް އެއީ ހަމަ ތުއްތު ތުއްތު ކުއްޖެއް. މިރިއަމް ހާސް ނުވައްޗޭ......."
މިރިއަމްގެ ހިތަށް ކުޑަ ކުޑަ ފިނިކަމެއް ލިބިއްޖެއެވެ. މަންމަގެ ވައުދު ފުއްދާނެކަމުގެ ޔަގީންކަން އޭނަގެ ހިތަށް ލިބުނު ޝިފާއަކަށްވިއެވެ.
މިރިއަމް ގަހުން ތިރިއަށް ފޭބިގޮތަށް ގަނޑުވަރާއި ދިމާލަށް ހިނގައިގަތްއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވިނަމަވެސް ލޯ ހުންނަ ގޮތުން ކަޅިއަޅައިގެން ހުންނަފަދައެވެ. ރުޅިވެރިކަން އެލޮލުގައި އަށަގެންފައިވަނީ ފިލުވައިލެވޭފަދަ ގޮތަކަށް ނޫނެވެ.
***
އަޒްކީލްގެ އޯޑަރު ލިބުމާއެކު އޭނަގެ ލަޝްކަރު އިފުރީތުންގެ ރަށަށް އަރައިގަތީ އިންޒާރަކާ ނުލައެވެ. ގެދޮރާއި ފޭލިގެތައް އަންދާ އަޅިއަށް ހަދާލާ އެރަށުން އިފުރީތުން ފައްސާލައިފިއެވެ. ލިބުނު ކާމިޔާބާއެކު ބެންތިކް އައިލެންޑްގައި އުފާފާޅުކޮށް ޖާފަތް ދިނުމާއި ލަވަކިޔުން އަދި ނެށުންފަދަ ހަރަކާތްތައް އޮތެވެ. އިފުރީތުންނަށް ދިން ހަމަލާގެ ޚަބަރު އެނގި ޒުއްނޫރީންއާއި ކާރލީންގެ ރުޅިގަދަވެ ހުޅުފަޅައިގެންދާ ވަރުވިއެވެ. އަޒްކީލްގެ ފަރާތުން ބަދަލު ހިފަން ވައުދުވިއެވެ.
***
އާކްޓިކްކަނޑުގެ ނޫކަމުގެ ތެރެއިން ފެންނަ އައިސްބާގްތަކާއި ހަރުލާފައިވާ ގަނޑުފެންތަކަށް އިރުގެ ދޯދިތައް ބޮސްދޭއިރު ވިރުވާ އަޅަމުންދާ ދިރޭރަހަފަދައިން ވިދާތަން ފެނެއެވެ. ކުޅަދުންވަންތަކަމުގެ ފުރިހަމަކަން ބަލައިލާ ކޮންމެ ދިމާލަކުން ފެނެއެވެ. ސެފްރަން އޭނަގެ އަސް މަޑުކޮށްލާފައި ގޮނޑުދޮށަށް ފޭބިއެވެ. އެކަނިމާއެކަނި ހުރެ އޭނަ ވިސްނަމުން ދިޔައީ ކޯންޗެއްކަމެއްވެސް ނޭގެއެވެ.
"ސެފް ވެލްކަމް ބެކް..." އާރްޔާ ދުވަމުން އައިގޮތަށް ސެފްރަންގެ ގައިގާ ހިފައިނުގަތީ ހަމަ ކިރިޔާއެވެ. ސެފްރަން ސަލާމަތުން ހުއްޓާ ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނަ ހެއްދެވި ފަރާތަށް އެތައްފަހަރު ހަމްދުކުރިއެވެ.
"ވަޓް ހެޕެންޑް ޓު ޔޫ ކޮންތާކު އުޅެފައި ތިއައީ؟ އެނގޭތަ ބޫ ވެސް ހާދަ މިސްވިއޭ. ހީ ވޮޒްންޓް އީޓިން އެނީތިންގް. މާސްޓަރ ގެއްލުނީމަ ސުއިސައިޑް މިޝަނެއްގައި ބޫވެސް އޮތީ. އާ ޔޫ އޯކޭ؟ " އާރްޔާ ސެފްރަންގެ ކުރިމަތީގައި ހުއްޓި ހުރިއިރު އަޅި ދެލޯ ދިއްލިފައިވަނީ އުފަލުންނެވެ.
ސެފްރަން އަނގައިން ބުނުމެއްނެތި ގޮސް އޭނަގެ އަހަށް ސަވާރުވިއެވެ.
"އެމްނީޒިއާ ކަހަލަ ކަމެއް ދިމާވީތަ؟ ޔޫ ޑޯންޓް ރިކޮގްނައިޒް މީތަ ސެފް. ކިހިނެއްވީ؟ " އާރްޔާ ހައިރާންވިއެވެ. ސެފްރަން ކާލައިގެން އެ ސިފަޖެހިގެން އުޅޭ ފުރޭތައެއް ބާވައެވެ. އެހެންވެސް ވެދާނެއެވެ. މިއީ ޖިންނީންގެ ދުނިޔެއެވެ. ކުރެވުނު ކުށްހީއާއެކު ކަނދުރާގައިވާ ލޯލިތައްވެސް ކޮޅަށް ޖެހިއްޖެއެވެ.
"އަހަރެން އިންސިންނާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން....." ސެފްރަން ލޯ ހަނިކޮށްލާފައި އެނބުރުނުއިރު މޫނަށް އެ ދިގު އިސްތަށިގަނޑު ފައިބައިގަތެވެ. ރަތްދެލޮލުން ރަތް ހުޅުތައް ނުކުމެދާނެފަދައެވެ.
އެ ޖުމްލައިން އާރްޔާގެ ހިތް ހަލާކުވެއްޖެއެވެ.
(ނުނިމޭ...)